އަދުގެ ޚާއްސަ

Print

ދުބައި: ގަނބާ ސަހަރާއަކުން ވޮޑުނު ރަށް ... ގިރަން ފެށީބާ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


މިދިޔަ ނޮވެމްބަރުގެ ފަހުގެ ހަފުތާ އާ ހަމައަށް ދުބައި އަކީ އިންވެސްޓަރުންގެ ލޯތައް އެދިމާއަކަށް ހުއްޓިފައިވާ، ފަތުރުވެރިކަމުގެ ޖާދުވީ މަޒާރެކެވެ. ސަރަހައްދީ މާލީ މަރްކަޒެކެވެ. ދުރުވިސްނޭ، ކުޅަދާނަ ޤާބިލު ޒަޢާމަތެއްގެ ރަށްވެހި ނަމޫނާއެކެވެ. ނަމަވެސް، ހުސްވިމަހު ފަހުކޮޅު، އެރަށުގެ ދަރަނި އަދާކުރަންޖެހޭ ވަގުތުގައި އަދާކުރުމަށް ނުކުޅެދުންތެރިވެއްޖެކަން އިޢުލާނުކުރުމާ ވިދިގެން ދުނިޔޭގެ ނޭވާ ހިފެހެއްޓިގެން ދިޔައެވެ. މިކަމުގެ ސަބަބަކީ މި "ރޯގާ" ފެތުރިގެން ހިނގައިދާނެތީއެވެ. ބޮޑެތި މުއްސަނދިޤައުމުތަކުގެ ބޭންކްތަކުން އިންވެސްޓްކޮށްފައިވާ ގިނަޢަދަދެއްގެ ބިލިޔަންތަކެއް ގަނބާ ސަހަރާއެއްގެ ފަސްގަނޑުދަށުގައި ވަޅުލެވިގެން ހިގައިދާނެތީއެވެ. މި މަޝްރޫޢުތައް ފެށުނީ ކިހިނެއްތޯއެވެ؟ މިއަދުގެ ޙާލަތަކީ ކޮބައިތޯއެވެ؟ މުސްތަޤްބަލަށްޓަކައި ފޮރުވިފައިވަނީ ކޮންއެއްޗެއްތޯއެވެ؟

ދުބައި އަކީ ހަކަތައިގެ މުއްސަނދިކަން ލިބިފައިވާ ސަރަޙައްދެއްގައި އޮތް ޤުދްރަތީ މުއްސަނދިކަން  ނިސްބަތުން ކުޑަރަށެކެވެ. ނަމަވެސް ދުބައިގެ އަމީރު ޝައިޚު ރާޝިދު ބިން މަކްތޫމުގެ ޙިކްމަތުޢަމަލީ އާއި ސިޔާސަތުގެ ދަށުން ވަރަށް އުއްމީދީ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީއެއް އެކުލަވައިލެވުނެވެ. މި ސްޓްރެޓެޖީގެ އެންމެ މުހިއްމު އަމާޒަކީ ކުޑަކުޑަ ދުބައި ބައިނަލްއަޤްވާމީ މާލީ ބޮޑުމަރްކަޒަކަށް ބަދަލުކޮށްލުމެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ފައިސާ ދަރަންޏަށް ނަގަންފެށިއެވެ. ޚިޔާލީ ޢަދަދަކަށް ބޮޑެތި ބޭންކްތަކުން ފައިސާ ވަނީ ނަގައިފައެވެ. މި ފައިސާ ގެ ބޭނުން ރަނގަޅުގޮތުގައި ހިފައިގެން އައްނަޚީލު ޖަޒީރާ ފަދަ ޞިނާޢީ ޖަޒީރާތަކާއި ރީތި ރިޒޯރޓްތަކާއި ހަތްތަރީގެ ބޮޑެތި ހޮޓާތަކާއި މަޝްހޫރު ވަރުގަދަ އެއަރލައިނެއް ބިނާކުރިއެވެ. އަދި ކީއްތޯއެވެ؟ އެންމެ މިޒަމާނުގެ ބިންގަރާސް މެޓްރޯ ނިޒާމެއްވެސް ޤާއިމުކުރިއެވެ.

ލޯނު ނުނަގާ މިކަންތައްތައް ދުބައި އަކަށް ނުކުރެވޭނެއެވެ. މި ލޯނުތަކުގެ ސަބަބަން ދުބައި ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުގެ އެކުވެނީގެ ދަރަނި 80 ބިލިއަން ޑޮލަރަށް ފުނިޖެހިގެން ދިޔައެވެ. މިއީ ދުބައި ގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ 140 % އެވެ.

މި އިޤްތިޞާދީ ނާދިރު ވެށީގެ ތެރޭގައި ބޭރުމީހުންނަށް އެމީހުންގެ ޖީބުތައް ފުއްޕުވާލާނެ ފުރްޞަތުތައް ތަނަވަސްވެގެންދާނެކަމަށް އުއްމީދުކުރެވުމުގެ ސަބަބުން އެމެރިކާއާއި އޭޝިޔާއާއި އެފްރިކާގެ ބައްރުތަކުން މީހުން އަވަސްފިޔަވަޅުމަތީގައި ދުބައިއަށް ދިޔައެވެ. މި އެންމެންގެ ސަބަބުން ތަނުގައި ދިރިއުޅޭމީހުންގެ ނިސްބަތުން ދުބައި ގެ އަޞްލުރަށްވެހީން 10 % ށް ދަށްވެގެންދިޔައެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ ދީންތައް ވެސް ދުބައިގެ ޖައްވުގެ ތެރޭގައި މަސްހުނިވެގެންދިޔައެވެ. މުސްލިމު ރަށެއްގެ ރައްޔިތުންގެ އިސްލާމީ ސަޤާފަތު ބައިނަލްއަޤްވާމީ ސަޤާފަތަކަށް ބަދަލުވެގެންދިޔައެވެ. ހިންދީ ބުދުފައްޅިތަކާ އަވަށްޓެރިވެގެން ނަޞާރާ ފައްޅިތައް ބިނާކުރެވުނެވެ. އުސް މުންނާރުތަކުގެ މިސްކިތްތަކާ ޖެހިފައިވާ ކަހަލަގޮތަކަށެވެ. މަޝްހޫރު ބީޗް ރިޒޯރޓެއް ކަމުގައިވާ ޖުމައިރާ ގެ ރީތި ވިލާތަކުގެ މެދުތެރޭގައި ޔަހޫދީ ފައްޅިއެއްވެސް އާރާސްތުކުރެވިފައިވާ ތަން ފެނެއެވެ. މިއީ، ދުބައި ގައި އިންވެސްޓް ކުރި މުއްސަނދި ސައުދާގަރަކު އޭނާއަށް ވެސް އަޅުކަން ކުރެވޭނެ ތަނެއް ހުންނަންޖެހޭނެ ކަމަށް ޝަރްޠުކުރުމުން  ދެވުނު ހުއްދައެކެވެ. ބޭނުން ވަނީ އިންވެސްޓަރުންގެ ފައިސާއެވެ. އެހެންކަމުން ދުބައި އަކީ  "އެއްފަސްނުވާ އެތައްކަންތައްތަކެއްގެ" ބޯހިޔާވައްސެކެވެ.

ޝައިޚު ރާޝިދުގެ މި ސްޓްރެޓެޖީ ގެ ދަށުން ފުލުފުލުގައި ކާމިޔާބީތައް ގުނަމުން ތަރައްޤީގެ ބާރުދުވެއްޔެއްގައި ދުބައި ކުރިއަށް ދަނިކޮށް، ދުނިޔެ އާ ކުރިމަތިވި ބައިނަލްއަޤްވާމީ މާލީ ތަދުމަޑުކަމުގެ ސަބަބުން ދުބައިގެ ފައިދަށުން ވެލިގަނޑު ދޫވެގެންދާން ފަށައިފިއެވެ. މި މާލީ ތަދުމަޑުކަމާ އެކު ރިއަލް އެސްޓޭޓް ގެ އަގުތައް ވީރާނާވެއްޖެއެވެ. އަދި ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ބިންގާތަކާއި ތަނބުތަކުގައި ރެނދުތައްލައި ވެއްޓިދާނެކަމުގެ އިންޒާރުދީފިއެވެ. މިކަމުގެ ނަތީޖާއަކަށްވީ އެއްވެސްމީހަކު ދުބައި އަށް ލޯން ނުދިނުމެވެ. އެ ޤައުމުގެ އިޤްތިޞާދު އާރާސްތު ވެފައިވަނީ މި ފަދަ އެސްޓޭޓް ތަކުގެ މަތީގައި ކަމަށް ވާތީއެވެ.

މި ކަމުގެ ސަބަބުން ދުބައި އަށް އެ ޤައުމުގެ ދަރަނި އަދާކުރަންޖެހޭ ވަގުތުގައި އަދާކުރުމަށް ނުކުޅެދުންތެރިވީއެވެ. މި ދަރަނި އަދާނުކުރެވޭނެކަމަށް ދުބައި އިން އިޢުލާނުކުރުމުން މުރަނަވެފައިވާ ބައިނަލްއަޤްވާމީ މާލީ ބާޒާރަށް ވަރުގަދަ ލޮޅުމެއް އެރިއެވެ. ބަލިގަނޑުން އަރައިނުގަނެވިގެން އުޅޭ މާލީ  ނިޒާމުގެ ރިހޭ ފައި މައްޗަށް އަލުން ފޮއި ވެއްޓުނީއެވެ.

ދުބައިގެ މި ހާދިސާ އާ ގުޅިގެން ބައިނަލް އަޤްވާމީ މާލީ ނިޒާމަށް، ދުނިޔޭގެ މީޑިޔާ އިން އަނެއްކާވެސް އިންޒާރުތައް ދޭންފަށައިފިއެވެ. ވޭތުވެދިޔަ ދެއަހަރު ދުނިޔެ ދެކެފައިވާ މާލީ ތަދުމަޑުކަމުން އަދި އަރައިނުގަނެވޭކަމުގެ އިންޒާރެވެ. ބިންހެލުމާ ވިދިގެން އަންނަ ލޮޅުންތައް އައުން އަދި ނުހުއްޓޭ ކަމުގެ ބިރުވެރި ޚަބަރެވެ. ނަމަވެސް މުޙައްލިލުން ވިދާޅުވާގޮތުގައި ދުބައިގެ މި މާލީ ދަތިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ ތަދުމަޑުކަމުގެ ބަލިގަނޑު ދެވަނަފަހަރަށް ހިލިދާނެކަމަކަށް ލަފައެއްނުކުރެއްވެއެވެ. އެހެނީ ބައިނަލްއަޤްވާމީ ފައިސާ ފޮށި (ނުވަތަ އިންޓަރނޭޝްނަލް މަނިޓަރީ ފަންޑް) ބުނާގޮތުގައި ބައިނަލްއަޤްވާމީ މާލީ ތަދުމަނޑުކަމުގެ ސަބަބުން ދުނިޔެއަށް ލިބުނު 3 ޓްރިލިއަން ޑޮލަރުގެ ގެއްލުމާ އަޅައިބަލާއިރު ދުބައިގެ ދަރަންޏަކީ (80 ބިލިއަން ޑޮލަރަކީ) ވަރަށް ކުޑަ މިންވަރެކެވެ. މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ދުބައި އާ ކުރިމަތިވި ހާދިސާ އަކީ އިމާރާތުގެ ސަހަރާ ތެރޭގައި ދެމެމުންދާ ވެލިގަނޑުގެ ގިޔުގަނޑުން ބޭރުވެފައިވާ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ ތަދުމަނޑުކަން އަލުން ފެށުމަކީ ވަރަށް ދުރުކަމެކެވެ.

އެކަމަކު ދުބައި އިން އެ ރަށުގެ ދަރަނި އަދާކުރުން ލަސްކުރަންޖެހިއްޖެ ކަން އިޢުލާނުކުރުމަކީ އަވަށްޓެރި މުއްސަނދި އަބޫ ޡަބްއި އާ ކުރިމަތިލާން ޖެހުނު ބޮޑު މަލާމާތެކެވެ. މިއީ ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ކުޑަވެގެންދިޔަކަމެއް ވެސް މެއެވެ. މި އިޢުލާނުގެ ސަބަބުން ދުބައި ސަރުކާރުގެ އިތުބާރު ކުޑަވެގެންދާނެއެވެ. އަދި ކީއްތޯއެވެ؟ މިކަމުގެ ސަބަބުން އެކުވެރި އަރަބި އިމާރާތުގެ ދައުލަތުގެ އިތުބާރުވެސް ކުޑަވެގެންދާނެކަން ކަށަވަރެވެ.

ދުބައި ސަލާމަތްކުރުމުގެ މަސްއަލާގައި މިއަދު ނަޒަރު ހުއްޓިފައިވަނީ އަވަށްޓެރި އަބޫ ޡަބްއި އާ ދިމާއަށެވެ. މިކަމުގައި އަބޫ ޡަބްއި އިން ޙަރަކާތްތެރިވާނީ ކިހިނެއްކަމާމެދު ސުވާލު އުފެދެއެވެ. އަދި އަބޫ ޡަބްއި އިން ޙަރަކާތްތެރިވާނީ ކޮން އަސާސެއްގެ މަތީގައި ކަމެއް ވެސް ނޭގެއެވެ. ދުބައި ސަލާމަތްކުރުމަށްޓަކައި އަބޫ ޡަބްއި އިން އެހީވާނީ ކޮންކަހަލަ އަގެއް ނަގައިގެން ބާވައެވެ. އަވަށްޓެރި ދުބައި އަށް މާލީ އެހީވުމަށްޓަކައި އަބޫ ޡަބްއި އިން ދިއްކޮށްލާ މާލީ ފޫޅު ވާނީ ކޮންކަހަލަ އެއްޗަކަށްބާވައެވެ؟ މި އެހީގެ ބަދަލުގައި  ދުބައި ގެ އަގުހުރި ހަރުމުދާތަކުގެ މައްޗަށް (އިމަރެޓްސް އެއަރލައިންސް ނުވަތަ ބައިނަލްއަޤްވާމީ ދުބައި ބަނދަރު ކުންފުނި ފަދަ ޖަވާހިރުތަކުގެ މައްޗަށް) އަތްގަދަ ކުރަން އަބޫ ޡަބްއި އިން މަސައްކަތް ނުކުރާނެބާވައެވެ! ފަހަރެއްގައި މި އެހީގެ އަގަކަށް ދުބައިގެ  ބައިނަލްއަޤްވާމީ މާލީ މަރްކަޒު، އަބޫ ޡަބްއިގެ ބާރުގެ ދަށުގައި ބޭއްވުމަށް ނޭދޭނެބާވައެވެ!

ސިޔާސީ މުޙައްލިލުން ވިދާޅުވާ ގޮތުގައި ދުބައިގެ މި ދަތި ޙާލަތުގެ ބޭނުން ހިފައިގެން އަބޫ ޡަބްއި އިން އެކުވެރި އަރަބި އިމާރާތުގެ ދައުލަތް ވަރުގަދަކުރުމަށްޓަކައި ސިޔާސީ ގޮތުން އެ ދައުލަތާ، ދުބައި، ކުރިއަށް ވުރެ ބޮޑަށް ގުޅުވާލުމަށް މަސައްކަތްކޮށްފާނެއެވެ.

މުޙައްލިލުން ވިދާޅުވާގޮތުގައި މި މަސްއަލަ ޙައްލުކުރުމުގެ ތަޅުދަނޑި އޮތީ އަބޫ ޡަބްއި ގެ ޒަޢީމުންގެ އަތްޕުޅުގައެވެ. އެކަމަކު ދުބައި ގެ ޙާކިމު އަދި އިމާރާތުގެ ބޮޑުވަޒީރު ޝައިޚު މުޙައްމަދު ބިން ރާޝިދު އާލު މަކްތޫމު ވިދާޅުވާގޮތުގައި މި މަސްއަލަ އެބޭފުޅުންނަށް އަމިއްލަފުޅަށް ޙައްލުކުރެއްވޭނެއެވެ. ބޭރުޤައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރައްވަމުން ވިދާޅުވިގޮތުގައި ގޮންޖެހުންތަކާ ދުބައި އިން ކރިމަތިލާނީ ވަރުގަދަ ޢަޒްމަކާ އެކުގައެވެ.

ދުބައިގެ މި އިޢުލާނާ މެދު އުއްމީދީ ނަޒަރަކުން ބައްލަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ބައިނަލްއަޤްވާމީ މާލީ ބާޒާރުގެ ތެރޭގައި އުފެދިފައިވާ ސައިބޯނިބޮކިތައް އެއްފަރާތްކޮށް ޙަޤީޤަތް ދެއްކުމަށް މަސައްކަތްކުރަން ގޮވާލާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެބާޒާރުން ފީ ހޮވާލެވޭނެއެވެ. އަބޫ ޡަބްއި އާއި، ކުވައިތާއި ޤަޠަރާއި ބްރެޒީލާއި ސުޢޫދިޔާ އާއި ޗައިނާ އާއި އިންޑިޔާ ފަދަ ވަރުގަދަ ބާޒާރުތައް ހަށިފޮޅާލައި ތެދުވާނެއެވެ. މީގެ އިތުރަށް ބޮޑެތި ދަރަނިތައް ހުރި ޤައުމުތަކާއި ބަޖެޓްގައި ދެކޮޅު ނުޖެހުން އޮތްޤައުމުތައް އިތުރު ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ