އަދުގެ ޚާއްސަ

Print

ހުޅަނގުގެ އެންމެ ބޮޑު ޙިއްޞާ ބާޒާރު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިޖުތިމާޢީ

     

އިސްލާމީ މުޖްތަމަޢުތަކުގައި ފާޙިޝްޢަމަލުތައް ފެތުރުން


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


ނޫރުސޫރަތުގެ 19ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ  " إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآخِرَةِ وَاللَّهُ يَعْلَمُ وَأَنتُمْ لا تَعْلَمُونَ    - ހަމަކަށަވަރުން އީމާންވިމީހުންގެ ތެރޭގައި ހުތުރުކަންބޮޑުފާފައިގެ ވާހަކަ އާއި، ޢަމަލުތައް ފެތުރިގެންދިޔުމަށް ލޯބިކުރާ މީހުން ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު  އެއުރެންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

" މި އާޔަތަށް ބަލާއިރު އޭގެ މާނަ ވަރަށް ސާފެވެ. އިތުރު ތަފްސީރަކަށް، ޝަރަޙައަކަށް ބޭނުންވާނެ ކަމަކަށް ނުފެނެއެވެ. މި އާޔަތުގައި މާތްﷲ އިންޒާރުދެއްވާ ބަޔަކީ އިސްލާމީ މުޖްތަމަޢު ފާސިދުކުރަން އުޅޭމީހުންނެވެ. އިސްލާމީ މުޖްތަމަޢުގައި ބަދުއަޚްލާޤީޢަމަލުތައް ފަތުރަން އުޅޭމީހުންނެވެ. އެމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ގަދަފަދަ ޢަޛާބު ހުރިކަމުގެ ބިރުވެރި އިންޒާރެވެ. މިއީ އެފަދަ ޢަމަލުތައް ފަތުރަން ލޯބިކުރާމީހުންނަށް ހުރި އިންޒާރެވެ. ވަޢީދެވެ. ވީމާ މިފަދަޢަމަލުތައް ކުރާމީހުންނަށް އޮތް ޢަޛާބާމެދު ވިސްނާލައްވާށެވެ. އެކަމަށް ދޮރުތައް ހުޅުވާލާމީހުންނާމެދު ވިސްނަވާލައްވާށެވެ. އެފަދަ ޢަމަލުތައް ވިޔަފާރީގެ ގޮތުގައި ހިންގާމީހުންގެ ޙާލާމެދު ވިސްނަވާލައްވާށެވެ. އެފަދަޢަމަލުތަކަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަޚަބަރުތައް ފަތުރާމީހުންގެ ޙާލާމެދު ވިސްނަވާލައްވާށެވެ.

މި ސައްތަ އިން ސައްތަ އިސްލާމީ ދިވެހިރާއްޖެއާމެދު ވިސްނަވާލެއްވިންތޯއެވެ؟ މި ރާއްޖޭގައި ހަޑިހުތުރު ފާޙީޝްޢަމަލުތައް ފެތުރިފައިވާ މިންވަރާ މެދު ކޮންމެ މުސްލިމަކު ހިތާމަ ކުރާނެކަން ކަށަވަރެވެ. އެފަދަ ޢަމަލުތަކުގެ ޚަބަރުތައް ޓީވީންނާއި، ނޫސްތަކުންނާއި، ޚަބަރުފަތުރާ އެހެނިހެންވަސީލަތްތަކުން އަޅުގަނޑުމެންގެ ކަންފަތްތަކަށް އިވެމުން ނުދާ ދުވަހެއް މިހާރަކު ނާދެއެވެ. ބައެއްމީހުން މިކަމާމެދު ކަންބޮޑުވާތަނެއް ނުފެނެއެވެ. އަދި ބައެއްމީހުން ދެކޭގޮތުގައި މިއީ ކުރިއެރުމުގެ ޢަލާމާތެކެވެ. މިއީ ރަނގަޅު ފާލެކެވެ. މިފަދަ ނުބައި ފާޙިޝްޢަމަލުތައް ފެތުރެނީ ހުސްޖަގަހައަކުން ލައިފައެއްނޫނެވެ. ކޮންމެ ވެސް މީހަކު އިސްވެ ފަށަނީއެވެ. ދެން އެހެންމީހަކު އޭނާއާ ތަބާވަނީ އެވެ. ފެންނަ ބަޔަކު އެކަމާދެކޮޅު ނަހަދަނީއެވެ. މިހެންގޮސް އެކަން އާދައަކަށް ވަނީއެވެ.  ސިޔާސި މައިދާނުގައި ނަމަ އެއަށްކިޔާނީ  " ޠަބީޢީ ކުރުމެވެ " އެހެންބަހަކުން ނަމަ އެއީ ޢާންމު ޢުރުފު  ޤަބޫލުކުރާ، މީހުން ބަލައިގަންނަ އާދައިގެކަމަކަށް ހެދުމެވެ.

ކޮންމެ މުޖްތަމަޢެއްގައިވެސް ހަޑިމުޑުދާރު ފާޙިޝް ޢަމަލުތަކަށް އަރައިގަންނަބަޔަކު އުޅޭނެއެވެ. އެއްވެސް ޒަމާނެއްގައި ނަމޫނާ މުޖްތަމަޢެއް މިބިމުގައި އޮތްކަމަކަށް ނުފެނެއެވެ. ކުށްކުރުމަކީ އިންސާނާގެ ޠަބީޢަތުގައިވާ އުނިސިފައެކެވެ.  އެހެންކަމުން އިންސާނާ މި އުނިސިފައިން ސަލާމަތްވެވޭތޯ މަސައްކަތްކުރަން ޖެހޭނެއެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ  " كُلُّ ابْنِ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ -  رواه الترمذى -  ކޮންމެ އާދަމުދަރިއަކީ ގިނަގިނައިން ކުށްކުރެވޭ މީހެކެވެ. ކުށްކުރެވޭމީހުންގެ ތެރެއިން އެންމެ ރަނގަޅުމީހަކީ އެކަމަށް ދެރަވެ، އެކަމަށް ތަވްބާވާމީހާއެވެ. " މިބަސްފުޅުގެ މުރާދަކީ އެކަމާ ދުރުހެލިވެ ، އެނބުރި އެކުށް ނުކުރާމީހާއެވެ.  އެހެންކަމުން ދީން މަނާކުރާ ، ދީން އެކަމާދުރުހެލިވުމަށް އަންގާ ޢަމަލެއް ކުރެވިދާނެއެވެ.

ﷲމަނާކުރައްވާފައިވާ ޙައްދަކަށް ވެސް އަރައިގަނެވިދާނެއެވެ. މާތްﷲ ތަވްބާގެ ދޮރު ހުޅުއްވާދެއްވާފައިވަނީ މިހެންވެގެންނެވެ. ފަށްފަށްކޮށް ކުށަށް އަރައިގަންނަމީހުންނަކީ ތަވްބާވާ މީހުންނެއްނޫނެވެ.  އެހެންކަމުން މަސްއަލައަކީ މިބާވަތުގެ ބަދުއަޚްލާޤީ ފާޙިޝްޢަމަލުތައ ކުރުން އާދައަކަށް  ހެދުމެވެ. އެއީ އާދައިގެ ކަމަކަށް ހެދުމެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ޒިނޭ ސާބިތުކުރުމަށްޓަކައި 4 ހެކިން ގެ ހެކިބަހަށް ބޭނުންވެއެވެ. މިކަމާމެދު ވިސްނާލަމާތޯއެވެ؟ ހެކިބަސް ބޭނުންވަނީ ކިހިނަކުންތޯއެވެ؟ ހެކިބަސްދޭއިރު އެ 4ހެކިންނަށް އެދެމީހުން ޒިނޭކުރަނިކޮށް ރަސޫލާގެ ބަސްފުޅުގައިވާ ފަދައިން " المرود في المكحلة" " ވަނިކޮށް ފެންނަން ޖެހޭނެއެވެ. ނުވަތަ ވަޅުތެރެއަށް ދާނި ގަންބާފައިވާތަން އެ 4 ހެކިންނަށް ފެނި އެގޮތަށް ހެކިބަސް ލިބެންޖެހޭނެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއީ މުސްތަޙީލު ކަމެކެވެ. މިގޮތަށް ހެކިބަސް ލިބޭނީ މުޖްތަމަޢު ގެ ޙުރްމަތް ކަނޑައިގެން ލަދެއްޙަޔާތެއް ނެތި ޖަނަވާރުން ފަދައިން އެ ޢަމަލު ހިންގިނަމައެވެ. އެންމެންގެ ކުރިމަތީގައި ޝޯއެއް ބާއްވައިލީމައެވެ. އެހިސާބަށް ދާ އިރު އެކަން އޮންނާނީ މުޖްތަމަޢު ގައި ޢާއްމުކަމަކަށް ވެފައެވެ. ފާޙިޝްޢަމަލުތައް ފާޅުގައި ކުރުމާ ދުރުހެލިވުމަށް އިރްޝާދު ދެއްވަމުން رسول الله صلى الله عليه وسلم  ޙަދިޘްކުރައްވަނީ " كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ – رواه البخارى – ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެންނަކީ މާފުލިބިގެންވާ ބައެކެވެ. ފާޅުގައި ކަންތައްތައްކުރާމީހުން ފިޔަވައެވެ.
 
އިންސާނީ މުޖްތަމަޢުތަކުގެ ރާސްތާތަކަށް ބަލައިލާއިރު ކޮންމެ މުޖްތަމަޢަކަށް ވެސް އަގުތަކެއް ލިބިގެންވާތަން ފެނެއެވެ. އެއީ އެ މުޖްތަމަޢުތަކުގައި ދިރިއުޅޭމީހުން ޒަމާނުއްސުރެ ބަލައިގެންފައިވާ  އުސޫލުތަކެވެ. މި މަޒްމޫނަކީ އެ އަގުތަކާމެދު ވާހަކަދެއްކުމަށްޓަކައި ލިޔާމަޒްމޫނަކަށް ނުވާތީ އެވާހަކަ ފަސްކޮށްލާނަމެވެ. މި އަގުތަކަށް ބަދަލުވެސް އަންނާނެއެވެ. ނަމަވެސް ބަދަލު ނާންނާނެ އަގުތަކެއް ވެސް ހުންނާނެއެވެ. މުޖަތަމަޢުގައި ހިނގަމުންދާ ނުބައިކަމަކާމެދު ކަންފަސޭހަކޮށްލެވިއްޖެ ނަމަ އެކަން ފެތުރި އާންމުވާންފަށައިފާނެއެވެ. އެންމެފަހުން އެކަން އާދައިގެ ކަމަކަށް ބަދަލުވެދާނެއެވެ. މުޖްތަމަޢު އެކަމާ ދެކޮޅުހެދުން ހުއްޓާލަފާނެއެވެ. ނުބައިކަންތައްތައް ފެތުރެނީ މިގޮތަށެވެ.

މުޖްތަމަޢުތަކުގައި ފާޙިޝް ޢަމަލުތައް، ބަދުއަޚްލާޤީ ޢަމަލުތައް، ޒަވާޖީ ޚިޔާނާތްތައް، އެއްޖިންސުން ޖިންސީ ގުޅުންތައް ހިންގުން، ރިޝްވަތު ނެގުން، ޖުވާކުޅުން، ރާބުއިން، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އިސްލާމްދީން ޙަރާމްކުރާ ޢަމަލުތައް އިސްލާމީ މުޖްތަމަޢުތަކުގައިވެސް ހިނގައެވެ.

ނަމަވެސް ފާޅުގައެއްނޫނެވެ. ސިއްރިޔާތުގައެވެ. އެކަންކުރާމީހާ ވެސް އެއީ ނުބައިކަމެއްކަން ދަނެއެވެ. އެކަމަށް އަދަބު ކަނޑައެޅިފައިވާކަން ވެސް ދަނެއެވެ. މުޅި މުޖްތަމަޢު އެކަމާ ދެކޮޅުހަދާތީ ފާޅުގައި އެއިންކަމަކަށް އަރައިގަންނާކަށް ނުކެރެއެވެ. މީގެ ފަންސާހަކަށް އަހަރު ކުރިއަށް ބަލާ އިރު ދިވެހި މުޖްތަމަޢުގައި އަފިހުން މަސްތުވާއެއްޗެއްގެ ގޮތުގައި ބޭނުންކުރާމީހުންނަކީ މޮޔައިންނެވެ. އެފަދަމީހަކީ މުޅިމުޖްތަމަޢުން އެކަހެރިކޮށް ބާކީކޮށްލައިފާވާ މީހެކެވެ .ފާޙިޝްޢަމަލުތައް ވެސް ހިނގައެވެ. ނަމަވެސް އެކަންތައްތައް ކުރާބަޔަކު ކުރަނީ ފިލައިތިބެގެންނެވެ. މުޖުތަމަޢުގެ ނުރުހުމާއި، ދެވޭ އަދަބާ މެދު ޖެހިލުންވާތީ އެވެ.  ﷲދެކެ ބިރުގަންނާތީއެވެ.

ބާވައިލެއްވި ހުރިހާދީންތަކެއް މަނާކުރާ ފާޙިޝްއަމަލުތައް ހުޅަނގުގައި ހުއްދަކުރުމުން އެކަންތައްތައް އެމީހުންގެ ތެރޭގައި މިއަދު މިވަނީ  އާދައިގެ ކަންތައްތަކެއްކަމަށް ވެފައެވެ. މިކަންތައްތައް އާދައިގެ ކަމަކަށް ވީ އިންސާާނާގެ ޖީނަށް ވޭތުވެދިޔަ ޒަމާންތަކުގައި އައިބަދަލުތަކެއްގެ ސަބަބުންތޯއެވެ؟ ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގުން ޤާނޫނީ ގޮތުން ހުއްދަކަމެއްކަމުގައި ހެދީ އެއީ  އެކަންކުރާމީހުންގެ ނަފްސުގައި އެކަމަށް ލަންބުވާ ޖީންސް ތަކެއް ހުންނާތީ ކަމަށް ބުނެއެވެ. 
 
އިންސާނީ ޠަބީޢަތާ ވެސް ޚިލާފު ލިވާޠާއި ސިޙާޤުގެ ފާޙިޝްޢަމަލުތައް ހުއްދަކުރުމަށް ޤާނޫނުތައް ހަދައިގެން އުޅޭތާ އެތައްއަހަރުތަކެއްވެއްޖެއެވެ. މިކަމަށް ހިތްވަރުދިނުމަށްޓަކައި ރޭގަނޑާއިދުވާލު ލޮބީކުރާތާ އެތައް އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެއްބަސްވެފައިވަނީ އެންމެ 8 ޤައުމަކުންނަވެ. އޭގެތެރޭގައި ގިނައީ ޔޫރަޕްގެ ޤައުމުތަކެވެ. މިކަމަށްޓަކައި ކުރެވޭ މަސައްކަތްތައް އަދިވެސް ހުއްޓައެއްނުލައެވެ. ޝައިޠާނާގެ އަޢުވާނުން އުއްމީދުކަނޑައެއްނުލައެވެ. މިކަމަށް ބައިނަލްއަޤްވާމީ މަޤްބޫލުކަން ލިބޭތޯ ކުރާ މަސައްކަތް ހުއްޓައެއްނުލައެވެ. ޤާނޫނީގޮތުން އަދަބު ނުލިބޭކަމެއްކަމަށް ހަދަންޖެހޭނެކަމަށް  ދަޢުވާކުރަމުންނެވެ.

މިފަދަ ޙަރަކާތްތަކާއި އޮއިވަރުތަކުގެ އެންމެ ބޮޑުއަމާޒަކީ އިސްލާމީޤައުމުތަކެވެ. އެޤައުމުތަކުގެ އަޚްލާޤީ ފަންގެފިލާ ފޫއަޅުވާލުމަށެވެ. ހުޅަނގު ދަޢުވާކުރާގޮތުގައި ދީނީ ނައްޞުތަކަކީވެސް ޒަމާނާއެކު ބަދަލުވަންޖެހޭނެ އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރާގޮތުގައި ދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވަ ކަމެއް ހުއްދައެއްނުކުރެވޭނެއެވެ. ކަންތައްތައް ހުއްދަކުރުމާއި ޙަރާމްކުރުމުގެ ބާރުލިބިވޮޑިގެންވަނީ ހަމައެކަނި ﷲއަށެވެ. އެއީ އެކަލާނގެ ރަސޫލާ އަށްވެސް ދެއްވާފައިވާބާރެއް ނޫނެވެ. މާތްﷲ ޙަލާލުކުރައްވާފައިވާ އެއްޗެއް ރަސޫލާ ޙަރާމްކުރެއްވުމުން އެކަމުގެ ޢިތާބު ވަނީ ފޮނުއްވައިފައެވެ. يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ   - التحريم :1- އޭ ނަބިއްޔާއެވެ!ﷲ، ކަލޭގެފާނަށް ޙަލާލުކުރައްވާފައިވާ  ކަމެއް، ކަލޭގެފާނުގެ އަނބިއަނބުކަނބަލުންގެ ރުހުން ހޯއްދެވުމަށްޓަކައި ،ކަލޭގެފާނު ޙަރާމްކުރައްވަނީ  ކީއްވެގެންތޯއެވެ؟ އެހެންކަމުން ޒިނޭކުރުމާއި އެއްޖިންސުން ޖިންސީ ގުޅުންހިންގުމާއި ފިރިހެނުން ފިރިހެނުންނާ އިނުމާއި އަންހެނުން އަންހެނުންނާ އިނުމާއި   ބަނގުރާ ބުއިމާއި، އޮރިއާމުން އުޅުމާއި ،ޖުވާ ކުޅުން ފަދަ ޙަރާމް ކަންތައްތައް  ޤިޔާމަތާ ޖެހެންދެންވެސް އޮންނާނީ ޙަރާމްކަންތައްތަކުގެ ގޮތުގައެވެ.

އިސްލާމްދީނުގައި އަދަބު ކަނޑައަޅުއްވާ ފައިވާ ކަންތައްތައް ކުރުމުން އަދަބު ނުދިނުމަށް، އެކަންތައްތައް ކުށްވެރި ނުކުރުމަށް މުސްލިމުންނަށް  ހުޅަނގުން ގޮވައިލައެވެ. އަދި އިސްލާމީ ޤައުމުތަކުގައި މިފަދަ ޙައްދުތައް ޤާއިމުކުރާތީ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި އިސްލާމީ ޤައުމުތައް ކުށްވެރިކުރާތަންވެސް ފެނެއެވެ. ބައިނަލްއަޤްވާމީ ބައެއް ބައްދަލުވުންތަކުގައި ހުރަސް ( ނުވަތަ ސުންނިއުރަ ) ޢާންމުކޮށް ހެޔޮއަގުގައި ގަންނަން ލިބޭނެގޮތަށް ހުންނަންޖެހޭނެކަމަށް ގޮވައިލައެވެ. އެއްޖިންސުން ޖިންސީ ގުޅުން ހިންގުމަކީ ކުށެއް ނޫންކަމަށް ބުނެއެވެ. އެފަދަ ބައްދަލުވުންތަކުގައި ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެކަންކުރާމީހުން ކުރަނީ އެމީހުންގެ ހޯމޯން ގެ ސަބަބުންނެވެ. މި ހޯމޯން ތައް އުފައްދަވާ ފަރާތް މަތިވެރި ﷲ އަށް ވުރެ ބޮޑަށް އެމީހުންނަށް ޙަޤީޤަތް އެނގެނީ ބާވައެވެ. ނޭނގޭނެކަން ކަށަވަރެވެ. އިންސާނުންނަށް އަދިވެސް މި އުޅެނީ ނަރު ތެރޭގައި ކަރަންޓް ދަތުރުކުރާ ގޮތްވެސް ރަނގަޅަށް ނޭނގިގެންނެވެ. ކަރަންޓް ދަތުރު ކުރަނީ  ޕޮޒިޓިވުން ނެގެޓިވަށް ކަމެއް ނުވަތަ ނެގެޓިވުން ޕޮޒިޓިވަށް ކަމެއް އަދިވެސް ނޭނގެއެވެ. އެނގެނީ ދެކޮޅު ގުޅުމުން ކަރަންޓް އަންނަކަމެވެ. އެއްދުވަސް ވަރެއްގައި ސައެންޓިސްޓުން ބުނީ އެޓަމަށް ވުރެ ކުޑައެއްޗެއް ނެތެވެ. އެކަމަކު ފަހުން ބުނީ އެޓަމްގައި ނިޔުކްލިއަސް އާއި އިލެކްޓްރޯނާއި ޕްރޮޓޯން ފަދަ ކުދިކުދި ބައިތަކެއް އެ ބަހުރި ކަމެވެ. މިހާރު އަދި އެއަށްވުރެވެސް ކުދި އެތިއެތިކޮޅު އެޓަމްގައި ހުރިކަން އެނގިއްޖެއެވެ. ކީރިތިޤުރްއާނުގައި މިވާހަކަވެސް ވަރަށް އިޖްމާލީގޮތަކަށް އެބައޮތެވެ.

އެންމެ ޙައިރާންވާން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ފާޙިޝްޢަމަލުތައް ފަތުރަން ގޮވައިލަމުންދާއިރު، އަޅުގަނޑުމެންގެ ޒަވާޖީޙަޔާތް ރޫޅާލާން އުޅޭއިރު، އަޅުގަނޑުމެންގެ ޢާއިލީ ހަރިއްމަ ތަޅާލަން އުޅޭއިރު، ހުޅަނގުގައި މި އަދު އަލުން މި ރިވެތި އަގުތަކާ ބެހޭގޮތުން ވާހަކަދައްކާތީއެވެ. ޢާއިލާގެ ގިޔުގަނޑުގެ ތެރޭގައި ދަރިންހޯދަންވެއްޖެކަމަށް ގޮވައިލާތީއެވެ. އެމީހުންނަށް މިއަދު އެވަނީ މިއަގުތަކާ ޚިލާފުވުމުގެ ހިތިކަން ފެނިފައެވެ.

(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ