އަދުގެ ޚާއްސަ

Print

ހަށިގަނޑުގައި ޤުރުއާން ލިޔެވޭ ކުއްޖާގެ ކަރާމާތްތެރިކަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޑރ. ރިޔާޟު މުސްޠަފާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



މީގެ ދުވަސްކޮޅެއް ކުރިއްސުރެ، ރަޝިޔާގެ ރަސްމީ މީޑިއާއިން އެކުއްޖާގެ ވާހަކަ ދައްކަން ފަށައިފި އެވެ. އެއީ ވަރަށް ޙައިރާންކުރުވަނިވި ކުއްޖެއްގެ ވާހަކަ އެވެ. މިހާރު އެއީ، ރަޝިޔާގެ ޑާގިސްޓަންގެ ކުދި ބޮޑު އެންމެންގެ ދޫތަކުން އެންމެ ގިނައިން ދެކެވޭ ވާހަކަ އެވެ. އެއީ ޢުމުރުން އަށެއްކަ މަހުގެ ކުއްޖެކެވެ. އެކުއްޖާގެ ކިބައިން ފެންނަ ޙައިރާންކުރުވަނިވި ކަމަކީ، އެކުއްޖާގެ ފައިގައި، ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ލިޔެވެމުންދާ ކަމެވެ. އާޔަތެއް ނުވަތަ ޙަދީޘެއް އެކުއްޖާގެ ފައިގައި ލިޔެވުމަށްފަހު، ދެތިން ދުވަސްވަންދެން ނުފޮހެވި ހުރެއެވެ. ދެން އެ ފޮހެވުމަށްފަހު، އަނެއްކާވެސް އެހެން އާޔަތެއް ނުވަތަ ޙަދީޘެއްގެ ލިޔުން ފާޅުވެ އެވެ.

މީޑިއާގެ ޚަބަރުތަކާއި މަންޒަރު ލޮލުން ދެކޭ އެ ރަށު މީހުން ބުނާގޮތުގައި، ޢަލީ ޔަޢުޤޫބޯފު ނަމަކަށް ކިޔާ އެކުއްޖާއަކީ ވިހޭއިރު، ކެންސަރު ޖެހިފައިވާ ކުއްޖެކެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުއްޖާގެ ގައިން ކެންސަރުގެ އަސަރު ފިލައިގެން ދިޔަ އެވެ. އަދި ކެންސަރު ޖެހިފައިވާ ކަމަށް ފާހަގަކުރެވުނު ތަނުގައި ﷲ މި ކަލިމަ ލިޔެވިފައި ވި އެވެ. ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެމުން، އެކުއްޖާގެ މަންމަ، "މަދީނާ ޔަޢުޤޫބޯފާ" މި ވާހަކަތައް ވަރަށް ރީތިކޮށް ކިޔައިދެމުން ގެންދެ އެވެ. މަދީނާގެ ދުލުން މި ވާހަކަތައް އަޑުއަހައި، ފެތުރުމަށްޓަކައި މަސައްކަތްކުރަމުންދާ ނޫސްވެރިން، އަބަދާ އަބަދުހެން އޭނާގެ ގެޔަށް ޒިޔާރަތްކުރަމުން ގެންދެ އެވެ.

މަދީނާ ބުނާގޮތުގައި، އޭނާގެ ދަރިފުޅުގެ ގައިން، ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތަކުގެ ލިޔުންތައް ފާޅުވަނީ، ހޯމަ ދުވަހާއި ހުކުރު ދުވަހު އެވެ. ލިޔުންތައް ފާޅުވާއިރު، ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދެ އެވެ.

މަދީނާ، އޭނާގެ ދަރިފުޅަށް ވާ ގޮތް ކިޔާދެމުން ބުނެ އެވެ.
"އެންމެ ފުރަތަމަ ފާޅުވާން ފެށީ ވަކިވަކިން ލިޔެވިފައިވާ ކަލިމަތަކެކެވެ. އެއަށްފަހު، ކީރިތި ޤުރުއާނުގެ އާޔަތްތައް ފާޅުވާން ފެށިއެވެ. އާޔަތްތައް ފާޅުވާއިރު، ދަރިފުޅުގެ ހަށިގަނޑު ވަރަށް ބޮޑަށް ހޫނުވެ އެވެ. ފާޅުވާ ލިޔުން ދަރިފުޅުގެ ގައިގައި ތިން ދުވަސް ވަންދެން ދެމިހުރެއެވެ. ދެން ފޮހެވިދެއެވެ. އެއަށްފަހު، އަނެއްކާވެސް އާ ލިޔުންތަކެއް ފާޅުވެ އެވެ."

ޢަލީ ޔަޢުޤޫބޯފަށް ވަނީ ކީއްކަމެއް، ފުރަތަމަ ކޮޅުގައި އޭނާގެ މަންމައާއި ބައްޕައަކަށް ނޭނގެ އެވެ. ނަމަވެސް ދަރިފުޅުގެ ހަށިގަނޑުގައި ލިޔެވޭ ތަކެތީގެ ފޮޓޯ އެދެމީހުން ވަނީ ނަގާފަ އެވެ. އެ ދެމީހުންގެ ޙައިރާންކަން މަތިމައްޗަށް އިތުރުވެގެން ދިޔައީ، އެ ލިޔުންތައް ފާޅުވާންވީމާ، ދަރިފުޅުގެ ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދާތީ އެވެ. ޑަކުޓަރުންނަށް ދައްކައިގެން ހޯދާ ބޭސް ދީގެން ނުވަތަ އެހެން ގޮތަކުން ވެސް އެ ހޫނުކަން މައިތިރިކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ. އަދި ދަރިފުޅުގެ ގައިގައި އާޔަތެއް ނުވަތަ ޙަދީޘެއް ލިޔެވި، އެ ފާޅުވުމުން، އޭނާއަށް އިޙުސާސްކުރެވޭ ވޭނާއި ތަދު އިތުރުވެ އެވެ.

މަދީނާއާއި އޭނާގެ ފިރިމީހާ، އެ ދެމީހުންގެ ދަރިފުޅުގެ ވާހަކަ، ހާމަކުރީ، އެ ކުއްޖާގެ ގައިގައި، (ليرى الناس آياتنا) މިހެން ލިޔެވުމުންނެވެ. މަދީނާގެ ދަރިފުޅުގެ ވާހަކަ އަޑުއިވޭ ކޮންމެ މީހަކުމެ، ޙައިރާންވެ، އަންތަރީސްވެ އެވެ. އެކުއްޖާގެ ޙާލަތު ބައްލަވާ ޑަކުޓަރުންވެސް ތިބެނީ، އެކުއްޖާއަށް ވާގޮތާމެދު ވިދާޅުވާނެ އެއްޗެއް އެނގިވަޑައިނުގެންފަ އެވެ. އެއީ ޑަކުޓަރުންވެސް ޙައިރާންކުރުވާ ޙާލަތެއް މެދުވެރިވެފައިވާ ކުއްޖެކެވެ.

ޢަލީ ޔަޢުޤޫބޯފަކީ، އުފަންވިއިރު، ބަލި ކުއްޖެއް ކަމަށް އޭނާގެ މަންމައާއި ބައްޕަ ބުނެ އެވެ. އުފަންވިއިރު އޭނާއަކީ ސިކުނޑީގެ އެއްފަޅީގައި ވާގިނެތުމުގެ އިތުރުން ހިތުގެ ބައްޔެއް ވެސް ހުރި ކުއްޖެކެވެ. ނަމަވެސް އެކުއްޖާގެ ގައިގައި ފާޅުވި، ކީރިތި ޤުރުއާނުގެ ފުރަތަމަ ކަލިމަތަކާއެކު، އެކުއްޖާ ކިބައިން އެ ހުރިހައި ބަލިތަކެއް ފިލައިގެން ހިނގައްޖެ ކަމަށް، ރަޝިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.



ޢަލީ ޔަޢުޤޫބޯފުގެ ޞިއްޙީ ކަންތައްތައް ބަލަހައްޓަވާ ޑަކުޓަރަކީ، ސަޢީދު ރަސޫލޯފެވެ. އޭނާ ވިދާޅުވަނީ: "ޢަލީއަށް ވީ ގޮތެއް ބެލުމަށްޓަކައި ކުރަންޖެހޭ ހުރިހައި ތަޙުލީލެއް ކުރީމު އެވެ. އެކްސްރޭ ނަގައިގެން ބަލައިހެދީމު އެވެ. ނަމަވެސް ކުރިން އޭނާގެ ގައިގައި ހުރި އެއްވެސް ބައްޔެއްގެ އެއްވެސް އަސަރެއް، ފަހުން އޭނާގެ ގަޔަކުން ނުފެނުނެވެ."

ޢަލީގެ ގައިގައި އާޔަތްތައް ލިޔެވޭތަން ފެނުމުން، އޭނާގެ މަންމައާއި ބައްޕަ، ކުރިޔަށްވުރެ ބޮޑަށް ދީންވެރިވި އެވެ. އެގޮތުން މަންމަ، ބުރުގާ އެޅި އެވެ. ބައްޕަ ނަމާދުކުރުމަށް ފަރުވާތެރިވި އެވެ.

ޢަލީގެ ޙާލަތާމެދު އެއްޗެއް ބުނުމަށް، ރަޝިޔާގެ ސައިންސް އެކަޑެމީން ވަނީ، ދެކޮޅު ހަދާފަ އެވެ. އެ އެކަޑެމީން ނެރެފައިވާ ބަޔާނެއް، މޮސްކޯގައި ހުންނަވާ، އިސްލާމް އޮންލައިންގެ މުރާސިލު ބެއްލެވި އެވެ. އެ ބަޔާނުގައި ވެ އެވެ. "އެ (ޢަލީ ޔަޢުޤޫބޯފުގެ) ޙާލަތަކީ ފަހުމްކޮށް ޝަރަޙަކުރެވޭނެ ޙާލަތެއް ނޫނެވެ. ސައިންސްވަނީ، އެފަދަ ކަންތައްތައް ދިރާސާކޮށް އޭގެ ޙަޤީޤަތް ބުނެދިނުމަށް ނުކުޅެދިފަ އެވެ."

އެކުއްޖާގެ ކިބައިން ފެންނަނީ "ކަރާމާތްތެރި ކަމެއް" ކަމަށް މީހުން ދައްކައިއުޅޭ ވާހަކަ، އިސްލާމީ ފިޤުހުވެރިންގެ އަރިހަށް ހުށަހެޅުނެވެ. ފިޤުހުވެރިން ވިދާޅުވީ، "ތިބާ އެކަން ޤަބޫލުކުރެއްވިޔަސް، ނުކުރެއްވިޔަސް، އެކުއްޖާގެ ކިބައިން ފެންނަ ކަމަކީ، މުސްލިމުންނަށް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. އަދި މާތްވެގެންވާ އިސްލާމްދީނަކީ، އެފަދަ ކަންތައްތަކަށް ބޭނުންވެފައިވާ ދީނެއް ނޫނެވެ. ދުނިޔޭގައި އިސްލާމްދީން ފެތުރި ކުރިއަރާފައިވާ މިންވަރާއި، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ މިންގަނޑެއް ކަމުގައި ވެސް އެފަދަ ކަންތައްތައް ނުވެ އެވެ. އެހެނީ، މާތް ﷲ ގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ގިނަގުނަ ހެކިތަކާއި އާޔަތްތައް، އިސްލާމްދީނުގައި ވަނީ ގެނެސްދެއްވާފަ އެވެ."

ޢިޞާމުއްޝިޢާރަކީ، އިސްލާމްއޮންލައިން ވެބްސައިޓުގެ ޝަރުޢީ ބާޙިޘެކެވެ. ޢަލީ ޔަޢުޤޫބޯފުގެ ކިބައިން ފެންނަ ކަމަށް ބުނެވޭ ކަރާމާތްތެރިކަމާމެދު، އޭނާ ވިދާޅުވެފައިވެ އެވެ.

"މާތްވެގެންވާ އިސްލާމްދީނަކީ، ދީންތައް ޚަތިމްކުރެއްވި ދީނެވެ. ސަމާވީ އެހެން ރިސާލަތްތަކުގެ މައްޗަށް މިދީން އިސްކުރައްވާފައިވާ ކަން ސާބިތުކޮށްދިނުމަށްޓަކައި، އިތުރު މުޢުޖިޒާތްތަކާއި ކަރާމާތްތަކަށް، މި ދީން ބޭނުމެއް ނުވެ އެވެ."

"ތިޔައީ ތެދު ވާހަކައެކޭ، ނުވަތަ ދޮގު ވާހަކައެކޭ، އަޅުގަނޑު ނުބުނަމެވެ. އަޅުގަނޑުމެންގެ އަތުގައި މިއޮތީ މާތް ﷲ ގެ ކަލާމްފުޅެވެ. އެފޮތުގައި އެކަލާނގެ އަންގަވާފައިވެ އެވެ. (لا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلا مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ) (ފުއްޞިލަތު: 42) މާނައީ، "އެފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެ ފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެ ޙަޟުރަތުން ބާވައިލެއްވި ފޮތެކެވެ."

އަދިވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އަލިފާނުން އަންދާފައިވާ ރޮށިފަޅިއެއްގައި ﷲ ލިޔެފައިވާތީ، ނުވަތަ ގަހެއްގެ ގޮފިގަނޑެއްގައި މުޙައްމަދު ލިޔެވިފައިވާތީ ފެނުމުން އެކަން ބޮޑު މުޢުޖިޒާތަކަށް ހަދައިގެން ތަކުބީރާއި ތަހުލީލު ކިޔައި އުފާ ފާޅުކުރަމުންދާ މީހުންނާމެދު އަޅުގަނޑު އަންތަރީސްވަމެވެ."

"އިސްލާމްދީނުގެ ހައިބަތާއި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ނަބީކަމުގެ ތެދުކަން ބަޔާންކޮށްދޭ ދަލީލުތަކެއްގެ ގޮތުގައި، މިބާވަތުގެ ކަންތައްތައް ދެއްްކުމަކީ، ޢާއްމުންނަށް އޮޅުވާލަން ވެގެން ކުރާ ކަންތައްތަކެވެ. މާތް ﷲ އީ، އެއްކައުވަންތަ، ފުދިވޮޑިގެންވާ ކަލާނގެ ކަމާއި މުޙައްމަދުގެފާނީ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އެކަލާނގެ ރަސޫލާކަމަށް ޙުއްޖަތް ދެއްކުމަށްޓަކައި، ފެންނަން މިވާ މާސިންގާ ބިޔަ ކައުނާއި، އަޅުގަނޑުމެންގެ އަތުގައި މިއޮތް ﷲ ގެ ކަލާމްފުޅު ނުފުދޭތޯ އެވެ؟"

"މިބާވަތުގެ ޚަބަރުތައް ފެތުރުމުގެ އެއް ބޭނުމަކީ، އަޅުގަނޑުމެން މުސްލިމުން ސަމާލުކަންދޭން ޖެހޭ ބޮޑެތި މައްސަލަތައް، އަޅުގަނޑުމެންގެ ވިސްނުމުން އެއްކިބާކުރުމެވެ. އެހެނީ، މިފަދަ ޚަބަރުތައް އިވުމުން، މީހުން އެއްވެތިބެ ދައްކާނީ މިވާހަކަތަކެވެ. އަދި އިސްލާމީ އުންމަތާ ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ މަތިން މީހުން ހަނދާން ނެތޭނެ އެވެ."

އިސްލާމްއޮންލައިންގެ ޝަރުޢީ ބާޙިޘެއް ކަމަށްވާ، އައްޝައިޚު ޙާމިދުލް ޢައްޠާރު ވިދާޅުވެފައި ވެ އެވެ.

"މިބާވަތުގެ ކަރާމާތްތަކަކީ، ޙަޤީޤީ ތެދު ކަރާމާތްތައް ކަމުގައި ވެދާނެ އެވެ. އަދި އެއީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާން ދޮގަށް ވެސް ވެދާނެ އެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް މަންފާއެއް ލިއްބައިދޭނެ ކަންތައްތަކެއް ނޫނެވެ. ... މާތްވެގެންވާ އިސްލާމްދީން ވަނީ، މުޢުޖިޒާތްތަކުން ފުރިގެންނެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ހާމަކޮށްދިނުމަށްޓަކައި، ކުއްޖެއްގެ ގައިން އާޔަތްތަކެއް ފާޅުވުން ފަދަ ކަމަކަށް އަޅުގަނޑުމެންނަކު ބޭނުމެއް ނުވާނެ އެވެ."


މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް.

ހަމަމިގަލަމުން

އިދާރާ

ވާހަކަ