އަދުގެ ޚާއްސަ

Print

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (01)

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


ފަންވަތުގެ ނޯޓު:

{މިއީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ފަންވަތަށް ހަދިޔާ ކުރެއްވި ދެވަނަ ފޮތެވެ. މި ފޮތަކީ ވެސް އަދި ޝާއިޢު ކުރައްވާފައިވާ ފޮތެއް ނޫނެވެ. ފޮތް އާންމުކޮށް ޝާއިޢު ކުރެއްވުމުގެ ކުރީގައި އެންމެ ފުރަތަމަ ފަންވަތުގެ ކިޔުންތެރިންނާ ހަމަޔަށް މި ފޮތް ގެނެސްދެވޭކަމީ، އެމަނިކުފާނު ފަންވަތާމެދު ބަހައްޓަވާ ޚާއްޞަ ގާތްކަމާއި ދެއްވާ އިސްކަމެވެ. އެހެންކަމުން މި ފޮތް ފަންވަތަށް ހަދިޔާ ކުރެއްވި ކަމަށްޓަކައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާޔަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.}

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު


އިބްރާހީމް ރަޝީދު މޫސާ

ކީރިތިޤުރްއާނުގެ އާޔަތްތަކަށް ބަލައިލާ އިރު  އިންސާނާ ފާގަތިކަމާއި ތަދުމަޑުކަމުގެ ޙާލަތްތައް ވަރަށް ރިވެތިތަޞްވީރަކުން ތަޞްވީރުކޮށްދެއްވާފައިވެއެވެ. އަދި އޭނާ މިދެޙާލަތުގައި އުޅޭނެގޮތް ތަފްޞީލުކޮށްދެއްވާފައިވެއެވެ. އެހެންކަމުން މިއީ އެ ދެޙާލަތާމެދު ވިސްނައި ދިރާސާކުރަން ގޮވައިލާކަމެކެވެ.

1-    މާތްﷲ ވަޙީކުރައްވަނީ  وَإِذَا مَسَّ الإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَى ضُرٍّ مَّسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ يونس: ١٢

[އަދި އިންސާނާއަށް އުދަނގުލެއް ޖެހިއްޖެނަމަ އޮށޯވެ އޮވެގެންނާއި ނުވަތަ އިށީނދެ އިނދެގެންނާއި، ނުވަތަ ކޮޅަށްހުރެގެން، ތިމަންރަސްކަލާނގެ ޙަޟްތަރަށް ދުޢާކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުދަނގޫ ފިއްލަވައިފުމުން، އޭނާ އެދާ މަގުން ހިނގައިދެ އެވެ.  އުދަނގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ވެސް ނުކުރާ ކަހަލައެވެ. ކާފިރުންނަށް އެއުރެން ކޮށް އުޅުނު ޢަމަލުތައް ޒީނަތްތެރިކުރައްވާފައިވަނީ އެފަދައިންނެވެ. "
   
މިއާޔަތުގެ ކުރީގެ އާޔަތުގައި ކާފިރުން ޢަޛާބު އައުންއަވަސްވުމަށް އެދިފައިވެއެވެ. އެހެންކަމުން މި އާޔަތުން އެނގޭގޮތުގައި ކާފިރުންގެ މި އެދުމަކީ ތެދުބަހެއްނޫނެވެ. އެހެނީ އިންސާނަކާ ކުޑަކުޑަދަތިކަމެއް، ނުވަތަ އުދަނގުލެއް، ނުވަތަ ގެއްލުމެއް ހަމަ ކުރިމަތިވާއިރަށް މިކަން ފިއްލަވައިދެއްވުން އެދި ﷲގެ ޙަޟްރަތަށް އަވަހަށް ދަންނަވަން ފަށައެވެ. މި އިން އޭނާއަކީ ތެދުވެރިއެއްނޫންކަން އެނގެވެ. (1)  
   
އަލްއިމާމު އަލްޤުރްޠުބީ ވިދާޅުވާގޮތުގައި މި އާޔަތަކީ ކާފިރުންނާއި މުއުމިންވެސް ޝާމިލުވާ ޢާންމުބަސްފުޅެކެވެ.

އަލްއިމާމު އިބްނުކަޘީރު ވިދާޅުވާ ގޮތުގައި މާތްﷲ މިއާޔަތުގައި ބަޔާންކޮށްދެއްވާފައި މި ވަނީ އިންސާނާގެ ޙާލަތެވެ. އިންސާނާއާ ބަދުނަޞީބުކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމާ ކަންބޮޑުވެ ހާސްވެ އެ ކަމުން ސަލާމަތްވެވޭތޯ މަސައްކަތްކުރާނެ ވާހަކައެވެ. ﷲގެމަތިން ހަނދުމަވެ ތަފާތުގޮތްގޮތަށް ދުޢާދަންނަވާ އާދޭސްދަންނަވާނެއެވެ. ނަމަވެސް ހަމަ މިކަން ފިއްލަވައިދެއްވާ އިރަށް ، ﷲގެމަތިން ހަނދުމަ ނެތިގެން ގޮސް ކުރީގެ ޙާލަތަށް އެނބުރި ހިނގައިދާނެއެވެ.  (2)
   
ފަޚްރުއްރާޒީ ވިދާޅުވާ ގޮތުގައި މިއާޔަތުން އެނގެނީ އިންސާނާއަކީ ކެތްތެރިކަންކުޑަ ، ޝުކުރުކުރުން މަދު ، ބަދުނަސީބުކަމެއް ކުރިމަތިވެއްޖެ ނަމަ ދުޢާކުރުން ގިނަމީހެކެވެ.  މި ބަދުނަސީބުކަން ހަމަފިއްލަވާ އިރަށް އޭނާ އޭނާގެ ކުރީގެ ޙާލަތަށް އެނބުރި ހިނގައިދެއެވެ.  މާތްﷲ އަށް ދުޢާ ނުދަންނަވާ ފަދައެވެ. މި އިން އެނގެނީ އިންސާނާގެ ޠަބީޢަތުގެ ނިކަމެތިކަމެވެ. ޣާފިލުކަން އިންސާނާގެ މައްޗަށް ވެރިވެގެންފައިވާ މިންވަރެވެ. އިންސާނާގެ މައްޗަށް ލާޒިމުވެގެންވަނީ ފާގަތިކަމާއި ތަނަވަސްކަމުގެ ވަގުތުގައި ވެސް ﷲއަށް އަޅުކަންކުރުމެވެ. އެފަރާތުގެ ނިޢުމަތްތަކުގެ މަތިން ހަނދުމަކޮށް ޝުކުރުދެންނެވުންމަތީ ދެމިހުރުމެވެ. (3)
   
އަލްއިމާމު ފަޚްރުއްރާޒީ ވިދާޅުވާ ގޮތުގައި މިއީ ކާފިރުންގެ ސިފައެކެވެ. މުއުމިނުންގެ ކިބައިގައި މި ސިފަހުރެގެން ނުވާނެތީއެވެ. ނަމަވެސް ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިއީ ހުރިހާ އިންސާނުންގެ ވެސް ސިފައެކެވެ. މުއުމިނުންނާއި ކާފިރުންގެ ކިބައިން ވެސް މި ސިފަ ފެނެއެވެ.
   
އަލްއިމާމު އަލްއަލޫސީ ވިދާލުވާ ގޮތުގައި ފާގަތިކަމުގެ ވަގުތުގައި ދުޢާ ނުކުރާމީހުންނަށް މިއާޔަތުގައި މަލާމާތުގެ ބަސްފުޅު އައިސްފައި ވެއެވެ. ކީރިތިރަސޫލާ ޙަދީޘް ކުރައްވަނީ  "  تعرف إلى الله  فى الرخاء يعرفك فى الشدة – رواه الترمذى – ފާގަތިކަމުގެ ވަގުތުތަކުގައި ﷲ ދެނެގަންނާށެވެ. އޭރުން ދަތިކަމުގެ ވަގުތުގައި އެކަލާނގެ ތިބާ ދެނެވޮޑިގަންނަވާނެއެވެ.

މާތްﷲގެ މި ބަސްފުޅުން އެނގޭ ޙަޤީޤަތަކީ އިންސާނައަކީ އަބަދު ވެސް އެފުށްމިފުށަށް ޖެހެމުންދާ މަޚްލޫޤެއް ކަމެވެ. އޭނާއަށް ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ މާތްﷲގެ ޙަޟްރަތަށް އަވަހަށް އެނބުރި ގޮސް އެކަން ފިއްލަވައިދެއްވާތޯ ދުޢާ ދަންނަވައެވެ. އެކަމަކު ހެޔޮކަމެއް ކުރިމަތިވެއްޖެ ނަމަ  އެ ނިޢުމަތަށް ހަރާންކޯރުވެދެ އެވެ.

2-     މާތްﷲ ވަޙީކުރައްވަނީ : وَإِذَا أَذَقْنَا النَّاسَ رَحْمَةً مِّن بَعْدِ ضَرَّاء مَسَّتْهُمْ إِذَا لَهُم مَّكْرٌ فِي آيَاتِنَا قُلِ اللَّهُ أَسْرَعُ مَكْرًا إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ - فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم مَّتَاعَ الْحَيَاةِ الدُّنْيَا ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ يونس: ٢١ – ٢٣ 

''އަދި މީސްތަކުންނަށް ތަދުމަޑުޙާލަތެއް ޖެހުމަށް ފަހު  އެ އުރެންނަށް ތިމަންރަސްކަލާނގެ ރަޙްމަތްލައްވައި، ތިޔާގެކަމުގެ ރަހަ ދައްކަވައިފި ހިނދު،  ތިމަންރަސްކަލާނގެ އާޔަތްތައް،  އެއުރެން ދޮގުކޮށް މަކަރުހަދަތެވެ. ކަލޭގެފާނު  ވިދާޅުވާށެވެ. އެއުރެންގެ މަކަރު ރައްދުކުރެއްވުމުގައި ﷲ އަވަސްވެވޮޑިގަތުން ބޮޑެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މަލާއިކަތުން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވަތެވެ. އެކަލާނގެއީ އެއްގަމާއި ކަނޑުގައި ތިޔަބައިމީހުން ދަތުރުކުރާގޮތް ހިންމަވާދެއްވާ ރަސްކަލާނގެއެވެ. ދެން، ތިޔަބައިމީހުން ނަވަށްއަރައި ނަލަރޯޅިއަކާއެކު އެއުރެންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެއުރެން އުފާކޮށްކޮށް ތިއްބާ އެ ނަވަށް ޖެހުނު ގަދަކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެއުރެންނާ ދިމާޔަށް ރާޅުތައް އައިސް އެއުރެން ހަލާކުވެދާނެހެންހީވީމާ، އެ ކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، ﷲއަށް އެއުރެން ދުޢާކުރެތެވެ. މިކަމުން، އިބަރަސްކަލާނގެ އަޅަމެން ސަލާމަތްކުރައްވައިފިނަމަ، ހަމަ ކަށަވަރުން ޝުކު ރުކުރާމީހުންގެ  ތެރެއިން އަޅަމެން ވާހުށީމެވެ. ދެން، އެކަލާނގެ އެއުރެން ސަލާމަތްކުރެއްވި ހިނދު، އެހާރުން، ޙައްޤަކާނުލައި އެއުރެން ބިމުގައި ފަސާދައުފައްދައި، ދެކޮޅުވެރިވެއެވެ. އޭ!މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަން ކަށަވަރީ ހަމަތިޔަބައިމީހުންގެ ނަފްސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީއުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން ރުޖޫޢަވާ ހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނުކަންތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. "

އިސްވެދިޔަ އާޔަތްތަކުގައި މާތްﷲ އިންސާނާގެ ޠަބީޢަތް ވަރަށްރިވެތި ކުރެހުމަކުން ކުރައްސަވާލަދެއްވާފައި ވެއެވެ. އިންސާނާއަކީ ދަތިކަމާ ބަދުނަޞީބުގެ ޙާލަތުގައި މެނުވީ އޭނާގެ ޚާލިޤުގެ މަތިން ހަނދުމަކުރާ މަޚްލޫޤެއްނޫނެވެ. މުފައްސިރުން ވިދާޅުވާ ގޮތުގައި ޤުރައިޝުންނާ،  ބޮޑުތަދަކާ ކުރިމަތިވި އެވެ.  އެމީހުންގެ ބިން ހަނަފަސްވެ ކާބޯތަކެއްޗަށް ޖެހުނެވެ. އެހިނދު އެމީހުން ރަސޫލުﷲގެފާނު އަރިހަށް ގޮސް މިކަމުން ސަލާމަތްކޮށްދެއްވާތޯ ދުޢާ ދެންނެވުމަށް އެދުނެވެ. ރަސޫލުﷲގެފާނު އެ މީހުންނަށް ދުޢާކޮށްދެއްވިއެވެ. މި ތަދުމަޑުކަން ފިއްލަވައި އެ ބަދުނަޞީބުކަމުން ސަލާމަތްކޮށްދެއްވުމުން ޤުރައިޝުން ކުރީގެ ގޮތަށް ބައްދަލުވެ މުސްލިމުންނަށް ދުއްތުރާތައް އިތުރު ކުރިއެވެ.
  
މިއާޔަތުގައި އެވާ " މީސްތަކުންނަކީ " މައްކާގެ މުޝްރިކުން ކަމަށް މުފައްސިރުން ވިދާޅުވެ އެވެ.  މާތްﷲ އެމީހުނަށް ތަދުމަޑުކަމުގެ 7އަހަރު މެދުވެރިކުރެއްވިއެވެ. މިކަން ފިއްލަވައިދެއްވައިފިނަމަ އެމީހުން އީމާންވާނެކަމަށް ރަސޫލުﷲގެފާނަށް ދެންނެވިއެވެ. ނަމަވެސް އެމީހުން މި ވަޢުދު އުވާލައި ރަސޫލާއަށް ގޯނާކުރުން އިތުރު ކުރިއެވެ.  ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި " މީސްތަކުންނޭ " އޮތްބަސްފުޅުގައި  އެންމެހާ ކާފިރުން ހިމެނެއެވެ.
   
މަކަރު ގެ މާނައަކީ ކުރިމަތިވި މުޞީބާތުން ސަލާމަތްކޮށްދެއްވުމުން ކުރަންބުނިކަންތަކާ ދެކޮޅުހަދައި އޮޅުވާލުމެވެ. އެމީހުން މާތްﷲ އަށް ޝުކުރުކުރުމުގެ ބަދަލުގައި އެމީހުންގެ ބަހަކަށްވާނީ މިކަމުން ސަލާމަތްވީ އަހަރެމެންގެ ރޭވުމުގެ މޮޅުކަމުންނެވެ. އަހަރެމެންގެ ވިސްނުން ތޫނުކަމުންނެވެ. މިކަމުގައި އެހެންފަރާތެއްގެ ޙިއްޞާވުމެއް ނެތެވެ.
   
މަކަރުގެ އަޞްލުމާނައަކީ ނުބައިރޭވުންތައް ވަންހަނާކުރުމެވެ. މި ތާނގައި އެ ބަހުގެ މުރާދަކީ، ހެދިމަކަރަށް ޖަޒާދިނުމެވެ. ވާރޭވެހުނުރެއެއްގައި ފަތިސްނަމާދު ކުރެއްވުމަށް ފަހު ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ މިރޭ ވަޙީކުރެއްވި ބަސްފުޅު އެނގޭހެއްޔެވެ؟ ޞަޙާބީން ދެންނެވިއެވެ. އެ ބަސްފުޅު އެންމެބޮޑަށް ދެނެވޮޑިގަންނަވާނީ މާތްﷲ އެވެ. އެއަށްފަހު އެބަސް ދެނެވަޑައިގަންނަވާނީ އެކަލާނގެ ރަސޫލާ އެވެ. ޙަދީޘްކުރެއްވިއެވެ. "  أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ  (4) ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ބަޔަކު ތެދުވީ ތިމަންރަސްކަލާނގެ އަށް އީމާންވާ ޙާލުގައެވެ.  އަދި އަނެއްބަޔަކުތެދުވީ ތިމަންރަސްކަލާނގެއަށް ކާފިރުވާ ޙާލުގައެވެ.  ފަހެ،ދަންނައެވެ! އަހަރެމެންގެ ތެރެއަށް ވާރޭ ވެހުނީ ﷲގެ ރަޙްމަތާއި ދަރުމަވަންތަކަމުންނޭ،  ބުނިމީހުންނަކީ ތިމަންރަސްކަލާނގެ އަށް  އީމާންވާމީހުންނެވެ. އަދި ތަރިތަކަށް ކާފިރުވާމީހުންނެވެ. އެކަމަކު އަހަރެމެންގެ ތެރެއަށް ވާރޭވެހުނީ މިވެނި އެވެނި ތަރިއެއްގެ ސަބަބުންނޭ، ބުނި މީހުންނަކީ ތިމަންރަސްކަލާނގެއަށް ކާފިރުވެ ތަރިތަކަށް އީމާންވެއްޖެ ބަޔެކެވެ. (5) 
   
ﷲގެ ބަސްފުޅު، إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ " ހަމަކަށަވަރުން ތިމަންރަސްކަލާނގެ މަލާއިކަތުން ތިޔަބައިމީހުން ހަދާ މަކަރުތައް ލިޔުއްވަތެވެ. "  މިއީ މީސްތަކުންނަށް ދެއްވާފައިވާ އިންޒާރެކެވެ. މި އިން އެނގެނީ އެއްވެސްމީހަކަށް  ފިލައިގެން ނުދެވޭނެ ކަމެވެ. އެކަލާނގެ ވަރަށް މޮޅަށް އެމީހުންގެ ކަންތައްތައް ބައްލަވާނެކަމެވެ.
   
ﷲގެ ބަސްފުޅު،  فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الأَرْضِ بِغَيْرِ الْحَقِّ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَى أَنفُسِكُم مَّتَاعَ الْحَيَاةِ الدُّنْيَا ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

'' ދެން، އެކަލާނގެ އެއުރެން ސަލާމަތްކުރެއްވި ހިނދު، އެހާރުން، ޙައްޤަކާނުލައި އެއުރެން ބިމުގައިފަސާދައުފައްދައި،ދެކޮލުވެރިވެއެވެ.އޭ!މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަން ކަށަވަރީ ހަމަތިޔަބައިމީހުންގެ ނަފްސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީއުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން ރުޖޫޢަވާ ހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނުކަންތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ." ގައި ބަޔާންކޮށްދެއްވާ ކަމަކީ ތިޔަބައިމީހުން ކުފްރުގެމަތީގައި ދެމިތިބިޙާލުގައި ވެސް މާތްﷲ ތިޔަބައިމީހުންނަށް ރައްކައުތެރިކަން ދެއްވަވައެވެ. އެއީ އެމީހުން އަމިއްލައަށް އެމީހުންގެ ނިކަމެތިކަން ޤަބޫލުކޮށް ﷲގެ ޙަޟްރަތަށް އަތްތައް އުފުލައި ސަލާމަތްކޮށްދެއްވުމަށް އެދުނީތީއެވެ. ދުނިޔެ މަތީގައި މުޞީބާތްތައް ފިއްލެވި ނަމަވެސް އާޚިރަތްދުވަހުގައި އެމީހުންގެ ދުޢާތަކަށް މާތްﷲ އިޖާބައެއް ނުދެއްވާނެއެވެ. އެހެނީ އާޚިރަތްދުވަހު ސަލާމަތްކަން ލިބޭނީ ތަވްޙީދުގެ ސަބަބުންނެވެ.

ސަޢީދު ބްނި އަބީވައްޤާޞް ވިދާޅުވާ ގޮތުގައި މައްކާ ފަތަޙަކުރެއްވި ދުވަހު ޢިކްރިމަތު ބިން އަބީޖަހްލު ފިއްލަވަން ވެގެން ނަވަކަށް އަރައިވަޑައިގެން ކަނޑަށް ނުކުމެވަޑައިގަތެވެ. އެހިދު ކަނޑު ގަދަވިއެވެ. އޮޑީގެ ވެރިމީހާ  އޮޑިންދަތުރުކުރާމީހުންނާ ދިމާޔަށް ބުންޏެވެ. އިޚްލާޞްތެރިވާށެވެ. ތިޔަބައިމީހުންގެ ކަލާނގެތައް ތިޔަބައިމީހުންނަށް އެއްވެސްކަމެއް ކޮށެއްނުދޭނެއެވެ. އެހިނދު ޢިކްރިމާ ވިދާޅުވިއެވެ. ކަނޑުމަތީގައި ވެސް އަދި އެއްގަމުގައި ވެސް ސަލާމަތްކަން އޮތީ އިޚްލާޞްތެރިކަމުންނެވެ. ހައްދަވާބޮޑުކުރެއްވިރަސްކަލާކޯ! އިބަރަސްކަލާނގެއަށް މިއަޅާ ޢަހްދުކަށަވަރު ހިފަމެވެ. މިއަޅާ  ސަލާމަތްކޮށްދެއްވައިފި ނަމަ މުޙައްމަދުގެފާނު އަރިހަށް ގޮސް އެކަލޭގެފާނުގެ އަތްޕުޅުގައި މިއަޅާ އަތް ބީއްސާނަމެވެ. އެކަލޭގެފާނަކީ ކުށަށް މާފުދެއްވާ ދީލަތިބޭކަލެކެވެ. ސަޢުދުގެފާނު ވިދާޅުވިއެވެ. ޢިކްރިމާ ވަޑައިގެން އިސްލާމްވެވަޑައިގަތެވެ.  (6)

(ނުނިމޭ)

ހަވާލާ:

1-  مفاتيح الغيب للإمام فخر الرازى

[2]  تفسير ابن كثير

[3] مفاتيح الغيب للإمام فخر الرازى

4- متفق عليه

[5]  މި ހާދިސާ ހިގައިފާ ވަނީ ޙުދައިބިއްޔާ ގައެވެ.

[6] - روح المعانى


 

ހަމަމިގަލަމުން

އިދާރާ

ވާހަކަ