އަދުގެ ޚާއްސަ

Print

ފިކުރީ ބޮޑު ބާރު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މިދުވަސްވަރަކީ ބޮޑެތި ބާރުތަކުގެ ވާހަކައިގެ އަޑު، ވަރަށްގަދަ ދުވަސްވަރެކެވެ. އެންމެ މުހިންމުކަމަކީ، ބޮޑު ބާރަކަށްވުން ކަމުގައި ބެލެވޭ ދުވަސްވަރެކެވެ. ނަމަވެސް، ބޮޑު ބާރުގެ ގޮތުގައި މީހުން ދަންނަނީ ދެބާވަތެއްގެ ބާރެވެ. އެއް ބާވަތެއްގެ ބާރަކީ، އިޤްތިޞާދީ ބޮޑު ބާރެވެ. (economic super power) އެ ބާރު މިއަދު ލިބިފައިވަނީ ޖަޕާނަށެވެ. ދެވަނަ ބާރަކީ، ޢަސްކަރީ ބޮޑު ބާރެވެ. (military super power) 1991 ގެ ގަލްފު ހަނގުރާމަޔަށްފަހު އެ ބާރު ލިބިފައިވަނީ އެމެރިކާއަށެވެ.

ނަމަވެސް މާތް اللّه ގެ ދުނިޔޭގައި މި ދެ ބާރު ނޫން އެހެން ބާރެއްގެވެސް އެކަށޭނަކަން އެބައޮތެވެ. ކުރިން ދެންނެވި ދެ ބާރަށްވުރެވެސް މަތީ ހައިސިއްޔަތެއް ލިބިފައިވާ ބާރެކެވެ. އެއީ ފިކުރީ ބޮޑު ބާރަކަށް (ideological super power) ވުމެވެ. މާނައަކީ، އެހެންމީހުންގެ ހިތްތައް ޝައުޤުވެރިކުރުވާފަދަ ނަޒަރިއްޔާއެއް އޮތުމެވެ. އެ ނަޒަރިއްޔާ، މީހުންގެ ހިތުގައި އުފެދޭ ހުރިހައި ސުވާލުތަކަކަށް ޖަވާބު ދިނުމެވެ. އެ ނަޒަރިއްޔާއަކީ ފިޠުރަތު ބާރުއަޅާގޮތާ އެއްގޮތް ނަޒަރިއްޔާއެއް ކަމުގައި ވުމެވެ. މިބާވަތުގެ ނަޒަރިއްޔާއެއް، އިންސާނީ ޖަމާޢަތަކަށް ލިބިއްޖެނަމަ، އެބަޔަކަށް އެއްވެސްކަހަލަ މާއްދީ ބާރަކާ ނުލައިވެސް ޤައުމުތައް ފަތަޙަކުރެވިދާނެއެވެ.

މިދެންނެވި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ބާރަކީ، ފިޠުރަތުގެ ދީނެވެ. މާތް اللّه ގެ ދީން ފިކުރީ ހުރިހައި މައްސަލަތަކެއް ޙައްލުކޮށްދެއެވެ. އެ ދީނަކީ، އިންސާނާގެ އެތެރެފުށް އެދޭ އެދުންތަކުގެ އެންމެ ރަނގަޅު ޖަވާބެވެ. އެ ދީން އިންސާނާއަށް އޭނާގެ ޙަޔާތުގެ މަޤްޞަދަކީ ކޮބައިކަން އަންގައިދެއެވެ. މާތް اللّه ގެ ދީން ލިބިގެންފި މީހަކަށް އިޙްސާސްވާނީ، ތިމާއަށް ހުރިހައި އެއްޗެއްސެއް ލިބިގަނެވިއްޖެ ކަމުގައެވެ. އޭނާއަށް އަލަކުން އެހެން އެއްޗެއް ލިބުމުގެ ބޭނުމެއް ނެތްކަމުގައެވެ.

މާތް اللّه ގެ ހުރިހައި ނަބީބޭކަލުން ވަޑައިގަތީ، މި ދީނާއިގެންނެވެ. ނަމަވެސް، އިސްވެދިޔަ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ އުނގަންނަވައިދެއްވުންތައް އޭގެ އަސްލު ސިފައިގައި ލިބޭކަށެއް މިހާރަކު ނެތެވެ. އިންސާނާ އެ ދީންތަކާ އެއްކުރި އެއްޗެހީގެ ސަބަބުން، އެ ދީންތައް ވަނީ ބަދަލުގެނެސްފައިވާ ދީންތަކަކަށް ހަދައިލައިފައެވެ. އެހެންކަމުން، މާތް اللّه ގެ ދީނުގެ ހައިސިއްޔަތު ލިބިފައިވާ ދީނަކަށް މިހާރު އޮތީ އެންމެ ދީނެކެވެ. އެއީ ފަހުޒަމާނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّم ގެންނެވި ދީނެވެ. އިތުރު ސާހިބާ ގެންނެވި ދީން، ކީރިތި ޤުރްއާނާއި ސުންނަތުގެ ސިފައިގައި މިއަދުވެސް ފުރިހަމަޔަށް ވަނީ ޙިމާޔަތް ކުރެވިފައެވެ. ރައްކާތެރި ކުރެވިފައެވެ.

މިގޮތުން ބަލާއިރު، ފިކުރީ ބޮޑު ބާރަކަށް ވެވުމުގެ ފުރުސަތު މިހާރު އޮތީ ހަމައެކަނި އިސްލާމްދީނުގެ ނަބިއްޔާ ގެންނެވި ދީނަށެވެ. އެހެން އެއްވެސް ދީނަކަށް އެ ފުރުސަތެއް ނެތެވެ. މިއީ އިސްލާމްދީނުގެ އަހުލުވެރީންނަށް ލިބިފައިވާ ވަރަށްބޮޑު އެޑްވާންޓޭޖެކެވެ. އެހެން އެއްވެސް ދީނެއްގެ އަހުލުވެރީންނަށް ލިބިފައިނުވާ އެޑްވާންޓޭޖެކެވެ.

ނަޒަރިއްޔާގެ މުހިންމުކަމާއި މަތިވެރިކަން، ތާރީޚުގެ ތަޖުރިބާއިން ވަނީ ސާބިތުވެފައެވެ. ތާރީޚު ބަޔާންކުރާ ގޮތުގައި، ނަޒަރިއްޔާއަކީ ހަމައެކަނި ބާރަކަށްވެފައި ހުއްޓެނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ ނަޒަރިއްޔާއަކީ އެންމެ ބޮޑު ބާރެވެ.

ޓައިމްސް އޮފް އިންޑިޔާގެ އޮކްޓޯބަރ 1989 ގެ އަދަދުގައި ޝާއިޢުކޮށްފައިވެއެވެ. އެމެރިކާގެ އިދާރާއަކުން ކުރި ސަރވޭއެއްގައި ސުވާލު ކުރެވުނު މީހުންގެ ތެރެއިން 63 އިންސައްތަ މީހުންގެ ނަޒަރުގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ، ސޮވިއެޓް ޔުނިއަންގެ ޢަސްކަރީ ނުރައްކަލެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެމެރިކާގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ ގޮންޖެހުމަކީ، ޖަޕާނުފަދަ ޤައުމުތަކުން ކުރިމަތިވެފައިވާ އިޤްތިޞާދީ ނުރައްކަލެވެ.

A recent survey by the American Insight Group of Cambridge (Mass) found that 63 percent of their respondents felt that the biggest foreign policy challenge is no longer a military threat from the Soviet Union, an economic threat from countries like Japan.

ނަމަވެސް، ފައިސާއާއި ބާރުގެ އެހައިބޮޑު ޚަޒާނާއެއް ޖަމާކުރެވުމުންވެސް އެފަދަ ބަޔަކަށް ދުނިޔޭގެ ފެންވަރުގައި ލިބެންޖެހޭ އަހަންމިއްޔަތެއް ޖަޕާނަކަށެއް ނުލިބެއެވެ. އޭގެސަބަބަކީ ކޮބައިތޯއެވެ؟ އާދެ، އޭގެ ސަބަބަކީ، ޖަޕާނުގައި ވަނީ ހަމައެކަނި އިޤްތިޞާދީ ބާރެވެ. ޖަޕާނަކު ނަޒަރިއްޔާއެއް ނެތެވެ. އެމެރިކާގެ ބޭންކަރެއް ކަމުގައިވާ މިސްޓަރ މާފީ (W. Taggart Murphy) މިވާހަކަ ބަޔާންކޮށްފައިވަނީ، އަންނަނިވި ޢިބާރާތުންނެވެ.

ޖަޕާނުގެ ހައިސިއްޔަތަކީ މަޤްޞަދެއް ނެތް ބާރެއް
(Power without purpose) ފަދަ ސޮސައިޓީއެއްގެ ހައިސިއްޔަތެވެ. ދުނިޔެއަށް ދޭނެ އެއްވެސް އެއްޗެއް، ޖަޕާނު މީހުންގެ އަތަކު ނެތެވެ. އެބައިމީހުންނަކީ އާދަޔާ ޚިލާފު ބަޔެއްކަމުގެ ތަޞައްވުރު ފިޔަވައެވެ.

Japan has nothing to offer the world – only the idea of its uniqueness.

ސިޔާސީ ބާރު ނުވަތަ ޢަސްކަރީ ބާރަކީ ބޭރުފުށުން ފެންނަ ފެނުމުގައި ވަރަށްބޮޑު އެއްޗެކެވެ. ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް، ޙަޤީޤަތަށް ބަލާއިރު، ފިކުރީ ބާރަކީ އެއަށްވުރެ މާބޮޑު ބާރެކެވެ. މާއްދީ ކޮންމެ ބާރަކީވެސް، ފިކުރީ ބާރަކާނުލައި އެއްވެސް ޙަޤީޤަތެއް އޮތް އެއްޗެއް ނޫނެވެ. މާއްދީ ބާރަކާނުލައިވެސް، ފިކުރީ ބާރަކީ ބަލިކޮށްނުލެވޭފަދަ ބާރެކެވެ. ނަޒަރިއްޔާއެއް ލިބިފައިވާ ޖަމާޢަތަކަށް އިންސާނުންނަށް މަތިވެރި މަޤްޞަދެއްގެ ތަޞައްވުރެއް ހޯދައިދެވިދާނެއެވެ. އެންމެ އަގުހުރި އެއްޗެއް ލިބިފައިވާ މީހަކީ، ޚުދު ތިމާގެ އަމިއްލަ ބިންގަލުގެ މައްޗަށް ކޮޅަށް ތެދުވެވޭ މީހާއެވެ. އޭނާއަށް ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެންވެސް ކުރިއަށް ދެވިދާނެއެވެ. ނަޒަރިއްޔާއަކީ އެހެން ކޮންމެ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ އެއްޗެކެވެ. ނަމަވެސް، އެހެން އެއްވެސް އެއްޗަކަށް ނަޒަރިއްޔާގެ މައްޗަކަށް ވެރިކަމެއް ނުހިންގޭނެއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ