އަދުގެ ޚާއްސަ

Print

ކަނީރު – ރީތި ވިހަގަހެއް

ޝާޢިއުކުރީ މުޙައްމަދު ވިދާން ޝާކިރު . ހިމެނޭބަޔަކީ ތިމާވެށި


=މުޙައްމަދު ވިދާން ޝާކިރު=

ކަނީރު ގަހަކީ، ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައިވެސް ބޮޑު ކަނީރުގަހެއް ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާހޯދުމަށްޓަކައި ދޭތެރެދޭތެރެއިން މީހުން އާދެއެވެ. އެގަހުން މާބޮޑިތައް ބިނދެގެން ގޭތެރޭގައިވެސް ބަހައްޓާ އުޅެމެވެ.
 
ނަމަވެސް އޭރު ކަނީރުގަހާބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެއްރެއަކު އަޅުގަނޑުގެ ބައްޕަ ދުރުވެ ކަނީރުގަހަކީ ވިހަގަހެއް ކަމުގެ މަޢުލޫމާތު ލިބިލައްވައިފިކަމަށް ބުނުއްވިއެވެ. ބައްޕައަށް މިމަޢުލޫމާތު ދެއްވީ އަޅުގަނޑުމެންގޭ ދޮރުމަތީން ދިމާވެގެން އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދުކަމަށާއި އަދި އެގަހުގެ ސައިންޓިފިކް ނަމާއި އެނޫންވެސް ބައެއް މަޢުލޫމާތު ވަޙީދު ވިދާޅުވެދެއްވިކަމަށް ބައްޕަ ބުނުއްވިއެވެ.

މިކަން އެނގުމާއެކު ކަނީރު ގަހާބެހޭ މަޢުލޫމާހޯދުމަށްޓަކައި އަޅުގަނޑު މަސައްކަތްކުރީމެވެ. ތިރީގައި މިހިއްސާކޮށްލަނީ އެމަޢުލޫމާތުގެ އަލީގައި އެކުލަވައިލާފައިވާ ލިޔުމެކެވެ.
ކަނީރު، އިނގިރޭސިން ކިޔާގޮތުންނަމަ 'އޮލިއެންޑަރ' (Oleander) ނުވަތަ ސައިންޓިފިކް ނަމުންނަމަ 'ނީރިއަމް އޮލިއެންޑަރ' (Nerium oleander) ގަހަކީ، އޮމާން ފިޔަ ތަކެއް ލާފައި ހުންނަ ރީތިމަލެއް އަޅާ ގަހެކެވެ. ފިޔާތޮށި، ރީނދޫ، ހުދު އަދި މިނޫންވެސް އެކި ކުލައިގެ މައު އަޅާ މިގަހަކީ 4 އިންޗިއާއި 10 އިންޗިއާއި ދެމެދުގެ ހިމަ ފަތްތަކެއްލާފައި ހުންނަ ގަހެކެވެ. ބަލާލަން ކިތަންމެ ރީތި ކަމުގައި ވިޔަސް މިއީ އެންމެ ވިހަގަދަ ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ. މިގަހުގެ މަލާއި، ފަތާއި ލަކުނޑީގައި ވިހަ މާއްދާ ތަކެއް ކަމުގައިވާ ޑިޖިޓޮކްސިޖެނިން، ނެރީން، އޮލިއޮންޑްރޮސައިޑް އަދި އޮލިއެންޑްރިން ހިމެނެއެވެ.

މިގަހުގައި އެކުލެވޭ ވިހަ މާއްދާތަކަކީ ފުރާނައަށް ނުރައްކާވާފަދަ ވިހަތަކެކެވެ. މިވިހައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނަށެވެ. މިގަސް ނުވަތަ މިގަހުގެ ބައެއް އެންދުމުން ބޭރުވާ ދުން ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް އެތެރެވުމުންވެސް ހަށިގަނޑަށް ގެއްލުންވެއެވެ. އަދި މިގަހުގެ މައު ބަހައްޓާފައިވާ ތައްޓެއް ރަނގަޅަށް ނުދޮވެ ހުއްޓާ ފެންއަޅައިގެން ބުއިމުގެ ސަބަބުންވެސް ވިހަވެދާނެއެވެ. ހަމައެހެންމެ މިގަހުގެ މަލުން ފޮނި ބޮއިފައިވާ މާމުއި ކުޅަނދުރު އުފައްދާފައިވާ މާމުއި ބުއިމުންވެސް ވިހަވެދާނެއެވެ.
 ވިހަވުމުގެ ސަބަބުން ހިތުގެ ވިންދު ލަސްވުން ނުވަތަ އަވަސްވުން އަދި ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ މިންވަރު އިތުރުވުން ހިމެނެއެވެ. މިކަންކަމުގެ އިތުރުންވެސް ދިމާވެދާނެ ވަރަށްގިނަ ކަންތަކެއް ވެއެވެ.

އޭގެތެރޭގައި:-

-    ބޯއެނބުރުން
-    ބޮލުގައި ރިއްސުން
-    ބަނޑުގައި ރިއްސުން
-    ނޭވާ ހިއްލުން
-    ހޮޑުލުން
-    ލޯ ފުސްވުން
-    ބޮޑުކަމުދާއިރު ލޭފޭބުން ހިމެނެއެވެ.

މިކަމަކީ ދިމާނުވާނެކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. ނަމަވެސް މިގަހުގެ ފަތްކެއުމުގެ ސަބަބުން 2000ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. މިކުދިން މަރުވުމުގެ ދުވަސްކޮޅެއްކުރިން އެކުދިން ކަނީރު ގަހުގެ ފަތް ކަނިކޮށް އެކުދިންގެ މަންމައަށް ފެނިފައިވެއެވެ. އަދި ފަހުން އެނގިފައިވާ ގޮތުގައި އެކުދިން މަރުވި ދުވަހުގެ ރޭވެސް އެކުދިންވަނީ މިގަހުގެ ފަތްކައިފައެވެ. އެކުދިން މަރުވީ ނިދާފައި ތިއްބައެވެ.

އެހެންކަމުން މިކަމަކީ ދިމާނުވެދާނެ ކަމަކަށް ބަލައިގެން ނުވާނެއެވެ.

މާލޭގައި ކުޑަކުދިން ގޮސްއުޅޭ ބައެއް ޕާކުތަކުގައި ކަނީރުގަސް ހައްދާފައި ހުއްޓާ ފެނެއެވެ. އެހެންކަމުން ފަހަރެއްގައި ކުޑަކުއްޖަކު އެއިން ގަހަކުން ފަތެއް ކައިގެން ވިހަވުމަކީ، އެކަށީގެންވާ ކަމެކެވެ. ވީމާ، މިކަމަށް ސަމާލުކަންދިނުން މުހިންމެވެ.

(ނިމުނީ)

އިދާރާ

ވާހަކަ