އަދުގެ ޚާއްސަ

Print

ދަންދެން އިންތިޒާރު ކުރާށެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވާހަކަ


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

މަންމަގެ ހާލު ކިހިނެއް ހެއްޔެވެ؟ ތިޔަ ދުނިޔޭގައި ދިރިއުޅުން ރަނގަޅުހެއްޔެވެ؟ އަހަރެންގެ އުމުރުން އެންމެ ހަތް އަހަރުގައި އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައިގޮސް މުޅިން އެހެން ދުނިޔެއެއްގައި އުޅޭއިރު އަހަރެންގެ މަތިން ހަނދާނެއް ނުވޭހެއްޔެވެ؟ އަހަންނަށް 7 އަހަރު ފުރުނުއިރު މަންމަގެ ޙާލު ވަރަށް ދެރައެވެ. އަލުން ދުނިޔޭގައި އުޅެވޭ ވަރަށްވުރެ މަންމަގެ ނުކުޅެދުންތެރިކަން ބޮޑެވެ. އެފަދަ ޙާލެއްގައި އޮވެގެން މަންމަ ދެއްކި ވާހަކަ ތަކުގެ ތެރެއިން އަހަރެންގެ ސިކުނޑީގައި ހަރުލާފައި އޮތީ ހަމަ އެންމެ ވާހަކަ އެކެވެ.

" މަންމަ ނިޔާވިޔަސް ދަރިފުޅު ހިތްވަރުކޮށްގެން  ކިޔަވައްޗެވެ. އަދި މޮޅު މީހަކަށް ވައްޗެވެ. " މިނޫން އިތުރު އެއްޗެއް ހަނދުމައެއް ނެތެވެ. ސަބަބަކީ އިތުރު އެއްޗެއް ހަނދާން ހުންނަވަރަށްވުރެ އަހަރެންގެ ސިކުނޑި ޅަކަމެވެ. އަދި އެއަށްވުރެވެސް އަހަރެންގެ ހަނދާން ބަލި ކަމެވެ.

މަންމަ ދުނިޔޭން ވަކިވިއިރު އަހަރެން އުޅުނީ 2 ވަނަ ކިލާހުގައެވެ. މިހާރު މިއުޅެނީ ދިހަވަނަ ކިލާހުގައެވެ. މަންމަގެ ދުނިޔޭގައި ގަދައަޅާ މަސައްކަތްކޮށްގެން ކިލާހުން އެއްވަނަ ހޯދުމަކީ އަހަންނަށް ނިކަން ފަސޭހަ ކަމެކެވެ. ސަބަބަކީ މަންމަވެސް އަދި ބައްޕަވެސް އަހަންނަށް ހިތްވަރު ދޭތީ އެވެ. އަދި އަހަރެން " ގޯނިފުލަށް ލާފައި ބަހައްޓައިގެން" ކިޔަވައިދިނުމަށް ގަދަ އަޅައި މަސައްކަތް ކޮށްދޭތީ އެވެ. ސުކޫލުން ހަދަންދޭ ފިލާވަޅުތައް ހެދުމުގައި ނިހާޔަތަށް އެހިތެރިކަން ލިބޭތީ އެވެ. ލޯތްބާއި އެހީތެރިކަމާއި އެކު އަހަންނަށް ހޭހަން ކޮށްދޭތީ އެވެ.  އަބަދުވެސް މަންމައާއި ބައްޕަ އަހަންނާއި އެކުގައި ވާތީ އެވެ.

ނަމަވެސް ލޯބިވާ މަންމާއެވެ. މިއަދު އަހަންނަކީ އެފަދަ ކުއްޖެއްކަމަށް މަންމައަށް ހީވޭ ހެއްޔެވެ؟ އަހަރެންގެ މުޅި ދިރިއުޅުން މިއަދު މިވަނީ ބަދަލު ވެފައެވެ. މަންމަ ނިޔަވިތާ ހަފުތާއެއް ނުވަނީސް އަހަރެން އެކަނި ގޭގައި ބަހައްޓާފައި ބައްޕަ އިންޑިޔާއަށް ހިނގައްޖެއެވެ. އަޅާލާނެ އެކަކުވެސް މަތިނުކޮށެވެ. އެހެންކަމުން  ޖެހުނީ މީހުންނަށް ނޯކިރީ ކޮށްދެށެވެ. ކުލާހުން ރައްޓެހި ކުއްޖެއްގެ ގޭގައި ނޯކިރީ ކޮށްދޭން ފެށީ އެކުއްޖާ ބުނި ބުނުމެއްގެ ސަބަބަުންނެވެ. އޭނާ ބުންޏެވެ. " ސުޒޭން އަހަންނާއި އެކު އަހަރެންގެ ގޭގައި ކުދިކުދި މަސައްކަތް ކޮށްލަދޭން ހުންނަން ހިނގާށެވެ. ކުޑަކުދިން ދެކެ ބައްޕަ ނުލާހިކު ހިތްޕުޅާ ހަމަ ކުރައްވާނެ އެވެ. އަދި ލާރިވެސް ދެއްވާނެ އެވެ."

މަންމާއެވެ. އަހަރެން ނޯކިރީ ކޮށދޭން އުލޭ އުޅުމުގައި ރައްޓެއްސަކަށް ފޯނު ކޮށްލެވޭކަށް ނޯވެއެވެ. މާސްޓަރު އަޑުލަވާތީއެވެ. ރަނގަޅު ކާނާއެއް ކާކަށް ނުލިބެއެވެ. އެއާ އަރާއަރަފޯދިގެން ނުވާތީ އެވެ. އެކަމަކު މިހުރިހަކަމަކަށްވެސް  ކެތްކުރީމެވެ. ކެތްކޮށްގެންވެސް ނަމަވެސް ބަނޑުފުރާނަ މުއްތިކުރަންޖެހޭތީއެވެ. މަންމާއެވެ.  މިވާހަކާމެދު މަންމަ ދެރަނުވައްޗެވެ. އަހަރެން ކެތްކުރާފަދައިން މަންމަވެސް ކެތްކުރައްޗެވެ.

ބައްޕަ އިންޑިޔާއިން އެނބުރި އައިއިރު ދޮންމަންމައަކު ގެނައެވެ. އެދުވަހު  އަލުން އާ ދިރިއުޅުމެއް ފެންނަން އުޅެނީކަމަށް ހީކުރެވުނެވެ. ނަމަވެސް އެހެނެއްވެސް ނުވިއެވެ. ދޮންމަންމަގެ އެހެން އަނަހެން ދަރިއަކު ހުންނާތީ އަހަންނަކަށް މާކަބޮޑު ސަމާލުކަމެއް ބައްޕަވެސް އަދި ދޮންމަންމަވެސް ނުދިނެވެ. ބައްޕަ ބަލަނީ މިއީ ބައްޕަގެ އަޅެއްކަމަށެވެ.

އަހަރެންގެ އަންނައުނު ދޮވުމުގެ ހުއްދައެއް ބައްޕަ ނުދެއެވެ. މާގިނައިން އޮމޯ ބޭނުން ކުރާތީއެވެ. އިސްތިރި ނުކުރެވެނީ ޚަރަދު ބޮޑު ކަމުންނެވެ. ސުކޫލަށްދާން އެއްޔުނީފޯމުން ފުދޭނެކަމަށް ބުނެ އިތުރު ޔުނީފޯމެއް ނުހޯދައިދެއެވެ. އެވެސް ނުދޮންނަތާ މިހާރު މަހަކާ ގާތްވެއްޖެއެވެ. ގޭގައި ޓީޝާޓާއި ގަމީސްލުން ހުއްދައެއް ނުކުރެއެވެ. އެހެންކަމުން ގޭތެރޭގައި އުޅެން ޖެހެނީ އެންމެ ފަޤީރަކު ފަދައިން ހުސް މުންޑު ގަނޑެއް އަނދެލައިގެންހުސްގަޔާއެވެ. މިކަންތައްތައް މިހެން ހުރިއިރު ދޮންމަންމަ ބޭނުންވާ ހުރިަހާ ޚާރަދެއް ވެސް ކުރަނީ ހަމަ ބައްޕަގެ ޖީބުންނެވެ. އެޚަރަދުތައް ކުރާއިރު ހަމަގައިމުވެސް އެއްވެސް ކަމަކާ ވިސްނައެއް ނުލައެވެ. ކޮއްކޮ ނަލަ ހައްދާލާފައި ހުންނައިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ކަންތައްތައް މިހެން ހުރުމުން އަޅެ ހިތުގައި ނުޖެހޭނެ ހެއްޔެވެ؟

ބައްޕަ މިހާރު ޤަޞްދު ކުރަނީ އަހަރެން ސުކޫލުންވެސް ވަކި ކުރާށެވެ. ސަބަބަކަށްވަނީ އަހަންނަށް ކިޔަވައިދިނުން އެއީ ބޭކާރު ޚަރަދަކަށް ވާތީ އެވެ. ބައްޕަބުނާ ގޮތުގައި ކިޔެވުމަކީ ބޭނުން ކަމެއް ނޫނެވެ. އެކަންތައް ނުކުރިޔަސް އުޅެވިދާނެ އެވެ. ބައްޕަގެ ރަހުމަތްތެރިން ްގާތުވެސް އަހަރެން މިއީ ބޭނުމެއް ނެތް މީހެކޭ ބުނާތީ އަހަމެވެ. އެފަދަ ދަނޑިވަޅު ތަކުގައި ހާދަ ހިތުގައި ޖެހެއެވެ. ހާދަ ދެރަވެއެވެ. މަންމަގެ މަތިން ހާދަ ހަނދާން ވެއެވެ.

އެއްދުވަހަކު ގޭތެރޭގައި ފެންފޮތިލާން ހުއްޓައި ބޭރުން އައި މީހަކު އަހަރެންގެ ކޮނޑުގައި އަތްޖަހާލާފައި ބުންޏެވެ. " ބައްޕަގެ ބޭނުމެއް ނެތް ދަރިއަކި މިއީ ހެއްޔެވެ؟ " މިފަދަ ބަސްރަކުން އަހަރެންގެ އެތެރެހަށި ހީވަނީ ވިރިގެންދާހެންނެވެ. ފަހު އިމްތިހާނު ޓެސްޓުން އޭ ރިޕޯޓެއް ހޯދައިގެން އައިސް ބައްޕައަށް ދެއްކުމުން ބުނި އެތި މަންމައަށް އެނގޭ ހެއްޔެވެ؟ އެދުވަހު ބައްޕަބުނީ " ތިއީ ކިޔަވައިދޭ މުދައްރިސުންނަށް އޮޅުމަކުން ދެވިފައިވާ މާކުހެއް: ކަމުގައެވެ. " ކަލޭ ކަހަލަ ސިކުނޑިއެއް ނެތް މީހަކަށް ތިޔަކަހަލަ މާކުހެއް ނުހޯދޭނެ" ކަމަށްވެސް ބުންޏެވެ.

އަހަންނަށް އަޅާ ނުލާތާ ހިތްވަރުގެ ބަހެއް ބުނެލާ ނަމަވެސް ކޮންފަދަ ހެއްޔެވެ. އެކަމަކު ދެން ކުރާނެ ކަމެއް ނެތެވެ. އަހަނަނަށް މިފަދަ ޙާލެއް ޖައްސާފައި މަންމަ ތިޔަ އުޅެނީ މުޅިން އެހެން ދުނިޔެއެއްގައި ނޫން ހެއްޔެވެ؟ އަހަރެންގެ ޙާލު މަންމައަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އެގޮތެއް އޮތްނަމަ އަޅެ އަންގައި ޚަބަރުކޮށް ބަލާށެވެ. ނޫނީ މި ވޭންދެވި އަޒާބަށް ކެތް ކުރުމުގައި މިތާ ނުހުރެ މަންމަގާތަށް ހިނގައި ދާނަމެވެ. އަހަރެން ދަންދެން މަންމަ އިންތިޒާރު ކުރައްޗެވެ.

 - މަންމަގެ ސުޒޭން -

ހަމަމިގަލަމުން

އިދާރާ

ވާހަކަ