އަދުގެ ޚާއްސަ

Print

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (3)

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


7 ސެޕްޓެމްބަރ (ހޯމަ)އާ ގުޅޭ...

ޤާރޫނު ވާހަކަ

އިބްރާހީމް ރާޝީދު މޫސާ

ޤާރޫނަކީ އޭނާގެ ވެރިރަސްކަލާނގެ ނިޢުމަތްތަކަށް ހަރާންކޯރުވުމުގައި އަރާހުރި މިސާލެކެވެ. ﷲގެ ނިޢުމަތްތަކާ ދެކޮޅުހެދުމުގައި ނަމޫނާއެކެވެ. މާތްﷲ ވަޙީކުރައްވަނީ؛

إِنَّ قَارُونَ كَانَ مِن قَوْمِ مُوسَى فَبَغَى عَلَيْهِمْ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوأُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لا تَفْرَحْ إِنَّ اللَّهَ لا يُحِبُّ الْفَرِحِينَ - وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الآخِرَةَ وَلا تَنسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ وَلا تَبْغِ الْفَسَادَ فِي الأَرْضِ إِنَّ اللَّهَ لا يُحِبُّ الْمُفْسِدِينَ - قالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ عِندِي أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا وَلا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ - لا تَفْرَحْ إِنَّ اللَّهَ لا يُحِبُّ الْفَرِحِينَ - وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الآخِرَةَ وَلا تَنسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ وَلا تَبْغِ الْفَسَادَ فِي الأَرْضِ إِنَّ اللَّهَ لا يُحِبُّ الْمُفْسِدِينَ- فَخَرَجَ عَلَى قَوْمِهِ فِي زِينَتِهِ قَالَ الَّذِينَ يُرِيدُونَ الْحَيَاةَ الدُّنْيَا يَا لَيْتَ لَنَا مِثْلَ مَا أُوتِيَ قَارُونُ إِنَّهُ لَذُو حَظٍّ عَظِيمٍ - وَقَالَ الَّذِينَ أُوتُوا الْعِلْمَ وَيْلَكُمْ ثَوَابُ اللَّهِ خَيْرٌ لِّمَنْ آمَنَ وَعَمِلَ صَالِحًا وَلا يُلَقَّاهَا إِلاَّ الصَّابِرُونَ - فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ المُنتَصِرِينَ القصص: ٧٦ – ٨١ .

''ހަމަކަށަވަރުން ޤާރޫނަކީ މޫސާގެފާނުގެ ޤައުމުގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް އެ ޚަޒާނާތަކުގެ  ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ޤައުމުގެމީހުން އޭނާއަށް ބުނިހިނދެވެ. ކިބްރުވެރިވުމުގެ ގޮތުން އުފާ ނުކުރާށެވެ. ހަމަކަށަވަރުން ،ބޮޑާވުމުގެގޮތުން އުފާކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. އަދި ތިބާއަށް ﷲދެއްވިތަކެތިން އާޚިރަތުގެ ގޮވެއްޗަށް  އެދޭށެވެ. އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަނދާންނައްތައިނުލާށެވެ. އަދި ﷲ ތިބާޔަށް  އިޙްސާންތެރިވެ ވޮޑިގަތްފަދައިން ތިބާވެސް ﷲގެ އަޅުތަކުންނަށް  އިޙްސާންތެރިވާށެވެ. އަދި ބިމުގައި ފަސާދައުފެއްދުމަށް  ތިބާ އެދިނޫޅޭށެވެ. ހަމަކަށަވަރުން،ފަސާދުކުރާ މީހުންދެކެ، ﷲލޯބިވެވޮޑިގެނެއް ނުވެތެވެ. އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ  ޢިލްމުވެރިކަމަކުންނެވެ. ހަމަކަށަވަރުން،އޭނާގެ ކުރިން އިސްވެދިޔަޖީލުތަކުން އޭނާއަށް ވުރެ  މާވަރުގަދަ އަދި މުދާގިނަމީހުން  ﷲ ހަލާކުކުރެއްވިކަން އޭނާއަށް ނޭނގެނީހެއްޔެވެ؟  އަދި ކުށްވެރީންނަކަށް ، އެއުރެންގެ ފާފަތަކާމެދު ސުވާލެއް ނުކުރައްވާނެތެވެ. ފަހެ، އޭނާ އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު ، އޭނާގެ ޤައުމުގެ ތެރެއަށް ނުކުތެވެ. ދުނިޔޭގެ  ދިރިއުޅުން އެދޭމީހުން ބުނޫއެވެ. ޤާރޫނަށް ލިބުނު ފަދަ މުއްސަނދިކަމެއް ތިމަންމެންނަށްވެސް ލިބުނުނަމަ ، ކިހާރަގަނޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން ، އޭނާއަކީ  ބޮޑުވެގެންވާ ނަޞީބެއްގެ ވެރިޔެއްކަން ކަށަވަރެވެ. އަދި ޢިލްމުލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުއްޓެވެ. އީމާންވެ ޞާލިޙުޢަމަލުކުޅަމީހަކަށް، ﷲގެ ޘަވާބު މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރީންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ. ފަހެ، ތިމަންރަސްކަލާނގެ  އޭނާއާއި އޭނާގެ ޚަޒާނާތަކާއި ގެއާއެކުގައި، ބިންގަނޑުގަންބަވައިގެންނެވީމެވެ. ފަހެ، ﷲ އާ ދެކޮޅަށް އޭނާއަށް ނަޞްރުދޭނޭ އެއްވެސްބައެއް ނުވިއެވެ. އަދި ނަޞްރުލިބޭނޭމީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ."

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤާރޫނުގެ ވާހަކާގައި މުދަލާއި ޢިލްމުގެ ވާހަކަ ގެންނަވާފައިވެއެވެ. ﷲގެ ނިޢުމަތަށް  ހަރާންކޯރުވުމާއި މުދަލުގެ ސަބަބުން މީހާ ބޮޑާވެ ޙައްދުފަހަނަޅާ ދިޔުމުގެ ނަތީޖާގެ ހިތިކަން ބަޔާންކޮށްދެއްވާފައިވެއެވެ. އީމާންކަމުގެ އަގުގެ ކުރިމަތީގައި މުދަލުގެ އަގެއްނެތްކަން އެނގެއެވެ. ދުނިޔޭގައި އުޅޭއިރު ދުނިޔަވީހަޔާތުގެ އަރާމުތައް މެދުމިންވަރުގެ އިމެއްގެ ތެރޭގައި ގެންގުޅުމަށާއި ދުނިޔެ ފަސާދަކޮށް ބޮޑާނުވުމަށް އަންގަވާފައި ވެއެވެ.
   
ޤާރޫނުގެ ވާހަކަ ފަށްޓަވާފައިވަނީ ވާހަކައިގެ ބަޠަލު ބަޔާންކޮށްދެއްވަމުންނެވެ. ބަޠަލަކީ ޤާރޫނެވެ. އޭނައަކީ މޫސާގެފާނުގެ ޤައުމުގެމީހެކެވެ. އެއަށްފަހު ދެން ބަޔާންކުރައްވަނީ އޭނާގެ އުޅުމާއި ސުލޫކުހުރިގޮތެވެ. އޭނާގެ އުޅުމަކީ ޙައްދުފަހަނަޅާފައިވާ އުޅުމެކެވެ. މިކަމުގެ ސަބަބަކީ މުއްސަނދިކަމެވެ. އެނާގެ މުއްސަނދިކަމުގެ ބޮޑުކަން ހާމަކޮށްދެއްވުމުގެ ގޮތުން އަންގަވަނީ އެއީ ޚަޒާނާތަކެކެވެ. ޚަޒާނާ އަކީ ބޭނުންވާ ވަރަށް ހޭދަކޮށްފައި އިތުރުވެ ބަންޑުންދާ މިންވަރަށް މުދާ ހުރުމުން ފޮރުވާރައްކައުކުރާ މުދަލެވެ. މި ޚަޒާނާތަކުގެ ތަޅުދަނޑިތައް " ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް  އުފުލުންވަނީ ބުރަވެފައެވެ. " މިމުއްސަނދިކަމާހެދި ޤާރޫނު ޙައްދުފަހަނަޅާ ދިޔައެވެ. އެކަމަކު އޭނާ ޙައްދުފަހަނަޅާ ގޮސް ކޮށްފައިވާ ކަންތަތަކެއް ބަޔާނެއް ނުކުރައްވައެވެ. ފަހަރެއްގައި އޭނާ މި މުދަލުން އަދާކުރަންޖެހޭ ﷲގެ ޙައްޤުތައް އަދާނުކުރާމީހެއްކަމުގައި ވެދާނެއެވެ. ފަހަރެއްގައި އޭނާގެ ބާރާއިއާރުގެ ބޭނުންކޮށްގެން އެހެންމީހުންގެ ޙައްޤުތަކަށް އަރައިގެންފައިވާމީހަކަށް ވެދާނެއެވެ.   މިވާހަކަ އިން އެނގޭގޮތުގައި އޭނާގެ ޤައުމުގެ ބައެއްމީހުން އޭނާއަށް ނަސޭޙަތްތެރިވިއެވެ. އޭނާ ރަގަނޅުކުރެވޭތޯ ބެއްޔެވެ. އެމީހުން އޭނާއަށް ދިން ނަސޭޙަތަކީ؛

{لا تَفْرَحْ إِنَّ اللَّهَ لا يُحِبُّ الْفَرِحِينَ - وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الآخِرَةَ وَلا تَنسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ وَلا تَبْغِ الْفَسَادَ فِي الأَرْضِ إِنَّ اللَّهَ لا يُحِبُّ الْمُفْسِدِينَ}

''ކިބްރުވެރިވުމުގެ ގޮތުން އުފާ ނުކުރާށެވެ. ހަމަކަށަވަރުން ،ބޮޑާވުމުގެގޮތުން އުފާކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. އަދި ތިބާއަށް ﷲދެއްވިތަކެތިން އާޚިރަތުގެ ގޮވެއްޗަށް  އެދޭށެވެ. އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަނދާންނައްތައިނުލާށެވެ. އަދި ﷲ ތިބާޔަށް  އިޙްސާންތެރިވެ ވޮޑިގަތްފަދައިން ތިބާވެސް ﷲގެ އަޅުތަކުންނަށް  އިޙްސާންތެރިވާށެވެ. އަދި ބިމުގައި ފަސާދައުފެއްދުމަށް  ތިބާ އެދިނޫޅޭށެވެ. ހަމަކަށަވަރުން،ފަސާދުކުރާ މީހުންދެކެ، ﷲލޯބިވެވޮޑިގެނެއް ނުވެތެވެ."

މިތާނގައި މާތްﷲ އެކަލާނގެ އަޅުންނަށް އިރްޝާދުދެއްވަނީ މާތްﷲ ދެއްވާ މުދާ ހޭދަކުރަންވީ ގޮތަށެވެ.  އެމުދަލުން އާޚިރަތް ކާމިޔާބުކުރުމަށްޓަކައި މަސައްކަތްކުރާށެވެ. މާތްﷲ އޭނާއަށް އިޙްސާންތެރިވެވޮޑިގަތް ގޮތަށް އޭނާވެސް އެހެންމީހުންނަށް އިޙްސާންތެރިވާން ޖެހޭނެއެވެ. ޤާރޫނުގެ ނުބައިކަމާއި ޙައްދުފަހަނަޅާފައިވާ މިންވަރު ބަޔާންކޮށްދޭ ވަރަށް ކުރުބަސްފުޅެއް ވެއެވެ. މިބަސްފުޅަކީ؛

 {إِنَّمَا أُوتِيتُهُ عَلَى عِلْمٍ عِندِي}

 " ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ  ޢިލްމުވެރިކަމަކުންނެވެ. " މިއީ އޭނަގެ ފޮނިކަމާއި ބޮޑާކަން ހާމަކޮށްދޭ ވަރަށް ވަރުގަދަ ދަލީލެކެވެ.
   
މިއީ އިންސާނުންގެ ތެރޭގައި މިއަދުވެސް ތަކްރާރުވަމުންދާ މަންޒަރެކެވެ. މިއަދުވެސް ވަރަށް ގިނަބަޔަކު ދެކޭގޮތުގައި އެމީހުންގެ މުއްސަނދިކަމުގެ ސަބަބަކީ އޭނާގެ ޢިލްމާއި އޭނާގެ މަސައްކަތެވެ. އެހެންކަމުން އޭނާގެ މުދަލާއިފައިސާ ހޭދަކުރާގޮތާމެދު އެއްވެސްމީހަކަށް ސުވާލެއްނުކުރެވޭނެއެވެ. އޭނާގެ މުދާ ހޭދަކުރެވޭ ގޮތާ މެދު އޭނާއަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއްވާކަން ޤަބޫލެއްވެސް ނުމެކުރެވެއެވެ. އެމުދަލުގައި އެހެންބަޔެއްގެ ޙައްޤުތަކެއްވާކަން އޭނާއެއް ނުދަނެއެވެ. އެފަދަމީހުންނަށް މާތްﷲ އިންޒާރުދެއްވާ ވަޙީކުރައްވަނީ؛

{أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا وَلا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ}

''ހަމަކަށަވަރުން،އޭނާގެ ކުރިން އިސްވެދިޔަޖީލުތަކުން އޭނާއަށް ވުރެ  މާވަރުގަދަ އަދި މުދާގިނަމީހުން  ﷲ ހަލާކުކުރެއްވިކަން އޭނާއަށް ނޭގެނީހެއްޔެވެ؟  އަދި ކުށްވެރީންނަކަށް ، އެއުރެންގެ ފާފަތަކާމެދު ސުވާލެއް ނުކުރައްވާނެތެވެ."

މާތްﷲ އޭނާގެ ކުރިން އޭނާއަށް ވުރެ ބާރުގަދަ މުއްސަނދި އެތައްބަޔަކު ވަނީ ހަލާކުކުރައްވައިފައެވެ. މިޙަޤީޤަތް އޭނާއަށް އެގެންޖެހޭނެއެވެ. ސަލާމަތްވަނިވި ޢިލްމަކީ މިއެވެ. އެމީހުންގެ ނިކަމެތިކަން ކިހާބޮޑުތޯއެވެ؟ އެމީހުންނާ އެކަމާ ބެހޭގޮތުން އިތުރަށް ސުވާލެއްވެސް ނުކުރައްވަވާނެއެވެ.
   
ދެން އަޅުގަނޑުމެންނަށް އެފެންނަނީ މިވާހަކައިގެ ދެވަނަ މަންޒަރެވެ. އޭނާގެ ޒީނަތްތެރިކަމާއެކު އޭނާގެ ޤައުމުގެ ތެރެއަށް ނުކުތް މަންޒަރެވެ. ޤާރޫނުގެ މުއްސަނދިކަމާއި އޭނާގެ ޒީނަތްތެރިކަން ފެނުމުން ބަޔަކުމީހުންނަށް ކުރި އަސަރުތަކުގެ ވާހަކައެވެ. އެފަދަ ތަނަވަސްކަމެއް ލިބުމަށް އެމީހުން އެދުނެވެ. ނަމަވެސް މިއީ މާތްﷲއަށް އީމާންވި މީހުންގެ ޙާލެއްނޫނެވެ. އެމީހުންނަކީ އީމަންކަމުން އެމީހުންގެ ހިތްތައް ޒީނަތްތެރިކޮށްފައިވާ ބަޔެކެވެ. އެމީހުން އަބަދުވެސް އެދެނީ ﷲގެ ރަޙްމަތަށާއި މަޣްފިރަތަށެވެ. އެމީހުން ކަންތައްތަކަށް ބަލައި ތަރާދު ތަފާތެވެ. އެމީހުންގެ ހިތްތައް އާރާސްތުވެފައިވަނީ މުދަލާއި ޖާހާއި މަޤާމުގެ ޒީނަތަކުންނޫނެވެ. ޙަޤީޤީޢިލްމުވެރީންނަކީ މިއީއެވެ. އެމީހުންގެ ބަހަކީ؛

{وَقَالَ الَّذِينَ أُوتُوا الْعِلْمَ وَيْلَكُمْ ثَوَابُ اللَّهِ خَيْرٌ لِّمَنْ آمَنَ وَعَمِلَ صَالِحًا وَلا يُلَقَّاهَا إِلاَّ الصَّابِرُونَ}
 
'' އަދި ޢިލްމުލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުއްޓެވެ. އީމާންވެ ޞާލިޙުޢަމަލުކުޅަމީހަކަށް، ﷲގެ ޘަވާބު މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރީންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ."  އެމީހުން ޤަބޫލުކުރާގޮތުގައި ޤާރޫނުގެ އަތުގައި ހުރިއެއްޗަކަށް ވުރެ ﷲގެ ޙަޟްރަތުގައިވާ އެއްޗެއްގެ ހެޔޮކަން މާބޮޑެވެ. ޤާރޫނުގެ މިޒީނަތަށް ވުރެ ﷲގެ ސަވާބު މާމުހިއްމެވެ. ﷲގެ މިފަދަ އިމްތިޙާނުތަކުން ފާސްވާނީ ކެތްތެރީންނެވެ. ޙަޔާތުގެ ފިތުނަތަކަށާއި ޙަޔާތުގެ ހެއްލުންތަކަށް ކެތްތެރިވާމީހުންނެވެ. މާތްފ ކެތްތެރިންގެ ދަރަޖައުފުއްލައެވެ.
   
ދެން ގެނެސްދެއްވަނީ ތިންވަނަ މަންޒަރެވެ. އެއީ ވާހަކައިގެ ނިމުމެވެ. ވަރަށްކުރު ޢިބާރާތަކުންނެވެ. އެކަމަކު އެހާމެ ބަލާޣާތްތެރި އުސްލޫބަކުންނެވެ. މާތްﷲ ވަޙީކުރައްވަނީ؛

فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ المُنتَصِرِينَ

ފަހެ، ތިމަންރަސްކަލާނގެ  އޭނާއާއި އޭނާގެ ޚަޒާނާތަކާއި ގެއާއެކުގައި، ބިންގަނޑުގަންބަވައިގެންނެވީމެވެ. ފަހެ، ﷲ އާ ދެކޮޅަށް އޭނާއަށް ނަޞްރުދޭނޭ އެއްވެސްބައެއް ނުވިއެވެ. އަދި ނަޞްރުލިބޭނޭމީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ"

ﷲ މިފޮނުއްވި ކޯފާގެ ސަބަބުން ﷲގެ އަމުރުފުޅަށް ބިން އޭނާ އާއި އޭނާގެ ގެ ދިރުވައިލިއެވެ. އޭނާ ނިމިގެންދިޔައީ އޭނާ ނިކަމެތިކުރުވި އެންމެންގެ ކުރިމަތީގައި ނިކަމެތިކަމާއި ޢާޖިޒުކަމާއި ނުކުޅެދުންތެރިކަމާ އެކުގައެވެ. ﷲގެ މި ކޯފާގެ ސަބަބުން މީސްތަކުން ޣާފިލުކަމުން ހޭލުންތެރިވިއެވެ. އެމީހުންނަށް ހެވާއި ނުބައި ވަކިވެގެންދިޔައެވެ. މިކަން ހާމަކޮށްދެއްވަމުން މާތްﷲ ވަޙީކުރައްވަނީ "

وَأَصْبَحَ الَّذِينَ تَمَنَّوْا مَكَانَهُ بِالأَمْسِ يَقُولُونَ وَيْكَأَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَن يَشَاء مِنْ عِبَادِهِ وَيَقْدِرُ لَوْلا أَن مَّنَّ اللَّهُ عَلَيْنَا لَخَسَفَ بِنَا وَيْكَأَنَّهُ لا يُفْلِحُ الْكَافِرُونَ القصص: ٨٢ –

''އަދި އިއްޔެ އޭނާގެ ދަރަޖައަށް ( އެބަހީ: ޤާރޫނުގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާކަމުގައިވިއެވެ. ކަލެއަކަށް ނުފެނޭ ހެއްޔެވެ؟ ﷲ، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވިއަޅަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައި، އަދި ( އެކަލާނގެ އިރާދަކުރެއްވި އަޅަކަށް  ރިޒްޤު ) ދަތިކުރައްވަތެވެ. ﷲ، އަޅަމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގަތްނަމަ ، އަޅަމެންވެސް ގަންބަވައިގަންފީހެވެ. ކަލެއަކަށް ނުފެނޭހެއްޔެވެ؟ ކާފިރުންނެއް ނުދިންނަވާނެތެވެ. "
   
މިވާހަކަ ނިންމަވާލައްވައިފާ ވަނީ އިއްޔެ ޤާރޫނުގެ ތަނަވަސްކަމަށާއި މަޤާމަށާއި ދަރަޖައަށް އެދުނުމީހުން މާތްﷲ އަށް ޙަމްދާއިޝުކްރުކުރާ މަންޒަރުންނެވެ. އެމީހުން ޤާރޫނުގެ ނިމުންފަދަ ނިމުމަކުން ސަލާމަތްކުރެއްވީތީއެވެ. އެމީހުންނަށް ކަށަވަރުވި ގޮތުގައި މީހަކަށް މުދަލާއިތަނަވަސްކަން ލިބުމަކީ އޭނާ ދެކެﷲ ރުހިވޮޑިގަންނަވާކަމުގެ ހެއްކެއްނޫނެވެ. މާތްﷲ އިރާދަކުރައްވާ މީހަކަށް ރިޒްޤުތަނަވަސް ކުރައްވަތެވެ. އަދި އިރާދަކުރައްވާ މީހަކަށް ރިޒްޤު ދަތިކުރައްވަތެވެ. އެކަމަކު އެއީ ﷲގެ ކޯފާ އޭނާއަށް ޙައްޤުވެފައިވާކަމުގެ ޢަލާމަތެއް ވެސް ނޫނެވެ.އަދި ތަނަވަސްކަމަކީ ﷲގެ ރުއްސެވުންލިބިފައިވާ ކަމުގެ ޢަލާމަތެއްވެސް ނުމެނޫންމެއެވެ. އެހެންނަމަ، މާތްﷲ އެފަދަ ވަރުގަދަހިއްޕެވުމަކުން  ޤާރޫނު ނުހިއްޕެވީހެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ