އަދުގެ ޚާއްސަ

Print

އެންމެ މަތިވެރި ބާރު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ޤާހިރާގެ ޢަރަބި މަޖައްލާއެއް ކަމުގައިވާ އާޚިރުއްސާޢާގައި ލިޔެފައިވެއެވެ. 1990 އޯގަސްޓްގައި ޢިރާޤު ކުވެއިތަށް ޙަމަލަދިނުމުން، ޤާހިރާގައި ޑޮކްޓަރ އަޙްމަދު އައްރާއިފްގެ ގޭގައި ބައްދަލުވުންތަކެއް ބާއްވަން ފެށިއެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ، ޢަރަބި ދުނިޔޭގެ ޢިލްމުވެރީންނާއި މުފައްކިރުންގެ ޚާއްޞަ ޖަމާޢަތެކެވެ.

އެއްދުވަހެއްގެ ބައްދަލުވުމެއްގައި މިސުރުގެ ވަރަށްގިނަ ޢިލްމުވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އެދުވަހުގެ ވާހަކަފުޅުތަކުގެ މައިގަނޑު ނަމަކަށް ވެފައިއޮތީ، ޞައްދާމް ޙުސައިނުގެ ފިޔަވަޅުގެ ސަބަބުން، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ސިޔާސީ، އިޤްތިޞާދީ، ތަހުޒީބީ ބޮޑު މައްސަލަތަކެވެ. ކޮންމެ ބޭފުޅަކުވެސް ގެންދެވީ، ގަލްފުގެ މައްސަލައާމެދު ހިތާމަ ފާޅުކުރައްވަމުންނެވެ. އެބޭފުޅެއްގެ ވިސްނުންފުޅު ހުރިގޮތަކާ ގުޅޭގޮތަށް، އެ މައްސަލައިގައި ޚިޔާލު ފާޅުކުރައްވަމުންނެވެ.

މިދެންނެވި ޢިލްމުވެރީންކުރެ އެއްބޭފުޅަކީ، ޑޮކްޓަރ ޒަޢުލޫލް އައްނައްޖާރެވެ. އޭނާއަކީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގެ ޖާމިޢަތުލް އިމާމް މުޙަންމަދު ބިން ސުޢޫދުގެ އުސްތާޛެކެވެ. އޭނާ ވަރަށް ރަނގަޅަށް އިނގިރޭސިބަސް ދެނެވަޑައިގަންނަވައެވެ.

އެމެރިކާގެ ސިފައިން ސަޢޫދިއްޔާގެ ޙަފްރުލްބާޠިންގައި ތިބިއިރު، ސަޢޫދީ ސަރުކާރުން ޑޮކްޓަރ ޒަޢުލޫލް އައްނައްޖާރު ޙަފްރުލްބާޠިނަށް ފޮނުވިއެވެ. އެމެރިކާގެ ސިފައިންގެ ކުރިމަތީގައި އިސްލާމްދީނާ ބެހޭގޮތުން ތަޤްރީރު ކުރެއްވުމަށްޓަކައެވެ. ޚުދު އެމެރިކާގެ ސިފައިންގެ އިސްވެރީންގެ އެދުމުގެ މަތިންނެވެ.

އިސްވެދެންނެވި ޤާހިރާގެ ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ނައްޖާރު ވިދާޅުވިއެވެ. ޝައްކެއްނެތެވެ. މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ، ކިތަންމެހައިވެސް ސުންޕާ މައްސަލައެކެވެ. ނަމަވެސް، މި ހިތާމަވެރި ހާދިސާގެ ތެރެއިން ހުޅުވިގެންދިޔަ ހެޔޮކަމުގެ ދޮރެއްގެ ވާހަކަ، ތިޔަބޭފުޅުންނަށް ދަންނަވައިލަން އަޅުގަނޑު ބޭނުމެވެ.

އެދުވަސްވަރު އެމެރިކާގެ އެއަރފޯސްގެ ޗީފް އަޅުގަނޑަށް ދަޢުވަތު ދިނެވެ. އޭނާ އަޅުގަނޑުކުރެން އެދުނީ، މެދުއިރުމަތީގެ ތަހުޒީބާއި ޘަޤާފަތާއި، މެދުއިރުމަތީގެ މީހުންގެ ޢަޤީދާއާ ބެހޭގޮތުން އެމެރިކާގެ ސިފައިންނަށް ތަޤްރީރެއް ދިނުމަށެވެ. އެމެރިކާގެ ސިފައިންނަށް އެހިސާބުގަނޑުގެ މީހުންގެ ދީނާއި ތަހުޒީބާމެދު މަޢުލޫމާތު ލިބިދިނުމަށްޓަކައެވެ.

މި މައިގަނޑު ނަމަކީ، އޭގައި އިސްލާމްދީން އޭގެ އަމިއްލަ ޒާތުގައިވެސް ޝާމިލުވެފައިވާ މައިގަނޑު ނަމެކެވެ. އެހެންކަމުން އަޅުގަނޑުގެ ތަޤްރީރުގައި އިސްލާމްދީނުގެ އުނގަންނައިދިނުންތައް ތަޢާރުފު ކޮށްދިނީމެވެ. އެމެރިކާގެ ސިފައިންނަށް އިސްލާމީ އަގުތައް އޮޅުންފިލުވައިދިނީމެވެ. އެމެރިކާގެ އެއަރފޯސްގެ ޖެނެރަލް އަޅުގަނޑާ އިސްތިޤްބާލުކުރީ، ނުހަނު އިޙްތިރާމާ އެކުގައެވެ. އެމެރިކާގެ ސިފައިން އަޅުގަނޑުގެ ވާހަކަ، ނުހަނު ކަނުލައި އަޑުއެއްސެވެ.

އަޅުގަނޑުގެ ތަޤްރީރު ނިންމައިލާއިރަށް، ވަރަށް ހައިރާންކުރުވަނިވި ހާދިސާއެއް ކުރިމަތިވިއެވެ. އެމެރިކާގެ ޕައިލެޓެއް އޭނާގެ އެތަކެއްހާސް އެކުވެރީންގެ މެދަށް ތެދުވެއްޖެއެވެ. އޭނާ އިސްލާމްދީން ގަބޫލު ކުރިކަން، ހަމަ އެވަގުތު އިޢުލާން ކުރިއެވެ. އޭނާ، އޭނާއާބެހޭ މަޢުލޫމާތު ދެމުން ބުންޏެވެ. [އެތަކެއް އަހަރެއްގެ ކުރީއްސުރެ އަޅުގަނޑަށް އިޙްސާސްވަނީ، އަޅުގަނޑުގެ ކިބައިގައި ކޮންމެވެސް އެއްޗެއް މަދުކަމެވެ. އަޅުގަނޑު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން މިގެންދަނީ، ގެއްލިފައިވާ އެއްޗެއް ފެނޭތޯއެވެ. މިކަމުގެ ތެރޭގައި އަޅުގަނޑު ފަސްސަތޭކަ ފޮތް ކިޔައިފީމެވެ. އެތަކެއް ޚަރަދުތަކެއް ކޮށްފީމެވެ. ނަމަވެސް، އަޅުގަނޑު ބޭނުންވެފައިވާ އެއްޗެއް އަޅުގަނޑަކަށް ނުލިބުނެވެ. ކަލާ މިއަދު އިސްލާމްދީނާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމުން، އެ މަޢުލޫމާތު އަޑުއަހައިފައި އަޅުގަނޑަށް އިޙްސާސްވީ، އެތައް ދުވަހަކުއްސުރެ އަޅުގަނޑު މިހޯދާ އެއްޗަކީ އިސްލާމްދީން ކަމެވެ.]

މި ވާހަކަތަކަށްފަހު އޭނާ ޑޮކްޓަރ ޒަޢުލޫލް އައްނައްޖާރުގެ އަރިހުގައި ދެންނެވިއެވެ. އަޅުގަނޑު އިސްލާމްވާން ބޭނުމެވެ. ވިދާޅުވެބައްލަވާށެވެ. އަޅުގަނޑަށް އިސްލާމްވެވޭނީ ކިހިނަކުންތޯއެވެ؟ ޑޮކްޓަރު ވިދާޅުވިއެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ކަލާ ޝަހާދަތުގެ ދެކަލިމަ ކިޔުއްވާށެވެ. އެމެރިކާގެ ޕައިލެޓް އެތަކެއްފަހަރު އެ ދެކަލިމަފުޅު ތަކުރާރު ކުރިއެވެ. ލެކްޗަރ ހޯލަށް އެއްވެފައިތިބި އެންމެންގެ ކުރިމަތީގައެވެ.

ޑޮކްޓަރ ޒަޢުލޫލް އައްނައްޖާރު ވިދާޅުވިގޮތުގައި، އެ ހާދިސާއަށްފަހު ޙަފްރުލްބާޠިނުގައި ތިބި އެމެރިކާގެ ސިފައިންގެ ތެރޭގައި އިސްލާމްދީނުގެ ވާހަކަތައް ފެތުރެން ފެށިއެވެ. އެމެރިކާ ސިފައިން އިސްލާމްވަމުން ދިޔައެވެ. ސިފައިންގެ ކާނަލަކު ބަޔާންކުރި ގޮތުގައި، އެދުވަސްވަރު ސަޢޫދިއްޔާގައި ތިބި އެމެރިކާގެ ސިފައިންގެ ތެރެއިން ދެހާހަށްވުރެ ގިނަމީހުން އިސްލާމްވިއެވެ.

ގަލްފު ހަނގުރާމައިގެ ދުވަސްވަރު، އެމެރިކާ ޢަރަބި ދުނިޔެއަށް އައީ ބޮޑު ބާރެއްގެ ގޮތުންނެވެ. އެބައިމީހުން ތިބީ، އިސްލާމީ ޤައުމުތަކުގެ މައްޗަށް، އެބައިމީހުންގެ މާއްދީ ބާރު ފޯރުވައިގެންނެވެ. ނަމަވެސް، ހަމަ އެވަގުތުވެސް މުސްލިމުންނަށް އެމެރިކާގެ މައްޗަށް ދުވަހަކުވެސް ބަލިކޮށްނުލެވޭނެ ބާރެއް ފޯރުވޭނެ މައިދާނެއް އޮތެވެ. އެއީ، ޢަޤީދާއާއި ނަޒަރިއްޔާގެ މައިދާނެވެ. މާއްދީގޮތުން އެމެރިކާގެ ސިފައިންނަށް ލިބިފައިވާ އާރާއި ބާރާއެކުވެސް، އެބައިމީހުންނަށް މަޖުބޫރުވެފައިއޮތީ، ފިކުރީގޮތުންނާއި ރޫޙާނީގޮތުން އިސްލާމްދީނުގެ ކުރިމަތީގައި ބޯލަނބާށެވެ.

އިސްލާމްދީނަކީ، އެ ދީނުގެ އަމިއްލަ ޒާތުގައިވެސް މަތިވެރި ބާރެކެވެ. ކޮންމެ ޢަސްކަރީ އަދި މާއްދީ ބާރެއްގެ މައްޗަށް، އެ ދީނަށް ގަދަވެގަނެވިދާނެއެވެ. އިސްލާމްދީނާއެކު، ޢަސްކަރީ އަދި މާއްދީ ބާރުތަކެއް ފާޅުވެ، ފެންނާން ނެތްކަމުގައިވިޔަސް، އިސްލާމްދީނަކީ އެންމެ ވަރުގަދަ ބާރެވެ. އެންމެ ބޮޑު ބާރެވެ. އެހެނީ، އެ ދީނަކީ ޢަސްކަރީ ބާރާއި މާއްދީ ބާރުގެ ވެރީން ކަމުގައި ތިބޭމީހުންގެ ހިތްތައް ފަތަޙަކޮށްލާ ދީނެވެ.

ޝައްކެއްނެތެވެ. ދީނަކީ ކޮންމެ މީހަކަށްވެސް ބޭނުންވެފައިވާ އެއްޗެކެވެ. ދީނަކީ، ކޮންމެ މީހެއްގެވެސް ފިޠުރަތު ގޮވާގޮވުމެވެ. ދީން ހޯދައި ލިބިގަތުމަށް މަސައްކަތްކުރުމަކީ، އިންސާނާގެ އެތެރެފުށުގެ އެދުންތައް އޭނާއަށް މަޖުބޫރުކުރުވާ ކަމެކެވެ.

އިސްލާމްދީން ފިޔަވައި ދުނިޔޭގައިވާ އެހެން ކޮންމެ ދީނަކީ، އިންސާނުން އަމިއްލައަށް ބަދަލުގެނެސްފައިވާ ދީނެކެވެ. އެހެންކަމުން، އެ ދީންތަކުގައި ފިޠުރަތާ އެއްގޮތްކަމެއް ނެތެވެ. އެއާޚިލާފަށް އިސްލާމްދީން ވަނީ އެއްވެސްކަހަލަ ބަދަލެއް އައުމުން، ހުސްދުރުވެގެންނެވެ. އެހެންކަމުން، އިންސާނުންގެ އެތެރެފުށް އެދި ގޮވާގޮވުމުގެ ޖަވާބަކަށްވުމުގެ އެކަށޭނަކަން ލިބިފައިވާ ދީނަކަށް، މިއަދު އޮތީ ހަމައެކަނި އިސްލާމްދީނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ