Print

ދައުލަތް ރޫޅައިލުމަށް ކުރެވޭ މަސައްކަތްތައް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


އިންސާނާގެ ބުއްދިއަކީ އޭނާގެ އަމިއްލަ ފައިދާއަށްޓަކައި އަބަދުވެސް ވިސްނާ ފިކުރުކުރާ އެއްޗެކެވެ. މި “އަހުރެންވަންތަ” ވިސްނުންތަކުގެ ސަބަބުން ހަމަނުޖެހުމާއި އަރާރުމާއި ކަންބޮޑުވުމާއި ހާސްކަން އުފެދެއެވެ. ކުރިމަތިލުންތަކާއި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އޭނާގެ މި ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ވިސްނުންތައް ނުވަތަ ޚިޔާލުތައް ނުވަތަ މަޛްހަބުތައް އުފެދެއެވެ. މި މަޛްހަބުތަކުން ފެންނަނީ ފަރްދީ ނުވަތަ ޖަމާޢީ މަޞްލަޙަތުތަކެވެ. ރައުސްމާލިއްޔަތު ނުވަތަ ކޮމިޔުނިޒަމް އެވެ. ޤައުމިއްޔަތު (ޝޫފިނިޒަމް) ނުވަތަ ޤައުމީސިފަތައް އުވާލާ ބައިނަލްއަޤްވާމިއްޔަތެވެ. ދައުލަތުގެ މިލްކިއްޔާތުތައް، ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ބެހެއްޓުން ނުވަތަ އެ އެއްޗެހިތައް ޕްރައިވްޓައިޒްކޮށް އެ އެއްޗެހީގެ މިލްކިއްޔާތު ރައުސްމާލުންގެ ފަންތިތަކާ ހަވާލުކުރުމެވެ.

މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ވަނީ، މަތީގައި މިދެންނެވި އެ ބިންގަލާއި މިބިންގަލުގެ މެދުމިންވަރުގައިވާ އުޞޫލުތަކެއް ގެނެސްދެއްވައިފައެވެ. އިސްލާމީ ފިޤްހުގައި ޚާއްޞަމިއްލްކިއްޔާތަށާއި ޢާއްމު މިލްކިއްޔާތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާތަން ފެނެއެވެ. އިޤްތިޞާދީ ޙަރަކާތްތައް ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާތަން ފެނެއެވެ. އެއްވެސް ފަރާތަކަށް އަނިޔާއެއްނުލިބޭނެ ފަދަގޮތަކަށެވެ.

ކީރިތިޤުރްއާނުގައި މާތްﷲ ވަޙީކުރައްވަނީ (يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ وَاللَّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ) البقرة: 276

“ﷲ ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި ޞަދަޤާތުގެ ބަރަކާތް އިތުރުކުރައްވައެވެ.”

އެހެން އާޔަތެއްގައި އަންގަވަނީ (فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ) البقرة: 279 –

“ތިޔަބައިމީހުންގެ ރައުސުލްމާލުތައް، ފަހެ، ތިޔަބައިމީހުންނަށް ހުއްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރިނުވާ ގޮތުގައެވެ. އަދި (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.”

އަދިވެސް ވަޙީކުރައްވަނީ (كَيْ لا يَكُونَ دُولَةً بَيْنَ الأَغْنِيَاء مِنكُمْ) الحشر:7

“އެއީ އެމުދާތައް ތިޔަބައިމީހުންތެރޭގައި ތިބި މުއްސަނދީންގެ މެދުގައި އެކަނި ދައުރުވެވޭ އެއްޗެއްކަމުގައި ނުލެއްވުމަށްޓަކައެވެ.”

މިކަމާބެހޭގޮތުން ކީރިތިރަސޫލަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުތަކަށް ބަލައިލަމާތޯއެވެ. އެކަލޭގެފާނު ވިދާޅުވަނީ (مَنْ قَاتَلَ دُونَ مَالِهِ فَقُتِلَ فَهُوَ شَهِيدٌ) رواه النسائى عن عبد الله بن عمرو

“އޭނާގެ މުދަލަށްޓަކައި ހަނގުރާމަކޮށް މަރުވިމީހާ، ފަހެ އެއީ ޝަހީދެކެވެ.”

އެހެންބަސްފުޅެއް ބުނަނީ ކީކޭތޯއެވެ. އާދެ! “އަޝްޢަރީންނަކީ ހަނގުރާމައެއްގައި އޭގެތެރެއިންބަޔަކު މަރުވެ އެމީހުންގެ އަނބިން ހުވަފަތްވެއްޖެ ނަމަ، ނުވަތަ ރަށުގައި ކާބޯތަކެތި މަދުވެއްޖެނަމަ އެބައިމީހުންގެ އަތުގައިހުރި އެއްޗެއް އެއްކޮށް ބޮކުސާއަކަށް އަޅައިގެން ނުކުމެ، އެ އެންމެންގެ މެދުގައި ހަމަހަމައަށް ބަހާހަދާ ބަޔެކެވެ. ފަހެ، އެބައިމީހުންނަކީ ތިމަންކަލޭގެފާނުގެ ބައެކެވެ. އަދި ތިމަންކަލޭގެފާނަކީ އެބައިމީހުންގެ ބިސީގެ މީހެކެވެ.”–رواه البخارى ومسلم والبيهقى والنسائى

މިހެންވެ އިސްލާމީ އިޤްތިޞާދީ މާހިރުންނާއި ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އިސްލާމީ ޤައުމުތަކުގައި ކުރިމަގަށްޓަކައި އިޤްތިޞާދު ޕްރޮގްރާމުކުރާއިރު، ދުނިޔޭގެ އޮއިވަރުތަކާ އެއްގޮތަށް އިޤްތިޞާދީ ޕްރޮގްރާމްތައް ރާވައި ފަރުމާކޮށްގެންނުވާނެއެވެ. ޕްރައިވްޓައިޒް އަށް ބަރޯސާވާއިރު ޕަބްލިކް ސެކްޓަރ (ނުވަތަ ދައުލަތުގެ މިލްކިއްޔާތު) އުވާލައިގެންނުވާނެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން އިސްލާމީ ޤައުމުތަކުގެ އިޤްތިޞާދަށާއި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނަށް ދަތިތަކާއި ގެއްލުންތަކާއި މުޞީބާތްތަކާ ކުރިމަތިލަންޖެހިދާނެއެވެ.

ވޭތުވެދިޔަ ފަންސަވީހަކަށްއަހަރުގެ ތެރޭގައި ދުނިޔެ ދެކެފައިވާ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ވަނީ އައުބައްޓަމެއް އައިސްފައެވެ. މިބައްޓަމުގެ ސަބަބުން ކުރިން އޮތް ދެތަނޑި އެއް ތަނޑިއަށް ވަނީ ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ އައު ނިޒާމެއްވަނީ އުފެދިފައެވެ. މި އައު ނިޒާމުގެ ސަބަބުން ދުނިޔޭގެ ފަޤީރުޤައުމުތަކުގެ މުއްސަނދިކަމާއި ރައްޔިތުންގެ ކެރިފޯރުންތެރިކަމާއި ކުރިމަގުވަނީ އެމެރިކާގެ މުށުތެރެއަށް ވަދެފައެވެ. މިކަމާވިދިގެން ބަވަނަވަންތަކަމުގެ ނިޒާމު މިއަދު ވަނީ ވަރަށް ބާރު ދުވެއްޔެއްގައި ފެތުރިގެންފައެވެ. މީގެ އިތުރަށް މަޢުލޫމާތު ފެތުރުމާއި މީޑިޔާ ގެ ބާރުގަދަވުމުގެ ސަބަބުން މުޅިދުނިޔެވަނީ ކުޑަކުޑަ ރަށަކަށް ބަދަލުވެފައެވެ.

މިކަންތައްތަކުގެ ސަބަބުން ތިންވަނަދުނިޔޭގެ “ދައުލަތު” ގެ ބިނާ މިހާރުވަނީ ފޫއަޅުވައިލައިފައެވެ. މި ބިނާ ރޫޅައިލުމުގެ މަސައްކަތް ސިޔާސީ، ޢަސްކަރީ، އިޤްތިޞާދީ، ސަޤާފީ އަދި ސްޓްރެޓިޖިކް ދާއިރާގައި ދަނީ ކުރިއަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ހަމައެކަނި ގެއްލިގެންދާނީ މިޤައުމުތަކުގެ މިނިވަންކަމެއްނޫނެވެ. މީގެ އިތުރަށް މިޤައުމުތަކުގެ ވުޖޫދުވެސް ފުހެވިގެން ހިގައިދާނެކަމުގެ ބިރު މިހާރުވަނީ ވަރަށްބޮޑުވެފައެވެ.

މިބީދައިން ބަލާއިރު ޕަބްލިކް ސެކްޓަރ ނައްތާލުމާއި ޕްރަވްޓައިޒޭޝަނަށް ދެވޭ ހިތްވަރަކީ ބައިނަލްއަޤްވާމީ އައު ނިޒާމުގެ ދަށުން ދައުލަތުގެ ބިނާ ރޫޅައިލުމަށް ކުރެވޭ މަސައްކަތްތަކެއްކަމުގައި ސިފަކުރެވެއެވެ. އެހެންކަމުން ޕަބްލިކް ސެކްޓަރ ފީވެ ހަލާކުވެގެންދިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ ތިންވަނަދުނިޔެއަށް މިއަދު މަޖުބޫރުވެފައިވާ ކަމެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެ ޤައުމުތައް ރޫޅި ކުދިކުދިވުމުން ސަލާމަތްވުމަށްޓަކައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ