އަދުގެ ޚާއްސަ

Print

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (7)

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


5 އޮކްޓޯބަރ (ހޯމަ)އާ ގުޅޭ....

ފާގަތިކަމާއި ތަދުމަޑުކަމުގައި ކެތްތެރިވިބައެއް މުއުމިނުން

 
އިބްރާހީމް ރަޝީދު މޫސާ
 

އިސްވެ ބަޔާންކޮށްފައިވާނެ ފަދައިން ކީރިތިޤުރްއާނުގައި އިންސާނާގެ ޙާލަތު ވަރަށްރީތިކޮށް ، ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ނިޢުމަތުގެ ޙާލަތުގައި އިންސާނާ ބޮޑާވެގެންދާ ގޮތާއި ތަދުމަޑުކަމުގެ ޙާލަތުގައި އިންސާނާގެ ޝަކްވާތައް އިތުރުވެގެންދާގޮތުގެ  ތަޞްވީރުތައް ކީރިތިޤުރްއާނުގައި ވަރަށް ގިނައެވެ.


 ނިޢުމަތްތައް ލިބުމުން ފޮނިވެބޮޑާވެ ގަންނަގޮތަށް ،ބަދުނަޞީބުކަމެއް ކުރިމަތިވުމުން އެކަމުގެ ކުރިމަތީގައި އޭނާ ނިކަމެތިވެގެން ދެއެވެ. އެކަމަކު މާތްﷲ  މިކަމުން އޭނާ ސަލާމަތްކުރެއްވުމުން އަލުން ﷲގެމަތިން ހަދުމަނެތިގެންދެއެވެ.
  
މިއީ މާތްﷲގެ ނިޢުމަތްތަކަށް ހަރާންކޯރުވާ އިންސާނާގެ ޙާލަތެވެ. އޭނާގެ ވެރިރަސްކަލާނގެ ދެއްވި  ފަޟްލުވަންތަކަމާއި ދަރުމައިގެ މަތިން ހަދާންނެތޭމީހާގެ ޙާލަތެވެ.
   
މި ތަޞްވީރުގެ އިދިކޮޅުވެސް މާތްﷲ ދައްކަވައިފާ ވެއެވެ. މާތްﷲ އަށް އީމާންވާ ޞާލިޙުއަޅުންގެ ފުށުން އެކަލާނގެއަށް އީމާންވުމުގެ ރިވެތިތަޞްވީރުތައް ފެނިފައިވެއެވެ. މިފަދަ މީހުން އިމްތިޙާނުން ނުކުމެފައިވަނީ މަތީމާރކްސް ހޯދައިގެންނެވެ. ކެތްތެރިވެގެންނާއި ޝުކްރުވެރިވެގެންނެވެ. މިބައިމީހުންގެ ޤަދަރު މާތްﷲ އުފުއްލެވިއެވެ. އެމީހުންގެ ޛިކްރާ ދިރުއްވަވާ ދެމެހެއްޓެވިއެވެ. މިފަދަ ދެތިން މިސާލެއް ގެނައުން ރަގަޅުވާނެކަމަށް ދެކެމެވެ.

1-    ކީރިތި ރަސޫލާ މުޙައްމަދުގެފާނު : ކީރިތިރަސޫލާ  محمد صلى الله عليه وسلم  ގެ މަޤާމާއި ދަރަޖަ  ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ އިރުގައިވެސް އެކަލޭގެފާނަށް އެތައްބުރަތަކަކާއި ދުއްތުރާތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު ދީނަށް ގޮވައިލައްވަން ފެށްޓެވި ފުރަތަމަދުވަހުން ފަށައިގެން މިބުރަތަކާއި ވޭންތައް ބަރުދާސްތުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ބޮޑޮބޭބޭފުޅެއްކަމުގައިވާ ޢަބްދުލްޢުއްޒާ ބިން ޢަބްދުލްމުއްޠަލިބު ( ނުވަތަ އަބޫލަހަބު) އެކަލޭގެފާނާ ދިމާޔަށް " ކަލޭގެފާނަށް  ހަލާކުހުށްޓެވެ. އަހުރެމެން ތިޔަ އެއްކުރެއްވީ ތިޔަވާހަކަ ދައްކަވަންހެއްޔޭ " ބުނެ މަލާމާތުގެ ބަސްތައް ރައްދުކުރިއެވެ. މާތްﷲ މިކަމާހެދި އޭނާ އަށް އަބޫލަހަބު ގެ ނުބައި ލަޤާބުދެއްވިއެވެ. އަލްމަސަދު ސޫރަތުގައި މިވާހަކަތައް އައިސްފައިވެއެވެ. އިބްނު ހިޝާމު ވިދާޅުވާގޮތުގައި އިތުރު އެކަލޭގެފާނު އެންމެ ދެރަފުޅުވި ދުވަހަކީ އެދުވަހެއްގައި ، ބައްދަލުވެ ވަޑައިގެން އެންމެހައި އަޅުންނާއި މިނިވަނުންް، އެކަލޭގެފާނުގެ ބަސްފުޅު ދޮގުކޮށް  އެކަލޭގެފާނަށް ގޯނާކުރި  ދުވަހެވެ. މިކަމާ ދެރަފުޅުވެގެން ގެކޮޅަށް އެބުރިވަޑައިގެން ރަޖާކޮޅު ގައިކޮޅުގައި އަޅުއްވައިގެން އޮންނެވިއެވެ.

ދީނަށް ގޮވައިލެއްވުމަށްޓަކައި ޠާއިފަށް ވަޑައިގެންނެވި ދުވަހު މުޝްރިކުން އެކަލޭގެފާނަށް ކުޅަ ގޯނާތަކަކީ ސިރަތުފޮތްތަކުގައި ތަފްޞީލުކޮށް އައިސްފައިވާ ވާހަކަތަކެކެވެ. އެކަލޭގެފާނަށް އެމީހުން ކުރި ގޯނާތަކުގެ ސަބަބުން އެކަލޭގެފާނުގެ ގައިކޮޅުން ލޭފޮދު އޮހޮރިފައިވެއެވެ. ނަމަވެސް މިކަމާބެހޭގޮތުން އެއްވެސް ޝަކްވާއެއް ނުދަންނަވައެވެ. އެކަލޭގެފާނު މާތްﷲ އަށް ޝަކްވާ ދެންނެވީ އެކަލޭގެފާނުގެ ނިކަމެތިކަމާ ހެދިއެވެ. އެކަލޭގެފާނަށް ބަދަލުހިއްޕެވެން އޮތް އިރު ބަދަލެއްވެސް ނުމެހިއްޕަވައެވެ. އެކަލޭގެފާނު އެދިވަޑައިގަތީ އެމީހުންނަށް ހިދާޔަތު ދެއްކެވުމަށެވެ.
މާތްﷲގެ ރިސާލަތު އަދާކުރެއްވުމަށްޓަކައި އެކަލޭގެފާނު އުފުއްލެވި ބުރަތަކާ ބެހޭގޮތުން ރަސޫލުﷲގެފާނު ޙަދީސްކުރައްވަނީ "  لَقَدْ أُخِفْتُ فِي اللَّهِ وَمَا يُخَافُ أَحَدٌ وَلَقَدْ أُوذِيتُ فِي اللَّهِ وَمَا يُؤْذَى أَحَدٌ وَلَقَدْ أَتَتْ عَلَيَّ ثَلَاثُونَ مِنْ بَيْنِ يَوْمٍ وَلَيْلَةٍ وَمَا لِي وَلِبِلَالٍ طَعَامٌ يَأْكُلُهُ ذُو كَبِدٍ إِلَّا شَيْءٌ يُوَارِيهِ إِبْطُ بلال    ﷲ ގެ މަގުގައި ދުވަހކުވެސް މީހަކު ބިރުނުގެންނުވޭ މިންވަރަށް ތިމަންކަލޭގެފާނު ބިރުފުޅުގެންނެވުނެވެ. އަދި ހަމަކަށަވަރުން ﷲގެ މަގުގައި ދުވަހަކުވެސް މީހަކަށް ގޯނާނުލިބޭ މިންވަރަށް ތިމަންކަލޭގެފާނަށް ގޯނާ ލިބިވަޑައިގަތެވެ.   ތިމަންކަލޭގެފާނަށް ތިރީސް ރެޔާއިދުވާލު ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ތިމަންކަލޭގެފާނާއި ( ތިމަންކަލޭގެފާނުގެ އަރިހުގައި ހުންނެވި ) ބިލާލުގެފާނުގެ އަތްޕުޅުގައި ގޮހޮރަށްލާން ކަމުދާބާވަތުގެ އެއްވެސް ކާއެއްޗެއް ނުވެތެވެ. ބިލާލުގެފާނުގެ ކިހިލިފަތްޕުޅުދަށަށް ޖައްސަވައި ފޮރުއްވާފައިވާ އެއްޗެއް މެނުވީއެވެ. "
   
ޤުރައިޝުވަންހައިގެ މޮޔައިންނާއި ސޭކުންގެ ފަރާތުން އެކަލޭގެފާނަށް ގިނަގުނަވޭންތަކާއި ދުއްތުރާތައް ލިބިވަޑައިގަތެވެ. މައްކާގައި އެމީހުން ތިބޭހިސާބަކުން އެކަލޭގެފާނަށް ވަޑައިގެންނެވޭ ކޮންމެފަހަރަކު އެކަލޭގަފާނާ ދިމާޔަށް މަލާމާތުގެބަސްތައް ރައްދުކޮށްފައިވެއެވެ. އެމީހުން ބުނެތެވެ. " މިހިރަ ދަނީ އުޑުން އޭނާއަށް ބަސް އަންނަ ކަމަށް ބުނާ އެއްކަލަ އަބޫ ކަބްޝާ ގެ ދަރިއެވެ"   އެއިންމީހކު ރަސޫލުﷲގެފާނު އަރިހުންލައިފާ ދާނަމަ މަލާމާތްކުރުމުގެ ގޮތުން " މިއަދު އުޑުން ބަހެއް އަދި ނާދޭހޭ " އަހާލާނެއެވެ.
   
މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ގޯނާކޮށްފައިވަނީ ހަމައެކަނި ބަހަކުންނޫނެވެ. ޖިސްމާނީ އުދަނގޫތައްވެސް ވަނީ ކޮށްފައެވެ. އިބްނު މަސްޢޫދު ވިދާޅުވާގޮތުގައި އެއްދުވަހަކު ރަސޫލުﷲގެފާނު ނަމާދުފުޅުކުރައްވަން ހުންނަވަނިކޮށް އަބޫޖަހްލު ދަމުން ބުންޏެވެ. " މިވެނި ޤަބީލާއެއްގެމީހުން ޖަމަލު ކަތިލާތަނަށް ގޮސް ކަރުގޮހޮރުތަކެއް ގެނެސް މުޙައްމަދު ސަޖިދާ ގައި އޮތްވާ އޭނާގެ ގަޔަށް އަޅައިލަން ކެރޭނެމީހަކު ކަލޭމެންތެރޭގައި ފަހެ ނެތްހެއްޔެވެ؟ މިހެންބުނުމުން ﷲގެ ޢަދުއްވު  ޢުޤްބަތު ބިން އަބީ މުޢައިޔިޠު  ގޮސް ކަރުގޮހޮރުތަކެއް ހިފައިގެން އައިސް އެކަލޭގެފާނުގެ މާތްކަނދުރާފުޅު މައްޗަށް އަޅައިލިއެވެ. މުސްލިމުންގެ އޭރުގެ ނިކަމެތިކަމާހެދި  މިކަމަށް ހުރަސްއަޅަން ކެރުނު އެކަކުވެސް ނެތްކަމަށް އިބްނު މަސްޢޫދު ވިދާޅުވިއެވެ. އެކަލޭގެފާނުގެ ކަރުފުޅުމަތިން މިކަރުގޮހޮރުތައް ނަގައި ދުރަށްލީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނެވެ.
ޢަބްދުﷲ ބިން ޢަމްރު ބުނިލްޢާޞް ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނު ގެފުޅުގެ ޙަރަމުފުޅުތެރޭގައި ނަމާދުކުރައްވަން އެއްދުވަހަކު ހުންނަވަނިކޮށް މި ޢުޤްބަތު ބިން އަބީ މުޢައިޔިޠު ރަސޫލާ އަރިހަށްގޮސް އެކަލޭގެފާނުގެ ކޮޑުފުޅުގައި ހިފައި އެކަލޭގެފާނުގެ ރިދާކޮޅުން ކަރުފުޅުގައި އޮޅާލައި ބާރުކޮށް އެކަލޭގެފާނަށް ނޭވާފުޅުނުލެއްވޭ ވަރުކޮށްލިއެވެ. އެހިނދު އަބޫބަކްރުގެފާނު ތެދުވެވަޑައިގެން އޭނާގެ ކޮޑުގައިހިއްޕަވާ ދުރަށްކޮއްޕަވާލެއްވިއެވެ. އަދި އޭނައާ ދިމާއަށް ވިދާޅުވިއެވެ. " އަހުރެންގެ ވެރިރަސްކލާނގެއީ ﷲ އޭ ބުނާ މީހަކު މަރައިލަނީ ހެއްޔެވެ؟ " 

މަދީނާއަށް ހިޖްރަކުރެއްވުމުން ވެސް ، ދުއްތުރާތަކުންނާއި މަކަރުވެރި ރޭވުންތަކުން އެކަލޭގެފާނު ސަލާމަތްވެ ވަޑައެއްނުގެންނެވިއެވެ.މައްކާގައި ހުންނެވި އިރު ހަމައެކަނި ދުޝްމަނަކީ ޤުރައިޝުންނެވެ. މަދީނާއަށް ވަޑައިގެންނެވުމުން މުނާފިޤުންނާއި ޔަހޫދީންނާއި ފާރިސީންނާއި ރޯމަނުން އެކަލޭގެފާނުގެ ދުޝްމަނުންކަމުގައި ވެއްޖެއެވެ. އެކަލޭގެފާނަށް ތަފާތުބާރުތަކާ ދެކޮޅަށް ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކުރައްވަން ޖެހިވަޑައިގަތެވެ.
   
އުޙުދުހަނގުރާމާގައި ރަސޫލުﷲގެފާނު ހައެތިފަހަރަކުން ޒަޚަމުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ކަނާތްފަރާތުގެ ތިރީދަތްޕިލަފުޅުން ދަތްޕުޅެއް ބިއްދައިގެން ދިޔައެވެ. އަދި ތިރީތުންފަތްޕުޅު ޒަޚަމުވިއެވެ. އަދި ނިތްކުރިފުޅު ފަޅައިގެންދިޔައެވެ. މާތްﷲ ލަޢުނަތްލެއްވި އިބްނު ޤަމިއާ ނަމަކަށްކިޔާ ކާފިރުމީހާ އެކަލޭގެފާނަށް ދިންހަމަލާއެއްގެ ސަބަބުން ކޯތާފަތްޕުޅު ޒަޚަމުވިއެވެ. އަދި މުޝްރިކުން ހިލަގަނޑެއް އެއްލުމުގެ ސަބަބުން އަބޫ ޢާމިރު ނަމަކަށް ކިޔާމީހަކު ކޮނެފައިވާ އަނދަވަޅަކަށް ވެއްޓިވަޑައިގަތެވެ. މިހުރިހާ ކަމަކަށް ވެސް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތެވެ.
މިކަންތައްތަކުގެ އިތުރަށް އެކަލޭގެފާނު ހޭދަކުރެއްވި ޙަޔާތްޕުޅަކީ ވަރަށް ކުރަކި ، އަތްމަތިތަދު ޙަޔާތްޕުޅެކެވެ. އާލަސްކަންފުޅެއް ޖެހިވަޑައިގެންފިނަމަ އާދައިގެ ދެމީހުންނަށް ބަރުދާސްތުކުރަންޖެހޭ  ބުރަޔާއި ވޭން އެކަލޭގެފާނަށް އުފުއްލަވަން ޖެހިވަޑައިގެންނެވިއެވެ. ޢަބްދުﷲ ބިން މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. " ރަސޫލުﷲގެފާނު އަރިހަށް ތިމަންކަލޭގެފާނު ވަޑައިގެންނެވި  އިރު ރަސޫލުﷲގެފާނު އުޅުއްވަނީ ވަރަށްބޮޑަށް ތަދުފުޅުވާތީއެވެ. އިބްނު މަސްޢޫދު ދެންނެވިއެވެ.ﷲގެ ރަސޫލާއެވެ! އޭ، ﷲގެރަސޫލާއެވެ! ކަލޭގެފާނަށް ހާދަބޮޑަށް އެބަތަދުފުޅުވެއެވެ. އެހިނދު، ރަސޫލުﷲގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ދެމީހުންނަށް ތަދުވާމިންވަރަށް ތިމަންކަލޭގެފާނަށް ތަދުފުޅުވާނެއެވެ. އިބްނު މަސްޢޫދު ދެންނެވިއެވެ އެއީ އެކަމަށްޓަކައި ކަލޭގެފާނަށް ދެ އަޖްރުދެއްވަވަންތޯއެވެ؟ ޖަވާބުގައި އިތުރުއެކަލޭގެފާނު ވިދާޅުވިއެވެ. އާއެކެވެ! "   
އެކަލޭގެފާނު ގިނަރޭރޭ އަވަހާރަފުޅު ލައްޕަވަނީ ފަރީއްކުޅުއްވާނެ އެއްޗެއް ލިބިވަޑައިނުގަންނަވައިގެން ހުސްބަނޑުފުޅާއެވެ. ޢާއްމުގޮތެއްގައި އެކަލޭގެފާނު ފަރީއްކުޅުއްވަނީ ހިމަގޮދަނުގެ ރޮށްޓެވެ.
ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި އެކަމަނާގެ ގެކޮޅުގައި  އަލިފާންކޮޅެއް ރޯނުކޮށް ތިންހަނދުބަލައިފާ ވެއެވެ.   އެކަމަނާ ފަރީއްކުޅުއްވާފައިވަނީ ކޮންއެއްޗެއްތޯ ޢުރްވަތު ބުނިއްޒުބައިރު ދެންނެވުމުން ވިދާޅުވީ ފަރީއްކުޅުއްވަނީ ކަނދުރުކޮޅަކާއި ފެންފޮދެކެވެ. " 

އަބޫ ޠަލްޙާ ވިދާޅުވިއެވެ. " އަހުރެމެން ހައިހޫނުކަމުގެ ޝަކްވާ ރަސޫލުﷲގެފާނަށް ކުރީމެވެ. އަދި އަހުރެމެންގެ ފޭރާން އުފުއްލައި ބަނޑުގައި ބަދެފައިވާ ހލަގަނޑު ރަސޫލުﷲގެފާނަށް ދެއްކުމުން އެކަލޭގެފާނުގެ ބަނޑުފުޅު އަހުރެމެންނަށް ދެއްކެވިއެވެ. އެކަލޭގެފާނުގެ ހައިހޫނުކަން ބޮޑުކަމުން ބަނޑުފުޅުމަތީގައި ދެ ހިލަގނޑު ބަންނަވައިފާ ވެއެވެ. ސުވަރުގެ ވަޑައިގެންފުމަށް ދާންދެން އެކަލޭގެފާނު އުޅުއްވެވީ މިފަދަ ދަތި ، ތަނަވަސްކަން ކުޑަ ޙަޔާތްޕުޅެކެވެ.

2-    ޔޫސުފުގެފާނު : ޔޫސުފުގެފާނަކީ މާތްނަބިއްޔެކެވެ. މުނިކާފާފުޅާ ހަމަޔަށް ނަބީކަން ގުޅިފައިވާ ބޭކަލެކެވެ. އެކަލޭގެފާނަށް ތަފާތުބާވަތްބާވަތުގެ އިމްތިޙާނުތަކާ ކުރިމަތިވެވަޑައިގަތެވެ. އެންމެފުރަތަމަކަމަކަށްވީ ބައްޕާފުޅު ޔަޢުޤޫބުގެފާނުގެ ލޯބިފުޅެވެ. އެހެންބޭފުޅުން ދެކެ ވެވަޑައިގަންނަވާ ލޯބިފުޅަށް ވުރެ ޔޫސުފުގެފާނު ދެކެ ވެވަޑައިގަންނަވާ ލޯބިފުޅުބޮޑުވުމުގެ ސަބަބުން އެކަލޭގެފާނުގެ އަޚުން އެކަމާ ޙަސަދަވެރިވިއެވެ. މިހެންވެ،  އެމީހުން ޔޫސުފުގެފާނު ނައްތައިލުމަށް ރޭވިއެވެ. މިރޭވުމުގެ ދަށުން އެކަލޭގެފާނު ބޮޑު ފުން ވަޅަކަށް ވައްޓައިލިއެވެ. އަދި އެކަލޭގެފާނުގެ އަޚުން ބައްޕާފުޅު އަރިހަށް ގޮސް  ޔޫސުފުގެފާނު ވަލުތެރޭގައި އުޅުއްވަނިކޮށް މިނިކާކުއްތާއެއް އައިސް ކާލައިފިކަމަށް ދެންނެވިއެވެ. މިފުންވަޅު ތެރޭގައި ޔޫސުފުގެފާނަށް އަނދިރިކަމާއި އެކަނިވެރިކަމާއި އަނިޔާވެރިކަމުގެ ހިތިކަމާއި މައިންބަފައިންނާ ވަކިވުމުގެ ވޭން ތަޙައްމުލުކުރައްވަންޖެހިވަޑައިގަތެވެ. މިވޭންތައް ކުޑަވެގެންދިޔައީ ﷲގެ ބުޝްރާ އާއި ވަޙީއެވެ. ތިންވަނަ ކަމަކަށްވީ އަޅުވެތިކަމުގެ މުޞީބާތެވެ. އެކަލޭގެފާނު ވަޅުން ނެގިމީހުން އެކަލޭގެފާނު ގެންގޮސް މުދަލެއްގޮތަށް މިޞްރުގެ ބާޒާރަށް ވިއްކައިލީއެވެ. މިނިވަނަކަށް ކުރިމަތިވާނެ މިއަށްވުރެ ބޮޑުމުޞިބާތެއް އޮންނާނެތޯއެވެ؟ ޔޫސުފުގެފާނާ ކުރިމަތިވެވަޑައިގެން ހަތަރުވަނަ މުޞީބަތަކީ މިޞްރުގެ ޢަޒީޒުގެ އަންހެނުންގެ ހެއްލުންތެރިކަމެވެ. ޔޫސުފުގެފާނު އޭނާޔާމެދު ދެކެވަޑައިގަންނަވަމުން ދިޔައީ މަންމައެއްކަމަށެވެ. މަންމަގެ މަޤާމު ލިބިގެންވާ މާތްމީހެއްގެ ގޮތުގައެވެ. ނަމަވެސް ޢަޒީޒުގެ އަނބިކަނބަލުން ޔޫސުފުގެފާނާ މެދު ދެކެވަޑައިގަތީ ލޯތްބާއި އޯގާތެރިކަމުން މަޙްރޫމުވެފައިވާ އަންހެނަކު ރީތިފިރިހެނަކާ މެދު ދެކޭގޮތަށެވެ. އެހެންކަމުން ގަޑުވަރުގައި މިއުޅޭ ކުއްޖާ ދަލުގައިޖެއްސޭތޯ މަސައްކަތްފެށްޓެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ޒީނަތްތެރިވެ ނަލަހެދިގެން އައިސް  ޝައިޠާނާގެ ކުޅިވަރުތައް ދައްކަން ފެށްޓެވެ. އެކަލޭގެފާނުގެ ހިތްޕުޅު އަތުލެވޭތޯ އޭނާ މަސައްކަތްކުރީ ބާރާއި ތަނަވަސްކަމާއި އަންހެނަކަށް ލިބިފައިވާ ރީތިކަމާއި ލޫޅާފަތިކަމާއި ހެއްލުންތެރިކަމާއި މަކަރާއި ޙީލަތް ބޭނުންކޮށްގެންނެވެ. ނަމަވެސް ޔޫފުގެފާނު މީނާގެ ދަލުގައި ޖެހިވަޑައެއް ނުގަތެވެ. އެ އަންހެނާ ގެ ވާދީ އާ ޔޫސުފުގެފާނުގެ ވާދި އުޑާ ބިމާ ހާ ތަފާތެވެ. އެއަންހެނާގެ ޒީނަތްތެރިކަމަކަށް، ރީތިކަމަކަށް، ފޮނިބަސްތަކަކަށް ، އަތަރަކަށް ، ވަނިވަނިޖެއްސުމަކަށް ޔޫސުފުގެފާނު ހެއްލިވަޑައެއް ނުގެންނެވިއެވެ.

މިވަރުންވެސް  ޢަޒީޒުގެ އަނބިކަނބަލުން ހަތިޔާރެއް ނުބެހެއްޓިއެވެ. އޭނާގެ އަތުގައި ހުރި ހުރިހާ ދުނިދަނޑިތަކެއްގެ ބޭނުންކުރަން ނިންމިއެވެ. ޔޫސުފުގެފާނު ގެ ކުރިފުޅުުމައްޗަށް ޙަޔާތްކުޑަކޮށްލައިފާ ނުކުތެވެ. ޔޫސުފުގެފާނާ އޭނާޔާ ޢުމުރުގެ ގޮތުން ނުގުޅޭކަމެއް ނުވިސްނުނެވެ. މަޤާމުގެގެ ގޮތުން ނުގުޅޭކަމެއްވެސް ހަނދާނެތްނެތެވެ. ޔޫސުފުގެފާނު ގެ ކުރިފުޅުމަތީގައި އޭނާ އެދޭކަންތައް ސާފުބަހުން ބުންޏެވެ. ގަނޑުވަރުގެ ކޮޓަރިކޮޅުގެ ދޮރުތައް ލައްޕާފައި " އަހަރެން މިހިރީ ތައްޔާރަށް " ކަމަށް ދެންނެވިއެވެ. ޔޫސުފުގެފާނަށް ކުރިމަތިވެވަޑައިގެން ބޮޑު އިމްތިޙާނެކެވެ. ރީތި އަންހެނެކެވެ. މަޤާމު މަތިވެރި އަންހެނެކެވެ. ޔޫސުފުގެފާނަކީ ޒުވާނެކެވެ. އެ އަންހެންމީހާގެ އަޅުވެތިކަމުގެ ދަށުގައި ހުރި ނިކަމެތި ބީރަށްޓެއްސެކެވެ. އެކަމަށް އެދޭ އަންހެނާގެ އަތުގައި ބާރާއި އާރުވެސް ވެއެވެ. މި މުޞީބާތުން މާތްﷲ އެކަލޭގެފާނު ސަލަމަތްކުރެއްވިއެވެ. ޔޫސުފުގެފާނުގެ ޢަޒްމު ވަރުގަދަކަމުންނެވެ. ނަމަވެސް މި މުޞީބާތުން ނުކުމެވަޑައިގެން ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ އައު މުޞީބާތެއްގެ ތެރެއަށެވެ. ޖަލަށެވެ.މިއީ ފަސްވަނަ މުޞީބާތެވެ. އެކަލޭގެފާނަށް ޖަލަށް ވަދެވަޑައިގަންނަވަންޖެހިވަޑައިގަތީ  ޢަޒީޒުގެ އަންހެނުން ކުރަންބޭނުންވި ކަންތައް ނުކުރެއްވީމައެވެ. އެއްވެސް ކުށަކާ ނުލައެވެ. ޖަލަކީ ވޭނާއި އިހާނަތާއި ކެކުޅުންތަކުގެ ތަނެކެވެ. އެތާނގައި ރޭގަނޑާ ދުވާލުގެ  ތަފާތެއް ނެތެވެ . ނަމަވެސް ޔޫސުފުގެފާނު ދެކެވަޑައިގަންގޮތުގައި ޖަލުގެ ކުޑަގޮޅި ގަނޑުވަރުގެ ތަނަވަސްކަމަށް ވުރެ މާރަގަނޅެވެ. އެންމެފަހުން ޔޫސުފުގެފާނު ޖަލުން ނުކުމެވަޑައިގަތީ އެކަލޭގެފާނުގެ ކުށެއްނެތް ކަމަށް މުޅި މިޞްރު އެއްބަސްކުރުވައިފައެވެ. އެކަލޭގެފާނު ޖަލުން ނުކުމެވަޑައިގަތީ ޢިއްޒަތްތެރިކަމާއެކު މިޞްރުގެ މަތިވެރިމަޤާމަކަށެވެ. މިއީ ވެސް އެކަލޭގެފާނާ ކުރިމަތިވެވަޑައިގެން އިމްތިޙާނެކެވެ. މި އިމްތިޙާނުންވެސް ރަންވަނައަކާ އެކު ފާސްވެވަޑައިގަތެވެ.

3-    އައްޔޫބުގެފާނު :އައްޔޫބެގެފާނަކީ ކެތްތެރިކަމުގައި ދެވަން އެފަދަމިސާލެއް ނެތް ނަބިއްޔެކެވެ. އެކަމުގައި އެކަލޭގެފާނު މިސާލު ޖެހެއެވެ.ކީރިތިޤުރްއާނުގެ އެތައްއެތައްއާޔަތްތަކެއްގައި އެކަލޭގެފާނުގެ ވާހަކަ އައިސްފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ " وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ - فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَى لِلْعَابِدِينَ   الأنبياء: ٨٣ – ٨٤-  އަދި އައްޔޫބުގެފާނު ، އެކަލޭގެފާނުގެ ވަރިރަސްކަލާނގެއަށް ދުޢާކުރެއްވި ހިނދު ، ހަނދުމަކުރާށޭވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި އުދަނގޫ މެދުވެރިވެއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙްމަތްލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް  އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތިޙާލު ފިއްލަވައި، އެކަލޭގެފާނުގެ އަހްލުވެރީންނާއި ، އެއަހްލުވެރީންނާއެކު  ހަމަ އެފަދަ  އަހްލުވެރީން ދެއްވީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްކަމުގައެވެ. އަދި އަޅުކަންކުރާމީހުންނަށް ، ހަނދާންކޮށްދިނުމެއް ކަމުގައެވެ." މާތްﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވާގޮތުގައި އައްޔޫބުގެފާނު މިދުޢާކުރެއްވީ ނަމާދުފުޅަށް ތެދުވެވަޑައިނުގަންނެވޭވަރަށް އާލާސްކަންފުޅު ބޮޑުވުމުންނެވެ.  އެހިސާބަށް އެކަލޭގެފާނުގެ ޙާލުދިޔުމުންވެސް އެއްވެސް ޝަކްވާއެއް     ނުކުރައްވައެވެ. މާތްﷲ އެކަލޭގެފާނު އިމްތިޙާނު ކުރެއްވުމަށްޓަކައި ބޭފުޅުންނާއި މުދާތައް ގެންދެވިއެވެ. އެއަށްފަހު، ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. މި އާލާސްކަންފުޅު ފަސޭހަކޮށްދެއްވުމަށް ދުޢާކުރެއްވުމަށް އަނބިކަމަނާ އެދިވަޑައިގަތުމުން  ވިދާޅުވިއެވެ. " އަހުރެމެން ފާގަތިކަމުގައި ކިތައް އަހަރު އުޅުނިން ހެއްޔެވެ؟ " އަނބިކަނބަލުން 80 އަހަރުކަމަށް ދެންނެވުމުން ވިދާޅުވިއެވެ. " މާތްﷲ އަށް ދެންނެވުމަށް ލަދުފުޅުގަންނަމެވެ. އަހުރެމެންގެ ފާގަތިކަމުގެ މުއްދަތާ  ބަލިމަޑުކަމުގެ މުއްދަތު އަދި ހަމަހަމައެއް ނުވެއެވެ" އައްޔޫބުގެފާނުގެ ދުޢާގައި އެކަލޭގެފާނުގެ ޙާލުކޮޅަކީ ކޮބައިކަން ސިފަކުރައްވާ ވިދާޅުވީ  " މިއަޅާޔަށް ދަތިކަމާއި އުދަނގޫ މެދުވެރިވެއްޖެއެވެ. "  އެއާ ވިދިގެން ﷲ ސިފަކުރެއްވީ "   އިބަރަސްކަލާނގެއީ، ރަޙްމަތްލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." މިހެން ވިދާޅުވެއެވެ. ﷲގެ ޙަޟްރަތުގައި އަދަބުވެރިވެ ވަޑައިގަތުމުގެ ގޮތުން އެއްވެސް އެއްޗެއް  ހުށަހެއްނާޅުއްވައެވެ. އެކަލޭގެފާނާ މި ކުރިމަތިކުރެއްވި އިމްތިޙާނަށް ކެތްތެރިވެވަޑައިގެންނެވުމުގެ ގޮތުން، އެކަލޭގެފާނުގެ ޙާލުކޮޅުބަދަލުކޮށްދެއްވުމަކަށް ނުދަންނަވައެވެ. މާތްﷲ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވާ ،" އެ ކަލޭގެފާނަށް ޖެހިފައިވާ ދަތިޙާލު ފިއްލަވައި، އެކަލޭގެފާނުގެ އަހްލުވެރީންނާއި ، އެއަހްލުވެރީންނާއެކު  ހަމަ އެފަދަ  އަހްލުވެރީން ދެއްވިއެވެ. " ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އައްޔޫބުގެފާނަށް ޑަބަލް ގިނައިން ދަރިން ދެއްވިއެވެ.  އަދި ރިޒްޤު ތަނަވަސްކޮށްދެއްވިއެވެ.މިވާހަކަ ނިންމަވާލައްވާފައިވަނީ އެއީ "  އަޅުކަންކުރާމީހުންނަށް ، ހަނދާންކޮށްދިނުމެއް ކަމުގައި " އަންގަވައެވެ. މިއިން އެގެނީ އިންސާނުންނާ އަބަދުވެސް އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެކަމެވެ. އެއީ އަޅުކަންކުރުމުގެ ތަކްލީފުގެ ތެރޭގައި އަދި އިމާންކަމުގެ ތަކްލީފުގެ ތެރޭގައި އަދި ޢަޤީދާގެ ތަކްލީފުގެތެރޭގައި ހިމެނޭކަމެކެވެ. މިއީ ކުޅިވަރެއްނޫނެވެ. އަޤީދާއަކީ އަމާނަތެކެވެ. އެ އުފުއްލުމުގެ ޤާބިލުކަން ނެތްބަޔަކާ މި އަމާނަތް ހަވާލެއްނުކުރެވޭނެއެވެ. 

4-    ސުލައިމާނުގެފާނު : ފާގަތިކަމާއި ތަނަވަސްކަން މާތްﷲދެއްވި އަޅުންގެ ތެރެއިން ފާހަގަކުރަންޖެހޭ ނަމޫނާތަކުގެ ތެރޭގައި ސުލައިމާނުގެފާނު ގުނާލެވެއެވެ.ސުލައިމާނުގެފާނަކީ ނަބީބޭކަލެކެވެ. ރަސްކަލެކެވެ. ނަބީބޭކަލެއްގެ ދަރިކަލެކެވެ. މާތްﷲ އެކަލޭގެފާނަށް އެހެން އެއްވެސްމީހަކަށް ނުދެއްވާފަދަ މުއްސަނދިކަމަކާއި ތަނަވަސްކަމަކާއި ބާރުގަދަ ވެރިކަމެއްދެއްވިއެވެ. އެކަލޭގެފާނުގެ ޚިދްމަތުގައި ޖިންނިންނާއި އިންސިންނާއި ދޫނިސޫފާސޫތްޕާއި ވަލުޖަނަވާރާއި ޖިންނިޝައިޠާނުން ލެއްވިއެވެ. އަދި މާތްﷲ އެކަލޭގެފާނަށް ވައިވެސް ކިޔަމަންކޮށްދެއްވިއެވެ. މީގެ އިތުރަށް މާތްﷲ އެކަލޭގެފާނަށް ދޫނިސޫފާސޫފީގެ ބަހުރުވަތައްވެސް އުގަންބާދެއްވިއެވެ.
ސުލައިމާނުގެފާނު މިމަތިވެރި ވެރިކަމާއި މުއްސަނދިކަމާއި އާރާއިބާރާމެދު ދެކެވަޑައިގަތީ އެއީ އެކަލޭގެފާނާ ކުރިމަތިކުރެއްވި އިމްތިޙާނެއް ކަމަށެވެ. قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ            النمل: ٤٠ – އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ  ފަޟްލުވަންތަވެރިކަމުންނެވެ.  އެއީ  އަހުރެން ނިޢުމަތަށް ޝުކްރުކުރަނީތޯ ، ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނުކުރެއްވުމަށްޓަކައެވެ. ޝުކްރުކުރާމީހާ ދަންނާށެވެ! ފަހެ، އޭނާ ޝުކްރުކުރާކަން ކަށަވަރީ ، ހަމައޭނާގެ އަމިއްލަ ނަފްސށެވެ. އަދި ނިޢުމަތަށް ދެކޮޅުހަދާމީހާ ދަންނާށެވެ. ! ފަހެ، ހަމަކަށަވަރުން ، އަހުރެންގެ ވެރިރަސްކަލާނގެއީ ފުދިވޮޑިގެންވާ ، ދީލަތިވަންތަ ރަސްކަލާނގެއެވެ. "
   
މާތްﷲ ، ސުލައިމާނުގެފާނަށް މިގޮތަށް މިދެއްވި ނިޢުމަތްތަކުގެ ބޮޑުކަމާ އެކަމުން ކުރިމަތި މިކުރެއްވި އިމްތިޙާނުގެ ބޮޑުކަން ސުލައިމާނުގެފާނަށް އިޙްސާސްކުރެއްވުނެވެ. މި އިމްތިޙާނުން ފާސްވެވަޑައިގެންނެވުމަށްޓަކައި ވަރަށްބޮޑު ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންފައިވާކަން އެކަލޭގެފާނަށް އިޙްސާސްކުރެއްވުނެވެ. މިނިޢުމަތަށް ޝުކްރުވެރިވުމަށްޓަކައި ﷲގެޙަޟްރަތުން އެކަލޭގެފާނު ވާތްގަށް އެދިވަޑައިގަތެވެ. މާތްﷲ ވަޙީކުރައްވަނީ فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ النمل: ١٩- އަދި ސުލައިމާނުގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާ  އަށާއި  މިއަޅާގެ މައިންބަފައިންނަށް ދެއްވި ނިޢުމަތަށް  ޝުކްރުކުރުމަށާއި، އިބަރަސްކަލާނގެ  ރުހިވޮޑިގެންވާ  ޞާލިޙުޢަމަލުކުރުމަށް މިއަޅާއަށް އިލްހާމުކުރައްވާނދޭވެ!އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުން ، އިބަރަސްކަލާނގެ ޞާލިޙުއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! "
   
މާތްﷲ ސުލައިމާނުގެފާނާ ކުރިމަތިކުރެއްވި ތަނަވަސްކަމުގެ ނިޢުމަތްތަކަށް  އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންނެވިއެވެ. މި އިމްތިޙާނުން ރަތްކުލަހޯއްދަވައިގެން ފާސްވެވަޑައިގެންނެވިއެވެ.
   
މި ދިރާސާގައި މިބަލައިލީ  ހަމައެކަނި އެންމެ  4ރަސޫލުބޭކަލަކަށެވެ. ނަމަވެސް ހުރިހާރަސޫލުންނާއި ނަބީންނަކީ މިފަދައިމްތިޙާނުތަކުގައި ހަމަނަމޫނާ ބޭކަލުންތަކެކެވެ. އެހުރިހާބޭކަލުންނަކީ ވެސް ކެތްތެރިކަމާއި ޝުކްރުވެރިކަމާއި ﷲގެ ޤަޟާޤަދަރަށް ރުހިވަޑައިގަތުމުގައި ލާސާނީ ބަޔެކެވެ.އެހެން ނުވާނީ ކިނަކުންތޯއެވެ؟ އެބޭކަލުންނަކީ ﷲ އިންސާނުންނަށް ހިދާޔަތާއި ތެދުމަގުދެއްކެވުމަށްޓަކައި އިންސާނުންގެ ތެރެއިން ހޮއްވަވާފައި ޚާއްޞަބަޔެކެވެ. ﷲގެ ޚާއްޞަތަރްބިޔަތުން ތަރްބިޔަތުދެއްވާފައިވާ ބަޔެކެވެ.
 
(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ