އަދުގެ ޚާއްސަ

Print

އެކިޔާ އަބޫޖަހުލު... ބުނަންތާ ބޮޑު މުއްސަންޖެއް!؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ހެއްވާ ވާހަކައާއި ހެއްވާ ކަންކަމާއި ހާސިދާ ތަކާމެދު، ގިނަބަޔަކު ޝައުޤުވެރިކަން ހުރެއެވެ. ބައެއް ފަހަރަށް މީހުންނަށް ދިމާވާ ހެއްވާ ކަންތައްތަކުގެ ވާހަކަ ސީދާ އެމީހަކު އަމިއްލައަށް އެހެން މީހުންނަށް ކިޔައި ދެއެވެ. އަނެއްބައި ފަހަރަށް މަންޒަރު ދުށްމީހަކު، ނުވަތަ އަޑު އެހިމީހަކު، ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތަކުން އެ ފަދަ ކަމެއް ހިތަށް ނެގުނު މީހަކު ވެސް ކިޔައިދީފާނެއެވެ. މީން ކޮންމެ ޙާލަތެއްގައިވެސް ބޭނުމަކަށް ވެފައި އޮންނަނީ ދާދި އެއްކަމެކެވެ. މުނިފޫހި ފިލުވުމެވެ. ހިތަށް އުފާވެރިކަން ހޯދުމެވެ. ތިމާގެ އަމިއްލަ ނަފުސަށާއި، އެހެންމީހުންނަށް ހިތްއުފާވެރިކަން ހޯދައިދިނުމެވެ. އަޅުގަނޑަށް ދިމާވެފައިވާ ބައެއް ކަންކަމާއި، އިވި ފެނިފައިވާ ބައެއްހާދިސާ މި ފަތްފުށުގައި މިހިމަނާލަނީ އެއްވެސް ފަރާތަކަށް ހަޖޫ ކިޔުމުގެ ނިޔަތެއްނެތި އިސްވެ ދެންނެވި މަޤުޞަދުގަ އެވެ.

ޢުމުރުން ފަންސާހާ ގާތްކުރަމުންދާ އަންހެނެކެވެ. އަޅުވެރި ދީންވެރި މީހެއްވެސް މެ އެވެ. ޢުމުރުގެ ފަހުކޮޅަށް ދިޔަ ދިޔަހެން ދީނަށް ހުރި ލޯބި ވީ އިތުރެވެ. ދީނީ އަޅުކަން އަދާކުރުމަށް ހުރި ފޯރި ވީ ގަދަ އެެވެ. ފަހަކަށް އައިސް އެންމެ ބޮޑު އުންމީދަކަށް އޮތީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓައި ފުރަ އިތުރު މައްކާ އަށް ދިޔުމެވެ. މިކަމަށް ގަސްދުކޮށް ނިޔަތްގަތް ްފަހުން ގިނަ ގިނައިން ސީރަތު އަޑު އެހުމަކީ، އޭނާގެ އެންމެ ބޮޑު އުފަލެވެ. ސީރަތުގެ ވަރަށް ގިނަތަން އޭނާ ހިތުދަހެވެ. އެހެން ނަމަވެސް...............؟؟

 

މި މަޒުމޫނު ވިދާޅުވަމުންގެންދަވާ، ތިޔަ ކިޔުން ތެރިޔާވެސް ވިސްނައިވަޑައިގަތުން މުހިންމު ދެ ކަމެއްގެ ވާހަކަ ދަންނަވާލަމެވެ. އެއްވާހަކައަކީ، ފުރައިތުރު މައްކާގެ ވާހަކަ އެކެވެ. އެނގި ވަޑައިގަންނަވާނެ ފަދައިން ޙައްޖުވެރިންގެ ފަސޭހަޔަށްޓަކައި، ސަޢޫދީ ސަރުކާރުން ހައްދަވައިދެއްވައިފައިވާ ފާޚާނާ ބަރިޔަށް އެ ފަރާތުން ދެއްވާފައިވާނަމަކީ އަބޫޖަހުލު ފާޚާނާ އެވެ.
އަނެއް ވާހަކަ އަކީ، ރާއްޖޭގެ ވާހަކަ އެކެވެ. މީގެ ވިއްސަކަށް ތިރީހަކަށް އަހަރު ކުރިއަށް ބަލައިލާއިރު އެ ދުވަސް ވަރަކީ އަޅުގަނޑުމެންގެ އަސާސީ އެހެނިހެން ކަންކަމެކޭ އެއްގޮތަށް އުނގެނުމާއި އުނގަންނާ ދިނުމުގެ ކަންތައް ވަރަށް ވެސް ބަލިކަށި ދެރަ ގޮތެއްގައި އޮތް ޒަމާނެކެވެ. 1977 ގެ ބޯހިމެނުން ދައްކާގޮތުން، އޭރުވެސް ރާއްޖޭގެ އާބާދީގެ 70.72 އިންސައްތަ (84148 / އަށް ޑިހަ ހަތަރު ހާސް އެއްސަތޭކަ، ސާޅީސް އަށެއް) މީހުންތިބީ ލިޔަން ކިޔަން ވެސް ނުދަންނަ ޙާލުގައެވެ. ވީމާ މިފަދަ ޖާހިލު މުޖުތަމަޢެއްގައި ބޮޑުވާއިރު، ޢިލްމީ ކަންކަމާމެދު، މީހާގެ ވިސްްނުމުގެ ފެންވަރު ހުންނާނެ ގޮތް ހިތްޕުޅަށް ގެންނަވާށެވެ! މޮޅު އަދަބީ ޢިލްމީ ފޮތެއް ބަލަމުންދާއިރު، ނުވަތަ އެ ފޮތް މީހަކު ކިޔާ އަޑު އަހަމުންދާއިރު އޭގެ ދޭހަ ހިތަށް އަންނާނެ ގޮތް ވިސްނާލައްވާށެވެ!

ކޮންމެ ޔަކަސް ތިޔަ ކިޔުންތެރިޔާ އާއި، އަޅުގަނޑާ ދެމީހުން މި ތަފާސް ހިސާބު ހަދަން ތިއްބާ އެއްކަލަ އަންހެން މީހާ މިހާރު، ޙައްޖަށް ހިނގައްޖެ އެވެ. ހައްޖުގެ އަޅުކަން އަދާކޮށްގެން އެނބުރި މާލެ އައިސް، އޭނާގެ އުފަން ރަށަށް ވެސް ހިނގައްޖެ އެވެ. އާދައިގެ މަތިން އެ ކޮޅުގެ ޚަބަރު ދަބަރު އޭނާކުރެން އަހާލަމާ ހިންގާވާށެވެ!

" އަސްތާ ކުދިންނޭ! އެ އީ ވާތަނެއް. ހަމަ ފިސާރި ތެދެއް މިބުނަނީ. ސިޔަރަތުގައި އެކިޔާ އަބޫޖަހުލު. ބުނަންތާ މުއްސަދި މީހެއް. މުޅި ގޯތީގައި އެ އޮންނަނީ ހައްޖާޖީންނަށް ފާޚާނާ ހަދައިދީފާ. އަނެއްކާ މޮޅޭ، ރީއްޗޭ. ތަށި މުށި ޖަހައިލައި، ދިއްލައި އަޅައިފައި އޮންނަނީ. ބުނަންތާ ބޮޑު މުއްސަންޖެއް. އެ ހައިގިނައިން ސިޔަރަތުގައި އޭނާގެ ނަން އެ އަންނަނީ ހަމަ އަންނަންވެގެން. ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ