Print

ސައްޔިދު ދަންނަ ކަލޭފާނުގެ ދުޢާ

ޝާޢިއުކުރީ ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ޙުސައިން ޝާކިރު

ބުނެވޭ ގޮތުގައި ހިޖުރައިން މީގެ ތިންސަތޭކަ އެތަކެއް އަހަރުގެ ކުރިން ސީރިޔާގެ އޭރުގެ ވެރިރަށް ޙަމާޠް ގައި ސައްޔިދުނާ ޙަސަންގެފާނާއި ޙުސައިންގެފާނުގެ ދަރިކޮޅުން ފިރިހެން ބޭފުޅަކު އުފަންވެ ވަޑައިގެންނެވިއެވެ. (واللّه أعلم)  މި ތުއްޕުޅު ބޭފުޅާއަށް ނަންދިނީ ސައްޔިދު މުޙަންމަދު ޝަމްސުއްދީނުގެ ނަމުންނެވެ. މި ބޭފުޅާ ތަޢުލީމު ޙާޞިލްކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒުހަރުންނެވެ. ސައްޔިދު މުޙަންމަދު ޝަމްސުއްދީނު ވެވަޑައިގަތީ އެޒަމާނުގެ ބޮޑެތި ޢިލްމުވެރިން ތެރެއިން ކުރިއަށް ނުކުމެ ވަޑައިގެން ހުންނެވި ބޮޑު ޢިލްމުވެރި އަކަށެވެ.

ސައްޔިދު މުޙަންމަދު ޝަމްސުއްދީނު ތަޢުލީމު ފުރިހަމަ ކުރެއްވުމަށްފަހު މިޞްރުންނުކުމެވަޑައިގެން މައްކާއަށް ވަޑައިގެން ޙައްޖުގެ ފަރުޟު އަދާކުރައްވައި މަދީނާއަށް ވަޑައިގެން ރަސޫލުﷲ (صلعم) ގެ ޤަބުރުފުޅަށް ޒިޔާރަތްކޮށް ޢުމުރާ ވެ ވަޑައިގަތުމަށް ފަހު، ﷲ ގެ މަގުގައި އިސްލާމް ދީނަށް ގޮވާލެއްވުމާއި އިސްލާމް ދީން ތަބުލީޣު ކުރެއްވުމަށް ނުކުމެވަޑައިގެން އޭޝިޔާ ބައްރުގެ ގިނަތަންތަނަށް ދަތުރުކުރައްވައި މުންކަރާތްތައް ނަހީކުރައްވައި ޤާދިރީ ޠަރީޤާ ފެތުރުއްވުމުގެ މަސައްކަތްޕުޅު ކުރެއްވި އެވެ.

މި ދުވަސްވަރަކީ ބުނެވޭ ގޮތުގައި މިރާއްޖޭގައި ވެސް އިސްލާމީ ހިދާޔަތުގެ އަލިކަން ފަނޑުވާން ފަށާފައިވާ ދުވަސްވަރެކެވެ. މުންކަރާތްތަކާއި ނަހީތަކަށް މީހުން އަރައަރައިގަތުން ގިނަ ދުވަސްވަރެކެވެ. ސައްޔިދު މުޙަންމަދު ޝަމްސުއްދީނު ދަންނަކަލޭފާނު މި ރާއްޖެއަށް ވަޑައިގަތީ 1097ހ. ވަނަ އަހަރު އެވެ. ސައްޔިދު ދަންނަކަލޭފާނު ރާއްޖެ ވަޑައިގަތުމުން އޭރު ހުންނެވި ރަދުން ސައްޔިދު ކަލޭފާނަށް ވަރަށް ކަމޭހިއްތެވި އެވެ.

ސައްޔިދު ކަލޭފާނު ބެހެއްޓެވީ ރަދުންނާ އެއްބަޑުފުޅު ޙަސަން ފާށަނާކިލެގެފާނުގެ މުޙަންމަދު މަނިކުފާނުގެ ގޭގަ އެވެ. މި ހުންނެވުމުގައި ސައްޔިދު ދަންނަކަލޭފާނު ދީނުގެ އަމުރު މަޢުރޫފު ހިންގައި ބިދުޢަތުތައް މުގުރުއްވައި ސުންނަތް ދިރުއްވައި މީހުންނަށް ދީނުގެ ޢިލްމު އުނގަންނައި ދެއްވި އެވެ. އަދި ރަދުންގެ ކިބައިގައިހުރި އުނިކަންތައްތައް ދެކެވަޑައިގެން ނަސޭހަތްޕުޅު އަރުއްވާ ހެއްދެވި އެވެ. އާޚިރު ނިމުމަކަށްވީ ދެބޭފުޅުންގެ ދެމެދުގައި އޮތް އެކުވެރި ޞުލްޙަވެރިކަން ގެއްލި ދިއުމެވެ.

މިހެން މިކަން ހިނގުމާއި ގުޅިގެން އެއްދުވަހަކު ޞަލަވާތް ފާތިޙާ ވިދާޅުވެ ސައްޔިދު ދަންނަކަލޭފާނުގެ އިސްތަށިފުޅުގައި އޮތްފަގުޑިކޮޅު ނަންގަވައި މުޙަންމަދު މަނިކުފާނު ބޮލުގައި ބެހެއްޓުވުމަށްފަހު ތިއައީ މުޙަންމަދު ރަސްގެފާނޭ ވިދާޅުވެ ރަސްކަމަށް ދުޢާކުރެއްވި އެވެ.
 
ސައްޔިދު ކަލޭފާނުގެ ދުޢާއިން ފައުޅުވި މުޢުޖިޒާތެއް ފަދައިން، އޭގެ ހަތް އަހަރުފަހުން މުޙަންމަދު މަނިކުފާނު ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގެން އައްސުލްޠާނު އަލްޢާދިލު މުޙަންމަދު މުޙްޔިއްދީނު ސިރީ ނާކަރައި ސުންދުރަ ބަވަނަ މަހާރަދުންގެ ނަންފުޅުގައި ރައްޔިތުންގެ މައްޗަށް ކީރިތި މޫރިތި ކަމާއި ބަނިޔާދަން ކަމާއެކު ހައިބަތާއި ގަދަރު އުފުލިގެންވީ، ޢަދުލުވެރި އޯގާވެރި ރަސްކަމެއް 11 މަހަށްވުރެ އިތުރު، އަހަރަކަށްވުރެ މަދު މަސްތަކެއްގައި ހިންގެވުމަށްފަހު 1103ހ. ވަނަ އަހަރު ފުރައުއްތަވެ މާލޭ ހުކުރުމިސްކިތުގައި ފަސްދާނު ލެވިއްޖެ އެވެ.

މުޙަންމަދު މަނިކުފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ސައްޔިދު ދަންނަކަލޭފާނަށް ސިޓީފުޅެއް ފޮނުއްވި އެވެ. އެ ސިޓީފުޅުގައި ލިޔުއްވާފައި ވެއެވެ. "ކަލޭގެފާނު ދުޢާކުރެއްވިފަދައިން މާތްކަލާނގެ ތިމަންނަޔަށް ދިވެހިރާއްޖޭގެ ރަސްކަން އިރާދަކުރައްވައިފިޔޭ، ކަލޭގެފާނުގެ ފައިވާންފުޅު ދެކެވަޑައިގަތުމަށް ތިމަން މަނިކުފާނުން ވަރަށް އެދިވަޑައިގެންނަވަމޭ، މިތަނަށް ކަލޭގެފާނު ދުރުވުން އެދި ހުންނެވީމެވެ".

[މާތް ﷲ އަށް ޝުކުރުކުރާ މީހާ މީހުންބުނާ ހެޔޮ ބަހަށް ޝުކުރުވެރި ވާނެއެވެ.]

މައުލޫމާތު: ދިވެހިތާރީޚު.    ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ