Print

ބޭރުގަނޑު

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


 
ތިންމީމު

ކަރުދާހަކީ މުވާސަލާތު ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. މަޢުލޫމާތު ފަތުރައިދިނުމަށް ބޭނުންކުރާ އެއްޗެކެވެ. ލިޔެކިޔުމަށް ބޭނުންކުރާ އެއްޗެކެވެ. ވަކިވަކިން ހުންނަ ކަރުދާސްތަކެއް އެއްކޮށްފައި ހީރަސްޖެހުމުން ކިޔާއުޅެނީ ފޮތެކެވެ. ކަރުދާސްތަކެއްގެ އެއްފަރާތުގައި ތެރަސްލައި ތަތްކުރުމުންވެސް ކިޔާއުޅެނީ ފޮތެކެވެ. ކަރުދާސްތަކެއް ބައިންޑަރަށް އަމުނާލުމުންވެސް ކިޔާއުޅެނީ ފޮތެކެވެ. ފޮތަކީ ގަދީމީ ޒަމާނުއްސުރެން ފެށިގެން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެކި ސިފަސިފައިގައި އެކިގޮތަށެވެ. ކަރުދާހުން ފޮތް ހަދަން ފެށުމުގެ ކުރިން ޖަނަވާރުގެ ހަމުންވެސް ފޮތް ހަދައި އުޅުނެވެ. ތަފާތު ގޮތްގޮތަށް ފޮތް ހެދިކަމުގައިވިޔަސް ފޮތެއް ފޮތަކަށް ވަނީ ވަރަށް ޚާއްޞަ ބައިތަކަކާއެކުގައެވެ. ވަރަށް ޚާއްޞަ ސިފަތަކަކާއެކުގައެވެ.
    
ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން މި ބަލާލަނީ ފޮތް ލިޔާނެ ގޮތަކާ ބެހޭގޮތަކުން ނޫނެވެ. ފޮތުގައި ލިޔާނެ އެއްޗަކާބެހޭގޮތުން ނޫނެވެ. ފޮތް ޗާޕުކުރާނެ ކަރުދާހަކާބެހޭގޮތަކުން ނޫނެވެ. ޗާޕުކުރާނީ އެއްކުލައިންތޯ، ދެކުލައިންތޯ ނުވަތަ އެއަށްވުރެ ގިނަ ކުލަތަކަކުންތޯއެއްވެސް ނޫނެއެވެ. ފޮތުގައި ފޮޓޯ ޖަހާނެތޯ ނުވަތަ ނޫންތޯއެއްވެސް ނޫނެވެ. ގިނަ ކުރެހުންތަކަކާއި ޓޭބަލްތަކެއް ފޮތުގައި ހިމަނާނެތޯ ނުވަތަ ނޫންތޯއެއްވެސް ނޫނެވެ. ފޮތް ހީރަސްޖަހާނީތޯ ނުވަތަ ތެރަސްލައިގެން ތަތްކުރާނީ ނުވަތަ ބައިންޑްކުރާނީތޯ އެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ފޮތުގެ ސައިޒުތަކެއްވެސް ނޫނެވެ. ލިޔާނެ ބަހަކާބެހޭގޮތުންވެސް ނޫނެވެ. މައުޟޫޢަކީ ފޮތުގެ ބޭރުގަނޑެވެ. ބޭރުގަނޑާބެހޭގޮތުން އެއްޗެއް ބުނެލުމެވެ. ޚިޔާލެއް ފާޅުކޮށްލުމެވެ.

ބޭރުގަނޑަކީ ފޮތް ރައްކާތެރިކޮށްދިނުމަށް އޮންނަ ދެގަނޑަށް ކިޔާ ނަމެކެވެ. އެއީ ރަށެއްގައިނަމަ ރަށްވަށައިގެން ފަރު އޮންނަފަދައިން ފޮތުގައި އޮންނަ ރައްކާތެރިކަމުގެ ބާރެވެ. ރައްކާތެރިކަމުގެ ފާރެވެ. ފޮތުގެ ގަނޑުތައް އެކަތިގަނޑަކަށް ހަދައި ހިފަހައްޓައިދޭ ބާރެވެ. ގަނޑުތަކަށް ރައްކާތެރިކަން ލިބެނީ ބޭރުގަނޑުގެ ސިފައާއި ވައްތަރުންނެވެ. ހަދާފައިވާ ބާވަތުގެ މޮޅުކަމާއި ދެރަކަމުންނެވެ. ހަދާފައިވާ ފެންވަރުގެ މޮޅުކަމާއި ދެރަކަމުންނެވެ. ހަރުކަމާއި ވަރުގަދަކަމުންނެވެ.

އިހު ޒަމާނުގައި ބޭރުގަނޑު ހަދައި އުޅުނީ ވަރަށް އުނދަގުލުންނެވެ. ފޮތް އުފައްދާ އުޅުނީވެސް ވަރަށް އުނދަގުލުންނެވެ. ޢާންމުކޮށް ބާޒާރުގައި ލިބެން ނުހުރެއެވެ. ޗާޕުކުރުމުގެ ވަސީލަތްތައް ކުރިއެރުމާއެކު ވިޔަފާރިއަށް ފޮތްތައް އުފައްދަން ފަށައިފިއެވެ. ތަފާތު ގޮތްގޮތަށް ތަފާތު ވައްތަރު ވައްތަރަށް ފޮތުގެ ބޭރުގަނޑު ހަދަން ފަށައިފިއެވެ. ހަރު ބޭރުގަނޑާއި މަޑު ބޭރުގަނޑުގެ ފޮތްތައް އާންމުވެއްޖެއެވެ. މަޑު ބޭރުގަނޑު އޮފުދާރު ކުރެވެން ފަށައިފިއެވެ. ހެޔޮ އަގުގައި ފޮތް ވިއްކަން ފަށައިފިއެވެ. މިއައި ބޮޑު ބަދަލާއެކުވެސް ފޮތުގެ ބޭރުގަނޑު ހެދުމަށް ދެމުން އައި ސަމާލުކަމަށް ހުއްޓުމެއް ނައެވެ. އަދި ކީއްތޯއެވެ. ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދޭން ފަށައިފިއެވެ. ވަރަށް ވިސްނުންތެރިކަމާއެކު ބޭރުގަނޑު ފަރުމާކުރަން ފަށައިފިއެވެ.

ބޭރުގަނޑަށް މިހާ ބޮޑު ސަމާލުކަމެއް މި ދިނީ، ބޭރުގަނޑަކީ ފޮތުގެ މޫނުމަތި ކަމަށްވާތީއެވެ. މޫނުމަތީގެ ސިފަ ހުތުރުވެއްޖެނަމަ ބަލާނެ މީހަކު ނުވާނެތީއެވެ. މަޤްބޫލު ނުވާނެތީއެވެ. މަޝްހޫރު ނުވާނެތީއެވެ. ޢާންމުގޮތެއްގައި ފޮތް ވިއްކާ ފިހާރަތަކަށް ވަންނަ މީހުން ފިހާރައިގައި ހުންނަ ތަފާތު ފޮތްތަކަށް ނަޒަރު ހިންގައެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ފޮތަކަށް ގާތްގަނޑަކަށް ހައެއްކަ އަށެއްކަ ސިކުންތުވަންދެން ނަޒަރު ހުއްޓިހުރެއެވެ. ފުރަތަ ނަޒަރުންވެސް ފޮތުގައި އަޅައިގަންނަ ގޮތަށް ބޭރުގަނޑު ފަރުމާކުރެވޭތޯ ފޮތް އުފައްދާ ފަރާތްތަކުން ވަރަށްބޮޑު ހޭދައެއް ކުރެއެވެ. އެއީ ފޮތާމެދު ޝައުޤުވެރިކަމެއް އުފެއްދޭތޯއެވެ. ފޫހިކަމެއްނެތި ފޮތް ބަލާލާތޯއެވެ. ފޮތުގެ ގިނަ ކޮޕީތަކެއް ވިއްކާލެވޭތޯއެވެ.  

ފޮތުގެ ވިޔަފާރިކޮށްގެން ފައިދާއެއް ލިބެންނެތް ޒަމާނުގައިވެސް ފޮތުގެ ބޭރުގަނޑު ތައްޔާރުކުރަނީ ވަރަށް ރީއްޗަށެވެ. ވަރަށް ވަރުގަދަކޮށެވެ. ފޮތުގެ ހައިބަތު ފެންނަ ގޮތަށެވެ. ހަމައެފަދައިން ކުރެހުންތެރިން އެމީހުންގެ ކުޅަދާނަކަން ދައްކައިދީފައިވަނީވެސް ވަރަށް ފުރިހަމައަށެވެ. ވަރަށް ނަލަކޮށް އެހާމެ ޗާލުކޮށެވެ. އެހާމެ މޮޅަށެވެ. ކޮންމެ ކުރެހުމެއްގައި ތަފާތު އެތައް ޝުޢޫރެއް ހާމަކޮށްދެއެވެ. ތަފާތު އެތައް ރަހަތަކެއް ލައްވައެވެ. ތަފާތު އެތައް ކުލަތަކެއް ދައްކައިދެއެވެ. ގިނަ މެސެޖުތަކެއް ފޯރުވައިދެއެވެ. ކޮންވައްތަރެއްގެ ކޮންކަހަލަ ފޮތެއްކަން ސިފަކޮށްދެއެވެ.

ކުރަހާ ކޮންމެ ކުރެހުމެއް ކުރަހަނީވެސް ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. ތެދު ރޮނގުތަކާއި ކަތި ރޮނގުތައް އަދި ހިމަހިމަކޮށް ހުރަހަށާއި ދިގަށް ދަމާލާ ރޮނގުތައް ދަމާލަނީވެސް ރީތި ބައްޓަމަކަށެވެ. ރީތި ސިފައަކަށެވެ. ރޮނގުތައް ދަމާ ނިމޭއިރު އޮންނަނީ ނުލާހިކު ރީތި ބަލާލަން ފަސޭހަ ނަލަނަލަ ކުރެހުމެކެވެ. ތަފާތު މަންޒަރުތައް ސިފަވާ ކުރެހުމެކެވެ. ޗާލު ތަޞްވީރެކެވެ. ކުރެހުމުގައި ޖައްސަނީވެސް ރީތި ކުލަތަކެވެ. ފޮތާގުޅޭ ކުލަތަކެވެ. ފޮތުގެ އެތެރޭގައި އޮތް އެއްޗެއް ދޭހަކޮށްދޭ ކުލަތަކެވެ. ބަލާ މީހުންގެ ސަމާލުކަން ލިބޭ ކުލަތަކެވެ. ޖިންސާގުޅޭ ކުލަތަކެވެ. އުމުރުފުރައާ ގުޅޭ ކުލަތަކެވެ.

ކުލަތައް ބޭނުންކުރަނީވެސް ހިފެހެއްޓުންތެރި ކަމާއެކުގައެވެ. ވަރަށް ގިނަ ކުލަތައް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަނީ މަދު ކުލަތަކެކެވެ. ޗާލުކޮށް ތައްޔާރުކޮށްފައި އޮންނަ ބޭރުގަނޑެއްގައި ހުންނާނީ ދެކުލައެވެ. ނުވަތަ ތިންކުލައެވެ. ނުވަތަ ހަތަރުކުލައެވެ. ތިންހަތަރު ކުލައިން ކުލަޖެހިގެން ތައްޔާރުކުރެވޭ ބޭރުގަނޑުގެ ދެބައިކުޅަ އެއްބައިގައި ނުވަތަ ހަތަރުބައިކުޅަ އެއްބައިގައި ފޮޓޯއެއް ޖަހާލުމަކީވެސް ފޮތަށް ރީތިކަން އިތުރުކޮށްދޭ ކަމެކެވެ. ސަމާލުކަން އިތުރުކޮށްދޭ ކަމެކެވެ.

ކޮންމެ ކުލައަކީވެސް ފުރިހަމަ ކުލައެކެވެ. އެކުލައެއްގެ ޒާތުގައި ރީތި ކުލައެވެ. މާނަތަކުން ފުރިގެންވާ ކުލައެކެވެ. ބޭރުގަނޑުގައި ޖައްސާ ކުލަތައް ހޮވާލަނީ ދޭހަކޮށްދޭ މާނައާ ގުޅުވާފައެވެ. ދޭހަކޮށްދޭ ކަންކަމާ ގުޅުވާފައެވެ. ބައެއް ކުލަތަކަށް ބަލާލަމާތޯއެވެ. ކުލަތަކުގެ ތެރެއިން ކަޅުކުލައަކީ މަޝްހޫރު ކުލައެކެވެ. ގިނަ މާނަތަކެއް އެކުލެވޭ ކުލައެކެވެ. ހާމަކޮށްދޭ ކަންކަމުގެ ތެރޭގައި އަމުރުވެރިކަމާއި މުއްސަނދިކަމުގެ އާރާއި ބާރު ހިމެނެއެވެ. ބިރުވެރިކަމާއި ޢާންމުކޮށް ނުހިނގާ އާދަޔާ ޚިލާފު ހާދިސާތަކާއި ކާރިސާތައް ހިމެނެއެވެ. ލޯބީގެ އަސަރުތައްވެސް ހިމެނެއެވެ. ރަތްކުލައަކީ ސަމާލުކަން ދަމައިގަންނަ ރީތި ކުލައެކެވެ. ކަޅުކުލައާއި ރަތްކުލަ ގުޅިއްޖެނަމަ ހާމަވާނީ ނުރައްކާތެރިކަމެވެ. އަނިޔާވެރިކަމެވެ.

ފިރިހެނުން ނޫކުލައަށް ލޯބިކުރާ ފަދައިން އަންހެނުން ލޯބިކުރަނީ ރަތްކުލައަށެވެ. ރަތްކުލައަކީ އަންހެނުންގެ ގާތުގައި މަޤްބޫލު ކުލައެކެވެ. އެކަމަކު އެއީ ފިރިހެނުންގެ ގާތުގައި އެހާ މަޤްބޫލު ކުލައެއް ނޫނެވެ. ހަމައެފަދައިން އަންހެނުންގެ ގާތުގައި ނޫކުލައަކީވެސް އެހާ މަޤްބޫލު ކުލައެއް ނޫނެވެ. ނޫކުލަ އަބަދުވެސް ހާމަކޮށްދޭނީ ވިސްނުންތެރިކަމާއި ފުރިހަމަކަމެވެ. ހުދުކުލަ ހާމަކޮށްދެނީ ސާފުތާހިރުކަމާއި އޯގާތެރިކަމާއި އެހީތެރިކަމާއި އަޅާލުމެވެ. އޮރެންޖު ހާމަކޮށްދޭނީ ފުރިހަ ޞިއްޙަތެވެ. މުށިކުލައިން މުއްސަނދިކަން ހާމަވާއިރު ފެހިކުލަ ހާމަކޮށްދޭނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ރީނދޫކުލަ ހާމަކޮށްދޭނީ ކުރިމަތިލުމުގެ ބާރުހުރި ކަމެވެ. ފިޔާތޮށިކުލަ ހާމަކޮށްދޭނީ މަޑުމައިތިރިކަމާއި އަޅާލުމާއި އެހީތެރިކަމެވެ.

ކުރީ ޒަމާނުގައި ކުލަ އެއްކުރުމާއި ގުޅުވުމުގައި ދަތިތަކެއް ހުރިކަމުގައިވިޔަސް ޒަމާނީ ޓެކްނޯލޮޖީއާއެކު ކުލަޖެއްސުމުގެ ވައްޓަފާޅި ބަދަލުވިއެވެ. ކުރެހުމުގެ ވައްޓަފާޅި ބަދަލުވިއެވެ. އަތުން ކުރަހަމުން އައި ކުރެހުންތައް ނުލާހި ފަސޭހަކަމާއެކު ކުރަހަން ފެށިއެވެ. ނުލާހިކު ފަސޭހަކަމާއެކު ކުލަތައް އެއްކުރަން ފެށިއެވެ. ނުލާހިކު ފަސޭހަކަމާއެކު ކުލަތައް ޖައްސަން ފެށިއެވެ. ކުރެހުމާއި ކުލަ ޖެއްސުމަށް މި އައި ބޮޑު ބަދަލާއެކު ބޭރުގަނޑު ފަރުމާކުރުމަށްވެސް ޓެކްނޯލޮޖީ ބޭނުންކުރަން ފަށައިފިއެވެ. ނުލާހިކު ރީތި ނަލަނަލަ މަންޒަރުތަކުން، ކުރެހުންތަކުން ބޭރުގަނޑު ޒީނަތްތެރި ކުރަން ފެށިއެވެ. ޒަމާނީ ޓެކްނޯލޮޖީ ބޭނުންކުރި ކަމުގައިވިޔަސް އިހު އޮތްގޮތަށް ބަދަލުނުވެ އޮތް ކަމެއް އެބައޮތެވެ. އެއީ ބޭރުގަނޑު ފަރުމާކުރުމަށް ދެމުން އައި ސަމާލުކަމެވެ. އެ ސަމާލުކަމަކަށް ހުއްޓުމެއް ނާދެއެވެ.
 
ބޭރުގަނޑުގައިވަނީ ވަނީ ތިންބައެވެ. އެއީ ފޮތް ހުޅުވާފަރާތުގެ ބޭރާއި، ފަހަތު ބޭރާއި ފުރަގަހެވެ. މިއިން ކޮންމެ ބަޔަކަށް ޚާއްޞަ ކަންތައްތަކެއް ހުރެއެވެ. އާންމުގޮތެއްގައި ފުރަގަހުގައި އޮންނާނީ ފޮތުގެ ނަމާއި ޗާޕުކުރި ފަރާތުގެ ނިޝާނެވެ. ފަހަތުގައި އޮންނާނީ ފޮތް މަޝްހޫރުކުރުމަށްޓަކައި ލިޔެފައިވާ ފޮތާބެހޭ ބަޔާނެކެވެ. ނުވަތަ ކިޔުންތެރިން ފޮތާމެދު ދެކޭ ގޮތެވެ. އަދި ފޮތުގެ އަގާއި ބާކޯޑުފަދަ ވިޔަފާރީގެ ބޭނުންތަކުގައި ބޭނުންކުރާ ނިޝާންތަކާއި ގަންނަން ލިބެން ހުރި ތަންތަނާއި ވެބްސައިޓްތަކެވެ. އައި.އެސް.ބީ. ނަންބަރު އޮންނާނީ ފަހަތު ބޭރުގެ އެންމެ ތިރީގައެވެ. ހުޅުވާ ފަރާތުގައި ފާހަގަވާގޮތަށް ރީތި ފަލަ އަކުރަކުން އޮންނާނީ ފޮތުގެ ނަމެވެ. ދެން ފޮތް ލިޔުނު މީހާގެ ނަމާއި، ފޮތް ޝާއިޢުކުރި ފަރާތުގެ ނަމެވެ. ނުވަތަ ޝާއިޢުކުރި ފަރާތުގެ ނިޝާނެވެ.

އިހުޒަމާނުގެ ފޮތްތައް ހުންނަނީ ވަރަށް ވަރުގަދަ ބޯކަރުދާހުން ބޭރުގަނޑުހަދައި ބޭރުގައި ޖަނަވާރުގެ ހަން ތަތްކޮށްފައެވެ. ދެން ޖަހަނީ ފޮތުގެ ނަމެވެ. ޗާޕުގެ ޒަމާން އައުމާއެކު ފޮތުގައި ނަންޖެހުމަށްވެސް ބޮޑެތި ބަދަލު އަންނަން ފެށިއެވެ. ތަފާތު ގޮތްގޮތަށް ނަންޖަހަން ފެށިއެވެ. މައްޗަށް އުސްކޮށްގެން ނުވަތަ އަޑިއަށް ފިއްތާލައިގެން ނަން ޖަހަން ފެށިއެވެ. ބޭރުގައި ނަންޖެހުމުގެ އިތުރަށް ފޮތުގެ ފުރަގަހުގައިވެސް ނަންޖަހަން ފެށިއެވެ. ހަމަ އެއާއެކު ނަންޖެހުމަށް ރީތި ފަލަ އަކުރުތަކާއި އަކުރުތަކުގެ ތަފާތު ވައްތަރުތައް ތަޢާރުފުވެގެން ދިޔައެވެ. އަކުރުގެ ސައިޒާއި ވައްތަރު މުހިންމު އެއްޗަކަށް ވެގެންދިޔައެވެ. މިކަމަށް ސަމާލުކަމެއް މިދިނީވެސް ބޭރުގަނޑު ރީތި ކުރުމަށެވެ. ނަލަ ކުރުމަށެވެ. ޗާލުކުރުމަށެވެ.

ޢާންމުގޮތެއްގައި ބޭރުގަނޑު ފަރުމާކުރަނީ ފޮތް ލިޔުނު މީހާއެއް ނޫނެވެ. ފަރާތެއްވެސް ނޫނެވެ. ޗާޕުކޮށްދޭ ފަރާތެއްވެސް ނޫނެވެ. ޝާއިޢުކުރާ ފަރާތެއްވެސް ނޫނެވެ. އެއީ އެފަރާތްތަކުން ފާޑުކިޔާ ކަމެއްވެސް ނޫނެވެ. ގޮތްކިޔާ ކަމެއްވެސް ނޫނެވެ. އެއީ ކުޅަދާނަ ކުރެހުންތެރިންގެ މަސައްކަތެކެވެ. ކުޅަދާނަ ހުނަރުވެރި ފަންނުވެރިންގެ މަސައްކަތެކެވެ. ފަންނުވެރިންގެ ކުޅަދާނަ ހުނަރު ދައްކައިދިނުމަށް އޮންނަ ފުރުޞަތެކެވެ. ނަމަވެސް، ބޭރުގަނޑު ހެދުމަށް ބޭނުންވެދާނެ ފޮޓޯއާއި ކުރެހުންތައް ފޮތް ލިޔުނު ފަރާތުން ނުވަތަ ޝާއިޢުކުރާ ފަރާތުން ފޯރުވައިދެއެވެ.

ފަރުމާކުރާ މީހާއަށް ބޭރުގަނޑު ފަރުމާކުރަން ފެށުމުގެކުރިން ފޮތުގައި އޮތް އެއްޗެއް އެނގެންޖެހެއެވެ. މުޅިފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލަންޖެހެއެވެ. ބޭރުގަނޑު ފަރުމާކުރަންވާނީ އޭގެފަހުންނެވެ. ބޭރުގަނޑުގެ ފަރުމާއިން މުޅިފޮތުގެ ތަޞްވީރެއް ފެންނަންވާނެއެވެ. ފޮތުގައިވާ ކަންތައްތަކުގެ ޚުލާޞާއެއް ފެންނަންވާނެއެވެ. މިސާލަކަށް، ފޮތަކީ، އިންޓަރނެޓުގެ ޒަރީޢާއިން ދުނިޔޭގެ އެކިކަންކޮޅުތައް ގުޅިފައިވާ ގޮތާބެހޭގޮތުން ލިޔެފައިވާ ފޮތެއްނަމަ އެސިފަ ބޭރުގަނޑުން ފެންނަންވާނެއެވެ. ކޮމްޕިއުޓަރާއި ދުނިޔެއާއި ހުރި ގުޅުމާއި ކޮމްޕިއުޓަރުގެ ސަބަބުން ދުނިޔެ ހުޅުވިގެންދާ މިންވަރު ފެންނަންވާނެއެވެ. ދުނިޔޭގެ ތަޞްވީރަކަށް މައުސްއަކުން ފިތާލައިގެން ދުނިޔެ ހުޅުވިގެންދާގޮތަށްވެސް ސިފަކޮށްލެވިދާނެއެވެ.

އެއްދުވަހުން އަނެއްދުވަހަށް ހާލަތު މިދަނީ ބަދަލުވަމުންނެވެ. ބަދަލުވަމުން މިދަނީވެސް ނުލާހިކު އަވަހަށެވެ. ޒަމާނީ ޓެކްނޯލޮޖީއަށް ބަރޯސާވުންދަނީ އިތުރުވަމުން ފުޅާވަމުންނެވެ. ޑިޖިޓަލް ފަރުމާތައް ދަނީ ޢާންމުވަމުން އިތުރުވަމުންނެވެ. ޗާޕުކުރާ ހުރިހާ އެއްޗެއް ތައްޔާރުކުރަމުން މިދަނީ ސޮފްޓް ފޯމެޓުގައެވެ. ސޮފްޓް ފޯމެޓުގައި ހުންނަ ބޮޑެތި ބިޔަ ފޮތްތައް، ޗާޕުޚާނާތަކުން ޗާޕުކޮށްދެނީ ހީވެސްނުކުރާހާ ހަލުވިކަމަކާއި އަވަސްކަމަކާއެކުގައެވެ. ނުލާހިކު މޮޅު ފެންވަރުގައި ނުލާހިކު ރީއްޗަށެވެ. އެހާމެ ފުރިހަމަ ވަސީލަތްތަކުގެ އެހީގައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެންމެ ފަހަރަކު ސްވިޗަކަށް ފިތާލައިގެން ބޮޑު ފޮތެއް ޗާޕުކޮށް ހީރަސްޖަހައި ނިންމާލެވެއެވެ. މިއީ ޖާދުލެއް ބާވައޭވެސް ހިތަށް އަރައެވެ. އެކަމަކު މިހުރިހާ ފަސޭހަތަކަކާއެކުވެސް އަބަދުވެސް ވިސްނަންޖެހިފައިވަނީ ނުލާހިކު ބޮޑު ކަމަކާމެދުގައެވެ. ބޮޑު ޚަރަދުކޮށްގެން ތައްޔާރުކޮށް ޢާންމުކުރާ ފޮތް ވިއްކޭނެ ގޮތަކާމެދުގައެވެ. ފޮތަށް ސަމާލުކަން ހޯދޭނެ ގޮތަކާމެދުގައެވެ. ފޮތް މަޝްހޫރު ކުރެވޭނެ ގޮތަކާމެދުގައެވެ. އެސަމާލުކަން، އެ މަޝްހޫރުކަން ހޯދުމަށް އިއްޔެވެސް މިއަދުވެސް ކުރަމުންދާ މުހިންމު އެއްކަމަކީ ބޭރުގަނޑު ރީތިކޮށް ނަލަކޮށް ޗާލުކޮށް ފަރުމާކުރުމެވެ. އެކަމަކަށް ހުއްޓުމެއް ނާދެއެވެ. ދަނީ ކުރިޔަށެވެ.

(ނިމުނީ)

އިދާރާ

ވާހަކަ