އަދުގެ ޚާއްސަ

Print

އައްސުލްޠާން އިބުރާހީމް އިސްކަންދަރު

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


 ޝާކިރު

އައްސުލްޠާން އިބުރާހީމް އިސްކަންދަަރު ރަސްގެފާނަކީ، މި ދީނާ މި ގައުމާ ހުރެ ޝަހީދުވެ ވަޑައިގެންނެވި އަގުހުރި ދިވެހި ދަރިއެއްގެ ލޭފޮދުން ދެމިގެން އައި ދަރިކޮޅަކުން އުފެދިވަޑައިގެންނެވި އަގުހުރި ދިވެހި ބައްޕަކަށް އުފަންވެ ވަޑައިގެންނެވި ފިސާރިކެރޭ ދިވެހި ފިރިހެން ދަރިއެކެވެ. އެ ރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުންގެ ޝަހީދު  ޢަލީ ޚަޠީބު ތަކުރުފާނުގެ މަރިޔަމް ކަނބައިދި ކިލެގެ ގެ ދަރިކަބަލުން އައިމިނާ މާވާކިލެގެ ގެ އަގުހުރި ދަރިކަލުން ކަޅުތުއްކަލާއަށް، ފަހުން އައްސުލްޠާން މުހަންމަދު ޢިމާދުއްދީން އަށް ބައްޕަ ވިދާޅުވާ ބޭފުޅެކެވެ.

އިސްކަންދަރު މަހާ ރަދުން އުފަންވެ ވަޑައިގެންނެވީ 1041 ވަނަ އަހަރުއެވެ. އެއީ، ދިވެހި ޝާހީ ލެއިން އުފެދިގެން އައި، ޝާހީ ޚާންދާނުގެ ފަޚުރެއްކަމުގައިވި އަދި ކީއްތޯއެވެ. މުޅި ދިވެހި އުންމަތުގެ ފަޚުރެއް ކަމުގައިވި ބޭފުޅެކެވެ. މި ރަދުންނަކީ ދިވެހި ތާރީޚުގައި ރަސްކަލަކު އެންމެ ފުރަތަމަ އިސްކަންދަރުގެ ލަޤަބު ބޭނުންކުރެއްވި ރަދުންނެވެ.

މި ރަދުންނަކީ އިސްކޮޅުފުޅު ދިގު ގައިގެ ކުލަ ދޮން ހެދިހުރި ސަމައްތަރު ހެޔޮ އެޒަމާނުގައި އެފަދަ އަނެކަކުނެތް ފަދަ ހިތްވަރުފުޅު ގަދަ ވިސްނުންފުޅު ތޫނު ޙިކުމަތްތެރި ކޯފާމަޑު ކެތްތެރި ބޭފުޅެކެވެ. ރައިއްޔަތުންގެ ރުހުމާއި ލޯބިލިބިވަޑައިގެން ހުންނެވި ރަސްކަލެކެވެ.

އިސްކަންދަރު ރަސްގެފާނަކީ، ޢިލްމުވެރި ޢިލްމު ފަތުރުއްވަން ނުހަނު ގިނަގުނަ މަސައްކަތްތަކެއްކުރެއްވި ޢިލްމުވެރިންނަށް ކަމޭ ހިތްތެވި ރައިއްޔަތުންނަށް އޯގާވެރި ރަސްކަލެކެވެ. އިސްކަންދަރު ރަދުންނަކީ އެ ޒަމާނުގައި ހެވިކަމުގައި އަރާހުންނެވި މުދައްރިބެކެވެ. މީހުނަށް ކަނޑިއާއި ބަޑީގެ ހެވިކަމާއި ދުނި އުކުމާއި އޮޅުލަން ދަސްކޮސްދެއްވި އިސް އެދުރު ބޭކަލެކެވެ. މީހުންކުރާ ރަނގަޅު ކަންތައް ބަލައިގަނެ އެކަންކަމަށް ތަޢުރީފުކުރައްވާ މީހުނަށް ރަނގަޅު މަގަށް ހިތްވަރުދެއްވައި ރާއްޖޭގެ އާދަކާދަތައް އުފައްދަވައި، ވެރިކަން ހިންގުމުގެ ކަންކަމުގައި މީހުންގެ ލަފައާއި މަޝްވަރާ ހޯއްދަވާ އެކަންކަން ގަބޫލުކުރެއްވި މެނޭޖަރެކެވެ.

އިސްކަންދަރު ރަދުންގެ ޒަމާނަކީ ދިވެހިން ދުށް ރަންޒަމާންތަކުގެ ތެރެއިން އެންމެ އުޖާލާ އެއްޒަމާނެވެ. ޢުމްރާނީގޮތުންނާއި ތަހުޒީބާއި ތަރައްޤީގެ މަގުގައި އަދި ކީއްތޯއެވެ. ޢިލްމުވެރިކަމުގެ ރޮނގުންވެސް އެއިން ޒަމާނެއްގައިވެސް ދިވެހިން ނުދެކޭފަދަ ކުރިއެރުން ލިބިފައިވާ ދުވަސް ވަރެކެވެ. ފަގީރެއް މުއްސަންޖެއް ނެތި އެންމެން އެއްވަރަށް އުފާ ހިއްސާކުރި ޒަމާނެކެވެ. ރައްޓެއްސެއް ބީރައްޓެއްސެއްނެތި އެންމެން އެއްވަރަށް ހިނިތުންވެތިބި ޒަމާނެކެވެ. ދޭސީ ބިދޭސީ ފަރުދޭސީން އަތާއަތްގުޅައިގެން ތިބެ އުފާ ފާޅުކުރަމުންދިއަ ދުވަސްވަރެކެވެ.

އަޅުގަނޑު މިއަދު ބަލައިލަން ގަސްދުކޮށްފައިވަނީ އިސްކަންދަރު ރަދުންގެ ގައިކޮޅުގައި ހުރި މި ދެންނެވި އެންމެހާ ރަނގަޅު ސިފަތަކަކަށް ނޫނެވެ. ނޫނީ އެރަދުންގެ ރަސްކަމުގަ ރާއްޖެ ހޯދި ޢުމްރާނީ ތަރައްގީ އަކަށްވެސް ނޫނެވެ. ޢިލްމީ ކުރިއެރުމާ އިގުތިޞާދީ ފުއްދުންތެރިކަމުގެ މައްޗކަށްވެސް ނޫނެވެ.

އަޅުގަނޑު މި އަދު ބަލާލަން ގަސްދުކުރަނީ އިސްކަންދަރު މަހާރަދުން ދިވެހި ލަސްކަރުގެ ކޮމާންޑަރ އިން ޗީފް ގެ މަގާމުގައި ހުންނަވައިގެން ދިވެހި ގައުމަށް ހޯއްދަަވާ ދެއްވާފައިވާ ނަސްރުގެ މައްޗަށެވެ. ޚުދު އެރަދުން ހަނގުރާމައިގެ ލަސްކަރުގައި ބައިވެރިވެ ވަޑައިގެން ހުންނަވައިގެން ކުރައްވާފައިވާ ހަނގުރާމަތަކުގައި ހޯއްދަވާފައިވާ ނަޞްރުގެ މައްޗަށެވެ. ދިމާވެދާނެ ކޮންމެ ނުރައްކަލަކާ ކުރިމަތިލެއްވުމަށް ކެރިހުންނަވައިގެން ދިވެހިންނަށް ހޯއްދަވާ ދެއްވާފައިވާ މިނިވަން ކަމުގެ މައްޗަށެވެ. ކަނޑުއްވާ ލައްވާފައިވާ ޖިޒީ ތަކުގެ މައްޗަށެވެ. އެތަކެއް ގަރުނުތަކެއްގައި ދިވެހިން ބިރުގަންނަވައި، ދިވެހިން ފޭރެމުން އައި ބޭރުގެ ބާރުތައް ސިއްސުވާލާ އިދަ ޖައްސުވާލާ ގިއްގަޅުވާ ލެއްވިގޮތުގެ މައްޗަށެވެ.

ދިވެހި ތާރީޚުން ފެންނަން އޮތްގޮތުން ބުރަކިރަނިންނާއި ކަޅު މުޙަންމަދު މަނިކުފާނުގެ ލޯބިގެ ކުޅިގަނޑުގެ ތެރެއިން ކަޅުމުހަންމަދު މަނިކުފާނަށް ރަސްކަން ހޯދާ ދެއްވުމަށްޓަކައި ނޫނީ ބުރަކިރަނިން ރަސްކަމުގެ ސަންދާނަށް ހުރި ދަހިވެތިކަމެއްގައި ގޯވާގައި ހުންނަ ޕޯޗްގީޒް ވައިސްރޯ އަށް ދިވެހި ރާއްޖޭގެ އަމްދަނީގެބޮޑު ބައެއް ދެއްވުމަށް ވަޢުދުވެ ވަޑައިގެން ޕޯޗްގީޒް ގުރާބެއްގައި ވަޑައިގެން އޭނާގެ ކޮއްކޯފުޅު ދޮންބުޅާ ފާށަނާކިލެގެ ޝަހީދުކޮށް ވެރިކަން އަތުލެއްވިކަން ސާބިތުވެއެވެ. އަދި ބުރަކިރަނިންނާއި އެކަމަނާގެ ލޯބިވެރިޔާ އަދި ފިރިކަލުން ރަސްކަމަށް އަތްގަދަކުރެއްވުމުން ދެންކަންތައް ހިނގާ ދިއަގޮތާއި ކަޅު މުޙަންމަދު މަނިކުފާނު، އައްސުލްޠާން މުހަންމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން ތިންވަނަ ފަހަރަށް ރާއްޖޭގެ ރަސްކަން ހޯއްދެވުމަށްޓަކައި 918 ހ ވަނަ އަހަރު މަލާބާރުކަރައަށް ވަޑައިގެން މިނިވަންކަމަށްވުރެ އަޅުވެތިކަން އިސްކުރައްވައި ކަންނަންނޫރު ޢަލީ ރާޖާއަށް ޖިޒީދީގެން ދިވެހިރާއްޖޭގެ ރަސްކަމުގައި ހުރުމަށް ރުހި ގަބޫލުވެގެން އަލީ ރާޖާގެ ނައުފަހަރުގައި އަމިއްލަ ގައުމާ ހަނގުރާމައަށް ވަޑައިގަންނަވަނިކޮށް ކަނޑުމަތިން ޕޯޗްގީޒުންގެ ނައުތަކަކާއި ދިމާވެ އެމީހުންގެ ދަށަށް އަލީ ރާޖާގެ ހަގުރާމަތީ ނައުފަހަރުގޮސް އެދެބައިމީހުންގެ މެދުގައި ރާއްޖޭގެ ފައިދާބެހެވި އެއްބަސްވުމަކަށް އާދެވިގެން އެ ދެބައިމީހުން ގޮވައިގެން ކަޅުމުހަންމަދު ރަސްގެފާނު ވަޑައިގެން ރާއްޖެއާތޮޅެ ހަނގުރާމަކޮށް އައްސުލްޠާނު ޢަލީ (ފަސްވަނަ) ސިރީ އާނާންދަ މަހާރަދުންގެ އަތްޕުޅުން ވެރިކަން ފޭރިގަތް ގޮތުގެ ވާހަކަތަކަކީ ތާރީޚީ މުހިންމު ވާޤިޢާ ތަކެކެވެ.

އައްސުލްޠާން މުޙަންމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ކާފަ ދަރިކަލުން އައްސުލްޠާނު ޙަސަން (ނުވަ ވަނަ) ސިރީ ދިރި ކުސަ ލޯކަ މަހާރަދުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އައްސުލްޠާނު މުޙަންމަދު ސިރީ ސިންގާ ބަވަނަ މަހާރަދުން ޤަތުލުކޮށް ރަސްކަން ފޭރިގަނެ ރަސްކަމަށް އިސްވެ ވަޑައިގެން ފާޅުކުރެއްވި ޢައްޔާޝީ ދިރިއުޅުއްވުމުގެ ވާހަކައާއި އަދި އެންމެފަހުން އޭނާއަށް ހުންނެވުނު މި މާތް އިސްލާމް ދީންވެސް ކަމުނުގޮސްގެން ރާއްޖެ ދޫކުރައްވައި ކޮއްޗެއަށް ވަޑައިގެން ޢީސާއީ ދީނުގެ މަޝްހޫރު ފާދިރީ ސެންޓް ފްރެޝިސް ސޭވިއަރ ގެއަތްމައްޗަށް ޢީސާއީ ދީނަށް ވަންނަވާ އެއަށްފަހު ގޯވާއަށް ވަޑައިގެން އެރަށުން ޢީސާއީ މާތް މަތިކޮޅެއްގެ ދޮން ފަރަންޖީ އަންހެނަކާ ކައިވެނިކޮށް، އެވަރުންވެސް ހިތްޕުޅު ހަމަޖެހި ވަޑައިނުގެން ދިވެހިން ނަޞާރާކުރުމަށާއި ދިވެހި ރާއްޖެގެ ރަސްކަމަށް ދަހިވެތިވީލެއް ބޮޑުކަމުން ދިވެހި ރާއްޖޭގެ އާމްދަނީގެ އެތައްބައިކުޅަ އެއްބައި ޕޯޗްގީޒުގެ ވެރިންނަށް ދެއްވުމަށް ވަޢުދުވެ ވަޑައިގެން ޕޯޗްގީޒްގެ ހަނގުރާމަމަތީ ބޮޑެތި ފްލީޓްތައް ފޮނުއްވައިގެން ރާއްޖެއާއި ދެކޮޅަށް ކުރެއްވި ބޮޑެތި ހަގުރާމަތަކުގެ ވާހަކަތަކަކީ ދިވެހި ތާރީޚުގެ ތެރެއިން ކިޔާހިތްވާ ނުހަނު ދިލްޗަޝްޕް ވާހަކަތަކެކެވެ.

ނުވަވަނަ ޙަސަން ރަސްގެފާނަށް ނުކުރެއްވުނު ކަންތައް ކުރެއްވުމަށް އޭނާގެ ކާފަ ދެ ދަރިކަލުން ކަމަށްވާ ދޮން ލަ ވީޒް އާއި ދޮން މާ ލަ ވީޒް އާ ދެބެން 1059 ވަނަ އަހަރު ޕޯޗްގީޒްގެ ކަނޑުމަތީގެ ބޮޑު ފްލީޓެއްގައި ރާއްޖެ ހިފަން އަތުވެއް ޖެއެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ރެދަލިކުރައްވަމުން ގެންދަވަނީ އަޅުގަނޑުގެ މިއަދުގެ ބަޠަލް އިސްކަންދަރު ރަދުންނެވެ. އިސްކަންދަރު ރަސްގެ ފާނުގެ ގާއިދު ކަމުގައި މިކުރެވުނު ފުރަތަމަ ހަނގުރާމައިގައި ﷲ ގެ މަތިވެރި ނަޞްރު ދިވެހިނާ ދިމާއަށް ހިނިތުންވެގެން އައީ މާކަ ބޮޑު އުދަގުލަކާއި ނުލައެވެ. މިހަނގުރާމައިގައި ދޮން ލަ ވީޒް މަރުވެ ދޮން މާ ލަވީޒް އަށްވެސް ބޮޑެތި އަނިޔާތަކެއްވެ، ޕޯޗްގީޒްގެ ފްލީޓް ބަލިވެގެން އެނބުރި ގޯވާއަށް ހިނގައްޖެއެވެ.

ދޮން ލަ ވީޒް އާއި ދޮން މާ ލަވީޒް އިސްވެ ތިބިގެން ޕޯޗްގީޒުން ދިވެހިންނާއި މިކުރި ނާކާމިޔާބު ހަގުރާމައިން ހަމަ އެކަނި ޕޯޗްގީޒުމީހުން ދިވެހި ލަސްކަރުގެ އަތުން ބަލިވުމުގެ ލަދުވެތިކަމާއި ކުރިމަތި ލާންޖެހުމުގެ އިތުރުން މިހަގުރާމައަށްފަހު އެމީހުންނަށް ކޮށި ދަނޑު ގެއްލި މަރިޔަބުވެސް ގެއްލުނީއެވެ. އާދެ، އެހާތަނާޖެހެންދެން ދިވެހިން ޕޯޗްގީޒްއަށާއި ކަންނަންނޫރު އަލީރާޖާގެ އަޅުވެތިކަން ގަބޫލުކޮށްގެން ދެމުން އައި ޖިޒީ ފިސާރި ކެރިހުންނަވައިގެން އިސްކަންދަރު ރަސްގެފާނު ކަޑާލެއްވީއެވެ. ދެއްވުން ހުއްޓާލެއްވީއެވެ. އަމިއްލަ މިނިވަންކަން އިޢުލާންކުރެއްވީއެވެ. ދިވެހިންގެ ކެރި ފޯރުންތެރިކަން ހާމަކުރެއްވީއެވެ. ނަތީޖާއަކަށްވީ ޕޯޗްގީޒު ބަލި ގަބޫލުކޮށްގެން ތިބުމެވެ. އަދި އެއަށްފަހު ޕޯޗްގީޒު ދިވެހިންނާއި ތޮޅެ ހަނގުރާމަކޮށް ދިވެހި ކަނޑުތަކުގެ އަޑީގައި ވަޅުލެވުމަށް ކަފުން ބަދެގެން ދަތުރުހަދައިގެން އައިސް އެމީހުންގެ އަނބިން ހުވަފަތްކޮށް ދަރިން ޔަތީމުކުރަން ދިވެހިންނާއި ކުރިމަތިލުން ހުއްޓާލުމެވެ.

ދަހިވެތި ކަންނަންނޫރު އަލީ ރާޖާ  އުނުފޮށައިން އިތުރު އެއްދަރުޖަހައި ކަންނަންނޫރުގެ ގަދަފަދަ ކިއްލާތެރޭ ފިލާހުރެގެން އޭނާގެ ނިކަމެތި މަލާބާރު ސިފައިންގެ ބޮޑު ފްލީޓެއް ގުރާބުތައް ފުރެންދެން ހަތިޔާރުލާ ބަރާކޮށްފައި ދިވެހިންނާއި ތޮޅެ މަރުވުމަށް ނޫނީ ދިވެހިންނަށް ބިރު ދައްކާ ރަށްރަށް ލޫޓުވާ މީހުން ފޭރުމަށް ފޮނުވިއެވެ. އެމީހުންގެ މަޤުޞަދަކަށްވީ ބޯހަރު ދިވެހިންނަށް ބޮޑުއަދަބުން އަދަބުދިނުމެވެ. އަލީ ރާޖާގެ މި ބޮޑު ލަސްކަރު ރާއްޖެ ވަން ޚަބަރު ލިބިވަޑައިގަތުމާއެކު އިސްކަންދަރު ރަސްގެފާނު ޚުދު ރަދުން ލަސްކަރުގައި ހިމެނިވަޑައިގެން މިޒަމާނުގެ ބަހުރުވައިން ބުނެއުޅޭ ލީޑް ބައި އެގްޒާމްޕަލް އިޢުލާންކުރައްވަމުން ދިވެހި ލަސްކަރުގޮވައިގެން ވަޑައިގެން މަލާބާރުގެ ހަނގުރާމަވެރި ފްލީޓްއާއި ބައްދަލުކޮށް ހަގުރާމަ ފެއްޓުމުން އެމީހުން ބަލިވެ ފިލައިގެން ދިއައީއެވެ.

މި ބަލިވި ބަލިވުމަކުން ކަންނަންނޫރު އަލީ ރާޖާ ބަލި ގަބޫލުކުރާގޮތެއްނުވިއެވެ. ދެވަނަ ފަހަރަށްވެސް އަލީ ރާޖާ ހަރުގައި ފިލާހުރެފައި މަލާބާރުގެ ހަނގުރާމަވެރިން ރާއްޖެއާ ތޮޅެ ދިވެހިންނަށް ބިރުދައްކާ ރަށްރަށް ލޫޓުވާ މީހުން ފޭރުމަށް ފޮނުއްވިއެވެ. މިފަހަރުވެސް އިސްކަންދަރު ރަސްގެފާނު ފޮނުއްވި ލަސްކަރުގޮސް ހަނގުރާމަފެށުމުން ފިނޑި މަލާބާރީން ބިރުން ފިލައިގެން ދިއައީއެވެ. ދެ ބަލިވުމަކުންވެސް އަލީރާޖާއަކަށް އިބުރަތެއް ޙާސިލްއެއް ނުކުރެވުނެވެ. ބަލި ގަބޫލެއް ނުކުރެވުނެވެ. އެމީހުންގެ ދުއްތުރާތަކަކުން ރާއްޖެއަކަށް ސަލާމަތެއް ނުވެވުނެވެ. އަލީ ރާޖާ ދޭތެރެ ދޭތެރެއިން މަލާބާރުންގެ ފްލީޓްތައް ފޮނުވައި ދިވެހިންނަށް ބިރުދައްކައި ރަށްރަށް ލޫޓުވުން ހުއްޓުމަކަށް ނުގެނައެވެ. 

ދިވެހިންނަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ ބައެކެވެ. ހަމަނުޖެހުމާއި ހަނގުރާމައާ ތަޅާފޮޅުމަށް ލޯބިކުރާ ބައެއް ނޫނެވެ. ޢަމުދުން އިސްކަންދަރު ރަސްގެފާނު ގައިކޮޅުގައި މިދެންނެވި ސިފަ އެއްގޮތަަކަށްވެސް އެކުވެފައެއް ނުވެއެވެ. އެހެންނަމަވެސް، އެންމެފަހުން އިސްކަންދަރު ރަސްގެފާނަށް ޖެހިވަޑައިގަތީ މަލާބާރުންގެ ދުއްތުރާތަކަށް ހުއްޓުވުމެއް ގެނައުމަށްޓަކައި ކަންނަންނޫރު އަލީ ރަޖާއަށް ފިލާވަޅެއް އުގަންނާދޭށެވެ. މިކަމަށްޓަކައި އިސްކަންދަރު ރަސްގެފާނު، އެރަދުންގެ ހަނގުރާމަވެރިންގެ ލަސްކަރެއް ތައްޔާރުކުރައްވާ އަލީރާޖާއާ ހަނގުރާމައަށް ފޮނުއްވީއެވެ. މި ލަސްކަރުގެ މީހުންގޮސް "ދީވަންދުރޯ ގެ ރަށްރަށަށް ކަނޑި ބަޑި ހިފައިގެން ފައިބައި އެތާގެ އަހުލުވެރިން ބިރުގަންނަވައި އެތާގައި ތިބި އަލީ ރާޖާގެ ލަސްކަރީން ފައްސައި މީހުންގެ މުދައު ފޭރި ގޭގެ އަންދައި އަލީ ރާޖާގެ ލަސްކަރީން ދިވެހި ރާއްޖެއައިސް ކަންތައްކުރާ ފަދައިން އެމީހުން އެތާގައި ކުރާނެހާ ކަމެއްކޮށްފައި ނަޞްރުލިބިގެން" މާލެ އަތުވެއްޖެއެވެ. އިސްކަންދަރު ރަސްގެފާނު މި ހޯއްދެވި މަތިވެރި ނަސްރައްފަހު އަލީ ރާޖާގެ އަތްދަށުގައި އޮތް މަލިކަށް ލަސްކަރު ފޮނުއްވައި މަލިކުގެ ވެރިން ހައްޔަރުކުރައްވައިގެން މާލެގެންެނަވައި ''އެތައް ދުވަހަކު މާލޭގައި ބޭތިއްބެވުމަށްފަހު މަލިކުގެ ވެރީން ރަށަށް ފޮނުއްވެވީ މަލިކުން ދިވެހި ރާއްޖޭގެ ރަދުންނަށް އަހަރަކު ބާރަ ލާރިމަގުން ވާރުދިނުމަށް ޤަރާރު ކުރައްވާފައެވެ."

އަޅުގަނޑު މި މަޒުމޫނު ލިޔަމުން ދިއައިރު އިސްކަންދަރު ރަސްގެފާނާއި އެހެން ރަސްރަސް ކައުކަލުން ހަނގުރާމާގައި އަމަލުކުރައްވާފައި ވަނިކޮށް ފެނުނުއެންމެ ބޮޑު ތަފާތަކީ އިސްކަންދަރު ރަސްގެފާނު އޭނާ ކުރެއްވި އެއްވެސް ހަނގުރާމައެއްގައި ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފަ ނެތުމެވެ. އަމިއްލަ ނަފުސަށް ކުރެއްވި އިއުތިމާދާއި ޔަގީންކަމާއި އޭނާގެ ލަސްކަރަށް ކުރެއްވި ބޮޑު އިތުބާރާއި ދެއްވި ޔަގީން ކަމެވެ. އިސްކަންދަރު ރަސްގެފާނު އޭނާގެ ލަސްކަރު ތަމްރީކުރެއްވުމަށް ކުރައްވާފައިވާ މަތިވެރި މަސައްކަތްޕުޅެވެ. އެ ރަދުންނާއި ރަދުންގެ ލަސްކަރާއި ދެމެދު އުފައްދަވާފައި އޮތް ގާތްގުޅުމެވެ.

# އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗްގީޒުމީހުންނާއި ކުރެއްވި ހަނގުރާމައިގައި މާލެއަށް އަރާވަޑައިގަންނަވަން ވީވަގުތު ކަންނަންނޫރު އަލީ ރަޖާގެ އަސްކަރީ މަދަދަށް އެދިވަޑައިގަތެވެ. އަދި މާލެ އަރައިވަޑައިގަތީ އެތަކުރުފާނާއެކު ޢަލީ ރާޖާ ފޮނުއްވި މަލާބާރީ ލަސްކަރު ގޮވައިގެންނެވެ.

# އައްސުލްޠާން އަލްޢާޒީ ހަސަން އިއްޒައްދީނު ދޮންބަންޑާރައިން ކަނައްކަފޫޅު މަރުއްވައި މަލަބާރު ހޮޅިން އަތުން ރާއްޖެ  ސަލާމަތްކުރައްވައި ރާއްޖޭގެ ދިފާޢުގައި ފަރަންސޭސި ހަނގުރާމަވެރިންގެ ބަޔަކު ކުއްޔަށް ހިއްޕަވައި މާލޭގައި ނާނޭ ބުރުޒުގައި ބޭތިއްބެވިއެވެ.

# 1988 ނޮވެމްބަރ 03 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ސިލޯނުގެ ތަމަޅަ ޓެރަރިސްޓް ބަޔަކާއި ބައިވެރިވެގެން އައިސް ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ހިންގި އުދުވާނުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އިންޑިއާއިން ޢަސްކަރީ އެހީ ހޯއްދެވިެއެވެ.

އިސްކަންދަރު ރަސްގެފާނަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ޣާޒީގެ ލަޤަބު އެރުން ޙައްޤު ރަސްކަލެކެވެ. އަޅުގަނޑު އިސްކަންދަރު ރަސްގެފާނަށް ޣާޒީގެ ޢިއްޒަތްތެރި ލަޤަބު އަރުވަމެވެ. އެ ރަދުންނަށް ސެލިއުޓް ކުރަމެވެ. އެއީ، ދިވެހިންގެ ތެރެއިން ޣާޒީގެ ލަގަބު އެރުވިފައިވާ މަދު ބޭފުޅުންގެ ލިސްޓަށް އިތުރުވެގެންދާނޭ ނަންފުޅެކެވެ. އެއީ، އައްސުލްޠާނު އަލްޣާޒީ އިބުރާހީމް އިސްކަންދަރު ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނެވެ. އެއީ، މި ރާއްޖޭގެ ތާރީޚުން ނަންއެނގޭ 67 ވަނަ ރަސްގެފާނެވެ. އައްސުލްޠާން އަލްޣާޒީ އިބުރާހީމް އިސްކަންދަރު ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ރަސްކަންކުރެއްވީ 1648 މ އިން 1687 މ އަށެވެ. އިސްކަންދަރު ރަސްގެފާނު އަވާހަރަވީ ނޫނީ ޝަހީދު ކުޅައީ 1098 ހ. ޖުމާދިލްއާޚިރު 15 ވީ ހުކުރު ވިލޭރެއެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގައެވެ. "ބަހުގައި ބުނެވެޔޭ އެމަނިކުފާނުންގެ ދަރިކަލުންގެ މައި މަރިޔަމް ކަބާފާނު އެ ރަސްގެފާނު އަލާސްކަންފުޅުގައި އޮންނަވަނިކޮށް ވިހަޔެއް ލާފައިހުރި ޝަރުބަތެއް ހިއްޕަވާން އެރުވީއެވެ."

އިސްކަންދަރު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ 1058 ހ. ގައެވެ. އިސްކަންދަރު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގެން ކަމަށް ތަންޤީޙު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ގައި މުޙަންމަދު އަމީންބަޔާން ކުރައްވަނީ "އޭރު ޢުމުރުފުޅުން އޮތީ 18 އަހަރު ފުޅަށެވެ". ދިވެހި ތާރީޚު ފޮތުގައި ވަނީ "މި ރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު އުމުރުފުޅުން އަށާވީސް އަހަރު ފުޅެވެ. ރަސްކަން ކުރެއްވީ 39 އަހަރާ 6 މަހާ  10 ދުވަހުއެވެ". (އަޅުގަނޑު މި މަޒުމޫނުގައި އިސްކަންދަރު ރަސްގެފާނު އުފަންވެ ވަޑައިގެން އަހަރަކީ 1041 ހ. ކަމަށް ނިންމާފައިވަނީ މުހަންމަދު އަމީނުގެ ލިޔުއްވުމަށް ބަލައިގެން އޭރު އެރަދުންގެ އުމުރުފުޅުން ފުރާފުރިހަމަވެފައި ވާނީ 17 އަހަރުކަމަށް ބަލައި، ރަސްކަމަށް އިސްވެ ވަޑައިގެންނެވި ތާރީޚުން 17 އަހަރު އުނިކޮށްގެންނެވެ. ދިވެހި ތާރީޚު ފޮތުގައި އޮތްގޮތަށް 28 އަހަރު ކަމަށް ބަލާނަމަ އިސްކަންދަރު ރަސްގެފާނު ދުނިޔެއަށް އުފަންވެ ވަޑައިގެންފަވާނީ 1030 ހ. ވަނަ އަހަރުއެވެ).

އިސްކަންދަރު ރަސްގެފާނު ކުރައްވާފަހުރި ހަނގުރާމަތަކާއި އެ ރަދުންގެ އަމަލުފުޅުތަކާ މެދު މިއަދު އަޅުގަނޑުމެންގެ ސިފައިން ވިސްނައި ދިރާސާ ކުރަންޖެހެއެވެ. ގެންގުޅުއްވާފައިވާ ސްޓްރެޓަޖީތަކާއި މެދު ވިސްނައި ފިކުރުކޮށް ފިލާވަޅުތަކެއް ތައްޔާރުކޮށް މިއަދު ޢަސްކަރީ ދަރިވަރުންގެ ކޯސް ސިލަބަސްތެރޭގައި ހިމަނަން ފެނެއެވެ. ހަމައެކަނި އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި ހިނގާފައިވާ ހަނގުރާމަތަކެއް ނޫނެވެ. ދިވެހި ތާރީޚުން ފެންނަން ހުރި ދިވެހިން އެހަގުރާމައެއް ކޮށްފައިވާ ކޮންމެ ހަގުރާމައަކާ ގުޅޭގޮތުން މިދެންނެވިފަދަ ހޯދުންތަކެއް ހޯދާ މިޒަމާނުގެ ވިސްނުމަކުން ވިސްނައި ދިރާސާކުރަން އެބަޖެހެއެވެ. ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ. ބުނެއުޅޭ ދިވެހި ބޯދާ ބަހެއްވެއެވެ. އެބަހުން ޢިބުރަތް ޙާޞިލުކުރަން ޖެހެއެވެ. މާދަމާ ދިމާވެދާނެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެންގެ މާހައުލު އަޅުގަނޑުމެންގެ ޓަރޭން އެންމެ ރަނގަޅަށް ދަންނަބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެއެވެ.
އަޅުގަނޑުގެ ހިތުގެ ޚާލިސް ހެޔޮ ދުޢާވަނީ އަމަން ބަލަހައްޓާ ބާރުތަކާއެކުގައެވެ. ކުރިއަށް ދިވެހި ގައުމު! ކުރިއަށް ދިވެހި ސިފައިން!

                                       (ނިމުނީ)

މަޢުލޫމާތު އެއްކުރީ:

ދިވެހި ތާރީޚު    - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު        - މުޙަންމަދު އަމީނު.

@ މި މަޒުމޫނަކީ، އެމް.އެން.ޑީ.އެފް.ގެ މީޑިއާ އެންޑް ޕަބްލިޝިންގ ސާވީސް، އިންޓެގްރޭޓެޑް ހެޑްކްއޯޓާރޒް ގެ ނަންބަރ: 278/2009/އޭޑީއެސް-23-އެމް.އެން.ޑީ.އެފް.(4 އޮކްޓް 2009) އިން ލިބުނު ފުރުޞަތެއްގައި މިއަހަރުގެ ނަސްރުގެ ދުވަހު ނެރޭ "އައްޑަނަ މަޖައްލާ" އަށް ލިޔުނު މަޒުމޫނެކެވެ.   މި މަޒުމޫނުވަނީ އެ މައްޖާލާގައި ޝާއިޢު ކޮށްފައެވެ.

ލިޔުނީ: މޭޖަރ (ރިޓަޔާޑް) ޙުސައިން ޝާކިރު
                                                             ސ.ނަންބަރު: 0156        

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ