އަދުގެ ޚާއްސަ

Print

ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ހެއްވާމަޖާ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޢަރަބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާތައް ބުނެދޭ ވާހަކަތަކުގެ ތެރެއިން ވާހަކައެއްގައި ވެ އެވެ.

ޙުނައިނަކީ، ޢަރަބީންގެ ތެރޭގައި ހުރި ޚުއްފު ހަދަން މަޝްހޫރު މީހެކެވެ. އެއްދުވަހަކު، އަޢުރާބީއަކު، އޭނާގެ އަތުން ޚުއްފެއް ގަންނަން ދިޔަ އެވެ. އަޢުރާބީ ބޭނުންވި އަގަށް ޚުއްފު ވިއްކާތޯ، އޭނާ އެތައް ޒުވާބެއް ކުރި އެވެ. ނަމަވެސް، ޙުނައިނުގެ އަތުން އެ އަގަށް އޭނާއަށް ޚުއްފެއް ލިބޭނެ ގޮތެއް ނުވި އެވެ. އެންމެ ފަހުން، ޖަމަލަށް ސަވާރުވެގެން އަޢުރާބީ އޭނާ އައިކޮޅަށް ދިއުމަށްޓަކައި ދަތުރު ފެށި އެވެ.

ދެން ޙުނައިނު ކުރިކަމަކީ، އަޢުރާބީއަށް ނުފެނި، އޭނާއަށް ވުރެ ބާރަށް ދުވެފައި ގޮސް، އޭނާ ދާ މަގުގެ ކޮންމެވެސް ހިސާބަކަށް ޚުއްފުގެ އެއްފަޅި އެއްލާލިއެވެ. ދެން ތަންކޮޅެއް ދުރަށް ގޮސް އަނެއް ފަޅި މަގުމައްޗަށް އެއްލާލުމަށްފަހު، އެ ހިސާބުގައި ފިލައިގެން ހުރީއެވެ.

އަޢުރާބީ ދަތުރުކުރަމުން ދަނިކޮށް، ޙުނައިނުގެ އަތުން ގަންނަން އުޅުނު ކަހަލަ ޚުއްފެއްގެ އެއްފަޅި މަގުމަތީގައި އޮއްވާ ފެނިއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. ޚުއްފެއްގެ އެއްފަޅިން ކުރާނީ ކީއްހެއްޔެވެ؟ މިހެން ހިތައި ތަންކޮޅަކަށް ދިޔަތަނާ، އެ ޚުއްފުގެ އަނެއް ފަޅި ފެނިއްޖެއެވެ. ދެން ޖަމަލުން ފައިބައި ޚުއްފުގެ އެފަޅި ނެގިއެވެ. އަދި މަގުގެ އެއްފަރާތުގައި އޮތް ހިލައެއްގައި ޖަމަލު ބަނުމަށްފަހު، ޚުއްފުގެ އަނެއް ފަޅި ހޯދަން އައިކޮޅަށް އެނބުރި ދިޔައެވެ.

ފިލައިގެން އޮތް ޙުނައިނު ކުރިކަމަކީ، އެތަންވަޅު ނުކުމެ، ޖަމަލު މޮހައިގެން ޖަމަލަށް ސަވާރުވެގެން އޭނާ ދާނެ ތަނަކަށް ހިނގައްޖެއެވެ. ޚުއްފުގެ ދެފަޅި ހަމަކޮށްގެން އަޢުރާބީ އައިއިރު، ޖަމަލެއް ނެތެވެ. ދެން އެކަމާމެދު ފިކުރު ބޮޑުވެފައިވާ ޙާލު، އަޢުރާބީ އޭނާގެ އަވަށަށް ދިޔައެވެ. އެހިނދު އޭނާގެ އަވަށުގެ މީހުން އައިސް އޭނާގެ ޙާލުއަޙުވާލު ބަލައި ހެދި އެވެ. "ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ" ކަމަށް ބުނާ ހަރުބަސް އުފެދުނީ މި ހާދިސާއިންނެވެ.

އެއަށްފަހު، މޮޅު އެއްޗެއް ދޫކޮށްލާފައި، ދެރަ އެއްޗެއް ހިފައިގެން އަންނަ މީހާއާމެދު މި ބަސް ބުނެވެން ފަށައިފިއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ