އަދުގެ ޚާއްސަ

Print

ނަފުސުގެ އިތުބާރު

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ އިޖުތިމާޢީ



ނާއުއްމީދުގެ އަނދިރިކަމުގެ ތެރެއިން އުއްމީދުގެ އަލިކަން ފާޅުވެ ފެންނަން ހުންނާނެއެވެ.

މުޙައްމަދު ޝާރިފް/ ޅ.ނައިފަރު (2009)

އިންސާނާގެ ޙަޔާތަކީ ގޮތްނޭނގޭ އެއްޗެކެވެ. އަޑިގުޑަންތައް ގިނަ ދިގު ރާސްތާއެކެވެ. ޚުދު ތިމާއަށްވެސް ނޭނގޭ އެތައް ސިއްރުތަކެއް ތިމާގެ އަމިއްލަ ޙަޔާތުގައި ވެއެވެ. މާދަމާ ތިމާއަށް ދިމާވާނީ ކޮންގޮތެއްކަން، އެގޮތަށް އެކަންތައް މެދުވެރިވުމާ ހަމަޔަށް ވަނީ ސިއްރުވެ ވަންހަނާވެގެންނެވެ. ބައެއްފަހަރު އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ ކަންތައްތައް ދިމާވެއެވެ. އަނެއްބައިފަހަރު ހީވެސްނުކުރާހާ ބޮޑެތި ހިތާމައާއި ހިތްދަތިކަމާ ކުރިމަތިލާންޖެހިދެއެވެ. މިކަމަށްއޮތް ހައްލަކީ ކޮބައިތޯއެވެ؟ މިކަމަށްއޮތީ ހަމަ އެންމެ ހައްލެކެވެ. އެއީ ޙަޔާތާއި ކުރިމަތިލުމެވެ. ތިމާގެ ޙަޔާތުގައި ކޮންމެ ގޮތަކަށް ކަންތައްތައް ދިމާވިޔަސް އެދިމާވާ ކަންތައްތަކާއި ކެރިގެން ކުރިމަތިލުމެވެ. އުފާވެރިކަން ލިބޭވަގުތު ޝުކުރުކުރާ ޙާލުގައެވެ. އަދި ހިތާމައާއި ހިތްދަތިކަން ދިމާވަގުތު ކެތްތެރިވެގެންެނެވެ.
 
     
މާޒީގައި ތިބާގެ ޙަޔާތުގައި ދިމާވެފައިވާ ދެރަގޮތް އެއީ އަބަދުވެސް ތިމާއަށް މެދުވެރިވާން ހުރިގޮތް ކަމުގައި ޤަބޫލުކުރުމަކީ މޮޔަކަމެކެވެ. އަދި ކިއެއްތަ، އެއީ އެމީހުންގެ އަމިއްލަ ޙަޔާތާއިމެދު އެއްވެސް ޔަޤީންކަމެއްނެތް ފިނޑިމީހުންގެ ގޮތެވެ. މާޒީގައި ތިމާގެ ޙަޔާތުގައި ދިމާވެފައިވާ ދެރަގޮތަކީ، މުސްތަޤުބަލުގައި ތިމާއަަށް އެއްވެސް އުފަލެއް ނުލިބޭނެކަމަށް ތިމާގެ ހިތުން ޤަބޫލުކުރެވޭނެ އުޒުރެއްނޫނެވެ. އެފަދަ މީހުންގެ މިސާލީ މާސިންގާ ބޮޑުކަނޑެއްގައި އޮޔާދާ ގަސްގަނޑެއްގެ މިސާލެވެ. އެގަސްގަނޑަށް އޭގެ އަމިއްލަ އިޚްތިޔާރުގައި ބޭނުން ތަނަކަށް ދިޔުމުގެ އިޚްތިޔާރެއް ލިބިގެންނެއްނުވެއެވެ. އޮޔާއި ވަޔާއިއެކު ލައްގާނެ ދުވަހަކުން ލައްގާނެތަނަކަށް ލައްގަންދެން ފެނުތެރޭ ޖެހެނީ އޮންނާށެވެ.
       
ﷲ ތަޢާލާ އިންސާނާ ދުނިޔެއަށް ފޮނުއްވީ ފުރިހަމަ އިޚްތިޔާރާއި ބާރު އިންސާނާއަށް ދެއްވާފައެވެ. އެކަލާންގެ ލެއްވެވި އެހެން މަޚުލޫގުންނަށް ނުދެއްވާ ބުއްދީގެ މަތިވެރި ނިއުމަތާއި އެކުގައެވެ. މި ބުއްދީގެ އަލީގައި އިންސާނާ އޭނާގެ ޙަޔާތުގައި ކުރިޔަށް ދާންވީގޮތުގެ މަގުޗާޓު ކުރަހާލައެވެ. އެކުރެހުމުގައިވަނީ އެންމެ މަގެކެވެ. އިންސާނާ އެމަގުން ހިނގަންފަށައެވެ. އެހެންނަމަވެސް މަގުގެ ވަކިހިސާބަކުން މަގު ދެކަފިވެފައިވާ ހިސާބަކަށް އިންސާނާއަށް އާދެވެއެވެ. އެއީ ނުބައި މަގާއި ތެދުމަގެވެ.

މިހާރު އިންސާނާގެ ކުރިމަތީގައިވަނީ ދެމަގެކެވެ. ނަމަވެސް މިހާހިސާބުން އިންސާނާއަށް މިތަނުން ޚިޔާރުކުރަންވީ މަގަކާއި މެދުގައި އިންސާނާގެ ބުއްދި އޭނާގެ އަމިއްލަ ނަފުސާއި އަރައިރުންވެއެވެ. ހެޔޮބުއްދީގެ އަހުލުވެރިން އެމީހުންގެ އަމިއްލަ ނަފުސުގެ މައްޗަށް ބުއްދި އިސްކުރެއެވެ. އަދި ފަސޭހަކަމާއިއެކު އެތަނުން ތެދުމަގަކީ ކޮބައިކަން ދެނެގަނެ އެމަގުން ހިނގަންފަށައެވެ.

މިއާ ޚިލާފަށް ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ބުއްދި އިސްނުކުރެވުނު މީހާގެ ހާލަކީ ކޮބައިތޯއެވެ؟ ތެދުމަގުގެ ބަދަލުގައި އޭނާއަށް އިޚްތިޔާރުކުރެވުނީ ނުބައިމަގެވެ. އެހެންނަމަވެސް ނުބައިމަގު އިޚްތިޔާރުކުރެވުނު މީހާވެސް އެއީ ތިމާއަށް ހުރި ތެދުމަގުކަމުގައި ހީކޮށް އެމަގުން ކުރިޔަށް ދާންފަށައެވެ. މަގުގެ ކޮޅުގައިވަނީ ތިމާގެ ހަޤީޤީ މަންޒިލް މަޤްޞޫދު ނޫންކަމާއި، ބޮޑު، ފުން އަނދިރި ވަޅުގަނޑެއްކަން ނޭނގޭ ހާލުގައެވެ. އެހެންނަމަވެސް މަގުގެ ވަކިހިސާބަކަށް ދެވޭއިރަށް ކުރިމަތީގައިވާ އަނދަވަޅުގެ އަނގަމަތި ދުރުން ފާޅުވާން ފަށައެވެ. އަދި ތިމާއަށް މިދެވެނީ ރަނގަޅު މަގުން ނޫންކަމުގައި ގަބޫލުކުރެވެން ފަށައެވެ.
މިހާހިސާބުން ތިމާއަށް އަޮތީ ކޮންގޮތެއްތޯއެވެ؟ މިހިނދުގައި  އެއްކަލަ "އިޚްތިޔާރު" ތިމާގެ ކުރިމަށްޗަށް ހުށަހެޅެއެވެ. ތިމާ ވެއްޓެން ކައިރިވަމުންދާ ފުން އަނދަވަޅުގެ އަނގަމަތި ދުރަށް ފެންނަންހުރިއިރު، އަދިވެސް އެމަގުން ތިމާ ދާންވީތޯއެވެ؟ ނޫނީ ތިމާއަށް އަދިމިދެވެނީ ރަނގަޅުމަގުން ނޫންކަމަށް ޤަބޫލުކޮށް ހުރިފިޔަވަޅުމަތީހުރެ އައިކޮޅަށް އެނބުރި ދިޔުމަށް ހިނގައިގަންނަންވީތޯއެވެ؟ ހަމަގައިމުވެސް އެނބުރި ތެދުމަގަށް ދިޔުމަށް ބޭނުންނަމަ ފަހަތަށް އެނބުރި ދާންޖެހެއެވެ. ނުބައި މަގުން މިހައިތަނަށް ހިނގިފައިހުރި ވަރަށް އެތަން ފަސްދީ ފަހަތަށް ދާންޖެހެއެވެ. ތެދުމަގަށް އެނބުރި ދިޔުމަށް މަގު ދެކަފިވެފައިވާ ހިސާބަށް އަލުން އެނބުރި ދާންޖެހެއެވެ. މިހާރު އަމިއްލަ ނަފްސާ ސުވާލުކުރައްވާށެވެ! ތިމާއަށް އިޚްތިޔާރު ލިބިގެންނުވޭތޯއެވެ؟

އެހެންކަމުން އިންސާނާއަށް ދިމާވާ ދެރަގޮތްގޮތާއި، މުސީބާތްތައް މިހޯދައިގަންނަނީ ކޮންބައެއްތޯއެވެ؟ ހަމަ އިންސާނުން އަމިއްލައަށެވެ. އެމީހުންގެ ކޮށިވިސްނުމުގެ ޢަމަލުތަކުގެ ސަބަބުންނެވެ. ފުރިހަމަ އިޚްތިޔާރާއި ބާރު ދެއްވާފައި ވީހިނދުވެސްމެއެވެ. ކުޑަކުޑަ މިސާލެކެވެ. އަޅުގަނޑާ ދިމާވި ކުއްޖެކެވެ. މައުސޫމް އަންހެން ކުއްޖެކެވެ. އަޅުގަނޑު އޭނާއާ ސުވާލުކުރީމެވެ. މީހަކު ތިބާ މޫދަށް ކޮށްޕައިލައިފިނަމަ ސަލާމަތްވާން މަސައްކަތް ކުރާނަންހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ." އެމީހަކު އަހަރެން މޫދަށް ކޮށްޕައިލީ ގަސްތުގައި އަހަރެން މަރާލަންކަމުގައި ވަނީނަމަ ސަލާމަތްވާކަށް އަހަރެން އެއްވެސް މަސައްކަތެއް ނުކުރާނަމެވެ". މިއީ ނާއުންމީދުން ފުރިގެންވާ ޖަވާބެކެވެ. ޙަޔާތުގައި ދިމާވެފައިވާ ބަދުނަޞީބުގޮތަކުން އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ހާމަކޮށްދޭ ޖަވާބެކެވެ.

ހަމަމިގޮތަށް ތިމާ ކުރަން ބޭނުންވާކަމެއް ތިމާ ބޭނުންވާގޮތަށް ނުވުމަކީ ތިމާއަށް ދުވަހަކުވެސް ތިމާބޭނުންވާ ގޮތަށް އެއްވެސްކަމެއް ނުވާނެކަމަށް ޤަބޫލުކުރަންވީ ސަބަބެއްނޫނެވެ. މިސާލަކަށް ތިމާ ކުރިމަތިލާ ވަޒީފާއަކަށް ނުހޮވުން އެއީ ތިމާއަށް މުސްތަޤުބަލުގައި ދެން އެހެން ވަޒީފާއެއް ނުލިބޭނަކަމަށް ޤަބޫލުކުރުމަކީ ހަޔާތުގައި އެއްވެސް ދިރުމެއްނެތް މީހުންގެ ޚިޔާލާއި ފިކުރެވެ. އެމީހުންގެ ހަށިގަނޑުގައި ދިރުންވެއެވެ. އެކަމަކު އެމީހުންގެ ޙަޔާތުގައި އެއްވެސް ދިރުމެއްނުވެއެވެ.

ހަތަރު އުދަރެސް ފެނުޖެހުމަކީ ކަރުދާހުގައި ލިޔެވޭ މިސާލުބަހެކެވެ. އެއީ ޢަމަލުކުރެވޭ ޤާނޫނެއްނޫނެވެ. ޤިޔާމަތްދުވަހުން މެނުވީ އެއްވެސް މީހެއްގެ މައްޗަކަށް އެކަމެއް ތަންފީޒެއް ނުކުރެވޭނެއެވެ. މިކަމުން އެނގެނީ ތިމާގެ ހަޔާތް ބާއްޖަވެރި ކުރުމުގައި ކުޑަވެސް ދޮރެއް ހުޅުވިފައިވާ ގޮތަށް މެނުވީ ތިމާގެ ހަޔާތުގެ ދޮރުތައް ބަންދެއް ނުވާނެކަމެވެ. އެހެނީ އިންސާނާ ހިނގަހިނގައި ހުންނަ މަގަށް އަލިކުރާ ވޮށުގެ ހުޅުކޮޅު ނިވާލަނީ ޚުދު އިންސާނާ އަމިއްލައަށެވެ. އަދި އެއަނދިރީގެ ތެރޭގައި އޭނާ ޣާފިލްވެފައިހުރެއެވެ. އެހެންނަމަވެސް ދުރުން މާދުރުން އުއްމީދުގެ ހުޅުކޮޅުގެ އަލި ފާޅުވެ ފެންނަން ހުރެއެވެ.

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ