Print

ޖަލުމީހުން

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ



އިބްރާހީމް ނަޢީމު


ނޯޓް: މިލިޔުމުގެ ބޭނުމަކީ ޖަލުގެ ހާލަތު އަންގައިދިނުމާއި އެތާތިބޭ މީހުންގެ ހައްގުތައް ބަޔާންކުރުމާއި މިންގަޑުތައް ވަޒަން ކުރުމެއް ނޫނެވެ. ހައްގުތައް ކަނޑައެޅުމާއި އެހައްގުތައް ފޯރުކޮށްދޭގޮތް ބެލުމަކިީ އަޅުގަނޑުމެންގެ ޒިންމާގެތެރެއިން އަންނަ ކަމެއް ނޫނެވެ. މިލިޔުމުގެ އެންމެ މުހިންމު ބޭނުމަކީ އެތަނުން ފެނުނު ދެތިންކަމެއް ކިޔުންތެރިންނާ ޙިއްސާ ކޮށްލުމެވެ. އަދި ދަންނަވަމެވެ. ބޭނުންކުރެވިފައިވާ ނަންތަކަކީ ވެސް އަސްލު ނަންތަކެއް ނޫނެވެ.

ދާދިމިދާކަށްދުވަހު، ޖަލަށް ޒިޔާރަތްކުރުމުގެ ފުރުޞަތުލިބުނެވެ. ކުށްވެރިންނާ ވާހަކަދެއްކުމުގެ ފުރުސަތުވެސް ލިބުނެވެ. އެމީހުންގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތް ބަލައިލުމުގެ ފުރުސަތުވެސް ލިބުނެވެ. އަދި ކުޑައިރުގެ ހައެއްކަ ރައްޓެހިންނާވެސް ދިމާވިއެވެ. ދިމާވި ބައެއްރައްޓެހިންގެ ވާހަކަ އެ ދިމާވި ތަރުތީބުން ތިޔަބޭފުޅުންނާ ހިއްސާކޮށްލާނަމެވެ.

ރާޝިދު: އެންމެ ފުރަތަމަ ދިމާވީ އިސްކަންދަރު ސްކޫލުންނެވެ.  ސާނަވީ ގްރޭޑްތަކުގައި ވެސް ކޮންމެވެސް ވަރަކަށް އެކަކު އަނެކަކާ ބައްދަލުވިއެވެ. ދެންފެށުނީ މަތީ ސާނަވީގެ ދެއަހަރެވެ. ގުޅުންކެނޑުނީ އެހިސާބުންނެވެ. އަޅުގަނޑު ވަޒީފާއަށް ފަށައިގަތީ ސަރުކާރުންނެވެ. ރާޝިދު ފަށައިގަތީ ޕްރައިވެޓް ސެކްޓަރ އިންނެވެ. މަތީފާސްތަކެއް ނެގިފައި ނެތަސް ތަފާތު މަސައްކަތް ކުރަން ދަންނަމީހެކެވެ. ފެންވައިރު ކުރުން، ކަރަންޓުގެ މަސައްކަތްތައްް، ވަޑާމުގެ ބައެއް މަސައްކަތްތައް، މިހުރީ ހައްތާވެސް ދަންނަ މަސައްކަތް ތަކެވެ. ދެންއޮތީ އަމިއްލަ ހިތްވަރުން ދިރިއުޅުން ތަނަވަސް ކުރުން ތާއެވެ. ނަމަވެސް މިއަދު މިފެނުނީ މާފުށީ ޖަލުންނެވެ. ވީ ކިހިނެއްތޯ އަހާލުމުން ބުނީ ނުކިއްސަރު ގޮތަކަށް އުޅެވުނީ ކަމަށެވެ. ނުޖެހެންވާ ލާރިއެއް ވަތްގަނޑުގައި ހުއްޓާ ޖެހެވުނީއެވެ. ޙުކުމުގައި އަދި ތިންއަހަރު އެބައޮތެވެ. އަނތްބަކާއި ދެދަރިން ބިކަވީއެވެ. ދެކުދިންގެ ތެރެއިން ދޮށްޓަށް ހުރި ކުއްޖާ އުޅެނީ މާފުށީގެ އަނެއްކޮޅުގައި ކުޑަކުދިންނަށް ޚާއްޞަ ކުރެވިގެން ހަދާފައިވާ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒުގައެވެ. އެ ބުނާ ލާރިއެއްގައި އޭނާ ޖެހެންވީ ހަމަ އެއްވެސް ސަބަބެއް ނެތްކަން އެއާއިލާގެ ދިރިއުޅުމަށް ބަލައިލުމުން ވެސް އެނގޭނެއެވެ. މެދުމިނުގެ ފެންވަރަކަށް ހަދާފައިވާ އަމިއްލަ ގެދޮރު މާލޭގައި އެބަ ހުއްޓެވެ. އަދާކުރާ ވަޒީފާއިންނާއި ކުރާ އިތުރު މަސައްކަތުން ފެންވަރު ރަނގަޅު ދިރިއުޅުމަކަށް ބޭނުންވާ ވަރަށް ލާރި ލިބެއެވެ. ދެން ކޮން ކަމެއް ހެއްޔެވެ. އަޅުގަނޑަކަށް ނުވިސްނުނެވެ.

ހުސެން: ތަންކޮޅެއްކުރިން ބާސްކެޓް ކުޅެން ގޮސްއުޅުމުގެ ތެރޭގައި ދިމާވެ ރައްޓެއްސަކަށް ވެފައިވާ މީހެކެވެ. އަމިއްލަ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެމުންވެސް ކަސްރަތުކޮށް ހެދުމަށް ވަރަށް ފަރުވާތެރިވެ އުޅުނު މީހެކެވެ. ޖަލަށް ވަންނަން ޖެހުނު ސަބަބެއް އަހާލުމުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދިގެން ކަމަށެވެ. މުއްދަތަކީ ފަންސަވީސް އަހަރެވެ. ދެ ދަރިންގެ ތެރެއިން ދޮށްޓަށްހުރި ކުއްޖާ ވެސް ވަނީ ތަފާތު މައްސަލަ ތަކުގައި ޖަލުގެ  ގޮޅިއެއްގައި ބަންދުވެފައެވެ. ހަގަށް ހުރި ދަރިފުޅު ވީނުވީ ތަނެއް ވެސް ނޭނގެ އެވެ. އަނެއްކާ ވެސް މިއޮތީ އާއިލާއެއް ފުނޑުފުނޑު ވެފައެވެ. ކުށްކުރާމީހާގެ އިތުރުން އެތައްބަޔަކަށް އޭގެ އަސަރު މިދަނީ ކުރަމުންނެވެ.

ޒުބައިރު: އެންމެފުރަތަމަ ދިމާވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ދެމީހުންވެސް އަންހެނުން ވިހަން ވައްދައިގެން އުޅޭތީ، އެ ތާމަޑުކޮށްލައިގެން ތިބި ތިބިމުގައެވެ. ޒުބައިރުގެ އަންހެނުންގެ ހާލުބޮޑުވެގެން ލޭ އަޅަން ޖެހިގެން ލޭހަދިޔާކުރީ ވެސް އަޅުގަނޑެވެ. އެޑްމިޓްވާން ޖެހުނީ ވެސް ޖެހިޖެހިގެން ހުރި ދެ ކޮޓަރީގައެވެ. އޭގެފަހުން ދެމީހުންވެސް އުޅެނީ ވަރަށް ރައްޓެހިކަމުގައެވެ. މިހެން އުޅެފައި ދެން މި ދިމާވީ މި ތަނުންނެވެ. ތަފާތަކީ ދެމީހުން މި ތަނަށް އައިސް މި ތިބަ ހައިސިއްޔަތެވެ. އެނާ މި ތަނަށް އަންނަން ޖެހުނީ ވައްކަމުގެ ކޮންމެ ވެސް މައްސަލައެއްގައި ބެދިގެންނެވެ. ޙުކުމުގައި އަދި ހަތް އަހަރު އެބައޮތެވެ. މީނާގެ ވެސް ދެދަރިންނާއި އަނތްބަކު އެބަތިއްބެވެ. އެމީހުންގެ ހާލު އަހުވާލު ބަލައި އަޅާލާނެ ހުންނާނީ ވަކި ކާކުހެއްޔެވެ؟  އާއިލީ ބައްދަލުވުމަށް އެކުދިން މާފުށްޓަށް ދާއިރު އެ ކުދިންގެ އިޙުސާސްތައް ދެނެގަނެވޭނީ ވެސް ކިހިނެއް ތޯއެވެ.  ބައްޕަ މި ތަނަށް އަންނަން ޖެހުނު ސަބަބު އެކުދިން ވެސް ވިސްނާނެނޫންތޯއެވެ. އެކުދިންގެ މުސްތަޤުބަލަކީ ކޮބައިތޯއެވެ.

އަލީ: ކުޑައިރުއްސުރެވެސް މުއްސަނދި ދިރިއުޅުމެއް އުޅުނު، ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. އުމުރުން މިހާރު ތިރީސް ފަހަކަށްވުރެ މައްޗަށް ހިނގައްޖެ އެވެ.  ބެދިގެން މި އުޅެނީ މާރާ މާރީއެއްގެ މައްސަލައިގައެވެ. ޙުކުމްފުރިހަމަކުރަން އަދި ކިރިޔާ ހަމަ ފެށީއެވެ.  އަނތްބަކާއި ދެކުދިން އެބަތިއްބެވެ. ފައިސާގެ ގޮތުން އެކުދިން ނިކަމެތި ނުވިޔަސް ހަމަ ޔަގީނުންވެސް މަންމައާއި ބައްޕަގެ ލޯބި ފުރިހަމަގޮތުގައި ލިބޭނެ އެއްވެސް ފުރުސަތެއް މިހާރަކު ނެތެވެ. ސަބަބަކީ މަތިމައްޗަށް ކުށްކޮށް އެތައް ޙުކުމެއް ތަންފީޒު ކުރަންޖެހިފައި ވުމެވެ.

އެކިމީހުން ކުށްކުރަން ދިމާވި ސަބަބު ތަފާތުވިޔަސް އެންމެންވެސް ބުނި އެއްވާހަކަ ދިމާވިއެވެ. އާދެ! ހޭލުންތެރިކަން ނެތީއެވެ. މި ވެރިން ހޭލުންތެރިކަމޭ މި ކިޔަނީ ކޮން ކަމަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިއިން ކޮންމެ މީހަކީވެސް އެކަށީގެންވާ ތަޢުލީމީ ފުރުސަތު ތަކެއް ލިބިފައިވާމީހެކެވެ. އެކި މީހުން އެފުރުސަތުގެ ބޭނުން ހިފާނީ އެކި ވަރަށް ތާއެވެ. މިއިން ކޮންމެ މީހެއްގެ އުމުރުވެސް މިހާރު އުޅޭނީ ފަންސަ ތިރީހުން މަތީގައެވެ. ނުވަތަ އެއާ ވަރަށް ކައިރީގައެވެ. މިމީހުން ހޭލުންތެރި ކުރުވަންވީ ކޮންދާއިރާއަކުން ކިހާވަރަށް ބާވައެވެ؟

ކުށްކުރާ މީހުންގިނަވެ، އެމީހުން ކުރާކުށްތައް ތަފާތުވާތީ، ޖަލުބޮޑުކޮށް ވަރުގަދަކޮށް އަޅުގަނޑުމެންގެ ޤައުމަށް ލިބޭ މަދު އާމްދަނީކޮޅު އެދިމާއަށް އޮއްސާ ހުސްކޮށް ލުމުގެ ބަދަލުގައި މިކަމުން ސަލާމަތްވެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންވީނޫންތޯއެވެ؟

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ