އަދުގެ ޚާއްސަ

Print

އިސްލާމްދީނުގެ ބަރަކާތް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މޮންގޯލިޔާގެ ފަރުބަދަތަކުގެ ސަރަޙައްދުގައި ދިރިއުޅޭ ޤަބީލާތަކުގެ ވެރިޔާގެ ގޭގައި ފިރިހެންކުއްޖަކު އުފަންވިއެވެ. އޭނާގެ ނަން، ތާރީޚުގައި މަޝްހޫރުވީ ޗަންގީޒުޚާން (1162-1227) ގެ ނަމުންނެވެ. އޭނާއަކީ ވަރަށް އަރަފޯދޭ އަދި ކެރޭ މީހެކެވެ. އޭނާ ވަޙްޝީ ޤަބީލާތައް އެކަތިގަނޑަކަށް ހަދައި، ލަޝްކަރެއް ތައްޔާރުކުރިއެވެ. އޭނާ ބުނާގޮތުގައި، މުޅި ދުނިޔެ ފަތަޙަކުރުމަކީ އޭނާގެ ނަސީބުގައި ލިޔެވިފައިވާ ކަމެކެވެ.

ޗަންގީޒުޚާން އޭނާގެ ދުނިޔެ ފަތަޙަކުރުމުގެ މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި ނުކުތެވެ. އޭނާއަށްފަހު އޭނާގެ ދަރިފުޅު، އެ އަށްފަހު އޭނާގެ ކާފަދަރިފުޅު އެ ރޭވުން ކުރިޔަށް ގެންދިޔައެވެ. އެބައިމީހުންނަކީ ދުނިޔޭގެ ތާރީޚުގައި ތާތާރުން ނުވަތަ މޮންގޯލިޔަނުން (Mongols) ގެ ނަމުގައި މަޝްހޫރުވީ މީހުންނެވެ. އެބައިމީހުން އިރުމަތީ ޔޫރަޕުން ފެށިގެން ޗައިނާއާއި އިންޑިޔާއާ ހަމައަށް އާބާދުވެފައިވާ ދުނިޔޭގެ ބޮޑުބައި ހަލާކުކޮށް ސުންނާފަތިކުރިއެވެ. އެބައިމީހުން ތުރުކިސްތާނަށް ވަނީ، 1220 ގައެވެ. ވަރަށް ތަނަވަސް، ފުޅާ ސަރަޙައްދެއްގެ ޢިމާރާތްތައް ބިމާހަމަކުރިއެވެ. އެތަންތާނގެ އަހުލުވެރީން ޤަތުލު ކުރިއެވެ. ކޯރުތަކުގެ ފެންގަނޑު ހިފެހެއްޓުމާއި، ދަނޑުތަކަށް ފެންދިނުމުގެ ނިޒާމުތައް ރޫޅައިލިއެވެ. (793/18) 1258 ގައި، އެބައިމީހުން އެޒަމާނުގެ ތަމައްދުނާއި ކުރިއެރުމުގެ ނަމޫނާ ކަމުގައިވާ ބަޣްދާދު ތަޅައިލިއެވެ. އަދި މިނޫންވެސް އެތައްއެތައް ހަލާކެއް، ދުނިޔެއަށް ކުރިމަތިކުރިއެވެ. (586/2)

މިދެންނެވި ވަޙްޝީ ޤަބީލާތަކުގެ އަނިޔާވެރިކަމާއި، އެބައިމީހުންގެ ހަލާކުކުރުމާއި ސުންނާފަތިކުރުން، އިރުމަތީ ޔޫރަޕާ ހަމައަށްވެސް ފޯރިއެވެ. 1241-42 ގައި އެބައިމީހުން ޕޮލެންޑަށް ޙަމަލަދިނެވެ. ރުތޭނިޔާ (Red Ruthenia) އަކީ އެބައިމީހުންގެ މަރްކަޒު ކަމުގައި ހަދައިގެން، ޕޮލެންޑަށް އަރައި ފޭރުމާއި، ހަލާކުކުރުމުގެ ޙަމަލަތައް ކުރިޔަށް ގެންދިޔައެވެ. އެބައިމީހުންގެ މެދުކެނޑުމެއްނެތް ޙަމަލަތަކުން ޕޮލެންޑް މުޅިން ހަލާކުވެގެންދިޔައެވެ. (639/14)

…... From this base their repeated raids devastated Poland. (14/639)

މޮންގޯލިޔަނުން (ތާތާރީން) ދުނިޔެއަށް ދިން ގެއްލުމާއި ހަލާކުގެ ވާހަކައަކީ އޭގެ ތަފްސީލަށް ދެވޭވަރަށްވުރެ ދިގު ވާހަކަތަކެކެވެ. އެވާހަކަތަކުގެ ތަފްސީލު ހޯދޭނީ، ތާރީޚުގެ ބޯ ފޮތްތަކުންނެވެ. އެކަންކަން އުނގެނެވޭނީ، ދިގު ފޮތްތަކުން ބަލައި ދަސްކޮށްގެންނެވެ. މިތާނގައި އަޅުގަނޑު އިޝާރާތްކޮށްލަން ބޭނުންވަނީ، އެބައިމީހުންގެ ސުންޕާ ވަބާއިން ދުނިޔެ ސަލާމަތްވިގޮތާ މެދުގައެވެ. އެ ވަޙްޝީކަމާއި، އަނިޔާވެރިކަމުގެ ޠޫފާނުން ދުނިޔެ ސަލާމަތްކޮށްދިން މަތިވެރި ބާރާ މެދުގައެވެ. އާދޭހެވެ. އެއީ ހަމައެކަނި އިސްލާމްދީނުގައިވާ ފަތަޙަކުރުމުގެ ބާރެވެ.

1258 ގައި މޮންގޯލިޔަނުން ފާތިޙުންގެ ގޮތުގައި އިސްލާމީ ދުނިޔެއަށް ވަނުމާއެކު، އިސްލާމްދީން އެބައިމީހުންގެ ހިތްތަކާއި ރޫޙުތައް ފަތަޙަކުރަން ފެށިއެވެ. ގާތްގަނޑަކަށް ބައިޤަރުނުގެ ތެރޭގައި މުސްލިމުންނަށްވެސް އަދި މުޅި ދުނިޔެއަށްވެސް މޮންގޯލިޔަނުންގެ އަނިޔާއިން ސަލާމަތް ވެވިއްޖެއެވެ. މިއަދު އަނެއްކާވެސް ދުނިޔޭގެ އިންސާނުން އިންތިޒާރު ކުރަމުން ގެންދަނީ، އިސްލާމްދީން [މިޒަމާނުގެ މޮންގޯލިޔަނުން] ގެ ރޫޙުތައް ފަތަޙަކުރާނެ ދުވަހަކަށެވެ. އޭގެސަބަބުން، އިންސާނީ މުޖްތަމަޢު ދެވަނަފަހަރަށް އަމްނު އަމާންކަމުގެ ވަޒަނަކަށް ބަދަލުވެގެންދާތަން ދުށުމުގެ އެދުމުގައެވެ.

އިސްލާމްދީން ކޮންމެ އިންސާނެއްގެ ޙަޔާތްވެސް ބޭނުންތެރި ޙަޔާތަކަށް ހަދައެވެ. އިސްލާމްދީނުގައި ހަމަ ކޮންމެ މީހަކަށްވެސް ފައިދާ އެކުލެވިފައިވެއެވެ. އިސްލާމްދީނަކީ ހަމަކޮންމެ މީހެއްގެވެސް ހޯދުންތަކުގެ ރަނގަޅު ޖަވާބެވެ.
    ޑޮކްޓަރ ޖާރޫދީ (ކުރީގެ ނަންފުޅަކީ Roger Garaudy) ރައްކައުވީ 1913 ވަނަ އަހަރު ފަރަންސޭސިވިލާތުގައެވެ. އޭނާގެ ޢާއިލާއަކީ ކްރިސްޓިއަން ޢާއިލާއެކެވެ. 1933 ގައި ފަރަންސޭސިވިލާތަށް ކުރިމަތިވި އިޤްތިޞާދީ ވެއްޓުމުގެ އަސަރު، އޭނާގެ ހިތްޕުޅަށް ވަރަށް ބޮޑަށް ފޯރިއެވެ. އޭނާ ފަރަންސޭސިވިލާތުގެ ކޮމިއުނިސްޓް ޕާޓީގައި ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، ކްރިސްޓިޔަނިޓީއަކުންވެސް އަދި ކޮމިއުނިޒަމަކުންވެސް އޭނާގެ ހިތްޕުޅަކަށް ހަމަޖެހުމެއް ލިބިވަޑައެއް ނުގަތެވެ. އެހައިތަނުން އޭނާ އިސްލާމްދީން މުޠާލިޢާ ކުރައްވަން ފެށްޓެވިއެވެ. ނަތީޖާއަކަށްވީ، 1982 ގައި އޭނާ އިސްލާމްވެވަޑައިގަތުމެވެ.

ޑޮކްޓަރ ޖާރޫދީއަށް 1986 ގައި ކިންގ ފައިޞަލް ފައުންޑޭޝަނުން އިސްލާމްދީނަށް ޚިދްމަތް ކުރެއްވުމުގެ ބައި އެވޯޑެއް ލިބިވަޑައިގެންނެވިއެވެ. އެ މުނާސަބާގައި ރިޔާޟުގައި ޚާއްޞަ ޖަލްސާއެއް އޮތެވެ. އެ ޖަލްސާގައި ޑޮކްޓަރ ޖާރޫދީ އޭނާގެ ޙަޔާތްޕުޅުގެ މައްޗަށް ތަފްސީލުކޮށް ވާހަކަ ދެއްކެވިއެވެ. އޭނާ ތަޤްރީރު ކުރެއްވީ ފަރަންސޭސި ބަހުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ނޫހެއް ކަމުގައިވާ އައްރިޔާޟުގައި
(2 ރަޖަބު 1406ހ. 12 މާޗް 1986މ. ގެ ނޫހުގައި) އެ ތަޤްރީރު އެކަށް ތަރުޖަމާކޮށް ޝާއިޢުކޮށްފައިވެއެވެ.

ޑޮކްޓަރ ޖާރޫދީގެ ވިސްނުންފުޅުން ކޮމިޔުނިޒަމްގެ އަސަރު ފިލައި އޭނާގެ ހިތްޕުޅުގައި ދީނީ ޚިޔާލުފުޅު އަށަގަތުމާއެކު، ޠަބީޢީގޮތުން އޭނާ އެންމެފުރަތަމަ ލެނބިވަޑައިގަތީ ކްރިސްޓިޔަނިޓީއާ ދިމާއަށެވެ. ނަމަވެސް ކްރިސްޓިޔަން ދީނުގައި އޭނާ ބޭނުންފުޅުވާ ހަރުދަނާކަމާއި ފުރިހަމަކަން ނެތުމުން އޭނާ އިސްލާމްދީން މުޠާލިޢާ ކުރައްވަން ފެށްޓެވީއެވެ. އެންމެފަހުން އޭނާ ގަވާއިދުން އިސްލާމްވެވަޑައިގަތީއެވެ. އިސްލާމްދީނުން އޭނާގެ ހިތްޕުޅަށް ފުރިހަމަ ހަމަޖެހުން ލިބިވަޑައިގެންނެވިއެވެ. އިލްޙާދުގެ ތެރެއިން އިސްލާމްދީނަށް އޭނާ ކުރެއްވި ދަތުރުފުޅުގެ ވާހަކަ ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. އަހަރެން މިގޮތަށް ކަންތައްކުރީ Kierkegaard ވިދާޅުވާ ފަދައިން އަހަރެންގެ ދިރިއުޅުމަކީ މާނައެއްހުރި، އަދި މަޤްޞަދެއްއޮތް ދިރިއުޅުމަކަށް ހެދުމަށްޓަކައެވެ. (حتى اعطى لحياتى معنى)

ޙަޔާތުގެ މަޤްޞަދެއް ހޯދުމަކީ ފިޠުރީ ޖަޒުބާތެކެވެ. ކޮންމެ މީހެއްގެ އުފެއްދެވުމުގައިވެސް އެ ޖަޒުބާތަކީ ލައްވައިފައިވާ އެއްޗެކެވެ. އިންސާނާގެ އެތެރެފުށް އެ އެދޭ އެދުމުގެ ޖަވާބު ހޯދުމަށްޓަކައި އޭނާ ކޮޅުކޮޅުމައްޗަށް ދުވެއެވެ. ނަމަވެސް އެހެން އެއްވެސް އެއްޗެއްގައި އޭގެ ޖަވާބު އެއްގޮތަކަށްވެސް އެކުލެވިފައެއް ނުވެއެވެ. ފަހަރެއްގައި އެކުލެވިފައިވިޔަސް ވަނީ ވަރަށްވެސް އުނިގޮތެއްގައެވެ. އެހެންކަމުން، އިންސާނާއަށް އޭނާގެ ހޯދުމުގެ ރަނގަޅު ޖަވާބު ލިބިއްޖެކަމުގެ ހިތްހަމަޖެހުމެއް ނުލިބެއެވެ.

މިދެންނެވި ހޯދުމުގެ ރަނގަޅު އަދި ފުރިހަމަ ޖަވާބު ހަމައެކަނި އެކުލެވިފައިވަނީ މާތް اللّه ރައްކާތެރި ކުރައްވައިފައިވާ އެކަލާނގެ ދީނުގައެވެ. އިސްލާމްދީނުގައެވެ. އިސްލާމްދީނުގެ މިދެންނެވި އިމްތިޔާޒީ ސިފައަކީ، އެ ދީނުގެ ދަޢުވަތުގެ ކާމިޔާބީގެ އެންމެ ބޮޑު ގެރެންޓީއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ