އަދުގެ ޚާއްސަ

Print

ބެހިގެން ދެވުނު އިންޑިޔާ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު ޢަބްދުއްރަޙުމާނު - ނޫރާނީގެ ށ. މިލަންދޫ

ދުވަސްވަރަކީ އިރުވައިގެން ތިންހަޅަ ކެނޑި ވައިމަޑު ދުވަސްވަރެވެ. މިދުވަސްވަރަށް ބައެއް މީހުން އޮއި މޫސުމޭ ކިޔައެވެ. ބައްތެލި މާލޭން ރަށަށް ދާން ފުރިއިރު ހުރީ ބޮޑު ރިޔަލު ވައެވެ. ބައެއް ފަހަރަށް ވައިހިނދި ދަހަނގުވެ އެވެ. ބައެއް ފަހަރަށް ބޮޑު ރިޔަލު ވައިޖެހިފައި ކުއްލިއަކަށް ވައި ހިނދެއެވެ. ބައެއްފަހަރަށް ގަހާ ދަށުން ވައިރޯޅިވެފައި ވައިހިނދި އެކިފަހަރު އެކިފަހަރު އެކިތަނުން ރޯޅިޖެހެއެވެ.  މިއީ ވައި ހަރުނުލާ މޫސުމުވެ. އެކަހަލަ މިކަހަލަ ގޮތަކަށް ދަތުރުކުރަމުން އައިސް އެއްދުވަހެއްގެ މެންދުރެއްހައިއިރު އަތޮޅުވަދެވިއްޖެއެވެ. ވައިރޯޅިއަންނަނީ ބާރުވަމުންނެވެ. ފަހިތަނުން އަންނަ ނަލަ ރޯޅީގައި ދެކަންކަށިން ފޮނުބުރުވައިލައިފައި ބައްތެލި ދުއްވައިގެންފި އެވެ. މިހާރު ރާޅު ބޮލުގައި ހައްޖުތާކިހާ އެޅިއްޖެއެވެ.


އަސުރުން އިރު ތިރިވިއިރު ރަށުގެ ބަނޑުރުއްފަށަށް އާދެވިއްޖެއެވެ. ދުވަހުގެ ފަހެއްޖެހިއިރު ފަންހިނގޫ ފެނުޖެހޭ ހިސާބުން ބަނޑުރާޅުފަށަށް އާދެވުމުން ، ރަށުގެ ކުދިބޮޑު ގިނަބަޔަކު މާލެއޮޑި ލަފާތަނަށް އަތިރިމައްޗަށް ނުކުންނަތަން ފެނިއްޖެއެވެ. ބައްތެލި ކުދިން އުފަލުން ވަރެއްނެތެވެ. އެއްކުއްޖަކު ބުނެފިއެވެ. ރަށަށް މިއޮތީ އާދެވިފައެވެ. އަވަހަށް ފައިބާން ތައްޔާރުވާންވީއެވެ. އެހެންކުއްޖަކު އާނ! އޭބުނެފައި ފެންހަދު ބަންޑުން ޖަހައިފިއެވެ. އެހެންމީހަކު އުނދުންކޮށި ކަނޑުތެރެއަށް އެއްލައިލި އެވެ.

ބައްތެލި ރަށާއި ކައިރިވަމުންދެއެވެ. ފަސްގަޑިބައިވެ ތަންކޮޅެއް ފަސްވީތަނައި ވައިރޯޅި ހިނދިއްޖެވެ. (ވައިހަރުނުލާ މޫސުމެވެ.) ދެން ގަދަ ހިތްވަރާއިއެކު ރަށުބޭރު އަތުވޭތޯ ފަލިޖަހަން ފަށައިފި އެވެ. ވަރަށް އަވަހަށް ރަށްބޭރު އަތުލެވިދާނެކަމުގެ އުންމީދު އާވަމުންދެވެ. އިރުފޮހެވި އަނދިރިވާން ފަށައިފިއެވެ. ކުއްލިކަށް ރަށުގެ ރަށުގެ ފުޅޮއިކޮޅުން ދަމާފައި އޮންނަ (ލޮންދައިލި އޮއިވަރުގައި) ޖެހިއްޖެއެވެ. ބަލަބަލައި ތިއްބައި ގަންނަ ކަޅުއަނދިރިއާއިއެކު ރަށްވެސް ގެއްލިއްޖެއެވެ. ދެންކުރާނެ އެއްވެސްކަމެއް ނެތެވެ. ކޮންމެމީހަކުވެސް [މެންދުރުކާޅު އަނގަ ހަދައިގެން ] އެކަކުއަނެކަކު މޫނަށް ބަލަބަލައި ތިބީއެވެ. އެކަކު އަނެކަކާއި އަނގައިން ބުނެއުޅެނީވެސް ވަރަށް މަދުން ކުރު ބަހަކުންނެވެ.

 ރޭގަނޑު ހަތަރުދަމު ތަރި ގުނަގުނައި ތިއްބައި އާފާޤުގެ ކަންކޮޅުތަކުން ޔަދު ޤުދުރަތުގެ ފަތިހުގެ މަންޒަރުތައް ކުރަހައިލައިފި އެވެ.  [އިރުމަތިފަރާތު އުދަރެސް ފުރިހަމަވެގެން މަތީރެސް ] ޤުދުރަތުގެ މިރީތި މަންޒަރުތަކުން މާބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ނުލިބުނުނަމަވެސް އުދަރެހުގެ ކަންކޮޅުތަކުން އުންމީދުގެ ކުލަވަރެއް ފެނޭތޯ ބަލަމުންދެއެވެ. އިރުއަރައި އަލިވެއްޖެއެވެ. ''ވިރުވައިލި ރަންގަނޑެއްހެން ހުރެގެންމި އަލި'' ވެއްޖެ އެވެ. އެއްވެސް ދިމާއަކުން ރަށެއްގެ މޭގަނަމަވެސް އެނގޭތޯ(ފެނޭތޯ) ބަލަމުން ދެއެވެ. ނަމަވެސް އެއްވެސް ރަށެއްވެސް ނުވަތަ ފުރައިދުއްވާއެއްޗެއްގެ އަސަރެއްވެސް ނުފެނުނެވެ. ދެން ވީމޮޅިން ކަނދުރާއެލުވި ފީކުކުޅުގަނޑަކަށް ވެގެން ތިބެވުނީއެވެ. ދެން ކުރިމަތިލާންޖެހުނީ ދުވާލުގެ ގަދަ ހޫނުކަމާއެވެ.

ވައި ހިނދިފައިވާ އިރުވައިމޫސުމުގެ އިހުސާސްކުރަންޖެހޭ ހޫނާއި އުދާހާއި ކެކުޅިން އިތުރުވަމުންދެއެވެ. މިގޮތުގައި ތިންދުވަސްވީއިރު މީހުންތައް ބަނޑަށް ފެނަށް ހާންތިވާން ޖެހިއްޖެއެވެ. ކައްކައި ކެވުމުގެ ވަސީލަތްކަމުގައިވާ އުނދުންކޮއްޓާއި ބޯފެނުންވަނީ މަޙްރޫމް ވެފައެވެ. އެންމެފަހުން ކުދިދަރިންނަށް ގެނައި ހަދިޔާ މަޑުމަޑުން ކެވެން ފަށައިފި އެވެ. ކަނޑުގެ ފިނިކަމުން ވަރަށް ބޮޑު غزا (އަރާމު) ލިބެއެވެ. ދެން ބޮލަށް ލޮނުއަޅައަޅައި ތިބެނީއެވެ.  ނެވިދޮންބެ ބުނެފިއެވެ. މިރުއަސްތަވަނީ ރޭވިލޭރެއަކަށެވެ. ގިނައިން ކަނޑުމަތީކަންތައް ފެންނާނީ ރޭވިލޭރޭގައެވެ.

ރޭގަނޑު އެއްދަން ހުސްވިތަނައި ކަނޑުމަތީގެ ކަންތައް ފެންނަން ފަށައިފިއެވެ. ބައްތެލި ދަށުން ބޮޑެތި އަލިގަނޑުގަނޑު ބޫން ބޫން ގޮއްވަމުން ދާތަން ފެނެއެވެ. ދެންހިލަމެއް ބިލަމެއް ނުވެ ކުޑަ ވަގޮތުކޮޅެއް ވެއްޖެއެވެ. ދެންފެނުނީ ކަނޑުގެ ސަތަހައިގައި އަލިފާން ރޯވެ ފެތުރެމުން ދާތަނެވެ. މިގޮތުގައި ވޭތިވީ ކިހައި އިރެއްކަމެއް ނޭގެއެވެ. އަލިފާންގަނޑު އިރުމަތީފަރާތަށް ދަތުރުކުރަމުން ގޮސް ގެއްލިއްޖެވެ. ކުޑަ އިރުކޮޅަކުން އިރުދެކުނުން ހުޅަގަށް ދަތުރުކޮއްފައި އަންނަ ބޮޑު ނަވެއް އެބަހުރެގެން އާދެއެވެ. ދެން އެކަހަލަ ކިތަންމެ ނަވެއް ކައިރިކައިރީން ދަތުރުކުރަމުންދެއެވެ. ކުއްލިއަކަށް މުޅި ކަނޑުގައި ގަދަ އަލިކަމެއް ފެތުރިފައި ނިވުނުއިރު ކުރިން ފެނުނު ނާތަކެއް ނެތެވެ. އެތަށް އިރަކަށްފަހު ދިއްލައި އަލިކޮށްފައިވާ މަނަވަރުތައް އަންނަތަން ފެނެއެވެ. ވަރަށް ކައިރިއަށް އައިސްފައި ގެއްލެނީއެވެ.

މި ގޮތުގައި ކަނޑުމަތިއަޅައިގެން އުޅޭތާ ތިންވަނަރޭ އާ ބިރުވެރިކަމެއް އިތުރުވެއްޖެއެވެ. އެއް މުރިނގުން އަނެއް މުރިނގަށް ވިލާގަނޑެއްގެ ދަނޑިފަށް ދަމައިލައި އެވެ. ވަރަށް އަވަހަށް ދަނޑިފަށްގަނޑު ނަގައި ބޯމަތިކޮށްފި އެވެ. ފެންލިބިދާނެކަމުގެ އުންމީދުގައި ތިއްބައި ބޯކޮން ވާރޭ ވެހެން ފަށައިފިއެވެ. ވާރެއަކަށް ވެހެނީ ބަހުރު ލޮނެވެ. ކުއްލިއަކަށް ކަނޑުގައި ރާޅުބާނި ބޮޑުވެ ބައްތެލި ފުރޮޅޭގޮތް ވުމުން އަތެއް ފައެއް ތަނަކު ހަރުނުލާގޮތް ވެއްޖެއެވެ. ބިރުބޮޑުވެއްޖެއެވެ. އެމީހަކު ދަންނަ ހެޔޮއެއްޗެއް އެމީހަކު ކިޔޭތޯ އުޅެ އެވެ. ނެވިދޮންބެ އަމާން ބަންގި ގޮވަނީއެވެ. ބައެއްމީހުން ބޮޑުތަކުބީރު ކިޔޭތޯއުޅެއެވެ. ބައެއްމީހުން ޔާސީން ސޫރަތުން ތަންތަންކޮޅު ކިޔަވައެވެ. ރަސޫލު ތިންދަލީލު ކިޔަވައި ދެކޮނޑަށް ފުމޭމީހުންވެސް އުޅެއެވެ. ހެޔޮހާލުގައި ތިބިއިރުނަމަ ހެޔޮކޮށްވެސް ކިޔުނީސްތާއެވެ. މިހައި ބިރުވެރިކަން ބޮޑުވީމައި ކުރިން ދަންނަ ސޫރަތެއް ނުވަތަ އާޔަތެއް ކިޔަވަން ފެށިނަމަވެސް ކިޔަވަންފެށެނީ ނަކަތު އެދުރު މައުލޫދު ފެށިގޮތަށެވެ. ما كان محمد ދަލީލު ކިންފެށިގޮތަކުން ނިމުނީ لقد جاء  އަށެވެ. ދެން މިކަހަލަ ހާލެއްގައި ކަނޑުމަތިއަޅައިގެންނާއި ކަނޑުމަތީ ބައްތެލި އަޅައިގެން ހަތްރޭ ހަތްދުވާވަނީއެވެ. މީނުންގާވެސް خوش ( ހަމަހޭވެރިކަން ) ދަނީނެތެމުންނެވެ.

އެއްރެއެއްގެ ފަތިސްދަމާއި ގާތް ވަގުތެކެވެ. މަތިކަނު ދާރައިގައި ދަތްދޮޅި ޖައްސައިގެން އިންޒުވާނަކު ބުނެފިއެވެ. ވަތްފެނެއެވެ. މިއީރަށެއްގެ ބޭރުމައްޗެެވެ. ނެވިދޮންބޭ ގޮވައިލިއެވެ. ފަނައެއް އެއްލާށެވެ! އެއްލި ފަނައި އަޑިއަށް ދިޔަ ނަމަވެސް ދާނާ ގޮތެއް ނުވިއެވެ. ފަނައި ގަލުތެރޭ ލައިޖެހެމުން އަންނަނީއެވެ. ބުނެވުނެ އަދިވެސް އަދިވެސް ފަނައި ވަލުން ހައެއްކަ ބަމަ ދޭށެވެ. ފަނައި ދާނާނެ އެވެ. ދެންފަނައި ވަލަށް ހިފަހައްޓައި ދެހުސެން ދެރިއަށް ދެތިންބޮޅު އެއްލައި ހުރަސްދަނޑިއާއި އެކު ހިފަހައްޓައިލުމުން ފަނައި ދެތިންފަހަރު ލައިޖެހިލުމައްފަހު ގަލުގައި ދާނައިފިއެވެ. ދެން ނެތް ހިތްވަރު ހައްޓަށް ލިބި ފެންރުނބައެއް ލިބޭތޯ ފޭބުމަށް އަވަސްވެގެންފިއެވެ. އޭރު އުދަރެހުކައިރިން ރޭގަނޑުގެ އަނދިރިކަން ފިލައި ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވާން ފަށައިފި އެވެ.

ފެން ރުނބައެއް ބަލައި ފައިބާނެ ދެކުއްޖަކު ވެއްޖެއެވެ. ދެން ބަސްދޭހަ (ތަރުޖަމާ) ކުރާނެ މީހަކަށް ފައިބާން ހަމަޖެހުނީ ނާގަބާޑި އާދަނެވެ. ނާގަބާޑި އާދަނަކީ ދެތިންފަހަރު ބަންގާޅުއޮޑީގައި ދަތުރު ކޮށްފައިވާ މީހެކެވެ. ނާގަބާޑި އާދަނު ބުނާގޮތުގައި މިއާދެވުނީ އިންޑިއާގެ އުތުރު ހިސާބުގަނޑުގެ ރަށަކަށެވެ. ދެން ޒުވާން ދެކުއްޖަކު ފެންހަދާއި ތަންޑިޔާގަނޑު ހިފައިގެން ފީނާފައި ރަށަށް އަރައިފިއެވެ. ބަސް ދޭހަކުރުމަށްޓަކައި ފޭބީ ނާގަބާޑި އާދަނެވެ. ފޭބުނީ ކުނިކަހައި ރީތިކޮއްފައިވާ މަގަކަށެވެ. އޭރު އަލިވަނީއެވެ. އާދަނު ބުނާގޮތުންނަމަ މީހުންއުޅޭ އަވަށްގަނޑު ވަރަށް ގާތްވާނެއެވެ. ދެން ވާހަކަދައްކަމުން ޙައިރާންކަމާއި އެކުގައި މަގުގެ ދެފަރާތަށް ބަލަމުން ދަނީ ދުވަހަކުވެސް ނުފެންނަ މަންޒަރުތަކަށް ވާތީއެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ ފަނޑު އަލިކަމެއް ފެނިއްޖެއެވެ. އެއީ މަގުގެ ކަނާއަތް ފަރާތުގައި ހުރި މިސްކިތެކެވެ. މިސްކިތުގެ ވަޅުދޮށުގައި މީހަކު ވުޟޫ ކުރާން އުޅެއެވެ. ނާގަބާޑި އާދަނު ގޮވައިލިއެވެ. ދޯސްތޭ ހަމާރާ ޕާނީލާއޯ އެވެ.  އެމީހަކުގެ ކަންފަތަށް މި އިވުނު އަޑު މޭރުން ނުވުމާއި އެކު ތެދުވެ ހިންދެމިލައިފައި ބުނެފިއެވެ. ކަލޭމެން ތިޔަތިބީ ހައުދަހައި ފޮނިބޮޑުވެފައިތާއެވެ. ތިޔަކިޔަނީ ކޮން ހަމާރެއް ގަމާރެއް ހޭ!!؟ ތިއައީ މިރަށު ނާގަބާޑި އާދަނެއް ނޫންބާއެވެ.  މިމީހުންނަށް ވެފައިތިބި ގޮތަކީ މީހުން ހަންޑިގެންދިޔައީމައި ވާހެން ކުރިން ދެކެއުޅުނު ހުރިހާއެއްޗެއް ފެންނަނީ އެހެން ސިފައަކަށެވެ. ކުޑަހުއިކޮޅެއްވެސް ފެންނަނީ ބޮޑު ޖަންގައްޔެއްގެ ސިފައިގައެވެ. ކުޑަ ޖިފުޑިގަނޑެއް ބޮޑުކިއްލާއެއްގެ ސިފައިގައި ދައްކާފައި ހަންޑި ދޫކޮށްލިމުން އިހު ސިފައަށް ކުއްލިއަކަށް ބަދަލު ވަނީއެވެ. އެމީހުންނަށްވެސް ވީގޮތަކީ މި އިވުނު އަޑާއެކު ހީވީ މޫނުމަތީގައިވާ ފަރުދާއެއް ނެގުނު ހެންނެވެ. އެމީހުންގެ خوش ( ހަމަހޭވެރިކަން ) ހަށިގަނޑަށް ލިބުމާއި އެކު ފެންނަނީ އަމިއްލަ ރަށުގެ އެމީހުން ދަންނަ ރުއްގަހާއި މަންޒަރުތަކެވެ. ވަގުތުން ފެން އަޅަން ގެނައި ރުނބައި ، ރނުބަޔަކަށް ރުނބައެކޭ ކިޔާފައި ގައިހުރި ބާރު ދެފައިކުރިއަށް ލައިފައި އިތިކޮށްފައި ދުއްވައިގެންއިރު ހީވަނީ ބުޅަލު ބުޑުގައި އުނބުން ޖެހީމައި ނަގޫނަގައި ބަޅުކުރަމުން ދާހެންނެވެ. އޮޑިއަތިރިއަށް ދިޔަގޮތަށް ގޮސް ގޮވައިފިއެވެ. ކަލޭނޭ ކަލޭނޭ އަވަހަށް ފައިބާށެވެ. އަހަރުމެންނަށް މިއާދެވުނީ އަހަރުމެން ރަށު އިންޑިއާއަށެވެ. މީ ރަށޭ މީރަށޭ !!

ނިމުނީ

ބައްޕަ ބުނުއްވާގޮތުގައި މިއީ ށ . އަތޮޅު ރަށެއްގައި ހިނގި ހަޤީޤީ ޚާދިސާއެކެވެ.  ނަމަވެސް ބައެއް ފަރާތް ތަކުން އެރަށު މީހުން ދެރަކޮއްލުމަށް ޓަކައި މިވާހަކަ އުނިއިތުރުކޮއްގެން ކިޔައެވެ. ނަމަވެސް މިވާހަކަ ކިޔައިލުމުން އަޅުގަނޑުމެން ފަދަ ބަޔަކަށްވެސް ހަތްރޭ ހަތްދުވާލު ކަނޑުމަތީގައި އެފަދަ ބަނޑުހައި ހޫނު ކަމާއި ކަނޑުމަތި އެޅުންފަދަ ބިރުވެރި ކަމުގައި ހޭދަކުރަން ޖެހިއްޖެނަ  މިފަދަ ގޮތެއްވުމަކީ އެކަށީގެންވާ ކަމެއްކަން ވިސްނެއެވެ.

 - ސަމީޢު -

ހަމަމިގަލަމުން

އިދާރާ

ވާހަކަ