އަދުގެ ޚާއްސަ

Print

ދަނޑު އަލިބޭ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އަޅުގަނޑުމެން ރާއްޖޭގައި ދަނޑުގޮވާންކުރުމަކީ މާއިހުއްސުރެ ކުރަމުން އަންނަ ފޯރިގަދަ މަސައްކަތެކެވެ. އޭރު މީހުންގެ އާބާދީ ކުޑަކަމާއިއެކު ބިން ވަރަށް ބޮޑެވެ. މީހުން އުޅޭރަށްރަށާއި ފަޅުރަށްރަށުގައިވެސް ދަނޑުގޮވާން ކުރެއެވެ. އެޒަމާނާއި އެކަށީގެންވާ މިންވަރަށް ބިމުގެފައިދާ ހޯދައެވެ. ވުޒާރަތުލް މާލިއްޔާއިން ފަޅުރަށްރަށާއި ގޮއިފާލައްބަ ލިއުއްވައިގެން އުޅޭމީހާއަށް ރަށްވެރިޔާއޭކިޔައެވެ. ދަނޑުގައި ހައްދާ ކޮންމެ ބާވަތަކުން ފަސްބައިކުޅަ އެއްބައި ގޮޔަށް ނަގާނެއެވެ. އެކަމާއި ހަވާލުވެހުންނަ މީހާއަށް ގޮއިވެރިޔާއޭ ކިޔައެވެ. އެތަކެތި ނެގޭ ގެއަށް ގޮއިގެއޭ ކިޔައެވެ. އަދި ގޮޔަށް ނެގޭ ތަކެތީގެ އިތުރަށް ރަށްވެރި މީހާއަށް ރަށްވެރި ދަނޑު ކޮށައިދިނުން އޮވެއެވެ.

ފަޅުރަށްރަށް ފިޔަވައި މީހުންއުޅޭ ގިނަ ރަށްރަށަކީވެސް ދަނޑުބިން ބޮޑެތި ރަށްރަށެވެ. މީހުން އުޅޭ ރަށްރަށުގައި ދަނޑުކޮށާއިރު އަމިއްލަ ދަނޑު ކޮށާފަދައިން ރަށްޔިތުންގެ އިޖުތިމާޢީ އެކުވެރިކަމުގެ ދަށުން އާންމު ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް ކޮށާ ދަނޑުތަކެއްވެސް ބައެއް ރަށްރަށުގައި ހުރެއެވެ. އެ ދަނޑުތަށް ކޮށައި ގޮވާންލައި ހުރިހާކަމެއް ކުރާނީ ވެސް ވެރިންގެ އަމުރަށް އާންމު ރައްޔިތުންނެވެ.

ކޮންމެވެސް ރަށެއްގައި ވަނީ ދަނޑު ކޮށާފައެވެ. ރައްޔިތުންގެ ދަނޑުތަކާއި އާންމުންގެ ދަނޑުތަކެވެ. ގޮވާމުގެ ހުރިހާ ބާވަތެއްވެސް ވަނީ ހެދި ކަނޑައި ރައްކާކުރުމުގައެވެ.  ބިންބި ، ކުދިބަތާއި ދޮނަޅަ ޒުވާރިއެވެ. ކައްޓަލަ އާއި ބަރަބޮލެވެ. ކަރަލާއި ބޮޑުކެކުރިއެވެ.

ދަނޑުއަލިބެއަކީ ތަޖުރިބާހުރި ކެރޭ މުރާލި ދަނޑުވެރިއެކެވެ.  އޭގެ މަސައްކަތުގެ ބޮޑުބައެއް ކަމުގައި ވަނީ ދަނޑުގެ މަސައްކަތެވެ. ގިނަ ވަގުތުތަކެއް ދަނޑުގައި ހޭދަކުރާ ދަނޑުއަލިބެއަށް މީހުން ދަނޑުގައި ކުރާ ކޮންމެ ކަމެއްވެސް ފެންނަލެއް ގިނަވާނެ ތާއެވެ. އެއްދުވަހަކު ދަނޑުއަލިބެ ހިތަށް އެރިއެވެ. މިރަށުގައި މިވަނީ އަމިއްލަމީހުންގެ ދަނޑާއި ރައްޔިތުންގެ ދަނޑުތަކެވެ. ހުރިހާ ދަނޑެއްގައިވެސް ރަނގަޅަށް ގޮވާމުގެ ހުރިހާ ބާވަތެއް ހެދިފައެވެ. އެކަމަކު ކޮންމެ މީހަކުވެސް ކަރަލެއް ކެކުރިއެއް ކާންވެއްޖެނަމަ ކަނޑަނީ ރައްޔިތުންގެ ދަނޑުންނެވެ. ކާންގޮސް ތިބެނީ އަމިއްލަ ދަނޑުގައެވެ. އެހެންވީމައި އަހަރެން މިއަދު ހަދާނީ އެހެން މީހުން ނުހަދާ އާ ގޮތެކެވެ. މިހެން ހިތައި ދަނޑުއަލިބޭ އޭނަގެ އަމިއްލަ ދަނޑުން ބޮޑު ކަރަލެއް ކަނޑައިގެން ރައްޔިތުންގެ ދަނޑުގެ ކަރާވެޔޮ ކައިރީގައި އިށީއިނދެ ކަރާ ފަޅައިލައި ކާންފަށައިފި އެވެ.  ކާންއިންދައި ދަނޑުވެރިންގެ ބަޔަކަށް މިތަން ފެނިއްޖެއެވެ. އެމީހުން ބުނެފިއެވެ. އެންމެން މިއުޅެނީ ރައްޔިތުންގެ ދަނޑުން ކަރާކަނޑާ މީހަކު ނޭގިގެންނެވެ. ރައްޔިތުންގެ ދަނޑުން ކަރާކަނޑާ މީހާ މިއޮތީ ހިފިފައެވެ. ހަޅޭފަޅޭކުގެ އަޑުގަދަވެ މީހުންތަށް އެއްވެ ދަނޑުއަލިބޭ ގޮއިވެރިޔާ ގޭދޮށަށް ގެންދެވިއްޖެއެވެ.
(ނިމުނީ)



  ނޯޓު:  

މި މަޒުމޫނުގައި ''ކަރަލެއް'' މި ގޮތަށް ލިޔުންތެރިޔާ މި ބަސްބޭނުން ކުރައްވާފައި ވިޔަސް، ދިވެހި ބަހުގެ ސާދަ ރަސްމީ ބަހުރުވައިގެ ހަމައިގައި ކިޔައި އުޅެނީ ''ކަރައެއް'' މި ގޮތަށް ކަމަށް އެނގިފައިވެ އެވެ.
    އެކަމަކު ލިޔުންތެރިޔާ އެ ގޮތަށް ބޭނުން ކުރެއްވުމުން އޭން އެނގެނީ އެއީ ވެސް ރާއްޖޭގެ ކޮންމެ ވެސް ހިސާބެއްގައި އެ ބަސް ބޭނުން ކޮށް އުޅޭ ގޮތެއް ކަމެވެ. ތޮއްޑުއަކީ ވެސް ގިނަ ޢަދަދަކަށް ކަރާ ހައްދާ
    ރަށަކަށް ވާއިރު، ތޮއްޑޫ މީހުން ވެސް ކިޔައި އުޅެނީ ''ކަރަލެއް'' މި ގޮތަށެވެ. ރަނގަޅު ގޮތަކީ ''ކަރައެއް'' ތޯ ނުވަތަ ''ކަރަލެއް'' ތޯ ބެލުމަށް ބަހުގެ މުޝީރު, އަޅުގަނޑުގެ ދިވެހި  އުސްތާޛު ޢަބްދުﷲއަށް،
    ދަންނަވައިލީމެވެ. ދެއްވީ އުސްތާޛުގެ މިޒާޖުފުޅާ ގުޅޭ ސަމާސާ ޖަވާބެކެވެ. ''ނަޞީރު ތޮއްޑޫގައި ވާހަކަ ދައްކާނަމަ ކަރަލެކޭ ކިޔާށެވެ. މާލޭގައި ވާހަކަ ދައްކާނަމަ ކަރައެކޭ ކިޔާށެވެ.''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ