އަދުގެ ޚާއްސަ

Print

އިސްލާމީ ގެއާއި ފައިދިގުމަކުނުގެ ގޭގެ ޢިލްމީ އިޢުޖާޒު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ފައިދިގުމަކުނުގެ ގެއަކީ، ދެރަވަރުގެ ގެއެއްކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ބިނާކޮށް އާރާސްތުކުރާ މުސްލިމުންގެ އިސްލާމީ ގެއާ، ފައިދިގުމަކުނުގެ ގެ، ތަފާތުވާ ކަންތައްތަކަކީ ކޮބައިތޯއެވެ؟ ފައިދިގު މަކުނުގެ ގޭގެ ދެރަ ކަމަކީ، އެ ގެ ހަދާފައިވާ މަކުނުވަލުގެ ދެރަކަން ކަމަށް ބައެއް މީހުން ހީކުރާއިރު، އެކަމާމެދު މިޒަމާނުގެ ސައިންސް ބުނަނީ ކީކޭތޯއެވެ؟ ފައިދިގު މަކުނުގެ ގެއާ އެއްގޮތަށް ދެރަވެ ނިކަމެތިވެގެންދާ ގެދޮރުގެ ޙާލަތަކީ ކޮބައިތޯއެވެ؟ މިފަދަ އެތައް ސުވާލެއްގެ ޖަވާބު، މި މަޒުމޫނުގައި ވެއެވެ.



އިސްލާމީ ގެ

އިސްލާމީ ގެއަކީ، އެގޭގައި ދިރިއުޅޭ މީހުންގެ މެދުގައި ގުޅުން ބަދަހި ގެއެކެވެ. އެ ގެ ބިނާވެފައިވަނީ، މާތް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުގެ މަތީގައެވެ. އެގެއަށް ވެރިވެފައިވާނީ މާތް ﷲ އަށް ތަޤުވާވެރިވުމާއި އެކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތްކުރުމެވެ. ކަމަކާމެދު ޚިޔާލު ތަފާތުވެއްޖެނަމަ، މާތް ﷲ ޝަރުޢުކުރައްވާފައިވާ ގޮތަށް ބޯލަނބައި ކިޔަމަންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. (فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ) އައްނިސާ: 59، މާނައީ، "ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!)"

އިސްލާމީ ގޭގައި ކުޑަކުދިންނަށް އޯގާތެރިކޮށް ހިތޭނެއެވެ. އެކުދިން ތަރުބިއްޔަތު ކުރެވޭނީ، ނުހަނު ޢިނާޔަތްތެރިކަމާއެކު އެކުދިންނާ އަޅާލައި ލޯތްބާއި ކުލުނު ދެވިފައިވާ ޙާލުގައެވެ. އަދި އެ ގޭގައި ބޮޑެތި މީހުންނަކީ، ޤަދަރު ލިބިގެންވާ ބަޔެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا) އަލްއިސްރާ: 24، މާނައީ، "އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތް ލައްވައިފާނދޭވެ!"

އިސްލާމީ ގޭގެ ކޮންމެ ފަރުދަކުމެ، އޭނާގެ އަމިއްލަ ނަފުސަށް އެދޭ ލާބައާއި މަންފާ، އޭނާގެ އަޚާއަށް އެދޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ) އަލްޙަޝްރު: 9، މާނައީ، "އަދި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެއެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސް މެއެވެ."

އިސްލާމީ ގޭގެ އަފުރާދުންގެ މެދުގައިވާ ގުޅުންތައް ބިނާވެފައިވާނީ، ހަމައެކަނި ދުނިޔޭގެ މާއްދީ ބޭނުންތަކުގެ މައްޗަކަށް ނޫނެވެ. އެކަމަކު އެގޭގެ އަފުރާދުންގެ މެދުގައިވާ ގުޅުންތައް ބިނާވެފައިވާނީ، ލޯތްބާއި ރަޙުމަތާއި އެކަކު އަނެކަކަށް ދޫދިނުމާއި ހެޔޮބަސް ބުނުމުގެ މައްޗަށެވެ.

އިސްލާމީ ގޭގައި، ފިރިމީހާއަށް ވަރަށް ބޮޑަށް ޤަދަރުކޮށް އިޙުތިރާމު ކުރެވޭނެއެވެ. ފިރިމީހާއަކީ މުއްސަންޖަކަށް ވިޔަސް ނުވަތަ ފަޤީރަކަށް ވިޔަސް، ދުޅަހެޔޮ މީހަކަށް ވިޔަސް ނުވަތަ ބަލިމީހަކަށް ވިޔަސް، އަދި ޒުވާނަކަށް ވިޔަސް ނުވަތަ މުސްކުޅިޔަކަށް ވިޔަސް، އޭނާއަށް ޤަދަރުކުރުމުގައި ތަފާތެއް ނުކުރެވޭނެއެވެ. ޤިވާމަތުގެ އިމުގެތެރޭގައި އޭނާއަށް ކުރަންޖެހޭ ޤަދަރާއި އިޙުތިރާމު ކުރާނީ، ރުހިގެންވާ ޙާލުގައި، އެކަން ކުރާހިތުންނެވެ. ގޭގެ ބާނީއަކީ އޭނާއެވެ. ގެ ބިނާކޮށް ޙިމާޔަތްކުރުން އޮތީ އޭނާގެ މައްޗަށެވެ. ދެދުނިޔޭގައި އޭނާގެ އަނބި، ދަރީން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ވެސް އެޅިފައިވަނީ، އޭނާގެ ކޮނޑުގައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ) އައްތަޙުރީމު: 6، މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ އެ ބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައްތައް އެބޭކަލުން ކުރައްވާނެތެވެ."

އިސްލާމީ ގޭގައި އަނބިމީހާއަށް ވަރަށް މަތިވެރި މަޤާމެއް ދެވިފައި ވެއެވެ. އެވަރުގެ މަޤާމެއް އެ ގޭގައި އެހެން އެެއްވެސް މީހަކަށް ދެވިފައި ނުވެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ) އަންނިސާ: 19، މާނައީ، "އަދި ހެޔޮގޮތުގައި އެކަނަބަލުންނާއެކު އުޅޭށެވެ!"
(އަދި އަނބިމީހާއަކީ ދަރީންގެ މަންމައެވެ.) ސުވަރުގެވަނީ، މަންމަގެ ފައިތިލައިގެ ދަށުގައެވެ.
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހުގައި މީހަކު ދެންނެވިއެވެ. ތިމަންގެ ގާތްތިމާގެ މީހުންގެ ތެރެއިން ހެޔޮކޮށް ހިތުމަށް އެންމެ ޙައްޤުކަން ބޮޑީ ކާކުތޯއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެން ކާކުތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ. އޭނާ ދެންނެވިއެވެ. ދެން ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ.

އިސްލާމީ ގޭގައި ފިރިމީހާއަށް ލިބިގެންވާ ޒަވާޖީ ޙައްޤުތައް އަނބިމީހާއަށް ލިބިގެންވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ) އަލްބަޤަރާ: 228، މާނައީ، "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާ ފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށް ވެސް ޙައްޤުވެގެން ވެއެވެ."
އައްތަފުސީރުލް މުނީރުގައި ޑރ. ވަހުބަތުއްޒުޙައިލީ ވިދާޅުވެފައިވެއެވެ. ފިރިހެނުންނަށް ލިބިގެންވާ ޒަވާޖީ ޙައްޤުތައް އަންހެނުންނަށް ލިބިގެންވެއެވެ. އޭގެ މިސާލަކީ، ހެޔޮލަފާ ކަމާއެކު އެކަކު އަނެކަކާ މުޢާމަލާތްކުރުމެވެ. ހެޔޮގޮތުގައި ޒަވާޖީ ގުޅުން ދެމެހެއްޓުމެވެ. އެކަކު އަނެކަކަށް ގެއްލުން ނުދިނުމެވެ. ދެމަފިރިންކުރެ ކޮންމެ މީހަކުމެ، މާތް ﷲ އަށް ތަޤުވާވެރިވުމެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު، އަނެކަކަށްޓަކައި ރިވެތިވެ ނަލަހެދުމެވެ. އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. "ތިމަންކަލޭގެފާނުގެ އަނބިކަނބަލުން، ތިމަންކަލޭގެފާނަށްޓަކައި ރިވެތިވާ ފަދައިން ތިމަންކަލޭގެފާނު އޭނާއަށްޓަކައި ރިވެތިވެވަޑައިގަންނަވަމެވެ."

އިސްލާމީ ގޭގައި، މައިންބަފައިންނާމެދު ނުރުހުންތެރިވެ، ކިތަންމެ ކުޑަ ބަހެއް ބުނުން ވެސް މާތް ﷲ ވަނީ ދަރީންނަށް މަނާކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (فَلاَ تَقُل لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا) އަލްއިސްރާ: 23، މާނައީ، "އެ ދެމީހުންނަށް އުފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

އިސްލާމީ ގެއަކީ، މެހުމާނުންނަށް ކަމޭހިތާ ދީލަތި ގެއެކެވެ. އެ ގޭގެ ކައިރީގައި ދިރިއުޅޭ އަވަށްޓެރިންނާ މުޢާމަލާތްކުރަން ޖެހެނީ އިޙުސާންތެރިކަމާއެކުގައެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ, وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُحْسِنْ إِلَى جَارِهِ) މާނައީ، "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ، އޭނާގެ މެހުމާނަށް ކަމޭހިތާހުށިކަމެވެ! އަދި ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ، އޭނާގެ އަވަށްޓެރީންނަށް އިޙުސާންތެރިވާހުށިކަމެވެ!"

އިސްލާމީ ގެއަކީ، އެ ގޭގެ އަހުލުވެރިން، އެ ގޭގައި ގެންގުޅޭ ޖަނަވާރުތަކާ އަޅާލާ ގެއެކެވެ.
އަޞްޙާބު ބޭކަލުން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ޖަނަވާރުތަކަށް ހެޔޮކޮށް ހިތުމުން އަޅުގަނޑުމެންނަށް ދަރުމައެއް ލިބޭނެތޯއެވެ؟" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދިރިހުރި ކޮންމެ އެއްޗަކަށް ހެޔޮކޮށް ހިތިޔަސް ދަރުމަ ދެއްވާނެތެވެ."

ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (عُذِّبَتِ امْرَأَةٌ فِى هِرَّةٍ حَبَسَتْهَا حَتَّى مَاتَتْ جُوعًا فَدَخَلَتْ فِيهَا النَّارَ) މާނައީ، "ކުޑަ ބުޅަލަކަށް އަނިޔާކުރި އަންހެނަކަށް ޢަޛާބު ދެއްވުނެވެ. އެކަނބުލޭގެ އެ ބުޅާ ބަނޑުހައިވެގެން ގޮސް މަރުވެއްޖައުމަށް ދާންދެން ބަނދެ ހައްޔަރުކޮށްފައި ބޭއްވިއެވެ. އެކަމުގެ ސަބަބުން އެކަނބުލޭގެ ނަރަކައަށް ވަންނަން ޖެހުނެވެ."

އިސްލާމީ ގޭގައި އަނިޔާވެރިކަމެއް، އިސްތިޣުލާލުކުރުމެއް، ޣީބަ ބުނުމެއް، ދެބައޮޑުވުމެއް، ޖާސޫސުކުރުމެއް ނެތެވެ.
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެއެވެ. (الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ) މާނައީ، "އެއް މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. މުސްލިމަކު، މުސްލިމަކަށް އަނިޔާވެރިނުވާނެއެވެ. އަދި އަނިޔާވެރިކަމުގެ ތެރެއަށް އޭނާ، އެހެން މުސްލިމަކު އެއްލައެއް ނުލާނެއެވެ."

އިސްލާމީ ގެއަކީ، އެގޭގެ އަހުލުވެރިންގެ މެދުގައި ގުޅުން ބަދަހި ގެއެކެވެ. އަދި އެގޭގައި ދިރިއުޅޭ މީހުން، އެކަކު އަނެކަކަށް އެހީތެރިވެދެއެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) މާނައީ، "އެއް މުއުމިނަކު އަނެއް މުއުމިނަކަށް ވާގިވެރިވެ އުޅުމުގެ މިސާލަކީ، ބިނާއެއްގެ މިސާލެވެ. އޭގެ އެއްބައި އަނެއް ބައި ވެއްޓުނަނުދީ ހިފަހައްޓާދެއެވެ."

އިސްލާމީ ގޭގެ އަހުލުވެރިންނަކީ، އެހެން މީހުންގެ ގޯތި ގެދޮރުން ފޭރޭ ބަޔެއް ނޫނެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (مَنْ ظَلَمَ مِنَ الأَرْضِ شَيْئًا طُوِّقَهُ مِنْ سَبْعِ أَرَضِينَ) މާނައީ، "ބިމުން ކައިވަތެއްގެ މިންވަރު ފޭރިގަނެ އަނިޔާވެރިވެއްޖެ މީހާއެވެ. ހަތްބިމުގެ އަޑިޔަށް ދާންދެން އޭނާގެ ކަރުގައި އެތަން އެލުވިފައިވާ ޙާލު، ޤިޔާމަތްދުވަހު، އޭނާ މަޙުޝަރަށް ދާން ޖެހޭނެއެވެ. (ނުވަތަ އެޙާލުގައި އޭނާ ހަތްބިމުގެ އަޑިޔަށް ވައްޓަވައިލެއްވޭނެއެވެ.)"

އިސްލާމީ ގޭގައި ކުދިބޮޑު އެންމެނަށް، ވާރުތަމުދަލުން ލިބެންޖެހޭ ޙައްޤުތައް މާތް ﷲ، ޝަރުޢުކުރައްވާފައި ވެއެވެ. އަނިޔާވެރިވުމެއް، ނުވަތަ އެކަހެރިކުރުމެއް، ނުވަތަ ދަހިވެތިކަމެއް ނެތިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ وَلِلنِّسَاء نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا) އައްނިސާ: 7، މާނައީ، "މައިންބަފައިންނާއި، ތިމާގެ މީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބައެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށް ވެސް ބައެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުން ވެސް ކަނޑައެޅިގެންވާ ބައެއްގެ ގޮތުގައެވެ."

އޭ މުސްލިމު އަޚާއެވެ! އޭ މުސްލިމު އުޚުތާއެވެ!
ބަޔާންވެދިޔައީ، ތިޔަ އަޚާއި ތިޔަ އުޚުތު، ބިނާކޮށް އާރާސްތުކުރުމަށް އެދެވިގެންވާ ގެއެވެ. އެ ގެ ބިނާކޮށް އާރާސްތުކުރަންވީ، އެކަމަށްޓަކައި މާތް ﷲ ކަނޑައަޅުއްވާފައިވާ މަންހަޖާ އެއްގޮތަށެވެ. އޭގައިވާ ގޮތުގެ މަތިން ދިރިއުޅުން އާބާދުކޮށް، އޭގެ ވަސްމީރުކަމުން ދިރިއުޅުމުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައެވެ.



ފައިދިގުމަކުނުގެ ގެ

ފައިދިގުމަކުނުގެ ގެޔަކީ، އެންމެ ދެރަ ނިކަމެތި ގެއެވެ. އެއީ، އެގޭގައި މަވައްދަތާއި ރަޙުމަތު، ނުވާތީއެވެ. ފަހެ، ދަރިމައިވުމަށްފަހު، އެގޭގައި ދިރިއުޅޭ އަންހެން ފައިދިގުމަކުނު، ފިރިހެން ފައިދިގު މަކުނު ކާލައެވެ. އަދި ޅަ ފައިދިގު މަކުނުތައް ބޮޑެތިވުމުން، އެސޮރުމެން، އެސޮރުމެންގެ މަންމަ ކާލައެވެ. އެ ގެއަކީ، ބިރުވެރިކަމުން ފުރިފައިވާ ގެއެއްކަމުގައިވާތީ، އެ ގޭގައި އުޅެން ނުކެރިގެން، ފިރިހެން ފައިދިގު މަކުނު ދުވެ ފިލައި ރައްކާވެއެވެ.

ފައިދިގުމަކުނުގެ ގޭގެ އަހުލުވެރިންގެ މެދުގައި އޮންނަނީ، ދުންޔަވީ ވަގުތީ މަޞްލަޙަތާއި މަންފާގެ މައްޗަށް ޤާއިމުވެފައިވާ ގުޅުންތަކެކެވެ. އެ މަޞްލަޙަތާއި މަންފާ ނިމިއްޖެނަމަ، އެ ގުޅުންތައް ނިމިދެއެވެ. އެއަށްވުރެ ވެސް ނުބައި ގުޅުމަކީ، އަންހެން ފައިދިގުމަކުނާއި ފިރިހެން ފައިދިގުމަކުނާ ދެމެދުގައި އޮންނަ ގުޅުމެވެ. އަންހެން ފައިދިގުމަކުނު، ފިރިހެން ފައިދިގުމަކުނަށް ގޮވައި، ނަލަހެދި ޒީނަތްތެރިވަނީ، ޖިންސީ ގުޅުމަށްޓަކައެވެ. އެގުޅުން ނިމުމުން، ފިރިހެންފައިދިގު މަކުނު މަރާލަން، އަންހެން ފައިދިގުމަކުނު މަސައްކަތްކުރެއެވެ. ދެން އެ އަންހެން އެތީގެ ކިބައިން ސަލާމަތްވެވިއްޖެނަމަ، ފިރިހެން އެތި ބިރުން ދުވެ ފިލައި ރައްކާވެއެވެ.

މިދެންނެވި އަންހެންފައިދިގުމަކުނާ އެއްފަދަ އަންހެނެއްގެ މިސާލަކީ، ފިރިހެނެއްގެ ގެއާއި މުދަލުގެ ދަހިވެތިކަމުގައި އޭނާއާ އިންނަ އަންހެނާއެވެ. ފިރިމީހާގެ މުދަލުގެ މައްޗަށް އޭނާއަށް ވެރިވެވިއްޖެނަމަ، ފިރިމީހާގެ ގާތުން ވަރިވެއެވެ. ދެން އެހެން ފިރިހެނަކު ހޯދައިގެން އޭނާގެ ބޭނުންތައް ފުއްދަން އުޅެއެވެ. ބައެއްފަހަރު، ވަރިކުރި ފިރިމީހާ ގޮވައިގެން ކޯޓަށްގޮސް އޭނާ ކުށްވެރިކުރަން ވެސް މަސައްކަތްކުރެއެވެ. މިފަދަ އަނބިންނާ އިނދެގެން އުޅޭ ފިރިން، ބަލިވެއްޖެނަމަ، އެނދުމަތިން ވެސް ޖާގަ ނުދެއެވެ. މިވައްތަރު އަނބިން، ފިރިންނާ ވަކިވެގެން ދަނީ "ބްލެކް ވިޑޯ" އެއްގެ ސިފައިގައެވެ. "ބްލެކް ވިޑޯ" އަކީ ޢަޖާއިބުން ފުރިގެންވާ، ފައިދިގު މަކުނުގެ ދުނިޔޭގައި ދިރިއުޅޭ އޭގެ ވައްތަރަކަށް ވެސް ކިޔާ ނަމެކެވެ.

ފައިދިގުމަކުނުގެ ގޭގައި، ޅަ ފައިދިގުމަކުނުތައް ދިރިއުޅެމުން ގެންދަނީ ހަމަހިމޭނުންނެވެ. މައިއެތީގެ ބެލުމުގެ ދަށުގައި ވަރަށް ކިޔަމަންތެރި ކަމާއެކުގައެވެ. އެސޮރުމެން ބޮޑެތިވެ ވަރުގަދަ ވެއްޖައުމަށް ދާންދެން އެގޮތުގައި ދިރިއުޅެއެވެ. އެސޮރުމެން ބޮޑެތިވެ ވަރުގަދަ ވުމުން، އެސޮރުމެން ބަލައި ބޮޑުކުރި މައިއެއްޗަށް އުރެދި، އެއަށް އަނިޔާވެރިވެ، އޭތި މަރައިގެން ކާލައެވެ. އެސޮރުމެންގެ ބަފައިއެތި ގެއިން ނުކުމެގެން ދިޔައީ، އެސޮރުމެންގެ މައިއެތީގެ އަނިޔާވެރިކަމުން ސަލާމަތްވާން ވެގެންނެވެ. އެ މައި އެއްޗަށް ދަރިވަރުވެ، އެސޮރުމެން އެ މައިއެތި ކާލަނީއެވެ.

މިފަދަ ގޭގެ މިސާލަކީ، ފިރިމީހާ ދިރިނޫޅޭ ގެއެވެ. އަދި ދަރިންތައް ބޮޑެތިވުމުން، އެ ދަރީން، މައިންބަފައިން ގެއިން ނެރެ، ބޭރަށްލާ ގެއެވެ. އެފަދަ ދަރީން، އެމީހުންގެ މައިންބަފައިން މަރާލުމަށްފަހު، އެމީހުންގެ އަނބީންނަށް ގެއިން ޖާގަދޭތަން ވެސް އާދެއެވެ.

ފައިދިގުމަކުނުގެ ގެއަކީ، ޖަނަވާރުތަކަށް ރަޙުމުކުރާ ގެއެއް ނޫނެވެ. އެގެއަށް ސޫތްޕެއް ވަދެއްޖެނަމަ، ފައިދިގުމަކުނު، އެ ސޫފި ޝިކާރަކުރެއެވެ.

ފައިދިގުމަކުނުގެ ގޭގައި ފިރިހެން އެތީގެ ދައުރަކީ، ޖިންސީ ގުޅުން ހިންގައި، ކައި، އަރާމުކުރުމެވެ. މިކަމަށް ބޭނުންވެއްޖެނަމަ، ގެއަށް ވަދެއެވެ. ބޭނުން ފުދުމާއެކު، އަންހެން އެތި ދެކެ ބިރުން، ގެއިން ނުކުމެ ދުވެ ފިލައި ރައްކާވެއެވެ.
ބައެއް ފިރިހެނުންގެ މިސާލަކީ، ފިރިހެން ފައިދިގުމަކުނުގެ މިސާލެވެ. އެބައިމީހުންގެ ގާތުގައި ގެއަކީ، ނިދުމާއި އަނބިފިރިކަމުގެ ގުޅުން ހިންގުމާއި ކެއުމާއި މިފަދަ އެހެނިހެން މާއްދީ ބޭނުންތައް ފުއްދުމަށްވާ ތަނެކެވެ. އެއިން ކަމަކަށް ބޭނުންވެއްޖެނަމަ، ގެއަށް ވަންނާނެއެވެ. ބޭނުން ފުދުމުން، ކޮފީ ޝޮޕަކަށް ނުވަތަ ކްލަބަކަށް ނުވަތަ ހޮޓަލަކަށް ނުވަތަ އެކުވެރިންނާއެކު ކޮންމެވެސް ތަނަކަށް ހިނގައިދެއެވެ. ގެއަށް އެނބުރި އަންނާނީ އަނެއްކާވެސް ބޭނުމެއް ޖެހުނީމައެވެ.

ފައިދިގުމަކުނުގެ ގޭގައި ހުރިހައި ބާރެއް އޮންނަނީ، އަންހެން އެއްޗަށެވެ. ގެ ބިނާކޮށް، ގެއަށް ވަނުމުގެ ހުއްދަ، ފިރިހެން އެއްޗަށް ދެނީ ވެސް އަންހެން އެއްޗެވެ. އަންހެން އެތި ދިރިއުޅެން ބޭނުންވަނީ، ފިރިހެން އެއްޗާ ވަކިންނެވެ. ފިރިހެން އެތި އެ ގޭގައި ދިރިއުޅެން ބޭނުންވެއްޖެނަމަ، އުޅެން ޖެހޭނީ ވަރަށް ވެސް ނިކަމެތި ޙާލެއްގައެވެ. ބިރާއި ނުރައްކަލުން ފުރިފައިވާ އަނދަވަޅެއްގެ ތުންފަތް މަތީގައެވެ.

އެފަދަ ގޭގެ މިސާލަކީ، ފިރިމީހާގެ ބަސް ނުވިކޭ ގެއެވެ. އެފަދަ ގޭގައި ހުރިހައި ކަމެއް ހިނގާނީ، ބްލެކް ވިޑޯއެއް ފަދަ އަނބިމީހާގެ އަމުރަށެވެ.

މުސްލިމު އަޚާއެވެ! އެންމެނަށް އިޙުތިރާމުކުރެވޭ އަމާން ގެއެއް އިޚުތިޔާރުކުރާށެވެ!
މުސްލިމު އުޚުތާއެވެ! ހަމަ އެފަދަ ގެއެއް ތިބާ ވެސް އިޚުތިޔާރުކުރާށެވެ!

ފައިދިގުމަކުނުގެ ގެ ފަދަ ގެއެއް އިޚުތިޔާރުކޮށްފިނަމަ، އެ ގެ ވާނީ ވަރަށް ވެސް ނިކަމެތިވެގެންވާ ގެއެއް ކަމުގައެވެ. އެ ގޭގައި އެއްވެސް މީހަކަށް ރަޙުމުކުރުމެއް، އޯގާވެރިކަމެއް ނޯންނާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاء كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ لَوْ كَانُوا يَعْلَمُونَ) އަލްޢަންކަބޫތު: 41، މާނައީ، "ﷲ ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގު މަކުނުގެ މިސާލެވެ. ހަމަކަށަވަރުން ގެތަކުގެ ތެރެއިން ދެރަވަރު ގެއަކީ، ފައިދިގު މަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ."



ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް

ނަންގަނެވިދިޔަ އާޔަތުގައިވާ (لَوْ كَانُوا يَعْلَمُونَ) ގެ ދަށުގައި ފާހަގަކޮށްލަން ޖެހޭ ނުކުތާތަކެއް އެބަހުއްޓެވެ. (لَوْ كَانُوا يَعْلَمُونَ) ގެ މާނައީ، "އެކަން އެއުރެން ދަންނަނަމައެވެ."

1. މަވައްދަތާއި ރަޙުމަތާއި ލޯތްބާއި އަމާންކަމާއި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއި އެކަކު އަނެކަކަށް އިސްކަން ދީގެން ދިރިއުޅުމާއި ހެޔޮކަމާއި ތަޤުވާވެރިކަމުގައި އެހީތެރިވުމުގެ މުހިންމުކަމާއި މިކަންކަމުގެ ބޭނުންކޮށްގެން ގެދޮރު ވަރުގަދަކުރަން ޖެހެއެވެ.

2. އިޖުތިމާޢީ ރަނގަޅު ގުޅުންތަކާއި، ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯތްބާއި ރަޙުމަތުގެ ގުޅުމާއި ދަރީންނާއި ގާތްތިމާގެ މީހުންނާއި އަވަށްޓެރީންނާއެކު އޮންނަންޖެހޭ ރަޙުމަތާއި އޯގާވެރިކަމާއި އެކުވެރިކަމުގެ ގުޅުން ނެތިގެން ދިއުމުގެ ނުރައްކާތެރިކަމެއް ކަން ދަންނަން ޖެހެއެވެ.

3. އިސްލާމީ ގޭގެ ޤިވާމަތު، ފިރިމީހާއަށް އޮތުމުގެ މުހިންމުކަން.
ޤިވާމަތުގެ ޙަޤީޤީ މާނަ، ފިރިމީހާ ދަންނަން ޖެހެއެވެ. ޤިވާމަތަކީ، ހެޔޮ ގޮތުގައި، އަނބި، ދަރީންނާ މުޢާމަލާތްކުރުމާއި، އަނބި، ދަރީންނާއި ރަޙިމުގެ ގުޅުން އޮންނަ ގާތްތިމާގެ މީހުން ބަލަހައްޓައި އެބައިމީހުން ޙިމާޔަތްކުރުމާއި އެބައިމީހުންނަށް ޚަރަދުކުރުމެވެ.
މި ޤިވާމަތުގައި، އަންހެނުންގެ އިޖުތިމާޢީ، ނަފުސާނީ، ޖިސްމާނީ، ސަގާފީ ޙައްޤުތައް ފުރިހަމައަށް ލިބިދީފައި ވާކަމާއި، އަދި އިސްލާމީ މުޖުތަމަޢުގެ ޝަޚުޞިއްޔަތު ވަނީ މި ޤިވާމަތުގައިކަން އަނބިމީހާ ދަންނަން ޖެހެއެވެ.
ޣައިރު މުސްލިމުންގެ ތެރޭގައި މި ޤިވާމަތު ނެތުމުގެ ސަބަބުން، ޣައިރު މުސްލިމު އަންހެނުންގެ ޙައްޤުތައްވަނީ ގެއްލިފައެވެ. އެބައިމީހުންގެ ތެރޭގައި، އަންހެން ކުއްޖަކު ބާލިޣުވުމުން، އެކުއްޖާ ގެއިން ނެރެލެވެއެވެ. އަދި އަންހެނަކު މުސްކުޅިވުމުން އޭނާޔާ އަޅާލާނެ މީހަކު ނުހުރެއެވެ.

4. ޢާއިލާ ބިނާކުރުމުގެ އިސްލާމީ ނިޒާމު ފުނޑުފުނޑުކޮށްލުމުން، މުސްލިމުންގެ ގެދޮރު، ފައިދިގު މަކުނުގެ ގެތަކާ އެއްފަދަވެގެން ދެއެވެ. ދެން ވާގޮތަކީ:
ބައްޕަ، އޭނާގެ ދަރިފުޅު ގެއިން ނެރެލައެވެ.
ދަރިފުޅު، އޭނާގެ މަންމައާއި ބައްޕަ މަރާލައެވެ.
މަންމައާއި ބައްޕައަށް ނުކިޔަމަންތެރިވެ، އަންހެން ދަރިފުޅު ގެއިން ބޭރަށް ގޮސް، މަދު އެތިކޮޅަކަށް ވިކިދެއެވެ.
އަނބިމީހާ، އޭނާގެ ފިރިމީހާއަށް ބޮނޑިއެއް ދޭނެ ގޮތެއް ރާވައި ތަންފީޒުކުރެއެވެ.
ފިރިމީހާ، އޭނާގެ އަނބިމީހާ ނަހަމަގޮތުގައި ބޭނުންކޮށް އެގޮތުގައި އަނބިމީހާ ގެންގުޅެއެވެ.

5. އަންހެނުންގެ ޙަޤީޤީ މިނިވަންކަން އޮތީ، މާތްވެގެންވާ އިސްލާމްދީނުގައެވެ. އެހެނީ، މި މާތް ދީންވަނީ، އެކަނބަލުންނަށް މާއްދީ ޙައްޤުތަކާއި ނަފުސާނީ ޙައްޤުތަކާއި ޖިސްމާނީ ޙައްޤުތަކާއި ޢިލްމީ ޙައްޤުތައް ފުރިހަމައަށް ދީފައެވެ.

6. ފިރިހެނުން އަންހެނުންނާ ދެކޮޅަށް ތެދުވުމަށާއި އަންހެނުން ފިރިހެނުންނާ ދެކޮޅަށް ތެދުވުމަށް، މުސްލިމުންގެ ތެރޭގައި އުފުލޭ އަޑުތަކަކީ މާތްވެގެންވާ އިސްލާމްދީނުގައި ވާ އެއްޗެއް ނޫނެވެ. އެއީ، އެ އަޑު އުފުލާ ބަޔެއްގެ އާދަކާދަތަކުގެ ތެރޭގައިވާ އިސްލާމްދީނާ ޚިލާފު އަޑުތަކެކެވެ.

މުސްލިމު އުޚުތާއެވެ!
މިދެންނެވި ކަންތައްތައް ދެނެގަތުމަށްޓަކައި ތިބާ އުނގެނެން ޖެހެއެވެ. ތަޢުލީމު ޙާޞިލުކޮށް ޢިލްމު ލިބިގަންނަން ޖެހެއެވެ.
މާތް ﷲ ގެ ވަޙީ ބަސްފުޅުގައިވަނީ މިހެންނެވެ.
(وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ لَوْ كَانُوا يَعْلَمُونَ)
މާނައީ، " ހަމަކަށަވަރުން ގެތަކުގެ ތެރެއިން ދެރަވަރު ގެއަކީ، ފައިދިގު މަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ." އާދޭހެވެ. އެކަން ދެނެގަނެވޭނީ ޢިލްމު އުނގެނި، ފޮތްތައް ކިޔަވައި، ތަޢުލީމު ޙާޞިލުކުރުމުންނެވެ.

އެމީހެއްގެ ގެއަކީ، ފައިދިގުމަކުނުގެ ގެ ކަމުގައި ވުމަށް އެދޭނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟
ގޭގައި ދިރިއުޅޭ މީހުންގެ މެދުގައި އިޖުތިމާޢީ ގުޅުންތައް ކެނޑިފައިވާ ގެއެއްގައި ދިރިއުޅުމަށް ރުހޭނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟
އަމާންކަން ގެއްލިފައިވާ ގެއެއް ޤަބޫލުކުރާނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟
ބިރުވެރިކަމާއި ހިތްދަތިކަމާއި ކަންބޮޑުވުމާއި ހާސްވުމުން ފުރިފައިވާ ގެއަކަށް މުހުތާދުވާނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟
ގައިގައި ބާރު ހުންނައިރު އެމީހަކަށް މަރްޙަބާ ކިޔޭ، އަދި ގައިގެ ބާރު ދެރަވާ ދުވަހު އެމީހަކު ބޭރުކޮށްލެވޭ ގެއެއްގައި ދިރިއުޅެން ދާނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟
(އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް، އެފަދަ ގެއަކަށް ނޭދޭނެއެވެ. އެފަދަ ގެއަކާމެދު ނުރުހޭނެއެވެ. އެފަދަ ގެއެއް ޤަބޫލުނުކުރާނެއެވެ. އެފަދަ ގެއެއް މުހުތާދު ނުވާނެއެވެ. އަދި އެފަދަ ގެއެއްގައި ދިރިއުޅެން ރުހުމުގައި ނުދާނެކަން ކަށަވެރެވެ.)

މުސްލިމު އަޚާއެވެ!
މުސްލިމު އުޚުތާއެވެ!
މާތް ﷲ އަށް ކިޔަމަންތެރިވުމާއި ބިރުވެތިވުމާއި ލޯތްބާއި ރަޙުމަތުގެ ބިންގަލުގެ މަތީގައި، ތިޔަ ދެ ކަނަބަލުންގެ ގެ ބިނާކޮށް އާރާސްތުކުރާށެވެ! ކޮންމެވެސް ދުވަހަކުން، ތިޔައިގެ ދެ ކަނބަލުން ލޯތްބާއި ރަޙުމަތަށް ބޭނުންވާ ހިނދު، އޭގެ މުޑުވަކުގެ އަސަރު ގޭތެރޭން ފެންނާނީ އޭރުންނެވެ. އެ މުޑުވަކަށް ފެންދީ ހައްދަންވާނީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުންނެވެ. އަދި އެކަކު އަނެކަކަށް އިސްކަން ދީގެން ދިރިއުޅޭ ދިރިއުޅުމުންނެވެ. އެއިން ފަޅާ ގަހުގެ މޫތައް ބިމަށް ހަރުލައި، އެ ގަސް ވަރުގަދަވެ، އޭގެ ގޮފިތައް ފެތުރި، އޭގެ ފަތްތައް ގިނަވެ، އޭގައި އަޅާ މާތަކުގެ ވަސްމީރުކަން ތިމާވެށްޓަށް ފެތުރިގެން ދާނި އޭރުންނެވެ. އަދި އޭގައި އަޅާ މާތަކުގެ ކުލަތައް ރިވެތިވެ، އޭގައި އަޅާ މޭވާތަކުން މީސްތަކުންނަށް މީރު ރަހައާއި އުފާވެރިކަން ލިއްބައިދޭނީ ވެސް އޭރުންނެވެ. ކީއްތޯއެވެ. އޭރުން އެ މޭވާތައް ވާނީ، އެ ގޭގެ އަހުލުވެރިންނަށާއި ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް، ތަޤުވާއާއި ލޯތްބާއި އިޚުލާޞްތެރިކަމުގެ ރިޒުޤު ކަމަށެވެ.



ނޯޓް

ފައިދިގުމަކުނުގެ ގޭގެ ދެރަކަމަކީ، އެ ގެ ބިނާކޮށްފައިވާ މަކުނުވާގެ ދެރަކަން ކަމަށް ބައެއް މީހުން ހީކުރެއެވެ. ނަމަވެސް މިޒަމާނުގެ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، މަކުނުވަލަކީ، ވަރަށް ވަރުގަދަ އެއްޗެކެވެ. އެއީ އެކަތައަށްވުރެ ވެސް ވަރުގަދަ އެއްޗެކެވެ. ވީއިރު، ފައިދިގުމަކުނުގެ ގޭގެ ދެރަކަން އޮތީ ކޮން ކަމެއްގައިތޯއެވެ؟

ލިޔެވިދިޔަ މަޢުލޫމާތުން ހާމަވެގެން ދިޔަ ފަދައިން، ފައިދިގުމަކުނުގެ ގޭގެ ދެރަކަމާއި ނިކަމެތި ކަމަކީ، އެގޭގައިވާ އިޖުތިމާޢީ ގުޅުމުގެ ދެރަކަމާއި އެއްބައިވަންތަކަމުގެ ހީނަރުކަމެވެ. އޭގެ އިތުރުން، އެ ގެއަކީ، ތިމާވެށީގައިވާ އެކިއެކި ޢަވާމިލުތަކުން ޙިމާޔަތްވެފައިވާ ގެއެއް ނޫނެވެ. އެފަދަ ޢަވާމިލުތަކުގެ ތެރޭގައި ވާރެއާއި ހޫނާއި ފިންޏާއި ހިރަފުހާއި އަވި ހިމެނެއެވެ. އެ ގޭގެ ނިކަމެތި ކަމަކީ، މި ޢަވާމިލުތަކުން ޙިމާޔަތް ވެފައި ނެތުން ކަމަށް އިހުގެ ބައެއް މުފައްސިރުން ވިދާޅުވެފައި ވެއެވެ.


މަޢުޟޫޢުގެ ނަން: بيت المسلم و بيت العنكبوت معجزة علمية
އަޞްލު ލިޔުއްވީ: ޑރ. نظمي خليل أبو العطا موسى
މަޞްދަރު: موسوعة الإعجاز العلمي في القرآن والسنة (ޤުރުއާނާއި ސުންނަތުގައިވާ ސައިންޓިފިކް އިޢުޖާޒުގެ އެކުމާފާނު)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ