އަދުގެ ޚާއްސަ

Print

ރިހުން ނެތް ސާފު ލޯބި ދެކޭނެ ޢުމުރަށް އިޙްތިފާލު ކުރަން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) 
      (ޝާޢިރުލްމަޤުތޫލް) 

                                                                        

1- ހިތާއޭ    ދަސްކުރާށޭ      ލޯބިވާނަމަ     އިންތިޒާރު ކުރަން
                  ކެތާ ޞަބްރާނުލައި، ނުފަށާށެ    ނަމަ ނަމަ އިޙްތިޖާޖު ކުރަން 



2- ވަރަށް ލޯބިން ދެހިތް ގުޅުނަސް، ވަރަށް އެކުގައި އުޅެން އެދުނަސް
                 ދުރަށް ވެސް ދާން ޖެހޭ...   އެކަމަށް ޖެހޭނޭ އިޙްތިރާމުކުރަން


3- ޒަމާނެއްމީ  މަސައްކަތްގިނަ،   ސަމާ،  ނޫނީ ވަރަށްވެސް ބަނަ،
                މި މާހައުލާ    ޙަޔާތަށް،    އަދުޖެހޭނޭ   އިޢުތިމާދު    ކުރަން 



4- އަބަދު ހާސްކަންމަތީވާއިރު،   ސަބަބު    މަގުބޫލު  ބުނެދޭއިރު،  
                ޖަދަލުގައި    އޮޅުމަކުންވެސް    ނުތެދުވާށޭ    އިޢުތިރާޒު ކުރަން  



5- މަދަދުވެރިވާށެ ބުރަތަކުގާ،    ޤަދަރު އުފުލާށެ     ޙުރުމަތުގާ،   
               ބަދަލުގައި      ލޯބިވެރިޔާ،    ހިތް ލިބޭނެޔެ  އިފްތިތާޙު  ކުރަން 



6- ދިމާޔަށް ކުށް ނުފެންނަންޏާ،     ބިމާ އުޑު ވަކިވެ   ދަންޏަންޏާ،
                ސަމާލުވެ     އެހިތަކަށްވީ  ދާއިމަށްވެސް     އިޢުތިބާރު ކުރަން 



7- ދެވޭ ތުހުމަތުގެ ނަޒަރެއްގާ،     ފެވޭ ވަހުމެއްގެ  އަސަރެއްގާ 
               ހެވޭ ބުނެ އިސްނުވާށޭ      މާނައެއް ނެތް     އިންޤިލާބުކުރަން 



8- ނުބައި ހަތުރުންގެ ރޭވުންތައް،   ކޮބައިކަން ދަނެ އެ  ހީލަތްތައް، 
               އެބާވަތު      އަނދަވަޅުން   ރެކެވޭނެ   މަގުވީ  އިންތިޒާމުކުރަން 


                                 
9- ފިކުރު އެއްގޮތް ނުވެވިދާނޭ،    އެފަދަ   ވަގުތެއް   އަތުވެދާނޭ،
              އެކަމުގައި      މަޝްވަރާކޮށް ޙައްލު ހޯދަން     އިލްތިމާސު ކުރަން

10- ޚިޔާލާ ބުއްދި އިސްކޮށްގެން،   ނިޔާމަ ޙަޔާތަކަށް  އެދިގެން، 
               ނިޔާ، އިންސާފު،   ކުލުނާ ރަޙުމު ވާނީ     އިޚްތިޔާރު ކުރަން 



11- އެހެން ތަސްވީރުތައް ފެނުމުން، އެހެންތަދުބީރުތައް ކުރަމުން، 
               އެހެން އަސަރެއް ހިތަށް  ނޫޅޭށެ  އަމުދުން   އިންތިޚާބުކުރަން 



12- ވަފާތެރިކަމުގެ މާތް ސިފަތައް،      އުފާވެރިކަމުގެ  އާ ކުލަތައް   
              ތަފާތެއްނެތި ޖެހޭނޭ      ތާ އަބަދުވެސް    އިޝްތިހާރު ކުރަން 



13- ފެށޭ ގުޅުމެއްެގެ މުހުލަތުގާ،       ކޮށޭ ރާސްތާގެ މަގު މެދުގާ، 
             ގޮށެއް'' ނެތި ހެޔޮނުވާނެ އަރާމު ލައްޒަތު    އިމްތިޙާނު ކުރަން 


+++++    +++++     +++++    ++++                                     
14- މިހެން ކުރިނަމަ ޢަމަލު ދެހިތެއް، މިހާ ކެތްތެރި ރަނގަޅު ދެހިތެއް،
             ރިހުން ނެތް ސާފު ލޯބި ދެކޭނެ     ޢުމުރަށް އިޙްތިފާލު ކުރަން
                 -----------------------------------------
                             16 މޭ 2008
 


ފޮޓޯ: flickr.com/photos/mashafeeg/400780326/   

ހަމަމިގަލަމުން

އިދާރާ

ވާހަކަ