އަދުގެ ޚާއްސަ

Print

ތަޤުދީރު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


ފާޠިމަތު އަނޫޝާ   ، ނީލްވިލާ/ ށ.ފުނަދޫ

އަހަރެންގެ ހަޔާތަށް މިފަދަ ދުވަހެއް އަތުވެދާނެކަމަށް ރައްޓެއްސެއް ކީއްކުރަން! ތިމާގެ މީހަކުވެސް ހިޔެއް ނުކުރެއެވެ. އެންމެންވެސް ހީކުރީ އަހަރެން އެންމެ ކުރިއެކޭ އެއްގޮތަށް އެމީހުންގެ ހަޔާތަށް އުފާވެރިކަމުގެ ވޮށް ދިއްލައިދީފައި ބަހައްޓާނެ ކަމަށެވެ. އަހަރެންވެސް ބޭނުންވީ އެގޮތެވެ. ނަމަވެސް ތަޤުދީރު އެކަމަކާއި އެއްބަހެއް ނުވިއެވެ. އެހެންކަމުން އަހަރެންގެ ޙަޔާތަށް ބާރުގަދަ ޠޫފާނެއްގެ ވައި ޖެހެން ފެށިއެވެ. ކަޅުވިލާތަށް ގިނަވާން ފެށިއެވެ. އެއާއެކު އުފާވެރިކަމުގެ ވޮށުގެ އަލި މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ޠޫފާން ނިމިގެންދާއިރު ދާނީ އެވޮށް ނިއްވާލާފައޭ ހީވާ ކަހަލަ އެވެ.

އަހަންނަށް އެކަން އިޙުޞާޞް ވުމާއެކު އެހެންމީހުންގެ ހިތުން އަހަންނަށް ދެވިފައިވާ ލޯތްބާ ޤަދަރު ނައްތާލަން ބޭނުންވިއެވެ. ހިތް ބޭނުންވެގެންނެއް ނޫނެވެ. މަޖުބޫރުވެގެންނެވެ. ސަބަބަކީ ޤަބޫލުކުރަން ދަތި ވަރަށްހިތި ނަމަވެސް ޙަޤީޤަތެކެވެ.

އަހަރެން ގުރޭޑް 10 ނިންމީ މީގެ އަހަރެއް ކުރިންނެވެ. އަދި އިތުރަށް މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާތީ މާލެ އައީ އެވެ. މާލޭގައި ހުންނަނީ ދައްތައެއްގެ ގާތުގައެވެ. ދައްތަ އަހަންނަށް ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ކޮށްދެއެވެ. އެހެން ކަމުން ކިޔެވުންވެސް ހިތަހަމަޖެހޭ މިންވަރަކަށް ކުރިއަށް ދިޔައެވެ.

އެއްދުވަހެއްގެ މެންދުރެވެ. އަހަރެންއިނީ ފިލާވަޅުތައް ހަދާށެވެ. އެމަސައްކަތަށް ހުއްޓުމެއް އައީ ބޮލުގައި ރިއްސަންފެށުމުންނެވެ. އެތައްއިރެއްވީއިރުވެސް ރިހުމެއް ނުކެނޑުނެވެ. އެހެންކަމުން ފޮތްތައް ބަހައްޓާފައިގޮސް އެނދުގައި އޮށޯތިއެވެ. އޭގެ އިރުކޮޅެއްފަހުން ރިހުން ކެނޑިއްޖެއެވެ. އެކަމަކު އެދުވަހަށް ފަހު މިގޮތަށް ބޮލުގައި ރިހުމަކީ ޢާންމު ކަމަކަށް ވެއްޖެއެވެ. ނަމަވެސް ދައްތަ އަކާއި މިކަމެއް ހިއްޞާއެއް ނުކުރަމެވެ. އެއީ ދައްތަ ގާތު ބުނެފިނަމަ ޑޮކްޓަރަށް ދައްކަން ދާން ޖެހޭނެތީއެވެ. ޑޮކްޓަރަށް ދައްކަން ހިނގައްޖިއްޔާ ގެއަށް އާދެވޭނީ ގޯންޏެއްގެ ބޭސް ހިފައިގެންނެވެ. ބޭސްދެކެ އަހަރެން ވަރަށް ފޫހިވެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަހަރެއް ވޭތުވެއްޖެއެވެ. ނަމަވެސް ބޮލުގައިރިހުމަކަށް ބަދަލެއް ނާދެއެވެ. ފަހަކަށްއައިސް ކެއްސާފައި ކަރުން ލޭ އަންނަންވެސް ފެށީއެވެ. އެހެންވެ އަހަރެން ބިރުގަތެވެ. ގޭމީހަކަށް ނޭނގި ޑޮކްޓަރަށް ދައްކަން ދިޔައީމެވެ. އަހަންނަށްވާ ހުރހާ ގޮތްތަކެއް ޑޮކްޓަރަށް ކިޔައިދިނީމެވެ. ބޮލުގައި ރިއްސާތާ އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެކަމާ މިހާރު ވަރަށް ކެއްސާކަމާ އަދި ކަރުން ލޭ އަންނަ ކަމަށްވެސް ބުނީމެވެ. އަހަރެން އެވާހަކަތަށް ކިޔައިދެމުންދިޔައިރު ޑޮކްޓަރުގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަށް ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ.

ޑޮކްޓަރ ޓެސްޓެއް ހެއްދުމަށްފަހު ނަތިޖާ ދެއްކިއެވެ. ނަތީޖާއިން ދެއްކީ އަހަރެން ހުވަފެނުގައިވެސް ހީނުކރާކަހަލަ ކަމެކެވެ. އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ޑޮކްޓަރ އަހަންނަށް ވަރަށް ނަޞޭޙަތް ދިނެވެ. އަދި އަހަންނަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމަށާ އަހަރެން އުޅެނީ އެންމެ ފަހު މަރުޙަލާގައި ކަމށްވެސް ބުންޏެވެ. ބާކީ އޮތީ ދެމަސްދުވަސް ކަމަށްވެސް ބުންޏެވެ. އަދު ގޭމީހަކާއި ބައްދަލުކުރަން އެދުނެވެ. އަހަރެން ވަގުތުން އެކަމާ ދެކޮޅު ހެދީމެވެ. އެތައް އާދޭސް ތަކަކަށްފަހު އެކަން ގޭމިހުންނަށް ނާންގަން ޑޮކްޓަރ އެއްބަސް ވިއެވެ. އަހަރެން ދުނިޔެއިން ވަކިވާންބޭނުމީ އެކަން އިތުރު މީހަކަށް ނާންގައެވެ.

ކުދިކުދިވެފައިވާ ހިތަކާއެކު ޑޮކްޓަރކޮޓަރިން ނިކުތީމެވެ. ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. މަންމަމެން ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށްވާން ބާކީ އޮތީ ހަތަރު މަސްދުވަހެވެ. ނަމަވެސް ތަޤުދީރު މިކަމަށްވެސް ދެކޮޅު ހެދީއެވެ. ހާދަ ނާއިންޞާފެވެ. އަހަރެން އަހަރެންގެ ލޯބިވާ ޢާއިލާ އާ ވަކިކުރުމަށް ނިންމީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ކުޑައިރުއްސުރެ މޮޅު މީހަކަށްވުމަށް ދެކެމުން އައި ހުވަފެން ހުވަފެނެއްގެ ގޮތުގައި އޮވެ ފަނޑުވެދާނެއެވެ. ފަނޑުނުވާނީ ހަމައެކަނި އެހަނދާންތަކެވެ.
މިހާރު އެއްމަސްދުވަސްފާއިތުވެގެން ހިނގައްޖެއެވެ. ބާކީ އޮތީ އެންމެ މަހެކެވެ. ޚިޔާލުގެ ތެރެއިން ނިކުމެވުނީ ޑޮކްޓަރ ގޮވާލުމުންނެވެ. މިއަދަކީ ޑޮކްޓަރުގެ އެދުމުގެ މަތިން އަހަރެން ހޮސްޕިޓަލަށް އައި ދުވަހެކެވެ. މާބޮޑު ބޭނުމެއް އޮވެގެންނެއް ނޫނެވެ. ޑޮކްޓަރ އަންނާށޭ ބުނީމާ އައީއެވެ. އަހަންނަށް މިހާރު އަބަދުވެސް އިންތިޒާރު ކުރެވެނީ މަރަށެވެ. ނަމަވެސް ވަކިވާއިރު ވަކިވާނީ ހިތި ހަނދާންތަކެއް ޢާއިލާގެ މީހުންނަށް ދޫކޮށްލާފައެވެ. ހިތާދެކޮޅަށެވެ. ތަޤުދީރުގައި ލިޔެވިފައިވާތީއެވެ.

(ނިމުނީ)  

ހަމަމިގަލަމުން

އިދާރާ

ވާހަކަ