އަދުގެ ޚާއްސަ

Print

މިލަންދޫ މާކޯބަދަވި

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ތާރީޚް


ދިވެހި ފުލޯކު؛

މުޚްތާރު ޢަބްދުއްރަޙުމާނު - ނޫރާނީގެ ށ. މިލަންދޫ

ށ. މިލަންދުއަކީ ތަންކޮޅެއް ކުރީޒަމާނެއްގައި މީހުން އުޅެފައިވާރަށެކެވެ. ލަފާކުރެވޭގޮތުގައި މިލަންދޫ ފަޅުވެފައިވަނީ ހޮޅިންގެމީހުން ރާއްޖޭގެ އުތުރުގެ ރަށްރަށަށް އަރައި ފޭރި މީހުންމަރައި އުޅެންފެށުމުން، ފަޅު ހުންނަ ފަސޭހަރަށްރަށް ދޫކޮށް ، ލަފައި ފުރަން އުނދަގޫ ރައްރަށަށް މީހުންގެ ދިރިއުޅުން ބަދަލު ކުރުމުގެ ތެރޭންކަމަށެވެ.

މިލަންދޫ މާކޯބަދަވީގެ ވާހަކައަކީ އެކިމީހުންގެ ކިޔުމުގައި ތަފާތުހުރި ނަމަވެސް އަސްލުގައި ހަމައެއް ވާހަކައެކެވެ. އަޅުގަނޑު އަޑުއަހާފައިވާ އެންމެ މަޤްބޫލު ގޮތަށް އަޅުގަނޑު މިވާހަކަ މިލިޔަނީއެވެ.

އަޚްބާރުންގެ ކިބައިން މަޢުލޫމާތު ލިބިފައިވާގޮތުގައި މިލަންދޫ ފަޅުވުމުގެ ސަބަބު ގުޅިފައިވަނީ މާކޯބަދަވި އެރުމާއެވެ. މާކޯބަދަވި އަރަނީ ރޭގަނޑު މެންދަމުކަމަށް ބުނެވެ އެވެ. މިލަންދޫގައި މީހުން އުޅުނުއިރު ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގެ ތެރޭގައި މިލަންދޫ ހިމެނެ އެވެ. އޭރު މިލަންދޫގެ އާބާދީ އާއި ފުނަދޫގެ އާބާދީ ދާދި އެއްވަރެވެ. މިއިން ކޮންމެ ރަށެއްގައި ވެސް މަހަށް ފުރާ ވިހިބާވިސް ދޯނި އޮވެ އެވެ. ކޮޅުނބު އޮޑިފަރު ދުއްވައެވެ. މިލަންދޫގައި މީހުން އުޅުނުއިރު އޮންނަނީ ދެއަވަށެވެ. ރަށުގެ އުތުރުކޮޅަށް ކިޔަނީ މާކޯއަވަށެވެ. ރަށުގެ އޭރުގެ ނަން ނިސްބަތްވެގެންވަނީ މިއަވަށުގެ ނަމާއި ގުޅުވައިގެންނެވެ. އޭރު ކިޔަނީ [މާކޯމިލަންދޫ] އެވެ. ރަށުގެ ދެކުނުއަވަށަށް ކިޔަނީ އަށިމަގުއަވަށެވެ. މީހުން ގިނަވެފައި ރަށުގައި ބާރުހުރި ބަޔަކީ މާކޯއަވަށެވެ. މިލަންދުއަށް މާކޯމިލަންދޫ ކިޔައިފައި ވަނީވެސް މާކޯއަވަށުގެ މީހުންގެ އާރާއި ބާރު އިޢުލާން ކުރުމަށްޓަކައެވެ. މާކޯމިލަންދޫ ކިޔުމުން މިލަންދުއަކީ މާކޯކަން  އެންގުން އެމީހުން ގަސްތުކޮށްފައި ވަނީއެވެ.

އެޒަމާނަކީ ކޮންމެ ރަށެއްގައި ވެސް އަވަށު ވާދަވެރިކަން ނުހިނދޭ ކުޅިގަނޑަކަށް ވެފައިއޮތް ޒަމާނެކެވެ. ޒަމާންތައް ދިގުވަމުން ދުވަސްތައް ތަކުރާރުވަމުން ދެއެވެ. މާކޯއަވަށުގައި ހަމަ އެމީހުން އެމީހުންގެ މެދުގައިވެސް ކަންނެތްކަމާއި ބޮޑާކަމުގެ ވަބާ ބަލިމަޑުކަން ފެތުރިއްޖެއެވެ. ނަތީޖާއަކީ ތަޑުމަޑުކަމާއި ބަނޑުހައި ހޫނުކަން މަޑުމަޑުންނަމަވެސް ފެތުރެމުންދިއުމެވެ. އިޤުތިޞާދީ ދަތިތައް އޮންނަނީ ކަންނެތްކަމުގެ ތަންމަތީގައި ފައިދަމަދަމާފައި ނިދާބައަކަށް އަބަދުވެސް އެންމެގާތް ތިމާގެ ރަހުމަތް ތެރިޔާކަމުގައި ވެފައެވެ.

އެންމެފަހުން މާކޯއަވަށު މީހުންނަށް މަލާމާތުގެ ބަސްތައް ރައްދުވާންފަށައިފި އެވެ. [މާކޮލު ބަދަވީން ހިތިކަނޑޫ ކައިގެން މަރުވަނީއޭ! ] މިކަހަލަ ބަސްތައް ފެތުރެން ފަށައިފިއެވެ. މިކަހަލަ ބައަކަށް ދެންކުރެވުން އެންމެ ގާތްކަމަކަށް ވެފައި އޮންނަނީ ސިކުނޑީގެ ބާރު ނުފޯރާވަރަށް ރުޅިއައުމާއި އަތްފައިން ގޯސްހެދުމެވެ.

ފަރުދާގެ އަނެއް ފަރާތް ބަލައިލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ރަށުގެ ދެކުނުކޮޅު ނުވަތަ އަށިމަގުއަވަށުގައި ތިބި އާރެއް ބާރެއްް ނެތް ނަމެއް ކަމެއްނެތް މަދު މީހުންކޮޅު ތެރޭގައި އިޖުތިމާޢީ އެކުވެރިކަމާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙް ފެތުރި އާލާވާތަނެވެ. އެންމެން އެކުވެރިވެ  އެކަތިގަނޑަކަށްވެގެން ތިބެ ލިބިހުރި މީހާ ނުލިބޭމީހާއަށް ދީފޯރުވައިގެން އެންމެން އެކުވެރިކަމުގައި މަސައްކަތް ކުރާތަނެވެ. ތަނަވަސްކަމާއި ތިޔާގިކަންވީ އެމީހުގެ ގާތްތިމާގެ ރަޙްމަތްތެރިއަކަށެވެ. މިމީހުންގެ ތެރޭގައި ފޯރުންތެރި އަތްމަތި ތަނަވަސް މީހުން ގިނަވެއްޖެ އެވެ. މަހަށް ފަރަށް ދިއުމާއި އަތްތެރި މަސައްކަތާއި އަތުމަސައްކަތް ކުރާމީހުން ދިޔައީ އިތުރުވަމުން ނެވެ. ކޮޅުނބު އޮޑި ކޮންމެ އަހަރަކު ބޭރުދަތުރު ކުރެއެވެ. ދަތުރުން ގެންނަ ބައެއްމުދާ (އާންމުކޮށް މުށިކަންވާރު) ބައިލަނީ ނަން މަޝްހޫރު މުށިގެއަށެވެ.

މިހެންވަމުން ދިޔަދިޔަހެން ރަށުންބޭރު ރައްޓެހިންގެ އެކުވެރިކަންދިއައީ އަށިމަގު މީހުންނާއި ގުޅެމުންނެވެ. މަސްއުޅޭނީ ފެންބޮޑުތާގައޭ! ބުނާހެންނެވެ. އަށިމަގު އަވަށުގައި ހުރި ބައެއް އާޘާރީ ތަކެތި މިއަދާއިހަމައަށް ވެސް ފެންނަން ހުރިކަމުގައިވަނީ އެމީހުންގެ މަސައްކަތްތެރިކަމުގެ އަޘަރުތަކުންނެވެ. ކަށްޕަލް (ޤަބުރުސްތާން) އާއި ކަށްޕަލް ދެވަޅާއި މިސްކިތު ތަރަހަގަނޑެވެ. މާކޯއަވަށުގައި ވެސް ކުޑަވަރެއްގެ މިސްކިތު ތަރަހަގަނޑެއް އޮތްކަމަށް ބުނެވެއެވެ. ނަމަވެސް އިޖުތިމާޢީ ބޭނުންތަކަށް ރައްޔިތުން އެއްވާ ހުކުރުމިސްކިތްފަދަ ގަބުރުސްތާންފަދަ ވިޔަފާރީގެ މުދާ ރައްކާކުރެވިފައިވާ މަޝްހޫރު މުށިގެފަދަ ތަންތަން ވަނީ އަށިމަގު އަވަށުގައެވެ. ދެން މިހެން ވުމުންނާއި އެހެންވުމުން ގަދަރު ބޮޑު މާކޯއަވަށުގެ މީހުންގެ އަގުވެއްޓި ދެރަވާގޮތް ދިމާވެ އިޤްތިޞާދީ ދަތިތައް ކުރިމަތިވެ ، ކުރިންބުނިހެން މާކޯބަދަވިން ހިތިކަނޑޫކައިގެން މަރުވަނީއޭ! މިކަހަލަ ހުތުރު ބަސްތަކާއި ގުޅިގެންނާ ވެސް އެކުގައި އަވަށުވާދަވެރިކަމާއި ރުޅިއާއި ހުޅިއާއި ހަސަދައިގެ ތެރެއިންލާފައި އިޤްތިޞާދީ ދަތިތަކުގެ ބަނޑުހައިހޫނުކަމުގެ މަގުން މާކޯބަދަވި އަރަންފެށީއެވެ. މާކޯބަދަވި އަރަނީ ރޭގަނޑު މީހުން ނިދައި ދިޔައީމެވެ. މާކޯބަދަވި އަރައި ތަންތަން ލޫޓްވައި ހަދަންފަށައިފި އެވެ. މާކޯބަދަވި އަރަނީ އަށިމަގު އަވަށަށެވެ. މާކޯބަދަވި އަރައި ގޭގައި ބަދިގޭގައި  ގުދަން ގުދަނުގައި ހުންނަ ކާބޯތަކެއްޗާއި ހިފައިގެންގުޅޭ ތަކެތި މާކޯބަދަވިދަނީ ހިފައިގެން ނެވެ. ފުރަތަމަ ފެށުނީ އާދައިގެ ވައްކަންކުރާގޮތުގައި މަދުބައެކެވެ. އެންމެފަހުން މާކޯއަވަށުގެ ވަރަށްގިނަ މީހުންނެވެ. އެންމެ ވަހުޝީގޮތުގައި ރޭގަނޑު ދަންވަރު އަރައި ތަންތަން ލޫޓްވައި މީހުން މަރައި އުޅުނުކަމަށް ބުނެވެއެވެ. މާކޯބަދަވި މިނަން ކިޔިފައިވަނީ އެބައެއްގެ ނުބައި ވަޚްޝީ ޢަމަލްތަކުގެ ޒިކުރާ އަބަދުގެ އަބަދަށް ތަމްސީލްކޮށްދޭ ނަމެއްގެ ގޮތުންނެވެ.

ދެން ދެއަވަށުގެ މީހުންގެމެދުގައިވެސް އަނިޔާވެރިކަމާއި ޢުދުވާންގެ އަލިފާންގަނޑު ހުޅުފަޅައިގެން ހިނގައްޖެއެވެ. ބުނެވެނީ މިލަންދޫ މީހުން މިކަހަލަ ހާޖާނުގަނޑެއްގެ ތެރޭގައި އުޅެނިކޮށް ޤުދުރަތުގެ ކޯފާއެއްގައި އެންމެން މަރުވެ މިލަންދޫ ފަޅުވީކަމުގައެވެ. ވަކިމިވެނި ކަމެއްވެގެންނޭ ބުނާމީހަކާއި ދިމައެއް ނުވެއެވެ. ސަމާވީ ޞަޙްފްތައް ހެކިދޭގޮތުގައި އަނިޔާވެރި ނުލަފާބައެއްގެ ނިމުމުގެ ސިއްކަޖެހެވިގެން ދާއިރު އޭގެތެރޭގައި ތިބޭ ހެޔޮލަފާމީހުންވެސް އޭގެތެރޭގައި ހިނގައިދެއެވެ. ޝުޢައިބްގެ ޤައުމާއި ލޫޠު، ޢާދު، ޘަމޫދު މިފަދަ ޤައުމުތަކުގެ ސިއްކަ ޖެއްސެވި ރަސްކަލާނގެ މާކޯބަދަވިންގެ ނިމުން ގެންނެވީތާއެވެ.

މާކޯމިލަންދޫ މީހުންތައް ކުއްލިއަކަށް މަރުވެ ރަށް ފަޅުވާންޖެހުނު ގޮތެއް ނޭނގުނު ނަމަވެސް ޚަބީރުންގެ ވާހަކަތަކުން ކޮންމެވެސްވަރެއްގެ ވާހަކައިގެ ޤަރީނާއަކުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ލިބެއެވެ. ބުނެވޭގޮތުގައި ފުނަދުއަކީ މިލަންދުއަށްވުރެ ފަހުން ފަޅުވިރަށެކެވެ. ފުނަދޫ ފަޅުވިކަމަށް ބުނާތީ އަޅުގަަނޑު އަޑުއެހިގޮތަކީ :

ފުނަދޫގައި ބޭރުދަތުރުކުރާ އޮޑި (ބަންގާޅުއޮޑި) އެއް ގެންގުޅެއެވެ. އެއޮޑި ކަރައަށް ގޮސްފައި އައިއިރު ރާއްޖެވަދެވުނީ ފުނަދުވާކައިރިންކަމަށް ވުމާއި އެކު ރަށުގައި އެރޭ ރޭކޮށްލަން ޖެއްސީއެވެ. އޭރުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން ރާއްޖެއިންބޭރުން އަންނަ ރާއްޖޭގެ އޮޑިފަހަރުނަމަވެސް ރަށަށް މީހުންފައިބައި ތަކެތި ބޭލޭނީ މާލެގޮސް ކަރަންޓީނުގެ މުއްދަތު ހަމަވުމަށް ފަހުގައެވެ. ސަރުކާރުން ބައްލަވައި އަމުރުދެއްވީމައެވެ. ޤަވާޢިދާ ޚިލާފަށް ކަންތައް ކުރަންޏާ ބައެެއްފަހަރު ލަނޑުވެސް އަޅާނެއެވެ. ސަރުކާރުން އެކި ކަންކަމާ މެދު ވަކިވަކި ޤަވާޢިދުތަކެއް ހުންނަނީވެސް އެންމެންގެ ސަލާމަތަށް ޓަކައެވެ. ފުނަދޫ އޮޑި ފުނަދޫގައި ޖައްސާފައި ވީގޮތަކީ [ނަރަކަވެލިދޫ ކުނބު ބަލަން ދިޔަމީހުންނަށްވެސް ވީގޮތެވެ.] ( ނަރަކަވެދުއަށް ކުނބު ކުރިންވެސް ނުބަލާށޭ ) ވަރަށް މަދުމީހަކުމެނުވީ އަމިއްލަރަށަށް އާދެވުނީމައި ރަށަށްފައިބައި އަނބިދަރިންކައިރީ އެރޭ ނިދައި ރަށުމީހުން އޮޑިއަށް އަރައި ފައިބައި ހެދިއެވެ. އޮޑީގައި އޮތް ބޮޑު ބޭރަށްހިންގުން (ޠާޢޫން) ޖެހިފައިވާ މީހާ އޭނާގެ ގެއަށް ބޭލިއެވެ. އަލިވިލެންވީއިރު އޮޑީގެ ބައެއް މީހުންނަށާއި ރަށުގެ އެތައްބަޔަކަށް އޮތް ބޮޑު ބޭރަށްހިންގުން (ޠާޢޫން) ޖެހިއްޖެއެވެ. ރަށުގެ ގޮނޑުދޮޑުގައި ރީނދޫ ދިދަ ނަގައިފިއެވެ.

ތިންހަތްދުވަސް ވެގެން ވެސް އެދިދަ ތިރިނުކޮށް ގިނަދުވަސްވެގެން ކައިރީ ރަށްރަށު މީހުން އައިސް ބެލިއިރު އެންމެން ވަނީ އެ ބޭރަށްހިންގުން ޖެހިގެން މަރުވެފައެވެ. ދިރިހުރިކަމަށް ބުނެވެނީ ދިހަބާރަ އަހަރުގެ ފިރިހެން ކުއްޖެއް އެކަންޏެވެ. އެކުއްޖާގެނެވުނީ މާކަނޑޫދުއަށެވެ. އޭގެ ދަރިފަސްކޮޅަށް ފުނަދޫގެ ނަމުން ނަންކިޔެމުން އާދެއެވެ. މިކަމުން އެނގެނީ އެރަށަށް އެންމެ ފުރަތަމަ ދިޔައީވެސް މާކަނޑޫދޫ ބައެއްކަމެވެ. ވީމައި މިލަންދޫ ފަޅުވުމުގައި މިކަލަ ކަމެއް ހިނގާފައި ވުމަކީ އެކަށީގެންނުވާކަމެއް ނޫނެވެ. والله اعلم

މިލަންދޫ ދެކުނު އަވަށަށް ބުނުންތަކުން ދޭހަވާގޮތުގައި ތިންނަމެއް ކިޔާކަމަށް ފެނެއެވެ. އަޑިމަގު އަވަށް ހަޑިމަގު އަވަށް އަށިމަގު އަވަށް މިއެވެ. ލަފާކުރެވޭގޮތުގައި ދެކުނު އަވަށު އަސްލުނަމަކީ އަޑިމަގު އަވަށެވެ. އަޑު އެއްގޮތްވުމާއިއެކު އަޑި ހަޑިއަށް ބަދަލުކޮށް މަލާމާތުގެ ގޮތުން ކޮންމެވެސް ބަޔަކު ހަޑިމަގު އަވަށް ކިޔުމުން އެއަވަށު މީހުން އެކަމާއި ނުރުހިގެން [އަށިމަގު އަވަށް] މިގޮތަށް ބަދަލުކޮށްގެން ކިޔައި އެނަން ހަރުލެއްވީއެވެ. މިނަން އަށިމަގު އަވަށަށް ނިސްބަތް ކުރެވެނީ ހުކުރު މިސްކިތް ހުންނަ އަވަށޭ ބުނުމުގެ މާނާގައެވެ. އެގޮތަކީ ކުރީޒަމާނުގައި ރާއްޖޭގެ ގިނަ މިސްކިތް ހުންނަނީ ބޮޑެތި ގާމަތީގައި ބަހައްޓާފައި ހުންނަ މަޅުއެޅި އަށްޓެއްގެ ގޮތުގައެވެ.

މިވާހަކަ މިއަށްވުރެން ރަނގަޅަށް އެނގޭ ބޭފުޅަކު އެބޭފުޅެއްގެ ގަލަމުން ލިޔުއްވާފައި ވާތަން ދުށުމަކީ އަޑުގަނޑުގެވެސް އެދުމެކެވެ. އަޅުގަނޑު މިވާހަކަ ލިޔުނީ ބުނުންތަކުގައި ހުންނަ މިބާވަތުގެ ވާހަކަތަކާއިމެދު ޚިޔާލުކޮށް އަހައި އޮޅުންފިލުވާ މީހުން މަދުވެ ނެތެމުންދާ އަވަސްކަމުން ނޭނގުމުގެ ތެރެއަށް މުޅިން ގެއްލިދާނެތީއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ