އަދުގެ ޚާއްސަ

Print

ހަނދުމަ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

   
ހަޔާތަކީ ހަމައެކަނި ބޮޑެތި މީހުންގެ ހައްގެއް ހެއްޔެވެ؟ ދުނިޔޭގައި އުޅެންޖެހެނީ އެ މީހުން އެކަނި ހެއްޔެވެ؟ ހަނދާނެއް ހިތުގައި ރައްކާކުރެވެނީ އުމުރުން ވަކި ވަރެއްވީމަ ހެއްޔެވެ؟ ކައިވެންޏަކީ ކޮބައިކަން އަހަންނަށް ނޭނގި ހިނގައިދާނެ އެވެ. އެކަމަކު، ވަކިވުމަކީ ކޮބައިކަން އަހަންނަށް، ޔަގީނުން ވެސް އެނގެ އެވެ.

   
އަހަރެން ދިރިއުޅޭ، ފަސްވަނަ ފްލޯރގެ އެޕާރޓްމަންޓްގެ ކުޑަދޮރުން ބޭރު ބަލައިލުމުން ފެންނާނީ އެހެން ގެއެކެވެ. އަހަރެން ހުންނަ ގޭގެ ކުޑަދޮރުން ބަލައިލުމުން ފެންނާނީ އެ ގޭގެ ޓެރަސް އެވެ. ރޭގަނޑު އަށެއްގެ ފަހުން، ގިނަ ރޭރޭ އެ ދިމާލުން، މިޔުޒިކެއްގެ އަޑުފައްގަނޑެއް އިވޭނެ އެވެ. މިހާރު އެ އަޑު ނީވޭތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ޔަގީނުން ވެސް ދެތިން މަހެއް ވެދާނެ އެވެ. އެ ތަނަށް އަހަރެން ބަލަހައްޓައިގެން ހުއްޓައި، އޭނަގެ މަންމަ އަހަންނަށް ހަނާއަޅާލިތަން ފެނުނެވެ. އަހަރެން ވެސް ވަގުތުން އަތް ހޫރާލީމެވެ. ހިނިތުންވެލައިގެން ހުރެ އެވެ. ހަގީގަތުގައި އަހަރެން ހުރީ ވަރަށް ދެރަވެފަ އެވެ. ލޮލުން ކަރުނަ އައުމުން ނޫނީ ތިމާގެ ހިތާމަ އަނެކަކަށް އިހްސާސެއް ނުވާނެ އެވެ. ނަސީބެކެވެ. އަހަރެންގެ ހިތާމަ ހިއްސާކުރާނެ އެކަކު ވެސް ނެތެވެ. ރުޔަސް އަހަރެން ދެން ރޯންޖެހޭނީ އެކަންޏެވެ. ނާޒިމް ނެތީމަ އެވެ.
   
އަހަރެންގެ އެންމެ ގާތް އެކުވެރި އަކީ ނާޒިމް އެވެ. ކުރިން އެ ގޭގައި އޭނަ ވެސް އުޅުނެވެ. މީހުން ބުނެ އެވެ. އަންހެނަކާއި ފިރިހެނަކާ ދެމެދު އެކުވެރިކަމެއް ނޯންނާނެ އެވެ. އަހަރެން އެ ވާހަކަ ގަބޫލެއް ނުކުރާނަމެވެ. އަހަންނާއި ނާޒިމް އަކީ ދެ އެކުވެރިންނެވެ. އަހަރުމެން ދެ މީހުންގެ ދެމެދުގައި، ނުދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ އެވެ. އެއްވެސް ވާހަކައެކޭ ބުނަންޖެހެނީ ސީދާ މާނައިގަ އެވެ. މަންމަ ގާތުގައި އަހަންނަށް ދައްކަން ނުކެރޭ ވާހަކަ ވެސް، ނާޒިމް ގާތުގައި އަހަރެން ދައްކަމެވެ.
   
ކުރިން އުޅުނު ގެއިން އަހަރެން ނުކުންނަންޖެހުނީ، މަންމަ އާއި ބައްޕަ ވަކިވުމުންނެވެ. އެ މީހުން ވަކިވީ އެ މީހުންގެ އަމިއްލަ މައްސަލަތަކެއްގެ ސަބަބުން، އެކުގައި ނޫޅެވިގެންނެވެ. ނަތީޖާއަކަށްވީ އަހަރެން ވެސް އެ ގެއިން ނުކުންނަންޖެހުމެވެ. މަންމައާ އެކުގަ އެވެ. އެ ގެއިން ނުކުތުމުގެ މާނައަކަށްވީ، އެ ރަށުން ވެސް އަހަރެން ފައިބަންޖެހުމެވެ. މަންމަގެ އާއިލާ އުޅެނީ މާލޭގަ އެވެ. އެހެންކަމުން، އަހަރެން ވެސް ޖެހުނީ މާލެ އަންނާށެވެ. އަހަރެންގެ އުމުރުން އޭރު ވާނީ އަށެއްކަ އަހަރެވެ.
   
މީހުން ކިޔާތީ އޭރު އަހަމެވެ. ރާއްޖޭގެ ހިތަކީ މާލެ އެވެ. މާލެއިން ހުރިހާ އެއްޗެއް ލިބޭނެ އެވެ. އެއީ ކިހާ ބޮޑު ދޮގެއް ހެއްޔެވެ؟ އަހަރެންގެ އެއްވެސް ރައްޓެއްސެއް މާލެއަކު ނެތެވެ. އަހަރެން އުޅުނު ގެއާއި، އަހަރެންގެ އަވައްޓެރިންނާއި، އަހަރެންގެ ސްކޫލެއް ވެސް މާލެއަކު ނެތެވެ. ރަށުގެ ހަމަހިމޭންކަމާއި، ހިތްގައިމު މޫދާއި، ދޮންވެލި ގޮނޑުދޮށާއި އަދި ފެހިކަން ގަދަ ގަސްތަކާއި، ކުލަކުލައި މާތަކެއް ވެސް މާލެއަކު ނެތެވެ. މާލެ އަކީ ކޮންކްރީޓް ބަގީޗާއެކެވެ. މީހުން ތޮއްޖެހިފައިވާ މާރުކޭޓެކެވެ. އިންޖީނުތަކުން ފުރިފައިވާ ގަރާޖެކެވެ.
   
އަހަރެންގެ ރައްޓެހިން މަތިން އަހަރެން ވަރަށް ހަނދާންވި އެވެ. އަހަރެންގެ މައިންބަފައިން އަހަންނަށް އެހާބޮޑު އަނިޔާއެއް ދިނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ފަހުން ބުންޏެވެ. މާލޭގެ ސްކޫލްތައް މާ ބޮޑުވެފައި މާ މަޖާވާނެ އެވެ. އެހެންނަމަވެސް، އަހަންނަށް އެއީ ބިރުވެރި ހުވަފެނަކަށް ވުރެ ވެސް ބޮޑު ބިރުވެރިކަމެކެވެ. ކުދިންތައް ތިބެނީ ފޮނިވެފަ އެވެ. އެ ކަހަލަ ރައްޓެހިން އަހަރެން ބޭނުމެއް ނޫނެވެ.
   
މާލެ  އައިގޮތަށް އަހަރުމެން ދިޔައީ މާމަގެ ގެއަށެވެ. އެއީ ރީތި ގެއެކެވެ. އެކަމަކު، ރަށުގައި އަހަރެން އުޅުނު ގޭގެ ގިފިލި ވެސް އެ އެޕާރޓްމަންޓަށް ވުރެ ބޮޑުވާނެ އެވެ. އަހަންނަށް ހާއްސަކޮށްފައި ހުރި ކޮޓަރި ވަރަށް ރީއްޗެވެ. ހަމައެހެންމެ، ނޭވާ ހާސްވާހާ ކުޑަ އެވެ. ދޮރުން ވަންނަ ގޮތަށް އަރަންޖެހެނީ އެނދަށެވެ. އެނދުން ފައިބާ ގޮތަށް، ދެ ފިޔަވަޅު ވެސް ނޭޅެނީސް އޮންނަނީ ފާހާނާ އަށް ވަދެވިފަ އެވެ. އެ ތަނުގައި އަހަރެން އުޅޭނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ފާހާނާ އަށް ވަދެ ހުރެގެން ރުއީ އެވެ.
   
ޖަލެއްގައި ވެސް އުޅެން މަޖުބޫރުވެއްޖެ ނަމަ، އެ ތަނަކަށް ހޭނޭނެ އެވެ. އެ ރޭ ނިދަން އޮށޯވެގެން އޮވެއޮވެ އަހަންނަކަށް ނުނިދުނެވެ. ކުއްލިއަކަށް އިވެންފެށީ ލަވަޖަހާ އަޑެވެ. އިވެމުންދިޔަ ލަވައިގެ ވައްތަރުން، އެއީ ލަވަކަން އަހަންނަށް އެނގުނީ އިރުކޮޅެއްފަހުންނެވެ. މަޑުމަޑުން އަހަރެން ތެދުވެ ގަޑި ބަލައިލީމެވެ. ގަޑިން ރޭގަނޑު އަށެއްޖަހާ ފަނަރަ ހިނގައިފި އެވެ. އަހަރެން ގޮސް ކުޑަދޮރު ކައިރި އަށް ހުއްޓިފައި ބަލައިލީމެވެ. އެ އަޑުފައްގަނޑު އަންނަނީ، ޖެހިގެން ހުރި ގޭގެ ޓެރަސްއިންނެވެ. މަގު ހަނިކަމުން، ފުންމާލިޔަސް އަހަންނަށް އެ ޓެރަސް އަށް ދެވޭނެ އެވެ. އެ ރެ އަކީ ހަނދުވަރު ރީތި ރެކެވެ. ޓެރަސް މަތީގައި ހުރި، އަހަންނާއި ދާދި އެއް އުމުރެއްގެ ފިރިހެން ކުއްޖާ އަހަންނަށް ވަރަށް ރީތިކޮށް ފެނެ އެވެ. އޭނަ ބަލައިލައިފި ނަމަ އަހަރެން ވެސް ފެންނާނެ އެވެ. އެކަމަކު އޭނަ އުޅެނީ އެހެން ކަމެއްގައި މަޝްއޫލުވެގެންނެވެ. ކައިރީގައި ހުރި ކެސެޓަކުން، ބޮލަށް ތުރާވާ ކަހަލަ ލަވަތަކެއް އިވެމުންދިޔަ އެވެ. މިޔުޒިކާއި އެއްވަރަށް ފައިހަމަކުރަމުން، އެ ފިރިހެން ކުއްޖާ ބަލަމުން ގެންދިޔައީ އަހަންނަކަށް ނޫނެވެ. ތަރިތަކަށެވެ. ފަހުން އެނގުނު ގޮތުގައި އޭނަ ގެންގުޅުނީ ޓެލަސްކޯޕެކެވެ. އެ ފިރިހެން ކުއްޖާ އަކީ ނާޒިމް އެވެ. އަހަރެންގެ ދިރިއުޅުމުގެ މުހިންމު ހިއްސާއަކަށް އޭނަ ވެދާނެކަމަކަށް އަހަރެން ހިތަކަށް ވެސް ނާރައެވެ. ހިތަށްއެރިހާ ވެސް އެއްޗަކީ، އެ އަޑު އިވެމުން ދަނިކޮށް އަހަރެން ނިދާނީ ކިހިނެތް ހެއްޔެވެ؟ ވިސްނުނީ އެކަމާ އެވެ.
  
 "އޭތް!" އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.
   
އަހަރެން އުޅުނީ، ތަންކޮޅެއް އަޑުމަޑުކޮށްލާށޭ ބުނަންވެގެންނެވެ. އެކަމަކު، އޭގެ ކުރިން ނާޒިމް ހަނާއަޅާލި އެވެ. އަހަރެން ހިތަށްއެރި އެވެ. ޖަވާބެއް ނުދިނުން އެއީ ހުތުރުކަމެކެވެ. އަހަރެން ވެސް ހަނާއަޅާލީމެވެ. އެންމެ ފުރަތަމަ އަހަރުމެން ދެ މީހުން ދިމާވީ އެހެންނެވެ. އެ ވަގުތު އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ދޮރުލައްޕާފައި އެނދަށް އަރާ އޮތީ އެވެ. އެތައްއިރެއް ވަންދެން އެ މިޔުޒިކެއްގެ އަޑު އިވުނެވެ.
   
ކުއްލިއަކަށް އަހަންނަށް ހޭލެވުނުއިރު އިރު އަރައިފި އެވެ. އާ ދުވަހަކަށެވެ. އާ ފެށުމަކަށެވެ. އަހަންނާއި ނާޒިމްގެ އެކުވެރިކަން ބަދަހިވަމުންދިޔައީ ވަރަށް ހަލުވިކޮށެވެ. އެހެންނަމަވެސް، ދުވަހަކު ވެސް އަހަރުމެން ލޯބީގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެއީ އަހަރުމެންގެ ޖަލްސާގެ އެޖެންޑާއެއް ނޫނެވެ. އެކަކުއަނެކަކާ ދޭތެރޭގައި އަހަރުމެން އަޅާލާ ވަރަށް އަޅާލެވޭ އެއްވެސް މީހަކު ހުންނާނެ ހެނެއް، އަހަރުމެންނަކަށް ހިއެއްނުވެ އެވެ. ނާޒިމްގެ ގެ އަށް އަހަރެން ދަމެވެ. އަހަރުމެންގެ ގެ އަށް ނާޒިމް ވެސް އާދެއެވެ. ހީވަނީ ނާޒިމަކީ އަހަރެންގެ ބޭބެއެއްހެންނެވެ. ނާޒިމްގެ ހުންނަ އެންމެ ހައިރާންވާ ދެ ސިފަ އަކީ، ގޭގެ އެހެން އެއްވެސް މީހަކާ އޭނަ ވާހަކަ ނުދައްކާ ކަމެވެ. އޭނަ އައިޕޮޑެއް ގެންގުޅެ އެވެ. އަބަދު ވެސް އޭގެން އަންނާނީ އެންމެ ލަވައެކެވެ. ޓެރަސްގައި އޭނަ ތަރިބަލަން ހުންނައިރު ވެސް އިވޭނީ އެ ލަވަ އެވެ. އެއީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެ އެވެ. އެ ސުވާލު ކުރިޔަސް އޭނަ ޖަވާބެއް ނުދެއެވެ.
   
އަހަރެންގެ އުމުރުން ސާދަ އަހަރު ވީއިރު، އެންމެން ވެސް ހީކުރަނީ އަހަންނާ ނާޒިމް އަކީ ދެ ލޯބިވެރިންކަމަށެވެ. އެއީ ކުށްހީއެކެވެ. އެކަމަކު، އެ ކުށްހީ ފިލުވައިދޭކަށް އަހަރުމެން ދެ މީހުންކުރެ އެކަކު ވެސް ބޭނުމެއް ނޫނެވެ. މަންމަ އަށް ހުރިހާ ހަގީގަތެއް އެނގޭނެ އެވެ. އެހެން މީހުން ހީކުރާނެ އެއްޗެއް ހީކުރަން ދޫކޮށްލީ އެވެ.
   
އެއް ރޭ އަހަންނަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެންނަނީ ނާޒިމް ގެނބޭތަނެވެ. ހޭލިއިރު އަހަރެން އޮތީ ދާހިތްލާފޯވެފަ އެވެ. އަހަރެންގެ ހިތަށްއެރި އެވެ. ނާޒިމަށް ކޮންމެ ވެސް ކަމެއް ވަނީ އެވެ. ނާޒިމްގެ ހިތުގައި ލޯވަޅެއް ހުރިކަން އަހަންނަށް އެނގުނީ އެ ދުވަހު އެވެ. މަންމަ ބުނި ގޮތުގައި ނާޒިމްގެ ހިތް ޖެހެނީ ބަދަލުކުރާށެވެ. ނުވަތަ ކޮންމެ ވެސް ބޮޑު އޮޕަރޭޝަނެއް ކުރާށެވެ. އެ ކަމަށްޓަކައި ނާޒިމް ގެންދަނީ ރާއްޖެއިން ބޭރަށެވެ. އޭނަގެ ފަހަތުން އަހަންނަކަށް ނުދެވޭނެ އެވެ. އެއީ ޔަގީންކަމެކެވެ. އަހަރެން ހިތަށްއެރި އެވެ. އަހަރެންގެ ހިތް ވެސް ބަދަލުކުރެވޭނެ ނަމަ އެވެ. ނާޒިމްގެ ހަނދާންތައް އަހަރެންގެ ހިތުން ފުހެލެވޭނެ ނަމަ އެވެ.
   
ނާޒިމް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، މަންމައާ އެކުގައި އަހަރެން ހޮސްޕިޓަލަށް ދަމެވެ. ނާޒިމް ކައިރީގައި އިންނަމެވެ. އެއީ ފޫހި ތަނެކެވެ. ނާޒިމް ނެތް ނަމަ، އަހަރެން އެ ތަނަށް ވައްދަންޖެހޭނީ ގަދަކަމުންނެވެ. އެ ތަނުގައި އޮންނަ އިރު ވެސް، ކިރިޔާ ވެސް އެކަނިވެއްޖިއްޔާ ނާޒިމް އޮންނަނީ އައިޕޮޑް ޖަހައިގެންނެވެ.

    "ތި ވަރަށް ތި ލަވަ ޖަހަނީ ކީއްވެގެންތަ ނާޒިމް؟" އަހަރެން އަނެއްކާ ވެސް އެހީމެވެ.

    "މިހާރު އަހަރެން ބުނެފާނަން ކީއްވެގެންކަން.. މި ލަވަކިއި މީހާ މަރުވީ ހިތުގެ ބައްޔެއްޖެހިގެން.." ނާޒިމް ވަރަށް ބަލި އަޑަކުން ބުންޏެވެ.
    އެއްވެސް ހިފޭއްޓުމެއް ނެތި އަހަރެންގެ ލޮލުން ކަރުނަތައް ފައިބަންފެށި އެވެ. އަހަރެން ބުނަން ބޭނުންވީ އެންމެ އެއްޗެކެވެ. ނާޒިމް އެހާ އަވަހަށް މަރެއްނުވާނެ އެވެ. އެއް ހާސް ފަހަރު އެހެން ބުނަން އަހަރެން ބޭނުންވި އެވެ.

    "އެކަމަކު އަހަރެން އަދި އެހާ އަވަހަކަށް މަރެއްނުވާނެ އިނގޭ!" ހިނިތުންވެލާފައި ނާޒިމް ބުންޏެވެ.
    އަހަރެން ބޯޖަހާލީމެވެ. އެހެންނަމަވެސް، އޭނަގެ ހާލުފެނިފައި އަހަރެން ހުރީ ޝައްކެއްގެ މަތީގަ އެވެ.
    "އިރާދަފުޅު ކުރެއްވިއްޔާ ނާޒިމް ރަނގަޅުވާނެ.. ބުނީމެއްނު އަހަންނަށް ވީނަސް ދައްކާނަމޭ.. ވަރަށް އަވަހަށް ވީނަސް ފެންނަންފަށާނެ." އަހަރެންގެ އަޑު ތުރުތުރުއަޅާކަން އަހަންނަށް އެނގެ އެވެ.

    "ފަހަރެއްގަ އަހަންނަށް ފުރަން ވެސް ޖެހިދާނެ.. އެކަމަކު، ތަރިތައް ފެނިއްޖެއްޔާ އަހަރެން މަތިން ހަނދާންވާނެއްނުދޯ؟" ނާޒިމް އެހި އެވެ.
   
އަހަރެން އެއްޗެއް ނުބުނަމެވެ. ހަމައެކަނި ބޯޖަހާލީ އެވެ. އަޑު ބޭރެއްނުވި އެވެ. އަހަރެން އިނީ ނާޒިމްގެ އަތުގައި ހިފާއްޓާލައިގެންނެވެ. ނާޒިމް ކަޅިޖަހާނުލައި އަހަންނަށް ބަލަހައްޓައިގެން އޮތެވެ. އޭނަ ބުނަންއުޅޭ އެއްޗެއް އަހަންނަށް އެނގޭ ކަހަލަ އެވެ. އޭނަގެ އިހްސާސްތައް ވެސް އަހަންނަށް އެނގޭ ކަހަލަ އެވެ. ހީވި އެވެ. ނާޒިމް ދެން އެ ވަކިވަނީ އެވެ. އޭނަ އެހެނެއް ނުއެއްބުނެ އެވެ. އޭނަގެ ދެ ލޯ ނުވެސް މެރުނެވެ. ބުނި ކަހަލަ އެވެ. އެންމެ ފަހުން އޭނަ ބަލަން ބޭނުންވާ އެއްޗަކީ އަހަރެންގެ ދެ ލޮލެވެ. އަހަރެން ހުރީ ނާޒިމްގެ އަތުގައި ވަރަށް ބާރަށް ހިފާއްޓައިގެންނެވެ. ހީކުރެވުނެވެ. އޭރުން ނާޒިމް ވަކިވެގެނެއް ނުދާނެ އެވެ. އެކަމަކު، ހަމަހިމޭންކަމާ އެކުގައި އޭނަ ވަކިވެގެން ދިޔައީ އެވެ.
  
 މިއަދު އަހަންނަށް އެނގޭ އެއްޗަކީ، ކޮންމެ ބައްދަލުވުމަކަށް ވެސް ނިމުމެއް އަންނާނެ ކަމެވެ. ކޮންމެ މީހަކު ވެސް ވަކިވެގެންދާނެ ކަމެވެ. ކިތަން ބޭނުން ނުވިޔަސް، ކިތަންމެ ގާތް ގުޅުމެއް އެ ދެމެދުގައި އޮތަސްވެހެވެ. މިއަދު އަހަރެން މިހިރީ، އެ ޓެރަސް އަށް ބަލަހައްޓައިގެންނެވެ. އަހަރެން އަތުގައި ނާޒިމްގެ އައިޕޮޑް އެބައޮތެވެ. އެއީ އޭނަގެ ހަނދާނެކެވެ. އޭގެ އިތުރަށް، އުޑުގައިވާ ހުރިހާ ތަރިތައް ވެސް އޭނަގެ މަތިން ހަނދުމަ އާކޮށްދޭނެ އެވެ. އަހަރެންގެ ކޮޓަރިއާ، ހިތާއި، ހަނދާންތަކުގައި ވެސް ވަނީ އޭނަ އެވެ. ހިތަށްއަރަ އެވެ. އަހަރެން ވަރަށް ލޯބިވެއޭ ނުބުނެވުނީ ކީއްވެ ހެއްޔެވެ؟

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ