އަދުގެ ޚާއްސަ

Print

ކާޅިވައްމިސްކިތު މުދިންކަލޭގެ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު



މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ކޮންމެވެސް ރަށެއްގެ މީހުން އުޅޭހިސާބުގަނޑާއި ތަންކޮޅެއް ދުރުގައި ހުންނަ މިސްކިތަށް ކިޔަނީ ކާޅިވައް މިސްކިތެވެ. މި މިސްކިތުގެ އިމާމުކަލޭގެއަކީ މީހުންތެރޭގައި ބަސްވިކޭ މީހެކެވެ. ކުޑަކޮށް މީހުންނަށް ބޭސް ފަންޑިތަ ހަދައިދީއުޅުއްވާ ބޭކަލެކެވެ. އިރުވަރު ބަލައިދިނުމާއި ކަންވެރިކަންވެސް ކޮށްއުޅެއެވެ. ކޮންމެވެސް ވަރަކަށް ކުޑަކުދިންނަށް ކިޔަވައިދީއުޅުއްވާ ބޭކަލެއް ވެސްމެވެ. ނަމަވެސް މީނާއަކީ ވަރަށް އަމިއްލައެދުން ބޮޑު މީހެކެވެ.

އޭނާއަށް އެމީހެއްގެފަރާތުން އެއްޗެއް ނުލިބޭ މީހަކީ އޭނާކައިރީގައި އެއްވެސް މީހެއްނޫނެވެ. އޭނާއަށް އެއްޗެއް ދީފި މީހެއްގެ މޮޅުކަމާއި ރަނގަޅުކަމުގެ ވާހަކަ އެހެންމީހުން ގާތުގައި ދައްކާނެ އެވެ. ދެން އެހެން މީހަކު އެއްޗެއް ދިނުމުން ދެންދައްކާނީ މި މީހާގެ މޮޅުކަމާއި ރަނގަޅުކަމުގެ ވާހަކައެވެ. އަދި އެއްޗެއް ހުރި މީހަކު އެއީ ރަށުންބޭރުން ރަށަށްއެރި ސަފަރުވެރިއެއް ކަމުގައިވީނަމަވެސް އެމީހެއްގެކިބައިން އޭނާއަށް އެއްޗެއް ނުދީފިނަމަ އެމީހަކީ ކޮންމެވެސް ފިތުނަވެރިއެއްކަމަށް ނުވަތަ އެހެންވެސްފާޑެއްގެ ނުބައި މީހެއްކަމަށް ވާހަކަދައްކާނެ އެވެ. އަދިބުނުއްވާނެ އެވެ. އަހަރެން އެކަހަލަ މީހުންނާ މާބޮޑަށް ވާހަކަދައްކާ ހިތެއް ވެސް ނުވެއެވެ.

ގެއެއްގައި ބޮޑު ފާތިޙާއަކަށް ނުވަތަ އެ ނޫން  އެކަހަލަ ރަނގަޅު ކެއުންގަނޑެއް އޮންނަ ބާވަތުގެ ކަމަކަށް ނަމަވެސް ކޮންމެ ވެސް ގޮތެއްދިމާވެގެން  ކާޅިވައްމިކިތު މުދިންކަލޭގެއަށް  ދަޢުވަތު ނުދީފިނަމަ ދެއަތް ފުރަގަހަށްލައިގެން އެއްފަރާތަށް ބޯ އަރިކޮށްގެން ދެބުމަ ގޮއްޖަހައިލައިގެން އެއްލޮލު ކޮޅުން އެގެއާދިމާ ބަލަމުން އެ ގެ ހުންނަ މަގުން އެތައްދުވަހެއް ވަންދެން ހިނގައިއުޅޭނެ އެވެ.

އެދުވަސްވަރު ރާއްޖޭގައި މުދަލުގެ ތަނަވަސްކަން ހުންނަ މީހުން އެކި ރަށްރަށަށް ވިޔަފާރިކަމު ދުއްވުމަކީ އާދައެކެވެ. އެގޮތަށް ދަތުރުކުރައްވައި، ވިޔަފާރިކުރައްވާ ބޭކަލުން ގެންނަ މުދަލުގެ ތެރޭގައި ގިނައިން ގެންނަވާނީ ލުއި މުދަލެވެ. ދެން މުށި ކަންވާރެވެ. މުސްކުޅި އާދަކާދަ ނިޔާކުރާގޮތުން ރަށުން ބޭރުން އަންނަ އެފަދަ މީހުންގެ ރައްޓެހިން ތިބިނަމަ ވެސް ރައްޓެހިންގެ ގޭގެއަށް ގޮސް އުޅެވޭނީ ވަކި ހަމަތަކެއްގެ މަތިންނެވެ. އެ ފަދަ މީހުން ގެންނަ ތަކެތި ބާލައިގެން ވިޔަފާރި ކުރެވޭނީ ބޮޑު އަށިގޭގައެވެ. ޢާންމު ފައިސާއަކީ ބޮލި ، ރޯނު ، މަސް ފަދަ ތަކެއްޗެވެ. އެދުވަހެއްގެ ވިޔަފާރި ނިމުމުން އެދުވަހަކު ލިބުނު އެއްޗަކާއި ނުވިކި ހުރި އެއްޗެއް އޮޑިޔަށް އަރުވާނެ އެވެ. ރައްޓެހިން ތިބިނަމަވެސް އެއްގަމުގައި ނިދާބަޔަކު ނިދަންޖެހޭނީ ބޮޑު އަށިގޭގައެވެ. ނުވަތަ މައިދާން ގޭގައެވެ. މީހުން އުޅޭ ގޭގޭގައި ރަށުން ބޭރުން އަންނަ މީހުން ނިދުމަކީ އާންމު ކަމެއް ނޫނެވެ. އެގޮތަށް ގޭގޭގައި ނިދޭނީ ބޭސްފަރުވާއަކަށް އަންނަ މީހުންނަށާއި ކަންވެރިއެއް، ނުވަތަ ބޭސްވެރިއެއް ފަދަ މީހަކަށެވެ. އަންހެނުންނާއި ކުޑަކުދިން މީގެތެރެއަކު ނުހިމެނެ އެވެ.
މި ދުވަސްވަރު ކޮންމެވެސް ރަށެއްގެ މޫސާފުޅު ކަތީބުގެ ދެބަފައިން ކާޅިވައްމިސްކިތު މުދިންކަލޭގެ ހުންނަ ރަށަށް ވިޔަފާރިކަމު އައިސް ގެނައި ތަކެތި އަށިގެއަށް ބާލައި އެދުވަހު ވިޔަފާރިކޮށްފިއެވެ. ހިސާބަކަށް ވިޔަފާރިވެސްވިއެވެ. ވިޔަފާރި ނިންމައިލައި މޫސާފުޅުކަތީބުވެސް ބޮޑު ވަޅުދޮށަށް ގޮސް ފެންވަރައިގެން ދޯންޏަށް ގޮސް ތެތްފޮށައި އަޅައި ހިކިފޭރާން ލައިގެން ކާޅިވައްމިސްކިތަށް އެރިއިރު މަޣުރިބު ނަމާދުގެ ޖަމާޢަތް އޮތީ ފެށިފައެވެ. މޫސާފުޅުކަތީބު ވެސް ދެކުނު ފަރާތު ފެންޑާއިން އެންމެ ފަހަތު ސަފުން ޖަމާޢަތުގައި ބައިވެރިވެއްޖެ އެވެ. މިސްކިތް ހުންނަނީ މެދުބަޔާއި ދެފަރާތު ފެންޑާ، ފިލާ ބިތްގަނޑަކުން ވަކިކޮށް ދެފަރާތް ފެންނާނޭހެން ތޭރި ޖަހާފައެވެ.

މުދިންކަލޭގެ ނަމާދު ނިމިގެން މިސްކިތުން ފައިބައި އޭނާއާއި އެކު މިސްކިތުން ފޭބި ދެތިން މީހަކާ މިސްކިތު ކައިރީގައި ވާހަކަދައްކަން ފަށައިފިއެވެ. އޭނާ ހުރެ ބުނެ އެވެ.  ކަލޭމެން ވިސްނައިލީމުހެއްޔެވެ؟  މި ރަށަށް ވިޔަފާރިކަމު އައިސްގެން މިއުޅޭ  މޫސާފުޅުކަތީބުގެ ދެބަފައިންގެ ކަންތަކާމެދު މަހިތުން ކުޑަކޮށް ބަލައިލަންވެއްޖެ އެވެ. އެ ތަނުން ކޮންމެ ވެސް މީހަކު ބުނެފިއެވެ. ބޭބެ ތިޔަބުނަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މުދިންބޭ ބުންޏެވެ. [ ކަލޭމެންނަށްވާ ސާބަހެވެ. ކަލޭމެންނަށް އެބަ އެއްޗެއް ވިސްނޭތަ ؟ އެމީހުން ވިޔަފާރިކުރަން ތިއްބާ މަވެސް އެއަށިގެ ދޮށުން ދެތިންބުރެއް ޖަހައިލިން! އެ މޫސާފުޅުކަތީބުގެ މުޙަމްމަދުފުޅަކީ ނަލަ ޒުވާނެއްނުން! މަށަށް ހީވަނީ މިރަށުގައި ތިބި އެންމެ ރީތި ދެތިން އަންހެން ކުދިން މިހާރު ވެސް ފަންވަތް ބަނދެފިހެން! ] އެތަނުން ކޮންމެވެސް އެހެން މީހަކު ބުނެފި އެވެ. [ ބޭބެއަށް ފެންނަނީ އެމީހުންނާމެދު ދެން ކިހެނެއް ހަދަންތަ؟ ] މުދިންބޭ ބުންޏެވެ. [މިރަށުތެރެއިން ކެރޭފާޑު ދެތިން ކުއްޖަކު ކައިރީ ބުނެގެން މިރޭ ރަނގަޅު ލަނޑަޔަކުން މަސް ކާންދޭންވީއެވެ. އޭރުން ދެން ދުވަހަކުވެސް މިރަށް އޮތްކޮޅަށް ބޯލައިގެން ނިދަން އޮންނަށް ވެސް ނުކެރޭނެއެވެ. މިރޭ އެމީހުން ނިދަން ތިބޭނީވެސް އަތިރީ މައިދާން ހޮޅުއަށީގައެވެ. ] މި ކަހަލަ ވާހަކަތަކެއްދައްކަމުން އެކިމީހުން އެކިމަގުން ހިނގައްޖެއެވެ.

މޫސާފުޅުކަތީބު މިމީހުން މިދެއްކި ވާހަކަތައް މިސްކިތުގައި އިނދެގެން ވަރަށް ރަނގަޅަށް ކަނުލައި އެހިއެވެ. މިސްކިތްދޮށުން މީހުންތައް ދިޔައީމައި މިސްކިތުން ފައިބައިގެން ދޯނި އޮތްދިމާއަށް ނުކުމެ ދޯނީގައި އޮތް ކަލޭގެއަށް ގޮވައި ފުށުވަލަށް ދަމައި ދޯނި ގޮނޑަށް ބީހުމުން ދޯންޏަށް އަރުއްވައިފިއެވެ. އަރުއްވައި ކޮންމެވެސް އެއްޗެއް ހާވައިގެން ބޮލުފޮށައި ފަތުރައިލައި އެފޮށައަށް އެއްޗެހިތަކެއް އަޅުއްވަން ފައްޓަވައިފިއެވެ. އަދާރަސަމް ރަތްލިބާސްތާނަކާއި ، މޮޅު ދެއަލްބަކާއާއި ، ދެތިންފޮށި ކަސަބުބާދަލާއާއި މަރިޔަމް ތެޔޮފުޅިއަކާއި ފުޅައްމަތިން ބޯދިން މިނަންކިޔާފާޑުގެ ދެތިން ސައިބޯންޏާއި މަޚްމަލް ހުދު ފޮށައަކާއި ދެ މުންޑާއި ގޮށްއަޅުވާ މޮޅު ގަންޖުފަރާހަކާއި މިކަހަލަ އެއްޗެހިތަކެއް ބޮލުފޮށައަށް އަޅައި ކިހިލިފަތްދޮށަށް ލައިގެން  ކާޅިވައް މިސްކިތު މުދިންކަލޭގެ ގޭދޮށަށް ސަލާމް ގޮވައިލެއްވުމުން މުދިންކަލޭގެ ނުކުންނަވައި ސަލާމްގެ ޖަވާބުދެއްވައި ގެއަށް ވަނުމުގެ އިޛުނަދެއްވައި ގޭބޮޑުއަށީގައި އިށީންނެވުމަށް ނަންގެންފިއެވެ.

މޫސާފުޅުކަތީބު ދުރުވެ ބޮޑުއަށީގައި އިށީނުމުން މުދިންކަލޭގެ ނަންގަތެވެ. [މޫސާފުޅުކަތީބު ކިހެނެއްވެގެން ދުރުވެންނެވީތޯއެވެ؟ މޫސާފުޅުކަތީބު ނަންގަތެވެ. މާދަމާ ވިޔަފާރިކޮށްލައިގެން އަޞްރުއެއްހައި އިރު ފުރަން ކަމަށެވެ. އެހެންވީމައި މާދަމާ ބައްދަލުކޮށްލަން އުނދަގޫވާނެތީވެ މިރޭ ބައްދަލުކޮށްލީ އެވެ. ތިޔަބޭކަލުންނަކީ މިރަށުގެ މާތް ބޭކަލުނަށް ވާތީ، މިކަހަލަ ދަތުރެއްގައި ނަމަވެސް ބައްދަލުކޮށްނުލައި ދިއުމަކީ އަޅުގަނޑު ހިތްހަމަޖެހޭ ކަމަކަށް ނުވާތީ ބައްދަލުކޮށްލީ އެވެ. މިއަދުވެސް ހަމަ ނާދެވުނީއެވެ. މިއޮތީ ގެނައި ހަދިޔާއެކެވެ.]

މުދިންކަލޭގެ ކޮލުމުޑު ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހަދިޔާގައި ހިފައިފައި ބުނުއްވިއެވެ. [ މިދެން ކިއެއްކުރަން ގެންނެވި ބައިވަރު އެއްޗެތިތަކެއްތޯއެވެ؟ މިގޭގައިވެސް މިކަހަލަ އެއްޗެތި މަދެއްވެސް ނޫނިއްޔާއެވެ. އެކަމަކު މޫސާފުޅު ގެންނެވި އެއްޗަކަށްވާތީ ބެހެއްޓީއެވެ. އެހެންޏާދެން . . . . . .
ދެން މޫސާފުޅުކަތީބު [މިދަނީ އޮޑިދޮށަށޭ!]  ބުނުއްވާފައި ގެއިން ނުކުންނަވައިފިއެވެ. ޢިޝާނަމާދު ވަގުތުވުމުން ހަމަ އެމިސްކިތަށް އަރައި ނަމާދުކޮށް ވިތުރިކޮށްގެން މަޣުރިބް ނަމާދުކޮށްގެންވެސް އިން ތަނުގައި ދެކުނުފަރާތު ހުރަސްބިތްގަނޑު ނިވަލުގައި އެބައިންނަވައެވެ. މުދިންކަލޭގެ ނަމާދުކޮށް ނިމިގެން ދިއްލާފައިވާ ވޮށުގެ ބައެއް ކަފަބުރުތައް ނިއްވާލައިފައި މިސްކިތުން ނުކުންނަވައިފިއެވެ. އަދި އޭނާގެގާތުގައި ތިބި ބަޔަކުގެ ގާތުގައި ބުނުއްވިއެވެ. މިއުޅޭ މޫސާފުޅުކަތީބާމެދު މަށަށް ކުރިން ބުނެވުނު އެއްޗަކީ މާބޮޑަށް ވިސްނާފައި ބުނެވުނު ބަހެއްނޫނެވެ. އޭނާއަކީ ރަދުންގެ ވެސް މާގާތް ބޭކަލެކޯލައެވެ. އެހެންވީމައި އެކަހަލަމީހުންނަށް ޖެހޭނީ މާތްކޮށްހިތައި އިޙްތިރާމް ކުރާށެވެ. އެކަހަލަ މީހަކަށް އެއްވެސް މީހަކު ދެރަ އިހާނަތްތެރި ކަމެއް ކޮށްގެން ނުވާނެއެވެ. ނުވަތަ ހުތުރު ބަހެއް ބުނެގެން ނުވާނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ އަހަރުމެން ރަށުގެ ނަންވެސް ހުތުރުވެދާނެއެވެ. ދެން މިކަހަލަ ވާހަކަތަކެއް މިކަހަލަ ވާހަކަތަކެއްދައްކަމުން ހިނގައްޖެއެވެ.

(ނިމުނީ)

ފޮޓޯ؛ މުޙަންމަދު ޢަބްދުﷲ ޝަފީޤު http://www.flickr.com/photos/mashafeeg/3946596693/

ހަމަމިގަލަމުން

އިދާރާ

ވާހަކަ