"ޙާނާ އާއި މާނާ މަގޭ ބޯ ކާލައިފި އެވެ."
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މިއީ ދެ މީހުނާ އިން މީހެއްގެ ވާހަކަ އެވެ.
އެ ދެ މީހުންގެ ބަހަށް އޭނާ ހެއްލުނު ވާހަކަ އެވެ.
އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ނަތީޖާގެ ވާހަކަ އެވެ.
އަދި އޭނާއަށް ބުނެވުނު ބަސް، މިސާލު ބަހަކަށް ވީ ވާހަކަ އެވެ.
މީހަކު ދެ މީހުނާ އިނެވެ. އޭގެ ތެރެއިން އެކަކުގެ ނަމަކީ، ޙާނާ އެވެ. އަނެކަކުގެ ނަމަކީ، މާނާ އެވެ.
ޙާނާއަކީ، ކިރިޔާ މީހަކާ އިނދެވޭ ވަރުގެ ޅަ ޒުވާން ކުއްޖެކެވެ.
މާނާއަކީ، ފަންސާހުން މައްޗަށް ގޮސް، ބޮލުގައި ނުރަ ޖަހާފައިވާ އަންހެނެކެވެ.
ޙާނާގެ ގާތަށް ފިރިމީހާ ދާ ކޮންމެ ފަހަރަކު، ޙާނާ ބުނެ އެވެ.
"ތިބާގެ ބޮލުގައިވާ ނުރަތައް ތަންކޮޅެއް މަދުވެއްޖެނަމަ، ތިބާގެ ޒުވާންކަން އިތުރުވާނެ އެވެ."
މިހެން ބުނެ، ފިރިމީހާގެ ބޮލުގައިވާ ނުރަތައް ޙާނާ އުފުރަ އެވެ.
މާނާގެ ގާތަށް ފިރިމީހާ ދާ ކޮންމެ ފަހަރަކު، މާނާ ބުނެ އެވެ.
"ތިބާގެ ބޮލުގައިވާ ކަޅު އިސްތަށިތައް ތަންކޮޅެއް މަދުވެއްޖެނަމަ، ތިބާގެ ހައިބަތު އިތުރުވާނެ އެވެ."
މިހެން ބުނެ، ފިރިމީހާގެ ބޮލުގައިވާ ކަޅު އިސްތަށިތައް މާނާ އުފުރަ އެވެ.
މިގޮތުގައި ދުވަސްކޮޅެއް ފާއިތުވެގެން ދިޔަ ފަހުން، އެއްދުވަހަކު، ފިރިމީހާ، މޫނު ބަލާ ލޯގަނޑެއްގެ ކައިރީގައި ހުއްޓުނެވެ. އަދި އޭނާގެ ބޮލަށް ނަޒަރު ހިންގާލި އެވެ. އެހިނދު އޭނާއަށް ފެނުނީ، އޭނާގެ ބޮލުގެ އެކި ތަންތަނުން އިސްތަށިތައް މަދުވެފައިވާ މަންޒަރެވެ. ހީވަނީ ގަސް ބޯ ޖަންގައްޔަކުން، ބަލައިލުމެއް ނެތި، ގަސް އުފުރާ އުފުރާ، ހަނަފަސްކޮށްފައިވާ ހެންނެވެ. ދެން އޭނާއަށް ބުނެވުނެވެ. "ޙާނާއާއި މާނާ މަގޭ ބޯ ކާލައިފި އެވެ."
އޭރުއްސުރެ، މިބަސް މަޝްހޫރު ވެއްޖެ އެވެ. އަންހެނުންގެ ބަހަށް ހެއްލި، މޮޔަ ކަންތައްތައް ކުރާ ފިރިންނާމެދު ޖަހައިއުޅޭ މިސާލު ބަހެއްގެ ގޮތުގަ އެވެ.