އަދުގެ ޚާއްސަ

Print

އެކުވެރިކަމަކީ، ވަރުގަދަ ބާރެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


ވާހަކަ 1

ޙިކުމަތްތެރި ވާހަކައެއްގައި ވެ އެވެ.

ބުއްދިވެރި މުސްކުޅިޔަކު، އޭނާގެ ދަރިންތައް ގެނެސް، އެކުދިންގެ އަތަށް ބަނދެފައިވާ ދަނޑި ބޮޑިއެއް ދިނެވެ. އަދި އެ ދަނޑި ބޮނޑި ބިންދާލުމަށް އެއިން ކޮންމެ ކުއްޖެއްގެ ގާތުން އެދުނެވެ. ދެން އެއިން ކޮންމެ ކުއްޖަކު، އެ ދަނޑި ބޮނޑި ބިންދާލެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް، އެއިން އެއްވެސް ކުއްޖަކަށް އެކަމެއް ނުކުރެވުނެވެ.

ދެން މުސްކުޅިޔާ، އެ ދަނޑިބޮނޑި މޮހާލާފައި އޭގައިވާ ދަނޑިތައް، ވަކިވަކިން ބިންދާލުމަށް އެ ކުދިންގެ އަތަށް ދިނެވެ. އެހނިދު، ނުހަނު ފަސޭހަކަމާއެކު، އެކުދިން އެހުރިހައި ދަނޑިތަކެއް ބިންދާލި އެވެ. އެކުދިން މިކަން ކުރުމުން، އެކުދިންގެ ބުއްދިވެރި ބައްޕަ، ވަރަށް އަގުހުރި ނަސޭހަތެއް ދިނެވެ.

"ތިޔަކުދިންގެ މިސާލަކީ، މި ދަނޑިބޮނޑީގެ މިސާލެވެ. އެކުވެރިވެ އެއްބަޔެއްގެ ގޮތުގައި ދިރިއުޅޭހައި ހިނދަކު، ތިޔަ ކުދިން ބަލިކޮށްލުމަކީ، އެހެން މީހުންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ތިޔަކުދިން ބައިބައިވެ، ތިޔަކުދިންގެ މެދުގައިވާ އެއްބައިވަންތަކަން ނަގާލައިފިނަމަ، ތިޔަކުދިން ބަލިކޮށްލުމަކީ، އެހެން މީހުންނަށް ނުހަނު ފަސޭހަކަމެއް ކަމުގައި ވާނެ އެވެ."



ވާހަކަ 2

ކަޢުބަތު ﷲ ގެފުޅު ބިނާކުރެއްވުމަށް، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވި އެވެ. އެހިނދު، އެކަލާނގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމުގެފާނު ފެށްޓެވި އެވެ. އެކަމުގައި އެކަލޭގެފާނާ އެހީތެރިވެވަޑައިގެންނެވުމަށް، އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި އެވެ. ދެން ނުހަނު ކިޔަމަންތެރިކަމާއެކު، އިސްމާޢީލުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް އެހީތެރިވެވަޑައިގެންނެވި އެވެ. އެގޮތުގެ މަތިން، އެ ދެ ބަފައިކަލުން، އެކުވެރިކަމާއެކު، ގެފުޅު ބިނާކުރައްވައި، މާތް ﷲ ގެ ޙަޟުރަތަށް ހެޔޮ ދުޢާ ކުރެއްވި އެވެ.

މިވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެ އެވެ. (وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ) އަލްބަޤަރާ: 127. މާނައީ، "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރައްވާށެވެ! (އެހިނދު ދުޢާކުރެއްވި އެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާންދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

މައިންބަފައިންނާއި ދަރިން، އެކުވެރިކަމާއެކު މަސައްކަތްކޮށްގެން، ދިރިއުޅުން ބިނާކޮށް އާރާސްތުކުރުމަށް މިވާހަކައިން އިރުޝާދުލިބެ އެވެ. އަދި މައިންބަފައިން ކުރާ މަސައްކަތްތަކުގައި ދަރިން ބައިވެރިވެ، މައިންބަފައިންނަށް އެހީތެރިވެ ދިނުމަކީ، ދަރިން ކުރަންޖެހޭ ކަމެއް ކަން ވެސް މިވާހަކައިން އެނގެ އެވެ.



ވާހަކަ 3

މާތް ﷲ، މޫސާގެފާނަށް ރަސޫލުކަން ދެއްވައި، ފިރުޢައުނުގެ ގާތަށް ވަޑައިގެންނެވުމަށް އެންގެވި އެވެ. އެހިނދު، އެކަލޭގެފާނު އެކަލާނގެ ޙަޟުރަތުގައި ދެންނެވީ، އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު ފޮނުއްވައި ދެއްވުމަށެވެ. މާތް ﷲ އެކަލޭގެފާނާ ޙަވާލުކުރެއްވި ރިސާލަތު އަދާކުރެއްވުމުގައި، ބޭބޭފުޅުގެ އެހީތެރިކަން ހޯއްދެވުމަށްޓަކަ އެވެ.

މިވާހަކަ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެ އެވެ. (وَاجْعَل لِّي وَزِيرًا مِّنْ أَهْلِي، هَارُونَ أَخِي، اشْدُدْ بِهِ أَزْرِي، وَأَشْرِكْهُ فِي أَمْرِي) ޠާހާ: 29-32. މާނައީ، "އަދި ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވާގިވެރިޔަކު، ތިމަންކަލޭގެފާނަށް ލައްވާނދޭވެ! (އެއީ) ތިމަންކަލޭގެފާނުގެ އަޚު ހާރޫނުގެފާނެވެ. އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނު ބާރުގަދަ ކުރައްވާނދޭވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: ރަސޫލުކަމާއި، އެކަން ތަބުލީޣުކުރެއްވުމުގެ މަސްއޫލިއްޔަތުގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!"

ގާތް ތިމާގެ މީހުންގެ މެދުގައި ބަދަހި ގުޅުންތައް ބޭއްވުމަށާއި، އެބައިމީހުންނަކީ، ތިމާމެން ކުރަންޖެހޭ ބޮޑެތި ކަންތައްތަކަށް ވާގިވެރިވާ މީހުން ކަމުގައި ހެދުމަށް މި ވާހަކައިން އިރުޝާދު ލިބެ އެވެ. މިއީ، މާތް ﷲ ގެ އިރުޝާދެވެ. އެކަލާނގެ ދައްކަވާފައިވާ ތެދުމަގެވެ. މި މަގާ ތަބާވެއްޖެ މީހަކަށް މަލާމާތް ކުރެވޭނެ ޖާގައެއް ނެތެވެ. މި މަގުން އެއްކިބާވެ، ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލިއްޖެ މީހަކަށް ލިބޭނެ ކާމިޔާބެއް ނެތެވެ.



ވާހަކަ 4

ޛުލްޤަރުނައިނި ރަސްގެފާނަށް ވަރަށް ބޮޑު ރަސްކަމެއް މާތް ﷲ ދެއްވިއެވެ. ނަމަވެސް، އެމަނިކުފާނު، އެކަލާނގެ ދެއްވި އާރާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިއްޕަވަ އެވެ. ބިމުގެ ކަންކޮޅުތަކަށް ދަތުރުކުރައްވައި، ދުނިޔޭގައި ޢަދުލުވެރިކަން ޤާއިމުކުރެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި އެވެ. އެމަނިކުފާނުގެ ޒަމާނުގައި ފަސާދަކުރާ ބަޔަކު އުޅުނެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެވެ. އެ މީހުންނަކީ، އެމީހުންގެ ރަށާ އިންވެގެން އޮންނަ ރަށްތަކަށް އަރައި، އެ ރަށްތައް ލޫޓުވައި އުޅުނު ބަޔެކެވެ.

ޛުލްޤަރުނައިނި ރަސްގެފާނު، އެ ސަރަޙައްދަށް ވަޑައިގެންނެވުމުން، އެ ރަށްތަކުގެ އަހުލުވެރިން އެމަނިކުފާނުގެ މަދަދަށް އެދި ދެންނެވި އެވެ. އެބައިމީހުން އެމަނިކުފާނުގެ އަރިހުގައި ދެންނެވީ، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާ، އެބައިމީހުންގެ ރަށްތަކާ ދެމެދުގައި އުސް ފާރެއް ބިނާކޮށްދެއްވުމެވެ. މިވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެ އެވެ. (قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَى أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا) އަލްކަހުފު: 94. މާނައީ، "އެއުރެން ބުނެފޫ އެވެ. އޭ ޛުލްޤަރުނައިނި އެވެ! ހަމަކަށަވަރުން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯ އެވެ؟"

ދެން އެބައިމީހުންނަށް ޛުލްޤަރުނައިނި ދެއްވި ޖަވާބު، ނަންގަނެވި ދިޔަ އާޔަތާ ޖެހިގެން އޮތް އާޔަތުގައި ވެ އެވެ. (قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا) އަލްކަހުފު: 95. މާނައީ، "އޭނާ ވިދާޅުވި އެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ."

އެބައިމީހުންގެ ގާތުން ޛުލްޤަރުނައިނި އެދިވަޑައިގެންނެވީ، އެއްބައިވަންތަކަމާއެކު، އެބައިމީހުން އެމަނިކުފާނަށް އެހީތެރިވުމަށެވެ. އެ އެންމެންނަކީ، އެކެއްގެ އަމުރަށް ކިޔަމަންވާ ބަޔެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. އެހެނީ، އެފަދަ ހުރަހެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށްވެސް ބޮޑެވެ. އެކަމަށްޓަކައި، ބިމުގެ ކަންކޮޅުތަކުން ހިލައާއި މަޢުދަނާއި އެނޫންތަކެތި ގެންނަން ޖެހެ އެވެ. ދެން އެބައިމީހުން، ޛުލްޤަރުނައިނިއަށް ފުރިހަމަ ތާއީދާއި އެއްބާރުލުން ދިނެވެ. އެމަނިކުފާނުގެ އެންގެވުންތަކަށް އިޚުލާޞްތެރިކަމާއެކު އިޖާބަދިނެވެ. ނަތީޖާއަކަށްވީ، މާތް ﷲ ގެ ވާގިފުޅާއެކު، އެ ހުރަސް ބިނާކުރެވި، އެބައިމީހުންނަށް އަމާންކަން ލިބުމެވެ.



ވާހަކަ 5

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، ކުރެއްވި އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ، މިސްކިތެއް ބިނާކުރެއްވުމެވެ. އެކަމުގައި އިތުރު އެކަލޭގެފާނުގެ މިތުރު އަޞްޙާބު ބޭކަލުން، ފުރިހަމަ ތާއީދާއި އެއްބާރުލުން، އިތުރު އެކަލޭގެފާނަށް ދެއްވި އެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ހިލައާއި އެނޫންތަކެތި އެއްތަން ކުރުމުގައި ނުހަނު އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އެބޭކަލުން މަސައްކަތްކުރެއްވި އެވެ.

އެއަށްފަހު، މުޝްރިކުންގެ އަނިޔާވެރިކަން މަދީނާއަށް ކުރިމަތިވަމުން ދިޔަ އެވެ. މަދީނާގައި ތިބި މުސްލިމުންނާ ހަނގުރާމަކުރުމަށް އެބައިމީހުން ޤަޞްދުކުރި އެވެ. މުސްލިމުންނަށް އެކަން އެނގުމުން، މަދީނާގެ ވަށައިގެން ޚަންދަޤެއް ކޮނުމުގެ ވިސްނުންފުޅު، ސަލްމާނުލް ފާރިސީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި އެވެ. އެ ވިސްނުންފުޅަށް، އިތުރު އެކަލޭގެފާނު ތާއީދުކުރެއްވި އެވެ. ދެން މަދީނާގައި ތިބި އެންމެހައި މުސްލިމުން ނުހަނު އެކުވެރިކަމާއެކު، ޚަންދަޤު ކޮނުމުގެ މަސައްކަތް ފެށިއެވެ.  ދެން އިސާހިތަކު މުސްލިމުން އެ މަސައްކަތްކޮށް ނިންމި އެވެ. (އެ ޚަންދަޤަކީ ރަށުގެ ވަށައިގެން ފުޅާކޮށް ފުންކޮށް ކޮނެވުނު ވަޅުގަނޑެކެވެ.) ނަތީޖާއަކަށްވީ، މުޝްރިކުން ހީކުރި ގޮތާ ޚިލާފަށް، އަޙުޒާބު ހަނގުރާމައިގައި، މުސްލިމުންނަށް ނަޞްރާއި ނަސީބު ލިބުމެވެ.



އެކުވެރިކަމަކީ ކޮބާ؟

އެކުވެރިކަމަކީ، ހެޔޮކަންތައް ކުރުމުގައި އެކަކު އަނެކަކާ އަދި އެއްބަޔަކު އަނެއް ބަޔަކާ އެހީތެރިވެ، އެއްބައިވަންތަކަމާއެކު ދިރިއުޅުމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ. (وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ) އަލްމާއިދާ: 2. މާނައީ، "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"

މީސްތަކުންގެ މެދުގައި އެކުވެރިކަން ދެމިއޮތުމަކީ، ޟަރޫރީ ކަމެކެވެ. އެހެނީ، އެއްވެސް މީހަކަށް އެކަނިމާއެކަނި ހުރިހައި ކަމެއް ނުކުރެވޭނެ އެވެ. އެހެންކަމުން، މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އުޅުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައިވެ އެވެ. ކީއްތޯ އެވެ. ޚާދިމުން ކުރާ މަސައްކަތުގައި ސާހިބުން ބައިވެރިވެ، ޚާދިމުންނަށް ވެސް އެހީތެރިވުމަށް އިތުރު އެކަލޭގެފާނު ނަޞީޙަތްތެރިވެ ވަޑައިގެންފައި ވެ އެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްކުރައްވާފައި ވެ އެވެ. (وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ) މާނައީ، "އެއުރެންނަށް (އެބަހީ: ޚާދިމުންނަށް) ނުކުރެވޭވަރުގެ ބުރަ މަސައްކަތްތައް، ތިޔަބައިމީހުން އެއުރެންނާ ޙަވާލުނުކުރާށެވެ! ބުރަމަސައްކަތެއް އެއުރެންނާ ޙަވާލުކޮށްފިނަމަ، ތިޔަބައިމީހުން އެއުރެންނާ އެހިތެރިވާށެވެ!"



އެކުވެރިކަމަކީ ޠަބީޢީކަމެއް

އެކުވެރިކަމަކީ، މާތް ﷲ ޚަލްޤުކުރައްވާފައިވާ އެންމެހައި މަޚުލޫޤުންގެ ކިބައިގައި ލައްވާފައިވާ ޠަބީޢީ ކަމެކެވެ. މިސާލަކަށް، ހިނީގެ ދިރިއުޅުމަށް ބައްލަވާށެވެ! ނުވަތަ މާމުއި ކުޅަނދުރުގެ ދިރިއުޅުމަށް ބައްލަވާށެވެ! އެތަކެތީގެ މެދުގައިވާ ފުރިހަމަ އެކުވެރިކަމާއި އެއްބަޔެއްވަންތަކަން ފެނިވަޑައިގަންނަވާނެއެވެ. އެއްގަމުގައި ދިރިއުޅޭ ބިޔަ ޖަނަވާރުތަކާއި ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި ޖައްވުގައި ދިރިއުޅޭ ދޫނިސޫފާސޫފީގެ މެދުގައި ވެސް، އެކުވެރިކަން ލައްވާފައިވެ އެވެ.

މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، އެކަލާނގެ ވަނީ، އިންސާނުންގެ މެދުގައި ވެސް އެކުވެރިކަން ލައްވާފަ އެވެ. ނަމަވެސް، އިންސާނުންގެ ކިބައިން އެ މާތް ސިފަ ނިގުޅައިގަތުމަށް، ޝައިޠާނާ މަސައްކަތްކުރެ އެވެ. އެކަމުން މީސްތަކުން ސަލާމަތްކުރެއްވުމަށްޓަކައި ރަޙުމަތުގެ ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ވަނީ، އެތަކެއް އިރުޝާދުތަކެއް ދެއްވާފަ އެވެ.

އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެ އެވެ. (مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى) ރިވާކުރެއްވީ މުސްލިމު. މާނައީ، "އެކަކު އަނެކަކަށް އޯގާވެރިވުމާއި ރަޙުމަތްތެރިވުމާއި ލޯބިކުރުމުގައި މުއުމިނުންގެ މިސާލަކީ، ހަށިގަނޑުގެ މިސާލެވެ. އެއިން އެންމެ ގުނަވަނަކަށް ވޭނެއް ލިބި ޝަކުވާ ކުޅަޔަސް، އެކަމަށްޓަކައި ހޭލާ ހުރުމާއި ހުންއައުމުން، ހަށިގަނޑުގެ އެހެން ގުނަންތައް ބަލިވެދެ އެވެ." މިޙަދީޘުގައި އިރުޝާދު ދެއްވާފައި ވަނީ، އެންމެހައި މުއުމިނުން އެއް ހަށިގަނޑެއްގެ މިސާލުގައި ދިރިއުޅުމަށެވެ.

އެހެން ޙަދީޘެއްގައި ވެ އެވެ. (الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) ރިވާކުރެއްވީ ބުޚާރީއާއި މުސްލިމު. މާނައީ، "އެއް މުއުމިނު، އަނެއް މުއުމިނާ ގުޅި ލާމެހިފައިވަނީ ބިނާއެއް ފަދައިންނެވެ. އޭގެ އެއްބައި، އަނެއް ބައި ވެއްޓުނަ ނުދީ ހިފަހައްޓަ އެވެ."

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މި އުންމަތަށް ބަޔާންކޮށްދެއްވި ކަންތައްތަކުގެ ތެރޭގައި ވެ އެވެ. މުސްލިމަކު އޭނާގެ އަޚު އަނެއް މުސްލިމެއްގެ މުހުތާދުތައް ފުއްދައިދޭހައި ހިނދަކު، މާތް ﷲ އޭނާގެ މުހުތާދުތައް ފުއްދަވައިދެއްވާނެ އެވެ. މިދުނިޔޭގައި މީހަކާ ކުރިމަތިވެފައިވާ ދަތިކަމަކުން އޭނާ ސަލާމަތްކޮށްދީފި މީހަކަށް، އާޚިރަތް ދުވަހުގައި މާތް ﷲ ދަތިކަމެއް ލުއިކޮށް ދެއްވާނެ އެވެ. މީހަކު އޭނާގެ އަޚު އަނެކާއަށް އެހީތެރިވެ ދިނުމުގައި ދެމިހުރިހައި ހިނދަކު، މާތް ﷲ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެ އެވެ.
<><><>


މަޢުލޫމާތު ނެގި މައުޟޫޢު: التعاون
މަޞްދަރު: موسوعة الأسرة المسلمة

<><><>

ހަމަމިގަލަމުން

އިދާރާ

ވާހަކަ