އަދުގެ ޚާއްސަ

Print

ހަމަހިމޭންކަން

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


 ބިންމާ އިބްރާހީމް ވަޙީދު
  
އަހަރެންނަކީ ޒުވާން އަންހެންކުއްޖެކެވެ. އުމުރުން އެންމެ 18 އަހަރެވެ. އެ އުމުރުގެ އެހެން ކުދިން އުޅޭ ހުރިހާ ގޮތަކަށް އަހަރެން އުޅެމެވެ. ކާ އެއްޗިހި ކަމެވެ. ބަލާ ފިލްމްތައް ބަލަމެވެ. ކިޔާ ވާހަކަތައް ކިޔަމެވެ. ލޯތްބަކީ ކޮބައިކަމާއި، ލޯބިވެރިޔާގެ ހުންނަންޖެހޭ ހުރިހާ ސިފައެއް އަހަންނަށް އެނގެ އެވެ. ރައްޓެހިވާން ހަދާނެ ގޮތްތަކާއި، ލޯބި ހުށައަޅާނެ ގޮތް ވެސް އެނގެ އެވެ. އެހެންނަމަވެސް އަހަރެންގެ ލޯބިވެރިއެއް ނުހުންނަނީ، އަހަންނަށް ކަމުދާ ކަހަލަ މީހަކު ނުފެންނާތީ އެވެ. އަހަރެން ބޭނުންވަނީ "ރޮމޭންޓިކު" މީހެކެވެ.
    
އަހަރެންގެ ލޯބިވެރިޔާގެ އިސްކޮޅުން ދިގުވާންޖެހޭނެ އެވެ. ހިކިވިޔަސް ނުވަތަ ވަރުގަދަ ހަށިގަނޑެއް ހުއްޓަސް މައްސަލައެއް ނެތެވެ. ފަލަވެގެން ނުވާނެ އެވެ. އަޑު ވަރަށް ބަރުވާންޖެހޭނެ އެވެ. އަހަރެން ކިޔާ ކަހަލަ ވާހަކަ ކިޔާ މީހަކަށް ވާންޖެހޭނެ އެވެ. އަދި އަހަރެން އަޑުއަހާ ކަހަލަ މިޔުޒިކަށް ލޯބިކުރަންޖެހޭނެ އެވެ. ފިލްމެއްގެ ވާހަކަ އަހަރެން ދައްކާއިރު، އޭނަ ވެސް އޮންނަންވާނީ އެ ފިލްމް ބަލާފަ އެވެ. އަހަރެންގެ ހުވަފެނުގެ އެ "ޕްރިންސް" ދިމާނުވެގެން އުޅެނީ، އެހާ ގިނަ ޝަރުތުތައް ހުރީމައިކަމަށް ވެދާނެ އެވެ.
   
ރައްޓެހިންނާ އެކުގައި ބާޒާރަށް ގޮސްގެން އުޅެނިކޮށް، ޑީވީޑީ ވިއްކާ ފިހާރައެއް ފެނުނެވެ. އެ ތަނުގައި އިނގެރޭސި ސީރީޒް ހުރިކަން އެނގުމުން އަހަރުމެން ވަނީމެވެ. ޕްރިންސާ ދިމާވާނީ އެ ތަނުން ކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. ޑީވީޑީތަކުގެ ތެރެއަށް އަހަރެންގެ ކަޅި "ހަރަމުން" ގެންދިޔައީ އެންމެ އެއްޗެއް ފެނޭތޯ އެވެ. އެއީ "ރޯސްވެލް" ސީރީޒެވެ. އޭގައި ދައްކާނީ، ދުނިޔެއިން ބޭރުން އައި އޭލިޔަންތަކެއް، ޒުވާނުންގެ ސިފަޖެހިގެން އުޅޭތަނެވެ. އެންމެފަހުން އޭގެން އެއް އޭލިޔަންގެ ހިތް، ޒުވާން އަންހެން ކުއްޖަކަށް ދެވެނީ އެވެ. އަހަންނަށް އެ ސީރީޒް ވަރަށް ރީއްޗެވެ.

    "ރޯސްވެލް ސީރީޒް އެބަހުރިތަ؟"

   
އެއީ އަހަރެން އަހަންވެގެން އުޅުނު އެއްޗެކެވެ. އެކަމަކު، އެހެން އެހީ އެހެން މީހެކެވެ. ފިރިހެނެކެވެ. އަހަރެންނަށް ކުއްލިއަކަށް އެ މީހާ އަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ އަހަރެންގެ ޕްރިންސެވެ. އޭނަ އަކީ ދިވެއްސެއްކަން އެނގެ އެވެ. އޭނަ އުޅޭ ރަށެއް، ހުސްހަށިބައިކަމެއް، އުމުރެއް އަދި ނަމެއް ވެސް އަހަންނަކަށް ނޭނގެ އެވެ. އެނގޭ އެއްޗަކީ އެއީ އަހަރެންގެ ޕްރިންސްކަމެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އޭނަ ވެސް އަހަންނަށް ބަލަންއުޅޭހެން އަހަންނަށް ހީވި އެވެ. އެހެންނަމަވެސް، އެއީ ކުށްހީއެކެވެ. އަހަރެން އެ ތަނުގައި ހުރިކަމެއް ވެސް އޭނައަކަށް ނޭނނެ އެވެ. ކުއްލިއަކަށް އޭނަ އަށް ކޯލެއް އައެވެ.

    "މީ ފައިސަލް!" އޭނަ ބުންޏެވެ.

    "ފައިސަލް!" އަހަރެން މަޑުމަޑުން ކިޔާލީމެވެ.

   
އަހަރެން އެހެން ބުނި އަޑެއް ފައިސަލަކަށް ނީވޭނެ އެވެ. އެކަމަކު، ފައިސަލް އަހަންނަށް ބަލައިލާފައި، ދުވަހަކު ވެސް އަހަރެން ނުދެކޭހާ ރީތިކޮށް ހިނިތުންވެލި އެވެ. އަހަރެން ފަކީރު ހުރީ ހިނިތުންވާން ވެސް ހަނދާންނެތިފަ އެވެ. ފައިސަލް ފޯނުން ވާހަކަދައްކަމުން ގެންދިޔަ އެވެ. އަހަރެންގެ ހިތްއެދެމުން ދިޔައީ އޭނަގެ ފޯނު ނަންބަރަށެވެ. ފަހުން ގުޅާލުމަށްޓަކާ އެވެ. ލަފާކުރެވޭ ގޮތުގައި ފައިސަލް އަށް ގުޅައިގެން އުޅެނީ ނުބައި ނަންބަރަކުންނެވެ. އެންމެފަހުން ފައިސަލް އަށް ޖެހުނީ ފައިސަލްގެ ނަންބަރު ވެސް އެ މީހާ އަށް ބުނެދޭށެވެ. އަހަރެން ވަގުތުން، ހިތުގެ ހުސް ގަނޑެއްގައި އެ ނަންބަރު ނޯޓްކޮށްލީމެވެ. އެއީ، ހަނދާންބަހައްޓަން ވެސް ވަރަށް ފަސޭހަ ނަންބަރެކެވެ.
   
ފެށުނީއްސުރެ ވެސް އަހަރެން ކުރަމުންއަންނަ އުންމީދެއް އޮވެއެވެ. އަހަރެން ލޯބިވާނީ އަހަރެންދެކެ ލޯބިވާ މީހެއްދެކެ އެވެ. ވުމާއެކު، އަހަންނަށް ގުޅަންޖެހޭނީ އެ މީހާ އެވެ. ކަންދިމާވިގޮތުން، ފައިސަލްގެ ނަމާއި ނަންބަރު ވެސް އެނގެނީ އަހަންނަށެވެ. އަހަރެންގެ ނަމެއް ނުވަތަ ނަންބަރެއް ފައިސަލަކަށް ނޭނގޭނެ އެވެ. އޮތީ ދެ ގޮތެވެ. އިސްވެ އަހަރެން ގުޅުމެވެ. އެހެންނޫނީ، ފައިސަލް ހަނދާންނައްތާލުމެވެ. ފަހު ގޮތަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟
   
ޖެހިޖެހިގެން ތިން ރޭ ވެސް، ހުވަފެނުން އަހަންނަށް ފައިސަލް ފެނުމުން، އަހަރެންގެ ކެތްތެރިކަން ކޮޅުންލި އެވެ. ވަރަށް "ސައިކޯ" ޚިޔާލްތައް ވެސް އަހަރެންގެ ހިތަށް ވެރިވި އެވެ. ހިތަށްއެރި އެވެ. މީހެއްގެ ފިރިއަކަށް ވިޔަސް އަހަރެން ރައްޓެހިވާނީ ފައިސަލްއާ އެވެ. ފޯނު ހިފައިގެން، ބަރާބަރު އެއް ގަޑިއިރު ވިސްނަން އިނުމަށްފަހު، ނަންބަރުތަކަށް ފިތާލީމެވެ. ރިންގްވާން ނުފަށަނީސް ކަނޑާލީމެވެ. ނުކެރުނެވެ. ހިތަށް ކޮންމެ އެއްޗެއް އެރިޔަސް، ފައިސަލް އަކީ މީހެއްގެ ފިރިއެއްކަން ޔަގީން ނުވަނީސް ވާހަކަދައްކާކަށް ހިތްހަމައެއްނުޖެހުނެވެ.

    "r u married?  " އަހަރެން މެސެޖުގައި ޖެހީމެވެ.
   
ކުރެވުނީ ކިހާ "ސިލީ" ކަމެއްކަން އަހަންނަށް ވިސްނުނީ އެ މެސެޖު އަހަރެންގެ ފޯނުން ފޮނުވާލެވުނު ފަހުންނެވެ. ވެގެންވީ ނަމަ، އަލުން އެ މެސެޖު ހިފޭއްޓީމުހެވެ. ދެން ޖެހުނީ އިންތިޒާރު ކުރާށެވެ. ކޮންމެ ސިކުންތެއް ހީވަނީ ގަޑިއެއްގެއިރުހެންނެވެ. ހިތަށްއެރި އެވެ. އަހަރެންގެ ނަންބަރު އެނގޭނެ އެވެ. ދެން ހިތަށްއެރި އެވެ. ފޯނު ބާއްވާފައި އޮއްވައި އެހެން މީހަކު ކުރި މެސެޖެކޭ ބުނާނީ އެވެ. އަނެއްކާ ހިތަށްއެރި އެވެ. މައާފަށް އެދިފައި، އެއީ އެހެންމީހަކަށް ފޮނުވި މެސެޖެކޭ ކިޔާފައި މެސެޖުކުރަންވީބާ އެވެ؟ ކޮޓަރިތެރޭގައި އަހަރެން މޮޔައެއްހެން ދެކޮޅަށް ހިނގާލަހިނގާލާ ހުރީމެވެ.
   
    "ނޫން!" ފައިސަލް މެސެޖުކުރި އެވެ.
   
އެއީ ތެދެއްބާ އެވެ؟ ދެން އުފެދުނީ އެ ސުވާލެވެ. ދޮގަކަށްވެއްޖެއްޔާ އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ހެއްޔެވެ؟ އަނެއްކާ އަނެއް މެސެޖު ފޮނުވަންވީ ހެއްޔެވެ؟ ނޫނީ ދެން އެ ހިސާބުން ހުއްޓާލަންވީ ހެއްޔެވެ؟ އެ ކަމަށް ވިސްނަން ހުއްޓައި އަނެއްކާ ފައިސަލްގެ މެސެޖެއް އައެވެ.

    "i m free " އެ މެސެޖުގައިވެ އެވެ.

    އެންމެ ފުރަތަމަ ފައިސަލް ދިމާވީ، އަހަރެން ބޭނުންވެފައިވާ ޑީވީޑީއެއް ގަންނަން އުޅެނިކޮށެވެ. އޭނަ ބަލައިލީ، ހިތުން އަހަރެން ގޮވާލީމަ އެވެ. ދެ ވަނަ އަށް ފައިސަލް މެސެޖު ފޮނުވީ، ހިތުގައި އެ ސުވާލު އުފެދުނުތަނާ އެވެ. އެކަކުއަނެކަކާ އެހާ ޚިޔާލު އެއްގޮތް އެހެން މީހަކު ހުންނާނެބާ އެވެ؟ އެ ކަމަށް ވިސްނަން ހުއްޓައި، އަހަރެންގެ ފޯނު ރިންގްވާންފެށި އެވެ. އަރާފައި އޮތީ ފައިސަލްގެ ނަންބަރެވެ. އަހަރެން ހިތްވަރުކޮށްފައި ފޯނު ނެގީމެވެ.

    "ހަލޯ!" ފައިސަލްގެ ބަރު އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

    "އަހަރެންގެ ރައްޓެއްސަކަށް ވެދާނަންތަ؟" އަހަރެން އެހީމެވެ.

   
އަހަރެން އެހެން އެހިޔަސް އޭގެ މާނަ ފައިސަލް އަށް ވެސް އެނގެ އެވެ. އެހެންކަމުން، ގިނަ ދުވަސްތަކެއް ނުވަނީސް، އެ ރަހްމަތްތެރިކަމުގައި ލޯބީގެ ކުލަޖެހުނެވެ. ހަގީގަތުގައި، ޑީވީޑީ ވިއްކާ ފިހާރައިގައި ހުރެފައި ފައިސަލް ފޯނު ނެގީ ކޯލެއް އައިސްގެނެއް ނޫނެވެ. ފޯނު ވައިބްރޭޓެއް ނުވެސް ވެއެވެ. އަހަރެންގެ ބޯކޮޅު ބަލަމުން ފައިސަލް ހިނގާތާ ކިތަންމެ ދުވަހެކެވެ. އެހެންވެ، އަހަންނަށް ފައިސަލްގެ ނަމާއި ނަންބަރު ދިނުމަށްޓަކައި އެހެން ބުނީ އެވެ. ފައިސަލް ދެކެ އަހަރެން އިންތިހާ އަށް ލޯބިވީމެވެ. އަހަރެން ބޭނުންވި ހުރިހާ ސިފައެއް ފުރިހަމަވެފައިވާ މީހަކު، އަހަންނަށްޓަކައި ހުސްކޮށް ހުރުމަކީ އެއް އަޖައިބެވެ. އަނެއް އަޖައިބަކީ، އަހަރުމެން ދެ މީހުން ދިމާވިކަމެވެ. ކައިވެންޏާ ދޭތެރޭގައި ވިސްނާވަރަށް ވުރެ އަހަރެން ހަގެވެ. އަހަރެން ބޭނުންވަނީ ލޯބިން ފެންވަރާށެވެ. އުފާކުރާށެވެ. އެ އުފާ އަހަންނަށް ލިބުނެވެ. އެކަމަކު މީހުން ބުނެ އެވެ. އެއްވެސް އެއްޗަކީ މުޅިން ފުރިހަމަ އެއްޗެއް ނޫނެވެ. އަބަދު ވެސް އެކަން އަހަރެން ހަނދާންހުއްޓެވެ. ފައިސަލްގެ އުނިސިފަ އަކީ ކޮބައިބާ އެވެ؟ އެކަން ފެންނަ ދުވަހުން އަހަންނަށް ކެތްކުރެވޭނެބާ އެވެ؟ އާނއެކެވެ. އަހަރެން ކެތްކުރާނީ އެވެ. ހިތަށްއެރީ އެހެންނެވެ.
  
 އަހަރެންގެ ވެސް އުނިކަމެއް ހުންނާނެ އެވެ. އެކަން ފާހަގަކުރަންޖެހޭނީ ފައިސަލް އެވެ. ފާހަގަކޮށްފައި ބުނުމުން އަހަރެން އެކަން އިސްލާހް ކުރާނަމެވެ. އެކަން އޮންނަނީ އެހެންނެވެ. އަހަރުމެންގެ ގުޅުމަށް 8 މަސް ވީއިރު، އަހަރެންގެ ކެތްތެރިކަން ކޮޅުންލާންފެށި އެވެ. ފައިސަލްގެ ސިފަ އާއި މިޒާޖުގެ ހުރިހާކަމެއް އަހަރެންނަށް ވަރަށް ގަބޫލެވެ. އެއް ކަމެއް ފިޔަވައެވެ. ދުވަހަކު ވެސް އޭނަ "އައި ލަވް ޔޫ" ބުނާކަށް ހަނދާނެއް ނުހުރެއެވެ. ނުވަތަ ބުނާކަށް ނުކެރެ އެވެ. ވަގުތުން އޭނަ ހަމަހިމޭންވެފައި ހުންނަނީ އެވެ. އެހެންނޫނީ، އެ ވަރަށް އޭނަ ލޯބިނުވަނީބާ އެވެ؟ އަހަރެންގެ ނަޒަރުގައި، ލޯބިވުމާއި އެހެން ބުނުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އެއީ، މީހަކަށް ހިތުން މައާފުކުރުމާއި، މައާފަށް އެދުމާ ދެމެދު ހުންނަ ކަހަލަ ތަފާތެކެވެ. މީހަކު އަބަދު ހަނދާންބެހެއްޓުމާއި، ތި ހަނދާން ދުވަހަކު ވެސް މި ހިތުން ފިލައިގެންނުދާނޭ ބުނުމާ ދެމެދު ހުންނަ ކަހަލަ ތަފާތެކެވެ.
   
"ތީ މައްސަލައެއް!" ކޮންމެ އެކުވެރިއަކު ވެސް ބުނަނީ އެހެންނެވެ. "ތީގެ މާނަ އަކީ، 8 މަސް ފަހުން ވެސް އޭނަގެ ހިތުގަ އެއްވެސް ލޯތްބެއްނެތޭ. ތީގެން އެނގެނީ ތި ގުޅުން ދަތުރުކުރަނީ ވަރަށް ބޭކާރު މިސްރާބަކަށްކަން. ނޫނީ ވެދާނެ އެއްވެސް ދިމާލަކަށް ދަތުރުނުކޮށް ތި ލޯބި ތިއޮތީ ހުއްޓިފަކަމަށް. އޮތްގޮތަކީ، ސީދާ ތިކަމާ ބެހޭގޮތުން އޭނަޔާ، އަވަހަށް ވާހަކަދެއްކުން. ދޭ ލޯބީގެ ބަދަލުގަ ލޯބި ނުލިބޭކަމަށް ވަންޏާ، ކޮބާ ލޯބީގެ ބޭނުމަކީ؟ ހީވެދާނެ ތި ކަހަލަ އެހެން ފައިސަލެއް ދެން ނުލިބޭނޭ. ލިބޭނެ. ދެން ލިބޭ މީހާ މާ ރަނގަޅު ވެސް ވެދާނެ."
   
ހުރިހާ އެކުވެރިން އެއް ކަހަލަ ގޮތަކަށް މަޝްވަރާދެންޏާ އެ ވާނީ ރަނގަޅު މަޝްވަރާއަކަށެވެ. އެހެން ހީކޮށް، ފައިސަލްއާ އެ ވާހަކަދެއްކީމެވެ. ވަރަށް ސީދާކޮށް ބުނީމެވެ. ފައިސަލް ގާތަށް އައީ ރަކި ހިންޏެކެވެ.
   
    "އެއީ ދެން އެވަރުގެ ކަމެއްތަ؟" ފައިސަލް ހިނިތުންވެލާފައި ބުންޏެވެ. "އަހަންނަށް ހީވަނީ އެހެން ބުނުން އެއީ ވަރަށް ސިލީކަމެއްހެން!"
   
އަހަރެން ވަރަށް ވިސްނީމެވެ. ހަމައެކަނި އެ ކަމަށްޓަކައި އަހަރެން ވީ ފައިސަލް ދޫކޮށްލަން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، އަހަރެން ބޭނުންވަނީ ފައިސަލްއެއް ނޫނެވެ. ފައިސަލް އަކީ އެހެން ބުނާ މީހެއް ނޫނެވެ. އެކަމަކު އޭނަ ލޯބިވެއެވެ. ފައިސަލް ގަބޫލުކުރަންޏާ ކުރަންވީ އޭނަ އަކީ "ޢައި ލަވް ޔޫ" ނުބުނާ މީހެއްކަން ގަބޫލުކޮށްގެންނެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ.
   
އަހަރުމެންގެ ކައިވެނި ކުރެވި، ތިން ކުދިން ލިބުނުއިރު ވެސް، ފައިސަލް އަކީ ފައިސަލް އެވެ. ތެދުވެރި، ވަފާތެރި، އިންތިހާ އަށް އަހަރެންގެ ދެކެ ލޯބިވާ "ރޮމޭންޓިކު" ފިރިއެކެވެ. ކުދިން މިސާލެއް ކަމުގައިބަލާ ބައްޕައެކެވެ.

އެކި މީހުން ލޯބިވާނީ އެކި ގޮތަށެވެ. މީހެއް ގައިގަ ނެތް ސިފައެއް އެ މީހާ ގައިގަ ހަރުލެއްވުމަށް މަސައްކަތް ކުރުމުން އެ މީހާ ބަދަލުވާނީ އެހެން މީހަކަށެވެ. ހުރިހާ ކަށިތައް އުފުރާލައިފި ނަމަ، ފިނިފެންމަލުގައި ހިފާއްޓަން ފަސޭހަވާނެ އެވެ. އެކަމަކު އެއީ ފިނިފެންމަލަކަށް ނުވާނެ ފަދައިންނެވެ. ރައްޓެހިން ބުނާގޮތަށް ކަންތައް ނުކުރާށެކޭ ނޫނެވެ. އެކަމަކު، ބައެއްފަހަރު، ހުރިހާ ރައްޓެހިން ބުނާ ގޮތް އެއީ ރަނގަޅު ގޮތަކަށް ނުވެދާނެ އެވެ.
   
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ