އަދުގެ ޚާއްސަ

Print

ލޮލުގެ އިންޞާފު

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އެއްރަށެއްގައި ފެހުމުގެ ވާދަވެރިކަން އިންތިހާއަށް ގޮސްފައިވެ އެވެ. އަދިހެދުން ކެނޑުމުގައި އެކަކަށްވުރެ އަނެކަކު އާވައްތަރުތައް ފަރުމާކުރުމުގެ ބާޒާރު ގަރަމްވަމުންދެއެވެ. މި ރަށުގައި ކޮންމެ އަހަރަކު ފެޝަންޝޯއެއް ބާއްވައެވެ. މިއީ ވަރަށް ފޯރިގަދަ ދުވަސްވަރެކެވެ. އެންމެ ރީތި ހެދުމެއް ފަރުމާކުރާ ފަރާތަކަށާއި އެއްމެ ރީތި ހެދުމެއް ފެހުމުގައި ފެހުމުގެ ފެންވަރަށް ބަލައި ވަރަށް ބޮޑެތި އިނާމުތައް ހުށައެޅި ލިބެމުން ދެވެއެއެވެ. ފަޤީރުން މުއްސަނދިވާފަދަ އިނާމުތައްވެސް ލިބެއެވެ. މި ފެޝަންޝޯގެ ކަންތައް ތައްޔާރުކުރުމުގައި ގަދަކެޔޮޅު ހެދިގެން އުޅެނީ ފޮތިފިހާރަތަކުގެ ސޭޓުންނެވެ. ސަބަބަކީ މި ކަމުން އެމީހުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމަކާއި ހަލުއިކަމެއް ލިބޭތީއެވެ. ނަމަ ވެސް ކޮންމެ އަހަރަކު ވެސް ފެޝަންޝޯގެ ކަންތައް ނިމުމާއި ގުޅިގެން ރަށުގެ ދަރަހިލިގެން ދެއެވެ. މީހުން އެއްތަންވާ މަންމަންގަނޑު ތަކުގައްޔާއި ގޭގޭގެ ތެރޭގައްޔާ ބާޒާރުގައިވެސް ދެކެވެނީ ހަމައެއްވާހަކައެކެވެ. އަރާރުންވާމީހުން އަޑުގަދަކުރަނީވެސް ތުންފިއްތާމީހުން ތުންފިއްތަނީވެސް ހަމައެއްކަމަކާއިހެދި އެވެ. ދެކެވޭ ވާހަކައިގެ އަމާޒުފަތްގަނޑަކީ ފެޝަންޝޯއަށް އިންސާފުކުރި ފަނޑިޔާރުންނެވެ. ފަނޑިޔާރުން ރަނގަޅަށް ބެއްލެވިނަމަ މިފަރު އިނާމުލިބުނީހީ އެވެނިފަރާތަކަށެވެ. މިވެނި ފަރާތަކަށެވެ. އިންސާފުކުރި ފަނޑިޔާރުންނަކީ ލޮލާބެހޭ ޑޮކްޓަރުންނަށް ފިލައިގެން އުޅޭބައެއް ކަމަށްވެސް ބައެއްމީހުން ވާހަކަދައްކައެވެ.

ރަށުގެ އަރާރުންގަނޑު ހަމަޖެހޭނެގޮތެއް މީހަކުބުނެފިއެވެ. އެއީ ދެން ފެޝަންޝޯ ބާއްވާ ފަހަރަކު އިންސާފުކުރުމަށް އަބޮއްކޮ ފަނޑިޔާރު ގެނައުމެވެ. ބުނެވޭގޮތުގައި އަބޮއްކޮ ފަނޑިޔާރު ފައިޞަލާކޮށް ނިންމި އެއްވެސް މައްސަލައެއްގައި އަދިމިހައިތަނަށް އެއްވެސްމީހަކު ދެބަސްވެފައެއް ނުވެއެވެ.

ފެޝަންޝޯބާއްވާ ދުވަސް ކައިރިވަނީއެވެ. އަބޮއްކޮ ފަނޑިޔާރު ހޯދަންވެއްޖެއެވެ. އަބޮއްކޮ ފަނިޑިޔާރަކީ ކޮންތާކުއުޅޭ ކާކުކަން އެއްވެސްމީހަކަށް އެނގިފައިނުވާތީ އަބޮއްކޮ ފަނޑިޔާރުގެވާހަކަ ބުނިމީހާ ހޯދައިގެ އެހުމުން އެނާބުނަނީ އަބޮއްކޮ ފަނޑިޔާރު ފެންނާނީ މިވެނިޖަންގަލީތެރެއިންނެވެ. އަބޮއްކޮފަނޑިޔާރުގެ ބޯހުންނާނީ ކޭލުބޯއްޓެއްހެން ދިގުކޮށްނެވެ. އަނގަކުޑަވާނެއެވެ. ނޭފަތް ފަތައިވެފައި ނޭފަތަށްވުރެ ދެލޯހުންނާނީބޭރަށް ނުކުމެފައެވެ. ބޮލަކު އިސްތަށްޓެއް ނުހުންނާއެވެ. ދެކަންފަތް އެތުގެ ދެކަންފަތާއި ވައްތަރުވާނެއެވެ. އަބޮއްކޮފަނޑިޔާރު ފެންނާނީ އެއްވަލުންނިކުމެ އަނެއްވަލަށް ދުއްވައިގަންނަ ވަގުތުގައެވެ. އެވަގުތު އޭއަބޮއްކޮއޭ ގޮވައިލުމުން ހުއްޓިދާނެއެވެ. ދެންކަލޭމެން ބުނާއެއްޗެއް ބުނާށެވެ.

ކޮންމެއަކަސް އަބޮއްކޮ ފަނޑިޔާރު ގެނެވި އިންޞާފުކުރުމުގެ ގޮތްތައް ވަރަށްބޮޑަށް ބަދަލުގެނެވި އިންޞާފު ކުރެވެންފެށިއްޖެވެ. އިނާމުތަކަށް އުންމީދުކުރާ މީހުންގެ ހިނިތުންވުންތަކުގައި  އުންމީދުގެ ކުލައާވަމުން ފަނޑުވަމުންދެއެވެ. މިފަހަރު ތިންގޮތަކަށް އިނާމުލިބެއެވެ. ފުރަތަމައީ  އެންމެގިނަމީހުން ތަރުހީބުދޭ ހެދުމަކަށް އެއްވަނަ ލިބުމެވެ. ދެވަނައީ ހެދުންއެޅުމުގައި އާވައްތަރަކަށް ހެދުންއަޅާމީހުންކުރެ އެގޮތަށް ހެދުންއެޅީ ކީއްވެގެންތޯ ސުވާލު ކޮށްފިނަމަ މީހުން ޤަބޫލުކުރާ ތެދުޖަވާބެއް ދިންމީހަކަށް ދެވަނައިނާމެވެ. ތިންވަނައީ ފެހުންތެރިކަމުގެ ގޮތުންބަލާއިރު އެންމެމޮޅު ފެހުންތެރިޔާއަށް ލިބޭއިނާމެވެ. ފެޝަންޝޯގެ ކުޅިވަރުގަނޑު ބެލުމަށް ވަރަށްގިނަ ބައަކު ޖަމަޢު ވެއެވެ. މީހުން ނަންކުރާ ގިނަ ފެޝަންތަކުގެ ތަފާތު ބާވަތްބާތުގެ ހެދުންތައް އަޅައިގެން ފަނޑިޔާރުންގެ ކުރިމަތީގައި ދެތިންބަނޑިއެއް ލައްވައިލުމަށްފަހު އެހެން މީހަކަށް ކަމުގެ ދަޢުވަތުލިބެއެވެ. ކިތަންމެ ރީތި ހެދުމެއް އަޅައިގެން ނުކުތްނަމަ ވެސް ހަސަދަވެރިކަމުގެ ލޯތަކުން އެތަން ނުބަލަންވެގެން ދުރުބަލަހައްޓައިގެން ތިބޭމީހުން ގިނައެވެ. މީހެއްގެ ހިނގުމުގައި އާބަނޑިތަކެއް ލެއްވިނަމަވެސް އެކަމަށް ތަރުޙީބުނުދީ މޫނުން ފޫގަޅައިގެން އިސް ދަށަށްޖަހައިގެން ތިބޭމީހުންވެސް މަދެއްނޫނެވެ.

ފެޝަންޝޯގެ ކުޅިބަލަން ނިކުތް މީހުންގެ ތެރޭގައި ދަނޑުފަގީރުކަލޯވެސް ހިމެނެއެވެ. މީހުންގެ ބޯމަތިންވެސް އެތަންފެނޭތޯ ކޮރަކޮރައިގެން އުޅެއެވެ. މި ފަގީރުކަލޯ ގެންގުޅެނީވެސް ބާވެ ފޮތި އަޅައިފައިވާ ދެހެދުމެކެވެ. މިއަދު މިތަނަށް އާދެވުނުއިރު ހެދުން ލެވިފައިހުރީ ފަތިފުށް ބޭރަށްވާގޮތަށެވެ. މިތަން ކުދިބައަކަށް ފެނިގެން އެކުދިންނަށް މިކަން މަޖަލަކަށް ވެއްޖެއެވެ. ދެން އެކުދިން އެކަލޭގެ ބުރަކަށީގައި އަޅާކޮއްޕަމުން ކަލޭވެސްވާނީ ތިޔަހެދުން އަބޮއްކޮ ފަނޑިޔާރަށް ދަންކާށޭ! ކިޔާ އެތެރެއަށް ވައްދައިފިއެވެ. ދެން އެކަލޭގެވެސް ކަންޒޫރި މިސްކިތު މުދިންކަލޭގެހެން އުންމީދެއްނެތި ފަނޑިޔާރުންގެ ކުރިމައްޗަށް ގެނެވިއްޖެއެވެ. ދެން އެކަލޭގެވެސް ކަނޑުވީމައި ނުތެމެންނޫޅޭށޭ! ބުނާތީވެ ގަޔާނުވާކަމަކަށް ނުހަދައެވެ. ދެން އެކަލޭގެ ވާންދަނޑިއަތަށް އަތްހޫރައިލައިފައި މައިބަދަ ބުޑަށް ބުޑުއަނބުރައިލައިފައި ބަބުރުނެއްޓިއަށް ، ހޯލިނެށުމަށްވެސް ނުވާގޮތަކަށް ފަނޑިޔާރުންގެ ކުރިމަތީގައި ދެތިން ހިނގުމެއް ހިނގާލުމުން ހީވީ ބިމުގެ ދަރަ ހިލުނުހެންނެވެ. ތަނުގެ މުޅިމާހައުލު ގުޑައިގަތެވެ. ފާޑުފާޑުގެ ބަސްތަކުން އަޑުގަދަކުރާ މީހުންނާއި ސާބަސްދޭމީހުންނާއި އެއްޗެހިކިޔާމީހުންނާއި އަތްބަޑިޖަހާމީހުންނާއި ހޭމީހުންނާއި ނުހޭންކަމަށް އުޅެނިކޮށް ކުޅުކޮށިއަރައިގެން ކެއްސާމީހުންނާއި ހޯއްގޮވާމީހުންނާއި ފީއްގޮވާމީހުންނާއި އުކުނޑިކޮއްޓާ މީހުންނާއި މިހުރިހާ އަޑުތައް އެކުވީމައި ވަކިއަޑެއް ބުނަން ނޭގުނު ނަމަވެސް އެންމެ ވައްތަރުވާން އުޅެނީ ފުއްޓަރު ލޮނދި މަށިގަނޑު މައްޗަށް ރާޅުބިންދައިލައިފައި ބޭރަށް ދަމައިގަންނަ ވަގުތު ދެކޮޅުން ދެރާޅުޖެހޭ އަޑާއި އެއްކަހަލަ އަޑެކެވެ.

މިހާރު ފެޝަންޝޯ އިންޞާފުކުރުންވެސް ނިމިއްޖެއެވެ. އެންމެން ނޭވައި ހިފައްޓައިލައިގެން އެތިބީ ފަނޑިޔާރުންގެ ނިންމުމާއި އިނާމުގެ ޙައްޤު ވެރިފަރާތެއްގެ އިންތިޒާރުގައެވެ.
އަބޮއްކޮ ފަނޑިޔާރު ނިޔާއިއްވުމަށް ތެދުވެއްޖެއެވެ. ފަނޑިޔާރު ބުނުއްވިއެވެ. ކަމަށް އިންޞާފުކުރެއްވީ ކުޅިބައްލަވާން ތިއްބެވި ބޭކަލުންނާއި ބޭކަނބަލުންނެވެ. ތިޔަބޭކަލުންނާއި ކަނބަލުން ގަޔާވަގޮތް ނުވެއްޖެ ކޮންމެ ހެދުމަކާއިމެދު މޫނު އަނބުރައިލާތަން، ގަޔާވެއްޖެ ހެދުމަކަށްވިއްޔާ ތަރުޙީބުގެ އަތްތިލަބަޑިތަކުން ގަޔާވެގެންދިޔަ މިންވަރު ތިޔަ އެންމެތަކުންނާއި މިތާގެ ވަށައިގެން ބެހެއްޓިފައިވާ ކެމެރާތަށް ރަނގަޅަށް ދަންނާނެއެވެ. އަޅުގަނޑަށް އޮތީ ތިޔަ އެންމެތަކުންގެ ނިންމުމުގެ ނިޔާއިއްވުމުގެ ފަހުބަސް އިއްވުމެވެ. ތިޔައެއްމެތަކުންގެ ތަރުޙީބުގެ ނިންމުންތަކުން އެއްވަނައަށް ދިޔައީ ދަނޑުފަޤީރުކަލޯއެވެ. އިޢުތިރާޟެއް އޮތްނަމަ އަވަހަށް އަންގަވައިލައްވާށެވެ. އެއްވެސްމީހަކަށް އިޢުތިރާޟްކުރާކަށެއް ނުކެރުނެވެ. އެއްމެންވެސް ތިބީ ގާތްގަނޑަކަށް ހިތްހަމަޖެހޭގޮތް ވެފައެވެ. އެއީ އެއަގުހުރި އިނާމު ތިމާގެ އިދިކޮޅުމީހާއަށް ނުލިބުނީތީއެވެ. ދެން ދަނޑުފަޤީރުކަލޯއަށް ކުރިމަތިވި ސުވާލަކީ އެންމެން ފަތިފުށް އެތެރެއަށްވާގޮތަށް ހެދުންއަޅައިގެން ތިބޭއިރު ކަލޭ ފަތިފުށް ބޭރަށް ފެންނަގޮތަށް ހެދުންއެޅީ ކީއްވެހެއްޔެވެ؟ އެކަލޭގެ ނަންގަތެވެ. މަސާހިބުންނެވެ. މީސްތަކުންގެތެރެއިން ގިނަމީހުންނަކީ ދެފުއްދެގޮތް ބައެކެވެ. އެމީހުން އެންމެން އެންމެ ބިރުގަންނަނީ އެމީހުންގެ ފަތިފުށް އެހެންމީހުންނަށް ފެނިދާނެތީއެވެ. އަޅުގަނޑުގެ ފަތިފުށުގައިވެސް އަދި މަތިފުށުގައިވެސް އެހެންމީހުންނަށް ފެނިގެން އަޅުގަނޑު ލަދުގަނެ ފަޟީހަތްވާކަހަލަ ލައްގަނޑެއް ނުހުންނާނެއެވެ. މިބަސްތަކަށް ޒުވާބުދޭނެ މީހަކު ނުވުމުން ދެވަނަ އިނާމުގެ ޙައްޤުވެރިއަކަށްވެސް ދަނޑުވެރި ފަޤީރުކަލޯވީއެވެ.

ނިމުނީ

މަންމަންގަނޑު

(1) މަޖާޒު: ބަސްމަދު ރަކިފާޑަށް ތިބޭ މީހުންނާމެދު ބުނާބަހެއް. (2) (ހ.) ހަތަރު އަނގޮޅި އަނގޮޅި. (3) މަގުގެ ހުސްތަންތަން.

ދަރަހިލުން
(1) ރޯގާމޮޅުވުމާ އެކު މީހުން މަރުވަމުން ދިއުން. (2) މަޖާޒު: ސިޔާސީގަޑު ބަޑެއް ފަދަ ކަމެއް ފާޅުވުމުގެ އަސަރުތައް ފެންނާން ފެށުން.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ