އަދުގެ ޚާއްސަ

Print

ކުޑަ ކަމެއްގައިވެސް މަތިވެރި ޙިކުމަތެއް އެކުލެވިފައި ވެދާނެއެވެ.

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ވާހަކަ


ޝާކިރު

މީގެ ފަސްސަތޭކަ އެއް އަހަރުކުރިން، ރާއްޖެތެރޭގެ އުތުރުގެ އަތޮޅެއްގެ އާދައިގެ ފުށި ރަށެއްގެ ކަތީބަކަށް ދެ ބަނޑަށް ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ލިބިފައި ތިއްބެވެ. ކަތީބު އޭނާގެ މިލޯބި ލޯބި ކުދިން ކޮޅު ބަލައިބޮޑުކުރަމުން ގެނައީ ރަނެއް މަލެއް ހެންނެވެ. ވަރަށް ބޮޑަށް ލޯތްބާއި އަޅާލުންދީގެެނެވެ. ކަތީބު ކިބައިގައި ހުރިނަމަ ހުރި ޢިލްމަކާއި މަސައްކަތްތެރިކަމެއް ދަސްކޮށްދީގެންނެވެ.

ކަތީބުގެ ފިރިހެން ތިންދަރިން ތެރެއިން ދެވަނައަށް ހުރި ދަރިފުޅު އަބަދުވެސް ގެއިން ބޭރުގައި އަތިރިމަތީގައި ރަށު ގޮޑުދޮށުގައާއި ތުނޑިމަތީގައި ކުޅެން އުޅޭތީ ކަތީބަށް ޖެހިލައްވަނީ އެ ދަރިފުޅު ހޯދައިގެން ގެއަށް ގެނެސް ނަސޭހަތް ދެއްވައި އެހެން ނުއުޅުމަށް ބުނުއްވާ އަޑުލެއްވުމަށެވެ. ކަތީބުގެ ދެ ލޯ ނޭދި އެދޭ މިހަތަރު ކުދިން ތެރެއިން މި ދަރިފުޅުގެ ކަންތައް ހުންނަގޮތުން މިދަރިފުޅާ ދޭތެރޭ އަބަދުވެސް ތަންކޮޅެއް އަބުއި ވެއްލުމަށް ކަތީބަށް ޖެހިލައްވައެވެ. ކުޅެން ގެންގުޅޭ އެއްޗެތި ހޯއްދަވައި އެތަކެތި ގެންނަވައި ހަލާކުކުރައްވަން ޖެހިލައްވައެވެ. އަބަދުވެސް މި ހަތަރުބެއިން ތެރެއިން އެންމެ ހަގަށް ހުންނަ ދަރިފުޅު ދައްކައި ކޮއްކޮ ބަސްއަހާ ވާހަކައާއި ކޮއްކޮއަށް ވުރެ ބޮޑީ މީނަކަމަށް ވާތީ މީނާ މާބޮޑަށް ކަންކަމާއި ދޭތެރޭ ވިސްނައި ބައްޕަގެ ބަސްއަހައިގެން ބައްޕަ ދައްކަވާ ހެޔޮމަގުން ހިނގަން ޖެހޭނެކަމަށް ބުނެ ކޮންމެ ދުވަހަކު ހެޔޮ ނަސޭހަތް ދެއްވަން ޖެހިލައްވައެވެ.

ކަތީބު ކުރިމަތީ ބަހައްޓަވައިގެން ކިތަންމެ އިރަކު ކޮންމެ ވާހަކައެއް ދެއްކެވިނަމަވެސް މީނާ ބައްޕަގެ މޫނުމަތިގައި އިސްއުފުލައި ދުވަހަކުވެސް ކުޑަ އެއްޗެއްވެސް ނަމެއް ނުގަނެއެވެ. ކުޅެން ގެންގުޅޭ ތަކެތި މީނާ ކުރިމަތީ ހަލާކުކުރައްވާތަން ފެނުމުން އެކަމާ ކިތަންމެ ދެރަވިނަމަވެސް ހަމަ ކުޑަވެސް އެއްޗެއް ނަމެއް ނުގަނެއެވެ. ބައްޕަ ދައްކަވާހާ ވާހަކައެއް ކަނުލާ އަޑުއަހަން ކުރިމަތީގައި ހަނު ހިމޭނުން ހުރުންނޫން އެހެންކަމެއް މީނާގެ ފުށަކުން ނުފެނެއެވެ. ބައްޕަ ކިތަންމެ ނަސޭހަތެއް ދެއްވިނަމަވެސް އެނަސޭހަތުގެ ބަސްތައް އެއްކަންފަތުން ވަދެގެން އަނެއްކަންފަތުން ނުކުމެގެން ދާކަހަލަ އެވެ. ކުޑައިރުކޮޅެއްވާއިރު ބައްޕަ ދެއްވި ނަސޭހަތުގެ މަތިން ހަންދާން ނުހުންނަ ކަހަލައެވެ. ކުޑައިރުކޮޅަކަށް ވެސް ކަތީބުގެ ލޯމަތިން މިދަރިފުޅު އެކަހެރިވެއްޖެނަމަ ކަތީބަށް ޖެހިލައްވާނީ  ރަށު ގޮޑު ދޮށާއި އަތިރިމަތީ ހިންގަވައި ތުޑިމަތިން ހޯދައިގެން އަލުން ގެއަށް ގެންދަވާށެވެ. ބައެއް ފަހަރު ކަތީބު މިދަރިފުޅު ހޯދަން ދުރުވަންނަވާއިރު ހޭޅިފަށުގައި ބަނޑު ޖަހައިގެން އަނެއް ބައިފަހަރު ގުދަށް އޮވެގެން ބޮނދަ ބޮނދައިގެން ތުނޑިމަތީއުޅޭ ބޮޑަން، އިލޮޅި ރަތަފައި ފަދަ ދޫނިތައް ލަވައި ގެންދާތަން ކަތީބު ދެކިލައްވައެވެ. އަދި ފަހަރެއްގައި އެއިން ދޫންޏެއް މަޅިފަތީގައި ޖެހިއްޖެނަމަ އަވަހަށް ގޮސް އެ އެއްޗަކާ ނުހަނު އޯގާވެރި ރަޙުމުން ފުރިގެންވާ ބަސްތަކަކުން ވާހަކަ ދެއްކެވުމަށްފަހު މިނިވަންކޮށް ދޫކޮށްލަ އެވެ.

މިބުނި ކުޑަ ކުއްޖާ ބޮޑުވެ ޒުވާން ފުރާވަރު ވެގެން އައި އިރު މިކުއްޖާވީ އަތޮޅުގެ ހުރިހާ ޒުވާނުން ޖެހިލުންވާ ޒުވާނަކަށެވެ. ކަތީބުގެ އެހެން ކުދިންނަށްވުރެ ތޫނު ފިލި ޒުވާނަކަށެވެ. ކެރޭ ހިތްވަރުގަދަ ބަޠަލަކަށެވެ. އެންމެފަހުން މިކުޑަކުޑަކުއްޖާވީ މި ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ފަނަރަ އަހަރަށްވުރެ ދިގުމުއްދަތެއްގައި ވަނިކޮށް އަނގަމަތީ މަސްއޮޑިއެއްގައި ޕޯޗް ގީޒުންނާއި ހަމަލަދީ އެމީހުން ބަލިކޮށްލި ހިތްވަރުގަދަ ބަޠަލަށެވެ. ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހަކު ދިވެހިން އެ މުޖާހިދާމެދު، ފަޚުރުވެރިވާނެ ގައުމީ ބަޠަލު އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރު ފާނުގެ ޙުސައިން ޚަތީބު ތަކުރުފާނުގެ މުޙަންމަދު، ބޮޑު ތަކުރުފާނަށެވެ. މިގައުމު ދިރި ދެމި އޮތްހާދުވަހަކު އެބޭފުޅަކުމަތިން ހަނދުމަ ނެތި ނުކުރާނޭ ގައުމީ ބަޠަލް އައްސުލްޠާން މުހަންމަދު ތަކުރުފާނުލްއަޢުޒަމް ސިރީސަވާއްދީއްތަ މަހާރަދުންނެވެ.

ކިތަންމެ ދެރަ ނިކަމެތި މީހާވެސް ގަދަރުވެރި ޢިއްޒަތްތެރި ދަރަޖަވެރިއަކުކަމުގައި ލެއްވުމަށް ﷲ ސުބުޙާނަހޫވަތަޢާލާ ކުޅަދުންވަންތައެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ