އަދުގެ ޚާއްސަ

Print

ދިވެހި ރާއްޖޭގައި، މުވާޞަލާތީގުޅުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


ޓެލެވިޜަން މޯލްޑިވްސުން ޓެލެކާސްޓުކުރުމަށް ލިޔެވިފައިވާ ރިޕޯޓެއް

އާދަމް ނަޞީރު އިބްރާހީމް(2008)

ކޮންމެ އަހަރެއްގެ މޭމަހުގެ 17ވަނަ ދުވަސް  ދުނިޔޭގައި ފާހަގަ ކުރެވެނީ، ބައިނަލްއަޤުވާމީ، މުވާޞަލާތާބެހޭ ދުވަހުގެ ގޮތުގާ... ރާއްޖޭގައިވެސް މި ދުވަސް ފާހަގަ ކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ... ސަބަބުތަކެއް ވެސް އެބަހުރި....

ސަރާސަރު ސަރަހައްދަކަށް ދުރަށް ފަތުރާލެވިފައިވާ ގަދަނޫކުލައިގެ ރީތި ސާލެއްގެ އެކި ދިމަދިމާގައި  ފަންނީ އަތަކުން ހަރުކޮށްލެވިފައިވާ ހުދުކުލަޔާއި ފެހިކުލަ ހިމެނޭ މާތަކެއްހެން ރާއްޖޭގައި މީހުން ދިރިއުޅޭ ދުއިސައްތަ ރަށް މިވަނީ ޤުދުރަތުގެ އަތުން މާސިންގާނޫކަނޑުގެ އެކި ދިމަދިމާގައި އަތުރާލައްވާފާ... ކޮންމެ ދެރަށެއްގެ ދެމެދު މިވަނީ މާކަނޑުގެ ކެންޑުންތަކެއް...  ރާއްޖޭގައި މީހުން ދިރިއުޅޭތާ 2500އަށްވުރެ ގިނަ އަހަރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދިވެހިން އެއްބަޔަކު އަނެއްބަޔަކާ މުވާޞަލާތުކޮށް ޚަބަރު މަޢުލޫމާތު ބަދަލުކޮށް ހެދީ ކޮން ވަސީލަތްތަކެއްގެ އެހީއެއްގައިބާ؟ ކޮންޓެކްނޯލޮޖީއެއް ބޭނުންކޮށްގެންބާ؟

ދިވެހިންގެ އެވޭލާ ޒަމާނަށްބަލާއިރު،  މާލޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަންގާ މުހިންމު ބައެއް  އެންގުންތައް ބޮޑެތި ބެރުތަކުގައި ދަންބެރާ ތަގުޑިޔާ ނާބަ ޖަހައިގެން އެންގި ޒަމާނެއް ދިޔަ... ދިމާވާ މުހިންމު ކަންކަމުގައި ކުއްލިޔަކަށް ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް ސަންގުފުމެގެން އެންގި ދުވަސްވަރެއް ވެސް ދިޔަ... ރޯދަޔަށް ޢީދަށް ހަނދު ފެނުނީމާ، އަތިރިމަތީ އަލިފާންރޯކޮށްގެން ޖެހިގެން އޮތް ރަށުގެ މީހުންނަށް އެޚަބަރު ފޯރުކުރި މީހުންވެސް ރާއްޖޭގައި އަދި އެބަތިބި...

އުފުލާގެންގުޅެންބަރު ބޮޑެތި ވޯކީޓޯކީތައް ހިފައިގެން އަތިރިމަތީގައި އެތައް ހިނގުމެއް ހިނގި ކަތީބުންނާ ކަލޭފާނުން ވެސް ދުނިޔޭގައި އެބަތިބި....... ހަމަ އެހެންމެ ފަންވަތުގައި ލިޔެ ބަދަލުކުރި ޚާއްޞަ މަސެޖުތަކުން ޙަޔާތެއްގެ ފެށުންގެނައި  ހަރުދަނާ މައިންބަފައިން، ނުވަތަ މިއަދުގެ ދުވަސްވީ މާމައިންނާ ކާފައިންވެސް ހެޔޮހާލުގައި އަދި ދުނިޔޭގައި އެބަތި........ (މޮންޓާޖެއް)

އާދެ! މީ ހަމަ އެކަނި ތަމްސީލުތަކެއް ނުވަތަ ޚިޔާލީ ޑުރާމާތަކެއް ނޫން... އެކަމަކު، މިއީ، ތާރީޚުގެ ޙަޤީޤަތްތަކެއް.. މުވާޞަލާތުކުރުމުގައި ދިވެހިން ކޮށްފައިވާ ތަޖުރިބާތަކެއް.. ދިވެހިންގެ ދިރިއުޅުމާގުޅިފައިވާ ކަޅާހުދުގެ ފަތްފުށްތަކެއް.... ސުވާލަކީ، މިއަދު އަޅުގަނޑުމެން މިދެކޭ މޯބައިލްފޯނާއި، އިންޓަރނެޓުގެ ޒަމާން އަޅުގަނޑުމެނާ ބައްދަލުކުރީ ކިހިނެއްތޯ ކުރެވޭ ސުވާލު؟  ކުރުމުއްދަތެއްގެ ތެރޭގައި މި ތަރައްޤީ ޙާޞިލްކުރެވުނު ގޮތަކާމެދު ހިތުގައި އުފެދޭ  ޚިޔާލު! އެކަމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުން ފަސޭހަވެ މަސައްކަތާ ވިޔަފާރިޔާ ޙަޔާތުގެ ބޭނުންތަކަށް ވެވެމުންދާ ސަމާލު!   

ޓެކްނޯލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ދިވެހި ރާއްޖޭގައި މުވާޞަލާތުގެ ޚިދުމަތް ދެވެންފެށީ،  ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި... 1941 ވަނަ އަހަރު އިނގިރޭސީން އައްޑު އަތޮޅުގަމުގައި ތިބިއިރު، ވަޔަރ ލެސް ނިޒާމެއް ބޭނުންކޮށްގެން، އެމީހުން މުވާޞަލާތުކޮށްފައިވޭ.. އަދި ފަހުން މާލޭގައި އެފަދަ ސެންޓަރެއް ޤާއިމު ކުރުމަށް އިނގިރޭސިން މަސައްކަތްކުރި.. ނަމަވެސް  އިނގިރޭސީންނަށް އެފަދަ ފުރުޞަތެއް ދިނުމީ ބުއްދިވެރިކަމެއް ކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައެއް ނުގަތް.. އެހެންކަމުން އޭރު ދިވެހި ދައުލަތުގެ ފަރާތުން ޝްރީލަންކާގައި ހުންނެވި ސަފީރު، އަލްމަރުޙޫމު ޙުސައިން ޙިލްމީ، އޭނާގެ ބައެއް  ބޭފުޅުންނަށް މުވާޞަލާތާބެހޭ ރޮނގުން ތަޢުލީމު ލިބޭނެމަގު ފަހިކުރައްވައި، އެބޭފުޅުންނަށް އުނގަންނާދެއްވި.. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރިކަން އެތެރެވަރިޔަށް ފޯރަންފެށުމުން، މާލޭގައި މުވާޞަލާތުގެ ނިޒާމެއް ޤާއިމްކުރެއްވުން އަވަސް ކުރެއްވުމަށްޓަކައި، އެމް. ވީ. ޝެންހައި ނަމަކަށް ކިޔުނު ކަނޑުބޯޓަކުން ވަޔަރ ލެސް ސެޓެއް ރާއްޖެ ފޮނުއްވި.. ނަމަވެސް ހަނގުރާމައިގައި އެ ބޯޓު ފައްތާލެވުނު.. މި ހާދިސާޔާގުޅިގެން، މަސައްކަތަށް ގެނެވުނީ އިތުރު ހަލުއިކަމެއް..

އެހެންކަމުން މަތިންދާ ބޯޓެއްގައި އަލުން ވަޔަރލެސް ސެޓެއް ރާއްޖެ ފޮނުއްވި. ސިލޯނުން ތަމްރީނު ހޯއްދަވައިގެން ދުރުވެ ސިފައިންގެ ތެރޭގައި ތިއްބެވި 15ވަރަކަށް  ބޭކަލުންނާއި، ޙިލްމީގެ ބައެއް  ބޭފުޅުންގުޅިގެން، ދޫނިދޫގައި މުވާޞަލާތާބެހޭ މަރުކަޒެއް ޤާއިމުކުރެވުނު.. އެމަރުކަޒުން 23 ޑިސެމްބަރު 1943ގައި ރަސްމީ ސިފައެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް ދޭންފެށުނު..

މުވާޞަލާތީ ޚިދުމަތުގެ ގޮތުން ރާއްޖެ އެންމެ ފުރަތަމަ ގުޅާލެވުނީ އަވަށްޓެރި ޝްރީލަންކާޔާ.. މިގުޅުން އޭރު އޮތީ ހަމައެކަނި މާލެއާ ޝްރީލަންކާޔާ ދެމެދު..  އެންމެ ފުރަތަމަ މުވާޞަލާތު ކުރެވުނީ ޓެލެގްރާފު މެދުވެރިކޮށް.. އެއަށްފަހު، 1955ގައި މެގްނޯ އެކްސްޗޭންޖެއް ޤާއިމްކުރެވި، އަދި 1967ގައި ދުނިޔޭގެ މުވާޞަލާތާބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާ އައި ޓީ ޔޫ ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހިމެނުނު..

އިސްވެ ދަންނަވާލެވުނީ 1943ގައި ޝްރީލަންކާޔާ މާލެޔާ ދެމެދު މުވާޞަލާތުކުރުމުގެ ހަމަ އެންމެ ފުރުޞަތެއް ހުޅުވިގެން ދިޔަވާހަކަ..ހަމަ އެންމެ ގުޅުމެއްގެ ވާހަކަ.    1961ގައި ހދ. ނޮޅިވަރަމާއި، ބ. ގޮއިދޫގައި، އަދި 1964ގައި ތ އަތޮޅާއި، ލ. އަތޮޅުގައި ރޭޑިޔޯ ޓެލެފޯނު ކޮމިޔުނިކޭޝަން ތަޢާރުފު ކުރެވުނު.. މާކަރީ ސެޓްތަކުގެ ނަމުގައި މަޝްހޫރުވެގެންދިޔަ މި ސެޓްތަކުން މަޢުލޫމާތު ބަދަލުކުރުމުގައި ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނު.. ސަބަބަކީ އެޒަމާނަކީ ރަށްރަށުގެ ކަރަންޓް ހުންނަ ޒަމާނަކަށް ނުވާކަން.. މި ސެޓުތައް ހިންގަނީ ދިވެހިންކިޔާ ގޮތަށް ނަމަ ގަނޑުބެޓެރި ބޭނުންކޮށްގެން.. މި ބެޓެރީ ޗާޖު ކުރުމަކީ ވަރަށް ދަތިކަމެއް.. އެހެންކަމުން، ކޮންމެ އަތޮޅަކުން ކަނޑައެޅޭ ވަކި  ރަށެއްގައި  ޤާއިމު ކުރަމުން ދިޔަ މި ނިޒާމުވެސްވީ އޭގެ ފަސޭހަޔާ އެއްވަރަށް އޭގެ އުނދަގޫވެސް ކުރިމަތިވި ނިޒާމަކަށް..

ޒަމާނާ އެކު ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ދާއިރާ، މަޑުމަޑުން ތަނަވަސްވަމުންދިޔަ.. 1968ގައި މާލޭގެ އާންމު ގޭގެޔަށް، ފޯނުގެ ޚިދުމަތް ހުޅުވާލެވުނު.. ފުރަތަމަ ތަޢާރުފު ކުރެވުނީ 300 ލައިންގެ ޖާގަ.. ނަމަވެސް އެޒަމާނުގައި ފޯނުގެ ޚިދުމަތް ބޭނުން ކުރެވެނީ އޮޕަރޭޓަރެއް މެދުވެރިކޮށް.. އެއްގޭން އަނެއްގެޔަށްގުޅަން ބޭނުންވެއްޖެ ނަމަ ފުރަތަމަ ގުޅަންޖެހޭނީ އޮޕަރޭޓަރަށް. ދިވެހިން،  ފޯލި ޖަހާ ނިޒާމުގެ ނަމުން ނަންދިން މުވާޞަލާތުގެ ނިޒާމަކީ މިއީ...  ސަބަބަކީ، އެއްގޭން އަނެއްގެޔާ ގުޅެނީ މައި ސިސްޓަމުގައި ހިމެނޭ ފޯއްޔެއްގެ ސިފައިގައިވާ ޖެކެއްގެ އެހީގާ.. އޮޕަރޭޓަރުގެ ވަޒީފާޔަކީ، ފޯނުކުރި ފަރާތުން ބުނި ގެޔަކާ ނުވަތަ އޮފީހަކާ  ގުޅުވާލުމަށް މި ޖެކު އެއްތަނުން އަނެއްތަނަށް ބަދަލުކޮށްގުޅުވާލުން.. މާނަޔަކީ އެޒަމާނުގައި އެއްލައިނުން އަނެއް ލައިނަށް ކަނެކްޓުވަނީ  ޓެލެކޮމިޔުނިކޭޝަނާބެހޭ އޮފީހުގެ މުވައްޒަފެއްގެ އަތުން މެނުއަލްކޮށް ކުރެވޭ މިހާ ބުރަ މަސައްކަތަކުންނޭ...

1977 ވަނަ އަހަރުގެ މޭ މަހުގެ 17ވަނަ ދުވަހަކީ ވެސް،  ރާއްޖޭގެ މުވާޞަލާތުގެ ތާރީޚު ދުށް ވަރަށް މުހިންމު ދުވަހެއް.. މުވާޞަލާތީ ޙަޔާތުގެ އާ ބިންގަލެއް އެޅުނު ދުވަހެއް.. އެދުވަހަކީ،  ރާއްޖޭގައި ފުރަތަމަ ފަހަރަށް   އަރތު ސްޓޭޝަނެއް މެދުވެރިކޮށް ސެޓްލައިޓުގެ އެހީގައި ރާއްޖޭން ބޭރަށް ދެވޭ މުވާޞަލާތީ ޚިދުމަތް ތަޢާފުކުރެވުނު ދުވަސް.. ނަމަވެސް މި ޚިދުމަތްވީ  އެޒަމާނަށް ބަލާއިރު ވަރަށް އަގުބޮޑު ޚިދުމަތަކަށް.... މި  ސިސްޓަމުގެ ތެރޭން ފުރަތަމަ ތަޢާރުފު ކުރެވުނީ އެންމެ ދިހަ ލައިންގެ ފުރުޞަތު... އެކަމަކު، މި ދިހަ ފުރުޞަތުގެ ތެރޭން އޭރު ބޭނުންކުރެވުނީ އެންމެ 4 ލައިން....
ފާއިތުވި 65 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގެ މުވާޞަލާތުގެ ދާއިރާ ވަނީ ޒަމާނުގެ ކުރިއެރުންތަކާއެކު ހަރަކާތްތެރިވެފާ.. ޚާއްޞަކޮށް މި ފާއިތުވި ތިރީހަކަށް އަހަރުތެރޭގައި މި ދާއިރާވަނީ ބޮޑެތި ބަދަލުތަކެއް ދެކެފާ.. ޒަމާނީ ކުރިއެރުންތަކާ ތަރައްޤީ ހާޞިލްކޮށްފާ... މިކަމަށްޓަކައި 1980ގެ އަހަރުތަކުން ފެށިގެން ޚާއްޞަ ގޮތެއްގައި އަވަސް ފިޔަވަޅުތަކެއް އެޅިފައިވޭ.. ކުރިން 300 ލައިންގެ ޖާގައިގައި ދެވެމުންއައި މުވާޞަލާތުގެ ޚިދުމަތް 1980ވަނަ  އަހަރު  1500 ލައިނަށް އިތުރު ކުރެވުނު.. 1984ވަނަ އަހަރު މި ޢަދަދު 3000އަށް އިތުރު ކުރެވުނު.. ޢުމްރާނީ ވެށި ތަނަވަސްކުރެވި 1987ވަނަ އަހަރު  ޖަޕާނު ސަރުކާރުގެ އެހީގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތަށް ޚާއްޞަ، ޒަމާނީ ފެންވަރުގެ އިމާރާތެއް ބިނާ ކުރެވުނު..ހަމަ މި އަހަރުގެތެރޭ 10000ލައިންގެ ޖާގަ ހިމެނޭ NEAX 61E ޓައިޕްގެ ޑިޖިޓަލް އެކްސްޗޭންޖެއްގެ ޚިދުމަތް އަލަށް ތަޢާރުފު ކުރެވުނު.. އަދި 1977ން ފެށިގެން ރާއްޖޭން ބޭރަށް ގުޅުމުގައި ބޭނުން ކުރެވެމުން ދިޔަ އަރތު ސްޓޭޝަން ގާއިމް ކޮށްދިން  އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަރ ލެސްއާ ދިވެހި ސަރުކާރާ ދެމެދު ވާހަކަ ދެކެވިގެން، ޖޮއިންޓް ވެންޗަރ ކުންފުންޏެއް، ދިވެހި ރާއްޖޭގެ ގުޅުން ނުވަތަ ދިރާގުގެ ނަމުގައި އުފެއްދުނު... 

1995ގައި އައްޑު އަތޮޅުގައި މުވާޞަލާތާބެހޭ މަރުކަޒެއް ޤާއިމް ކުރެވުނު.. ރާއްޖޭގެ މަސްވެރިންގެ މުވާޞަލާތަށްޓަކައި، ވެސް ނިޒާމުތަކެއް ޤާއިމްކުރެވުނު..  2000ވަނަ އަހަރުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފޯނުގެ ޚިދުމަތް ދިނުމުގެ އަމާޒެއް ކަނޑަ އަޅުއްވައި އެލަނޑުދަނޑިއަށް ވާޞިލްވެވުނު.. އިންޓަރ ނެޓާއި މޯބައިލްފޯނާއި، ޕްރިޕެއިޑުގެ ޚިދުމަތް އާންމުވާންފެށި.. އެހެންނަމަވެސް ހަމަ މިއާއެކު، މުވާޞަލާތުގެ ޚިދުމަތް ޕްރައިވަޓައި ކުރެއްވުމުން ޚިދުމަތުގެ ތަފާތު ފަސޭހަތައް ތަޢާރުފުވެގެން ދިޔަ ނަމަވެސް އާންމު ރައްޔިތުންގެ އަތް ފޯރާވަރަށް ވުރެ އަގުތައް މަތިވަމުން ދިޔަކަން އެދުވަސްވަރު ފާހަގަ ކުރެވުނު..2001ވަނަ އަހަރުން 2005ވަނަ އަހަރަށް ރާއްޖޭގެ މުވާޞަލާތާބެހޭ ސިޔާސަތެއް ފުރަތަމަ ފަހަރަށް އެކުލަވައިލެވި   ޝާއިޢުކުރެވުނު.. މި ސިޔާސަތުގެ ތެރޭން  މި ފަދަ މައްސަލަތައް  ޙައްލު ކުރެއްވުމަށްޓަކައި، މޯލްޑިވްސް ރެގިޔުލޭޝަން ޓެލެކޮމިޔުނިކޭޝަން2003ގެ ނަމުގައި 4 ސެޕްޓެމްބަރ 2003ގައި ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުއްވި.   ބޭނުންފުޅަކީ،   އިސްވެދެންނެވުނު ސިޔާސަތު ތަންފީޒުކުރުމަށްޓަކައި މުސްތަޤިއްލު ގޮތެއްގައި ޙަރަކާތްތެރިވާނެ މަސްއޫލުވެރި މުއައްސަސާއެއް ގާއިމުކުރެއްވުން.. ޚިދުމަތްދޭ ފަރާތްތަކާއި، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރެވޭނެ އުސޫލުތަކެއް ކަނޑައަޅައި ބެލެހެއްޓޭނެ ނިޒާމެއް އެކަށައެޅުއްވުން. މި ގޮތުން   4 ސެޕްޓެމްބަރ 2003ގައި ޓެލެކޮމިޔުނިކޭޝަންސް އޮތޯރިޕީ އޮފް  މޯލްޑިވްސްގެ  ނަމުގައި ސަރުކާރުން ވަކި މުއައްސަސާއެއް އުފެއްދެވި.. 

ޓެލެކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ މުވާޞަލާތާގުޅޭ ދާއިރާ ރެގިޔުލޭޓްކޮށް ތަރައްޤީކުރުން. ކު  ވިޔަފާރީގެ ވާދަވެރި މާހައުލެއް އުފެއްދުން.. ޚިދުމަތް ދޭ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ އާންމު ރައްޔިތުންގެ ޙައްޤުތަކާ މަޞްލަޙަތުތައް ޙިމާޔަތްކުރުން.. ޚާއްޞަ ކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި މުވާޞަލާތުގެ ޚިދުމަތް ލިބޭނެ މަގުތައް ފަހިކުރުން.. އެކަމަށްޓަކާ މަސައްކަތްކުރުން... މި ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކާ، ކަނޑައެޅިފައިވާ ވަކި ސިޔާސަތުތަކެއްގެ ދަށުން،  މުވާޞަލާތާބެހޭ ދާއިރާގެ ޚިދުމަތުގެ ބާޒާރު ވާދަވެރިގޮތެއްގައި ހުޅުވާލެވުނު.. ގިނަ ފަރާތްތަކަކަށް ފުރުޞަތު ދެވުނު..  22މޭ 2003ގައި އިންޓަރ ނެޓުގެ ޚިދުމަތް ދިނުމުގެ ހުއްދަ ފޯކަސް އިންފޯކޮމް އަށް ދެވުނު.. 1ފެބްރުއަރީ 2004ގައި މޯބައިލް ޚިދުމަތް ދިނުމުގެ ހުއްދަ ވަޠަނިއްޔާ އަށް ދެވުނު..   ނަތީޖާއަކީ، މި ދާއިރާގައި ވާދަވެރިކަން އިތުރުވެ، އެކި ބާވަތުގެ  ޕެކޭޖުތައް ގިނަވުން.. އާންމުރައްޔިތުންގެ  ކަރުތާފެނާ ހަމަޔަށް އުފުލިފާ ހުރި އަގުތައް،  ފައިގެ ތަނބިކަށްޓާ ހަމަޔަށް ތިރިވުން.. މިހާރު ރާއްޖޭން ބޭރަށް ކުރާ ކޯލްތަކުގެ އަގުތައްވަނީ  %68  ދަށަށްގޮސްފާ..  އިންޓަރ ނެޓުގެ އަގުތައްވަނީ %75 ދަށަށް ގޮސްފާ.. މޯބައިލް ޕޯސްޓް ޕެއިޑުގެ ޚިދުމަތުގެ އަގު %68 ދަށަށް ގޮސްފައިވާއިރު، ޕްރީޕެއިޑުގެ އަގުތައް ވަނީ، %84 ދަށަށް ގޮސްފާ.. ކުރެވޭ ކޯލުތަކާއި އިންޓަރނެޓް ކަނެކްޝަނަށް ޗަރޖު ކުރެވޭ ގޮތްތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް އައިސްފާ.. ހަނދުމަފުޅު ހުންނާނެ ފަދައިން  ދެ ފޯނުލައިނެއް ކަނެކްޓުވާ ކިތަންމެ ކުޑަ ހިނދުކޮޅަކަށްވެސް އެންމިނިޓަށް ޗާޖުކުރެވުނު ދުވަސްވަރެއް ދިޔަ..  އެހެންނަމަވެސް މިއަދު އެކަންކަމަށް މިވަނީ ގަބޫލުކުރަންފަސޭހަ ހެޔޮ ބަދަލުތަކެއް އައިސްފާ..    

މިއަދު ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ އަކީ، ދުރަށް ރޭވިފައިވާ އަމާޒުތަކެއް އޮވެގެން ޚިދުމަތްދެމުންދާ މުއައްސަސާއެއް.. ތަޞައްވުރުތަކެއް ލަނޑުދަނޑިތަކެއް ކަނޑައެޅިފައިވާ މުއައްސަސާއެއް.. 2006 ން 2010އަށް މިހާރުވަނީ ރާއްޖޭގެ މުވާޞަލާތާބެހޭ ދެވަނަ ސިޔާސަތު އެކުލަވައިލެވިފާ... މި ސިޔާސަތުގެ ޝިޢާރަކީ، '' ރަނގަޅު ޓެލެކޮމިޔުނިކޭޝަން ޚިދުމަތްތަކެއްގެ ޒަރިއްޔާއިން، އެއްޖަޒީރާ ގައުމެއްގެ އަމާޒަށް... މަނައަކީ، މި ރިޕޯޓުގެ ފެށުމުގައި ފާހަގަ ކޮށްލިފަދައިން، ވަކި ވަކިން ދުރުދުރުގައި އެތުރިފައިވާ ދުއިސައްތަވަރަކަށް ރަށުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންގެ އާއިލާ ހަމަ ކޮންމެ މެންބަރެއްގެ ހިތުގައިވެސް ، މުވާޞަލާތުގެ ސަބަބުން އަބަދުވެސް ގާތްކަމާއި، ގުޅުންތެރިކަމުގެ އިޙްސާސްތައް އެއްފަސްވެފައިވުން... ބީރަށްޓެހިކަމެއް ދުރުކަމެއްނެތި މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި އެއްބައްރެއްގައި ފެނިދެނިވެއުޅޭބައެއްގެ ޖަޒުބާތު ހިތްތަކަށް ތަޞައްވުރުކޮށްދިނުން... ފާއިތުވި މުއްދަތުގެ ނަތީޖާއަށް ބަލާއިރު، މިއީ ވަރަށް އުންމީދީ ތަޞައްވުރެއް.. އެހެނީ މީގެ އަށާވީހަކަށް އަހަރު ކުރިން 1980ވަނަ އަހަރު އެންމެ 1500 ލައިން ބޭނުންކުރި ދިވެހި ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ގައުމުގެ އާބާދީގައި ތިންލައްކަ ސާޅީސް ހާސްވެސް ހަމަ ނުވާއިރު،  ތިންލައްކަ ފަސްދޮޅަސް ނުވަހާހަށްވުރެ ގިނަ ލައިން   ދިވެހި ރައްޔިތުން މިހާރު ރާއްޖޭގައި ބޭނުންކުރަމުން އެބަގެންދޭ...
--------------------------  
14 މޭ 2008   
  
މި ރިޕޯޓުގައި ހިމެނޭ ތާރީޚީ ތަފާސް ހިސާބުތަކާ އެހެނިހެން ގިނަ މަޢުލޫމާތުތަކަކީ، ޓެމްގެ ފަރާތުން ދެއްވާފައިވާ މަޢުލޫމާތެވެ. އޭގެ އިތުރަށް ޓެމްގެ ބޯޑުގެ ފަރާތުންވަނީ މި ލިޔުމުގެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކޮށްދެއްވާފައިވެ އެވެ. ޓެމް ފިޔަވައި މި ލިޔުމަށް މަޢުލޫމާތު ދެއްވި ބޭފުޅުންނަކީ، ސިއްކަ މުޙަންމަދު އިސްމާޢީލާއި، ތޮއްޑޫ ކަތީބު ޢަލީ އާދަމެވެ. ޓީވީ ފޮނުއްވި އިރު، މި ވީޑީއޯ ރިޕޯޓު ވިދާޅުވެދެއްވާފައިވަނީ އަލްފާޟިލް އަޙްމަދު ޢާޞިފެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ