އަދުގެ ޚާއްސަ

Print

އިސްލާމްދީނުގެ ބާރު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން
   
އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމުގައިވާ ނިއުސްވީކްގެ 2 ފެބްރުއަރީ 1992 ގެ އަދަދުގެ މައިގަނޑު މައުޟޫޢަކަށް ހަދައިފައިވަނީ، މެދުތެރޭ އޭޝިޔާއެވެ. އެ ވާހަކައިގެ ސުރުޚީއަކަށް އޮތީ، [މެދުތެރޭ އޭޝިޔާގެ ތަނަވަސް ސަރަޙައްދު، ސޮވިއެޓް ޔުނިއަންގެ ބާރުގެ ދަށުން މިނިވަންވުމަށްފަހު، އެބައިމީހުންގެ އިސްލާމީ ޝަޚްޞިއްޔަތު ހޯދުމުގައި] މި ޢިބާރާތެވެ.

Central Asia: Freed Soviet Rule, a Vast region Searches for an Islamic Identity.

    ރަޝިޔާގެ ސަރަޙައްދީ ޤައުމުތަކެއް ކަމުގައިވާ އުޒުބަކިސްތާނާއި، ޤަޒަކިސްތާނާއި، ކުރުޣިސްތާނާއި، ތުރުކުމާނިސްތާނާއި، ތަޖިކިސްތާނަކީ މީގެ ސަތޭކަވަރަކަށް އަހަރު ކުރިން އިސްލާމީ ދައުލަތްތަކެކެވެ. 1917 ގައި ރަޝިޔާއަށް ކޮމިއުނިސްޓް އިންޤިލާބު އައުމާއެކު، ވަރަށް އަވަހަށް އެބައިމީހުންގެ ސަރަޙައްދު ފުޅާކުރުމުގެ ސިޔާސަތަށް ޢަމަލުކުރަން ފެށިއެވެ. މެދުތެރޭ އޭޝިޔާގެ އިސްވެދެންނެވި ހުރިހައި ޤައުމުތަކެއް، އެބައިމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ގަދަކަމުން އެބައިމީހުންގެ މައްޗަށް ކޮމިއުނިސްޓް ނިޒާމު ހިންގައިލިއެވެ. ހަތްދިހަވަރަކަށް އަހަރު ވަންދެން މުޅި ސަރަޙައްދު އޮތީ ރޫސީންގެ ބާރުގެ ދަށުގައެވެ. އެންމެފަހުން ޙާލަތު ބަދަލުވެ، 1991 ވަނަ އަހަރުގެ ފަހުކޮޅު، އެހުރިހައި ދައުލަތްތަކަކަށްވަނީ މިނިވަންކަން ލިބިފައެވެ.

    އެ ދައުލަތްތަކާ ބެހޭގޮތުން މެދުކެނޑުމެއްނެތި ލިބެމުންދާ ޚަބަރުތަކުން ޔަގީންވަމުންދާ ގޮތުގައި، އިޝްތިރާކިއްޔަތުގެ އަޅުވެތިކަމުގައި ހަތްދިހަ އަހަރު ވަންދެން އުޅެންޖެހުނު ކަމުގައިވިޔަސް، އެތަންތާނގެ މުސްލިމުންވަނީ، އެބައިމީހުންނާ އިސްލާމްދީނާ ދެމެދު ގުޅުން ދަމަހައްޓައިފައެވެ. އިޝްތިރާކިއްޔަތުގެ އަނިޔާވެރިކަމުގެ ސަބަބުން، އެބައިމީހުންގެ ހިތްތަކާއި ގޯތިގެދޮރުގައި ފޮރުވައިގެން އުޅުނު އިސްލާމްކަން، އެބައިމީހުންނަށް މިނިވަންކަމުގެ ނޭވާލެވުމާއެކު، ވަނީ ފާޅުވެ ހާމަވެފައެވެ.

    ނިއުސްވީކްގެ ޓީމުގެ ފަރާތުން އެ ސަރަޙައްދަށް ސީދާ ގޮސްގެން ހޯދައި ބަލައި ހެދުމަށްފަހު ބުނެފައިވާ ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަރަށްގިނަ ޢިލްމުވެރިން، ކީރިތި ޤުރްއާނުގެ ވަރަށްގިނަ ނުސްޚާތައް ހިއްޕަވައިގެން އެ ސަރަޙައްދަށް ވަޑައިގެންފިއެވެ. [ޕްރޮފެޓް މުޙަންމަދުގެ މެސެޖް] މީސްތަކުންގެ މެދުގައި ފެތުރުއްވުމަށްޓަކައެވެ. ކޮމިއުނިސްޓުން އެބައިމީހުންގެ ވެރިކަމުގެ ދުވަސްވަރު ވަނީ އެހިސާބުގަނޑުގެ މީހުން ލިޔެކިޔައި އުޅުނު އަކުރުވެސް، ގަދަބަދަވިކަމުގެ ބާރުގައި ރޫސީ އަކުރަށް ބަދަލުކުރުވައިފައެވެ. ނަމަވެސް، މިހާރު އަލަށް ވަޑައިގެންނެވި ވެރިން ގެންދަވަނީ، އެތަންތާނގެ ލިޔުންތައް ދެވަނަ ފަހަރަށް ޢަރަބި އަކުރަށް ބަދަލުކުރައްވަމުންނެވެ.

    އިޝްތިރާކީ ވެރިކަމުގެ ދައުރުގައި، ބޭރުގެ އެއްވެސް އިދާރާއަކުން އެ ސަރަޙައްދަށް ދީނީ އެއްވެސް ބާވަތެއްގެ މަދަދެއް ފޯރުވުމަކީ މުސްތަޙީލު ކަމެކެވެ. ނަމަވެސް، މިހާރު އިސްލާމީ އެކިއެކި ޤައުމުތަކުން މިނިވަންކަމާއެކު އެކަމުގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. މެދުތެރޭ އޭޝިޔާގައި ދީނީ ކަންތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރު، އެހިސާބުގަނޑަށް ފޮނުވައިފައެވެ. އޭގެއިތުރަށް، ތާޝްޤަންދުގެ ރިލިޖަސް ބޯޑަށް، ހަތް މިލިޔަން ޑޮލަރު ދޭންވަނީ ހަމަޖައްސާފައެވެ. الإمـام إسمعيـل البخـارى ގެ ޒިޔާރަތުގެ ކައިރީގައި ވަރަށްބޮޑު އިސްލާމީ މަރްކަޒެއް ބިނާކުރުމަށްޓަކައެވެ.

    ސަޢޫދިއްޔާގެ އިސްލާމީ ބޭންކުންވެސް، އެ ސަރަޙައްދުގައި ހިންގޭ މަޝްރޫޢަކަށް ތިންލައްކަ ޑޮލަރުގެ އެހީއެއް އެބަދެއެވެ. ދުޝެންބޭ (Dushanbe) ގައި ވަރަށްބޮޑު ދީނީ މަދަރުސާއެއް ޢިމާރާތް ކުރުމަށްޓަކައެވެ. ހަމަ އެފަދައިން، އެހެނިހެން އިސްލާމީ ޤައުމުތަކުންވެސް އެ ސަރަޙައްދުގައި އިސްލާމްދީން އާލާކުރުމަށް ތަފާތު އެކިސިފަސިފައިގައި އެއްބާރުލުން ދެމުން އެބަގެންދެއެވެ. (ޞަފްޙާ: 21)

    ނިއުސްވީކްގައި އިތުރަށް ލިޔެފައިވެއެވެ. މީގެ ދެއަހަރު ކުރިން ތަޖިކިސްތާނުގައި ހުރީ އެންމެ އަށާރަ މިސްކިތެވެ. ނަމަވެސް، މުސްލިމް މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި، މިހާރު އެތާނގައި ދެހާސް ފަސްސަތޭކަ މިސްކިތް އެބަހުއްޓެވެ.

Two years ago, there were only 18 mosques in Tajikistan. Today, according to Muslim authorities, there are more than 2,500 mosques.

    އިޝްތިރާކީ ނިޒާމުގެ ދަށަށް ދިއުމުގެ ކުރީން، މެދުތެރޭ އޭޝިޔާގައި ދިރިއުޅުނު މުސްލިމުންގެ އަޣުލަބިއްޔަތު އެ މުއްދަތުގެ ތެރޭގައި ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައެވެ. މިހާރު އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމް ނަސްލުގެ ތެރޭގައި ގިނައިން ތިބީ އިޝްތިރާކީ ދައުރުގައި ދުނިޔެއަށް އައި މީހުންނެވެ. އެބައިމީހުން ފުރައި ފުރިހަމަވީ، އިޝްތިރާކީ ވެށީގައެވެ. ތަޢުލީމާއި ތަރުބިޔަތު ހޯދީ، އިޝްތިރާކީ އިދާރާތަކުންނެވެ. އެހެންކަމާއެކުވެސް، އެބައިމީހުންގެ ތެރެއަކުން އިސްލާމްދީން ފޮހެވިގެނެއް ނުދިޔައެވެ. އެބައިމީހުންނަށް މިނިވަންކަން ލިބޭއިރަށް، އިސްލާމްދީން އަލުން ތާޒާވެ، ކުރިލައި ހެދިގެންފިއެވެ.

    މި ހާދިސާއިން ސާބިތުވަނީ، ކިތަންމެ ވަރުގަދަ ޖައްބާރު ސަރުކާރަކަށްވެސް، މުސްލިމުންގެ ތެރެއިން އިސްލާމީ ޝަޚްޞިއްޔަތު ނައްތައެއް ނުލެވޭނެކަމެވެ. ކީރިތި ޤުރްއާނުގެ އިރުޝާދުގައިވާ ގޮތުން، މާތް اللّه ގެ ދީން މިހާރު ވަނީ އެ ދީނަށް ގެއްލުމެއް ދީފާނެކަމަށް ކާފަރުންދެކެ ބިރުގަތުމުގެ ދައުރުން ނުކުމެފައެވެ. މާތް اللّه އަށް ބިރުވެތިވުމުގެ ދައުރަށް ވާސިލުވެފައެވެ. (އަލްމާއިދާ: 3) މިހާރު އިސްލާމްދީންވަނީ އެއްވެސް ބާރަކަށް އެ ދީނަށް ގެއްލުމެއްދޭން ކުޅަދާނަވާ ވަރަށްވުރެ ބާރުގަދަވެފައެވެ. މިހާރަކު އިންސާނީ އެއްވެސް ބާރަކަށް، އެ ދީނަކަށް ބުރުލެއް އަރުވައެއް ނުލެވޭނެއެވެ.

    އިސްލާމްދީނަކީ ފުރިހަމަ އަދި ބަދަހިކަންހުރި ދީނެއްކަމުގައި، އަރަހުށި މާތް اللّه އަންގަވައިފައިވުމަކީ، އެއްވެސް ބާރަކަށް އިސްލާމްދީނަށް މުސްތަޤިއްލު ބާވަތެއްގެ ގެއްލުމެއް ނުދެވޭނެކަމުގެ ގެރެންޓީއެކެވެ. ހިލޭމީހުންގެ ފަރާތުން މުސްލިމުންނަށާއި، އިސްލާމްދީނަށް ވަގުތީގޮތުން އުނދަގޫތަކެއް ފޯރައިފާނެއެވެ. ނަމަވެސް، އެބާވަތުގެ އެއްވެސްކަމެއް، ގިނަ ޒަމާންތަކަކަށެއް ދެމިއެއް ނޯންނާނެއެވެ. އެފަދަ ގޮތެއް މެދުވެރިވާ ކޮންމެ ފަހަރަކުވެސް، އިސްލާމްދީނުގެ ޢަދުއްވުންގެ ހުރިހައި ރޭވުންތަކެއް ބޮއްސުންލައިގެންދާފަދަ ގޮތަކަށް މާތް اللّه ޙާލަތު ބަދަލު ކުރައްވާނެއެވެ. އިސްލާމްދީނުގެ އިރު، ވަގުތީ ވިލާކޮޅުގެ ތެރެއިން ނުކުމެ، އޭގެ އެންމެ ފުރިހަމަ ފާންކަމާއެކު އުދަރެހުގައި އަލުން ވިދާންފަށާނެކަމީ ކަށަވަރު ކަމެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ