އަދުގެ ޚާއްސަ

Print

ރައީސް ނާޞިރުގެ އަރިހުގައި...

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)

ޤައުމެއްގެ ވެރިކަން ކޮށްފި މީހަކާމެދު ދެކެވޭ ވާހަކަތައް އާންމުކޮށް އިވެނީ މައިގަނޑު ދެރާގަކަށެވެ.  ރުހުމުގެ ރާގާއި ނުރުހުމުގެ ރާގެވެ.  ގިނަ ފަހަރަށް މި ދެ ރާގަކީ ވެސް ސިޔާސީ އޮނަކުން ފުމެވޭ ދެ ރާގެވެ. މި ދެރާގަށް ޝައުޤުވެރިވާ މީހުން ދެ އަތަށް  ބެހިގެން ދަނީ ވެސް ސިޔާސީ އޮޑީގެ ކޮޅުފަސްކޮޅާއި ދިރުނބާކޮޅުންނެވެ. 

އެހެންކަމުން، ސިޔާސީ ޖަޒުބާތުތުތަކުން އެކަހެރިވެލައި، ދިވެހި ޤައުމުގެ ޚާއްޞަ ޝަޚުޞިއްޔަތެއްގެ ޒާތާއި، މިޒާޖުފުޅާ ބެހޭގޮތުން ކޮންމެ ވެސް ވަރެއްގެ ލުއި މަޢުލޫމާތުކޮޅެއް ހޯދާލުމުގެ ޝައުޤުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލަމާތޯ އެވެ.

މި ދިޔަ ޖުމްހޫރީ ދުވަހު ރައްޓެހި ގެޔަކަށް ޒިޔާރަތްކޮށްލީމެވެ. އޭރު ޓީވީން ފޮނުވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި ތިން ބޭފުޅެއްގެ މައްޗަށް އެކުލެވޭ ރިޕޯޓެކެވެ. އޭގެ ތެރޭން އެއްބޭފުޅަކީ، ރައީސް ނާޞިރެވެ. ރިޕޯޓު ނިމުމުން އެ ގެއަށް އައިސް އިން އަންހެނަކު ބުންޏެވެ. ނާޞިރަކީ، އަހަރެން ދުށް މީހުންގެ ތެރޭން ވަރަށް ތަފާތު މީހެކެވެ. އަޅުގަނޑު ސުވާލު ކޮށްލީމެވެ. ނާޞިރު ދަންނަނީ ކޮން ގޮތަކުން ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުނީ އޭނާ ވަރަށް ކުޑަ އިރު ގޭގައި ގެންގުޅުއްވާ  ކުއްޖެއްގެ ގޮތުގައި ވެލާނާގޭގައި އުޅުމަށް ފުރުޞަތު ލިބުނީމާ ކަމަށެވެ. 

އަޅުގަނޑު އޭނާއާ ވަރަށް ގިނަ ސުވާލު ކުރީމެވެ. ރައީސް ނާޞިރުގެ މިޒާޖުފުޅާބެހޭ ގޮތުންނެވެ.   ގޭތެރޭގެ އާންމު ދިރި އުޅުއްވުމާބެހޭ ގޮތުންނެވެ. ދެކެވުނު ވާހަކައިގެމައްޗަށް ޚުލާޞާއެއް ލިޔެލާނަމެވެ.

ފަރީއްކުޅުއްވުން ވަރަށް އާދައިގެ ބޭފުޅެކެވެ. މާ ގިނައިން ފަރީއްކުޅުއްވާ ބޭފުޅެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ގަވާއިދެއް ގެންގުޅުއްވަ އެވެ. އެ ގަވާއިދާ ޚިލާފުވެ ވަޑައެއް ނުގަންނަވާނެ އެވެ.  އަދި އޭގެ ތެރޭން ބައެއް  ގަވާއިދު ތަކަކީ އާންމު އެހެން ދިވެއްސަކު ގެންގުޅެފާނެ ގަވާއިދުތަކެއްހެން ހީވެސް ނުކުރެވޭނެފަދަ ގަވާއިދުތަކެއްކަމަށް އޭނާ ބުންޏެވެ.

މިސާލަކަށް، ވެލާނާގޭގައި ރައީސް ނާޞިރު އުޅުއްވާބަޔާއި، ނާޞިރުގެ ބޭފުޅުން ތިއްބަވާ ބަޔާއި އެއީ ވަކި ދެ ބައެއްކަމަށް އޭނާބުންޏެވެ.
އެކަމަކު، ބޭފުޅުން ތިއްބަވާ ބަޔަށް ނާޞިރު ވެދެވަޑައިގަންނަވާނީ، ހަފުތާގެ ތެރޭން އެ ކަމަށް ކަނޑަ އެޅިފައި އޮންނަ ދުވަހެއްގައި ކަނޑައެޅިފައި އޮންނަ ގަޑިއެއްގަ އެވެ. އެ ނޫން ދުވަހަކު އެ ނޫން ގަޑިޔަކު ވެދެވަޑައެއް ނުގަންނަވާނެ އެވެ. އެ ގަޑީގައި ބޭފުޅަކު ނެތަސް، ފަހުން އެނބުރިވަޑައިގަތުމަކުން ފަހުން އެދުވަހު ދެން ބައްދަލެއް ވެސް ނުކުރައްވާނެ އެވެ. ބޭފުޅުންނާ އޮންނަ ގުޅުމަކީ ވެސް އެހާ ރަޙްމަތްތެރި ގުޅުމެއް ނޫނެވެ. ބޭފުޅުންނާ ސަމާސާފުޅުކުރެއްވުމާއި، ލަފާ. އިރުޝާދު ދެއްވުން ފަދަ ކަންކަން ވަރަށް ނުފެނެ އެވެ. އެ ބޭފުޅުންނަށް ބޭނުންފުޅުވާ ތަކެތި އެ ބޭފުޅުން ހޯއްދަވަން ޖެހެނީ ވެސް ކަނޑައެޅިފައިވާ ވަކި ބަޖެޓަކުންނެވެ. ކަނޑަ އެޅޭ ވަކި ދުވަހަކު އެ ބޭފުޅުންނާ ހަވާލު ކުރައްވާ ފައިސާއިންނެވެ. އެއަށްވުރެ އިތުރަކަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި އެއްޗެއް ހަލާކު ވިޔަސް އެހިސާބުން އެ ނިމުނީ އެވެ. އިތުރަށް އޭނާ ބުންޏެވެ.  ރައީސް ނާޞިރުގެ ޢަމަލުފުޅުތައް ހުންނަ ގޮތުން ސިފަކުރެވޭ ގޮތުގައި،  ކޮންމެ މީހަކު ވެސް (ގެންގުޅޭ ކުއްޖަކު ނަމަވެސް އުފަން ބޭފުޅަކު ނަމަވެސް، އަދި އެ ނޫން މީހަކު ނަމަވެސް) ނާޞިރު ފެނިފައި ބިރުގަންނަން ޖެހޭނެ އެވެ. ސިހުމެއް ލިބެންޖެހޭނެ އެވެ. ނާޞިރުގެ ކުރިފުޅުމަތީގައި ޚަބަރުދާރުވާންޖެހޭނެ އެވެ. އެކަމަކު މީގެ މާނައަކީ، ހަރުކަށިކަމާއި ލާ އިންސާނީކަމުގެ ވާހަކަ އެއްނޫނެވެ. އެފަދަ ކަމެއް ތަޖުރިބާ ކުރެވިފައެއް ނެތެވެ. ހަމަ މިޒާޖުފުޅުގައި ހުންނަ ތަފާތު ގޮތަކީ އެވެ.  މި ސިފަތަކުން ބޮޑަށް ދޭހަކޮށްދެނީ މިއީ  ރައީސް ނާޞިރުގެ ޝަޚުޞީ ހައިބަތު ވަރުގަދަކޮށް ދެއްކެވުމަށްޓަކައި، އެ މަނިކުފާނު ބޭނުންފުޅު ކުރައްވާ އުކުޅެއްކަމަށެވެ. 

އެއް ދުވަހަކު ދިމާވި ކަމެކެވެ. ރައީސް ނާޞިރުގެ ބޭފުޅަކު ''އެތެރޭން ތުރުކުރައްވާ ފޭރާންކޮޅު'' ދާވުމުން ހައްދަވާގޮތަކީ، ހަމަ ޅާނބެއްހެން އޮޅާލައްވާފައި އަވަހާރަފުޅު ލައްޕަވާ އެނދުދާންކޮޅާ ދިމާ މަތީ އޮންނަ މަތާރަން ފިލާއެއްގެ މައްޗަށް އެއްލަވައިލައްވަނީ އެވެ. މި ހެންގޮސް އެތައް އެއްޗެއް މި ތަނަށް ފުނިޖެހިއްޖެ އެވެ. ގެންގުޅޭ ކުއްޖަކަށް ވެސް ފެނިދާނެތީ، އެ ބޭފުޅަކު ވަނީ  މި ތަކެތި  ވަރަށް ބޮޑަށްފޮރުއްވައިފަ އެވެ.
ނާޞިރަކީ އެމަނިކުފާނުގެ ވަށައިގެންވާ މާހައުލާމެދު  ވަރަށް ''ލޯފުޅު ތޫނު'' ބޭފުޅެކެވެ. އެމަނިކުފާނަށް މި މަންޒަރު ފެނިވަޑައިގެންފި އެވެ. ކުއްލިޔަކަށް،  އެ ބޭފުޅާގެ މަންމަ އާއި، އެ ބޭފުޅާއާއި، އަދި  ގެންގުޅުއްވާ  ހުރިހާކުދިންނާ އެއްތަން ކުރައްވައިފި އެވެ. ގޯތީތެރޭ ވަކިތާކަށް ޖަމާކުރައްވައިފި އެވެ. ދެން އެތަކެތި ހިފައިގެން އައުމަށް އެ ބޭފުޅަށް ވިދާޅުވި އެވެ. އެ ބޭފުޅަކު އެތަކެތި ގެންނެވުމުން، ރަބަރު ތައްޓަކަށް ފެންއަޅައި އޯމޯލައިގެން އެ ''ފޭރާންތައް''  ދޮންނެވުމަށް އަމުރު ކުރައްވައިފި އެވެ.

ވާހަކަ ކިޔައިދިން މީހާ ބުންޏެވެ.  ތިމަންނަ ގަތްލަދުން އެ ބޭފުޅާގެ އަތްޕުޅުން އެ ތަކެތި އަތުލައްވައި ދޮވެދޭން ކަމަށްހީކޮށް އެއްޗެއް ބުނިތަނާ އެކަންމަނާ ވެއްޖެ އެވެ. ދޮންނަވަން  ޖެހެނީ ހަމަ އެ ބޭފުޅާ އެވެ. އޭނާގެ އަތްޕުޅުންނެވެ. ރައީސް ނާޞިރާއި، އަނބިކަނބަލުންނާއި ގޭގައި އުޅޭ ނަމަ، އުޅޭހާ ބަޔަކުގެ ކުރިމަތީގަ އެވެ.

މި އަންހެން މީހާ ކިޔައިދިން ދެވަނަވާހަކަ ވެސް ލިޔެލަމެވެ. އޭނާ ބުނި ގޮތުގައި  ރައީސް ނާޞިރަކީ އޭރުގެ އަނބި ކަނބަލުންގެ ބައްޕަމެންގެ ގެއަށް ދުވަހަކު ވެސް ވެދެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.  ދެކަނބަލުން އެކުގައި ކާރުކޮޅު ދުއްވާލައްވާން، ފިނިބުރުޖައްސަވައިލައްވާން ނިކުމެވަޑައިގެންފައި ވެސް ބުރު ނިމިގެން، ކާރުކޮޅުގައި އެ ގެޔާ ހަމަޔަށް ވަޑައިގެން  މަޑުކޮށްލެއްވުމަށްފަހު،  ނާޞިރު އިންނަވާނީ ކާރުކޮޅުގަ އެވެ. އެ ގެޔަށް ވެދެވަޑައިގަންނަވާނީ އަނބިކަނބަލުން ގިނިކަންޏާ އެވެ.

މި ފަދަ ބުރެއް ނިންމަވާލައްވާފައި ދެ ކަނބަލުން ވެލާނާގެއަށް ވަޑައިގަތް ރެއެކެވެ. ކުރިން ވެދެ ވަޑައިގަތީ އަނބިކަނބަލުންނެވެ. ދުވެވަޑައިގެންފައި ވަޑައިގެން، ކޮޓަރިކޮޅެއްގެ ތެރެއަށް ވެދެވަޑައިގަތެވެ. ތިމަންނަ ގޮސް ވީގޮތް އޮޅުން ފިލުވައިލީމެވެ. ކީރިތި ކުރައްވާފައި ވިދާޅުވި އެވެ. ނާޞިރު، ތިމަންމެން ގެޔަށް ހަމަވެދެވަޑައެއް ނުގަތެވެ. މިރޭ ވެސް މަންމައާއި ބައްޕަގާތަށް މި ދިޔައީ އަހަރެން އެކަންޏެވެ. ނާޞިރު ކާރުކޮޅުގައި ބޭރުގައި މަޑުކުރެއްވީ އެވެ.

ވާހަކަ ކިޔައިދިން މީހާ ބުންޏެވެ. މިހާހިސާބުން އަޅުގަނޑަށް ވެސް ރޮވިއްޖެވެ. ދެން ބޭރަށް ނިކުމެވުނު އިރު ނާޞިރު ވެސްވީ އެހެން ކޮޓަރިއެއްގަ އެވެ. އިރުކޮޅަކުން ނިކުމެވަޑައިގެންފި އެވެ. އަޅުގަނޑާ ދިމާޔަށް ބައްލަވައިލެވި ގޮތުން، ވެގެން އުޅޭގޮތް އަޅުގަނޑަށް ވެސް އެނގިޖެކަން މޭރުންވެވަޑައިގެންފިހެން ހީވި އެވެ.  ތަންވަޅުގެ ބޭނުން ހިފައިގެން ދަންނަވައިފީމެވެ. ''ބައްލަވާ .... ކީރިތި ކުރައްވަނީ އެވެ.'' މި ހެން ހަމަ ދެންނެވުމާއެކު މާ ކަންފަސޭހަ ބަރު އަޑުފުޅަކުން ވިދާޅުވި އެވެ. ''ދެން ކަލޭ ވެސް ....އާ އެކު ރޯންވީނު'' މިހެން ވިދާޅުވެފައި ބޭރަށް ވަޑައިގެންފި އެވެ.

ވާހަކަ ކިޔައިދިން މީހާގެ މި ވާހަކަތަކަށް ފަހު، އެ  ގޭން ނިކުމެގެން ދެން އަޅުގަނޑަށް ދެވުނީ، ރައްޓެއްސެއްގެ ދަޢުވަތަކަށް  ކޮފީއަކަށެވެ. ތަންކޮޅެއް ދުވަސްވީ ހަރު މީހެކެވެ. ދެފަރާތުގެ ރަޙްމަތްތެރިކަމަށް އަދި އެހާ ގިނަ ދުވަހެއް ނުވެ އެވެ. ކޮންމެއަކަސް، އޭނާ ގާތު މިވާހަކަ ދައްކާލާ ހިތްވެއްޖެ އެވެ. ދައްކާލި އިރު، މި މީހަކީ، ރައީސް ނާޞިރުގެ  އަރިހުގައި ސަރުކާރު މަސައްކަތްތައް ކުރަން އުޅުނު މީހެކެވެ. އެއް ދުވަހަކު ރައީސް ނާޞިރު އޮފީހަށް ވަޑައިގަންނަވަނިކޮށް މީނާގެ ބައިސްކަލާއި ނާޞިރުގެ ކާރުކޮޅާ މުޑިއަރާ އެކުސިޑެންޓެއް ވެސް ހިނގައިފައިވާ މީހެކެވެ. އެހެންކަމުން މީނާގެ ތަޖުރިބާއިން ވެސް ބައެއް ވާހަކަ އޮޅުން ފިލުވާލަމާ ހިންގަވާށެވެ!

''އަހަރެން ސަރުކާރަށް ވަނީ މަހަކު 80 ރުފިޔާގެ މުސާރަޔަކަށެވެ. އޭރު އުމުރުން 16 އަހަރެވެ. މަސައްކަތަކީ މާލޭ ކަސްޓަމް ސަރަހައްދު ހިއްކުމުގެ މަސައްކަތެވެ. އަހަރެންމީ އެކަމަށް ބޭނުންކުރާ އިންޖީނުލީ އުޅަނދެއް  ދުއްވާމީހެކެވެ. މަސައްކަތް ފެށޭގަޑިޔަކީ، ހެނދުނު  ހަތްގަޑި ބައެވެ. ނިމޭގަޑިއެއް ނޯވެ އެވެ. މަސައްކަތް ނިމޭނީ ނިމުނީމަ އެވެ. ބައެއް ރޭރޭ ރޭގަނޑު ދޭއްޖަހާ ދެގަޑި ބައިވަންދެން ވެސް މަސައްކަތްކުރަން ޖެހެ އެވެ. ކެއުމާ ސައި އޮންނަނީ ހޮޓަލަކުން ހިލޭ ލިބޭ ގޮތަށެވެ. ރައީސް ނާޞިރަކީ މަސައްކަތަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެކެވެ. މަސައްކަތްކުރާ މީހުންނަށް ވެސްލޯބި ކުރައްވާނެ އެވެ.  ނާޞިރު އަރިހުގައި މަސައްކަތް ކުރާ މީހަކު ގަޑި ޖެހިގެން ނުވާނެ އެވެ. މަސައްކަތް ހިނގާއިރު އެތަނެއްގައި ވަރަށް ގިނަ ވަގުތު ނާޞިރު ވަޑައިގެން ހުންނަވާނެ އެވެ. ޤައުމުގެ އިސްވެރިޔަކީ ވެސް، މަސައްކަތުގެ އިސް ސަރުދާރަކީ ވެސް، ޕްލޭނަކީ ވެސް، ކަމާބެހޭ ގަވާއިދަކީ ވެސް ޤާނޫނަކީ ވެސް ޤާނޫނު އަސާސީއަކީ ވެސް ހަމަ އެކަނި ރައީސް ނާޞިރެވެ. ކޮންމެ ކަމެއް ދިމާވުމުން އެކަމަކަށް އަޅަންވި ފިޔަވަޅުގެ އޯޑަރު ނެރުއްވާނީ ސީދާ އެމަނިކުފާނެވެ.

އަހަންނަށް އެންމެ ފުރަތަމަ ވަޒީފާ ލިބިގެން ވަޒީފާއަށް ނިކުތް އިރު، އުމުރަކީ އެންމެ ސޯޅަ އަހަރެވެ. އެ ދުވަހު އޮފީހުން ހަސަންބެ ކިޔާ މީހަކާ ދިމާވި އެވެ. އޭނާ ފަހުންވީ އަހަރެންގެ ބައްޕައެއްކަހަލަ ގާތް މީހަކަށެވެ. ހެޔޮ ލަފާ، ހެޔޮ އެދޭ މީހެކެވެ. ލަވަކިޔުމަށް މަޝްހޫރު ޖަމީލާ ހަސަނަކީ، މި ހަސަންބޭގެ ދަރިއެކެވެ.

ހަސަންބެ އަހަރެން ގާތުގައި ބުންޏެވެ. ''ދަރިފުޅާ އެވެ! ނާޞިރު ގާތުގައި ފުރަތަމަ ފަހަރަށް ކަނދުރާ ލަނބައިލައިފި މީހަކު މުޅި އުމުރު ދުވަހަށް  ވެސް އުޅެން ޖެހޭނީ އެ ގޮތުގަ އެވެ.  ނަމަ ނަމަ މި ކަން ހަނދާން ނައްތާނުލައްޗެވެ.''

ރައީސް ނާޞިރުގެ ފަރާތްޕުޅުން އަހަންނަށް އެންމެ ފުރަތަމަ ކުރެވުނު ތަޖުރިބާ ގުޅިފައިވަނީ ވެސް މި ހަސަންބެއާ އެވެ. އެކަން ހިނގައި ދިޔަ ގޮތަކީ، ހަސަންބެމެންގޭ ބައްތި ދިއްލަން ތެޔޮ ގަންނަން ހަސަންބެ އަންހެނުން ދެރުފިޔާބައި، ހަސަންބެއާ ހަވާލު ކޮށްފި އެވެ. ހަސަންބެ ހެދި ވަޑާމަކީ، މި ލާރިއަށް ހޮޓަލަކަށްގޮސް ސައިބޮއިގެން އެރޭ ގެޔަށް ވެސް ނުގޮސް އައިސް މިއުޅުނީ މަސައްކަތް ކުރާތާނގަ އެވެ. އަނެއް ދުވަހު ވެސް ނުދެ އެވެ. އޭރު އޭނާގެ ދަރިޔަކަށް ބޭނުންވާ ބުއްދަޅެއް ހުސްވެގެން އުޅޭތާ ވެސް ދެތިން ދުވަހެއް ވެއްޖެ ކަމަށް ވެއެވެ.

މި ކަމާ ރުޅި އައިސްގެން ހަސަންބެ އަންހެނުން އައީ ވިދޭ ކުކުޅެއްހެންނެވެ. އައިސް ހަސަންބެއާ ދިމާޔަށް ހެއްދެވި ނެހެއްދެވިޔަށް ގޮވައިގަތްއިރު، ނާޞިރު މި އަޑު އައްސަވަން ހުންނެވި ކަމެއް އެ ކަނބުލޭގެ ނުދަނެ އެވެ. 

ނާޞިރު ހަސަންބެއަށް ވިދާޅުވި އެވެ. ތެދޭ ހަސަންބޭ ގޭ ތެޔޮ ގަންނަން ދިންލާރިޔަށް ހަސަންބެ ހޮޓަލަށް ގޮސް ސައިބުއި ހެއްޔެވެ؟ ހަސަންބެ އަދި އަންހެނުންނަށް ވުރެ ރުޅިގަދަ އެވެ. '' ސައިބޮވޭނެއްނު. ކަލޭ މަށަށްދެނީ މަހަކު އެއްމެ ދުއިސައްތަ ދިހަ ރުފިޔާ. އޭންކިހިނެއް ތެޔޮ ގަނެ ބުއްދަޅު ގަނެ ހަދާނީ. މަށަށް ހެޔޮ ދުވަހަކު ގޭ ބައްތި ނުދިއްލިޔަސް.. ނުކައި ނުބޮއި ކޮން ބައްތިއެއް.'' ހަސަންބެ ނާޞިރަށް ދެންނެވީ މިހެންނެވެ. ހަސަންބެއަކީ އާދަޔާ ޚިލާފު ''ރަށްފުށުވަންތަކަމެއް'' ހުރިމީހަކީތާ އެވެ. ނާޞިރު ވަޑައިގަތީމާ، ނުވެސް ތެދުވާނެ އެވެ. ކޮންމެ އަކަސް، އެންމެ ފަހުން، ބޮޑުހަމެއްގެ ތެލާއި، ހަސަންބެގެ ދަރިންނަށް ބޭނުންވާނެ  ބުއްދަޅާއި މިހުރިހާއެއްޗެއް އިރުއޮއްސުމުގެކުރިން ހަސަންބެގެ ގެއަށް ވަދެއްޖެ އެވެ.  ރައީސް ނާޞިރު އެ ތަކެތިފޮނުއްވައި ދެއްވީ އެވެ.

ހަސަންބެގެ ވާހަކަ އަށްފަހު، ދެން އަހަރެންގެ ދެ ތަޖުރިބާއެއް ކިޔާ ދެމެވެ. ކުރިން ވެސް ބުނި ފަދައިން، މަސައްކަތް ނިމެނީ ރޭގަނޑު އެކެއް ދޭއް ޖަހާ ފަހުންނެވެ. އެކަމަކު ހެނދުނު ހަތްގަޑި ބައިގައި މަސައްކަތް ފެށެންޖެހޭނެ އެވެ.

އެއް ދުވަހަކު، ހެނދުނު ހޭލެވުނު އިރު ހުރީ ގަޑިޖެހެން ދިހަ ވަރަކަށް މިނިޓަށްވެފަ އެވެ. އަވަސް އަވަސް ކޮށްލައިގެން، ގެންގުޅޭ ބައިސްކަލުގަނޑުގައި ނައްޓައިލައިފީމެވެ. އޭރުގެ އަޑިގުޑަން މަގުތަކުގައި ބައިސްކަލެއްކަމަކު  ދިޔައީ ކަޑަބޮއްޖަހަމުންނެވެ. ހަނި މަގަކުން މައިމަގަކަށް ނިކުމެވުނީ ބޮޑު ނުރައްކަލެއްގެ ކުރިމައްޗަށެވެ. ނާޞިރުކާރުކޮޅު ދުއްވަވަނީ އަމިއްލަފުޅަށެވެ. ދުއްވަވާނީ ވަރަށް ބާރަށެވެ. އަހަރެން އަރާ އިން ބައިސްކަލުގެ ކުރީފުރޮޅު  އެދިޔަ ގޮތަށް ގޮސް ވަނީ ރައީސްގެކާރުކޮޅުގެ ކުރީ ފުރޮޅު ދަށަށެވެ. އަހަރެން ފަކީރު ބިރުން ތުރުތުރު އަޅައިގެންފި އެވެ. ނާޞިރު ކާރުކޮޅުން ފައިބައިވަޑައިގެން ލޯފުޅުއަޅުއްވައިލި ގޮތުން ހީވީ ހަމަ މެޔަށް  ޚަންޖަރެއް ގޯޅާލިހެންނެވެ.

''ކަލެޔަށް ލައިސަންސް ދިނީ ކާކު؟''

ނާޞިރު ފުރަތަމަ ވެސް ވިދާޅުވި އެވެ. އަހަރެން ދެންނެވީމެވެ. އަޅުގަނޑުގެ ލައިސަންސްގައި ސޮއިކުރައްވާފައިއޮތީ ނާޞިރެވެ.

'' މިހާބާރަށް ނުގޮސް ތި ދާންވާ ތާކަށް ނުދެވޭނެތަ؟''

ދެވަނަ ސުވާލަކީ މި އެވެ.

'' ނޫން ދެވިދާނެ. އެކަމަކު ގަޑި ނުޖެހި އެއް ނުދެވޭނެ. ބާރަށް މި ދަނީ އެހެންވެގެން. ރޭގައި މަސައްކަތް ނިމުނުލެއް ލަސްވީމާ، ހެނދުނު ހޭލެވުނުލެއް ލަހީ''

މި ހެން ދެންނެވީމާ، ވިދާޅުވި އެވެ. ''ދޭ! ދޭ ދޭ! މަސައްކަތަށް ދޭ'' އަހަރެން ބައިސްކަލު ނަގަން ބައިސްކަލުގައި ހިފީމެވެ. ކުރީ ފުރޮޅުއެކީގައި އޮތީ އޮރިބޮރިވެ ހަލާކު ވެފައެވެ. ''ތި ބާއްވާފައި ދޭ!'' ދެން އިވުނީ މި ހެން ވިދާޅުވި އަޑެވެ. އެހެން ވިދާޅު ވީމާ ހަރުކޮށް ހިނގައިފައި އޮފީހަށް ހިނގައްޖައީމެވެ.

ނުވައެއް ޖަހާލިހާއިރު، ރައީސް އޮފީހުންމީހަކު ބަލައި އަތުވެއްޖެ އެވެ. އޭނާބުނީ ބޮޑުއިސްޓޯރަށް ދާން ނާޞިރުވިދާޅުވި ވާހަކަ އެވެ. ދިޔައިމާ އެތަނުން ހަވާލު ކުރީ އާރޯތާނާ މޮޅު ރެލީ ބައިސްކަލެކެވެ. ބުނީ އެއީ ރައީސް ވިދާޅުވެގެން ދިން އެއްޗެއް ކަމަށެވެ.

އަދި އެއްހާދިސާ ކިޔާލަ ދޭނަމެވެ. އަހަރެން ވަރަށް ގަދަޔަށް ހުން އައިސްފައިހުރި ދުވަހެކެވެ. ހެނދުނު ގަޑިޔަށް މަސައްކަތަށް ނިކުތީމެވެ. ނިކުމެ ހުން ގަދަކަމުން ހުންނަން ނުކެރިގެން، މަސައްކަތުގެ އިސް ދެ ސަރުދާރުންކުރެ އެކަކު ގާތުގައި ބުނެފައި ގެޔަށް ހިނގައްގައީމެވެ. ނަމަވެސް އޭރު އަހަރެން އުޅެނީ މީހަކާ ކާވަނި ކުރަން ކަމަށްވާތީ، ދިޔައީ އެ ގެޔަށެވެ. ސަރުކާރު މަޢުލޫމާތުތަކުގައި އޮންނާނީ އަހަރެންގެ ބައްޕަގެ އަސްލު ގެ އެވެ.

ކޮންމެއަކަސް ގޭގައި ހުންރަޖާ ލައިގެން އޮއްވައި، މީހަކު ބަލައި އަތުވެއްޖެ އެވެ. އޭނާ ބުންޏެވެ. ހަމަ މިހާރު މަސައްކަތު ސަރަހައްދަށް ދިޔުމަށް ނާޞިރު ވިދާޅުވި އެވެ. އަހަރެން ތެދުވެ އޭނާއާއެކު ހިނގައިގަތީމެވެ. ކަރުވަމުންދާ ހީއާއެކު ކުކުރަމުންކަހަލަ ގޮތަކަށެވެ.

މާދުރުން ނާޞިރު ފެނިއްޖެ އެވެ. މޫނުފުޅުމަތިން ކޯފާގެ އަސަރު ވަރަށް ބޮޑަށް ފާޅުވެ އެވެ. އަރިހަށް ގޮސް ހުއްޓެވޭ އިރަށް، މަސައްކަތު ސަރުދާރަކަށް ހުރި މީހާ ގާތު ވިދާޅުވި އެވެ. ''މީނާ  ހަމަ މިހާރު ގެންގޮސް ޖަލަށްލާ!''

ހިތަށް ވެރިވީ ހަސަންބެ ބުނި ވާހަކަ އެވެ. އެހެންވީމާ ވަރަށް ހިތްވަރު ކޮށްފައި ޖަވާބު ދޭން ފެށީމެވެ. އެކަމަކު ޖަވާބު ދޭންފެށީ ނާޞިރުގެ އުސޫލުތަކަށް ވިސްނައިގެންނެވެ. އަހަރެން މުޚާޠަބުކުރީ ސަރުދާރާ އެވެ.

''އަހަރެން ޖަލަށްލަނީ ކީއްވެތޯ ނާޞިރަށް ދަންނަވާ! ''

''ކަލޭ މަސައްކަތަށްފިލައިގެން މަކަރު ހަދައިގެން އުޅޭތީ''

ނާޞިރު މިހެން ވިދާޅު ވުމުން ސަރުދާރު ހަމަ އެ ޖުމުލަ އެގޮތަށް އަހަންނާ ދިމާޔަށް ބުނެއްޕެވެ. ''ނާޞިރު ވިދާޅުވީ'' މި ތަންކޮޅު އިތުރު ކޮށްފައެވެ.

'' އަހަރެން މަކަރު ނުހަދާ ކަމަށާއި، ގަޑި ނުޖެހި އޮފީހަށް އައިކަމަށާއި، ބަލިވެގެން ގެޔަށް ދިޔައީ ވެސް ހުއްދަ ހޯދައިގެންކަމަށް ނާޞިރަށް ދަންނަވާ!''

ސަރުދާރާ ކުރިމަތިކޮށް މިހެން ބުނުމުން ދެން ނާޞިރު؛.....

''އެހެން ވިއްޔާ ހަތްދިހަ ފަސްރުފިޔާ އިން އޭނާ ޖޫރިމަނާ ކުރިކަމަށް އަންގާ''

މި ހެން ވިދާޅު ވުމުން އަނެއްކާ ވެސް އަހަރެން ސަރުދާރަށް ބުނީމެވެ.

''މަށަށް ލިބެނީ މަހަކު އަށްޑިހަ ރުފިޔާ އެވެ. ދެން އޭން ހަތްދިހަ ފަސް ރުފިޔާ ޖޫރިމަނާގެ ގޮތުގައި އަތުލެއްވީމާ ދެން އަހަރެން ކައިބޮއި އުނު އަނދެ އުޅެނީ ކޮން އެއްޗަކުންތޯ ނިކަން ނާޞިރަށް ދަންނަވަ ބައްލަވާށެވެ''

އެންމެފަހުން  މައްސަލަ ނިމިއްޖެ އެވެ. ޖަވާބުދާރީ ވެވުނަތީ ޖަލަށްލެވި، އަނިޔާތަކެއް ލިބޭކަށް ނުޖެހުނެވެ.   ޖޫރި މަނާވެސް މާފުވެވިއްޖެ އެވެ.  މުޅި ޕްރޮޖެކްޓުގެ މަސައްކަތް ނިމުނު ދުވަހު މަސައްކަތުގައި އުޅުނު އެންމެން އެއްކުރައްވާފައި ވިދާޅުވި އެވެ. މި މަސައްކަތް ނިމުނީ އެވެ. ކަލޭމެން ކުރެ ކޮންމެ މީހަކުވެސް އެމީހަކުބޭނުންވާކަމެއް އެމީހަކު ބުނާށެވެ.

އެކަކު ދެންނެވީ  އޭނާ އަކީ ރަށްފުށު މީހަކަށް ވާތީ، މާލޭގައި ނިދައި ފެންވަރާ ހަދަން އުނދަގޫ ވާހަކަ އެވެ. މީހުންގެ ގޭގޭގައި އުޅެން ޖެހޭވާހަކަ އެވެ.

''އާނ! ކަލެއަށް ކަލޭ ބޭނުން ތާކުން މާލޭން ގޯއްޗެއް ދީފިން''

އޭނާއަށް ދެއްވި އިނާމަކީ މި އެވެ.

އަނެކަކު ދެންނެވީ  އެގޭ ފަން ފުރާޅުން ވާރޭ ވެހޭތީ އެކަމުގެ ދަތިކަން އޮތްވާހަކަ އެވެ. އޭނާއަށް ވިދާޅުވީ  ބޮޑު އިސްޓޯރަށް ގޮސް ބޭނުންވާ ވަރަށް ޓިނާއި ފައްޗާއި ތަކެތި ނަގައިގެން  ގޭފުރާޅު ޓިނަށް ބަދަލު ކުރާށެވެ.
 
ދެންހުރި މީހާ ބުނީ އަތުކުރީ ގަޑިއެއް ނެތީމައި ގަޑިޔަށް ތަންތަނަށް ހާޒިރުވުމުގައި ދަތިކަން ފޯރާ ވާހަކަ އެވެ.

އޭނާ އަށް ނާޞިރު އެވަގުތު ތުރުކުރައްވައިގެން ހުންނެވި ގަޑިކޮޅު އަތްޕުޅުން ނައްޓަވައިލައްވާފައި ދެއްވި އެވެ.

ދެން އެއްސެވީ އަހަރެން ކުރެންނެވެ. އަހަރެން ދެންނެވީ ޗުއްޓީ އެއް ބޭނުންވާކަމަށެވެ. ''ޗުއްޓީ އޭ؟ ކަލޭ ކީއްކުރާ ޗުއްޗީއެއް؟ ދެން ވިދާޅުވީ ތިޔައީ ތިމަންނަގެ މިނިސްޓަރުންނަށް ވެސް ދެއްވާ އެއްޗެއް ނޫންކަމަށެވެ. އެކަމަކު ކަލޭއަށް ދޭނަމެވެ. އެހެން ވިދާޅުވެފައި ރައީސް ނާޞިރު ސޮއިކުރައްވައިފައި، ދެއްވި ލިޔުމުގައި އޮންނަނީ އެ އަހަރުން ފެށިގެން އަހަރެން  ސަރުކާރުގައި އުޅޭހާ ދުވަހަކު، ކޮންމެ އަހަރަކު މުސާރައާއެކު، ތިންމަސް ދުވަހުގެ ޗުއްޓީ ލިބިގެންވާކަމަށެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ