Print

ފުރިހަމަ ދީން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނާއަށް ޢަޤީދާއެއް ނުވަތަ ފިކުރީ ނިޒާމެއް ބޭނުންވެއެވެ. އޭނާގެ އެތެރެފުށުގެ އެދުންތަކުގެ ޖަވާބަކަށްވާފަދަ ފިކުރީ ނިޒާމެކެވެ. އޭނާގެ ޙަޔާތުގެ ޝަރަޙައަކަށް ކަމުދާކަހަލަ ފިކުރީ ނިޒާމެކެވެ. އޭނާގެ ޢަމަލީ ޙަޔާތުގައި އިރުޝާދު ލިބިގަނެވޭ ޒާތުގެ ފިކުރީ ނިޒާމެކެވެ.

އާންމު ދީންތައް ވަނީ، އިންސާނާއަށް އެފަދަ ފިކުރީ ނިޒާމެއް ހޯދައިދިނުމުގައި ނާކާމިޔާބު ވެފައެވެ. އޭގެ ސަބަބަކީ، އެ ދީންތަކުގެ އަހުލުވެރީން އެ ދީންތަކަށް ގެނެސްފައިވާ ބަދަލުތަކެވެ. އެ ބަދަލުތަކުގެ ސަބަބުން، އެ ދީންތަކުގެ އަސްލު ހައިސިއްޔަތު ގެއްލިފައިވުމެވެ. ނަތީޖާއެއްގެ ގޮތުން، އެ ދީންތަކާ އިންސާނީ ފިޠުރަތާ ގުޅޭގޮތެއް ނުހުރެއެވެ. ޙަޔާތުގެ މުޢާމަލާތުތަކުގައި ރަނގަޅު މަގުދައްކައިދިނުމަށް، އެ ދީންތައް ވަނީ ނުކުޅެދިފައެވެ. އެހެންކަމުން، މިއަދުގެ ޢިލްމީ ދުނިޔެ ވަނީ އެ ދީންތައް ގަބޫލު ނުކޮށް ދޫކޮށްލައިފައެވެ.

ސައިންސް ވުޖޫދަށް އައުމާ ގުޅިގެން، ޒަމާނީ އިންސާނުން ހީކުރީ، ސައިންސް އެބައިމީހުންނަށް ފިކުރީ ބިންގަލެއްވެސް ހޯދައިދޭނެ ކަމުގައެވެ. އެ ބިންގަލުގެ މަތީގައި އެބައިމީހުންނަށް ތެދުވެ ހިންދެމިލެވޭފަދަ ބިންގަލެކެވެ. ނަމަވެސް، އެތާނގައިވެސް އެހެން މައްސަލައެއް އެބައިމީހުންގެ ކުރިމަތީގައި ހުރަހަކަށްވިއެވެ. ސައިންސަކަށްވެސް، އިންސާނާއަށް އޭނާ އެދޭ ފިކުރީ ބިންގަލެއް ހޯދައެއް ނުދެވުނެވެ.

ޝައްކެއްނެތެވެ. ފިޠުރަތުގެ ޢާލަމް ހޯދައިގަތުމުގައި، ސައިންސް އިންސާނާއަށް އެހީތެރިވެދިނެވެ. ސައިންސްގެ އެހީގައި އިންސާނާއަށް ހޯދައިގަނެވުނު ފިޠުރަތުގެ ޢާލަމަކީ، ވަރަށް ފުރިހަމަ ދުނިޔެއެކެވެ. އެ ދުނިޔޭގައި ވަރަށް ފުރިހަމަ ނިޒާމެއް ވެއެވެ. އެ ދުނިޔޭގައި ފުރިހަމަ ޑިޒައިނެއް ވެއެވެ. އެ ދުނިޔޭގައި ރޭވުންތެރިކަން އެބައޮތެވެ. ނަމަވެސް، ސައިންސްގައި ހިމެނޭ އުނިކަމެއް އިންސާނާއާއި ސައިންސާ ދެމެދު އަނެއްކާވެސް ފަރުދާއަކަށްވިއެވެ. އެހެންކަމުން، އިންސާނާ ބޭނުންވެފައިވާ ފިކުރީ ނިޒާމު ލިބިގަތުމުގައި، ސައިންސްގެ ދާއިރާއިންވެސް އޭނާ ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއެވެ.

ސައިންސްގައި ހިމެނޭ އިސްވެ ދެންނެވި އުނިކަމަކީ، ސައިންސުން ހުރިހައި ކަމެއްގެ މަޢުލޫމާތު ލިބެން ނުހުންނަ ކަމެވެ. ސައިންސް އިންސާނާއަށް މަޢުލޫމާތު ދެނީ ހަމައެކަނި [ކޮންއެއްޗެއް ހެއްޔެވެ؟] މި ސުވާލާ ބެހޭގޮތުން ކަމެވެ. [ކީއްވެގެން ހެއްޔެވެ؟]
މި ސުވާލާ ބެހޭގޮތަކުން ސައިންސަކަށް އިންސާނާއަށް އެއްވެސް
އެއްޗެއް ބުނެއެއް ނުދެވުނެވެ. މިސާލަކަށް، ސައިންސް އިންސާނާއަށް ވަރަށްމޮޅު މެޝިނެއްދޭ ކަހަލައެވެ.  ނަމަވެސް،  އެ  ފެންވަރު  ރަނގަޅު މެޝިނުގެ އުފެއްދުންތެރިޔާ (Maker) އަކީ ކާކުކަމެއް، ސައިންސަކަށް ބުނެއެއް ނުދެވުނެވެ. އެ މައްސަލައިގެ ޙައްލު އޮތީ ދީނުގައެވެ. ނަމަވެސް، ޒަމާނީ އިންސާނާ ކުރިއްސުރެ ވަނީ ދީން ގަބޫލު ނުކޮށް ދޫކޮށްލައިފައެވެ.

އިންސާނާއަކީ ސަބަބު އޮޅުންފިލުވުމަށް ލޯބިކުރާ ހައިވާނެކެވެ. (animal explanation-seeking) އޭނާ ކޮންމެ ހާދިސާއެއްގެވެސް ސަބަބަކީ ކޮބައިކަން ދެނެގަންނަން ބޭނުންވެއެވެ. ސައިންސަކަށެއް އިންސާނާގެ އެބޭނުން ފުއްދައެއް ނުދެވުނެވެ. ސައިންސް، ހާދިސާއަށް އިޝާރާތް ކުރެއެވެ. ނަމަވެސް، އެ ހާދިސާގެ ސަބަބު ބަޔާންކޮށެއް ނުދެއެވެ. ސައިންސް، އިންސާނާއަށް ތަޢާރުފުކޮށްދޭ ކާއިނާތަކީ، އެތަނެއްގައި ފުރިހަމަ ޑިޒައިނަކާއި ޕްލޭނެއް އޮތް ކާއިނާތެކެވެ. ނަމަވެސް، ސައިންސް އިންސާނާއަކަށް އެ ކާއިނާތުގެ ޑިޒައިނަރާއި ޕްލޭނަރާ ބެހޭގޮތަކުން އެއްވެސް ޚަބަރެއް ނުދެއެވެ.

އެހެންކަމުން، އިންސާނާއަށް ހިތްހަމަޖެހުން ލިބުމުގެ ބަދަލުގައި، ޤުދްރަތީގޮތުންވެސް އޭނާއަށް ލިބުނީ ހައިރާންކަމެވެ. ކާއިނާތުގައި އެއްވެސް ޑިޒައިނަރަކު ނެތި، މިފަދަ ފުރިހަމަ ޑިޒައިނެއް އޮންނާންވީ ސަބަބެއް އޭނާގެ ވިސްނުމަކަށް ނުގެނެވުނެވެ. އެއްވެސް ޕްލޭނަރަކު ނެތި، ކާއިނާތުގައި މިފަދަ ފުރިހަމަ ޕްލޭނެއް އޮންނާންވީ ކީއްވެގެންކަމެއް އޮޅުމެއް ނުފިލިއެވެ.

ސައިންސް ހޯދައިދިން ދުނިޔޭގައިވާ މި އުނިކަމުގެ ސަބަބުން، އަލްބަޓް އައިންސްޓައިނުން ފެށިގެން ހޯވްކިންގަށް ދާންދެން ދުނިޔޭގެ ހުރިހައި ވިސްނުންތެރި ސިކުނޑިތަކަށް އިޙްސާސްކުރަން ޖެހިފައިވަނީ، ކާއިނާތުގައި ވިސްނައިގަތުން އިންތިހާދަރަޖަޔަށް އުނދަގޫ އެތަކެއް ދާއިރާތަކެއް އެކުލެވިފައިވާކަމެވެ.

There are aspects in the universe which are extremely difficult to understand.

ޝްރޮއިޑިންގަރ (Erwin Schrodinger) މި އުނދަގޫ މައްސަލަ ބަޔާންކުރައްވަނީ، އަންނަނިވި ޢިބާރާތުންނެވެ.

The most incomprehensible thing about nature is that it is incomprehensible

ފިޠުރަތާ ބެހޭގޮތުން އެންމެ ވިސްނައިގަތުން އުނދަގޫކަމަކީ، ފިޠުރަތަކީ ވިސްނައިގަނެވޭފަދަ ތަނެއް ކަމެވެ.

ފިޠުރަތާ ބެހޭގޮތުން އިންސާނާގެ މަޢުލޫމާތުގެ އެއް ވަސީލަތަކަށް އޮތީ، ސައިންސެވެ. ދެވަނަޔަށް އޮތީ، ދީނެވެ. ނަމަވެސް، ޤައުމުތަކުގެ ކުރިމަތީގައި އިސްލާމްދީން ފިޔަވައި ދެންހުރި ހުރިހައި ދީންތަކަކީވެސް، ބަދަލުގެނެސްފައިހުރި ދީންތަކެވެ. އެހެންކަމުން، އެ ދީންތަކެއް އިންސާނީ ފިޠުރަތަކާ ނުގުޅެއެވެ. ސައިންސަށް އިންސާނާއަށް ފިކުރީ ބިންގަލެއް ހޯދައިނުދެވުނީ، ސައިންސަކީ ފުރިހަމަ އެއްޗަކަށް ނުވާތީއެވެ. ހަމައެފަދައިން، އިންސާނާއަށް ފިކުރީ ބިންގަލެއް ހޯދައިދިނުމުގައި ދީންތައް ނާކާމިޔާބުވެފައިވަނީ، ދީންތަކަކީ ބަދަލުގެނެސްފައިވާ ދީންތަކަކަށް ވާތީއެވެ.

އެހެންކަމުން، އިންސާނިއްޔަތުގެ ކުރިމަތީގައި މިހާރު އޮތްހައިވެސް އުންމީދަކީ، އިސްލާމްދީނެވެ. މިއަދުވެސް އިސްލާމްދީނަކީ އިންސާނުންގެ ހުރިހައި ބޭނުންތަކެއް ފުރިހަމަކޮށްދެވޭފަދަ ފިކުރީ ނިޒާމެކެވެ. އިސްލާމްދީނަކީ، އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެސްފައިނުވާ ދީނެކެވެ. އިސްލާމްދީނަކީ، ޙަޤީޤީ ސައިންސުގެ ހުރިހައި ދާއިރާތަކެއް، އެ ދީނުގެ ދާއިރާއަށް ޖަމާކޮށްފައިވާ ފުރިހަމަ ޢިލްމެކެވެ. އިންސާނީ ފިޠުރަތަކާވެސް އަދި ޙަޤީޤީ ޢިލްމަކާވެސް އިސްލާމްދީނަކާ އެއްވެސް ފުށުއެރުމެއް ނެތެވެ. ކުޑަވެސް ދެކޮޅުވެރިކަމެއް ނެތެވެ.

މިއަދު އިންސާނުން ދިރިއުޅެމުންދަނީ، ފުރިހަމަނުވާ ސައިންސާއި، ބަދަލުގެނެސްފައިވާ ދީންތަކާ ދެފަރާތުން ކުރިމަތިވެފައިވާ އުނދަގޫތަކުގެ ދެމެދުގައެވެ. ކަންމިހެން ހުރުމާއެކު، އިންސާނާގެ ކުރިމަތީގައިވާ އުނދަގޫ ސުވާލުގެ ޖަވާބަކަށް އޮތީ، އެންމެ ޖަވާބެކެވެ. އެއީ އިސްލާމްދީނެވެ. އެހެންކަމުން، މިޒަމާނުގެ ބަހުރުވައިން، މިޒަމާނުގެ އުސްލޫބުން ދުނިޔޭގެ ކުރިމައްޗަށް އިސްލާމްދީން ހުށަހަޅައިލެވިއްޖެނަމަ، އެތަކެއް މިލިޔަން މީހުން ދުވެފައި އައިސް، އިސްލާމްދީން ލިބިގަންނާނެކަން ޔަގީނެވެ. އެހެނީ، އެބައިމީހުންގެ ރޫޙުތައް މިއަދު އެންމެ ބޮޑަށް ފެންބޮވައިގެންފައިވާ އެއްޗަކީ އިސްލާމްދީނެވެ. އެބައިމީހުން އެންމެ ބޮޑަށް ބޭނުންވެގެން ހޯދާ އެއްޗަކީ، އިސްލާމްދީނެވެ.
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ