އަދުގެ ޚާއްސަ

Print

ނިޔާޒު

ޝާޢިއުކުރީ ނާޒިމާ ސަމީރު . ހިމެނޭބަޔަކީ ވާހަކަ



ނާޒިމާ ސަމީރު / މާފޮޅޭގެ މ. މުލި

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި ދޮންވެލި ފުނި މަތީގައި ބޮލަށް ވެލި އަޅަން އެއިން އުމުރުން ތިރީސް ފަސް އަހަރުގެ ޒުވާނާޔަކީ މީގެ ދެ އަހަރުކުރިން ދިވެހިރާއްޖޭގައި ނަންވިދާލި ނާޒިރެކެވެ. ސްކޫލެއްގެ ވެރިއެކެވެ. އެތައްކުދިންނަކަށް ތަޢުލީމު ދީ ތަރުބިއްޔަތު ދިން އެދުރެކެވެ. ސްކޫލު ދައުރުއްސުރެ ފަޚުރުވެރި ވަނަ ތަކެއް ޙާޞިލް ކޮށް މައިންބަފައިން ފަޚުރުވެރި ކުރި ދަރިއެކެވެ. ނަމަވެސް ޚުދު އޭނާ އަށްވެސް މިއަދު އޭނާއަކީ ކާކުކަމެއް ނޭގެއެވެ.

ނިޔާޒު ސްކޫލު ދައުރު ނިންމާލުމަށްފަހު ސަރުކާރުން ލިބުނު ކޯހެއްގައި އޮސްޓޮރޭލިޔާއަށް ދިޔައީ ވަރަށް ފޮނި އުންމީދު ތަކަކާ އެކުއެވެ. ސްކޫލުން ހޯދި ފަދަ ރަންވަނަތަކެއް ހޯދުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ. މައިން ބަފައިން ފަޚުރުވެރި ވާނޭފަދަ ދަރިއަކަށް ވާނޭކަމުގެ ޔަޤީންކަން މައިންބަފައިންނަށް ދެމުންނެވެ

ނިޔާޒު ހަތަރު އަހަރު ގެ އެޑިޔުކޭޝަން މެނޭޖްމެންޓް ޑިގްރީ ޙާޞިލް ކުރީ ވަރަށް ބުރަ މަސައްކަތްތަކަކާއެކު އެވެ. މައިންބަފައިންނާއި ޢާއިލާ އާ ވަކިން އެހާ ގިނަދުވަހު ހޭދަކުރަންޖެހުމުން ނިޔާޒަށް ވަރަށްގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެހެނަސް އޭނާހިތްވަރުކުރީ ސަރުކާރުން އޭނާއަށް ދެއްވި މި ސްކޮލަޝިޕް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށެވެ. އޭނާ ގެ ޢަޒުމުވަރުގަދައެވެ. މިކޯސް ނިންމި ހުރިހާކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތިޖާ ހޯދީ ނިޔާޒެވެ.

މާލެ އައިސް ސަރުކާރަށް ޚިދުމަތް ކުރަންފެއްޓިއެވެ. މާލޭ ސްކޫލެއްގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައެވެ. ނިޔާޒަށް ވަޒީފާ ލިބި ރަނގަޅު އާންމު ދަނީއެއް ލިބެން ފެށުމުން އޭނާގެ މައިންބަފައިންގެވެސް އެދުމުގެ މަތިން ސްކޫލުދައުރުއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އޭނާދެކެ އެންމެ ލޯބިވާ އައިންތު އާ އެކު ކައިވެނީ ގެ ގޮށް ޖެހިއެވެ. ދެކުދިންވެސް އުޅެމުން ގެންދިޔައީ ނިޔާޒުމެންގޭގައެވެ. އޭނާގެ މައިންބަފައިންގެ ގާތުގައެވެ. ކައިވެންޏަށް އެއް އަހަރު ފުރުނު އިރަށް އެކައިވެނީގެ މޭވާވެސް ލިބިއްޖެއެވެ. ކުޑަކުޑަ އަލާ  ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކއި އައިންތު ނިންމީ އޭނާ ވަޒީފާ އަށް ނުނުކުތުމަށެވެ. އައިންތުގެ މި ނިންމުމާ މެދު ނިޔާޒު ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އަދި އުފާވެސް ވިއެވެ.

އަލާއަށް ދެއަހަރުނުވަނީސް ސަރުކާރުގެ ފަރާތުން ނިންމީ ނިޔާޒު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގެ ވެރިއަކަށް ފޮނުވުމަށެވެ. ސަރުކާރުގެ ބޮންޑެއްގެ ދަށުން ތަޢުލީމު ޙާޞިލްކޮށްފައިވާތީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒާ ހަވާލު ވާން އޭނާ ދިޔައީ ޤައުމީ ވާޖިބެއް ކަމުގައިދެކިގެންނެވެ. ގދ. ތިނަދުއަށް ނިޔާޒު ދިއައީ ކުޑަކުޑަ އަލާ އާއި އައިންތުވެސް ގޮވައިގެނެވެ. ސަރުކާރުން މި އާއިލާ އުޅުމަށް ގެއެއް ދެއްވާފައިވެއެވެ.

ތިނަދުއަށް އައިފަހުން ނިޔާޒުގެ މަސައްކަތްތައް ވަރަށް ބުރަވިއެވެ. ސްކޫލުގެ ތަޢުލީމީ ހާލަތު ރަނަގަޅު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހުމާ ގުޅިގެނެވެ. އެހެންކަމުން އައިންތު އާ އަލާއަށް ކުރިން ދެމުން ގެންދިޔަ ވަރަކަށް ވަގުތެއް ނުދެވެއެވެ. މިކަމަކާ އައިންތު އެއްވެސް ވަރަކަށް ޝަކުވާއެއް ނުކުރެއެވެ. އޭނާޔަކީ ހެޔޮވިސްނޭ ރިވެތި އޚުލާގެއްލިބިފައިވާ ގެވެހި އަންތްބެކެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ގދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ނަން ވިދާލައިފިއެވެ. ތަޢުލީމީ ގޮތުން ރަންވަނަތަކެއް ހޯދައިފިއެވެ. ތަފާތު އިތުރުޙަރަކާތް ތަކުގައި ބައިވެރިވެ އަތޮޅުފެންވަރުގެ މުބާރާތް ތަކުން މޮޅުކާމިޔާބީތަކެއް ހޯދައިފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަބެލެނިވެރިން ތަކެއްގެ މަޤުބޫލުކަން އޭނާއަށް ލިބިއްޖެއެވެ. އެހެނަސް މަދުބަޔަކު ނިޔާޒުގެ މަސައްކަތަށް ހުރަސް އަޅަމުންދެއެވެ. އޭނާކުރާ ކަންތައްތަކަށް ފާޑު ކިޔަމުންދެއެވެ. ކުދިންގެ ހިތްތަކުގައި އޭނާ އާ ދޭތެރޭ ނަފުރަތު އުފެދޭނެ ވާހަކަތައް ދައްކަމުންދެއެވެ. ނިޔާޒު މިކަންތައްތަކަށް ދެނީ ބީރު ކަންފަތެކެވެ. ސްކޫލުގެ މުއަށްޒަފުންނާ ޓީޗަރުންނާ އެކު އުފާވެރި މާޙާއުލެއް ޤާއިމުކޮށްގެން ސްކޫލުގެ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރުމުގެ ނަތީޖާއަކީ ދެވަނައަހަރުވެސް އޭނާ އެސްކޫލުގައި ހުންނަން ޖެހުމެވެ.

ދެވަނަ އަހަރުގައި ނިޔާޒު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ތަޢުލީމުގެ އިތުރުން ޔުނިފޯމު ޙަރަކާތްތަކަށާއި ކުދިންގެ އަޚުލާޤަށެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ސްކޫލުކުރިއަރައި އިންޓަސް ސްކޫލު މުބާރާތް ތަކުގެ ރަންވަނަތަކެއް ހޯދައިފިއެވެ. އެހެންކަމުން އިންޓަރ ސްކޫލު ފްޓްބޯޅަ މުބާރާތާއި  ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވިކުދިން އެދުނީ އެމީހުން ހޯދި ރީތި ވަނަ ފާހަގަކުރުމުގެ ގޮތުން ދަތުރެއް ދިއުމަށެވެ. މި ދަތުރުގައި ސްކޫލުގެ މުބާރާތް ތަކުގައި ބައިވެރިވި ކުދިންގެ އިތުރަށް މުދައްރިސުންނާއެކު ނިޔާޒުގެ އަންހެނުން އައިންތުއާ އަލާވެސް ބައިވެރިވިއެވެ.

ދިގުފިނޮޅަށްދާން ދަތުރުފެށީ ހޮނިހރުދުވަހު ހެނދުނު ހައެއް ޖެހި އިރުއެވެ. ދޯނި ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގައެވެ. ކުއްލިއަކަށް ބާރަށް ދުއްވާފއި އައި ލޯންޗެއްގެ ބިޔަރާޅުތަކަކާއި އެކު ވީނުވީއެއް ނޭނގި މާކަނޑަށް ދޯނި ބަންޑުން ޖަހާލައިފިއެވެ. ކުދިންނާއި މުދައްރިސުން ބާރަށް ރޮއި ހަޅޭލަވަނީއެވެ. އެކި މީހުން އެކިތަނަށް ބުރައިގެން ދިޔައެވެ. މުދައްރިސުންނާއި ދޯނީގައި ތިބި ދެ ފަޅުވެރިންނާ ނިޔާޒުވެސް ކުދިން ސަލާމަތްކުތުމަށް މަސައްކަތް ކުރަނީއެވެ. ނިޔާޒުގެ ޤައުމީ ވާޖިބު އަދާކުރުމަށްޓަކއި އޭނާބެލީ އެންމެފުރަތަމަވެސް ހުރިހާސްކޫލުކުދިން ހިކިފަސްތަނަކަށް ގެންދެވޭތޯއެވެ. ކައިރީ އޮތް ފިނޮޅަކަށް ހުރިހާކުދިން އަރުވާނިމުނު އިރު އައިންތުއާ އަލާ އެއްނެތެވެ. ދޯނީގެ ފަޅުވެރިންގެ އެހީގައި އެދެމައިން ހޯދަންފެށިއެވެ. މާދުރުނޫން ހިސާބަކުން އޮޔާދާ އެއްޗެއް ފެނުމުން ނިޔާޒު ފަތާފާ ގޮސް ބެލި އިރު މަތީގައި އޮތީ އައިންތު އާއި އަލާގެ ފުރާނަ ނެތް މަސްގަނޑެވެ. އައިންތު އަލާގައިގައި ބެއްދިގޮތަށް ދެމައިންވަނީ މަރުވެ ހަރުވެފައެވެ.

ދެމައިން ފިނޮޅަށް ގެންދިޔައެވެ. ނިޔާޒުގެ ބަސް ހުއްޓުނެވެ. ކައިރިން ދިޔަ ދޯންޏަކަށް މިބައިމީހުން ފެނި އެމެން ދޯންޏަށް އަރުވައިގެން ތިނަދުއަށް ގެންދިޔައެވެ. ހުރިހާއެންމެންވެސް ގެންދިޔައީ ހޮސްޕިޓަލަށެވެ. ތަފާތު އަނިޔާތަށް ލިބިފައިވާތީއެވެ. ލޮނުބޮވިގެން ގެނބުނު ކުދިން ހޮޑުލަމުން ދާތީއެވެ. ބައެއްކުދިން އަނބުރައިގެންފައިވާތީވެސް މެއެވެ. ހޮސްޕިޓާދޮށްވަނީ ތޮއްޖެހިފައެވެ. ބެލެނިވެރިންނެވެ. ރަށުގެ ވެރިންނެވެ. ޒުވާނުންނެވެ. އެންމެން އެއްއަޑަކުން ގޮވަނީ ކުދިންތައް މަރައިފިކަމަށެވެ. އެމީހަކު ދުލަށް އައިހާނުބައިއެއްޗެއް ނިޔާޒާ ދިމާއަށް ގޮވަމުން ގެންދެއެވެ. ޒުވާންފުރައިގެ ފިރިހެން ގްރޫޕެއް ނިޔާޒުގައި ތަޅައިގަންނަންވެސް އައެވެ. އެބައިމީހުނަށް ނިޔާޒު ނުފެނުނީ އެވެ. ނިޔާޒު އޭރު ވަނީ ހޮސްޕިޓަލުގެ ވާރޑެއްގައި އެޑްމިޓްކުރެވިފައެވެ.

އަިންތުއާއި އަލާގެ ކަށުކަމާކެމީގެ ކަންތައް ނިމުނު އިރުވެސް ނިޔާޒު ހެއެއް ނާރައެވެ. ހޭނާރާ ގިނައިރުވުމުން ކޯސްޓްގާޑުގައި ނިޔާޒު މާލެ ގެންދިއައެވެ. އައި. ޖީ. އެމް އެޗުން ފަރުވާދޭން ފެށިތާ ދެ ދުވަސް ވީފަހުން ނިޔާޒު ހޭ އަރައިފިއެވެ. އެހެނަސް.....

ހޭއެރި އިރު ނިޔާޒަކީ ބުއްދިގޯސްވެފައިވާ މޮޔައެކެވެ. ދެއްކޭ ނުދެއްކޭވާހަކައެއް ނޭނގެއެވެ. ޢާއިލާގެ މީހުން ވަށައިގެން ތިބި އިރުވެސް ނިޔާޒަކަށް އެއީ ކޮންބައެއްކަންވެސް ނޭގުނެވެ. އެއްފަހަރު ބާރަށް އަޑުލާ ހޭން ފަށައެވެ. ހީނހީނފާ ދެން ރޯންފަށެއެވެ. އަދި ހަމަ އެއާއެކު ބަރަށް ހަޅޭލަވާ ހޮސްޕިޓަލުން ނުކުމެގެން ދިއުމަށް ގަދަ ހަދައެވެ. ގުޅާފައި ވާ އިވީ ފުޅި އަމިއްލައަށް ނައްޓާލައެވެ. ނަރުސްކުދިންނަށް ނުބެލެހެއްޓިގެން ނިޔާޒު އޭނާގެ އާއިލާގެ މީހުނާ ހަވާލުކުރިއެވެ. ނިޔާޒުގެ ޢަމަލުތައް ހުރިގޮތުން މުސްކުޅިމަންމައާ ބައްޕައަށް ވެސް އޭނާ ބެލުމަކީ ކުޅަދާނަކަމަށް ނުވިއެވެ. ދެލޮލުން ކަރުނަ އޮހޮރަމުންވެސް އެމީހުނަށް ޖެހުނީ ނިޔާޒު ބެލުމަށް ސަރުކާރާއި ހަވާލުކުރުމަށެވެ.

ނިމުނީ

ހަމަމިގަލަމުން

އިދާރާ

ވާހަކަ