އަދުގެ ޚާއްސަ

Print

ނަހަލާލު ބަސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑު

މަޢުލޫމާތެއް ތިމާއާ ހަމަޔަށް ފޯރީމާ، އެކަމެއްގެ ދޮގުތެދު ބަލައިލެވެނީ މަދުމީހަކަށެވެ. ކޮންމެ މަޢުލޫމާތަކީ، ކޮންމެ ޚަބަރަކީ، ތެދު އެއްޗަކަށް ނުވާތީ، ބައެއް ފަހަރަށް ވަރަށް ބޮޑެތި އޮޅުންތައް ބައެއް މީހުންނަށް އަރައެވެ. ނަތީޖާއެއްގެ ގޮތުން ޙަޤީޤަތެއް ނެތް ކަމެއްގައި އެހެންމީހުންގެ ބޮލުގައި ނޭދެވޭ އިލްޒާމުތައް އެޅުވޭތަން އާދެ އެވެ. ނުބައި މަޢުލޫމާތުގެ ބޭނުން ނުބައިގޮތުގައި ހިފޭތަން ވެސް އާދެ އެވެ.

އަޅުގަނޑުމެންގެ މާދަރީބަހާ ބެހޭގޮތުން ވެސް މި ފަދަ ދޮގު މަޢުލޫމާތު ބައެއް މީހުން ފަތުރަ އެވެ. ބައެއް ފަހަރަށް އެފަދަ މީހުން ހިތްހަމަ ނުޖެހޭކަމެއް ދިމާވެފައި އޮތީތީ އެވެ. ބައެއް ފަހަރަށް އެފަދަ މީހުންގެ ޢިލްމީ އަދަބީ ކަންވާރުގައި ފޮދުވަރެއް ނެތީތީ އެވެ. އަދި ބައެއް ފަހަރަށް  މި ކުރެވެނީ ޤައުމީ ނިސްބަތުގައި ކިހާވަރެއްގެ އިހާނެތި ޢަމަލެއްކަން އިޙްސާސް ނުކުރެވޭތީ ކަމަށް ވެސް ވެދާނެ އެވެ.

މި އަދު ދިވެހިބަހުގެ ޑިޕްލޯމާ ކޯސްތައް އެބަ ހިންގެ އެވެ.  ޑިގްރީ ކޯސްތައް ފުލުފުލުން ނިންމެމުން އެބަ ދެ އެވެ. އެކަމަކު މި އަދު މި ކަންކަން މި ގޮތަށް މި ކުރެވެނީ ކޮންމެ ވެސް ޒަމާނެއްގައި ''ދިވެހި ބަހުގެ މަސްއޫލުވެރިން'' އެ ބަހުގެ ފުށްކިބައިގައި އަޅައި އޭގެ ވަޒަނުން ބޭރުކޮށްލީމާ ހައިބަނޑާ ކަށްބިމުގައި ކަށްވަޅުގެ ތުންފަތްމަތީ ވަނިކޮށް، ފަހުން އައި ބަޔަކު ކުރި ހޭހަމުގެ ސަބަބުން އަލުން ދިރުން ލިބުނީތީ އެވެ. މި ދިރުން ގެނައުމުގައި އެތައް ބުރަ މަސައްކަތެއް ކުރެވިފައިވެ އެވެ. އެ ކަންފުރިހަމަ ވުމުގައި އެތައް ރުކުންތަކެއް ހިމެނިފައިވި އެވެ. އެއް ރުކުނަކީ،  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެވެ. އެ މަޒުކަޒާއި މާނަވީގޮތުން ގުޅިފައިވި ޤައުމިއްޔަތަށް ލޯބިހުރި، ޤައުމީ ހައިސިއްޔަތުން މަސްއޫލުވެރި ސިކުނޑިތަކެވެ. އެ މަރުކަޒުގެ މަސައްކަތްތަކެވެ.  އެ މަރުކަޒުގައި އޮންނަ ދިވެހި ބަހުގެ ކަންކަން ބަލަހައްޓާ ކޮމިޓީ، ނުވަތަ ''ބަސްކޮމިޓީ'' އެވެ.

ބަސްކޮމިޓީ އަކީ، ރާއްޖޭގައި ތިއްބެވި ޢިލްމީ ޤާބިލް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީ އެކެވެ. އެކޮމިޓީއަކީ ހަމަ އެކަނި ޤައުމީ މަރުކަޒުގެ ތެރޭން އެކުލަވައިލެވިފައި އޮތް ކޮމިޓީއެއް ނޫނެވެ.

ބަސްކޮމިޓީގެ މަސައްކަތްތައް ގިނަގުނަ އެވެ. އޭގެތެރޭން  އެއް މަސައްކަތަކީ، ބަސްހެދުމެވެ. އާ  ބަސް ހެދުމެވެ.  އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވަނީ، ވަރަށް ޢިލްމީ ގޮތެއްގަ އެވެ. ހަމަ ބޭފުޅަކު އެއްޗެއް ވިދާޅުވާއިރަށް އެ ބަހެއް ބަސްފޮތުގައި ހިމެނުއްވީއެއް ނޫނެވެ. ހަދަން ގަސްތުކުރެވޭ  ކޮންމެ ބަހަކާމެދު އެތައް ބަހުސެއް ކުރެވެ އެވެ. އެތައް ބެލުންތަކެއް ބެލެ އެވެ. މި ގޮތުން އެ ބޭފުޅުން މަސައްކަތް ކުރެއްވުމުގައި ހަރުދަނާ މިންގަނޑުތަކެއް  ގެންގުޅުއްވި އެވެ. އުސޫލުތަކެއް ހިފެހެއްޓެވި އެވެ. ދެ މިސާލެއް ދަންނަވާލާނަމެވެ.

1-    ބޭރުބަހަކަށް ބޭނުން ކުރާނެ ދިވެހި ބަހެއް ހައްދަވަން ވެއްޖެ ނަމަ، އެ ބޭރު ބަހެއްގެ މާނައާ އެންމެ ގާތްކުރާ ދިވެހި ބަހެއް، ނުވަތަ ދިވެހި ބޯދާ ބަހެއް ހޯއްދަވައެވެ. ދެން މި ހޯދުނު ދިވެހި ބަހުން  އެ ބޭރުބަހުގެ  އަސްލުމާނަ ނުލިބިއްޖެ ނަމަ، ދިވެހި ބަހުގެ މާނަ ތަނަވަސް ކުރެވެ އެވެ. މި ސާލަކަށް، ''ލީކު'' މި ބަހަކީ އިނގިރޭސި ބަހުގައި އޭގެ މާނަ ވަރަށް ތަނަވަސް ބަހެކެވެ. ދިޔާ އެއްޗެއް ވެސް ލީކު ވެދާނެ އެވެ. ހިކި އެއްޗެއް، ނުވަތަ  މަޢުލޫމާތެއް ނުވަތަ ވައި ވެސް ލީކު ވެދާނެ އެވެ. ދިވެހި ބަހުގައި ލީކުގެ މާނަ ހިމެނޭ ބަހެއް އޮވެ އެވެ. އެއީ ''ނީރުން'' މި ބަހެވެ. އެކަމަކު ދިވެހިން މި ބަސް ބޭނުން ކުރަމުން އައިގޮތަށް ބަލާއިރު، ނީރާނީ ހަމަ އެކަނި ދިޔާ އެއްޗިއްސެވެ. ހިކި އެއްޗިހި، ޚަބަރު، ވައި، މި ތަކެތި ނީރާ ކަމަށް ކިޔައެއް ނޫޅެއެވެ. ނަމަވެސް ބަސް ކޮމިޓީން ފަހުން ވަނީ މި މާނަތައް ނީރުމުގެ މާނައިގެ ތެރެއަށް ލައްވައި، ލީކުވުން ބޭނުން ކުރެވޭ ހުރިހާތަނެއްގައި ނީރުން ބޭނުން ކުރެވޭގޮތް ހައްދަވައިފަ އެވެ. މާނަ ތަނަވަސް ކުރައްވާފަ އެވެ. މިއީ ވެސް އެބޭފުޅުން ގެންގުޅުއްވި އެއް އުސޫލެވެ.

2-     ބަސް  ހެދޭ ކަމަކާމެދު ފިކުރު ހިންގެވުމަށްފަހު، އޭގެ މަސައްކަތާއި ގުޅޭގޮތުން ދިވެހި ބަހުގެ ވެށިން ލިބޭ ނިޝާންތަކަށް ބަލައި ރަމްޒީ އަކުރުތަކެއް ނެރެ އެކުލަވައިލުމަކީ ވެސް ބެއްލެވި ގޮތެކެވެ.  މި ސާލަކަށް ''ނެޓްވޯކް'' މި ބަހަށް ދިވެހި ބަހުން ކިޔުމަށް އުފެއްދެވި ނަމަކީ، ''ވިޔުގަ'' އެވެ. މި އަކުރުތައް ނަންގަވާފައި މިވަނީ ''ވިޔުންގަނޑު'' މި ބަހުން ކަމަށްވެ އެވެ.

އަޅުގަނޑުގެ މައުޟޫޢަށް ދޮރުހުޅުވާލުމަށްޓަކައި، މިވާހަކަތައް ދަންނަވާލީމެވެ. މަޤުޞަދަކީ، ބަސްކޮމިޓީން އުފެއްދެވި ބަސްތައް އުފައްދަވާފައިވަނީ، އުސޫލެއްގެ މަތިންކަމުގައި ދަންނަވާލުމެވެ. ޢިލްމީ  ހަމަތަކެއްގެ މަތިންކަމުގައި ދަންނަވައިލުމެވެ. ބަސްކޮމިޓީގެ މޭޒުމަތިން އުފަންވާ ބަސްތަކުގެ ވުޖޫދު އެނގެން އޮންނާނެ އެވެ. ތަފުސީލުތައް ފެންނަން ހުންނާނެ އެވެ. ފަހަރެއްގައި ވެސް މީގެ މާނައަކީ، ކޮންމެ ބަހެއް އުފަންވާންޖެހޭނީ އެކަމަށް އައްޔަނު ކުރެވިފައިވާ ރަސްމީ ކޮމިޓީއަކުންނޭ ދަންނަވާލުމެއް ނޫނެވެ. އެކަމަކު ބަހަކީ، އޭގައި ހަމަޔަކާއި، އުސޫލެއް ހިމެނޭ އެއްޗެކޭ ދަންނަވާލުމެވެ. ހަމަ އެކަނި ފަންނަކަށްވުމުގެ ބަދަލުގައި ފަންނަކާއި، ޢިލްމެއްކަން ހިތަށް ގެނައުމެވެ.

ޙަޤީޤަތް މި ހެން އޮތް އިރު، ޢިލްމީ އެއްވެސް އަސަރެއްނެތި ބަޔަކު ''ނުބައި ބަސްތަކެއް'' ވައިގައި ހިއްޕި އެވެ. މި ބަސްތަކާ މެދު ބައެއް މީހުން ހީކުރަނީ އެއީ ވަކި މީހަކު އުފައްދާފައިވާ ރަސްމީ ބަސްތަކެއް ކަމަށެވެ. ދެން މި ލިޔެލަނީ މި ދެންނެވި ނުބައި ބަސްބަހުގެ ބައެއް މިސާލެވެ. ކުށްބަސްތަކުގެ ބައެއް މިސާލެވެ.  އާދެ!  ގައުމިއްޔަތަށް ފުރައްސާރަ ކުރުމުގެ ބައެއް މިސާލެވެ.

1-    އެނދުމަތިކުރުން

(މި އުޅެނީ މަންމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވައިގެންނޭ ބުނުމުގެ ބަދަލުގައި މަންމަ އެނދުމަތި ކޮށްގެންނޭ ބުނާތީ އިވެ އެވެ. މީޑިޔާ އިންވެސް މިބަސް މި ގޮތަށްއިވެ އެވެ. ފެނެ އެވެ. އެކަމަކު މި ގޮތް ރަނގަޅެއް ނޫނެވެ. ކީއްވެތޯ އެވެ؟ ބިންމަތި ކުރުމޭ ދިވެހިން ކިޔައި  އުޅެއެވެ. އެކަމަކު މީހަކު ބިންމަތި ކޮށްލައިފި ނަމަ ގިނަފަހަރަށް އެ ފަކީރުގެ ހޭވެރިކަންވެސް ނުހުންނާނެ އެވެ. މީހަކު ބިންމަތި ކޮށްލެވޭނީ އެވަރު ކޮށްލައިގެންނެވެ. ތިމާގެ ގަދަބަދަވިކަން ފިސާރި ދައްކައިލައިގެންނެވެ. ވީމާ އެނދުމަތި ކޮށްލުމަކީ ކޮބައިކޮބައިތޯ އެވެ؟

2-    އަތުފޯލި

ބައެއް މީހުންނަށް ހީވަނީ ރިމޯޓު ކޮންޓްރޯލުގެ ދިވެހި ނަމަކީ މިއީ ކަމަށެވެ. އެކަމަކު މިއީ ވެސް ފުރައްސާރަ ނަމެކެވެ. ދިވެހިން ވެސް ކިޔަނީ ''ރިމޯޓު'' މި ގޮތަށެވެ. އަތޮޅަށް އިނގިރޭސިން ''އެޓޯލް'' ކިޔަނީ އެ ބަސް ފަގީރު ކަމަކުން ނޫނެވެ.

          
3-    ބަރަހަނާ މާލަން

މި ނަމަކީ ''ފާޚާނާ'' މި ނަމުގެ ބަދަލުގައި  ބޭނުން ކުރުމަށް ވައިގައި ހިއްޕާފައިވާ ފުރައްސާރަ ނަމެކެވެ. މިއީ ވެސް ބަސްކޮމިޓީން ހެއްދެވި ނަމެއް ނޫނެވެ.

މީގެ އިތުރަށް ކުޑަކުދިންގައި ޖަހާ ނެޕީއަށާއި، އަންހެނުންނާއި ފިރިހެނުންގެ ''ނިވައިމަގުގެ ފޭރާމަށް'' ވެސް ވަރަށް ހުތުރު ނަންތައް ހަދައި މީހުންނަށް އެއީ ހަގީގީ ނަންނަންކަމުގައި ހީކުރުވާފައި ވެ އެވެ. މި ދެ އެއްޗަކީ ވެސް ކޮންމެ ވެސް ... މަތަ އެކޯލަ އެވެ.

ލިޔުން ނިންމާލުމުގެ ކުރީގައި އަދި އެއްބަހަކާ  ބެހޭގޮތުން އެއްޗެއް ދަންނަވައިލާނަމެވެ. އެ ބަހަކީ މި ދެންނެވި ފުރައްސާރަ ގިންތީގެ ބަހެއް ނޫނެވެ. އެކަމަކު ވެސް ވަރަށް ގިނަ ބަޔަކަށް އޮޅުން އަރާފައި އޮންނަ މައްސަލައެއްކަމަށް ފެންނާތީ ދަންނަވާލާ ހިތްވަނީ އެވެ.

ބައެއް މީހުން ހީކުރަނީ ކޮންޕިޔުޓަރަށް ކިޔާ ދިވެހި ނަމަކީ، ''މަސްނޫވީ ސިކުނޑި'' ކަމަށެވެ. މިއީ ވެސް ގޯހެކެވެ. ކޮންޕިޔުޓަރަށް ދިވެހިން ވެސް ކިޔަނީ ކޮންޕިޔުޓަރެވެ. އެއަށް ކިޔާ އެހެން ނަމެއް ބަސްކޮމިޓީންވެސް އުފައްދަވާފައެއް ނުވެ އެވެ. ''މަސްނޫވީ ސިކުނޑި'' އަޅުގަނޑުމެންގެ ބައެއް މީހުންގެ ސިކުނޑީގެ ތެރެއަށް ވަނީ މީޑިޔާގެ ތެރޭން ލައިފައެވެ. ނޭނގުމެއްގެ ތެރޭގައިކަމަށް ފެނެ އެވެ.

ހދ. ކުޅުދުއްފުށީ ޖަލާލުއްދީނު ސްކޫލު ހުޅުއްވައި ދެއްވި ދުވަހު އެތަނުގެ ކޮންޕިޔުޓަރު ލެބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވި އެވެ. މި އަދު އަޅުގަނޑު މެންނަށް މިވަނީ ''މަޞްނޫޢީ ސިކުނޑިއެއް'' ލިބިފަ އެވެ. ބައެއް މީހުން ހީކުރީ އެއީ ކޮންޕިޔުޓަރަށް ކިޔާ ދިވެހި ނަންކަމަށެވެ. އޭގެ ފަހުން މީޑިޔާއިން އެ މާނައިގައި އެ ބަސް ބޭނުން ކުރާތީ އިވުނެވެ. އެކަމަކު އެއީ އެހެން އޮތްކަމެއް ނޫނެވެ. އެއީ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރެވެ. ތާނަ ޓައިޕިން ކޯސް ހުޅުއްވައި ދެއްވި ދުވަހު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. '' މި އަދު އަޅުގަނޑު މެންނަށް މިވަނީ އަތް ވާޅުނުވާ ކާތިބަކު ލިބިފަ އެވެ'' އޭގެ މާނައަކީ ޓައިޕްރައިޓަރަށް ކިޔާ ދިވެހި ނަމަކީ ''އަތްވާޅު ނުވާ ކާތިބު'' ކަމުގައި ވުމެއް ނޫން ދޮގެއްތޯ އެވެ؟

އާދެ! ކޮންމެޔަކަސް މި ފަދަ މަޖާޒީ ބަސްތަކާއި، އަޅުގަނޑު އިސްވެ ދަންނަވާލި ފުރައްސާރަ ބަސްތަކާ ތަފާތެވެ. މަޖާޒަކީ އަދަބިއްޔާތުގެ ބަޔެކެވެ. އެހެންކަމުން މަޖާޒުން ބަސް މުއްސަނދި ކުރަންޖެހޭނެ އެވެ. މުއްސަނދިވާނެ އެވެ. ބަސް ޒީނަތްތެރިވެސް ވާނެ އެވެ. އެކަމަކު ފުރައްސާރަ ބަސްތަކުން ބަހުގެ މޫރިތިކަމަށް ލޮޅުން އަރަ އެވެ. އެހެންކަމުން އެފަދަ ނޭދެވޭ ކަންކަމުން  އަޅުގަނޑުމެންގެ ލިޔެކިޔުން ސަލާމަތްތެރި ކުރަންޖެހޭނެ އެވެ. އޭގެ ހުތުރުކަމާއި އައިބުކަން އެނގެން ޖެހޭނެ އެވެ. އެ ބަސްތައް ބޭނުން ކުރުމާ އަޅުގަނޑުމެން ދުރުހެލިވާންވެސް ޖެހޭނެ އެވެ.

ޙަޤީޤަތް ނޭނގޭ ވަރަށް ގިނަ ބަޔަކު، އިސްވެ ދަންނަވާލެވުނު ފަދަ ހުތުރު  ކޮންމެ ބަހެއްގެ ފޫޅުކަނޑާތީ އިވެނީ އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޛު ޢަބްދުﷲ ޞާދިޤަށެވެ. އެކަމަކު ޙަޤީޤަތް ކުރީން މި ބަޔާންކޮށްލެވުނީ އެވެ.  އޭން ބަހެއް ޢިލްމީ އަދަބީ އެއްވެސް ހަމަޔަކަށް ނުފެތެ އެވެ. އިޖުތިމާޢީ އަޚުލާޤީ އެއްވެސް ގިއުގަނޑެއްގެ ތެރެއަކަށް ނުވަދެ އެވެ.  ބަސް ހެދި މީހަކު ވެސް  ނޭނގެ އެވެ. 


(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ