އަދުގެ ޚާއްސަ

Print

ހެޔޮބަދަލެއް ނުވަތަ ތަފާތެއް ގެނެސްދެއްވާ!

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ވާހަކަ


 
އަޙްމަދު ރަޝީދު   އެސްޖެހިގެ


ނޫރާއަކީ ތަޖްރިބާކާރު މުދައްރިސެކެވެ. ފަށާތަޢުލީމުދޭ މަދަރުސާއެއްގައި ހީވާގިކަމާއިއެކު އުންގަންނައިދިނުމުގެ ޒިންމާ އަދާކުރަމުންއަންނަ މީހެކެވެ. މިއަހަރު ނޫރާކިޔަވައިދެމުން ގެންދަނީ ފަސްވަނަ ކުލާހަށެވެ. ނޫރާއަކީ އޭނާގެ މަސައްކަތަށް ފަރުވާތެރި، ކުދިންނަށް ފިލާވަޅު އޮޅުންފިލުވައިދިނުމަށް ގަދައަޅާ މަސައްކަތްކުރަމުން އަންނަ މުދައްރިސެކެވެ. ކުދިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ މުދައްރިސެއްކަމަށް އޭނާ ޤަބޫލުކުރެއެވެ.

އެއްދުވަހަކު ނޫރާ ކުލާހަށްވަދެ ފިލާވަޅު ފެށުމުގެ ކުރިން ދަރިވަރުންނަށް ނަސޭޙަތްކޮޅެއްދީ ނިންމާލަމުން ބެނެލިއެވެ. "ތި ހުރިހައިކުދިންދެކެ މުދައްރިސް ވަރަށް ލޯބިވޭ..... ހުރިހާކުދިންދެކެ ލޯބިވަނީ ހަމަ އެއްވަރަކަށް!" ނޫރާ މިހެން މިބުނީ ޚުދު ނޫރާއަށްވެސް ނޭނގި ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅެވޭ ޙާލަތުގައެވެ. ކުލާހެއްގެ ހުރިހައި ކުދިންދެކެ އެއްވަރަކަށް ލޯބިވެވިދާނެކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

ހަމަ ގައިމުވެސް ނޫރާގެ ކުލާހުގެ ހުރިހައި ކުދިންނަށް އެއްވަރަކަށް ލޯބިދީ އެއްވެސް ތަފާތުކުރުމެއްނެތި ޢަމަލުކުރެވިދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއްވެސް ކުލާހެއްގައި އެއްވެސް މުދައްރިސަކަށް މިގޮތަށް ޢަމަލުކުރެވިދާނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ.

ނޫރާގެ ކުލާހުގެ ފުރަތަމަ ސަފުގެ ގޮނޑިއަކަށް ސޮހިފައި އިން ތާނިމްއަކީ ތަފާތު ކުއްޖެކެވެ. އޭނާ ލައިގެންއިން ގަމީސްވަނީ ދާވެ ތަތްތެޅިފައެވެ. ރޫޖެހިފައެވެ. އަރައިގެންއިން ބޫޓުގެ ކޮޅު ވަނީ ހަލާކުވެފައެވެ. ވީދިފައިވާ އިސްޓާކީނުގެ ކޮޅުން ފައިގެ އިނގިލިތައް ފެންނަން ހުއްޓެވެ. އޭނާގެ ލޮލުގައި ނިދި-މަޑު ހުއްޓެވެ. ބޮލުގައި ފުނާނާޅާއިންއިރު މީންދުވަހަކު ފެންވަރައިގެން އިންހެނެއްވެސް ހިއެއްނުވެއެވެ. ތާނިމް ކިޔެވުމަށް ސަމާލުކަމެއް ނުދެއެވެ. ގޭގައިހަދަންދެވޭ އެއްވެސް ފިލާވަޅެއް ނަހަދައެވެ. އަބަދުވެސް އަމިއްލަ ދުނިޔެއެއްގައި ވަގުތުތައް ހޭދަކުރަމުންދާއިރު، ޖެހިގެން އިންނަ ދަރިވަރާވެސް އަނގައިންބުނެނުލައެވެ. މިދިޔަ އަހަރުވެސް ތާނިމްގެ މި ބަދަލު މުދައްރިސުން ފާހަގަކުރަން ފަށާފައިވެއެވެ.

ތާނިމްގެ މި މިޒާޖުގެ ސަބަބުން ނޫރާއަށްވެސް ތާނިމްއާއިމެދު ތަފާތު ކުރެވެއެވެ. ކުލާސްތެރޭގަޔާއި ކުލާހުން ބޭރުގައެވެ. ތާނިމްގެ މިބަދަލާއިމެދު ވިސްނާ ފިކުރުކޮށް އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނޫރާއަށްވެސް އޭނާއާއި އަޅާނުލައި ދޫކޮށްލެވެނީއެވެ. އިމްތިހާނު ކަރުދާސްތައް ބެލުމުގައި ތާނިމްގެ ކަރުދާސް ބަލަންޖެހުމަކީ ނޫރާއަށް ފާޑެއްގެ ހިތްހަމަޖެނުމަކާއި އުފަލެއް ލިބޭކަމެއްކަމުގައި އޮންނަނީވެފައެވެ. މިގޮތުން ތާނިމްގެ ސުވާލުކަރުދާސް ބެލުމަށް ބޭނުންކުރަނީ ތުނޑުފަލަ ގަލަމެއް ނުވަތަ ފިބައެކެވެ. ރަތް ފިބައަކުން ބޮޑުކޮށް ނުބައިފާހަގަތަކެއް ކަރުދާހުގެ ކޮންމެ ސުވާލެއްގެޖަވާބު ކައިރީގައި ލުމަށްފަހު ކަރުދާހުގެ މަތީކަނެއްގައި ބޮޑުއަކުރުން 'ފޭލިވެފައި!' މިހެން ޖަހާލައެވެ. އެހެނީ ތާނިމްއަށް އެއްވެސް ސުވާލަކަށް ރަނގަޅު ޖަވާބު ދެވިފައެއް ނޯވެއެވެ.

ފުރަތަމަ ޓާރމްނިމި ދެވަނަ ޓާރމްފެށުމުގެ ކުރިން، ސްޕަރވައިޒަރުބުނުއްވައިގެން ނޫރާގެ ކުލާހުގެ ދަރިވަރުންގެ ކުރީގެ ރެކޯރޑްތައް މުޠާލިޔާކުރަންޖެހުނެވެ. ކުދިންގެ ފައިލްތައް ހިފައިގެން ކުލާސްކޮޓަރިއަކަށްވަދެ ފައިލްތައް ބަލަން ފެށިއެވެ. ފައިލްތައް ބަލަންފެށުމުގެ ކުރިންވެސް ތާނިމްގެ ފައިލްތައް ވަކިކޮށްލައި އެއްފަރާތެއްގައި ބެހެއްޓިއެވެ. ތާނިމްގެ ފައިލްތައް ބަލާލާއިރު ހުންނާނީ ހަމަ އެއްކަހަލަ ރިމާރކްސްތަކެއްކަމަށް ނިންމަމުންނެވެ. ކޮންމެއަކަސް ހުރިހައިފައިލްތައް ބަލާނިމިގެން ތާނިމްގެ ފައިލްތައް ބަލަންފެށިއެވެ.

ގްރޭޑް އެކެއްގައި ތާނިމްކޮށްފައިވާ މަސައްކަތްތައް ރިކޯރޑްކޮށްފައިވާ ފައިލް ހުޅުވާ ބަލައިލިއެވެ. ނޫރާއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. އެހެނީ އެފައިލްގައި ލިޔެފައިވަނީ މިހެންނެވެ. [ތާނިމްއަކީ ކިޔެވުމަށް ތޫނުފިލި، އަބަދުވެސް ހިނިތުންވުމަށް ތައްޔާރަށްހުންނަ ދަރިވަރެއް. އޭނާއަކީ ނުހަނު ރީތިކޮށް މަސައްކަތްނިންމާ، ރަނގަޅު އާދަތަކެއް ގެންގުޅޭ ދަރިވަރެއް. އޭނާއަކީ ކުލާހަށް ދިރުންގެނުވައިދޭ ކުއްޖެއް!] ލިބިގެންދިޔަ ހައިރާންކަމާއިއެކު އަވަސް އަވަހަށް ތާނިމް ދެވަނަ ކުލާހުގައި އުޅުނުއިރުގެ ރެކޯރޑް ކިޔާލިއެވެ.

[ތާނިމްއަކީ ވަރަށް ރަނގަޅު ކުއްޖެއް! އެހެންނަމަވެސް އޭނާގެ މަންމަ ތަހައްމަލް ކުރަމުންގެންދާ ނުރައްކާތެރި ބަލީގެ ސަބަބުން، ތާނިމްއަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަކަމަށް ފާހަގަ ކުރެވޭ! އަދި މިކަމުގެ ސަބަބުން އޭނާގެ ކިޔެވުމުގެ ދައުރު ހެޔޮގޮތުގައި ކަޑައްތުކުރުމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވާކަންވެސް ފާހަގަކުރެވޭ!]

ތިންވަނަ ކުލާހުގެ މުދައްރިސު ލިޔެފައިވަނީ: [ތާނިމްގެ މަންމަގެ މަރުގެ ސަބަބުން އޭނާއަށްވަނީ ފުން ހިތާމަޔަކާ ކުރިމަތިލާންޖެހިފައި. އެހެންނަމަވެސް ތާނިމް ސްކޫލްގެ މަސައްކަތްތައް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރެވޭތޯ މަސައްކަތްކުރާކަން މިހާރުވެސް ފާހަގަކުރެވޭ. ނަމަވެސް އޭނާގެ ބައްޕަގެ ފަރާތުން އެހާބޮޑު އެއްބާރުލުމެއް ލިބޭކަމެއް ފާހަގައެއް ނުކުރެވޭ. ތާނިމްއަށް މިހާރު އަންނަން ފަށާފައިވާ މިބަދަލާއިމެދު ވިސްނުންތެރިކަމާއެކު ފިޔަވަޅުތަކެއް ނާޅައިފިނަމަ އޭނާގެ އުނގެނުމުގެ ޙަޔާތް ބަނަވެދާނެކަމުގެ ބިރުހީވޭ.]

ހަތަރުވަނަ ކުލާހުގެ މުދައްރިސް ތާނިމްގެ ފަައިލްގައި ލިޔެފައިވަނީ: [މަންމަ ނިޔާވުމަށްފަހު ތާނިމްވަނީ ވަރަށްބޮޑަށް މާޔޫސްވެ މަގުއޮޅިފައި. އަދި އޭނާ ސްކޫލަށް ޙާޟިރުވުމަށް އެހާބޮޑަށް ޝައުޤުވެރިވާކަމަކަށް ފާހަގައެއް ނުކުރެވޭ. ކުލާހުގައި އެހާގިނަ ރަޙްމަތްތެރިންނެއް ނުތިބޭ. ފަހަކަށް އައިސް ކުލާސްތެރޭގައި އިނދެގެން ނިދާކަން ފާހަގަ ކުރެވޭ.]

ތާނިމްގެ ފައިލްތައް ބަލައި ނިމުނުއިރު ނޫރާއަށް އިނދެވުނީ ޝޮކެއްލިބިފައެވެ. ތާނިމްއަށް ދިމާވެފައިވަނީ ކޮންކަހަލަ މައްސަލައެއްކަން މިހިސާބުން ނޫރާއަށް އެނގުނެވެ. ތާނިމްއާއިމެދު ޢަމަލުކުރެވިފައިވާ ގޮތުން ލަދުގަނެ ދެރަވިއެވެ. އަމިއްލަ ނަފުސު ކުއްވެރިކުރިއެވެ.

އޭގެ ދުވަސްތަކެއްފަހެވެ. މުދައްރިސުންގެ ދުވަސްކަމުން ހުރިހައިކުދިން ނޫރާއަށްވެސް ހަދިޔާގެނައެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށްވުރެން ފެންވަރު ރަނގަޅު މޮޅު ހަދިޔާއެއް ގެނެވޭތޯ ކޮންމެ ކުއްޖަކުވެސް މަސައްކަތްކޮށްފައިވާކަން ނޫރާއަށް ގެނައި ހަދިޔާތަކަށް ބަލައިލުމުން އެނގެއެވެ. ކޮންމެ ހަދިޔާއެއްވެސް ޕާރުސަލް ކޮށްފައިވަނީ އެންމެމޮޅު، އެންމެ ވިދުންއަރާ ކަރުދާހުންނެވެ. ޒީނަތްތެރިކުރުމަށް ތަފާތުކުލަކުލައިގެ ވިދުންއަރާ ރިބަން އައްސާފައިހުއްޓެވެ. އެހެންނަމަވެސް ތާނިމް ގެނައި ހަދިޔާ ބަންދުކޮށްފައިވަނީ ރޫޖެހިފައިވާ ނޫސްކަރުދާހަކުންނެވެ. ރިބަނުގެ ބަދަލުގައި ޕާރުސަލުގެ ވަށައިގެން އޮޅާލާފައިވަނީ ހަނޑޫ ހުސްކުރި ގޯންޏެއްގެ ސުތުލިންނެވެ.

ހުރިހައި ހަދިޔާތަކެއް ކުލާސްކުދިންގެ ކުރިމަތީގައި ކަނޑަން ކިތަންމެ ބޭނުންނަމަވެސް ތާނިމްގެ ހަދިޔާ، އެހެންކުދިންގެ ކުރިމަތީގައި ކެނޑުމުގެ ހިތްވަރެއް ނޫރާއަކަށް ނުލިބުނެވެ. ތާނިމް ލަދުގަންނާނެ މިންވަރު ހިތަށްއަރާފައެވެ. އެހެންކުދިން ދިމާކުރާނެކަން ޔަޤީން ވާތީއެވެ. ނަމަވެސް ހަދިޔާ ނުކަނޑައިފިނަމަ ތާނިމްވެސް ދެރަވާނެއެވެ. އެހެންކުދިން ޝަކުވާވެސް ކުރާނެއެވެ. މިހުރިހައިކަމެއް މިހެން ހުރުމުން ނޫރާއަށް މަޖުބުރުވީ ތާނިމް ގެނައި ހަދިޔާވެސް ކަނޑާށެވެ.

ޕާރުސަލް ކަނޑާލިއިރު އޭގައިއޮތީ މިނާފުކުން ހަދާފައިވާ ކެވެލިކޮޅެކެވެ. ކެވެލިކޮޅުގެ ބޮޅުތަކުގައި ތަތްކޮށްފައިހުރި ބައެއް މިނާފުށްތައްވަނީ ނެއްޓިފައެވެ. ދެން އޮތީ ފުޅިއެއްގެ ތިންބައިކުޅައެއްބަޔަށް ސެންޓްހުރި ސެންޓް ފުޅިއެކެވެ. މިތަކެތި ފެނުމުން ކުލާހުގެ ހުރިހައިކުދިން ބާރަށް ހޭންފެށިއެވެ. ތާނިމްއާ ދިމާކުރަންފެށިއެވެ. ކުދިންގެ ހުނުން ހުއްޓުވޭވަރުވީ އެތައްވަރަކުންނެވެ. ނޫރާ ރުޅިއައިކަމުގެ ކުޑަކުޑަ އެކްޓެއް ކޮށްލުމުންނެވެ. ކުދިންގެ ހުނުން ހުއްޓުވުމަށްފަހު ނޫރާގެ އަތުގައި ކެވެލިކޮޅު އަޅާލަމުން އެކެވެލިކޮޅު ވަރަށްރީތިކަމަށް ބުންޏެވެ. އަދި ސެންޓްފުޅިން ކުޑަހުޅަށް ސެންޓްފޮދެއް ޖަހާލައި ވަސްބަލާލަމުން ސެންޓުން ދުވާ މީރުވަހާއިމެދު ތަޢުރީފް ކުރިއެވެ. އެވަގުތު ތާނިމްގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އެދުވަހުގެ ދަންފަޅި ނިމިގެން ތާނިމް ގެއަށް ދިއުމުގެ ބަދަލުގައި އޭނާގެ މުދައްރިސުގެ އިންތިޒާރުގައި ސްކޫލްގެ ދޮރާށިކައިރީގައި މަޑުކޮށްލައިގެން ހުރީއެވެ. ނޫރާއަށް ތާނިމް ފެނުމުން މަޑުކޮށްލިއެވެ. ލިބުނު ހަދިޔާއާއިމެދު ހިތްހަމަޖެހުނުވާހަކަބުނެ ޝުކުރުއަދާކުރުމަށް އަނގަ ހުޅުވާލިވަގުތު ތާނިމް ބުނެލިއެވެ. [މިއަދު މުދައްރިސްގެ ގައިން ދުވަނީ އަޅުގަނޑުގެން މަންމަ ދުނިޔޭގައި ހުންނެވިއިރު މަންމަގެ ގައިންދުވި މީރުވަސްދުވާ ސެންޓްގެވަސް. ތި ކެވެލިކޮޅާ ސެންޓަކީ އަޅުގަނޑުގެ މަންމަގެ އަލަމާރިންނެގި ދޭތި. މުދައްރިސަށް ދޭނެ ހަދިޔާއެއް ގަންނަން ނުލިބުމުން...." ތާނިމްގެ ވާހަކަތައް ނޫރާ މެދުކަނޑާލިއެވެ. އެއަށްފަހު ތާނިމްގެނައި ހަދިޔާ ވަރަށް ރަނގަޅުކަމަށާއި އެ ހަދިޔާ ވަރަށް ޚާއްޞަކަމަށްވެސް ބުނެލިއެވެ.

ގެއަށް ދިއުމަށްފަހު ނޫރާއަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ. ތާނިމްގެ ހާލާއިމެދު ވިސްނެނީއެވެ. ތާނިމްއަށް އެހީވެދެވޭނެ ގޮތަކާއިމެދުގައެވެ. ތާނިމްގެ އުނގެނުމުގެ ޙަޔާތް ބާއްޖަވެރި ކުރެވޭނެ ގޮތަކާއިމެދުގަައެވެ. އެތައް އިރަކު ވިސްނުމަށްފަހު ނޫރާއަށް ވިސްނުނީ އެންމެ ކަމެކެވެ. އޭނާގެ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރެވޭ ގޮތްތައް ކަމުނުދަނީއެވެ. ޒަމާނާއި އެއްގޮތަށް އުނގަންނައިދިނުމުގެ ވައްޓަފާޅި ބަދަލުކުރެވިފައި ނެތީއެވެ. ޚުދު އޭނާއަށް ނޭނގިނަމަވެސް ކުދިންގެ މެދުގައި ތަފާތުކުރެވެނީއެވެ.

ނޫރާއަށް ވިސްނިއްޖެއެވެ. އަމިއްލަ ކުށް ޤަބޫލުކުރެވި ކުރެވުނު ކުށް އިސްލާޙްކުރުމަށް ނިންމިއެވެ. އޭނާގެ ކިޔަވައިދިނުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލުމަށް ނިންމިއެވެ. ހަމައެކަނި ފޮތުގެ ދެލިގަނޑު ކިޔަވައިދިނުމުގެ ބަދަލުގައި މުޤައްރަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ސަމާލުކަންދީ ދަރިވަރުންގެ ވިސްނުމުގެ ވާފަށް ރަށުގެ އަސްދަނޑިން ބޭރަށް ނެރުމުގެ ޤާބިލްބަޔަކަށް އެކުދިން ހެދުމަށް ޢަޒުމް ކަނޑައެޅިއެވެ. ތޫނުފިލިކަންކުޑަ، ވިސްނުންކޮށި ދަރިވަރުންނަށް އިތުރަށް ސަމާލުކަންދިނުމަށް ނިންމިއެވެ.

ޖެހިގެން އައިދުވަހު ނޫރާގެ މި އައު ޢަޒުމާއިއެކު މަސައްކަތް ފެށިއެވެ. މިގޮތުން ތާނިމްއަށް ޚާއްޞަ ސަމާލުކަމެއް ދޭންފެށިއެވެ. ނަތީޖާއެއްގެގޮތުން ތާނިމްގެ ސިކުނޑި ހޭލާ އުނގެނުމުގެ ޙަޔާތަށް އައު ދިރުމެއް ގެނުވިއެވެ. ނޫރާގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި ހިތްވަރުގެ ސަބަބުން އޭނާގެ ތޫނުފިލިކަމާއި ހުޝިޔާރުކަން އިތުރުވަމުން ދިޔައެވެ. އެއަހަރު ނިމުނުއިރު ކުލާހުން އެންމެމޮޅު ކުދިންގެ ތެރޭގައި ތާނިމްގެ ނަންވެސް ގުނިގެންދިޔައެވެ. ކުރިން ނޫރާ ބުނިބަހާއި ޚިލާފަށް މިއަދު އޭނާއަށް ކުލާހުގެ ހުރިހައިކުދިންނަށް އެއްވަރަށް ލޯބިދެވޭގޮތެއް ނުވިއެވެ. އެހެނީ އުފަން ދަރިއަކުދެކެ ލޯބިވާވަރަށް އޭނާއަށްވަނީ ތާނިމްދެކެ ލޯބިވެވިފައެވެ.

އެއަހަރު ނިމުމަށްފަހު ނޫރާއަށް ޖެހުނީ ތާނިމްއާއި ވަކިވާށެވެ. އޭނާ އެހާލޯބިން ގެންގުޅު ދަރިވަރުންނާއި، އެހާމެ ލޯތްބާއި ކުލުނު އެތަނަކަށް ޖެހިފައިވާ މަދަރުސާއާއި އަލްވަދާޢު ކިޔާށެވެ. ނޫރާގެ ފިރިމީހާއަށް ރާއްޖޭން ބޭރުން ކޯހެއް ލިބުމާއި ގުޅިގެންނެވެ. ނޫރާ ކުލާހުގެ ކުދިންނާއި ވަކިވީ ހުރިހައި ދަރިވަރުންނަށް ހެޔޮ ނަޞޭޙަތްދީ ބާއްޖަވެރި ކުރިމަގެއް ލިބުމަށްއެދި ދުޢާކުރަމުންނެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅޭނެ އެޑްރެހާއި އީ-މެއިލް އެޑްރެސްވެސް ކުދިންނަށް ދިނުމަށްފަހުގައެވެ.

ނޫރާ ރާއްޖެއިން ބޭރުގައި އުޅޭތާ ގާތްގަނޑަކަށް އަހަރުދުވަސްވީއިރު ތާނިމްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ތާނިމްގެ ކުލާސްކުދިން އީ-މެއިލްގެ ޒަރީޢާއިން މުޢާމަލާތުކުރިނަމަވެސް އެކުދިންގެ ފަރާތުންވެސް ތާނިމްގެ ޙާލު އޮޅުންފިލާގޮތެއް ނުވިއެވެ. މެއިލްކުރަމުން ގެންދިޔަ މަދު ކުދިންކޮޅަށް ތާނިމްއާއި ބެހޭގޮތުން ލިބިފައިވަނީ ހަމަ އެންމެ މަޢުލޫމާތެކެވެ. ތާނިމްގެ ބޮޑުބޭބެއެއް ރަށަށްއައި ދަތުރުވަރެއްގައި ތާނިމްގޮވައިގެން 'ކޮންމެވެސް ތާކަށް' ދިޔަކަމެވެ. އެއްވެސް ކުއްޖެއްގެ ކިބައިން އެބުނާ 'ކޮންމެވެސް ތަނެއް' އޮޅުންފިލާގޮތެއް ނުވިއެވެ.

އެއަހަރުގެ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަސް ވެގެންދިޔައީ ނޫރާއަށް ޚާއްޞަ އުފަލެއް ލިބުނު ދުވަހަކަށެވެ. އާދައިގެމަތިން ނޫރާ ގެއަށްއައިސް ދޮރުހުޅުވާލިއިރު ބިންމަތީގައި ސިޓީއުރައެއް އޮއްވާ ފެނިއްޖެއެވެ. ސިޓީއުރަ ނަގައި ބޭރުގައިވާ ލިޔުންކޮޅު ކިޔާލިއެވެ. ސްރީ ލަންކާއިން އައިސްފައިވާ ސިޓީއެކެވެ. ސިޓީއުރަ ކަނޑާ ބަލައިލުމާއެކު ނޫރާއަށް އުފަލުން ރޮވުނެވެ. އެއީ ތާނިމްގެ ސިޓީއެކެވެ. އެސިޓީގައި ލިޔެފައިވަނީ:

[މުދައްރިސްގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެމެވެ. މިހާ ގިނަދުވަސްވިއިރު އަޅުގަނޑުގެ ޚަބަރެއް މުދައްރިސާއިހަމައަށް ފޯރުކޮށްނުދެވުނު ކަމަށްޓަކައެވެ. މުދައްރިސް ފުރުއްވިތާ ދެތިންދުވަހުގެ ތެރޭގައި އަޅުގަނޑުގެ ބޮޑުބޭބެ ލަންކާގައި ހުރެފައި ރަށަށްއައިސް އަޅުގަނޑުވެސް ލަންކާއަށް ގެނައީއެވެ. ރަށުންއައިއިރު މުދައްރިސްގެ އެޑްރެސް ލިޔެފައިވާ ފޮތްބާއްވާފައި އާދެވުމުން މުދައްރިސަށް ޚަބަރެއް ކޮށްނުލެވުނީއެވެ. ފޮތް ލިބުނުއިރު މެއިލް އެޑްރެސް ނޯޓްކޮށްފައިވާތަނަށް ކޮންމެވެސް ގޮތަކުން ގަލަމުދެލި ފޭދިގެން މެއިލް އެޑްރެސް ކިޔަން އެނގޭވަރެއް ނުވިއެވެ.] މިކަހަލަ އެތައް ވާހަކަތަކެއް ލިޔެފައިވާ އެ ދިގު ސިޓީ ނިންމާލަމުން ރަތްކުލައިގެ ފިބައަކުން މިހެން ލިޔެލާފައިވެއެވެ. [ނޫރާ މުދައްރިސަކީ އަޅުގަނޑުގެ ޙަޔާތުގައި މިހާތަނަށް ދިމާވި އެންމެ ރަނގަޅު މުދައްރިސް.]

ދުވަސްތައް ހަފުތާތަކަށް، ހަފްތާތައް މަސްތަކަށް، މަސްތައް އަހަރުތަކަކަށް ބަދަލުވަމުންދެއެވެ. ތާނިމް އާއި ނޫރާ އީ-މެއިލްގެ ޒަރީޢާއިން މުޢާމަލާތުކުރަމުން ދެއެވެ. ތާނިމްގެ އުނގެނުމުގެ ޙަޔާތް ހަރުފަތަކަށްފަހު ހަރުފަތެއް ކާމިޔާބުކަމާއެކު ވޭތިކުރަމުން ދެއެވެ. ނޫރާއަށް ތާނިމްގެ ފަރާތުން ފުރަތަމަ ސިޓީ ލިބުނުތާ ހައަހަރުފަހުން ލިބެމުންއައި އީ-މެއިލް ތަކުގެ ތެރެއިން މިއަދު ލިބިގެންދިޔަ މެއިލްގައި ލިޔެފައިވަނީ: [މިއަދަކީ އަޅުގަނޑު މަތީ ޘާނަވީ ނިމި ނަތީޖާ ލިބުނު ދުވަހެވެ. އަޅުގަނޑަށް ކުލާހުން ތިންވަނަ ލިބުނެވެ. މިއަދުވެސް އަޅުގަނޑު ޤަބޫލުކުރަނީ ތިޔަ މުދައްރިސަކީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި އެންމެ ރަނގަޅު، އެންމެ މަޤުބޫލް މުދައްރިސް ކަމުގައެވެ.]

އޭގެ ހަތަރު އަހަރުފަހުން ތާނިމްގެ ސިޓީއެއް ނޫރާއަށް ލިބުނެވެ. އެސިޓީގައިވަނީ: [އަޅުގަނޑު ފަސްވަނަ ކުލާހުގައި އުޅުނުއިރު މުދައްރިސް ދެއްވި ހެޔޮ ނަސޭޙަތްތައް މިއަދުވެސް އަޅުގަނޑުގެ ކަންފަތުގައި ހަރުލާ އެބަހުއްޓެވެ. އަޅުގަނޑު މިހާތަނަށްވެސް މަސައްކަތް މިކުރަނީ އެ ކަންކަން ހަނދާނުގައި ބަހައްޓައިގެންނެވެ. ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީވެސް މިގޮތުގައެވެ. އިރާދަކުރެއްވިއްޔާ ކޮލެޖުން ދަސްވެނިވާނީ އެންމެ މަތީ ދަރަޖައިންނެވެ. ޢުމުރުގެ މިހާތަނަށް އައިއިރު އެތަކެއް މުދައްރިސުންނާއި މުދައްރިބުންނާއި ދިމާވެއްޖެއެވެ. ނަމަވެސް އަޅުގަނޑަށް ތިޔަ މުދައްރިސުގެ މަޤުބޫލުކަން ފަނޑުކޮށްލެވޭފަދަ މުދައްރިސަކާ އަދިވެސް ބައްދަލު ނުކުރެވެއެވެ. އަދިވެސް ތިޔައީ އަޅުގަނޑަށް އެންމެ މަޤުބޫލު މުދައްރިސެވެ.]

އަނެއްކާވެސް ހަތަރުއަހަރު ފަހެވެ. މިފަހަރު ލިބުނު އީ-މެއިލްގައި ވަނީ އޭނާ ބެޗްލާރސް ޑިގްރީ ނިންމައިފިކަމަށާއި އަދިވެސް ބޭނުންވަނީ އިތުރަށް ކިޔެވުމަށްކަމުގައެވެ. އަދި ރާއްޖޭގެ ހިތްގައިމު މާހައުލުމަތިން އަބަދުވެސް ހަނދާންވާ ކަމަށާއި ރާއްޖެއަށް ދެވުނު ދުވަހަކުން ނޫރާއާއި ބައްދަލުކުރާނެ ވާހަކައެވެ. މިފަހަރުގެ މެސެޖްގައިވެސް ނޫރާއަކީ އޭނާއަށް އެންމެ މަޤްބޫލު މުދައްރިސްކަމުގައި ބުނެފައިވެއެވެ. ނިންމާލަމުން ބުނެފައިވަނީ އޭނާގެ ނަން މިހާރުވަނީ ދިގުވެފައިކަމަށާއި މިހާރު އޭނާގެ ފުރިހަމަނަން ލިޔާއިރު ލިޔަންޖެހޭނީ 'މުޙައްމަދު ތާނިމް ޢަލީ އެމް.ޑީ' ކަމަށެވެ.

މިހާހިސާބުން މިވާހަކަ ނިމުނީއަކީ ނޫނެވެ. އަނެއްކާވެސް އުފާވެރިކަމާއި ބަހާރެއް ގެނެސްދިން އެހެން ސިޓީއެއް ނޫރާއަށް ލިބުނެވެ. ސިޓީގައިވަނީ ތާނިމްގެ ޙަޔާތުގެ ބައިވެރިއަކަށް ގެނައުމަށް ހެޔޮލަފާ ކުއްޖެއް ލިބުނުކަމެވެ. އެއީ މާލޭގެ ޢާއިލާއަކަށް އުފަން ހެޔޮލަފާކުއްޖެއްކަމަށްވެސް ލިޔެފައިވެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތާނިމް އެކުއްޖާއާއި ކައިވެނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ. ދެން އެސިޓީގައި ލިޔެފައިއޮތީ ހިތާމަވެރި ޚަބަރެކެވެ. ދުވަސްކޮޅެއްކުރިން އޭނާގެ ބައްޕައާއި ބޮޑުބޭބެ ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެކަމަށް ލިޔެފައި އޮތެވެ. ނިންމާލަމުން ލިޔެފައިވަނީ އޭނާގެ ކައިވެނީގެ ޙަފްލާގައި ޢާއިލާ ފަރާތުން ބައިވެރިވާނެ މީހަކު ނެތްކަމަށެވެ. އެހެންކަމުން އެ ޙަފްލާގައި ނޫރާ ބައިވެރިވެދޭނެކަމަށް އުއްމީދުކުރާކަމުގައި ލިޔެފައިއޮތެވެ.

ތާނިމް އެދުނުގޮތަށް އޭނާގެ އެންމެ މަޤްބޫލް މުދައްރިސް ޢަމަލުކުރިއެވެ. މާލޭގެ ސެންޓްރަލް ހޮޓެލް އާކައިވެންޏަށް ޖަރީކޮށްފައިއޮތީ މިސާލީ ކައިވެނި ޙަފްލާއަކަށް އެ ޙަފްލާ ވާނެހާ ފުރިހަމައަށެވެ. ތާނިމްގެ އަލަތު އަނބިމީހާ ލީޒާއަކީ މާލޭގެ ޤަދަރުވެރި ޢާއިލާއެއްގައިހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަނެއްކޮޅުން ތާނިމްއަކީ މިވަގުތު ރާއްޖޭގައިހުރި އެންމެ މޮޅު ޑޮކްޓަރެވެ. ނޫރާގެ އިންތިޒާރުގައި ހުރި ތާނިމްއަށް ނޫރާ ފެނުމުން އުފަލުން ފޮޅުނެވެ. ލީޒާއާއި ލީޒާގެ ޢާއިލާއަށް ނޫރާ ތަޢާރަފުކޮށްދިނެވެ. ލީޒާ ނޫރާގެ އަތުގައި ހިފާލަމުން ތާނިމް އަބަދުވެސް ނޫރާގެ ވާހަކަތައް ކިޔައިދޭކަމަށް ބުންޏެވެ. އެދެމީހުން ވާހަކަދައްކަން ތިބިއިރު ތާނިމްއަށް ހުރެވުނީ އޭނާގެ މުދައްރިސްގެ އަތުގެ ކުޑަހުޅުގައި އަޅާފައިއޮތް ކެވެލިކޮޅަށް ބަލާށެވެ. އެކެވެލިކޮޅު ފެނުމުން ތާނިމް އޭނާގެ މުދައްރިސާއި ކައިރިއަށް ޖެހިލިއެވެ. އެވަގުތު ތާނިމްގެ ނޯށުގައި ޖެހިގެންދިޔައީ އެސެންޓެއްގެ ވަސްޖެހުމުން އޭނާގެ މަންމަގެ ހަނދާންތައް ގެނުވައިދޭ ސެންޓްގެ ވަހެވެ. އިސާހިތަކުން ތާނިމްގެ ދެލޯ ފެންކަޅިވެއްޖެއެވެ. އޭރު ނޫރާއަށް އެކަން ފާހަގަ ކުރެވިގެން ތާނިމްއާއި ދިމާއަށް އެނބުރިލިއެވެ. ނޫރާ ތާނިމްއާއި ގާތަށް ޖެހިލަމުން ތާނިމްގެ ގައިގާ ލޯބިން ބައްދާލިއެވެ. ދަރިކުލުނު ލޯތްބާއިއެކު ތާނިމްގެ ބުރަކަށީގައި ފިރުމަމުން ގެންދިޔައެވެ. އެވަގުތު ނޫރާގެ ކަންފަތުގައި ޖެހުނި ތާނިމްގެ ހިތުގެ އަޑިން ކެކެމުންދިޔަ ޝުޢޫރުތަކުގެ އަޑެވެ. [އަޅުގަނޑަށް އިތުބާރުކުރެއްވީތީ ޝުކުރިއްޔާ. އަޅުގަނޑަކީވެސް މުހިންމު މީހެއްކަމުގައި ވިސްނަވައިދެއްވާ އަޅުގަނޑަށްވެސް އަޅުގަނޑުގެ ޙަޔާތް ބަދަލުކުރެވިދާނެކަމުގެ އިޙްސާސް ކޮށްދެއްވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ.]

އޭރު ނޫރާގެ ލޮލުންވެސް ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. [ތާނިމްއަށް ކުރެވިފައިތިވަނީ ކުންހީއެއް. އަޅުގަނޑަށްވެސް އުނގަންނައިދިނުމުގައި ތަފާތުގޮތެއް އިޚްތިޔާރުކޮށް ހެޔޮބަދަލެއް ގެނުވިދާނެކަން ވިސްނައިދެއްވީ ތާނިމް. ތާނިމްއާއި ފަސްވަނަ ކުލާހުން ބައްދަލުވެ އެ ޚާއްޞަ ދުވަހާއި ކުރިމަތިލުމުގެ ކުރިން އަޅުގަނޑަށް ކިޔަވައިދޭން އެނގޭކަމަކަށް ޤަބޫލެއް ނުކުރަން.]

ވާހަކައިން މުދައްރިސުން ޙާޞިލްކުރައްވަންވީ ކޮންކަމެއް؟

އަޅުގަނޑުމެން ކުރާ ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެހެން މީހެއްގެ ޙަޔާތަށް ކުރާނީ ކޮންކަހަލަ، ކިހާވަރެއްގެ އަސަރެއްކަން ވަޒަންކުރަން އެނގޭނީ އެފަދަކަމަކާއި ދިމާވުމުންނެވެ. އެފަދަ ކަމަކާއިކުރިމަތި ލުމުންނެވެ. މި ޙަޤީޤަތް ޤަބޫލްކުރައްވާ ތިޔަބޭފުޅުންގެ އުނގަންނައިދިނުމުގެ ޙަޔާތުގައި މިއަދުންފެށިގެން އެހެން މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލެއް ނުވަތަ ތަފާތެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމާތޯއެވެ.
                                                       (ނިމުނީ)

ނޯޓު؛

މިއީ 'މޭކް އަ ޑިފަރެންސް' ގެނަމުގައި ތައްޔާރުކުރެވިފައިވާ 13 މިނެޓްގެ ޑޮކިއުމެންޓްރީ ފިލްމެއްގެ ވާހަކަ އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމުން ދައްކައިދޭ މަންޒަރުތަކާއި މި ވާހަކައިން މުދައްރިސުންނަށް ލިބިގެންދާނޭ ޢިބްރަތްތެރި ފިލާވަޅާއި މުދައްރިސުންގެ އުނގަންނައިދިނުމުގެ ޙަޔާތަށް ފިލްމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުން ތަޞައްވަރުކުރެވި، މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ޙަރަކާތްތަކުގެ ތެރެއަށް ފިލްމު ޝޯއެއް ހިމަނައި ފިލްމަށް ދިވެހިބަހުން އަޑުއަޅައި މިފިލްމުވާނީ ދައްކާފައެވެ. މެދުދެކުނު ޕްރޮވިންސަށް ނިސްބަތްވާ ހުރިހައި ސްކޫލްތަކެއްގެ އިސްވެރިން ބައިވެރިވި މި ޝޯވ ކާމިޔާބުވެގެން ދިޔަކަން އެނގިގެންދިޔައީ ފިލްމު ބަލާ ނިމިގެން ފިލްމުގެ ކޮޕީއެއް ހޯދުމަށް އެފަރާތްތަކުން މަސައްކަތްކުރެއްވިވަރުންނެވެ.
 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ