އަދުގެ ޚާއްސަ

Print

މައިވީއްލުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


 
އަޙްމަދު ރަޝީދު  އެސްޖެހިގެ  ލ.ފޮނަދޫ

ފިޔޮއް ކުކުޅެއް، އެސޮރުގެ ކުދި ފިޔޮއްތައް ބަލައި ބޮޑުކުރަނީ ނުހަނު ބުރަ މަސައްކަތުންނެވެ. އެހާމެ އޯގާވެރިކަމާއި އެކުގައެވެ. އެންމެ ފުރަތަމަ ބިސްއަޅާ ދުވަހުން ފެށިގެން މައި ކުކުޅުގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފުލަން ފަށައެވެ. ވިސްނާ ފިކުރުކުރާ ކޮންމެ އިންސާނަކަށް ލާމަސީލު މިސާލެއް ދައްކަމުންނެވެ.


ބިސްއަޅާ ނިމުމުން ދުވާލަކު އެތައް ވަގުތެއް ބިސްހާލީގައި ހޭދަ ކުރެއެއެވެ. ބިސްތައް ފީ ކުރުމަށްޓަކައެވެ. ބިސްތައް ފީވުމުން ބިހުގެ ތޮޅިފަޅައި (ތޮށިތުއްވައި) އަމިއްލައަށް ނުނުކުމެވޭ ފިޔޮއްތައް ބިހުގެ ތޮށިގަނޑުން ނެރުމަށްޓަކައިވެސް އެހީވެދެއެވެ. ފިޔޮއްތައް ބިހުގެ ތޮށި ފަޅައި ނުކުމެ ދުނިޔޭގެ ހަމަނޭވާލާން ފެށުމަށްފަހު، ކުދި ފިޔޮއް ތަކަށް ކާނާ ހޯދައިދިނުމުގައި އެހީތެރިވެދީ ހަދަމުން ގެންދެއެވެ. ފަސޭހަ ކަމާއިއެކު ކާނެ އެއްޗެއް ލިބެން ނެތްނަމަ، ކުނިގޮނޑުތަކާއި ތެތް ކިސަޑު ބިންތައް ފަދަ ތަންތަން ހާވައިގެންނަމަވެސް އެސޮރުމެންނަށް ކާންދީ ހަދައެވެ.

ފިޔޮއްތައް އަމިއްލައަށް އުޅެވޭވަރު ވުމުން މައިކުކުޅު މަޑުމަޑުން ފިޔޮއްތައް ދުރުކުރެވޭތޯ މަސައްކަތް ފަށައެވެ. ފިޔޮއްތައް މައިވީއްލަން ފަށައެވެ. މައިވީއްލާ ހިސާބުން ފެށިގެން އެއް ފިޔޮއް އަނެއް ފިޔޮކާވެސް ވަކިވެ، އަމިއްލަ ދިރިއުޅުމެއް ފައްޓައެވެ. ކުކުޅު ހާލުގެ ދިރިއުޅުމުން މިފެންނަ މިޘާލަކީ ކިތަންމެހައިވެސް ރިވެތި ނަމޫނާއެކެވެ. މައިކުކުޅު އެސޮރުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއެވެ. ފިޔޮއްތައްވެސް ފުރާވަރަށް އެރުމުން އަމިއްލައަށް ޒިންމާ ނަގައި، ޒިންމާދާރު ދިރިއުޅުމެއް ފައްޓައެވެ.

އަޅުގަނޑުމެން އިންސާނުންގެ ދިރިއުޅުމުގައިވެސް ދަންނަވާލެވުނުފަދަ ދުވަސްތަކަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް...... ނަމަވެސް އިންސާނުންގެ ތެރެއިން ޒިންމާ ނެގުމާއި ޒިންމާދާރުވުމުގެ ރިވެތި ސިފައަށް ޢަމަލުކުރެވެނީ ކިހާވަރަކަށްބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

'މައިވީއްލުން' މި ގިނަބަހަކީ އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ބޭނުންކޮށް އުޅެވޭ ބަހެކެވެ. ތަފާތު ޙާލަތެއްގައެވެ. ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ކަމެއްގައެވެ. ކިޔަވާކުދިންގެ އުޅުމަށް ބަދަލުތަކެއް އަންނަ ޢުމުރާއި ގުޅުވައިގެންނެވެ. މަންމައިން ދަރިން ތަރުބިއްޔަތުކުރުމާއި ގުޅުވައިގެންނެވެ.

ދިވެހިންނަކީ އުނގެނުމަށް ޝައުޤުވެރިކަން ހުންނަ ބައެއްކަމާއިމެދު ޝައްކު ކުރެވެން އޮންނާނެތޯއެވެ؟ އަޅުގަނޑުމެންގެ މަައިންބަފައިން ތަޢުލީމަށްޓަކައި ކުރަމުންގެންދާ އަގުނުކުރެވޭ ހޭދައާއި މެދު އެއްބަސް ނުވާނެ މީހަކު ހުންނާނެތޯއެވެ؟ ގައިމުވެސް ނުހުންނާނެއެވެ. ނުތިބޭނެއެވެ. އެހެންނަމަވެސް.....  އެހެންނަމަވެސް މައިންބަފައިންނަށް ދަރިންނާއިމެދު އިހްމާލުވެވޭ ތަންވެސް ފެންނަމުން އެބަދެއެވެ. ހުރިހައި މައިންބަފައިންނެއް ނޫން އިނގޭތޯއެވެ. މައިކުކުޅާއި ފިޔޮއްތަކުގެ ދިރިއުޅުމުގައިހެން މައިންބަފައިން، ޚާއްޞަކޮށް މައިން އެމީހުންގެ ދަރިން ބަލައި ބޮޑުކުރުމުގައި އެތަކެއް ވޭނަކާއި ތަކުލީފުތަކެއް އުފުލަމުން ގެންދެއެވެ. ތުއްތު އިރުއްސުރެން ފެށިގެންގޮސް އަމިއްލަފައިމައްޗަށް ކޮޅަށް ތެދުވެންދެނެވެ. ދަރިފުޅު މަދަރުސާއަށް ވައްދާދުވަހުންފެށިގެން މައިން ނުވަތަ ބެލެނެވެރިން އުއްމީދުތަކެއް ކުރަން ފަށައެވެ. ދަރިފުޅަކީ ޢިލްމިއްޔަ ނޫރުން ތަނަށް އަލިކުރާނެ ފަދަ ކުއްޖަކަށް ހެދުމުގެ ފޮނި އުއްމީދު ތަކެވެ. ފުރަތަމަ ގްރޭޑުން ފެށިގެން ގްރޭޑް ދިހައެއް ނިންމާ މަތީ ޘާނަވީ ނިންމާ ހިސާބަށް ހުވަފެންތައް ދެކެން ފަށައެވެ. ދަރިވަރުން ކުރާ މަސައްކަތުގެ ދެގުނަ ތިންގުނަ މަސައްކަތް ހިއްމަތާއިއެކު ބެލެނެވެރިން ކުރަމުން އާދެއެވެ. ޒިންމާދާރުގޮތެއްގައި ވިސްނުންތެރިކަމާއެކު މަސައްކަތްކުރާ ބެލެނެވެރިންގެ 'ކަޅާއިހުދުގެ ހުވަފެނުގައި' ކުލަޖެހޭތަންވެސް އާދެއެވެ. އެހެންނަމަވެސް ބައެއް ބެލެނެވެރިންގެ 'ހުވަފެންތައް' ފެނަށްވެގެންދެއެވެ. މަދުން ނަމަވެސް އިގޭތޯއެވެ.

ދަންނަވާލަން މިއުޅޭ ވާހަކައަކީ ހަމަ 'މައިވީއްލުމުގެ' ވާހަކަ އެވެ. ދިވެހިރާއްޖޭގެ ވަރަށްގިނަ ބެލެނެވެރިންތަކަކަށް ދިމާވާ މައްސަލައެއްގެ ވާހަކައެވެ. މައިންބަފައިން، ދަރިން މަދަރުސާއަށް ވެއްދުމަށްފަހު ރެއާއިދުވާލު އެތައްފަހަރަކު ދަރިންގޮވައިގެން މަދަރުސާދޮށަށް ހިނގާ، ފިލާވަޅުތައް ހެއްދުމާއި ފިލާވަޅު ކިޔުއްވާ ހަދައެވެ. ޓިއުޝަން ނެގުމަށް ފުރުޞަތު ދެއެވެ. ދުވާލަކު އެއްފަހަރު ކުދިންގެ ފޮތްތައް ބަލައި ހަދައެވެ. ކަން މިހެން އޮތްނަމަވެސް ގިނަ ބެލެނެވެރިން މިގޮތަށް ޢަމަލުކޮށް އުޅެނީ ދަރިވަރުން ގްރޭޑް ފަހެއް ނިންމުމާއި ހަމައަށެވެ. ގްރޭޑް ހަޔަކަށް ދާންފެށުމުން ކުރިން ކުރަމުން އައި ކަންކަމުގެ ތެރެއިން މައިގަނޑު ދެތިންކަމެއް ހަނދާން ނައްތާލާފަދައެވެ.

ދަރިންގޮވައިގެން މަދަރުސާއަށް ނުވަތަ ޓިއުޝަން ކިލާހަށް ހިނގާ ހިނގުން މެދުކަނޑާލައެވެ. ދަރިންގެ ފޮތްތައް ދުވަހުން ދުވަހަށް ޗެކްކުރާ ކުރުން ހުއްޓާލައެވެ. ބަހަނާއަކަށް ދައްކަނީ އެންމެ ކަމެކެވެ. "އެކުދިން މިހާރު އެތިބީ ބޮޑެތި ވެފައެވެ. އަމިއްލައަށް އެކަންކަން ކުރެވޭނެއެވެ."
ދަންނަވާލެވޭތޯ މަސައްކަތްމިކުރާ ކަމަކީ މިއީ އިނގޭތޯއެވެ. މައިވީއްލާ ވާހަކައެވެ. މައިވިއްލުމުން ނުވަތަ ދަރިން ގްރޭޑް ހަޔަކަށް ބަދަލުވާ ހިސާބުން ފެށިގެން ބައެއް މައިންބަފައިން ދަރިންނަށް މިދޭ މިނިވަންކަމުގެ ވާހަކައެވެ. ޙަޤީޤަތުގައި މި ޢުމުރަކީ ދަރިންނަށް އެންމެބޮޑަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވާނެ އެއް ޢުމުރެވެ. ކުދިންނަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބޮޑެތި ބަދަލުތަކެއް އަންނަންފަށާ މި ޢުމުރަކީ އެކުދިންގެ ޝަޚްސް ވަކިގޮތަކަށް ބައްޓަންކުރަން ފަށާ ޢުމުރެވެ.

އަޅުގަނޑު މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ކިޔެވުމަށް އަރާތިބި ބައެއް ދަރިވަރުން، ފަށާ ތަޢްލީމު ނިންމާ މެދުމަދަރުސީ ފެށުމަށްފަހު އެކުދިންގެ ނަތީޖާ ސަތޭކައިން ސުމަކަށް ދަށްވެފައިވާތަން ފެނުުމުން ހައިރާންވިއެވެ. ދެރަވެ ހިތާމަކުރީމެވެ. ގްރޭޑް ދޭއްގައި އެހާރަނގަޅަށް މަސައްކަތްކުރި 'ޢުމަރު ނުވަތަ ޔޫސުފު' މިހާރު އެހެރީ ކުލާހުގެ އެންމެ ދަށް ގިންތީގައެވެ. ދެދުވަހުން އެއްދުވަހު އަޚްލާޤީ މައްސަލައެއްގައި ނުވަތަ މުދައްރިސުންނާއި ދަރިވަރުންނަށް ޖެއްސުންކޮށް މިހާރު އެތިބެނީ އޮފީހަށް ގެންގޮސްފައެވެ.

ޢުމަރަށް ނުވަތަ ޔޫސުފަށް މިއައި ބޮޑު ބަދަލުގެ ސިއްރަކީ ކޮބައިތޯ ވިސްނާލާއިރު މައްސަލައެއްކަމަށް އަޅުގަނޑަށް ފެންނަނީ ހަމަ އެންމެ ކަމެކެވެ. މައިވީއްލުމެވެ. އެކުދިން ފަސްވަނަ ކުލާސް ނިންމާ ހަވަނަ ކުލާހަށް ދިއުމާއިއެކު އެކުދިންގެ މައިންބަފައިން ވީ އިޙްމާލެވެ. ކުދިން ބޮޑެތިވެއްޖެ ކަމުގެ އިޙްސާސް އެކުދިންނަށް މާ އަވަހަށް ކޮށްދިނީއެވެ. އާނއެކެވެ. އަޅުގަނޑުވެސް އެއްބަހެވެ. އެކުދިންގެ ގްރޭޑް ބަދަލުވެއްޖެއެވެ. އެކުދިންނަށްވެސް އެކުދިންގެ ފެންވަރުން އަމިއްލަ ޒިންމާ ނެގުމަށް ދަސްކޮށްދޭން ޖެހެއެވެ. ފުރުޞަތުދޭން ޖެހެއެވެ. އެހެންނަމަވެސް ބެލެނެވެރިޔާގެ ފަރާތުން ލިބެމުން އައި އެއްބާރުލުން އެއްކޮށް ނުވަތަ ފުދޭވަރަކަށް ބޮޑަށް މަދުކޮށްލުން މިއީ ރަނގަޅު ގޮތެއްބާވައޭ ހިތަށް އަރައެވެ.

މައިވީއްލުމެއްގެ ވާހަކަ ދައްކަން މިޖެހުނީ ކުރިން ދެންނެވިހެން ހަވަނަ ކުލާހުން ފެށިގެން ބައެއް ދަރިވަރުންގެ ނަތީޖާއަށް އަންނަމުން މިދާ ބޮޑު ބަދަލާއިމެދު ފިކުރުކޮށް ހިތާމަކުރެވޭތީއެވެ. އަޅުގަނޑުގެ ހިތަށް އަރަނީ ބެލެނެވެރިން ދަރިވަރުންގެ ފުރަތަމަ ގްރޭޑުން ފެށިގެން ދެމުންގެންދާ އެއްބާރުލުން މެދުކަނޑާނުލައި އެންމެ ފަހު ގްރޭޑާއި ހަމައަށް ކުރިއަށް ނުގެންދާންވީ ކީއްވެގެންތޯއެވެ؟ ހަމަ ގައިމުވެސް ފުރަތަ ދުވަހުން ފެށިގެން އެންމެ ފަހުވަގުތާއި ހަމައަށްވެސް ބެލެނެވެރިޔާގެ ފުރިހަމަ އެއްބާރުލުމާއި އަޅައިލުން ލިބޭ ދަރިވަރުންގެ ކިޔެވުން ކާމިޔާބުކަން ޔަޤީން ކުރެވެއެވެ. މައިވީއްލުމަކީ ކޮށްގެން ނުވާނެ ކަމެއްކަމުގައި ދެކޭ މައިންބަފައިންގެ ދަރިންނަކީ އުނގެނުމުގެ ޙަޔާތް ކާމިޔާބުކުރާ ދަރިވަރުން ކަމުގައި ގިނަފަހަރަށް އޮންނަނީ ވެފައެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ