އަދުގެ ޚާއްސަ

Print

''ކަލާޔާ ނުލާ''

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

                      

ކެތްކުރާނަން

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


ނިޢުމާ: ތިޔަ އުފާ ދުނިޔޭގެ ހުރިހާ އުފަލަކަށްވުރެ އިސްކުރާނަން
       ތިޔަ ވަފާތެރި ލޯބިވެރިޔާއަށްޓަކައި  ހިތް  ހުސްކުރާނަން
         ތިޔަ ހިމޭން ފިނި ހިޔަލުގައި   އުފަލާއެކީ ޚިދުމަތްކުރާނަން
           މި އަދުވެސް އަދި މާދަމާވެސް މުޅި ޢުމުރުވެސް ކެތްކުރާނަން


ޔޫއްޕެ:  ތިޔަ ނަޒަރު ސީދާ ވުމުންނޭ ވިންދު   މޭގާ އުފެދެނީ ވެސް
       ތިޔަ މިތުރު ހިނިތުން ވުމުންނޭ ހިތްމަގޭ ހިނގަމުންދަނީ ވެސް
         ތިޔަ އަސަރު ހަދިޔާ ވުމުންނޭ  ރޫޙު  ހަށިގަނޑުގައިވަނީ ވެސް
           މި އަދުވެސް  އަދި މާދަމާވެސް މުޅި  ޢުމުރުވެސް ކެތްކުރާނަން


        ހަތުރުނާ އަދި ދުޝްމަނުން ނަފުރަތުގެ ކަނޑިތައް އުފުލިޔަސް ވެސް،
           މިތުރުނާ ރަޙްމަތްތެރިން ނުރުހުންވެ ޢުމުރަށް ވަކި ވިޔަސް ވެސް،
              ހަތަރު އުދަރެސް ގާތްވަމުން އައިސް، ޖާނު އެކު، ފިއްްތާލިޔަސް ވެސް،
                       މި އަދުވެސް  އަދި މާދަމާވެސް  މުޅި ޢުމުރުވެސް ކެތްކުރާނަން


ނިޢުމާ:  ރާޅުތައް އައްސޭރިތަކުގައި މެދު ނުކެނޑި ބޮސްދޭ ފަދައިން
          ވާރެޔާ   ވާރޭވިލާ ތައް، އެކު އެކީ     އުދެހޭ ފަދައިން
              ޔާރު މިހިތާ ރޫޙުގައިވީ ގުޅިފައޭ  ނޭވާ       ފަދައިން
                       މި އަދުވެސް އަދި މާދަމާވެސް    މުޅި  ޢުމުރުވެސް ކެތްކުރާނަން


     ހިތް މި ހެން އެދުނަސް،  ބަދަލުވާ ޤުދުރަތީ  ޤާނޫނުގާ
         ދެން ނެތޭ ގުޅިގެން އެކީ އުޅުމަށް ތަނެއް މި   ޙަޔާތުގާ   
             ބިން، އުޑާ އޮތް ދުރުމިނަށް، މި ދަނީ ދުރަށް މަޖުބޫރުގާ 
                   މި   އަދުވެސް އަދި މާދަމާވެސް މުޅި     ޢުމުރުވެސް   ކެތްކުރާނަން

ޔޫއްޕެ:  ލޯބިވާ ނެތި  ކިހިނަކުންތޯ   ނޭވައެއްލާނީ   އަލުން  
          ލޯބިވާ ވަކިވުން އެއީ  ޖަޒުބާތުތަކުގާ    ޒަހަރުލުން
             ލޯބިވާ ދިޔުމީ   އެއީ ނަފުސާ ފުރާނަ ހަށިންް ދިޔުން
                 ލޯބިވާގެ ހިޔަނި ފެނޭތޯ ވެސް، އެހެންނަމަވެސް  ލޮލުން
                         މި އަދުވެސް އަދި މާދަމާވެސް މުޅި  ޢުމުރުވެސް ކެތްކުރާނަން
                          ---------------------------------
                            12އޯގަސްޓު2005     
                             
                                 ނިމުނީ   

ނޯޓު: މިއީ ފިލްމު ޑައިރެކްޓަރ އަލްފާޟިލާ ފާޠިމަތު ނަޙުލާގެ އެދިލެއްވުމަކަށް، ހެދިފައިވާ ބައިތުތަކެކެވެ. މި ބައިތުތައް އެކުލަވައިލެވިފައިވަނީ، އޭނާ ތައްޔާރު ކުރެއްވި ފިލްމު، ''ކަލާޔާ ނުލާ''ގެ އިފްތިތާޙީ ހަފުލާގައި އެ ފިލްމުގެ ބަޠަލާ (ނިޢުމާ މުޙަންމަދު)އާއި ބަޠަލު (ޔޫސުފު ރަފީޢު) އިސްޓޭޖުމަތީ ހުށަހެޅުމަށް ހަމަޖެހިފައިވާ ޙަރަކާތެއްގައި ކިޔުމަށެވެ. އެހެންކަމުން މިއީ ވަކި މައުޟޫޢަކަށް އެކުލަވައި ލެވިފައިވާ އެއް މިސްރާބެއްގައި އޮތް އެކުލެވޭ ޅެމެއް ނޫނެވެ. ބައިތުތަކުގެ ވަޒަންވެސް ތަފާތުވާނެ އެވެ. ޝަޠުރުތަކުގެ ޢަދަދުވެސް ތަފާތުވާނެ އެވެ.  ދެ ސަބަބެއް އޮތުމާ އެކީގަ އެވެ.  ފުރަތަމަ ސަބަބަކީ މި ކަމަށް ލިބުނު ވަގުތެވެ. ބައިތުތައް އެކުލަވައިލަން ލިބުނީ ގާތްގަނޑަކަށް ވިއްސަކަށް މިނިޓެވެ. ދެވަނަ ސަބަބަކީ، ހުށަހެޅުން ރޭވިފައިވާ ގޮތެވެ. ދެމީހަކު ދައްކާ ވާހަކައެއްގެ ގޮތަށް ޅެމުގެ ބައިތުތައް ބައްޓަން ކުރަންޖެހުމުން ބޮޑަށް އިސްކަންދިނީ ހާދިސާގެ އިޙްސާސް އުފެއްދުމަށެވެ.   
                         
                         - އާދަމް ނަޞީރު އިބްރާހީމް -

ހަމަމިގަލަމުން

އިދާރާ

ވާހަކަ