އަދުގެ ޚާއްސަ

Print

ވިގަނި ދުނި

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

މީހަކު މަރުވިތާ ސާޅިސް ހަމަނުވަނީސް އެހެންމީހަކު މަރުވެއްޖެނަމަ އެކަމަކީ އާދަޔާ ޚިލާފު މާބޮޑު ކަމެއްކަމުގައި ކަންބޮޑުކޮށްކޮށްފައި ވާހަކަދެއްކުމަކީ ތަންކޮޅެއް ކުރީގެ އާދައެކެވެ.

އަންހެނަކު ބަނޑުގައިރިހި ނުވިހައި މަރުވެއްޖެއެވެ. އޭގެ ހައެއްކަދުވަސް ފަހުން ވަރަށް ބޮޑަށް ބަލިވެއުޅޭ ވަރަށް މުސްކުޅިވެފައިވާ މީހަކު ނިޔާވެއްޖެ އެވެ. ކުޑަދުވަސްކޮޅެއް ވެސް ނުވަނީސް އަނެއްކާ ވެސް ކުޑަކުއްޖަކު މަރުވެއްޖެއެވެ. މިހާރު ގޯޅިގޯޅި ކަންމަތީގައްޔާ މީހުންއެއްވާ ގަސްގަސްދޮށުގަޔާއި ހޮޅުއަށިތަކުގަޔާއި ގޭގޭތެރޭގައި ޚާއްޞަކޮށް އަންހެންވެރިން ކަންބޮޑުކޮށްކޮށްފައި ވާހަކައެއް ދެކެވުން ގިނަވެއްޖެ އެވެ.

އެއްބަޔަކު ބުނަނީ އާ ކުޑަކަތީބު އެ އަންހެންމީހާ ވަޅުލިފަހުން ވީކަމެއްކަމަށެވެ. އެސޮރުމެންނަށް ރައްކައުތެރިކުރަން ނޭނގޭތީ ކަންތައްތައް ވާގޮތެއްކަމަށެވެ. އަނެއްބަޔަކު ބުނަނީ އެހެންވެސް ވެދާނެތާއެވެ. މުސްކުޅި ކަތީބު މީހަކު ވަޅުލީވިއްޔާ ބޯލާކޮޅުގައި ރޯ އޮށިގަނޑެއް ނުވަތަ ރޯ ދަނޑިގަނޑެއް ޖަހާނެ އެވެ. މިހާރުގެ އާކުޑަކަތީބުމެން އެކަންކަން އެގޮތަށް ނުކުރީމައި ކަންތައްތައް މިހަރަވަނީ ނުވެނުދާނެ ގޮތަށެވެ.  އަނެއްބަޔަކު ބުނަނީ މުސްކުޅި މުދިންކަލޭފާނު ބަލިވެއުޅޭން ފެށިފަހުން މިހާރު ފަތިސްނަމާދު ބަންގި ނުގޮވާ ރޭރޭ ދަނީ ގިނަވަމުންނެވެ. މުދިންކަލޭފާނު ބަލިވެނޫޅުއްވާއިރު ކޮންމެރެއަކު ފަތިސްނަމާދު ކުރައްވައިގެން މޫނުއަނދިކަން ހުއްޓައި މިސްކިތުން ފައިބަންނަވައި ރަށް އަމާންކުރުމަށް ޔާސީން ކިޔަވަމުން ރަށުތެރޭ ހިންގަވާނެ އެވެ. ރަށުތެރޭގައި ރޯގާ ބަލިމަޑުކަމެއް ކަހަލަކަމެއް އުޅޭނަމަ ޢިޝާނަމާދުން ފައިބަންނަވައިގެން ޖިބްރީލު އަމާން ދުޢާއު ކިޔަމުން ރަށުތެރޭގައި ހިންގެވުމުން ރަށް އަމާންވާކަމަށެވެ.
އަނެއްބަޔަކު ބުނީ  ތިޔަކަހަލަ ކަންތައްތަކަކީ މުސްކުޅި ބޯދާވާހަކައިގެ ތެރެއިން ދެއްކޭ ވާހަކަކަމަށެވެ. މިހާރު ތިޔަކަހަލަ ކިތަންމެ ކަމަކަށް މާރަނގަޅު ގުޅަބޭހާއި ދިޔައިބޭސް ހުރިކަމަށެވެ. އަނެއްބަޔަކު ބުނަނީ ރަށުގެ ދަރަހިލުނީކަމަށެވެ. ދަރައިގެ އަޑު އަހާމީހުން އުޅޭކަމަށްވެސް ވާހަކަދެކެވެއެވެ. އަނެއްބަޔަކު ބުނަނީ ކޮންމެގޮތަކުން ވާކަމެއް ނަމަވެސް މިދާގޮތަށް ކަންތައް ވަމުންދަންޏާ ރަށް ފަޅުވެދާނެކަމަށެވެ. މިހެން އަޅައިނުލައި ތިބޭކަށް ނުވާނެކަމަށެވެ. ކޮންމެވެސް ރަށަކުން ފަންޑިތަވެރިއެއް ގެންނަން ވެއްޖެކަމަށެވެ. މިކަހަލަ ވާހަކަތަކެއް ދެކެވެމުން ދަނިކޮން ވިގަނިދުނި ޖަހާވާހަކަ ވެސް ދެކެވެން ފަށައިފިއެވެ. މިވާހަކަ ރަށުތެރޭގައި ވައިރޯޅެއްހައި އަވަހަށް ފެތުރިގެން ހިނގައްޖެ އެވެ. ދެން ވިގަނިދުނި ޖަހާފައި ހުއްޓައި ދުށް މީހުން ، ބުނިކަމަށް ބުނާ މީހުންގެ އަޑު ފެތުރިއްޖެއެވެ. އެއްބަޔަކު ބުނާގޮތުގައި އެމީހުން ބުނާއަޑުއެހީ ވިގަނިދުނި ޖަހާފައި ހުންނަނީ ޤަބުރުސްތާނު މައްޗަށެވެ. ހުންނާނީ ވާރޭދުނީގައި ހުންނަކަހަލަ ކުލައެކެވެ. އަނެއްބަޔަކު ބުނަނީ ވިގަނިދުނިޖެހުމަކީ ޖިންނި ފުރޭތައެއްގެ ކަމެއްކަމަށެވެ. އެއީ ރޭގަނޑު ދަންވަރު ކަނޑުން އަރާ އެއްޗެއްކަމުގައެވެ. ކަނޑުންފެށިގެން އެސޮރު އަންނާނީ އަލިފާން އަންދަމުންކަމުގައެވެ. އައިސް ރަށުގެ ގޮނޑުދޮށަށް ބީއްސައިލުމާއެކު އަލިފާން ގަދައަށް އަނދައިގަނެއެވެ. މުޅިގޮނޑުދޮށަށް ހުޅުދާންކޮށް ދޮންވެލިގަނޑު މަތީގައި އަލިފާންގަނޑު ފެތުރިގެންގޮސް ހޭޅީގަސްތަކުގެ މަތިންއަރާވަރަށް އަލިފާންގަނޑު ބޮޑުވެފައި ނިވިދާނެއެވެ. އެހެންވުމާއެކު ވިގަނި ފުރޭތަ ރަށަށް އަރާނެއެވެ. ރަށުތެރޭގައި އެ ސޮރު އުޅޭނީ ކުޑަކުއްޖެއްގެ ސިފައިގަ އެވެ. ނުވަތަ ކޮންމެވެސް ޖަނަވާރެއްގެ ސިފައިގަ އެވެ. ބައެއްފަހަރު މީހުންކައިގެން އެމީހުންގެ ސިފަޖެހިގެންވެސް މީހުންގެ ތެރޭގައި އުޅެފާނެކަމަށްވެސް ބުނެ އެވެ.  މި ބާވަތުގެ ވާހަކަތައް ގިނަވެއްޖެއެވެ.
މިވާހަކަތަކުން ވަރަށް ގިނަމީހުންގެ ހިތްތަކުގައި ވިގަނިދުންޏާ ޖިންނިފުރޭތައިގެ ބިރު ބޮޑުވެއްޖެއެވެ. ރޭގަނޑަށް ވަކިން އެ ބިރު ބޮޑުވެ އެވެ. ރޭވެއްޖެނަމަ އެކަނި ގިފިއްޔަށްދާންކެރޭ މީހުން ވަރަށް ވެސް މަދެވެ. އަމުދުން އަންހެނުންނާއި ޅަފުރައިގެ ކުދިންނަށް އެކަނި ގެއިން ބަދިގެއަށް ގޮސް އައިސް އުޅޭކަށް ނުކެރެ އެވެ. ޢިޝާނާދުގެ ފަހަށް ބޭރަށް ނިކުމެއުޅޭ މީހުން ވަރަށްވެސް މަދެވެ. ގިނަމީހުން އިރުއޮއްސުމުގެ ކުރީގައި ގެއަށް ބޮޑުބާލިދީއެއްގެ ފެންވެސް ލާންފަށައިފިއެވެ. އިރުއޮއްސި ރަނގަޅަށް އަނދިރި ވާއިރު ދޮރުނުޖަހާގެއެއް ވަރަށްވެސް މަދެވެ.
ވިގަނިދުނިޖެހުން ، ފުރޭތަ އެރުން ، ބަބުރުކުއްޖާ ފެނުން ، މާކޮށާރުބުރި ފެނުން ، ބޮޑުއަނދިރިގަނޑު ފެނުން ، އޯ ގޮވާމީހާ އުޅުން ، ގަސްކޮޅުހަންޑީގެ ކަންތައް ފެނުން ، ހާމުންޑި އުޅޭކަމުގެ އަލާމާތްތައް ފެނުން ، ކުކުޅު ކަރުހިފުން ، ދަންވަރު ފިޔޮއްކުކުޅުގެ ކަންތައް ފެނުން ، ރަށްރަށުގައި މިބާވަތުގެ ކަންތައްތައް ހިލިގެން އުޅޭއިރު އެކަމުގެ ބިރުވެރިކަން ހިތްތަކުގައި އަށަގަތުމާއެކު އެކަމާގުޅިގެން ހިނގާ އެހެން ބާވަތްތަކުގެ ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ. ވިގަނިދުނިޖަހާ ވާހަކައާއެކު އެކަމުގެ ބިރުވެރިކަމުން އޮއްސޭއިރާއެކު ގޭގޭގެ ދޮރުޖަހައި ނިދަން ތިބެންފެށިފަހުން ރަށުތެރޭން ފަތްކެޔޮކެނޑުން ގިނަވަމުންދެ އެވެ. އަލިވިލޭއިރު ދެތިންހަތަރުގަނޑު ކެޔޮ ކަނޑައިގެން އެ ވާހަކަ ނުދައްކާދުވަހެއް ވަރަށްވެސް މަދެވެ. އަދި މީގެ އިތުރުން ގަސްގަހުގައި ހުންނަ ލުނބޯ ،މިރުސް ، އަންނާރުފަދަ މޭވާގެ އިތުރަށް ފަލަމަޑީގެ ބާވަތްތަށްވެސް ގެއްލެއެވެ. މިކަމައިގުޅިގެން ބައެއްމީހުން ބުނަނީ ފަލަމަޑިއަށްވެސް ވިގަނިދުނި ޖެހީކަމުގަ އެވެ. މިހާރު މީހުން މަރުވުން މަދުވީ ފަލަމަޑިއަށް ވިގަނިދުނި ޖެހީމައިކަމުގައެވެ.
ކުޑަދުވަސްކޮޅެއްފަހުން އެހެންކަމެއް ހިނގަންފަށައިފިއެވެ. ކުކުޅުހާ ނިދަންއަރައި ތިއްބައި ގެއްލެނީއެވެ. މިއާ އެކު ގޭގޭ ބަނޑަހަގެއިން ހަވާދާއި ކާޑުގެބާވަތްތައް ވެސް ގެއްލެ އެވެ. ރަށު މީހުންނޫޅޭ ފަރާތުގައި  ކުކުޅު ކައްކައި ބަތް ކައްކައި، ކައި  ދޮންކެޔޮފިލުވައި ކައިފައި ހުރެއެވެ. ބާކީތަކެތި ތެލިތެލީގައި ހުރެއެވެ.
މިކަންތައްގަނޑު ހިގަނމުންދިޔަ ދުވަސްވަރު މިރަށަށް ދަތުރުވެރި ބަޔަކު އަތުވެއްޖެއެވެ. އެމީހުން ކައިރީގައިވެސް ވިގަނިދުނިޖަހާވާހަކަ ދެކެވިއްޖެ އެވެ. އެމީހުންގެ ތެރެއިން ކޮންމެވެސްމީހަކު ބުނެފިއެވެ. މިދޯނިން އައިސްއުޅޭ ހަސަންބެއަކު ތިބާވަތު ކަންތައްތަކަށް ވަރަށް މޮޅުވާނެއެވެ. ދެން މިވާހަކަވެސް ރަށުތެރޭގައި ފެތުރިގެން ދިޔައީވަރަށްވެސް އަވަހަށެވެ. ދެން އެންމެންވެގެން އެބުނާ ހަސަންބެއެއް ވަށާލައިފިއެވެ. އެމީހުން ޙަސަންބެގާތު ބުނެއެވެ. އަހަރުމެން މިވިގަނިދުނިޖެހުމުގެ ބިރުވެރި ކަންތައްގަނޑުން ސަލާމަތް ކޮށްދޭށެވެ. އަހަރުމެންނަށް ލިބިހުރި ކޮންމެއްޗެއް ވެސް ދޭނަމެވެ. ޙަސަންބޭ ބުނުއްވި އެވެ. ތިޔައީ ވަރަށް ބިރުހުރި ނުރައްކާތެރި ކަމެކެވެ. މިހެން ތަންވަޅުދީފައި ކުޑަދުވަސްކޮޅަކު އޮތްނަމަ ވެސް ފަހުން މާ ނުރައްކާތެރިވާނެ އެވެ. ފަރުވާކުޑަކޮށްލައިގެން ތިބެއްޖެ ނަމަ، މުޅިރަށް ފަޅު ވެސް ވެދާނެ އެވެ. މަށަށް މިރަށަށް މިއާދެވުނީވެސް ކަލޭމެންގެ ނަޞީބަކަށެވެ. ދެން މިރަށު މީހުން އެ ދޯނީގެ މީހުންނާއި ޙަސަންބެއަށް ކަމޭހިތަނީ ހިންދީ އަޅުވެރި ދަންނަބޭކަލުންނާއި ނަޞާރާއިން މަރިޔަމް ގެފާނާއި ޢީސާގެފާނުގެ ބުދައްވެސް ކަމޭނުހިތާވަރަށެވެ.
ދެތިންހަތަރުދުވަސް ވެއްޖެއެވެ. ޙަސަންބޭ ނުގެންދާގެއެއް ވަރަށްވެސް މަދެވެ. ތަށިތަވީދު ލިޔުމާ ފެންކިޔެވުމުގެ ބާޒާރު ވަރަށްވެސް ހަލަބޮލިވެއްޖެއެވެ. ކަމެއް ނަމެއް ހުރިގެއެއްނަމަ ދެތިންހަތަރު ތަވީދު ހިއްޕައެވެ. އެކިކުލަކުލައިގެ ފޮތީގައި ލިޔެވޭ ވަހުތާނުގެ އަދަދެއްވެސް ނޭނގެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިޔެދެވޭ ވަހުތާންތަވީދު  ގެންދާއިރު ޙަސަންބެއަށް ނޫޓްބޮނޑިއެއް ވެސް ދިއްކޮއްލައެވެ. ނޫޓްބޮނޑި ބޮޑުވިވަރަކަށް އެމީހަކަށް ލިބޭ ތަވީދުވަހުތާނުގެ ފައިދާވެސް ބޮޑުވާނެޔޯލަ އެވެ. ދޯނީގެމީހުން ދަތުރަށްވީއިރު ވަރަށްގިނަ ފައިސާ އާ މުދާ ލިބިއްޖެއެވެ. ޙަސަންބޭ ފުރަމުން ބުނުއްވި އެވެ. އަހަރެން މިހެދި ފަންޑިތައަށް އެއްހަފުތާ ހަމަވާރޭ މިރަށް ވިގަނިދުނިޖެހުމުގެ ބިރުވެރިކަމުން ސަލާމަތްވާނެ އެވެ. އެސައިތާނާ މިރަށުން ފައިބައިގެންދާރޭ ވަރަށް ކަންތައްގަނޑު ބޮޑުވާނެ އެވެ. ގޭގޭ ދޮރު ، ބިތްގަނޑު ވެއްޓޭހެން ހީވާ އަޑު އިވޭނެއެވެ. ބަޔަކު ގެއަށް ވަދެއުޅޭހެންވެސް ހީވާނެއެވެ. ގޭފުރާޅުން ޓިނުބާލަނީއޭ ހީވާކަހަލަ އަޑުވެސް އިވިދާނެ އެވެ. އެކަހަލަ މިކަހަލަ ވަރަށްގިނަ އަޑުއަޑު އިވޭނެ އެވެ. އެކަމަކު ރަނގަޅަށް ލޯމަރައިގެން އަލިވިލޭންދެން އޮންނަން ކެރިއްޖެނަމަ އެއްވެސް މީހަކަށް ނުރައްކަލެއް ނުވާނެ އެވެ. އެކަމަކު އެ އަޑުތައް އިވޭ ވަގުތު ލޯހުޅުވައި ބަލައިލައިފިނަމަ އެމީހެއްގެ ކަންތައް އެ ނިމުނީ އެވެ. އެމީހެއްގެ ލޮލެއް ބޮލެއް ނުލިބޭނެއެވެ. މިހެން ބުނެފައި ޙަސަންބޭ އެދޯނިން  ފުރައިގެން ހިނގައްޖެއެވެ. މިދޯނި ފުރައިގެ ދިޔައިރު މިދޯނީގެ މީހުންނަށް އަޑިނޭނގޭ ފޮށްޓެއް ވަށްޓެއް ހުރިކަމަކަށް ނުވެއެވެ.
މިދޯނި ދިޔަފަހުން ދެތިންދުވަސް ވެއްޖެއެވެ. މި ރެއަކީ ޙަސަންބެގެ ފަންޑިތައަށް ހަފުތާއެއް ހަމަވާރެ އެވެ. ވިގަނިދުނިފުރޭތަ ރަށުން ފައިބާނެ ރެއެވެ. އިރުއޮއްސުމާ އެކު ގޭގޭ ދޮރުޖަހައިގެން ނިދަންތިބެއްޖެއެވެ. އިރުއޮއްސި އެއްދަން ހަމަވީފަހުން ވިގަނިދުނި ރަށުން ފޭބުމުގެ އަލާމާތްތައް ފެށިއްޖެ އެވެ. ގޭ ދޮރު ހުޅުވާ އަޑާއި ، މީހުންގެ ފިޔަވަޅުގެ އަޑާއި އެކު ފޮށި ،އަލަމާރި ދަމައި ބޭރަށް ނެރޭހެންވެސް ހީވެ އެވެ. ކޮންމެ މީހަކުވެސް ބާރަށް ލޯމަރައި ތަގުޅިކޮށްގެން އޮންނައިރު ހިތަށް އަރާއެއްޗަކީ ފަންޑިތަ ހަދައިދިން ޙަސަންބޭގެ ބަހުގެ ސީދާކަމެވެ. މިގޮތުގައި މިރޭ ވޭތިވެ ފަތިސްވެ އަލިވެއްޖެއެވެ. މީސްތަކުން ތަންމަތިތަކުން ތެދުވެ ބެލިއިރު ފޮށިތަކާއި އަލަމާރިތަކާ ، ގެވެހި ކަންވާރުތަކުގެތެރެއިން ބާތަކެތި މަގުމަތީގައްޔާ އަތިރިމަތީގައި އުކައިއަޅާފައި ހުއްޓެވެ. އަލަމާރިތަކާއި ފޮތިތައް ފަޅައި ފައިސާއެއްހުރިނަމަ ވަނީގެއްލިފައެވެ. ކާބަފައި ޒަމާނުއްސުރެ ލިބިފައި އޮތިއްޔާ އޮތްހައި ރަންރިހީގެ ގަހަނާއެއްވިޔަސް ވަނީގެއްލިފައެވެ. އަތިރިމަތިން ފެންނަ ހެކިތަކާއި ގަރީނާތަކުން ދޭހަވާގޮތުގައި އެތަކެތި ގެންގޮސްފައިވަނީ ރަށުންބޭރުން އެރިބައެކެވެ. އެބަޔަކުވަނީ ފުރައިގެން ގޮސްފައެވެ. މިހިސާބުން ކޮންމެވެސް ބަޔަކަށް ވިގަނިދުންޏާއި ވިގަނިދުނި ރަށުން ފޭބުމުގެ ކަންތައްތައް ފަހުމް ކުރެވޭވަރުވެއްޖެއެވެ.
ނިމުނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ