އަދުގެ ޚާއްސަ

Print

ޤުއްބަތުއް ޞަޚުރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


ޤުއްބަތުއް ޞަޚުރާއަކީ ޤުދުސްގައި މުސްލިމުން އާރާސްތުކުރި ހައިބަތުހުރި ފުރަތަމަ ބިނާއެވެ. އެއީ، ޤުދުސްގައިވާ އެންމެ ރީތި އެއް ޢިމާރާތެވެ. އެ ޢިމާރާތަށް ޤުއްބަތުއް ޞަޚުރާ ގެ ނަންދެވުނީ، ޤުދުސްގައިވާ މުޤައްދަސް ހިލަކޮޅުގެ މަތީގައި އެ ތަން ބިނާކުރެވިފައިވާތީ އެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި، މިޢުރާޖުގެ ދަތުރުފުޅު ފެށްޓެވީ އެ ހިލަކޮޅުގެ މަތިންނެވެ. "ޤުއްބަތުއް ޞަޚުރާ" ގެ މާނައަކީ، "ހިލަކޮޅުގެ ޤުއްބު" އެވެ.

މި މަޒުމޫނުގައި ވާނީ، އެ ޢިމާރާތާބެހޭ ބައެއް މަޢުލޫމާތެވެ.



ތަން

ޤުއްބަތުއް ޞަޚުރާ ބިނާކުރެވިފައިވަނީ، ޤުދުސްގައިވާ މާތް ޙަރަމްފުޅުގައިވާ ހިލަކޮޅުގެ މަތީގަ އެވެ. އެ ހިލަކޮޅު ވަނީ އެ ޙަރަމްފުޅުގެ މެދުތެރޭގަ އެވެ. އެއީ، ބިމުގައި ނުޖެހި ވައިގެ ތެރޭގައި އޮންނަ ހިލަކޮޅެއް ކަމަށް ބައެއް މީހުން ހީކުރެ އެވެ. ނަމަވެސް އެއީ ކުށް ހީ އެކެވެ. އެހިލަކޮޅު އޮންނަނީ ބިންމަތީގަ އެވެ. އެހިލަކޮޅުގެ ދަށުގައި ހޮހަޅެއްވެ އެވެ. އެ ހޮހަޅުގެ ތެރެއަށް ވާޞިލުކޮށްދެނީ ސިޑިއަކުންނެވެ. "މުޞައްލަލް އަންބިޔާއި" ނަމަކަށް ކިޔޭ މިޙުރާބެއް އެ ހޮހަޅުގެ ތެރޭގައިވެ އެވެ.



ހިލަކޮޅުގެ ފޮޓޯއެއް



ތާރީޚު

ޤުއްބަތުއް ޞަޚުރާ ބިނާކުރެވުނީ، އުމަވީ ދައުލަތުގެ ޒަމާނުގަ އެވެ. އެ ތަން ބިނާކުރުމަށް އެންގެވީ، ޚަލީފާ ޢަބްދުލްމަލިކް ބުނު މަރްވާނެވެ. އޭނާ އިސްލާމީ ދައުލަތުގެ ޚަލީފާކަމާ ޙަވާލުވެވަޑައިގެންނެވީ މީލާދީ ސަނަތުން 685 ވަނަ އަހަރުގައެވެ. ޤުދުސަކީ އިސްލާމީ ތާރީޚުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވިފައިވާ ރަށެއް ކަމަށް ވާތީ، އެ ރަށާމެދު އޭނާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވި އެވެ. އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅު ވަނީ އެރަށާ ގުޅިފަ އެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލައަކީ އެރަށެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި މުސްލިމުންގެ ބެލުމުގެ ދަށަށް އެރަށް އަޔެވެ.

ޤުއްބަތުއް ޞަޚުރާ ބިނާކުރުމުގެ މަސައްކަތް ފެށުނީ ހިޖުރައިން 66 ވަނަ އަހަރުގަ އެވެ. އެއީ މީލާދީން 685 ވަނަ އަހަރެވެ. އެތަން ބިނާކޮށް ނިމުނީ ހިޖުރައިން 72 ވަނަ އަހަރުގަ އެވެ. އެއީ މީލާދީން 691 ވަނަ އަހަރެވެ.


ޤުއްބަތުއް ޞަޚުރާ



މުހަންދިސުންނާއި ޚަރަދު

ޤުއްބަތުއް ޞަޚުރާ ބިނާކުރުމުގެ މަސައްކަތް، ޢަބްދުލްމަލިކް ބިން މަރްޥާން ޙަވާލުކުރެއްވީ ދެ މުހަންދިސަކާ އެވެ. އެއީ، ރަޖާއު ބުނު ޙައިވާ އާއި ޔަޒީދު ބްނު ސަލާމެވެ.

އެތަން ބިނާކުރުމަށްޓަކައި ހިނގާ ޚަރަދުތަކަށް ހަތްއަހަރު ދުވަސް ވަންދެން މިޞްރުގެ ވާރު ޚާއްޞަކުރައްވާފައިވި އެވެ.



ޢިމާރާތުގެ ބައްޓަން

ޤުއްބަތުއް ޞަޚުރާގެ ތަޅުމުގެ ޗާޓު (ފްލޯ ޕްލޭން) ގެ ބައްޓަމާއި، އެތަނުގެ ތެރޭގައިވާ ހިލަކޮޅާ ދެމެދުގައި ގުޅުމެއްވެ އެވެ. ހިލަކޮޅުގެ ދިގުމިނަކީ 17.7 މީޓަރެވެ. ފުޅާ މިނަކީ 13.5 މީޓަރެވެ. (އުސްމިނަކީ، 2 މީޓަރެވެ.) އެހެންކަމުން އެ ޢިމާރާތުގެ ތަޅުމުގެ ޗާޓު ފަރުމާކުރެވިފައިވަނީ އެ ހިލަކޮޅު، ޢިމާރާތުގެ ތެރޭގައި ހިމަނާލެވޭނެ ފަދަ ހަންދަސީ ރީތި ބައްޓަމަކަށެވެ. އެ ބައްޓަމަކީ ހުރިހައި ފަރާތެއް އެއްވަރު އަށްކަން ގޮޅި އެވެ. އެ ޢިމާރާތުގެ ތަޅުމުގެ ޗާޓަށް ބަލާއިރު، އެތަން ފަރުމާކުރެވިފައިވަނީ ދީނީ އަޅުކަމެއް ނުވަތަ ދުނިޔެވީ މަސައްކަތެއް އެތަނުގެ ތެރޭގައި ކުރުމަށް ނޫންކަން އެނގެ އެވެ. އެތަން ފަރުމާކުރެވިފައިވަނީ ހަނދާނީ ބިނާއެއްގެ ގޮތުގަ އެވެ.

އެންމެ ފުރަތަމަ، އަށްކަނަށް ބިނާކުރެވުނު ތަނަކީ ޤުއްބަތުއް ޞަޚުރާ ކަމަށް ބައެއް މީހުން ހީކުރެ އެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. މުހިންމު ޢިމާރާތްތައް އެގޮތަށް ބިނާކުރުމަކީ އިސްލާމްދީނުގެ ކުރިން ވެސް ޝާމުކަރައިގެ އަހުލުވެރިން ކޮށްއުޅުނު ކަމެކެވެ. ވުމާއެކު، ޤުއްބަތުއް ޞަޚުރާގެ ބައްޓަމަކީ ދީނީ ގޮތުން އިޚުތިޔާރު ކުރެވިފައިވާ ބައްޓަމަކަށްވުރެ ބޮޑަށް ސަގާފީ ގޮތުން އިޚުތިޔާރު ކުރެވިފައިވާ ބައްޓަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

މިކަމާބެހޭގޮތުން، ޚިޔާލުފާޅުކުރާ ހުޅަނގާއި އިރުމަތީގެ ބައެއް އާކިޓެކްޓުން ދެކޭ ގޮތުގައި، އެ ބައްޓަން ނަގާފައިވަނީ ކީރިތި ޤުރްއާނުންނެވެ. ޤިޔާމަތް ދުވަހު، ޢަރުޝި އުފުއްލަވާނީ 8 މަލާއިކަތުން ކަމަށް، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާތީ، މުސްލިމުން އެގޮތް ކޮޕީކުރީކަމަށް އެބައިމީހުން ދެކެ އެވެ.

ޚިޔާލުފާޅުކުރުމުގެ މަސްރަޙުގައި ތިންވަނަ ރައުޔެއް ވެސްވެ އެވެ. ތިންވަނަ ރައުޔުގެ އަހުލުވެރިންގެ ނަޒަރުގައި ޤުއްބަތުއް ޞަޚުރާގެ ބައްޓަން އައިސްފައިވަނީ ދީނާއި ޘަޤާފަތަށްވުރެ ބޮޑަށް ޙާލަތުންނެވެ. ޙާލަތު ނިޔާކުރާގޮތުން އެ ހިލަކޮޅު ހިޔާކުރެވޭނީ އެފަދަ ބައްޓަމަކަށް ބިނާކުރެވޭ ޢިމާރާތަކުން ކަމަށްވާތީ، ޢިމާރާތް ފަރުމާކުރި މުހަންދިސުން އެބައްޓަން އިޚުތިޔާރުކުރީ އެވެ. އެންމެ ޞައްޙަ ރައުޔު އަންނަނީ މިތިން ރައުޔު އެއް ގިއުގަނޑެއްގެ ތެރެއަށް ލީމަ އެވެ. އެހެނީ އާކިޓެކްޗަރގައި ޢިމާރާތެއް ފަރުމާކުރެވެނީ ދީނާއި ޘަޤާފަތާއި އަދި ޙާލަތަށް ބަލައިގެންނެވެ.

ކޮންމެއަކަސް، ޢަރަބި އިސްލާމީ ސަގާފަތަށް ނިސްބަތްވާ ބިނާއެއްގެ ގޮތުގައި ޤުއްބަތުއް ޞަޚުރާ ފަރުމާކުރުމަށް ޢަބްދުލްމަލިކު ބުނު މަރްޥާން ބާރުއަޅުއްވާނެ ކަން ޤަބޫލުކުރެވެ އެވެ. އެހެނީ، އޭނާގެ ވެރިކަމުގެ ދުވަސްވަރު، ދައުލަތުގެ ހުރިހައި ކަމެއްގައި ޢަރަބި އިސްލާމީ ޝަޚުޞިއްޔަތު ކުރިޔަށް ނެރުއްވާފައިވެ އެވެ. އެއީ ހަމައެކަނި އާކިޓެކްޗަރގެ މައިދާނުގައި އޭނާ ކުރެއްވި ކަމެއްނޫނެވެ. ޤައުމުގެ އިދާރީ އޮނިގަނޑު ޢަރަބި އިސްލާމީ އުޞޫލުތަކަށް ބައްޓަން ކުރެއްވި އެވެ. ލިޔެކިއުމުގައި ބޭނުންކުރާނެ ޢަރަބި އަކުރުގެ ވައްތަރު ކަނޑައެޅުއްވި އެވެ. އަދި މުޅިން ޢަރަބި އަކުރުން ލިޔެފައިވާ ޢަރަބި އިސްލާމީ ފައިސާފޮތި ޖެއްސެވި އެވެ. އެހެންކަމުން، ޤުއްބަތުއް ޞަޚުރާގެ ފަރުމާ ވެސް އައިސްފައިވަނީ، ޢަރަބި އިސްލާމީ ސަގާފަތާއި ބިނާކުރެވުނު ތަނުގެ ޙާލަތު ގުޅި ލާމެހިގެންނެވެ.





ބިނާކުރެވުނު މަރްޙަލާތައް

ޤުއްބަތުއް ޞަޚުރާ ބިނާކުރުމުގެ މަސައްކަތް ކުރެވިފައިވަނީ ހަތަރު މަރްޙަލާއެއްގަ އެވެ.

ފުރަތަމަ މަރްޙަލާގައި ކުރެވުނު ކަމަކީ ހިލަކޮޅުގެ ވަށައިގެން ވަށްރޮނގެއް އެޅުމެވެ. އެ ވަށްރޮނގުގެ ކުރުހުރަހުގެ ދިގުމިނަކީ 20.44 މީޓަރެވެ. ދެން އެރޮނގުގެ މަތީގައި ހަތަރު ނުކުތާއެއް ފާހަގަކޮށް އެ ތަންތަނުގައި ހަތަރު މައި ތަނބު ޖެހުނެވެ. ދެން އެއިން ކޮންމެ ދެ ތަނބެއްގެ ދެމެދުގައި އިތުރު ސާނަވީ ތިން ތަނބު ޖެހުނެވެ. އެއަށްފަހު މި ތަނބުތައް އެއް އުސްމިނަކުން ގުޅުވާލެވި އޭގެ މަތީގައި އާރޗްތަކެއް ބިނާކުރެވުނެވެ. މި އާރޗްތަކުގެ މަތީގައި ވަށް ފާރެއް ރާނައި، އެ ފާރުގައި 16 ކުޑަދޮރު ބެހެއްޓުނެވެ. އަދި އޭގެ މަތީގައި ދެ ޤުއްބު ބިނާކުރެވުނެވެ. އެއް ޤުއްބަކީ ހިލަކޮޅުގެ މަތީގައި އެތެރެއިން ފެންނާނެހެން ބިނާކުރެވުނު ޤުއްބެވެ. އަނެއް ޤުއްބަކީ މި ކުޑަޤުއްބުގެ މަތީގައި ބިނާކުރެވުނު ބޮޑު ޤުއްބެވެ. މި ޤުއްބު ފެންނާނީ ބޭރުންނެވެ. ބޭރުން ނަގާފައިވާ ފޮޓޯތަކުން ފެންނާނީ މި ޤުއްބެވެ.

ދެވަނަ މަރްޙަލާގައި ކުރެވުނު ކަމަކީ، އެތެރޭގައި ވަށްކޮށް ބިނާކުރެވުނު ބައިގެ ވަށައިގެން މައިތަނބުތަކެއް ޖެހުމެވެ. މި މައިތަނބުތަކުގެ ޢަދަދަކީ 8 އެވެ. މި ތަނބުތައް ޖަހާފައިވަނީ އަށްފަރާތް އެއްވަރު އަށްކަން ގޮޅިއެއްގެ ކަންކަނުގަ އެވެ. އަދި އެއިން ކޮންމެ ދެ ތަނބެއްގެ ދެމެދުގައި ސާނަވީ 2 ތަނބު ޖެހުނެވެ. މިތަބުތައް ޖެހުނީ ހިލަކޮޅުގެ ވަށައިގެން ބިނާކުރެވުނު ބަޔާއި ބޭރު ފާރާ ދެމެދުގަ އެވެ. އޭގެ ބޭނުމަކީ ފުރާޅުގެ ބުރަދަން އުފުލުމެވެ.

ތިންވަނަ މަރްޙަލާގައި ބޭރު ފާރުތައް ރޭނުނެވެ. އެ ފާރުތަކުގެ ޢަދަދަކީ 8 އެވެ. އެފާރުތައް ލެވިފައިވަނީ ދެވަނަ މަރްޙަލާގައި ޖެހި އަސާސީ 8 ތަބުގެ ބޭރުގައެވެ. އެއިން ކޮންމެ ފާރެއްގެ ދިގުމިނަކީ 20.6 މީޓަރެވެ. ބޯމިނަކީ 1.3 މީޓަރެވެ. އުސްމިނަކީ 9.5 މީޓަރެވެ. މިފާރުތަކުގެ ތެރެއިން، ދުނިޔޭގެ ހަތަރުބިތާ ދިމާވާ ކޮންމެ ފާރެއްގައި މައިދޮރެއް ވެއެވެ. އަދި ކޮންމެ ފާރެއްގައި 5 ކުޑަދޮރު ވެއެވެ. މި ފާރުތަކުގައިވާ ކުޑަދޮރުތަކުގެ ޢަދަދަކީ 40 އެވެ.

ހަތަރުވަނަ މަރްޙަލާގައި ކުރެވުނު އެންމެ މުހިންމު ކަމަކީ ވަށައިގެން ލެވުނު ފާރުތަކާއި ޤުއްބާ ދެމެދު ހިޔާކުރުމެވެ. މިތަން ހިޔާކުރެވިފައިވާ ގޮތް، ފޭލިގެ މަތިން ހަނދާންކޮށްދެ އެވެ. ބައެއް އާކިޓެކްޓުން ޤަބޫލުކުރާ ގޮތުގައި، މިތަން ހިޔާކުރުމުގައި އަޞްލެއް ކަމަށް ބަލާފައިވަނީ ޢަރަބި ޞަޙަރާގައި ދިރިއުޅޭ ބަދަވިންގެ ފޭލިގެ އެވެ.





ބިނާކުރެވުނު ސަބަބު

ޤުއްބަތުއް ޞަޚުރާ ބިނާކުރެވުނު ސަބަބު ބުނެދޭ މަޝްހޫރު ދެ ރިވާޔަތެއްވެ އެވެ. އެއް ރިވާޔަތަކީ، އަލްޔަޢުޤޫބީ ލިޔުއްވާފައިވާ ރިވާޔަތެވެ. އަނެއް ރިވާޔަތަކީ، އަލްމަޤުދިސީ ލިޔުއްވާފައިވާ ރިވާޔަތެވެ.

ޔަޢުޤޫބީ ގެ ރިވާޔަތް ބުނާ ގޮތުގައި، ޤުއްބަތުއް ޞަޚުރާ ބިނާކުރެވުނީ، ކަޢުބަތު ﷲ ގެފުޅަށް މީސްތަކުން ޙައްޖަށް ދިއުން މަނާކުރުމަށްޓަކަ އެވެ. މިއީ ޞައްޙަ ތެދު ރިވާޔަތެއް ނޫނެވެ. އޭނާ މިބީދައިން މިވާހަކަ ލިޔެފައިވަނީ، އުމަވީ ދައުލަތުގެ އަގުވައްޓާލުމުގެ ބޭނުމުގަ އެވެ. އޭނާއަކީ، ޝީޢީ އެކެވެ. އަދި އޭނާއަކީ އުމަވީ ދައުލަތުގެ ދުޝްމަނެކެވެ. އޭނާ އިސްލާމީ ތާރީޚު ލިޔުއްވާފައިވަނީ، ޝީޢީންގެ ނަޒަރުންނެވެ. އިސްލާމީ ޚިލާފަތަކީ އޭނާ ޤަބޫލުކުރައްވާ އެއްޗެއް ނޫނެވެ.

މަޤުދިސީ ގެ ރިވާޔަތް ބުނާގޮތުގައި، ޤުއްބަތުއް ޞަޚުރާ ބިނާކުރެވުނީ، ޤުދުސްގައިވާ ނަޞާރާ ދީނުގެ ޢިމާރާތްތަކަށްވުރެ ރީތި، އެއަށްވުރެ ހައިބަތުހުރި ޢިމާރާތެއް ބިނާކުރުމުގެ މަޤުޞަދުގަ އެވެ. އެއީ، އޭރު ދުނިޔޭގައި އޮތް ބޮޑު ދެ ބާރު ކަމުގައިވާ ފާރިސީންނާއި ރޫމީންނަށް އިސްލާމީ ދައުލަތުގެ ވަރުގަދަ ކަމާއި ހައިބަތު ދެއްކުމަށްޓަކަ އެވެ. އަދި އިސްލާމްދީނާއި މުސްލިމުންނަކީ، ހަރުދަނާ ޝަޚުޞިއްޔަތެއްގެ ވެރި ބަޔެއްކަން، މުސްލިމުންނަށް އިޙުސާސް ކޮށްދިނުމުގެ ބޭނުމުގައި ވެސްމެ އެވެ. އެހެނީ، އެދުވަސްވަރު، މީހުންތިބީ ނަޞާރާ ދީނުގެ ފައްޅިތަކުގެ ބިޔަކަމާއި އެބައިމީހުންގެ ކިއްލާތަކުގެ ވަރުގަދަ ކަމާމެދު އަޖާބުވެ އަންތަރީސްވެފަ އެވެ. އެހެންވީމާ، ޢަބްދުލް މަލިކު ބުނު މަރްވާން ބޭނުންފުޅުވީ، މުސްލިމުންގެ ފަޚުރެއް ކަމުގައި ވާނެ އިސްލާމީ ޢިމާރާތެއް ބިނާކުރެއްވުމަށެވެ. ޞައްޙަ ރިވާޔަތަކީ މިއީ އެވެ.



ޤުއްބަތުއް ޞަޚުރާ އާއި މަސްޖިދުލް އަޤުޞާ

މަސްޖިދުލް އަޤުޞާއަކީ، ޤުއްބަތުއް ޞަޚުރާގެ ދެކުނުގައި، މާތް ޙަރަމްފުޅުގެ ތެރޭގައިވާ ބޮޑު މިސްކިތެވެ. އެ މިސްކިތް ބިނާކުރެވިފައިވަނީ، ޢުމަރުގެފާނު ބިނާކުރެއްވި މިސްކިތް ހުރި ތަނުގަ އެވެ. އެ މިސްކިތް ބިނާކުރެއްވީ، ހިޖުރައިން 72 ވަނަ އަހަރު، ޢަބްދުލް މަލިކު ބުނު މަރްވާން ކަމަށް ބައެއް މުއައްރިޚުން ލިޔުއްވާފައިވެ އެވެ. އަދި އެ މިސްކިތް ބިނާކުރެއްވީ، އަލްވަލީދު ބުނު ޢަބްދުލްމަލިކު ކަމަށް ބައެއް މުއައްރިޚުން ލިޔުއްވާފައިވެ އެވެ. މިގޮތަށް ލިޔެފައިވާ ތާރީޚުގައި އެ މިސްކިތް ބިނާކުރެވުނު މުއްދަތު ކަމަށް ލިޔެފައިވަނީ، ހިޖުރީ ސަނަތުން 86 އިން 96 އަށެވެ.

މަސްޖިދުލް އަޤުޞާ ތަޅާލަން ޔަހޫދީން މަސައްކަތް ކުރަމުން ގެންދެ އެވެ. އަދި މަސްޖިދުލް އަޤުޞާ އަކީ ކޮންތަނެއްކަން އޮޅުވާލަން ވެގެން، ޤުއްބަތުއް ޞަޚުރާގެ ފޮޓޯތައް ފަތުރަ އެވެ. މިހާރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ހީކުރަނީ، މަސްޖިދުލް އަޤުޞާ އަކީ ޤުއްބަތުއް ޞަޚުރާ ކަމަށެވެ. ނަމަވެސް އެއީ ތަފާތު ދެ ޢިމާރާތެކެވެ.

މަސްޖިދުލް އަޤުޞާއަކީ ކޮބާކަން ބުނެދޭ ފަތުވާއެއް، ފަލަސްޠީނުގެ މުސްލިމު ޢިލްމުވެރިން ނެރުއްވާފައިވެ އެވެ. އެފަތުވާ ބުނާގޮތުގައި، ޤުދުސްގެ މާތް ޙަރަމްފުޅުގެ ކޮންމެ ތަންކޮޅެއް ހިމެނެނީ، މަސްޖިދުލް އަޤުޞާގެ ތެރޭގަ އެވެ.



މަސްޖިދުލް އަޤުޞާ



ޚުލާޞާ

ޤުއްބަތުއް ޞަޚުރާއަކީ، ޤުދުސްގައި މުސްލިމުން އާރާސްތުކުރި ފުރަތަމަ ބިނާއެވެ. އެތަން ބިނާކުރެވިފައިވަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މިޢުރާޖު އަރާވަޑައިގެންނެވި ހިލަކޮޅު ހިޔާވާނެހެން، އެ ހިލަކޮޅުގެ މަތީގަ އެވެ. އެ ހިލަކޮޅު އޮންނަނީ، ޤުދުސްގައިވާ މާތް ޙަރަމްފުޅުގެ މެދުތެރޭގަ އެވެ. އެ ހިލަކޮޅުގެ މަތީގައި ޢިމާރާތެއް ބިނާކުރުމަށް އަމުރުކުރެއްވީ، ޚަލީފާ ޢަބްދުލްމަލިކު ބުނު މަރްވާނެވެ. އޭނާ އެކަމަށް އަމުރުކުރެއްވީ އިސްލާމީ ދައުލަތާއި މުސްލިމުންގެ ހައިބަތާއި އާރާއި ބާރު ދައްކުވާދޭ ބިނާއެއް އާރާސްތުކުރުމުގެ ގޮތުންނެވެ.

ޤުއްބަތުއް ޞަޚުރާއާއި މަސްޖިދުލް އަޤުޞާއަކީ ދެ ތަނެކެވެ. މަސްޖިދުލް އަޤުޞާއަކީ، ޤުއްބަތުއް ޞަޚުރާގެ ދެކުނުގައި، މާތް ޙަރަމްފުޅުގެ ތެރޭގައިވާ ބޮޑު މިސްކިތެވެ.

ޤުއްބަތުއް ޞަޚުރާއަކީ ޤުދުސްގައިވާ އެންމެ ރީތި ތާރީޚީ ޢިމާރާތްކަމަށް އާކިޓެކްޓުން ޤަބޫލުކުރެ އެވެ. ޙަޤީޤަތުގައި އެތަނަކީ، އެތަނުގެ ރީތިކަމާއި ނަލަކަން، ހަމަލޮލުން ނުދެކޭ މީހެއްގެ ޚިޔާލަށް ވެސް ނުގެނެވޭވަރުގެ ޢިމާރާތެކެވެ.



މަޢުލޫމާތު ނެގި މަޞްދަރުތައް:
www.sabraeng.com
www.11emam.com
eng2all.com
ar.wikipedia.org
www.saven7.ne
palestine-info.info
www.haridy.com
www.planetware.com


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ