އަދުގެ ޚާއްސަ

Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 04

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


20 އޮގަސްޓު (ބުރާސްފަތި) އާ ގުޅޭ...

            TNA ގެ ސުވާލު ނަންބަރު 1 - ޕާރފޯމަންސް ޑިސްކްރިޕަންސީ


      ނުވަތަ ޕީޑީ އަކީ ކޮބާ؟


 ބިންމާ އިބްރާހީމް ވަޙީދު
  
ޕީޑީ އުފެދުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެދާނެ އެވެ. ޓީއެންއޭގެ މައިގަނޑު މަގުސަދަކީ، އެ ޕީޑީ އުފެދުމުގެ އަސްލު ހޯދުމެވެ. އެ މަޢުލޫމާތު ލިބުމުން، ޓްރެއިނަރގެ އަސާސީ ސުވާލަކަށް ވާންޖެހެނީ، ތަމްރީނު ޕްރޮގްރާމެއް ހިންގައިގެން އެކަން ޙައްލު ކުރެވޭނެތޯ ނުވަތަ ނޫންތޯ އެވެ؟ އަދި، އެހެންވެއްޖިއްޔާ، އެ ޕީޑީ ނައްތާލުމަށް އޮތް އެންމެ ފަސޭހަ، އެންމެ އެދެވޭ ވަސީލަތަކީ ހަމައެކަނި ޓްރޭނިންތޯ އެވެ؟
   
މި ކަމާ ބެހޭގޮތުން ޚިޔާލީ ހާދިސާއެއް ސިފަކޮށްލަމާ ހިނގާށެވެ. މިސާލަކަށް، ނިއުސްރޫމްގެ ޚަބަރު ޕެކޭޖު ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހަކު، ހެނދުނު ގެނެސްދޭ ނިއުސް ބްލެޓިނުން މައްސަލަތަކެއް ފެންނަން ފެށީއެވެ. އެ ޚަބަރުތައް ތަރުތީބުކުރުމުގެ ފެންވަރު ދަށްވެފައި، އެޑިޓިން ރަނގަޅުނުވެފައި، އޮންއެއާރގައި ވީޑިޔޯ ނަގާ ދަނޑިވަޅުތައް ކަމުނުދިއުމާއެކު، ނުގުޅޭ ވީޑިޔޯތައް ވެސް ނަގަނީ އެވެ. މިކަން ތަޙުޤީޤު ކުރުމަށްޓަކައި ވީޑިޔޯތައް އަލުން ބެލިއިރު، އެޑިޓޯރިއަލުން ނިންމާފައިވާ ކަމުނުދާ ނިންމުންތަކެއް ހުރިކަމާއި، ރަނިންގ އޯޑަރ އޮޅުވާލެވުން، އަދި ބައެއް ވީޑިޔޯތައް ނެތުން ކަހަލަ ކަންކަން ފާހަގަކުރެވުނެވެ. އެހާ ހިސާބުން އުފެދިދާނެ އެއް ސުވާލަކީ، އެ މަޤާމުގައި ހުންނަ މީހާގެ ކިބައިގައި ހުންނަންޖެހޭނެކަމަށް ތަނުން އުންމީދުކުރާ ފެންވަރު، އޭނަގެ ކިބައިގައި އެބަހުރިބާ އެވެ؟ ސަބަބަކީ، ނިއުސް ޕްރޮޑިއުސަރެއްގެ ހުނަރާއި، ޢިލްމު، އޭނަގެ މަދުކަމަށް ބެލެވުމެވެ. އެ ފަދަ ޕީޑީ ކުޑަކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި ޓްރޭނިންގެ ބޭނުން ހިފިދާނެ އެވެ. އެކަމަކު، އެހެން ޙައްލެއް އޮތްތޯ ބެލުނުބާ އެވެ؟
   
މިސާލަކަށް، އެ މައްސަލަ ބެލިއިރު، އޭނަ ޑިއުޓީ އަށް އަންނަލެއް ލަހީ އެވެ. ނުވަތަ ޚަބަރަށް ކޮންޓްރޯލު ރޫމަށް ވަންނަލެއް ލަހީއެވެ. ލަހުން އައުމުގެ ސަބަބުން، ޚަބަރަށް ތައްޔާރުވާން އޭނަ އަށް ލިބޭ ވަގުތު މަދުވަނީ އެވެ. ނުވަތަ ސުންގަޑިތައް ގިނަވެގެން ގޮސް، ރަނގަޅު ނިންމުންތަކެއް ނިންމާނެ ވަގުތު ނުލިބުން ވެސް އެއީ ވެދާނެ ކަމެކެވެ. ވުމާއެކު، އެންމެ ރަނގަޅަށް ތައްޔާރު ނުވެވި އޭނަ ކޮންޓްރޯލު ރޫމަށް ވަންނަނީ އެވެ. ހާލަތަކީ މިއީ ކަމަށް ވާނަމަ، ހުނަރާއި ޢިލްމު އުނގަނައިދޭ ޓްރޭނިން ޕްރޮގްރާމަކުން އޭނަ އަށް އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟ ނުކުރާނެކަން ޔަގީނެވެ. ދަސްކޮށްދޭން ބޭނުންވާ ކަންތައް ކުރާނެގޮތް، ކުރިއްސުރެ ވެސް އެ މީހަކަށް އިނގިފައިވާކަމަށް ވަންޏާ، އެ މަސައްކަތް އިތުރަށް ކިޔާދިނުމަކުން، އުންމީދުކުރާ ނަތީޖާއެއް ނުނެރެވޭނެ އެވެ. ޚަބަރު ޕްރޮޑިއުސަރަކު ކަންތައް ކުރަންވީގޮތް އެ މީހާ އަށް އިނގޭތީވެ، އަލުން އެކަން ކިޔަވައިދިނުމުން އިތުރު ދެތިން އެއްޗެއް އިނގުން އެއީ ޙައްލެއް ނޫނެވެ. އެ ކަމުން އޭނަގެ އާދައެއް ބަދަލެއް ނުކުރެވޭނެ އެވެ. މި ޚިޔާލީ ހާދިސާގެ ޙަޤީޤީ މައްސަލަ އަކީ އޭނަގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ނޭނގުމެއް ނޫނެވެ.
  
 މީހާގެ މަސައްކަތު މާހައުލުގައި ހަރުލާފައި ހުންނަ ފީކަޅާ އާދަތަކަށް ހަމަލާ ދިނުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ރޭވިދާނެ އެވެ. މީ ފަސޭހަކަމަކަށް ނުވިޔަސް، ކުރެވިދާނެ ކަމެކެވެ. ޓްރޭނިންއެއް ކާމިޔާބު ކުރުމަށްޓަކައި، އަސްލު މައްސަލަ އަކީ ކޮބައިކަން، ޓްރޭނިން ރާވާ މީހާ އަށް އިނގެންޖެހެ އެވެ. މަސައްކަތު މާހައުލުގައި ހިނގާ ކަންތައްތަކުގެ ސްޓަޑީއެއް ހެދުން މުހިންމުވަނީ އެހެންވެގެންނެވެ. ޕީޑީ އުފެދެން މެދުވެރިވާ ސަބަބު، ޓްރޭނިން ރާވާ މީހާ އަށް އިނގޭނީ، ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލައިހޯދުމުންނެވެ. އެ ބަލައިހޯދުންތަކުން،  (A)"ޕީޑީ އުފެދިފައިވާކަމުގެ ސީދާ ހެއްކަކީ ކޮބާ؟" އަދި (B) "ޕާރފޯމަންސާ ދޭތެރޭގައި ހިތްހަމަނުޖެހެނީ ކީއްވެ؟" ފަދަ ސުވާލުތަކުގެ ޖަވާބު ހޯދެންވާނެ އެވެ.  (A)ގެ ޖަވާބު ލިބުމުން، އަނެއްކާ ވެސް އުފެދޭނީ އިތުރު ސުވާލުތަކެކެވެ.


TNA ގެ ސުވާލު ނަންބަރު 2 - ފެނުނު ޕީޑީ އެހާ މުހިންމުތަ؟

ފެނުނު ޕީޑީ އަކީ، ޓްރޭނިން ރާވާ މީހާ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރުގެ މުހިންމު ކަމެއްހެން ހީވެދާނެ އެވެ. މުވައްޒަފަކާ ބެހޭގޮތުން ވެރިއަކު ހިތްހަމަނުޖެހިއްޖެ ނަމަ، އެއީ ޙައްލުކުރަންވާ ވަރުގެ މައްސަލައެއްކަމަށް މީހަކު ބަލާފާނެ އެވެ. އެކަމަކު، ވެރިއަކު ހިތްހަމަނުޖެހޭ ކޮންމެ މައްސަލަ އަކީ، އޮގަނައިޒޭޝަނުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ އެއްވެސް ގުޅުމެއް ނެތް މައްސަލައަކަށް ވާފަހަރު ވެސް އާދެ އެވެ.
މިސާލަކަށް، ރީތިކޮށް ހެދުން ނާޅާ، ބޯދިގުކޮށްފައި ހުންނަ މުވައްޒަފެއްގެ މައްސަލައެއް ނަގަމާ ހިނގާށެވެ. މީ، ކޮންމެވެސް ވެރިއެއްގެ ލޮލަށް އުނދަގޫވާ ކަމަކަށް ވެދާނެ އެވެ. އެކަމަކު، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި މިންވަރަށް އެއިން އެއްވެސް އަސަރެއް ނުކުރުމާ އެކު، އޮގަނައިޒޭޝަނުގެ އުފެއްދުންތެރިކަމަށް އެއިން ގެއްލުމެއް ނުވާކަމަށް ވަންޏާ، އެއީ މައްސަލައެއް ހެއްޔެވެ؟ ބޯދިގުކޮށް ހުރުމުން، މައްސަލަ ކުރިމަތިވާ ހާލަތުތަކެއް އަތުވެދާނެ ކަހަލަ ވަޒީފާ އަދާކުރާ މުވައްޒަފުން ތިބޭނެކަމާމެދު ޝައްކެއް ނެތެވެ. އެއީ، އިސްތަށިގަނޑުގެ ދިގުކޮށް ހުރުމުން އެ މީހާ އަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަހަލަ މަސައްކަތެއް ކުރާ މީހާ އެވެ. މިސާލަކަށް، އިސްތަށިގަނޑު އޭގެ އެތެރެ އަށް ވަދެގެން އަނިޔާއެއް ވެދާނެ ކަހަލަ މެޝިންތަކެއް ކައިރީގައި މަސައްކަތްކުރާ މީހާގެ ބޯދިގުކޮށް ހުރުން އެއީ މައްސަލައެކެވެ. ނުވަތަ، ބޯދިގުކޮށް ހުރުމުން، ތަނުގައި އުފައްދާ ތަކެތީގެ ފެންވަރު ދަށްވެދާނެ ކަހަލަ، ކާނާ އުފައްދާ ކުންފުނިތަކުގައި ވެސް އެއީ މައްސަލައަކަށް ވާނެ އެވެ.

 TNA ގައި މި ސުވާލަށް ޖަވާބު ހޯދިދާނެ އެއް ގޮތަކީ، އެކަން އެ އޮތްގޮތަށް ދޫކޮށްލައިފި ނަމަ، ނުކުންނާނެ ނަތީޖާއާ ދޭތެރޭގަ ވިސްނާލުމެވެ. އެއްވެސް ތަމްރީނެއް ނުދީ، އެކަން އެ އޮތްގޮތަށް ދޫކޮށްލުމުގެ ސަބަބުން، ނުކުމެދާނެ ނުރަނގަޅު ނަތީޖާ އަކީ ކޮބާހެއްޔެވެ؟ ނުކުންނަ ނުރަނގަޅު ނަތީޖާގެ ސަބަބުން، މުވައްޒަފުންގެ އުފެއްދުންތެރިކަމާއި ތަނަށް، ވާނެ ބޮޑު ގެއްލުމެއް ނެތްކަމަށް ވަންޏާ، ޓްރޭނިން ނޫން އެހެން ވަސީލަތެއް ބޭނުންކޮށްގެން އެކަން ޙައްލުކުރަން ދޫކޮށްލުން މާ ރަނގަޅުވާނެ އެވެ. ވެރިންގެ މި ކަހަލަ ކޮންމެ ޝަކުވާއަކަށް ޙައްލު ހޯދުމަށްޓަކައި ޓްރޭނިން ޑިޕާރޓްމަންޓުން "ބަދަލު ކުޅުންތެރިއެއްގެ" ރޯލު އަދާނުކުރެވޭނެކަން އެނގުމަކީ މުހިންމު ކަމެކެވެ. ދެންމެ މި ބުނެވުނު ފަދަ ކަމެއްގައި، މުވައްޒަފަކު ހެދުންއަޅާގޮތާ މެދު ވެރިއަކު ހިތްހަމަނުޖެހޭކަމަށް ވަންޏާ، އެ މައްސަލައެއް އެންމެ ރަނގަޅަށް ޙައްލުކުރެވޭނީ އެ ފަދަ ވެރިއަކަށެވެ. މުވައްޒަފުންގެ އާދަތައް ބަދަލުކޮށްދިނުމަށް ޓްރޭނިން ޑިޕާރޓްމަންޓުން އެދުން އެއީ، "ތިމާ ބޮލުން ނައްޓާލުން" ނުވަތަ ތިމާގެ ކަންފަސޭހަކަން ފޮރުވުމަށްޓަކައި ބަހަނާއެއް ހޯދުން ފިޔަވައި އެހެން އެއްވެސް ކަމެއް ނޫނެވެ.
   
        
TNA ގެ ސުވާލު ނަންބަރު 3 - ހުނަރު މަދުވަނީތަ؟

މިހާ ހިސާބަށް އަންނައިރު، އެއީ ޕީޑީގެ މައްސަލައެއްކަމާއި، ކުރިމަތިލާންޖެހޭވަރުގެ މުހިންމު މައްސަލައެއްކަން ވެސް އޮންނާނީ ޔަގީންވެފަ އެވެ. އެ ކަމަށް ސަމާލުކަން ދޭންވާނެ އެވެ. ދެން ޖެހޭނީ އެ ޕީޑީ ކުރިމަތިވި ސަބަބު ދަނެގަތުމަށްޓަކައި ދިރާސާއެއް ކުރާށެވެ. މިއީ، މުވައްޒަފުންގެ ފަރާތުން އުންމީދު ކުރެވުނު ވަރަށް އެ މީހުންގެ ފެންވަރު ނުދެއްކިގެން ދިމާވި މައްސަލައެއްތޯ ބަލަންވާނެ އެވެ. އެހެން ދިމާވީ، އެ މީހާގެ ކިބައިގައި ހުނަރު ނެތިގެން ހެއްޔެވެ؟ ދިރާސާގެ މި މަރުޙަލާގައި، މައްސަލަ އަކީ ހުނަރު ނެތުންތޯ ނުވަތަ އެހެން މައްސަލައެއްތޯ ނިންމަން ވާނެ އެވެ. ތަމްރީނު ދޭން ކަނޑައަޅާފައިވާ މީހާ އަށް އެ މަސަތްކަތްކުރަން އިނގުމާ އެކުގައި ވެސް، ނުކުރާ ނަމަ، ފަރުވާ އަކީ ޓްރޭނިންއެއް ނޫނެވެ. މަސައްކަތް ނޭނގޭހެން ހީވާ ނަމަ، އޭނަގެ މަސައްކަތުގެ ފެންވަރު ރަނގަޅަށް ދެނަގަތުމަށްޓަކައި، މަސައްކަތު މާޙައުލުގެ ހާލަތު ބަދަލުކުރާނެ ގޮތެއް ވިސްނުމަކީ ވެރިންގެ މަސްއޫލިއްޔަތެކެވެ.

މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ، މައްސަލަ އުޅޭކަމަށް ފެންނަ މީހާ އަކީ، އޭނަ ބޭނުންވެއްޖިއްޔާ ބަރާބަރަށް މަސައްކަތް ކުރާ މީހެއް ހެއްޔެވެ؟ ކޮންމެހެން ނުކޮށް ނުވާ ހާލަތުތަކުގައި އޭނަ މަސައްކަތްކުރޭ ހެއްޔެވެ؟ "އޭނަ އަށް ކުރެވޭނެ" ކަމަށް މީހުން ބުނާކަމަށް ވަންޏާ، އެއީ ހުނަރު މަދުވެގެން އުޅޭ މީހެއް ނޫނެވެ. "ކުރެވޭނެ އެކަމަކު ނުކުރަނީ" ކަމަށް ކިޔާނަމަ، އެ މީހަކު އެ މަސައްކަތެއް ކުރަން ބޭނުން ނޫނީ އެވެ. މުހިންމު ނުކުތާ އަކީ "ކުރެވޭނެ" އެވެ. މައްސަލަ އަކީ، ސީދާ ހުނަރު މަދުވުމާ ގުޅިފައިވާ މައްސަލައެއް ނަމަ، ބުނާ އަޑު އިވޭނީ "އޭނައަކަށް ނުވާނެ" އެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ