އަދުގެ ޚާއްސަ

Print

އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (1)

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. ބޭނުން ވާހަކައެއް ބުނެލެވޭ، ފަށުވި ޢިބާރާތްތައް ބޭނުންކޮށްގެން ލިޔެވޭ އަސަރުގަދަ ބަހެކެވެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ ސާފު ދިވެހިބަހުން މުއާމަލާތުކުރުމުގައި ދިވެހިން ނުކުޅެދުންތެރިވާ މަންޒަރެވެ. ވަހަކަ ދެއްކުމުގައްޔާއި ލިޔެކިޔުމުގައި ހިސާބެއް ނެތް ވަރަށް ކުށްބަސް ބޭނުންކުރާ މަންޒަރެވެ. އޭގެ ސަބަބުން ދިވެހިބަސް ދަސްކުރާ އަދި ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ހިތްދަތި އިޙުޞާޞްތަކެއް ކުރުވައެވެ.

މިލިޔުމުގައި އަޅުގަނޑުގެ މަޤުޞަދަކީ ވާހަކަ ދެއްކުމުގައްޔާއި ލިޔެކިޔުމުގައި ބޭނުންކުރެވިދާނެ ބައެއް އަދަބީ ބަސް އަޅުގަނޑުގެ ނަޒަރުން ހުށަހަޅާލުމެވެ. މީގެ ތެރެއިން ބައެއް ބަސްބަހަކީ ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު ބަސްބަހެވެ. އަދި ބައެއް ބަސްބަހަކީ ދިވެހިން ޢާއްމުކޮށް ބޭނުން ނުކުރާ ބަސްބަހަށް ވުމަކީ އެކާށިގެންވާ ކަމެކެވެ.

1. އަލިފާނަށް ދަރު އެޅުން


އަނދައަނދާ ހުރި އަލިފާން ގަނޑަކަށް ދަރު އެޅުމުން އެ އަލިފާންގަނޑު ބޮޑުވާނެ އެވެ. ނުވަތަ އަލިފާންގަނޑެއް އިތުރަށް ބޮޑުކުރަން ބޭނުންނަމަ އެއަށް ދަރު ނުވަތަ އަދާނެ އެއްޗެއް އަޅަން ޖެހެއެވެ. ހަމަ އެފަދައިން ބައްތިއެއްގެ ހުޅުގަނޑު ކުޑަވާން ފަށައިފިނަމަ އެއަށް ތެޔޮ އަޅާން ޖެހެއެވެ. އިތުރަށް އަލިގަދަ ކުރުމަށެވެ.

އަލިފާންގަނޑަކީ އެހެން ބަޔަކަށް ގެއްލުމެއްދޭން ރޯކޮށްފައިވާ އަލިފާންގަނޑެއްނަމަ އެ ޖެހޭނީ ނިވާލާށެވެ. އެއަށް އިތުރަށް ދަރު އަޅައިގެން އަންދައިފިނަމަ ނުރައްކާތެރިކަން  އިތުރު ވާނެ އެވެ.

އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން ރުޅިއަކީ ނުރަނގަޅު ސިފައެކެވެ. އެއީ އަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް އެޅޭ ހުރަހެކެވެ. މީހަކު ރުޅިއައިސް ހުރެގެން ވާހަކަ ދައްކާނަމަ އެބަސްތައް ރައްދުވާ ބަޔަކު ހިތްހަމަ ނުޖެހޭ ފަދަ ބަސްތައް އިވޭނެއެވެ. އެމީހާގެ ރުޅިގަދަވި ވަރަކަށް ނުވަތަ އޭނާ ރުޅި އެރުވި ވަރަކަށް މިބަސްތައް ވަރުގަދަވެ އަތުންފައިން ގޯސް ހެދޭ ހިސާބަށްވެސް ހިނގައިދާނެ އެވެ. މިގޮތުން އޭނާ ރުޅި އެރުމުމަށް ކުރާ މަސައްކަތަށް އަލިފާނަށް ދަރުއެޅުމޭ ބުނެވިދާނެ އެވެ. ކަމެއް ގޯސްކުރުމުގެ ނިޔަތުގައި ކުރެވޭ ކޮންމެ ކަމަކަށްވެސް އަލިފާން ގަނޑަށް ދަރުއެޅުމޭ ބުނެވިދާނެ އެވެ.

2. ވަރުގަދަ ތޫފާނަކަށްފަހު ދުނިޔެ ހިމޭން ވެދެއެވެ.


ތޫފާނެއް އައުމާއި އެކު ވައިގަދަވެ ކަނޑުގެ ރާޅުތައް ބޮޑެތި ވެއެވެ. އަދި ވައި ބާރުވެ ބައެއްފަހަރު ބޮޑެތި ގެއްލުންތައް އިންސާނީ ދަރިފަސްކޮޅަށް ދެއެވެ. އެއަށްފަހު ވައިމަޑުވެ ކަނޑުގެ ރާޅުތައް ހިމޭން ވެދެއެވެ. ހުރިހާ ދިމާއަކުންވެސް އަމާން ކަމާއި ހަމަހިމޭންކަން ފެނިގެން ދެއެވެ. މިފަދަ ތޫފާނެއްގެ އަސަރު މާކަ ގިނަ ދުވަހަކު ނުހުރެއެވެ. ވަރަށް އަވަހަށް ތޫފާނުގެ އަސަރުތައް ފިލައި ހުރިހާ ދިމާއަކުންވެސް އަމާން ކަމާއި ހިމޭންކަން ފެނިގެން ދެއެވެ.

މިބަހުން ދޭހަކޮށްދެނީ ދުނިޔެވީ ޙަޔާތުގައި އަޅުގަނދުމެން ކުރާއެއްވެސް ކަމެއް އަބަދަކު ދެމިއެއް ނޯންނާނެ ކަމެވެ. ޙާލަތު އަބަދުވެސް ބަދަލުވަމުން ދެއެވެ. ތޫފާނެއް އައިސް އިންސާނީ ހިތްތައް ބިރުވެރިކަމުން ފުރާލައެވެ. އެއަށްފަހު އެކަންތައް ނިމިދެއެވެ. އެކަމުން ސަލާމަތްވުމުގެ ހިތްހަމަ ޖެހުން ހިތްތަކަށް ލިބިގެން ދެއެވެ. އެހެން ކަމުން އިންސާނީ ދިރިއުޅުމަކީ މަޖަލާއި ހިތާމަ ، އުފަލާއި ކަރުނަ ތަހައްމަލު ކުރަން ޖެހޭ ދިރި އުޅުމެކެވެ. އެއްވެސް ޙާލަތެއް ހިތް އެދޭހައި ވަރަކަށް ނުވަތަ އަބަދަށް ދެމިގެނެއް ނުދެއެވެ. އެއް ޙާލަތަކަށްފަހު އަނެއް ޙާލަތެއް ތަޖުރިބާ ކުރަން ޖެހެއެވެ. މިއިން ދައްކުވައިދެނީ ފުރޮޅެއް އެނބުރޭ އެނބުރުމުން އެފެންނަ ފެނުމެވެ. މަތީގައި އޮންނަ ބައި ތިރިއަށް ދެއެވެ. އަދި އެއަށްފަހު މައްޗަށް އަރައެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ބަލާއިރުވެސް ރާއްޖޭގެ ރައްޔިތުން ވަރަށް އުފާ ފާގަތި ކަމާއެކު ދިރިއުޅެމުން ދަނިކޮށް މިތަނަށް ޕޯޗުގީޒުން ވެރިވެ އެއުފާވެރިކަމާ ހިތްހަމަ ޖެހުން ދިވެހިރައްޔިތުންގެ ކިބައިން ނިގުޅައި ގަތެވެ. އެހެނަސް މުޙައްމަދު ތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިންގެ ހިއްމަތާއި މިންނަތުން އެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމުން އަނެއްކާވެސް ކުރިން އޮތް އުފާވެރިކަމާއި ހަމަޖެހުން އަލުން އިއާދަ ވިއެވެ.

އެހެންކަމުން ޙަޔާތުގައި އަންނަ ހިތްދަތި އަދި އުނދަގޫ ދުވަސްތަކުގައި ހިތްވަރު ދެރަކޮށްލައި ދިރިއުޅުމުގެ މަތިން ފޫހިވެގެން ނުވާނެ އެވެ. އެކަންތައްތަކަށް ކެތްތެރިވާން ޖެހޭނެ އެވެ. އޭރުން ކުރިން ތަޖުރިބާ ކުރިވަރަށްވުރެވެސް އުފާވެރި ، ހިތްހަމަ ޖެހޭ ދުވަސްތަކަކުން ފުރިގެންވާ ޙަޔާތެއް ލިބިދާނެ އެވެ.

3. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ.


ފެންނަ ފެނުންތަކަށް ތަބާވުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. ސަބަބަކީ ފެންނަ ފެނުންތައް ޙަޤީޤަތަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކަންކަން ޤަބޫލުކުރަންވާނީ އެކަމެއްގެ ޙަޤީޤަތް ރަނގަޅަށް ބަލައިފައެވެ.

މިބަސް ނެގިފައިވަނީ ޝެކްސްޕިއަރުގެ " ވެނިހުގެ ވިޔަފާރިވެރިޔާ" މި ޑްރާމާއިންނެވެ. ޝެކްސްޕިއަރު ކިޔުންތެރިނަށް ނުވަތަ ބެލުންތެރިނަށް ދޭހަކޮށްދޭން ބޭނުންވަނީ ވިދާ އެއްޗަކީ އެއީ ރަންކަމުގައި ނިންމުމުގެ ކުރިން އެއަށް ރަނގަޅަށް ބަލައި ދިރަސާ ކުރުމުގެ މުހިންމު ކަމެވެ. ރަން ނޫން ކަމުގައިވިޔަސް  އަތްވަށް ނެރުމުން  ވިދާ ވަރަށްގިނަ އެއްޗެތި ހުރެއެވެ. ބިއްލޫރިއަކީވެސް މިފަދަ އެއްޗެކެވެ.

އަހަރެމެން ދުނިޔޭގައި އުލޭއިރު އަބަދުވެސް އެދެވެނީ ޝަވްޤުވެރިވާ ކަންތައް ތަކަށެވެ. މީހުން އަބަދުވެސް ދުވާނީ ވިދާ ތަކެތީގެ ފަހަތުންނެވެ. އެއީ އޭގައި އަގެއްނެތް އެއްޗެއް ކަމުގައި ވިޔަސް އޭގެ ދަޅަތައް ރިތި ވީމައެވެ. އެއަށް ޝަވްޤު އުފައްދަނީ އެ ދަޅަ ތަކެވެ.

ރީތި ހެދުން އަޅާފައި ތިބޭ ބަލާލަން ރިތީ މީހުން ފަހަތުން ޒުވާން ކުދިން އަޅައިގަނެއެވެ. . މޮޅަށް ވާހަކަ ދައްކާ ކުރިމަގަށް ރީތި ހުވަފެންތައް ދައްކާ ސިޔާސީ މީހުން ފަހަތުން ރައްޔިތުން ދުވެއެވެ. އެމީހުން އެފަދަ ވަޢުދުތައް އެވަނީ ވޯޓެއްގެ ޙައްޤުގައިކަން ނޭނގި ތިބެއެވެ. އެފަދަ މީހުންގެ އެދުންތަކަށް އިޖާބަ ދިނުމުގެ ކުރިން އެކަންކަމުގެ ޙަޤީޤަތް ތަކާމެދު ވިސްނުން ބުއްދިވެރިއެވެ.

އެހެންކަމުން ބޭރުފުށުން ފެންނަ ދަޅަތަކަށް ހެއްލުމުގެ ކުރިން އެތެރެފުށުގެ ވިދުމާއި ސާފުކަން ބަލައިލުން އެއީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.


4. އެނބުރޭ އަކިރިއަކު ފެއްސެއް ނުޖަހާނެ އެވެ.


އަބަދުވެސް އެނބުރެމުންދާ، އެއްތަނުން އަނެއްތަނަށް ބަދަލުވަމުންދާ ގާގަނޑެއްގައި ފެއްސެއް ނުޖަހާނެ އެވެ. އޭގެ ޙާލަތު އަބަދުވެސް އޮންނާނީ އެއްގޮތެއްގައެވެ. ޙާލަތު ބަދަލެއް ނުވާނެ އެވެ.

މިބަހުން ދޭހަކޮށްދޭން ބޭނުންވާ މެސެޖަކީ ކަމިޔާބެއް ހޯދަން ބޭނުން ނަމަ ރަނގަޅު ޚިޔާލާއި އުފެއްދުންތެރި ވިސްނުން ގެންގުޅެން ޖެހެއެވެ. އޭރުން ބޭނުންވާ ލަނޑުދަނޑިއަށް ވާޞިލު ވުމަކީ ފަސޭހަކަމަކަށް ވާނެ އެވެ. ހަމަ އެފަދައިން އެއްވެސް އުފެއްދުންތެރި ވިސްނުމެއްނެތި ރަނގަޅު ބުއްދިއެ ނުކޮށް ކަންކަމާ ކުރިމަތި ލާނަމަ އެކަމަކުން ކާމިޔާބު ނުލިބި ހުރި ޙަލަތުގައި އަބަދުވެސް ހުންނަން ޖެހިދާނެ އެވެ.

ޢަޒުމު ވަރުގަދަ މީހެއްނަމަ އޭނަގެ ޢަޒުމު އަބަދުވެސް ހުންނާނީ މަތީ މާޒުތަކަށް ޢަމާޒު ކުރެވިފައެވެ. އެ އަމާޒުތައް އޭނާ ޙާޞިލު ކުރާނެވެސް މެއެވެ. އެކަމަކު ބަލިކަށި ޚިޔާލުގެ މީހުން އެމީހުންގެ އަމާޒުތައް އަބަދުވެސް ހުންނާނީ ބަދަލުވެ ބަދަލުވެއެވެ. އެހެންކަމުން ކާމިޔާބީއެއް ޙާޞިލު ކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަބަދުވެސް ދާނީ ފޭލިވަމުންނެވެ.

ވިޔަފާރިއެއް ފަށާމީހަކުނަމަ އޭނަގެ ވިސްނުމާއި ޚިޔާލާއި ފިކުރު އަބަދުވެސް ބަހައްޓަން ޖެހޭނީ އެ ވިޔަފާރިއަކުން ފައިދާއާއި ލާބަ ލިބެނިވި ގޮތަކަށެވެ. އޭނާއަށް ކަމިޔާބާއި މަޝްހޫރުކަން ހޯދޭނީ މިގޮތުންނެވެ. އެކިދުވަހު އެކިގޮތަށް ވިޔަފާރީގެ ސިޔާސަތުތައް ބަދަލުކޮށް ވިޔަފާރީގެ ވައްތަރު އެއްވައްތަރުން އަނެއްވައްތަރަށް ބަދަލު ކުރާނަމަ ނަފާ ވުމުގެ ބަދަލުގައި ވިޔަފާރި ބަނގުރޫޓް ވެދާނެ އެވެ.

އެހެންކަމުން އަހަރެމެން ކާމިޔާބީއާއި މަޝްހޫރުކަން ހޯދަން ބޭނުންނަމަ ކޮންމެވެސް އެއްކަމަކަށް ވިސްނުމާއި ޚިޔާލު އަމާޒުކުރަން ޖެހެއެވެ. ދުވާލަކު ކަމަކަށް ޚިޔާލު ބަދަލުވަމުންދާކަމުގައި ވަނީނަމަ އެއްވެސް ކަމަކުން ކާމިޔާބެއް ނުލިބޭނެ އެވެ. އެނބުރޭ އަކިރީގައި ފެހި ޖެހުމުގެ ފުރުޞަތު ނޯންނަ ފަދައިންނެވެ.

5 . ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ އެވެ.


އަޅުގަނޑުމެން ބޭނުންވާ ކަމަކަށް އެދޭނަމަ އަދި އެކަމެއް ޙާޞިލުކުރަން ބޭނުންވާ މިންވަރަށް އަޒުމާއި ހިތްވަރާއެކު މަސައްކަތް ކުރެވިއްޖެނަމަ އެކަމެއް ޙާޞިލު ވެދެއެވެ. ޚިދުމަތެއް ދޭ ބަޔަކުގެ ކިބައިން އެ ޚިދުމަތެއް ހޯދުމަށް ތަކުރަރުކޮށް އެދެވޭ ނަމަ ޚިދުމަތް ލިބުމުގެ ފުރުބަތު ބޮޑުވެގެން ދެއެވެ.

މި ދުނިޔޭގައި ބޭނުންތަކެއް ނުވާ އެއްވެސް މީހަކު ނުވެއެވެ. އަޅުގަނޑުމެންގެ އަބަދުގެވެސް ޝަކުވާ އަކީ އަޅުގަނޑުމެން ބޭނުންވާ އެދުންތައް ނުފުދިގެން އެކަމުގެ ޝަކުވާއެވެ. ތުއްތު ދަރިފުޅު ރޯން ފަށައިފިނަމަ މައިމީހާ އެދަރިފުޅަށް ކިރުދެއެވެ. ކުޑަދަރިފުޅު އެރޮނީ ބަނޑުހައި ވެގެންކަން އޭނަގެ މަންމަ ދެނެގަނެއެވެ. އަދި އެދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރުދެއެވެ.
އަޅުގަނޑުމެންވެސް ކަމަކު ބޭނުންވެއްޖެނަމަ އެބޭނުންވާ ކަމަކަށް އެދެން ޖެހެއެވެ. އެޚިދުމަތެއް ދޭ މީހާއަށް ޚިދުމަތް ބޭނުންވާ ބަޔަކު ތިބިކަން އެނގޭނީ އޭރުންނެވެ. އޭނަގެ ސަމާލުކަން އެކަމަށް އައިސް ޚިދުމަތް އަވަސްވާނީވެސް އޭރުންނެވެ.

ދަރިވަރުން އެނާ އިށީންނަ އިމްތިހާނުން ރަނގަޅު ނަތިޖާ ހޯދަން ބޭނުންނަމަ އަދި މަތީ ވަނަތައް ޙާޞިލު ކުރަން އެދޭނަމަ އިމްތިހާނުން އެކަން ދައްކަން ޖެހއެވެ. ވަޒިފާއެއް ބޭނުން ކަމުގައި ވަނީނަމަ އެވަޡިފާއަކަށް އެދެން ޖެހެއެވެ. އެވަޒިފާ ބޭނުންވެފައިމެ އެކަމަކު ނޭދި ހުރެއްޖެ ކަމުގައި ވަނިނަމަ މަޤުޞަދު ޙާޞިލެއް ނުވާނެ އެވެ.

(ނުނިމޭ...)

ހަމަމިގަލަމުން

އިދާރާ

ވާހަކަ