އަދުގެ ޚާއްސަ

Print

މުސްލިމު ސައިންސުދާނުން - 01

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


މިއީ، ފަޟީލަތުއްޝައިޚު އަޙުމަދު ފަހުމީ ދީދީ ލިއުއްވާފައިވާ ފޮތެކެވެ. ފަންވަތުގެ ކިއުންތެރިންނަށް، މި އަގުބޮޑު ޢިލްމީ މަސައްކަތް ހަދިޔާކުރެއްވި ކަމަށްޓަކައި، ފަންވަތުގެ ކިއުންތެރިންނާއި ހިންގުންތެރިންގެ ފަރާތުން، އޭނާއަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމުއެވެ.

ތިންސަތޭކަ ޞަފުޙާގެ މައްޗަށް އެކުލެވޭ، މި ޢިލްމީ ފޮތް، ފަންވަތުގައި ޝާއިޢުކުރަމުން ގެންދާނީ ކިއުންތެރިންނަށް ވިދާޅުވާން ފަސޭހަވާނެހެން، މިފޮތް ބައިބަޔަށް ބައިކޮށްގެންނެވެ. މި ބައިގައިވާނީ، ފޮތުގެ ފެށުމެވެ.

 

ފެށުން


އެންމެހައި ޙަމްދާއި ތަޢުރީފެއް ޙައްޤުވެގެންވަނީ ކީރިތިވަންތަ اَلله سُبْحَانَهُ وَ تَعَالَي އަށެވެ. ޢިލްމާއި މަޢުރިފާ ފެތުރުއްވެވުމަށް އެ ކަލާނގެ ފޮނުއްވި ރަސޫލާ مُحَمَّدٌ صَلَّي اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމުން ވެދުން ކުރަމެވެ. މި ޞަލަވާތާއި ސަލާމުގައި އެ މާތް ރަސޫލާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަމެވެ.


'ސައިންސުދާނު' ނުވަތަ 'ސައިންޓިސްޓު' މިއީ އިހުޒަމާނުގައި ބޭނުން ކުރެވުނު ބަހެއް ނޫނެވެ. އެ ޒަމާނުގައި ތަޖުރިބާ އާއި ޢިލްމީ ހޭލުންތެރިކަމާއި ތަޙްޤީޤުގެ ރޮނގުން ކުރިޔަށް ގޮސްފައި ތިބޭ ބޮޑެތި ޢިލްމުވެރިންނަށް ކިޔައި އުޅެނީ "حَكِيْمُ" އެވެ. މި ޒަމާނުގައި ޙަކީމުގެ މާނަކޮށް އުޅެނީ، ބުއްދިވެރި، ވިސްނުންތެރި، ތަންދޮރު ވަކިކޮށް ދަންނަ، ފަލްސަފީ، ބޭސްވެރިޔާ، ޑޮކްޓަރު މި ފަދަ މާނަތަކުގަ އެވެ. އެހެންނަމަވެސް އެ ޒަމާނުގައި "حَكِيْمُ" މި ބަސް ބޭނުންކުރެވުނީ، މި ޒަމާނުގައި ނަމަ ސައިންޓިސްޓުންނަށެވެ.


ޢަރަބި ބަހުގައި ނުވަތަ ދުނިޔޭގެ އެހެނިހެން ބަސްބަހުގައި މި ބަހުގެ މާނަ ކޮށް އުޅެނީ، ދަންނަމީހާ، ނުވަތަ عَالِمُ މި ގޮތަށެވެ. އިހު ޒަމާނުގައި "حَكِيْمُ" މި ބަސް ބޭނުން ކުރެވުނީ، އެތައް ދާއިރާއެއްގައި ފުންކޮށް ތަޙްޤީޤުކުރައްވައި ޛާތީ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި، ބޮޑެތި މުފައްކިރުންނަށެވެ. މަދަރުސާއެއްގައި ކިޔަވައިގެން ސަނަދެއް ނުވަތަ ސެޓުފިކެޓެއް ހޯދާ މީހުންނަކަށެއް ނޫނެވެ.



ދުނިޔޭގެ ޢިލްމީ ކުރިއެރުމުގައި މުސްލިމު ސައިންސުދާނުންގެ ދަވްރު

ދުނިޔޭގެ ޢިލްމީ ކުރިއެރުމުގައި މުސްލިމުން ނުވަތަ މުސްލިމު ދަވްރުގައި އުފެދުނު ސައިންޓިސްޓުންގެ ދަވްރަކީ، މި ދާއިރާގައި އެ މީހުން ކުޅެފައިވާ އަސާސީ ރޯލެއް ކަމުގައި ބުނުމަކީ، ކުށެއް ނުވަތަ ޙަޤީޤަތާ ދުރުވުމެއް ކަމަކަށެއް ހަމަހިލާ ވެސް ނުވާނެ އެވެ.

ޢިލްމީ ކުރިއެރުމުގައި މުސްލިމުން ޙިއްޞާކުރި މިންވަރާ ބެހޭގޮތުން އެއްޗެއް ބުނެލުމުގެ ކުރިން، އިސްލާމްދީން އައުމުގެ ކުރިން ދުނިޔަވީ ތަޢުލީމާއި ބުއްދީގެ މަގުން ހޯދުންތައް ހޯދައި، ދުނިޔަވީ މައިދާނުގައި ކުރިޔަށް ދިއުމަށް އެޅިފައިހުރި ހުރަސްތަކާއި އިސްލާމްދީން އައުމަށްފަހު މުސްލިމުން ކުރިޔަށްދާން އޮތް މަގުމަތިން މި ހުރަސްތައް އެއްފަރާތްވެ، އެ މަގު ތަނަވަސްވީކަން ދެނެގަންނަން ޖެހެ އެވެ.


އާދެ! އިސްލާމްދީން އައުމުގެ ކުރީގައި ވެސް ތަފާތު ކަންކަމުގައި އެކި މީސްމީހުން ވިސްނައި ފިކުރުކޮށް އުޅުނެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ނުވަތަ ދުނިޔެ ދަންނަނީ މަދު ބައެކެވެ. މި މީސްމީހުންގެ ޢަދަދު މިހާ މަދުވާން ޖެހުނު ސަބަބަކީ، ތަފްޞީލުކޮށް ނުދެންނެވިޔަސް، ފާޅުވެގެންވާ ޙަޤީޤަތެކެވެ. ކުރުކޮށް ދަންނަވާނަމަ އެއީ، ބާވަތް ބާވަތުގެ ހުރަސް ތަކެވެ. މި ހުރަސްތަކުގެ ތެރޭގައި، ޢާންމުން އެ ބާވަތުގެ ޢިލްމީ އައު އީޖާދުތަކަށް އިޖާބަ ނުދިނުމާއި، ދީނީ ޢިލްމުވެރިން އެ ކަމަށް އަޅާ ހުރަސްތައް ހިމެނެ އެވެ.


ޢީސާއީންގެ ތެރޭގައި ފަލްސަފާ އަކީ، ކިޔަވަންވާވަރުގެ އެއްޗެއް ނޫނެވެ. ވަކީން ޚާއްޞަކޮށް މަންޠިޤު ޢިލްމަކީ، އެ ކިޔަވައިފި މީހަކު ޒިންދީޤަކަށް ވާ އެއްޗެކެވެ. އެ މީހުން ބުނެއުޅެނީ (مَنْ تَمَنْطَقَ تَزَنْدَقَ) مَنْطِقُ ޢިލްމު އުނގެނިއްޖެ މީހާ ޒިންދީޤަކަށް ވެއްޖެ އެވެ. ނުވަތަ ދީނުން ބޭރުވެއްޖެ އެވެ. މިހެންނެވެ. އެ މީހުން ދެކޭގޮތުގައި مَنْطِقُ عِلْم އަކީ، ދީނީ ޢަޤީދާތައް ފާސިދުކުރާ އެއްޗެކެވެ. زِنْدِيْق އޭ ކިޔަނީ، އީމާންކަން ފާޅުކޮށްގެން އެތެރެފުށުން ކާފަރު ވެގެން އުޅޭ މީހުންނަށެވެ.


ގާތްގަނޑަކަށް 470-399 ق.م ގައި، ޔޫނާނު (Greece) ގައި، އުޅުއްވި ފިލޯސޮފަރ، سُقْرَاطُ (Socrates) އަކީ، اَفْلاَطُونُ (Plato)ގެ ދަރިވަރެކެވެ. އޭނާ ތަޢުލީމު ދެއްވަމުން ގެންދެވީ، ސޫފިސްޠާއީންނާ (1) އިދިކޮޅަށެވެ. ސޫފިސްޠާއީންނަކީ، ޙިއްސީ އަދި ބަދީހީ ކަންތައްތައް ޤަބޫލު ނުކުރާ ބައެކެވެ. سُقْرَاطُ، ފަލްސަފާ އާއި މަންޠިޤުގެ ހަމަތަކުން އެ މީހުންނާ އިދިކޮޅަށް ދެއްވި ތަޢުލީމުގެ ސަބަބުން ޔޫނާނުގައި ވަރުގަދަ އިންޤިލާބެއް އުފެދުނެވެ. އަދި سُقْرَاطُ އާ އިދިކޮޅު މީހުން، އޭނާގެ މައްޗަށް، އެއީ زِنْدِيْق އެއް ކަމުގައި ޙުކުމްކޮށް އޭނާ ޖަލަށްލި އެވެ. އަދި ހެމްލޮކް ޒަހަރު ބޯންދީގެން އޭނާ ޖަލުގައި މަރާލެވުނެވެ. سُقْرَاطُ ޒަހަރު ބެއްލެވީ، ރުހުމުގައި އޭނާގެ އަމިއްލަ އަތްޕުޅުން ކަމަށް ބުނެވެ އެވެ.


އިޓަލީވިލާތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ غَلِيْلِيَة (Galilee) ގެލީލިއޯ އަކީ، ފިޒިކުސް އާއި އެސްޓުރޮނޮމީގެ ރޮނގުން ހޯދުންތަކެއް ހޯއްދެވި ޢިލްމުވެރިއެކެވެ. އޭނާ އަކީ، އިރުގެ ވަށައިގެން ދުނިޔެ އާއި ސޯލާ ސިސްޓަމުގެ އެހެނިހެން ތަރިތައް، ދަތުރުކުރާކަން ހާމަކޮށްދެއްވި ޢިލްމުވެރިއެކެވެ. އެހެންނަމަ ވެސް މީނާގެ ދުވަސްވަރުގައި އިޓަލީގެ މީހުން ޤަބޫލުކުރަމުން އައީ، اَلنِّظَامُ الْبَطْلِيْمُوْس(Ptolemaic System) އެވެ.


މި ސިސްޓަމުގައި ބުނާގޮތުން، ބިމަކީ، ކަވްނުގެ މަރުކަޒެވެ. އެއަށް އެއްވެސް ޙަރަކާތެއް ނުވެ އެވެ. އެހެންނަމަ ވެސް ބިމުގެ ވަށައިގެން، އިރާއި ހަނދާއި އެހެނިހެން ތަރިތައް ދަވްރުކުރެ އެވެ. ގެލީލިއޯ މި ސިސްޓަމް ދޮގުކުރެއްވި އެވެ. ގެލީލިއޯ މި ސިސްޓަމް ދޮގުކުރެއްވީ، އޭނާގެ ޛާތީ ތަޖްރިބާއިންނެވެ. ޓެލެސްކޯޕުން ބެއްލެވުމަށްފަހުގަ އެވެ. ގެލީލިއޯ ހާމަކުރެއްވި ގޮތަކީ، އޭގެ މާ ކުރީން كِلْدَانِىން (Chaldeans) ނުވަތަ بَابِلِىން (Babylonians) ހާމަކޮށްފައިވާ ނަޡަރިއްޔާއެކެވެ. އެހެންނަމަ ވެސް އިޓަލީގެ ޢީސާއީންގެ މުޤައްދަސް ފޮތުގައި އެ ވާހަކަ އެ ގޮތަށް ނެތުމުގެ ސަބަބުން އެ މީހުން އެ ކަން ޤަބޫލެއް ނުކުރި އެވެ. އަދި މި މައްސަލާގައި ގެލީލިއޯ ހިފައި ހައްޔަރު ކުރެވުނެވެ. އޭނާގެ މައްޗަށް ކުފުރުގެ ފަތުވާ ދެވުނެވެ. އަދި ނިކަމެތިޙާލުގައި ޖަލުގައި ބަންދު ކުރެވުނެވެ.


22 ޖޫން 1633 ގައި ގެލީލިޔޯ ކޯޓަށް ޙާޒިރު ކުރެވުނެވެ. އަދި އޭނާއަށް މަރުން ސަލާމަތްވެ ވަޑައިގެނެވުނީ، ތިރީގައި މިއަންނަ ބަޔާނުގައި ސޮއި ކުރެއްވުމުންނެވެ.

“With sincere heart and faith unfeigned to abjure, execrate and detest the error and heresy of believing and teaching that the sun is the centre of the world and immovable, and that the earth is not the centre, and moves, a doctrine repugnant to Holy Scripture.”


މި ބަޔާނުގައި އެ ވަނީ " އިރަކީ، ކަވްނުގެ މަރުކަޒު ކަމަށާއި އަދި އިރު ދަވްރު ނުކުރާކަމަށާއި، ބިމަކީ، ކަވްނުގެ މަރުކަޒު ނޫންކަމަށާއި އަދި ބިން ދަވްރުކުރާ ކަމުގައި ކިޔަވައިދެއްވައިފައިވާ ތަކެއްޗަކީ އެއީ، މުޤައްދަސް ފޮތާ ތަޢާރުޟުވާ ތަޢުލީމުތަކެއް ކަމުގައި ހެޔޮހިތުން އަހަރެން ޤަބޫލު ކުރަމެވެ. އަދި އެންމެންގެ ކުރިމަތީގައި އަހަރެން ، މި ބާޠިލު ޢަޤީދާއިން ބަރީއަވެގަތްކަމުގެ މައްޗަށް ހުވާ ކުރަމެވެ. " މިހެންނެވެ.


މި ބަޔާނުގައި އޭނާ ލައްވާ ސޮއިކުރުވީ އޭނާގެ ޢުމުރުފުޅުން 70 އަހަރުފުޅުގައި، ކަކޫ މައްޗަށް ތިރިކުރުވައި، މުޤައްދަސް ފޮތުގައި އަތް ބީއްސުވައިފައި ކަމުގައި ބުނެވެ އެވެ.


މިއީ އެ ޒަމާނުގައި ކަންތައް ދިމާވީ ގޮތެވެ. މި ގޮތަށް ކަންތައް ދިމާވީ ގެލީލިއޯ އާ އެކަންޏެއް ނޫނެވެ. ނިކޮލަސް ކޮޕަރ ނިކަސް ވެސް މި ގޮތަށް ބުނުއްވުމުން، އޭނާއަށް ވެސް ކުރިމަތިލައްވަން ޖެހިލެއްވީ، އިދިކޮޅު ހެދުމާއި ފުރައްސާރައާ އެވެ. މީނާ އަކީ، 1473 އާ 1543 އާ ދެމެދުގައި އުޅުއްވި ބޭކަލެކެވެ.


ކަންމިހެން ހުރުމުގެ ސަބަބުން ހުޅަނގުގެ މަސީޙީ ދުނިޔެ އޭރު އޮތީ، ޖަހާލަތުގެ އަނދިރީގެ ތެރޭގަ އެވެ. ދުނިޔެ ދުށް އެހެނިހެން عَبْقَرِىންނާ ޢިލްމުވެރިންނަށް ވެސް ޖެހުނު ދަތުރު ކޮޕަރނިކަސްއަށް ވެސް ޖެހުނެވެ. އާދެ މީނާއަށް ވެސް ޖެހިލެއްވީ މީނާގެ ޚިޔާލުން އެއްކިބާވެ ތަވްބާވެލައްވާށެވެ.


މީނާގެ ފަހުން ގެލީލިއޯ އާ ކުރިމަތި ލައްވަން ޖެހިލެއްވި ކަންތައްތައް ކުރިން ވަނީ ބަޔާންކުރެވިފަ އެވެ.


ވަރަށް ކުރުގޮތަކަށް ނަމަވެސް މި ބަޔާން ކުރެވުނީ، އިސްލާމްދީނުގެ ކުރީގެ ދީންތަކުގެ މީހުންގެ މެދުގައި، ޢިލްމީ ކުރިއެރުމަށް ހުރި ހުރަސްތަކެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުން ތިބީ ޖާހިލުކަންމަތީގަ އެވެ. އަނދިރީގަ އެވެ. ނަމަވެސް މިއާ ޚިލާފަށް މާތްވެގެންވާ އިސްލާމްދީން، އެންމެ ފުރަތަމަ ވެސް ގޮވައިލީ ޢިލްމު އުނގެނުމަށެވެ. ކަވްނުގައިވާ ﷲގެ ކުޅަދުންވަންތަވެރިކަމުގެ އިލާހީ ސިއްރުތައް ހޯދައި ބެލުމަށެވެ. ޚުދު ކީރިތި ޤުރުއާނުގައި ޢިލްމީ ކިތަންމެ ޙަޤީޤަތްތަކެއް ވަރަށް ސާދާ ކުރުޢިބާރާތް ކޮޅަކުން ބަޔާންވެގެންވެ އެވެ. މި ގޮތުން އެމްބުރިއޮލޮޖީ މިޘާލަކަށް ފުދެ އެވެ.


އިސްލާމްދީން އެއްވެސް ޙާލެއްގައި ޢިލްމީ ކުރިއެރުމަކަށް ހުރަހެއް ނާޅަ އެވެ. އެހެންކަމުން މުސްލިމުން، އެ މީހުންގެ ކުރިން ދުނިޔޭގައި އުޅުނު މީހުން ކޮށްފައިވާ، ތަޖްރިބާތަކާއި އެ މީހުންގެ ފިކުރާއި ޚިޔާލާއި އެ މީހުންގެ ފަލްސަފާ ވަރަށް ފުންކޮށް ޢިލްމީ ފެންވަރެއްގައި ދިރާސާކުރި އެވެ. ގުރީކު ފަލްސަފާގެ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރި އެވެ. ހިންގުންތެރިކަމުގެ ދާއިރާގައި ފާރިސްކަރައިގެ އަހުލުވެރިންގެ ޢިލްމާއި ތަޖްރިބާއިން މުސްލިމުން ފައިދާ ޙާޞިލުކުރި އެވެ. މުސްލިމު ސައްޔާޙުން ދަތުރުފަތުރުކޮށް ދުނިޔޭގެ އެތަންމިތަނާ ބެހޭ ތަފާތު އެތައް މަޢުލޫމާތެއް އެއްކޮށް ޖަމަޢަކުރި އެވެ. މީގެ ތެރޭގައި ޖޯގްރަފީ އާއި ބޭސްވެރިކަމާއި އާދަކާދަ އާއި ޘަޤާފަތާ އަދި ބައެއް ޤައުމުތަކުގައި ފެތުރިފައިވާ ހުރިހާ ޢިލްމެއް ހޯދުން ހިމެނެ އެވެ.

މުސްލިމުން ކުރިއަރައިގެން ދިޔަ ދުވަސްވަރު، އިސްލާމީ ވެރިކަމުގެ ފަރާތުން، ޢިލްމުވެރިންނާއި މުފައްކިރުންނާއި މުޞައްނިފުންނާއި މުއައްލިފުންނާއި މުތަރުޖިމުންނަށް ދެއްވި އަހުމިއްޔަތާއި ބެހެއްޓެވި ޢިނާޔަތްތެރިކަމަކީ، މި ދާއިރާގައި މުސްލިމުން ކުރިއަރައިގެން ދިއުމުގައި ރަސްމީ ސިފައެއްގައި ލިބުނު ބާރެކެވެ.


މުސްލިމުންގެ ބައެއް ދަވްރުތަކުގައި، ޢިލްމުވެރިން އެކުލަވައިލައްވާ ފޮތްފޮތުގެ ބަރުދަނަށް ރަން ކިރުއްވައި، އިނާމު ދެއްވައިފައިހުރިކަމީ، ތާރީޚުން އެނގެންހުރި ޙަޤީޤަތް ތަކެވެ. އެހެންކަމުން ކަމަށް އެކަށީގެންވާ ޤާބިލް ޢިލްމުވެރިންނަށް ދިރިއުޅުއްވުމުގެ އެއްވެސް ކަމަކާ ދޭތެރޭގައި ފިކުރު ނުކުރައްވައި، ހަމައެކަނި ޢިލްމީ މަސައްކަތްތަކުގައި މުޅި ޙަޔާތް ހޭދަކުރައްވާނެ ފުރުޞަތު ލިބިވަޑައިގަތެވެ.


މުސްލިމުންގެ ރަންޒަމާންކަމުގައި ބެލެވޭ، ޢައްބާސީ ދަވްލަތުގެ ޚަލީފާ، ހާރޫނުއްރަޝީދުގެ ދަވްރުގައި، މުސްލިމު ޢިލްމުވެރިން ހޯއްދެވި އައު ހޯއްދެވުންތަކާއި ކުރެއްވި އައު އީޖާދުތަކާއި އަދި ދުނިޔެއަށް ހާމަކުރެއްވި ނަޡަރިއްޔާތަކާއި ޢިލްމީ ޙަޤީޤަތް ތަކަކީ، މިއަދުގެ މުސްލިމުން ހަނދާން ނެތިގެން ގޮސްފައިވާ، ތާރީޚުގެ ފަތްފުށް ތަކެކެވެ. މިއީ މިއަދު ހުޅަނގުގެ ގޮތަށް ތަޢުލީމު ޙާޞިލު ކުރަމުންދާ، މުސްލިމު ދަރިވަރުންނަށް ޤަބޫލުކުރަން ދަތި ޙަޤީޤަތް ތަކެކެވެ.


މުސްލިމުންނަކީ ދުނިޔެ މިއަދު މި ދެކޭ ޢިލްމީ ކުރިއެރުމުގައި، ޙިއްޞާތަކެއް ކޮށްފައިވާ ބައެއްކަން ޤަބޫލުކުރުމަކީ ވެސް މިއަދުގެ ޒުވާނުންނަށް ދަތި ކަމެކެވެ. އެ ކަން އެހެން އެ ވަނީ، ހުޅަނގުގެ އަހުލުވެރިންގެ ސަބަބުން ކަމާމެދަކު ޝައްކެއް ނެތެވެ. މިއަދަކީ، އެ މީހުންގެ ދުވަސްކަމުގައި ވާތީ ޙަޤީޤަތް އޮޅުވާލުމުގެ ގޮތުން ކިތަންމެ މަސައްކަތެއް އެ މީހުން ކޮށްފައިވެ އެވެ. އިޤްތިޞާދީ ޢިލްމުގެ ބައްޕަކަމުގައި ހުޅަނގު ދެކެނީ، އެޑަމް ސުމިތެވެ. މީނާ ދުނިޔޭގައި އުޅުއްވައިފައިވަނީ، މީލާދީން 1723 ން 1790 އާ ދެމެދުގަ އެވެ. ނަމަވެސް މީނާއަށްވުރެ އެތައް ސަތޭކަ އަހަރެއްގެ ކުރިން، ދުނިޔޭގައި އުޅުއްވި، اَبُو زَيْدٍ عَبْدُ الرَّحْمنُ إبْنُ خَلَّدُوْنَ، އޭނާ ލިޔުއްވި މަޝްހޫރު ފޮތް " كِتَابُ الْعِبَرِ" ގެ މުޤައްދިމާގައި، ތާރީޚުޢިލްމާއި އިޖުތިމާޢީ ޢިލްމުގެ ބިންގައު ވަނީ އަޅުއްވައިފަ އެވެ. އިޤްތިޞާދީ ޢިލްމަކީ، އިޖްތިމާޢީ ޢިލްމުގެ ގޮތްޕެކެވެ. إبْنُ خَلَّدُوْن ދުނިޔޭގައި އުޅުއްވައިފައި ވަނީ، މީލާދީން 1332 ން 1406 އާ ދެމެދުގަ އެވެ. އެހެންވީމައި އިޤްތިޞާދީ ޢިލްމުގެ ބައްޕަ ނުވަތަ ބާނީ އަކީ، އެޑަމް ސުމިތު ކަމަކަށް ހަމަހިލާ ވެސް ނުވާނެ އެވެ.


ހުޅަނގުގެ ޢިލްމެވެރިން ދެކޭގޮތުގައި، ޓެލެސްކޯޕުގެ މޫޖިދަކީ، އިޓަލީވިލާތުގެ ގެލީލިއޯ އެވެ. މީނާ ދުނިޔޭގައި އުޅުއްވައިފައިވަނީ މީލާދީން 1564 ން 1642 އާ ދެމެދުގަ އެވެ. މީނާ އަލަށް އުފެއްދެވި އެއްޗެއްކަމުގައި، ހުޅަނގު ދަޢުވާކުރާ، ޓެލެސްކޯޕަކީ، މީލާދީން 776 ގައި، اَبُو إِسْحَاقُ إِبْرَاهِيْمُ بْنِ جُنْدُبُ އީޖާދުކުރެއްވި ކަމަށް ބުނާ اَسْطُرْلاَبُ ނުވަތަ ذَاتُ الصَّفَائِحِ ގެ ކޮޕީއެކެވެ. اَسْطُرْلاَبُ ތަރައްޤީކުރައްވައި އެއަށް އެހެން ނަމެއް ދެއްވުން ނޫން ކަމެއް ގެލީލިއޯ ނުކުރައްވަ އެވެ. މިޘާލަކަށް މި ދެ މިޘާލުން ފުދޭނެކަމަށް ހީކުރަމެވެ. މި ފޮތް ވިދާޅުވާ ބޭފުޅުންނަށް މި ކަހަލަ ކިތަންމެ ކަމެއް ފާހަގަ ކުރެއްވޭނެ އެވެ. އެހެންކަމުން ކުރި ނުމަރައި މި ވާހަކަ މި ހިސާބަށް ކުރު ކޮށްލަމެވެ.


މީލާދީން 13 ވަނަ ޤަރްނާ ހަމައަށް އައި އިރު ވެސް ދުނިޔޭގެ ފެންވަރުގައި ސައެންސާއި ޓެކްނޮލޮޖީގެ ރޮނގުން މުސްލިމުން ޖަހާފައި އެރުނު އެހެން ބަޔަކު ނެތްކަމީ، ތާރީޚު ހެކިވާނެ ޙަޤީޤަތެކެވެ. މުސްލިމުންގެ ޢިލްމީ ކުރިއެރުން ދަށަށް ދާން ފެށީ މީލާދީން 13 ވަނަ ސައްތައިގެ ފަހުންނެވެ. 13 ވަނަ ސައްތައިގެ ފަހުކޮޅަށް އައި އިރު މުސްލިމު ސައިންޓިސްޓުން އެހެން ޤައުމުތަކުގެ މީހުންނަށްވުރެ މޮޅުކަމަށް ބެލެވިފައިވަނީ އެންމެ ތިން ދާއިރާއަކުންނެވެ. އެއީ ފަލަކީ ޢިލްމާއި ހިސާބު ޢިލްމާއި ބޭސްވެރިކަމުގެ ދާއިރާ އެވެ.


މުސްލިމު ޢިލްމުވެރިންގެ އެ ޒަމާނުގެ ތަޙްޤީޤުތަކަށް ބަލާއިރު، އެ މީހުން އެންމެ ފަހުން ހޯދި މުޅި ދުނިޔެއަށް ފައިދާހުރި އެއް ހޯދުމަކީ ޖަރާޘީމެވެ. ޖަރާޘީމު ހޯއްދެވީ މީލާދީން 1313 އާއި 1374 އާ ދެމެދު ދުނިޔޭގައި އުޅުއްވި މުސްލިމު ސައިންސުދާނަކު ކަމުގައިވާ، لِسَانُ الدِّيْن اِبْنُ الْخَطِيْب އެވެ.


ހިތާމަ އަކީ، މިއަދު މުސްލިމުންގެ ތެރޭގައި ޢިލްމީ ކުރިއެރުން ހުއްޓިފައިވާ ކަމެވެ. އެ މީހުން މިއަދު ވަނީ ހުޅަނގުގެ އަޅުވެތިކަމުގެ ކަސްތަޅުތަކުގައި ބަނދެވި، ރަނގަޅަށް ހަފުސްވެފަ އެވެ.


މުސްލިލުންނަކީ، ދުނިޔެއަށް މިއަދު އައިސްފައި މި ވާ ޢިލްމީ ކުރިއެރުމުގެ ބާނީންނެވެ. ދުނިޔަވީ ދާއިރާގައި އެކަންޏެއް ނޫނެވެ. އެންމެ މާތް ދީނާއިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގަތް ބަޔަކީ، ވެސް މުސްލިމުންނެވެ. އެހެންކަމުން ރިވެތި އަދަބާއި އަޚްލާޤުގެ ފިލާވަޅުތައް ވެސް އިންސާނުންނަށް އުގަންނައިދިން އުސްތާޛުންނަކީ، މުސްލިމުންނެވެ. ނިޔަމިކަމާބެހޭ ޢިލްމާއި ސާމާނު ހުޅަނގުގެ މީހުން ދަސްކުރީ މުސްލިމުންގެ ގާތުންނެވެ. ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު އެ މީހުން ދަސްކުރީ މުސްލިމުންގެ ފޮތްތަކުންނެވެ. ފަތްޕިލާވެއްޔާއި ޙަކީމީ ބޭސްވެރިކަމާބެހޭ މަޢުލޫމާތު ހުޅަނގަށް ދިޔައީ މުސްލިމުންގެ ޔުނިވަސިޓީތަކާއި އެ މީހުންގެ ފޮތްތަކުގެ ޛަރީޢާއިންނެވެ.


މިކަންކަމުގެ ތެދު ދޮގު ކަށަވަރު ކުރައްވަން ބޭނުންފުޅުވާ ބޭފުޅަކު އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ބަސްފޮތެއް ނަންގަވާށެވެ. މި ދެންނެވި ޢިލްމުތަކާބެހޭ ވަރަށްގިނަ އިޞްޠިލާޙުތައް އަދިވެސް ހުރީ ޢަރަބި ބަހުންނެވެ. މި ދެންނެވި އިޞްޠިލާޙުތައް ފިޔަވައި ވެސް ވަރަށް ގިނަ ޢަރަބި ބަސް އިގިރޭސި ބަހުގައި އެބަ ހުއްޓެވެ. އެއީ ރަށްރަށަށް ކިޔާ ނަންފަދަ ބަސްބަސް ފިޔަވަ އެވެ. މި ގޮތުން 300 އަށް ވުރެ ވެސް ގިނަ ބަސް ހުރިކަން ފާހަގަ ކުރެވިފައިވެ އެވެ. މި ކަމުން އަންގައިދެނީ މުސްލިމުން، ދުނިޔެއަށް ޢިލްމީ ޚިދުމަތްތަކެއް ކޮށްދީފައި ވާ ކަމެވެ.


ޝައްކެއް ނެތް ގޮތުގައި މުސްލިމުންނަކީ، ދުނިޔޭގެ ޢިލްމީ ކުރިއެރުމަށް ޚިދުމަތް ކުރުމުގައި ވަރަށް ފަޚުރުވެރި މަޤާމެއް ހޯދައިފައިވާ ބައެކެވެ.


އަޅުގަނޑުގެ ދުޢާ އަކީ، މި ފޮތުގެ ސަބަބުން، މުސްލިމުންގެ ފަޚުރުވެރި މާޟީއާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ވުމެވެ. އާމީން.


9 ރަބީޢުލް އައްވަލް 1414ހ
27 އޯގަސްޓު 1993މ


އަޙްމަދު ފަހުމީ ދީދީ

(1) ސޯފިސްޓުން: ޔޫނާނުގައި އުޅުނު ޓީޗަރުންތަކެއް. މި މީހުން ކިޔަވައިދިނީ މި މީހުންނަށް ފެނުނު ގޮތަކަށް

ހަމަމިގަލަމުން

އިދާރާ

ވާހަކަ