އަދުގެ ޚާއްސަ

Print

ފާގަތިކަމާއި، ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (5)

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


15 ސެޕްޓެމްބަރ (އަންގާރަ)އާ ގުޅޭ...

އިންސާނާގެ ޙާލަތު ބަދަލުކުރައްވަނީ ކީއްވެ؟


 އިބްރާހީމް ރަޝީދު މޫސާ
  
އިންސާނާގެ ޙާލަތު ބަދަލުވުމަކީ މާތްﷲގެ ޤަޟާއާއި ޤަދަރުގެ ދަށުން ހިގަމުންދާ ކަމެކެވެ. ﷲގެ ސުންނަތުގައިވާ ގޮތުން ފާގަތިކަމުން ތަދުމަޑުކަމަށް، ދަތިކަމުން ލުޔިފަސޭހަ ކަމަށް ދުޅަހެޔޮކަމުން ބަލިމަޑުކަމަށް ، ޙާލަތު ބަދަލުވުމަކީ ޠަބީޢީކަމެކެވެ. މާތްﷲ ވަޙީކުރައްވަނީ وَتِلْكَ الأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ -  آل عمران: ١٤٠ –  ތިމަންރަސްކަލާނގެ  އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. "

ޒަމާނަކީ އެއްގޮތަކަށް އޮންނާނެއެއްޗެއްނޫނެވެ. އެއީ އަބަދުވެސް ކުރިމަތިލުމާއި ފުރަގަސްދިނުން އޭގައި ހިމެނޭ އެއްޗެކެވެ. އިންސާނާއަކީ އެއްގޮތެއްގައި އުޅުމަށް ފޫހިވާ މަޚްލޫޤެކެވެ. މާތްﷲ ފިންޏާއި ހޫނު،   ހަނަފަސްކަމާއި  ތެތްފަސްކަން ލެއްވެވީ މިއިންސާނާ ގެ ކިބައިން މުނިފޫހިކަންފިއްލަވާދެއްވުމަށްޓަކައެވެ. މޫސުން މިގޮތަށް ބަދަލުވުމުގެ ސަބަބުން އޭނާ ލައިއުޅޭ ފޭރަމަށާއި ކާބޯތަކެއްޗަށް ވެސް ބަދަލުއާދެއެވެ. އެހެންކަމުން ޙާލަތު ބަދަލުވުމަކީ އިންސާނާއަށް ބޭނުންތެރިކަމެކެވެ. ތަދުމަނޑުކަން ނާންނަ ނަމަ އިންސާނާއަށް ފާގަތިކަމުގެ ނިޢުމަތް ވަޒަނެއް ނުކުރެވޭނެއެވެ. އިންސާނާ ބަލިނުވާނަމަ ދުޅަހެޔޮކަމުގެ އަގު އިޙްސާސެއް ނުކުރެވޭނެއެވެ. އިންސާނާއަށް ނިޢުމަތުގެ އަގުވަޒަންކުރެވެނީ އެނިޢުމަތެއް އޭނާއަށް ގެއްލުމުންނެވެ. ހިތިކަމުގެ ރަހަ އެގޭނީ ފޮނިކަމުގެ ރަހަ ފެނިފައިވާމީހަކަށެވެ.

    މާތްﷲ އިންސާނާގެ ޙާލަތު ، އެއްޙާލަތުން އަނެއްޙާލަތަށް ބަދަލުކުރައްވަނީ ޙިކްމަތްތަކަކަށްޓަކައެވެ. އޭގެ ތެރޭގައި

1-    ފާގަތިކަމާއި ތަދުމަޑުކަމުގެ  ތެރޭގައިވެސް ﷲ އަށް އިޚްލާޞްތެރިވާ އަޅުންނަކީ ކޮބައިތޯ ބެއްލެވުން : ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީސްކުރައްވަނީ " عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ -    މުއުމިނާގެ ކަންތަކާމެދު އައިޖުފުޅު ވަމެވެ. ހަމަކަށަވަރުން އޭނާގެ ހުރިހާކަމެއްގައިވެސް އޮތީ ހެޔޮކަމެވެ. އެއީ މުއުމިނަކަށް މެނުވީ ލިބިގެންވާކަމެއްނޫނެވެ. އޭނާއާ ފާގަތިކަމަކާ ކުރިމަތިވެއްޖެ ނަމަ އެކަމަށް ޝުކްރުދަންނަވައެވެ. ފަހެ، އެއީ އޭނާއަށް ހެޔޮކަން ހުރިކަމެކެވެ. އަދި އޭނާއަށް ތަދުމަޑުކަމަކާ ކުރިމަތިވެއްޖެ ނަމަ އޭނާ އެކަމަށް ކެތްތެރިވެއެވެ. ފަހެ އެއީ އޭނާއަށް ހެޔޮކަންހުރި ކަމެކެވެ. "

2-    އިންސާނާގެ ޙަޤީޤަތް ހާމަކުރެއްވުން : އިންސާނަކަށް އޭނާއަކީ މާތްﷲ އަށް އީމާންވާ ، އެކަލާނގެ ނިޢުމަތްތަކަށް ޝުކްރުވެރިވާ ، ޒާހިދުމީހެކޭ ބުނެވިދާނެއެވެ. ނަމަވެސް އޭނާގެ ޙަޤީޤަތް ބޭޒާރުވެ، ހާމަވެގެންދާނީ އޭނާއާ އިމްތިޙާނަކާ ކުރިމަތިވުމުންނެވެ. މާތްﷲ ވަޙީކުރައްވަނީ  أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ - وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ العنكبوت: ٢ – ٣- މީސްތަކުން ތިމަންމެން އީމާންވެއްޖައީމޭ ބުނުމުން ، އެއުރެން އިމްތިޙާނުނުކުރައްވާ  ދޫކޮށްލައްވާނޭކަމަށް ހީކުރީހެއްޔެވެ. އަދި ހަމަކަށަވަރުން ، އެއުރެންގެ ކުރީގެމީހުން ، ތިމަންރަސްކަލާނގެ  އިމްތިޙާނު ކުރެއްވީމެވެ. ފަހެ، ތެދުވެރިމީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން ، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ."

ޢިލްމުވެރިން ވިދާޅުވާގޮތުގައި އީމާންކަމަކީ ހަމައެކަނި ދުލުންކިޔާލައި ބަސްތަކެއްނޫނެވެ. އެއީ ތަކްލީފުތަކެއް ހިމެނޭކަމެކެވެ. އެއީ ބުރަތަކެއް އުފުލަންޖެހޭ އަމާނަތެކެވެ. އެއީ ކެތްތެރިކަމަށް ބޭނުންވާ ޖިހާދެކެވެ. އެއީ އުފުއްލަންޖެހޭ ބުރަތަކެއް ހިމެނޭކަމެކެވެ. ހަމައެކަނި އީމާންވެއްޖައީމުއޭ ބުނެލުމަކުން ނުފުދެއެވެ. އެމީހުން ގެ އަޖުމަބައްލަވާނެއެވެ. އެމީހުންނާ ފިތުނަތަކާ ކުރިމަތިކުރައްވާނެއެވެ. އެއީ އެމީހުންގެ އީމާންކަން ސާފުކުރެއްވުމަށްޓަކައެވެ.އޭގައި ޖެހިފައިވާ ކުނިބުނިތަކުން ސާފުކުރައްވާ ޠާހިރުކުރެއްވުމަށްޓަކައެވެ. އެއީ ރަންގަޑެއް ފަދަ އެއްޗެކެވެ. އަލިފާނަށް މި ރަންގަނޑު ލައި ދޮންކުރުމުން އޭގައިހުރި ކުނިބުނިތަކުން ( އެހެނިހެން މަޢުދަނުތަކުގެ ކުނިބުނިތަކުން ) އެސާފުވެގެންދާގޮތަށެވެ.

3-    އިމްތިޙާނުކުރެއްވުމަކީ ﷲގެއަޅާ އެކަލާނގެ ޙަޟްރަތަށް އަބުރާގެންދާނެކަމެއް : ޢިލްމުވެރިއަކު ވިދާޅުވާގޮތުގައި މުއުމިނުއަޅުންނަށް ﷲގެ ނިޢުމަތް ފުރިހަމަކޮށްދެއްވުމަށްޓަކައި  ބިރުވެރިކމާއި ތަދުމަޑުކަން އޭނާ އާ ކުރިމަތިކުރެއްވުން ހިމެނެއެވެ. އެކަމުގެ ސަބަބުން އެމީހުން ﷲގެ ޙަޟްރަތަށް ކުއްތަންކުރުވައެވެ. އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކު ދުޢާދަންނަވައެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް އީމަންކަމުގެ ފޮނިކަން ލިބެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ