މުސްލިމު ސައިންސުދާނުން - 02
ތަޢާރުފު
خالد އަކީ، ބަނީ އުމައްޔާގެ ޝާހީ ޚާންދާނުގެ ބޭފުޅެކެވެ. ތަރުބިއްޔަތު ލިބިވަޑައިގަތީ، ޝާހީ ގަނޑުވަރުގަ އެވެ. ތަޢުލީމާއި ތަރުބިޔަތު ވަރަށް ރަނގަޅަށް ޙާޞިލުކުރެއްވި އެވެ. ޚާލިދު ޝައުޤު ވެރިވެ ވަޑައިގަތީ، ޢިލްމީ ދާއިރާއަށް (ސައިންސަށް) ކަމުގައިވާތީ، ވެރިކަމާބެހޭ އެއްވެސް ކަމެއްގައި މަޝްޣޫލުވެ ވަޑައެއް ނުގަންނަވަ އެވެ. މީނާއަށް ވެރިކަމަށް ބައިޢަތު ހިފުނެވެ. ނަމަވެސް އެ ކަމުން އޭނާ އެއްކިބާވެ ވަޑައިގަތެވެ.
ޢިލްމީ ޚިދުމަތްތައް
ޚާލިދުގެ ރޮނގަކީ، ޢިލްމީ ރޮނގު ކަމުގައި ވުމުގެ ސަބަބުން ޢިލްމީ ފޮތްތައް މުޠާލަޢާ ކުރައްވަން ފެށްޓެވި އެވެ. އަދި ކީމިޔާ (ކެމިސްޓުރީ) ރޮނގުން ކުރިޔަށް ވަޑައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވި އެވެ. ކެމިކަލްގެ ބޭނުންކުރައްވައިގެން ރަން ހެއްދެވުމަށްޓަކައި، ކަމާބެހޭ ފަތްޕިލާވެލި ވެސް ޖަމަޢަކުރެއްވި އެވެ. ނަމަވެސް މި ކަމުގައި ވީ ނާކާމިޔާބެވެ.
ބޭސްވެރިކަމުގެ ރޮނގުގައި ވެސް، ޚާލިދު ކުރިޔަށް ވަޑައިގަތެވެ. މި ކަމަށްޓަކައި، މިޞްރުގެ އިސްކަންދަރިއްޔާއިން ޢިލްމުވެރިން ގެންނަވައިގެން ޢިލްމީ ބަޙުޘްތައް ކުރެއްވި އެވެ. މި ދެންނެވި ޢިލްމުވެރިން ލައްވައި، ޚާލިދު ވަރަށްގިނަ ޢިލްމީ ފޮތްތައް ތަރުޖަމާކުރުވި އެވެ. މި ތަރުޖަމާތައް ވެގެން ދިޔައީ ޢިލްމީ ދުނިޔޭގައި އެ ޒަމާނުގައި އެންމެ ފުރަތަމަ ކުރެވުނު ތަރުޖަމާ ތަކަށެވެ.
ޚާލިދުގެ އަނެއް ދާއިރާ އަކީ، ފަލަކީ ޢިލްމު (އެސްޓްރޮނޮމީ) ދާއިރާ އެވެ. އޭނާ ގުލޯބެއް ވެސް ތައްޔާރު ކުރެއްވި އެވެ.
خَالِدُ بْنِ يَزِيْدُ އަކީ، ޢިލްމާއި ފަންނަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ސައެންސުގެ ދުނިޔޭގައި މީނާ އަކީ، އަރައިހުރި ތަރިއެކެވެ. މީނާ އަވަހާރަވީ ޝާމުކަރައިގެحِمْصُ ގައި ނުވަތަ مَدِيْنَة ގަ އެވެ.
اَبُو إِسْحَاق إِبْرَاهِيْمُ بْنُ جُنْدُب
157ހ. 776މ.
ތަޢާރުފު
إِبْرَاهِيمُ بْن جُنْدُبُ އަކީ، ފަލަކީ ޢިލްމުގެ مُحَقِّق (ތަޙުޤީޤުކުރާ މީހާ) އެކެވެ. އެ ކަމުގެ ކުޅަދާނަ މާހިރެކެވެ.
ތަޢުލީމާއި ތަރުބިއްޔަތު
إِبْرَاهِيمُ بْنِ جُنْدُبُ ގެ ޒަމާނަކީ، ޢައްބާސީ ދަވްރުގެ ކުރީ ކޮޅެވެ. އޭރު خَلِيْفَة أَبُوجَعْفَرُ الْمَنْصُورُ، ބަޣުދާދު ބިނާކުރައްވައި ނިންމަވައިފި އެވެ. ޢިލްމާއި ހުނަރުގެ ބަގީޗާއަށް ބަހާރު މޫސުން އަންނަން އޮތީ ކައިރިވެފަ އެވެ. އެ ދުވަސްވަރު إِبْرَاهِيمُ بْن جُنْدُبُ އަކީ، ފަޤީރު ޠާލިބު ޢިލްމެކެވެ.
ޢިލްމާއި ފަންނުގެ ކޯރުތަކުން ޢިލްމުގެ އަލާ ކަނޑުއްވައިލައްވައި އެ ޒަމާނުގައި އުނގެނެވެން ހުރި މިންވަރަށް އޭނާ އުނގެނި ވަޑައިގެންފި އެވެ. ދެން އެއަށްފަހު ޓެސްޓުތަކާއި ތަޖްރިބާގެ މަރްޙަލާތައް ކަޑައްތު ކުރައްވާން ފެށްޓެވި އެވެ.
ފަލަކީ ޢިލްމު ނުވަތަ އެސްޓްރޮނޮމީއަށް އޭނާގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައި ވެ އެވެ. އެހެންކަމުން އޭނާ ވެ ވަޑައިގެންނެވީ އެ ފަންނުގެ ނުހަނު ކުޅަދާނަ މާހިރަކަށެވެ.
ޢިލްމީ ޚިދުމަތްތައް
إِبْرَاهِيمُ بْنِ جُنْدُبُ ފަލަކުގައިވާ ތަރިތައް ބައްލަވައި މުޝާހަދާކުރައްވައި، އެސްޓުރޮނޮމީގެ މާހިރަކަށް ވެ ވަޑައިގަތުމަށް ފަހު، އަމިއްލަފުޅަށް ތަޖުރިބާތައް ކުރައްވަން ފެށްޓެވި އެވެ. އޭނާ އަކީ، ދުނިޔޭގެ ނިސްބަތުގައި ވިސްނިކަމުގައި ވިޔަސް، ވަރުގަދަ ސިކުނޑިއެއްގެ ވެރި، ފަލަކީ ޢިލްމުވެރިއެކެވެ. އަދި މެކޭނިކެއް ވެސް މެ އެވެ. އިރު ހަނދާއި ތަރިތައް، ކުށެއްނުލައި މުޝާހަދާ (އޮބްޒާވުކުރުން) ކުރެއްވުމަށްޓަކައި އޭނާ އައު އީޖާދެއް ކުރެއްވި އެވެ. މި އާދަޔާ ޚިލާފު އިންސްޓުރޫމަންޓަކީ، ބާވަތެއްގެ ދުރުމީ އެކެވެ. މި ޒަމާނުގެ ސައެންސުގެ އިޞްތިޙާލުގައި ނަމަ އެއީ، ޓެލެސްކޯޕެއް ފަދަ އިންސްޓުރޫމަންޓެކެވެ. މީގެ ޒަރީޢާއިން ހަމަ އެކަނި އުޑުގައިވާ ތަރިތައް ދެނެގަނެވެނީ އަކީ ނޫނެވެ. އެ ތަރިތަކުގެ ދުރުމިނަށް ދާންދެން މިއިން ދެނެގަނެވެ އެވެ.
ތެދު ޙަޤީޤަތް ޤަބޫލުކުރާ ދުލަކުން ބަޔާންކުރާ ކަމުގައި ވާނަމަ، މި ޒަމާނުގެ ޓެލެސްކޯޕުގެ މޫޖިދަކީ، ގެލީލިއޯއެއް ނޫނެވެ. އެކަމަކު އޭގެ މޫޖިދަކަށް ވާންޖެހޭނީ، إِبْرَاهِيمُ بْن جُنْدُبُ އެވެ.
ޓެލެސްކޯޕުގެ މޫޖިދު ކަމުގައި ބުނާ އިޓަލީގެ ގެލީލިއޯ ދުނިޔޭގައި އުޅުއްވައިފައި ވަނީ، މީލާދީން 1564 ން 1542 އަށެވެ. إِبْرَاهِيمُ بْنِ جُنْدُبُ ގެ ދުވަސްވަރަކީ، މީލާދީން 700 ގެ އަހަރު ތަކެވެ.
نَوْبَخْتُ އާއި فَضْلُ بْنُ نَوْبَخْتُ
ތަޢާރުފު
ޢައްބާސީ ޚަލީފާ، އަބޫޖަޢުފަރުލް މަންޞޫރަކީ، ޢުމްރާނީ (ޢިމާރާތްކުރުމުގެ) ގޮތުން ވަރަށް ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ބަޣުދާދު މުޅިން އަލުން ބިނާކުރެވުނީ، އޭނާގެ ޒަމާނުގަ އެވެ. މި ކަމަށްޓަކައި އިންޖިނޭރުންގެ ޖަމާޢަތެއް އުފެއްދުނެވެ. މި ޖަމާޢަތުގެ އިސްވެރިންގެ ގޮތުގައި ޢައްޔަން ކުރެވުނީ نَوْبَخْتُ އާއި فَضْلُ بْنِ نَوْبَخْتُ އާ ދެބަފައިންނެވެ.
نَوْبَخْتُ
157ހ. 776މ.
ތަޢްލީމާއި ތަރުބިއްޔަތު
نَوْبَخْت އަކީ، އޭނާގެ ތަޢުލީމީ ދަވްރުގައި ވެސް ވަރަށް ޤާބިލު، ހިތް އަލި، ގަދައަޅައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފަށާ ތަޢުލީމު ޙާޞިލުކުރެއްވީ، އާދައިގެ މަދަރުސާތަކުގައި ކަމުގައި ވިޔަސް، އޭނާގެ މުޠާލަޢާގެ ދައުރު ވަރަށް ކާމިޔާބެވެ. ފަލަކީ ޢިލްމާއި އެ ޒަމާނުގެ އެހެނިހެން ޢިލްމުތަކުގެ ދާއިރާގައި، އޭނާ ވަރަށް އަވަހަށް ކުރިޔަށް ވަޑައިގެންފި އެވެ. އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތް ދާއިރާ އަކީ، އިންޖިނޭރިންގ އެވެ. އެހެންކަމުން ޢިމާރާތްކުރުމުގެ ފަންނުގައި ދެވަނައެއް ނުވާފަދަ ކުޅަދާނަ ސިވިލް އިންޖިނޭރަކަށް އޭނާ ވެ ވަޑައިގަތެވެ. އެހެންކަމުން ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރު އޭނާއަށް އެކަށީގެންވާ މަޤާމު ދެއްވި އެވެ.
نَوْبَخْتُ ގެ ޚިދުމަތްތައް
نَوْبَخْت އަކީ، ވަރަށް ކުޅަދާނަ އިންޖިނޭރެކެވެ. އަދި އެހައިމެ މޮޅު ސާވޭޔަރެއް ވެސް މެ އެވެ. ބަޣުދާދުގެ ޕުލޭން ވަށްކޮށް ތައްޔާރު ކުރައްވައި، ކުރެއްސެވީ އޭނާ އެވެ. މިއީ، ވަރަށް ފުރިހަމަ ކުރެހުމެކެވެ.
ބުނެވޭ ގޮތުގައި، ބަޣުދާދުގައި އެ ޒަމާނުގައި ބިނާކުރެވުނު ޝާހީ ގަނޑުވަރުކޮޅުގެ އުސްމިނުގައި 240 ފޫޓު ހުއްޓެވެ. ބޮޑު، ބިޔަ، މި ޢިމާރާތުގެ ގުއްބުގެ މަތީގައި އަސްވާރަކު އަހަށް ސަވާރުވެގެންވާ މުޖައްސަމާއެއް، (ބުދެއް) ހަރުކޮށްފައި ހުއްޓެވެ. މި މުޖައްސަމާ، ހަދައިފައިވަނީ ހުސް މަޢުދަނުންނެވެ. ޝާހީ ގަނޑުވަރުކޮޅުތަކާއި އެހެނިހެން ޢިމާރާތްތަކާ ގުޅުންހުރީ، އަމުނައިލެވިފައިވާ ގުލްދަސްތާއެއްގެ މިންވަރަށެވެ. نَوْبَخْتُ އާއި އޭނާގެ އެކުވެރި އިންޖިނޭރުން، ބަޣުދާދު ބިނާ ކުރެއްވުމުގައި، ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކުވައިފައި ވެ އެވެ. މަޝްހޫރު ވާހަކަ، އަލްފު ލައިލާ ވަ ލައިލާގެ މަންޒަރުތަކަކީ، ބަޣުދާދުގެ މަންޒަރު ތަކެވެ.
فَضْلُ بْنِ نَوْبَخْتُ
197ހ. 816މ.
ތަޢާރުފު
فَضْلُ بْنِ نَوْبَخْتُ އަކީ، ޤާބިލު ބައްޕައެއްގެ ޤާބިލު ދަރިކަލެކެވެ. އޭނާ، ފަށާ ތަޢުލީމާއި ތަރުބިއްޔަތު ޙާޞިލު ކުރެއްވީ، އޭނާގެ ބައްޕަގެ އަރިހުންނެވެ. އެއަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންފި އެވެ. އަދި ބަޣުދާދު ބިނާކުރުމުގެ މަސައްކަތުގައި، ބައްޕައާ އެކީގައި މަސައްކަތް ފަށްޓަވައިފި އެވެ.
ޢިލްމީ ޚިދުމަތް
فَضْلُ بْنِ نَوْبَخْت އަކީ، ފަލަކީ ޢިލްމުގެ މާހިރެއް ކަމުން ވަރަށް ގިނަ ޢިލްމީ ފޮތްތައް، އޭނާގެ ދާއިރާގައި ތަރުޖަމާ ކުރެއްވި އެވެ. އޭނާގެ ޛާތީ ލައިބްރަރީއެއް ވެސް ހުއްޓެވެ. އެހެންކަމުން ލައިބްރަރީ ސައެންސުގައި ވެސް فَضْلُ بْنِ نَوْبَخْت ކުރިއަށް ވަޑައިގަތެވެ. އެތަން މިތަނުން ތަފާތު މަވްޟޫއަށް ލިޔެފައިވާ ފޮތް ހޯއްދަވައި، އޭނާގެ ލައިބްރަރީ މުއްސަނދި ކުރެއްވި އެވެ. ޚަލިފާ ހާރޫނުއް ރަޝީދުގެ ޒަމާނުގައި ޝާހީ ކުތުބުޚާނާގެ އިސް އޮފިޝަލެއްގެ މަޤާމު، فَضْلُ بْنِ نَوْبَخْتُ އަށް ލިބި ވަޑައިގަތެވެ. އޭނާ އެ ކުތުބުޚާނާގެ ފޮތްތައް ފަންނާ ގުޅޭގޮތުން ތަރުތީބު ކުރައްވައި، ވަކިވަކީން ފިހުރިސްތުތަކާއި ކެޓަލޮގު ތައްޔާރުކުރެއްވި އެވެ. އެ ދުވަސްވަރު ހުރި އެންމެ ބޮޑު ކުތުބުޚާނާ އަކީ، އެއީކަމުގައި ބުނެވެ އެވެ.
مَاشَاء الله
197ހ. 806މ.
ތަޢާރުފު
مَاشَاء الله އަކީ ވެސް ވަރަށް މޮޅު ސިވިލް އިންޖިނޭރެކެވެ. ބަޣުދާދުގެ މޮޅު އިންޖިނޭރުންގެ ލިސްޓުގައި މީނާގެ ނަންވެސް އާދެ އެވެ.
ފަށާ ތަޢުލީމާއި ތަރުބިއްޔަތު
مَاشَاء الله އަކީ ވެސް، ފަޤީރު ޚާންދާނެއްގެ އިންޖިނޭރެކެވެ. މީނާ ޢިލްމު ޙާޞިލު ކުރެއްވުމަށް ވަރަށް ބޮޑަށް ޝައުޤު ވެރިވެ ވަޑައިގަތެވެ. ފަށާ ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، ދެން ފެށްޓެވީ، ޢިލްމީ ފޮތްތައް މުޠާލަޢާ ކުރެއްވުމުގެ މަސައްކަތެވެ. އޭނާ މުޠާލަޢާ ކުރެއްވި ފޮތްތަކުގެ ތެރޭގައި، ފަލަކީ ޢިލްމާއި ޕްލޭނިން އާ ބެހޭ ފޮތްތައް ހިމެނެ އެވެ.
އޭނާ އަކީ ޤާބިލް މީހެއް ކަމުގައި ފާހަގަ ކުރެވުމުން، ޝާހީ ދަރުބާރަށް އޭނާ ގެންދެވުނެވެ. އަދި ބަޣުދާދު ޢިމާރާތް ކުރެއްވި އިންޖިނިޔަރުންގެ ތެރޭގައި مَاشَاء الله ވެސް ހިމެނުނެވެ. فَضْلُ بْنِ نَوْبَخْت އެކޭ އެއްފަދައިން مَاشَاء الله ވެސް ހާރޫނުއްރަޝީދުގެ ދައުރު ދެކެ ވަޑައިގަތެވެ.
ޢިލްމީ ޚިދުމަތްތައް
مَاشَاء الله އަކީ، އިންޖިނިއަރިންގެ ފަންނުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ބަޣުދާދު ޢިމާރާތް ކުރެއްވި އިންޖިނިއަރުންގެ ތެރޭގައި ވެސް މީނާ ހިމެނި ވަޑައިގަނެ އެވެ. ބަޣުދާދު ބިނާ ކުރެއްވުމުގެ މަސައްކަތް ފެށުނީއްސުރެ ނިޔަލަށް އޭނާ އެކަމުގައި ހިމެނި ވަޑައިގެންނެވި ކަމުގައި ވެ އެވެ.
އޭނާގެ ޒަމާނުގައި، އަސްތުރަލާބު ބޭނުން ކުރެވެން ފަށައިފި އެވެ. އޭގެ ޒަރީޢާއިން އޭނާ ޖައްވާބެހޭ އެތައް މަޢުލޫމާތުތަކެއް އެއްކުރެއްވި އެވެ. އަދި މި ދެންނެވި މަޢުލޫމާތުގެ އަލީގައި އޭނާ ވަރަށް އިތުބާރުހުރި ބޮޑު ފޮތެއް ލިޔުއްވި އެވެ. މިފޮތް ވެގެން ދިޔައީ، ޢައްބާސީ ދައުރުގައި އެ ދާއިރާގައި ލިޔެވުނު ފުރަތަމަ ފޮތް ކަމުގަ އެވެ. އެ ފޮތުގައި 27 ބާބު އޮވެ އެވެ. އެ ފޮތަކީ، ވަރަށް ނާދިރު މަޢުލޫމާތުން މުއްސަނދިކުރެވިފައިވާ އަގުހުރި ފޮތެކެވެ.
مَاشَاء الله އެކުލަވައި ލެއްވި ފޮތް އެންމެ ފުރަތަމަ ތަރުޖަމާ ކުރެވުނު ކަމުގައިވަނީ، 15 ވަނަ ސައްތައިގައި ލެޓިން ބަހަށެވެ. ހުޅަނގުގެ ޢިލްމުވެރިން މި ފޮތުން ވަރަށް ބޮޑަށް ފައިދާ ހޯދި އެވެ.