އަދުގެ ޚާއްސަ

Print

25 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތަށް ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 5 ޑިސެމްބަރ 2009 އެވެ.

މިއަރަތުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކަށް އިނާމެއްގެ ގޮތުން ކަނޑައެޅިފައިވަނީ، ވަރަށް އަގުހުރި ޢިލްމީ ފޮތެކެވެ.

މިއަރަތަށް ޖަވާބު ދެއްވާއިރު، މި ޞަފުޙާގައި ލިޔެފައިވާ އެއްޗެއް ރަނގަޅަށް ވިދާޅުވުމަށްފަހު، ޖަވާބު ދެއްވުން ބުއްދިވެރި އެވެ. އެހެނީ އަރަތުގެ ޖަވާބު "ދެފޮޅުވަތް ދޭތެރޭގައި" ވެސް އޮވެދާނެ އެވެ.


އަރަތް:

އެއީ މާތް ﷲ ހައްދަވާފައިވާ މަޚުލޫޤެކެވެ. އެ މަޚުލޫޤުގެ ބައެއް ސިފަތައް ތިރީގައި މިވަނީ އެވެ.

1.    މާތް ﷲ އަށް ޚުޝޫޢަތްތެރިވެ އެވެ.
2.    މާތް ﷲ އަށް ތަސްބީޙަކިޔަ އެވެ.
3.    މާތް ﷲ އަށް ސަޖިދަކޮށް އަޅުކަންކުރެ އެވެ.
4.    ނަބީބޭކަލުންނަށް ނަޞްރުދިނެވެ.
5.    ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދެކެ ލޯބިވެ އެވެ.
6.    ޚަންދަޤު ކޮނެވުނު ދުވަހު، އިސްލާމްދީނަށް ނަޞްރު ލިބޭނެ ކަމުގެ އުފާވެރި ޚަބަރު، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދިނެވެ.
7.    ގެފުޅު ޙިމާޔަތްކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި އެވެ.
8.    ސަވާބު ހޯދުމަށާއި ފާފައިން މިންޖުވުމަށް އެހީތެރިވެދެ އެވެ.

އެއީ، ކޮން މަޚުލޫޤެއް؟


ޖަވާބު ދެއްވުމަށް އެހީއެއް

އެއީ، އޭގައި އަޅުގަނޑުމެންނަށް އަތްލެވޭ، ލޮލަށް ފެންނަ މަޚުލޫޤެކެވެ.
އަދި އެއީ، ޙައްޖު މޫސުމާ ވަރަށް ގުޅުން ބޮޑު މަޚުލޫޤެކެވެ.


1.    މި އަރަތަށް ޖަވާބު ދެއްވާއިރު ބޭނުންކުރައްވަންވާނީ އަސްލު ނަމެވެ. އެހެން ނަމެއް ޖައްސަވާފައި ދެއްވާ ޖަވާބު ދިމާވިޔަސް އިނާމު ލިބިވަޑައެއް ނުގަންނަވާނެ އެވެ. ނަން ޖައްސަވަން ޢުޒުރުވެރިވެ ވަޑައިގަންނަވާ ބޭފުޅުން ޖައްސަވާނީ ނަމުގައި ހިމެނޭ ލަފުޒުތަކުގެ ފުރަތަމަ އަކުރެވެ. (މިސާލު: މުޙައްމަދު އަމީނު = މއ، އިބްރާހީމް ޙަސަން މުޙައްމަދު = އޙމ، ފާޠިމަތު މުޙައްމަދު ސުލައިމާން = ފމސ)

2.    ގިނަ ބޭފުޅުން ޖަވާބު ދިމާކުރައްވައިފިނަމަ، އިނާމުގެ ޙައްޤުވެރިޔާ ހޯދާނީ ޤުރުޢަތުންނެވެ.

3.    ރަނގަޅު ޖަވާބު ދިމާކުރެއްވި ބޭފުޅަކު އިޢުލާންކުރުމުން، އެބޭފުޅަކާ އަޅުގަނޑުމެންނާ ވާހަކަ ދެކެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވަން ވާނެ އެވެ. އެއަށްފަހު، އިނާމާ ޙަވާލުވެވަޑައިގެންނެވުމުގެ ކަންތައް ހަމަޖައްސާނީ އެވެ.


4.    އެއްބޭފުޅަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ޖަވާބު ދެއްވިދާނެ އެވެ.



ނޯޓް:

24 ވަނަ އަރަތުގެ ޖަވާބުގެ އިޢުލާނަށް، ތުއްފާށަނާ ފޮނުއްވި ޚިޔާލު ލިބުނެވެ. ނަމަވެސް މިހާރު އެޚިޔާލުވާނީ ނިވާކޮށްފަ އެވެ. އެއީ، އެ ޚިޔާލުގެ ސަބަބުން، މަސައްކަތަކާ ނުލައި ފޮނި ދުނިޔެއެއް ޙާޞިލުކުރުމުގެ ރޫޙު ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އާލާވެދާނެތީ އެވެ!

އަރަތުގެ ޖަވާބާއެކު، އަރަތް ވިދާޅުވަން ބޭނުންފުޅުނަމަ، ކަނާތްފަރާތުގައިވާ ކޮލަމުގެ ތިރީގައި އަރަތުގެ ސުރުޚީ ވާނެ އެވެ. އެއަށް ކްލިކްކޮށްލައްވައިގެން އެހެން ވިންޑޯއެއްގައި ހުޅުވާލައްވާށެވެ. އެއް ވިންޑޯ ތިރީގައި، އަނެއް ވިންޑޯ މަތީގައި ހުޅުވާލައްވައިފިނަމަ، އަރަތާއި އޭގެ ޖަވާބު އެއްފަހަރާ ވިދާޅުވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

އަނެއް ނުކުތާއަކީ، އެއް އަރަތެއްގައި ރަނގަޅު ދެ ޖަވާބު އޮވެދާނެ ކަމެވެ. އެކަމަކު މިއަރަތަށް އޮތީ ރަނގަޅު އެންމެ ޖަވާބެކެވެ.

ތުއްފާށަނާއަށް އެއްވެސް ހިފެހެއްޓުމެއްނެތި، އިޚުލާޞްތެރި ޝުކުރާއި ޢީދު މުބާރަކު ދަންނަވަމެވެ.

ނަމަވެސް، ތުއްފާށަނާގެ އަސްލު ނަމަކީ މުޙައްމަދު ކަމަށް ވެފައި، މިއަރަތަށް ޖަވާބު ދެއްވާއިރު، ނަމަކަށް ތުއްފާށަނާއޭ ލިޔުއްވައިގެން ޖަވާބު ދިމާކުރައްވައި، އަދި ޤުރުޢަތް ކާމިޔާބުކުރެއްވިޔަސް އިނާމު ލިބިވަޑައެއް ނުގަންނަވާނެ އެވެ. މިއީ، ތުއްފާށަނާއާ މަތިކޮށް އެހެން ބޭފުޅުންނަށް އެއްލި ހިލައެއް ނޫނެވެ. އެހެނީ، އެހެން ބޭފުޅުންގެ އަރިހުގައި މިވާހަކަ އެވަނީ އިސްވެ ދަންނަވާފަ އެވެ.

އަދިވެސް އެއްފަހަރު، ޢީދާއި ވަޅުޢީދުގެ ތަހުނިޔާ، ތުއްފާށަނާއަށް ދަންނަވަމެވެ. އަދި މިތަހުނިޔާގައި ތިޔަ ހުރިހައި ބޭފުޅުން ޝާމިލުކުރަމެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ