އަދުގެ ޚާއްސަ

Print

ނޫރު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

ލަހެއްނުވޭބާ އެވެ؟ ވަގުތު އެބައޮތްބާ އެވެ؟ މާދަމާ އިރުއަރާއިރު ތިމާ ދުނިޔޭގައި ހުންނާނެބާ އެވެ؟ ދުނިޔޭގެ ނިމުން އޮތީ ކިހާ ގާތުގައިބާ އެވެ؟ ބައިބޯ މީސްތަކުންގެ ތެރޭގައި، އަވަދިނެތި އަހަރުމެން އުޅުނުއިރު، ބޭކާރުވީ ކިހާ ވަގުތެއްބާ އެވެ؟ ގައިމު ވެސް، ހެޔޮ ޢަމަލެއް ނުކުރެވި ދިޔަ ދުވަސްތަކެއް ފާއިތުވެއްޖެ އެވެ. ރަޙުމަތްތެރިކަން ގެއްލުވާލެވި، ރުޅި ކޮންޓުރޯލުން ނެއްޓުނު ދުވަހެއް ވެސް ވެއަތުވެއްޖެ އެވެ. ގެއްލުނު ރަޙުމަތްތެރިޔާ ހޯދޭވަރަށް ވުރެ މީހުން ގިނަވެއްޖެ އެވެ. ދޫކޮށްލެވުނީ ހެޔޮއެދޭ މީހާ ކަމާއި، ކައިރިކުރެވުނީ މަތިއޮމާން ކޮށްފައިވާ މީހާ ކަމެއް އޭރަކު ނޭނގެ އެވެ. އެނގުނުއިރު މާ ލަސްވެއްޖެ އެވެ.

   
ހޯދަން ބޭނުންވަނީ ބާރެކެވެ. ފެންވަރު ރަނގަޅު މުދަލެވެ. ތަނަވަސްކަމެވެ. މަތީ މަޤާމެވެ. ލިބެންއެދެވެނީ މި ދުނިޔެ އެވެ. ކޮންމެ ކަމެއްގައި ވެސް ގެންގުޅެވެނީ ވިޔަފާރި އުސޫލެވެ. ދަހިވެތިކަމުން ހިތްތައް ފުރެމުންދަނީ އެވެ. އެއްޗެއް ހޯދުމަށް ކުރިމަތިލެވެނީ މަކަރާ ވެސް އެކުގަ އެވެ. އަނބުރާ ދެއްކުމުގެ ބަދަލުގައި ވިސްނެނީ ފިލާރައްކާވާނެ ގޮތެކެވެ. ދުވާލުގެ އަލީގައި ކުރެވޭ މުޢާމަލާތުތައް، ރޭގަނޑު އަނދިރިކަމުގެ ތެރޭގައި ވަޅުޖެހިގެންދެއެވެ. އަތާއިއަތްޖޯޑުކޮށް ފެށޭ ވިޔަފާރިތައް ނިމިގެންދަނީ، ޤާޟީއެއްގެ ކުރިމަތީގައި، ހަތަރުކަޅި ބައްދަލުނުކުރެވޭ ހާލުގަ އެވެ. ތިމާގެ ދަހިވެތިކަމުގެ ސަބަބުން، އަޚާގެ އަމާނާތް ހަނދާނެއް ނުހުރެއެވެ. ބައެއް މީހުންނެވެ.
   
މުއާޞަލާތުގެ ގޮތުން، އެންމެ ކުރިއަރާފައިވާ ވަސީލަތް ތިމާ އަށް އެނގެ އެވެ. ކަންފަތުގައި ޖައްސާލާނެ، އެންމެ ޒަމާނީ ފޯނުތައް، ގިނަ މީހުންގެ އަތުގައި ހުރެއެވެ. އެކަމަކު، އެންމެ ފުރަތަމަ ތިމާގެ ކަންފަތުގައި ޖެހުނު ދެ ކަލިމައިގެ މާނަ ހަނދާންހުރީ، އޭގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ވަގުތީ އުފާތައް ހޯދުމަށްޓަކައި، ދުނިޔޭގެ ޗާރޓުން އިނގިލިޖައްސާލަންވީ ތަންތަން އެނގޭ މީހުން ގިނަ އެވެ. މިސްކިތްތައް ހުރި ތަންތަން، މާލޭގެ ޗާރޓުން ވެސް ދައްކާލެވޭ މީހުން މަދުވީ ކީއްވެގެން ހެއްޔެވެ؟ އަތުން ޚަރަދު ކޮށްގެން، ތިއޭޓަރުގެ ގޮނޑިތައް ފުރާއިރު، ހިލޭސާބަހަށް ހުޅުވާލެވިފައިވާ ދޮރުތަކުގެ މަތިން ހަނދާންނެތުނީ ކީއްވެގެން ހެއްޔެވެ؟ ޝޯ ފެއްޓޭ ގަޑި އަށް އެއް ތަނަށް ވަދެވޭއިރު، އަނެއް ތަން މާދަމާ އަށް ފަސްކޮށްލެވުނީ ކީއްވެގެން ހެއްޔެވެ؟ ބައެއް މީހުންނެވެ.
   
އޮފީހުގެ ހާޒިރީ ވަރަށް މުހިންމެވެ. ސައިނުބޮއި ވެސް، ގަޑި އަށް ހާޒިރުވުމަށް އިސްކަންދެވެއެވެ. މި އަދު ލޮލަށް ނުފެންނަ ހާޒިރީ އަށް މާދަމާ ވާނެގޮތާމެދު ވިސްނާނުލެވުނީ ކީއްވެގެން ހެއްޔެވެ؟ ކުށެއް ކުރުމުން ޖޫރިމަނާ ކުރީމައި ނުވަތަ އަދަބެއް ދިނީމައި ޝަކުވާކުރެވެއެވެ. ދެރަވެއެވެ. ނުވަތަ ރުޅިއާދެވެއެވެ. އެކަމަކު، ލިބޭނެ ޖަޒާ އެނގިހުރެމެ ފާފަޔާ ދިމާލަށް ދެވެއެވެ. ހިތްހަމަޖެހިގެންހުރެ އެވެ. އަތުގައި އަލިފާންކޮޅެއް ޖެހުމުން ތެޅިގަނެވެއެވެ. ފަރުވާހޯދެއެވެ. އެހެންނަމަވެސް، އަލިފާންގަނޑަށް ފުންމާލަނީ އުފަލާއެކުގަ އެވެ.
  
 ލޯބިވެރިޔާ ނުރުހިގެން ބުނި ހުރިހާ ޖުމުލަތައް ހިތުގައި ބިންވަޅުނަގާފައި ހުރެއެވެ. ދުވަހަކު ވެސް ހަނދާނެއްނުނެތެ އެވެ. އެކަމަކު، ކެނޑިނޭޅި އިވެމުންދާ ދީނީ އިރުޝާދު ހަނދާނެއްނުހުރެ އެވެ. ކޮންމެ ރެއަކާދުވާލު، ފަސް ފަހަރު ތާޅަފިލިތަކުން ގޮވި ބަންގި އަޑެއްނީވުނެވެ. ބައެއް މީހުންނަށެވެ. އެހެން މީހަކު، ތިމާ ތަނެއްގައި ބަންދުކޮށްފި ނަމަ، އަޑުހަރުކޮށް ތިމާ ޝަކުވާކުރަމު އެވެ. އެކަމަކު، ތިމާ އަމިއްލަ އަށް ތިމާގެ ކަންފަތްތައް ބަންދުކުރެއެވެ. ލޯތައް ކަނުބަނދެއެވެ. ރުހުމުގަ އެވެ.
   
އެއްބައެއްގެ ބެންކު އެކައުންޓު ފުރެމުންދެއެވެ. ނޫން ނަމަ، އެކައުންޓަށް ޖަމާވާ ފައިސާ ގިނަވޭތޯ މަސައްކަތްކުރެވެ އެވެ. އަނެއްބަޔެއްގެ އެކައުންޓުގައި ފައިސާ ހުރިލެއް މަދުކަމުން ފިކުރުކުރެވެ އެވެ. ހަޔާތުގެ ތިޖޫރި ހުރީ ހުހަށްކަމެއް ވިސްނައެއްނުލެވެ އެވެ. ބުނެވެއެވެ. ކުށެއް ކުރެވުމުން ދެރަނުވާށެވެ. އެކަމުން ޢިބުރަތް ލިބިގަންނާށެވެ. އިޞްލާޙުވާން އާދަކުރާށެވެ. ހެޔޮކަންތައް ލައްވާފައިވަނީ ވެސް ކުށް ކުރެވޭތީ އެވެ. އަލިކަމަށްޓަކައި އަނދިރިކަން ލައްވާފައިވާ ފަދައިންނެވެ. ކުށެއް ނެތް ނަމަ، ހެޔޮކަމުގެ ބޭނުމެއް ނެތެވެ. އަނދިރިކަން ނުލެއްވި ނަމަ، އަލިކަމަށްޓަކައި އެކަކު ވެސް އިންތިޒާރުނުކުރާނެ ފަދައިންނެވެ. ކަރަންޓުދިޔުމުން އުއްބައްތިއެއްގެ ކަނި ހުޅުކޮޅެއް ތިމާ އަށް ފުދެއެވެ. އިސްލާމީ ނޫރަކީ އެންމެ އަލިގަދަ ނޫރެވެ. އެ އަލި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ބައެއް މީހުންނަށެވެ.
   
ދުނިޔެ އަކީ ހުވަފެނެކެވެ. އެ ކަން ނޭނގޭ އެކަކު ވެސް ނެތެވެ. ނިދިން ހޭލެވޭ ފަދައިން މާދަމާ ތިމާ ހޭލާނެ އެވެ. ތި ކަން ވެސް އެނގެއޭ ބުނެވިދާނެ އެވެ. އެ ވަގުތަށް ތައްޔާރުވެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އުޖާލާކުރަންވީ ދެ ދުނިޔެ އެވެ.
   
ފަތިހު ހޭލަނީ އޮފީހަށްދާށެވެ. ސްކޫލަށް ދާށެވެ. އެއީ ހިނދުކޮޅަކަށް ދެމިހުންނަ ތަންތަނެވެ. ތާއަބަދަށް ތިމާ ދާން އޮތް ގޮވައްޗަށް ދިޔުމަށް މަގުފަހިކުރުމަށްޓަކައި ހޭލަނީ ދާދި މަދު މީހެކެވެ. ކެއުމުގެ ކުރިން ޝުކުރުއަދާކުރަނީ ކިތައް މީހުން ހެއްޔެވެ؟ ގެއަކަށް ވަނުމުގެ ކުރިން ސަލާން ގޮވަނީ ކިތައް މީހުން ހެއްޔެވެ؟ ބައްދަލުވާހިނދު ސަލާމް ކުރަނީ ކިތައް މީހުން ހެއްޔެވެ؟ އަދި ވެސް ހޭއަރާކަށް ނުވޭ ހެއްޔެވެ؟ ސަހަރޯވެރި ވާކަށް ނުވޭ ހެއްޔެވެ؟ ހަނދާންކޮށްބަލާށެވެ. ދުނިޔޭގައި އިންސާފު ނެތިދާން ފަށައިފި އެވެ. ހަފަރާތުން އިވެނީ އެއް އަޑެވެ. ހަނގުރާމަ އެވެ. ނަސްލުގެ ނަމުގަ އެވެ. ޙައްޤުގެ ނަމުގަ އެވެ. ދީނުގެ ނަމުގަ އެވެ. ފެންނަނީ ބައިބައިވުންތަކެވެ. ޤައުމުތަކެވެ. ޢާއިލާތަކެވެ.
   
މިނިކަށިތަކުން ބިންގަނޑު ފުރެނީ އެވެ. ސަހަރާތައް ތޮއްޖެހެނީ އެވެ. ގޮވާންތައް ނެތިގޮސް ހަނަފަސްވަނީ އެވެ. ތަދުމަޑުކަން އާންމުވެއްޖެ އެވެ. ތެދެކެވެ. ވަޅުލާނެ މީހަކު ނެތި ގަބުރުތައް ކުނިވަނީ އެވެ. ކަފުންކޮށްފައިވާ މައްޔިތެއް ފެނުމުން ތަރަތަރަޖެހި ލޯތައް މިހާރަކު ނެތެވެ. ކުޑައިރުއްސުރެ އަނިޔާތަކަށް ތިމާ ހޭނެއެވެ. ރަޙުމުކުޑަ މަންޒަރުތަކަށް އާދަވެއެވެ. ކަތިލުމެވެ. މެރުމެވެ. ހުރިހާ ނުބައި ޢަމަލެއް އާންމުވެއްޖެ އެވެ. ބިރުފިލާއްޖެ އެވެ. ދުށުމާއި އަމިއްލަ އަށް ކުށްކުރުމަށް އެއްވެސް ޖެހިލުމެއް ނުވެއެވެ.
   
މައިންބަފައިންނަށް ކަމޭހިތުން އެއީ ހަމައެކަނި ދުލުން ބުނެލާ ބަހަކަށް ވެއްޖެ އެވެ. މުދައްރިސުންނާއި ދަންނަބޭކަލުންގެ ބަހެއްނުވިކެ އެވެ. މުސްކުޅިންނަށް އިޙުތިރާމެއް ނުކުރެއެވެ. ކުޑަކުދިންނަށް އޯގާތެރިއެއް ނުވެވެއެވެ. ކުރަން ޖެހިލުންވާ އެއް ކަމެއް ވެސް ނެތެވެ. ހަމަބުއްދި ލިބޭއިރު، ހޭބުއްދި ފިލާދެއެވެ. ތަނަވަސްކަން ބޭނުންވެއެވެ. މަސައްކަތް ކުރުމަށް ލެއްވި ދެއަތުން ފާފަކުރެވެން ފަށައެވެ. ނަފުސު ފަޚުރުވެރިވި ދެ އަތް މުރާލިކަމުން ދުރުވެއްޖެ އެވެ. މަސައްކަތެއް ނުކޮށް މަހުޖަނަކަށްވުން އާންމުވެއްޖެ އެވެ. އެއްބައެއްގެ ޖީބުތައް ފުރެނީ އެވެ. އެތައް ހާސް ބައެއް ކަރުނައޮހޮރައި، ހާލުގައިޖެހިއްޖެ އެވެ. ދުނިޔެއިން ނެތި ހިނގައްޖެ އެވެ. ސަންދޯއްޖަހައި ވަރުބަލިވެއްޖެ އެވެ. ފަސްގަނޑުމަތީގައި ޖަހާނެ މަހާނަ ހުސްވެއްޖެ ކަހަލަ އެވެ.
   
ކަށްވަޅުގެ އަނދިރިކަމެވެ. އެކަނިވެރިކަމެވެ. ދެ ލޯ މަރާލާށެވެ. އެ އަނދިރިކަން ތަސައްވުރު ކުރެވޭނެ އެވެ. އެއްކުރި މުދާތައް ކޮބައިހެއްޔެވެ؟ ހޯދި ތަނަވަސްކަން ކޮބައިހެއްޔެވެ؟ ވަގުތުޖެހުނީ އެވެ. ބެލެނީ އެންމެ ކަމަކަށެވެ. ހެޔޮ ޢަމަލަށެވެ. އެއީ ދޫކޮށްލެވުނު ޖަވާހިރެވެ. އަވާމެންދުރަށް ހެއްލުނު މީހުންނަށެވެ. ގޮތް ހުސްވެދެއެވެ. "ނަމަ" ހިތަށްއަރާނެ އެވެ. އެކަމަކު، އަލުން ފުރުޞަތެއް ނުލިބޭނެ އެވެ.
   
ދަޅަތަކަށް ނުހެއްލޭށެވެ. ޣާފިލުވެފައި ނުތިބޭށެވެ. ލޯބިވާށެވެ. ދީންދެކެ އެވެ. ދެދުނިޔޭގެ ހަމައެކަނި މަދަދުގާރަކީ އެއީ އެވެ. ވިސްނާށެވެ. ރަޙުމަތްތެރިންގެ ތެރެއިން، ހެޔޮއެދޭ މީހުން ވަކިކުރަނީ ކީއްކުރަން ހެއްޔެވެ؟ އާނއެކެވެ. ދެރަގޮތެއް ނުހަދާނެތީ އެވެ. ދީނަށް ވުރެ ވަފާތެރި ރަޙުމަތްތެރި އަކީ ކޮބައިހެއްޔެވެ؟ އެންމެންގެ އެހީ ނުފޯރާ ހިސާބަށް، އެ ރަޙުމަތްތެރިޔާ ދާނެ އެވެ. އެކުގައިވާނެ އެވެ. ތޫނު ކަށިތަކާއި ހިތާމަތަކުން ސަލާމަތްކޮށްދޭނެ އެވެ. ބިރުވެރިކަމާއި، "ބަލިތަކުން" ސަލާމަތްކޮށްދޭނެ އެވެ. ދަތުރަށް ފުރާއިރު ހިމާޔަތް ހޯދައިދޭނެ އެވެ. އެއީ، އަނދިރި މަގުތަކުގެ ނޫރެވެ. ހިތުގެ ކާނާ އެވެ. ފިނި ވަގުތުގެ ރަޖާ ފަދަ އެވެ. އަވިގަދަ ދުވަހެއްގައި ލިބޭ ފިނި ފެންފޮދެއް ފަދަ އެވެ. ދިގު ދަތުރެއްގެ ސަވާރީ ފަދަ އެވެ. މީހަކަށް ލިބިއްޖެ ނަމަ، ދެދުނިޔެ ލިބުނީ އެވެ. ގެއަކަށް ވެރިވެއްޖެ ނަމަ ތިޔާގިކަން ލިބުނީ އެވެ. އެއީ އަމާންކަމެވެ. ނަސްރެވެ. ނަސީބެވެ. ހިތުގެ އެދުން ފުރިހަމަކޮށްދެ އެވެ. ސިކުނޑި އަށް އަރާމު ލިއްބައިދެ އެވެ. ސަލާމަތްކަން ލިބެ އެވެ. ބިންމަތީގައި ކަށިތައް ވިޔަސް، މަހާނައިގައި ރެނދުއަޅާފައި ވިޔަސް، ފަސްގަނޑަށް ހަނަފަސްކަން ވެރިވިޔަސް، ކަށްވަޅުގެ ތަނަވަސްކަމަކީ އެ ނޫރެވެ.
                                   
                                            (ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ